Wednesday, November 18, 2015

މާބަނޑުދުވަސްވަރު އުރަމައްޗަށް އަންނަ ބަދަލުތައް


މާބަނޑު ދުވަސްވަރު - އުރަމައްޗަށް އަންނަ ބަދަލުތައް

މާބަނޑުވުމުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ލޭދައުރުވުން އިތުރުވެ، އުރަމަތި ބޮޑުވެ، އުރަމަތީގައި ބީހިލުމުން ރިއްސައި، ބައެއް ފަހަރު އުރަމަތި ފާރުވާގޮތް ވެސް ވެއެވެ. އަދި އުރަމަތިން ރީނދޫކުލައިގެ ކިރު އަންނަށް ފަށައެވެ.

އާންމުކޮށް މާބަނޑު ދުވަސްވަރު އުރަމައްޗަށް އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި:-

  • އުރަމަތީގައި ބީހިލުމުން ތަދުވެ، ރިއްސުން
  • އުރަމަތި ބޮޑުވުން
  • ވައްގަނޑު ބޮޑުވުން އަދި ވަށައިގެންވާ ހަމުކުލަ އަނދިރިވުން
  • އުރަމަތިން ރީނދޫ ކުލައިގެ ކިރު ބޭރުވުން
  • އުރަމަތީގެ ލޭނާރުތައް ފާޅުވެ ފެންނަށް ހުރުން
  • ވައްގަނޑު ބޮޑުވުން
  • ވައްގަނޑު ވަށައިގެންވާ އަނދިރި ހަމުގައި ތެޔޮ ބޭރުކުރާ ގޮށްތައް އުފެދުން

އުރަމަތީގައި ބީހިލުމުން ތަދުވެ، ރިއްސުން : ބަލިވެއިނުމާއި ގުޅިގެން އުރަމަތި ބޮޑުވެ،ފުރިފައި ހުންނަހެން ހީވާނެއެވެ. އަދި އުރަމަތީގައި ބީހުމުން ރިއްސާގޮތް މެދުވެރިވެއެވެ. އާންމުގޮތެއްގައި މިގޮތަށް ރިއްސަން ފަށަނީ 6-4ހަފްތާއާއި ދޭތެރޭގައެވެ. މިރިއްސުން ފުރަތަމަ 3 މަސް ނިމެންދެން ދެމިހުރެއެވެ. އުރަމަތީގައި ބީހިލުމުން ރިއްސާގޮތް ވުމާއި، އުރަމައްޗަށް ވާންވެ ފުރިފައި ހުންނަހެން ހީވުމަކީ ބަލިވެ އިންނަތާ ކުރީކޮޅު ފެންނަ ބަލިވެއިނުމުގެ ފުރަތަމަ ނިޝާންތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. އުރަމަތީގެ ލޭދައުރުވުން އިތުރުވެ، ހަންގަނޑުގެ ދަށުގައިވާ ލޭނާރުތައް ފާހަގަވާން ހުރެއެވެ.

އުރަމަތި ބޮޑުވުން : ބަލިވެ އިންނަތާ 8-6ވަނަ ހަފްތާއާއި، ދެމެދުގެ ހިސާބެއްގައި އުރަމަތި ބޮޑުވާން ފަށައެވެ. އުރަމަތީގައި އެކުލެވޭ ފެޓް އިތުރުވެ، ކިރުބޭރުކުރާ ގޮށްތައް ގިނަވެއެވެ. ބަލިވެއިނުމަށްފަހު އުރަމަތީގެ ސައިޒާއި، ބަރުދަން މަޑުމަޑުން އިތުރުވަމުން އާދެއެވެ. އުރަމަތި ހިރުވައި ކަހާގޮތް ވެއެވެ. ބައެއް ފަހަރު އުރަމަތީގައި ސްޓްރެޗް މާކު އުފެދޭގޮތް ވެއެވެ.

ވައްގަނޑު ބޮޑުވުން އަދި ވަށައިގެންވާ ހަމުކުލަ އަނދިރިވުން : ވައްގަނޑާއި، އޭގެ ވަށައިގެންވާ އަދިރިހަމު(Areola)ގެ ކުލަ އިތުރަށް ގަދަވެއެވެ. ވައްގަނޑު އާންމުކޮށް ހުންނަވަރަށްވުރެ ބޮޑަށް ބޭރަށް ނިކުމެއެވެ. ކުރިން ބުނެވުނު އަދިރިހަންގަނޑުގައި ''މޮންޓްގޯމެރީ ޓިއުބާކްލްސް'' (Montgomery tubercles)އޭ ކިޔޭ ކުދިކުދި ތެޔޮމާއްދާއެއް ބޭރުކުރާ ގޮށްތަކެއް އުފެދެއެވެ. ގާތްގަނޑަކަށް 20-12އާއި ދެމެދުގެ އަދަދަކަށް މިކަހަލަ ގޮށްތައް އުފެދެއެވެ. މިގޮށްތަކުން ބޭރުކުރާ މާއްދާގެ ސަބަބުން ގާތުންކިރުދޭ ދުވަސްވަރު ''ވައްގަނޑުގެ ވަށައިގެންވާ އަނދިރި ހަމު''ގައި އިންފެކްޝަން އުފެދުމުން ހިމާޔަތްކޮށްދެއެވެ. 

އުރަމަތިން ރީނދޫ ކުލައިގެ ކިރު ބޭރުވުން : ބަލިވެއިންނަތާ 12 ވަނަ ހަފްތާއާއި، 14ވަނަ ހަފްތާއާއި ދެމެދު (3 މަސް ފުރުމަށްފަހު) އުރަމަތިން ރީނދޫ ކުލައިގައި ހުންނަ  ''ކޮލަސްޓްރަމް''(Colustrum)ބޭރުކުރަން ފަށައެވެ. ނަމަވެސް ބައެއް އަންހެނުންނަށް މިމުއްދަތު ތަންކޮޅެއް ލަސްވެއެވެ. ފުރަތަމަކޮޅު ބޭރުވާ ''ކޮލަސްޓްރަމް'' ހުންނަނީ ބޯކޮށް ރީދޫކުލައަށެވެ. ވިހަންގާތްވުމުން ނިކުންނަ ''ކޮލަސްޓްރަމް'' ހުންނަނީ ސާފުކޮށް މަޑުހުދުކުލަ އަށެވެ. އުރަމައްޗަށް ފިތާލުމުންވެސް މިދުވަސްވަރު ''ކޮލަސްޓްރަމް'' ބޭރުވެއެވެ. ބައެއް އަންހެނުންގެ ވިހެއުމުގެ ކުރިން އެއްވެސް ވަރަކަށް އުރަމަތިން މިފަދަ ރީނދޫ ކުލައިގެ ކިރު ނުނިކުތުމަކީ ވެސް ވެދާނެ ގޮތެކެވެ.

ސަބަބު

މާބަނޑުވުމުން ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ލޭދައުރުވުން އިތުރުވެ، އުރަމަތި ބޮޑުވެ، އުރަމަތީގައި ބީހިލުމުން ރިއްސައި، ބައެއް ފަހަރު އުރަމަތި ފާރުވާގޮތް ވެސް ވެއެވެ. އަދި އުރަމަތިން ރީނދޫކުލައިގެ ކިރު އަންނަށް ފަށައެވެ. ބަލިވެއިނުމާއި ގުޅިގެން އުރަމައްޗަށް އަންނަ ބަދަލުތަކުގެ މައިގަނޑު ސަބަބަކީ އެސްޓްރަޖަން އާއި، ޕްރޯޖެސްޓަރޯން ހޯރމޯން ހަށިގަނޑުގައި އިތުރުވުމެވެ.

މާބަނޑު ދުވަސްވަރު އުރަމައްޗަށް ދިމާވާ އުނދަގޫތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • އުރަމަތީގައި ރިހުން : މިގޮތަށް ރިހުން ހުންނަ ނަމަ މާބަނޑު ދުވަސްވަރު ބޭނުންކުރުމަށް ޚާއްސަކޮށް ހަދައިފައި ހުންނަ ބްރާ (މެޓާނިޓީ ބްރާ) ބޭނުންކުރެވިދާނެއެވެ. މިގޮތުން ނައިލޯނުން ހަދާފައި ހުންނަ ބްރާ އަށްވުރެ ކޮޓަން ބްރާ ބޭނުންކުރުން ރަގަޅެވެ.
  • އުރަމަތީގައި ފާރުހެދުން : ވައްގަނޑާއި، އުރަމަތި ސާފުކުރުމަށް ހަމައެކަނި ތާފަނާ ނުވަތަ ސާފުފެން ބޭނުންކުރާށެވެ. އެހެނީ ސައިބޯނި ފަދަ އެއްޗެތި ބޭނުންކޮށްގެން ސާފުކުރުމުން ވައްގަނޑާއި، އޭގެ ވަށައިގެންވާ ހަންގަނޑު ހިކި،ކުރަކިވާގޮތް ވެއެވެ. މިގޮތަށް ކުރަކިވެ، ފާރުއުފެދި،ރިއްސާނަމަ ''ލެނޯލިން'' އެކުލެވޭ މޮއިސްޗަރައިޒިންގ ކްރީމެއް އުގުޅާށެވެ.
  • ރީނދޫކުލައިގެ ކިރު ބޭރުވުން : ''ކޮލަސްޓްރަމް'' ބޭރުވާނަމަ ''ބްރެސްޓް ޕެޑް'' ފަދަ އެއްޗެއް ބޭނުންކުރާށެވެ. ނޫނީ ގާތުންދޭ ދުވަސްވަރު ބޭނުންކުރުމަށް ޚާއްޞަކޮށްގެން އުފައްދާފައި ހުންނަ "ނާރސިންގ ބްރާ" އެއް ބޭނުންކުރެވިދާނެއެވެ.
  • ރޭގަނޑުގައި ޚާއްޞަކޮށް ނިދާ ގަޑީގައި އެޅުމަށް ޚާއްޞަ ބްރާ ވެސް ތައްޔާރުކޮށްފައި ހުންނަކަން ފާހަގަ ކުރެވެއެވެ.
  • ކަސްރަތު ކުރާއިރު ބޭނުންކުރަން ޚާއްޞަ "ސަޕޯޓިވް ބްރާ" ވެސް ލިބެން ހުރެއެވެ.

މައުލޫމާތު :



No comments:

Post a Comment