Monday, March 26, 2012

ކަރުފޮޅު


ކަރުފޮޅު
ކަރުފޮޅު (Diphtheria) އަކީ ޖަރާސީމަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލީގެ އަސަރު އާންމުކޮށް ފާޅުވަނީ ނޭވާލާ ނިޒާމުގެ އެތެރޭގައިވާ(ނޭފަތާއި ކަރުތެރޭގެ)  ތެތްދުލިފަށް(Mucous membrane) ތަކުންނާއި، ހަންގަނޑުންނެވެ.

އާންމު ގޮތެއްގައި މިބަލި ޖެހެނީ ތުއްތު ކުދިންނާއި، ސުކޫލަށްދާ އުމުރުފުރާ ތަކުގެ ކުދިންނަށެވެ. އެހެން ގޮތަކަށް ބުނާނަމަ 12 އަހަރުން ދަށުގެ ކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށް ވެސް މިބަލިޖެހޭކަން ހަދާން ބަހައްޓަން ޖެހެއެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި، ބަލިޖެހޭ ހުރިހާ އުމުރުފުރާގެ މީހުންގެ ތެރޭގައި ވެސް ފިރިހެނުންނަށް ޖެހޭ ނިސްބަތް އިތުރުކަން ފާހަގަ ކުރެވެއެވެ. ފިނި ދުވަސްވަރު ބަލި ފެތުރުން އިތުރުކަން ވެސް ފާހަގަ ކުރެވެއެވެ. މިއީ ނުރައްކާތެރި ބައްޔެކެވެ. ބަލިޖެހޭ މީހުންގެ 10-5 އިންސައްތަ މީހުން މިދުނިޔެ ދޫކުރާކަމަށް ތަފާތު ހިސާބުތަކުން ދައްކައެވެ. ޚާއްޞަކޮށް ބަލިޖެހޭ ކުދިންގެ ތެރެއިން 5 އަހަރުން ދަށުގެ ކުދިންނާއި، އުމުރުން 40 އަހަރުންމަތީގެ މީހުން ބަލީގައި ދުނިޔެ ދޫކޮށް ދިއުމުގެ ފުރުޞަތު ބޮޑެވެ.

ސަބަބު
ކަރުފޮޅު ޖެހެނީ ބެކްޓީރިޔާގެ ބާވަތެއް ކަމުގައިވާ "ކޮރިނީބެކްޓީރިއަމް ޑިފްތިރިއާ"(Corynebacterium diphtheriae) ގެ ސަބަބުންނެވެ. މިއީ ގްރާމް ޕޮޒިޓިވް ބެކްޓީރިޔާ އެކެވެ. މިބެކްޓީރިޔާ 2 ބަޔަކަށް ބަހާލެވިފައި ވެއެވެ. އެއީ:-
(ހ) – ވިހަ އުފައްދާ ވައްތަރު : ތަފާތު 4 ބާވަތެއް ހިމެނެއެވެ. އެއީ:-
§         ގްރެވިސް
§         މިޓިސް
§         އިންޓަރމީޑިއަސް
§         ބެލްފެންޓީ
(ށ) – ވިހަ ނުއުފައްދާ ވައްތަރު : ކޮރީނިބެކްޓީރިއަމް އަލްސެރަންސް
މިބެކްޓީރިޔާ އާންމު ގޮތެއްގައި ހަށިގަނޑަށް ވަދެ ނިކުމެ ހަދަނީ ނޭފަތް، ކަރުތެރެ، ލޮލުގެ ހުދުކަޅިމަތީގައި ތުނިދުލި، އަދި ހަން ހުރަސްކޮށެވެ. ބައެއް ވައްތަރުގައި ޖަރާސީމާއި ތަޣައްޔަރުވެފައިހުރި ކިރު ބޭނުންކުރުމުން އަނގައިގެ ޒަރިއްޔާ އިން ވެސް ހަށިގަނޑަށް އެތެރެ ވެއެވެ. ކަރުފޮޅު ޖައްސާ ބެކްޓީރިޔާ ފުރަތަމަ ހޯދާފައިވަނީ 1880 ވަނަ އަހަރުގައެވެ. އަދި މިބެކްޓީރިޔާ އާއި ދެކޮޅަށް އެންޓިޓޮކްސިން އެއް ފުރަތަމަ އުފައްދާފައިވަނީ 1890 ވަނަ އަހަރުގައެވެ.

ނޯޓް : ކަރުފޮޅު އާންމު ގޮތެއްގައި ޖެހެނީ މިބެކްޓީރިޔާގެ ބާވަތްތަކުގެ ތެރެއިން ވިހަ އުފައްދާ ވައްތަރުގެ ބެކްޓީރިޔާ ސްޓްރެއިން ތަކުންނެވެ. ހަމުގައި ކަރުފޮޅުގެ އަސަރު ފާޅުވަނީ ވިހަ ނުއުފައްދާ ބެކްޓީރިޔާ ތަކުގެ ސަބަބުންނެވެ.

ފެތުރުން
ކަރުފޮޅު ފެތުރެނީ:-
(ހ) – ބަލިޖެހިފައިވާ  މީހާ ކެއްސައި ކިނބިއަޅާ ހެދުމުގެ ތެރޭގައި އަނގަޔާއި ނޭފަތުން ބޭރުވެގެންދާ ތަކެތި، ސަލާމަތުން ހުރިމީހާގެ ހަށިގަނޑަށް ނޭވާލުމުގެ ޒަރިއްޔާއިން ވާޞިލްވުން :ޚާއްޞަކޮށް ތޮށްޖެހިފައިވާ އާބާދީތަކުގައި ފަސޭހައިން ކަރުފޮޅު ފެތުރިގެންދަނީ މިބީދައިންނެވެ.
(ށ) – ބަލިޖައްސާ  ޖަރާސީމާއި، ތަޣައްޔަރުވެފައި ހުރި ތަނެއް ނުވަތަ އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ލޮލަށް، ނުވަތަ ނޭފަތަށްލުން : މިއުސޫލުން ބަލި ފެތުރޭ މިންވަރުން ނިސްބަތުން ދަށްކަން ފާހަގަ ކުރެވެއެވެ. މަދުން ނަމަވެސް ބަލިމީހާ ބޭނުންކުރާ ރުމާ، ތުވާލި ފަދަ ތަކެތިން އަނެކާއަށް ބަލި ވާޞިލްވުމުގެ ފުރުޞަތު އޮވެއެވެ.
(ނ) – ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތިން : ވަރަށް މަދުން ނަމަވެސް ޖަރާސީމާއި ތަޣައްޔަރުވެފައި ހުރި، ފެން، ކިރު އަދި އެހެނިހެން ކާބޯތަކެތި ބޭނުންކުރުމުން ކަރުފޮޅު ޖެހޭކަން ފާހަގަ ކުރެވިފައި ވެއެވެ.

ފާހަގަ ކުރެވިފައިވާ ގޮތުގައި "ކޮރިނީބެކްޓީރިއަމް ޑިފްތިރިއާ" ބެކްޓީރިޔާގެ ހަމައެކަނި ރިޒާވަރަކީ "އިންސާނާ" އެވެ. ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމުން ބައެއް މީހުންގެ ފުށުން ކަރުފޮޅުގެ އަލާމާތްތައް ފެންނައިރު އަނެއް ބައިމީހުންގެ ފުށުން އަލާމާތްތައް ނުފެނި ހިގައިދާނެއެވެ. މިފަދަ މީހުންނަކީ ބަލީގެ ޖަރާސީމު ހަށިގަނޑުގައި ހުރެމެ، އޭގެ އަލާމާތްތައް ނުފެނި، ނަމަވެސް އެހެން މީހުންނަށް އެމީހުންގެ ފުށުން ބަލި ފަތުރަމުން ގެންދާ މީހުން ނުވަތަ ކެރިއަރުން ނެވެ.

ބަލީގެ އަލާމާތްތައް އަދި ނުރައްކާތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތި ކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ކަރުފޮޅު ޖައްސާ ޖަރާސީމު ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް ގާތްގަނޑަކަށް 5-2  ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. ނަމަވެސް މިމުއްދަތު 10-1 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.

ގައިންގަޔަށްއަރާ މުއްދަތު (Infectious period): ކަރުފޮޅު ޖެހިފައިވާ މީހެއްގެ ފުށުން އެހެން މީހުންގެ ގައިންގަޔަށް ބަލި އަރަނީ ބަލީގެ އަލާމާތްތައް ފެނުމަށްފަހު އަންނަ 6-2 ހަފްތާއާއި ދެމެދުގެ މުއްދަތުގައި ހޭދަވާ ދުވަސްތަކުގައެވެ.

އަލާމާތްތައް
3-1 ދުވަހުގެ ތެރޭގައި: ކަރުފޮޅު ފުރަތަމަ ޖެހެނީ ވަރަށް ކުޑަކޮށެވެ. އެގޮތުން އާދައިގެ ވަރަކަށް ހުންއައުން، ނުތަނަވަސްވުން، ބޮލުގައި ރިހުން، ކާހިތްނުވުން އަދި ކަރުތެރެ ހަލާކުވުން،ނޭފަތުން ފެންއައުން، ފަދަ ކަންތައް މެދުވެރިވެއެވެ.
ކުޑަ ދަރިފުޅުގެ ފުށުން :-
Ø      އަވަސް އަވަހަށް ވަރުބަލިވުން
Ø      އެއްޗެތި ދިރުވުމަށް އުދަގޫވުން
Ø      ހަރަކާތްތެރިވެ ނޫޅުން
Ø      ކަރު ކުޑަކޮށް ދުޅަވުން
Ø      ކަރުތެރޭގައި ހުދުކުލައިގެ ދުލިފަށެއް އުފެދުން

6-4 ދުވަހުގެ ތެރޭގައި :
Ø      ކުއްޖާ ބަލިވުން
Ø      ކަރު ވަރަށް ބޮޑަށް ދުޅަވުން
Ø      ކަރުތެރޭގައި އަޅިކުލައިގެ ދުލިފަށެއް އުފެދުން : މިދުލިފަށުގެ ސަބަބުން ނޭވާހޮޅި ބައްދާލައެވެ. އަދި އެކަމުގެ ސަބަބުން ނޭވާލުމަށް ދަތިވާގޮތް ވެއެވެ.
Ø      ކަރުފޮޅު މުޅި ކަރުތެރެއަށް ފެތުރި ނޭވާލާން އުދަނގޫވުން
Ø      މިބަލީގައި ފުރާނަ އަށް ނުރައްކާވާ ހިސާބަށް ދިއުން
Ø      ފުރަތަމަ 2 ހަފްތާގެ ތެރޭގައި މިބަލި ހިތާއި ހަމައަށް ފެތުރި ހިތުގެ ހިނގުމަށް ހުރަސްއެޅުން
Ø      ހަށިގަނޑުގެ ނާރުތަކަށް ފެތުރި ނޭވާނުލެވޭގޮތްވުން

ނުރައްކާތައް
ކަރުފޮޅުގައި ދިގުލައި ދިއުމުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
Ø      ކަރުފޮޅުގެ އަސަރު މުޅިކަރުތެރެއާއި ފުއްޕާމެޔަށް ފެތުރި ނިއުމޯނިޔާ ޖެހި، ނޭވާލާން ދަތިވުން : މިގޮތަށް ދިމާވަނީ ނޭވާހިނގާ މަގުގެ އެތެރޭގެ ތެތްދުލި ފަށަލައިގައި ހުދުކުލައިގެ ދުއްޔެއް އުފެދުމާއި، އެތެރޭގެ ޓިޝޫތައް ދުޅަވުން ފަދަ ކަންތައްތައް ކުރިމަތިވުމުންނެވެ.
Ø      ކަރުފޮޅުގެ އަސަރު ހިތާއި ހަމައަށް ފެތުރި ހިތުގެ ހިނގުމަށް ހުރަސްއެޅުން : އެގޮތުން ހިތުގެ ވޭލްތަކުގައި އިންފެކްޝަން ހަރުލުމާއި، ހިތުގެ މަސްގަނޑުގައި ޖަރާސީމު އެޅުން، އަދި ހިތުގެ މަސައްކަތް ފޭލްވެގެންދާ ގޮތް ވެއެވެ. އަދި ހިތާއި ގުޅިފައިވާ މައިލޭހޮޅިން ބައެއް ފުއްޕުން ފަދަ ކަންތައްތައް ވެސް ކުރިމަތި ވެއެވެ. މީގެ އިތުރުން ހިތުގެ ވިންދުޖެހުމުގެ ތަރުތީބު ގެއްލިގެން ދެއެވެ.  
Ø      ކަރުފޮޅުގެ ޖަރާސީމުތައް ލޭގެ ތެރެއަށް ފެތުރިގެން ދިއުން : ލޭގެ ތެރޭގައި ޖަރާސީމު ހަރުލައި ގިނަވުމުން ލޭވިހަވެ، ޝޮކުޖެހޭގޮތް ވެސް ބައެއް ފަހަރު ވެދާނެ އެވެ.
Ø      ކަރުފޮޅުގެ ޖަރާސީމުތައް ކަށީގެ ތެރެއަށް ފެތުރިގެން ދިއުން : މިހެންވުމުން ހުޅުތަކާއި ކަށިތައް ދުޅަވެ ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ.
Ø      ކަރުފޮޅުގެ އަސަރު ގުރުދާއަށް ފެތުރުން
Ø      ކަރުފޮޅުގެ އަސަރު ހަށިގަނޑުގެ ނާރުތަކަށް ފެތުރުން : މިހެންވުމުން:-
o       އެއްޗެތި ޑަބަލްކޮށް ފެނުން
o       ލޯއަވަރުވުން
o       ޑައަފްރަމްގެ ބާރުދިއުން
o       މޭމަތީގެ ކަށިތަކުގެ ދެމެދުގައިވާ މަސްތަކުގެ ބާރުދިއުން
o       މަތީ ތަލީގެ ފަހަތުބައި ގެ ބާރުދިއުން
o       ނޯށުން އަޑުއައުން ނުވަތަ ނޯށުން ވާހަކަދެކެވުން
o       ނޭފަތުން ކާތަކެތި ބޭރުވުން
o       ކާތަކެތި ދިރުވަން އުދަނގޫވުން
Ø      ބަލިމީހާ ނުވަތަ ބަލިކުއްޖާ މަރުވުން

ވައްތަރުތައް
ކަރުފޮޅު ޖެހޭ ހިސާބާއި ތަނަކާއި ރިޢާޔަތްކޮށް ދިމާވާ އުދަނގޫތަކާއި، ފެންނަ އަލާމާތްތައް ތަފާތުވާނެ އެވެ. އެގޮތުން ކަރުފޮޅު ޖެހޭ ހިސާބުތަކަށް ރިޢާޔަތްކޮށް، ކަރުފޮޅު ބަހާލެވިދާނެ ބައިތައް ތިރީގައި މިވަނީ އެވެ.
(ހ) – ކަރުފޮޅުގެ އަސަރު ޓޮންސިލްއަށް ކުރުން : މިއީ އެންމެ އާންމުކޮށް ކަރުފޮޅު ޖެހޭ ހިސާބެވެ. ކަރުފޮޅުގެ އަސަރު ޓޮންސިލްއަށް ކުރުމުން :-
ü      ކަރުތެރޭގައި (ޓޮންސިލްގައި) އަޅިކުލައިގެ ދުލިފަށެއް އުފެދުން : މިދުލިފަށަލަ ކަހާލުމުން ލޭއަންނާނެ އެވެ.
ü      ކަރުގައި ގޮށްލުން : މިކަމުގެ ސަބަބުން ކަރު ވަރަށް ބޮޑަށް ދުޅަވެގެންދާނެ އެވެ. އަދި ކަރު ދުޅަވެ ބޮޑުވުމުގެ ސަބަބުން "ގެރީގެ ކަރު "(bull-neck) ގެ ސިފަ ބަދަލުވެގެން ދެއެވެ.
(ށ) – ކަރުފޮޅުގެ އަސަރު ލަގޮނޑިއަށް ކުރުން : ކަރުފޮޅުގެ އަސަރު ލަގޮނޑިއަށް ކުރުމުން:-
ü      ކަރުތެރޭގައި  ދުލިފަށެއް އުފެދުން
ü      އަޑުކުރަކިވުން
ü      ނޭވާކުރުވުން / ނޭވާލާން އުދަނގޫވުން
ü      ނޭވާލާއިރު ތޫލިއަޑެއް ހުރުން
(ނ) – ކަރުފޮޅުގެ އަސަރު ނޭފަތަށް ކުރުން : ކަރުފޮޅުގެ އަސަރު ނޭފަތަށް ކުރުމުން:-
ü      ނޭފަތުގައި ދުލިފަށެއް އުފެދުން
ü      ނޭފަތުން ލޭކުލައިގެ ހަޑިއެއްޗެހި އައުން
(ރ) – ކަރުފޮޅުގެ އަސަރު ހަންގަނޑަށް ކުރުން : މިއީ ވަރަށް މަދުން ދިމާވާ ކަމެކެވެ. މިގޮތަށް ވުމުން ވަކި ހިސާބަކަށް ތަދުވެ، ރަތްވެ، ދުޅަވެ، ފަސޭހަނުވެ ގިނަ ދުވަހަށް ހުންނަ ފާރުކޮޅެއް ހަމުގައި ނަގައެވެ. މިފާރުކޮޅުގައި އަޅި-މުށި ކުލައިގެ ދުއްޔެއްލައެވެ. ކަރުފޮޅުގެ އެހެން ވައްތަރުތަކާއި ޚިލާފަށް ހަމަށް ކަރުފޮޅުގެ އަސަރުކުރުމުން ފުރާނައަށް ނުރައްކާވުމަކީ ވަރަށް ނާދިރު ކަމެކެވެ.
(ބ) – އެހެނިހެން : ވަރަށް މަދުން ނަމަވެސް ކަންފަތާއި ލޮލުން ވެސް ކަރުފޮޅުގެ އަސަރު ފާޅުވެއެވެ.

ދެނެގަތުން
ކަރުފޮޅު ދެނެގަތުން ބަރޯސާވަނީ ބަލިމީހާ ދޭ މަޢުލޫމާތު، ދިމާވެފައިވާ އުދަނގޫތައް ނުވަތަ ފެންނަ އަލާމާތްތަކާއި، ޑޮކްޓަރުން ބަލިމީހާގެ ހަށިގަނޑު ބަލައި ހޯދާ ހޯދުންތަކުގެ މައްޗަށެވެ. މީގެ އިތުރުން ލޭގެ ޓެސްޓް، ކަރު ހިމެނޭ ހިސާބުގެ އެކްސްރޭ، މޭގެ އެކްސްރޭ، އީސީޖީ ފަދަ ޓެސްޓުތައް ބައެއް ފަހަރު ބައެއް ޑޮކްޓަރުން ހަދައި އުޅޭކަން ފާހަގަ ކުރެވެއެވެ. ލޭގެ ޓެސްޓު ހަދާއިރު ލޭގެ ހުދު ސެލްތަކުގެ އަދަދު އިތުރުކަން ފާހަގަ ކުރެވޭނެ އެވެ. ކަރުފޮޅު ޔަގީންކުރުމަށްޓަކައި ނޭފަތް، ނުވަތަ ކަރުތެރެއިން ދަވަކޮޅެއް ނަގައިގެން އޭގައި ކަރުފޮޅު ޖައްސާ ޖަރާސީމު ހުރިތޯ ވަކި މީޑިއަމެއްގައި އިންދައިހައްދައިގެން ހޯދެއެވެ.  ބައެއް ފަހަރު ކުޑަކަމުދާ ތަކެތި ވެސް ޓެސްޓު ކުރެވެއެވެ. އަދި ކުޑަކަމުދާ ތަކެތީގައި ޕްރޮޓީން އާދަޔާ ޚިލާފަށް ގިނަކަން ފާހަގަ ކުރެވޭނެ އެވެ.

ފަރުވާ
ކަރުފޮޅުގެ މައިގަނޑު ފަރުވާ އަކީ ކަރުފޮޅު ޖައްސާ ޖަރާސީމާއި ދެކޮޅަށް ދެވޭ އެންޓިޓޮކްސިން(Diphtheria Antitoxin) އެވެ. މިއެންޓިޓޮކްސިންގެ ސަބަބުން، ކަރުފޮޅު ޖައްސާ ޖަރާސީމު "ކޮރިނީބެކްޓީރިއަމް ޑިފްތިރިއާ" އިން އުފައްދައި ލޭގައި ދައުރުވަމުންދާ ވިހަތައް ނިއުޓްރަލައިޒްކޮށް އޭގެ ބާރު ދުއްވާލައެވެ. ނަތީޖާއެއްގެ ގޮތުން ބަލިއިތުރަށް ގޯސްވުމުގެ ފުރުޞަތު ކުޑަކުރުވައެވެ. މިއެންޓިޓޮކްސިން ބަލީގެ ކުރީކޮޅު ދެވިއްޖެނަމަ އެއިން ނިކުންނަ ނަތީޖާ ރަގަޅުކަން ފާހަގަ ކުރެވެއެވެ. ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު، އޭގެ އަލާމާތްތައް ނުފެންނަ ކެރިއަރުންނަށް އެންޓިޓޮކްސިން ދިނުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. ހަމަ މިހެން ހަމުގައި ކަރުފޮޅުގެ އަސަރު ފާޅުވުމުން ވެސް އެންޓިޓޮކްސިން ދިނުމަކީ މާ ބޭނުންތެރި ކަމެއް ނޫނެވެ.

ކަރުފޮޅު ކަމަށް ޝައްކުކުރެވޭ ހިސާބުން އެންޓިބަޔޮޓިކް ނުވަތަ ޖަރާސީމުމަރާ ބޭސް ފަށަންވާނެ އެވެ. އެންޓިބަޔޮޓިކް އަކީ ޖަރާސީމު މަރާލައި، ވިހަ އުފެއްދުން ކުޑަކޮށްދޭނެ އެއްޗެކެވެ. އަދި ގައިގޯޅިވެ އުޅޭ މީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު އެންޓިބަޔޮޓިކް ބޭނުންކުރުމުން ކުޑަވެގެންދާނެ އެވެ. އާންމުކޮށް ދީއުޅޭ ބޭސް ތަކަކީ ޕެނިސިލިން އަދި އެރިތްރޯމައިސިން އެވެ. މިބޭސްތައް ދެވެނީ ގާތްގަނޑަކަށް 14 ދުވަހުގެ މުއްދަތަށެވެ. ބަލީގެ ކެރިއަރުންނާއި، ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ އުޅޭ ފަރާތްތަކަށް ވެސް އެންޓިބަޔޮޓިކް ދިނުމަކީ ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.

މީގެ އިތުރުން ހުންތިރިކުރުމަށް ޕެނަޑޯލް ފަދަ ބޭސްތަކާއި، ރޯގާ ހުއްޓުވުމަށް ދޭ ބޭސްތައް ވެސް ކަރުފޮޅު ޖެހުމުން ވެސް ބޭނުންކޮށް އުޅެއެވެ.

ރައްކާތެރިވުން
(1)- ވެކްސިން ދިނުން
ކަރުފޮޅުން ރައްކާތެރިވުމަށް ޚާއްޞަ ވެކްސިނެއް އުފައްދައި ދެމުން ގެންދެއެވެ. އެއީ ޑީ.ޕީ.ޓީ ވެކްސިނެވެ. މިއީ ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައިވެސް ހިމެނިގެން ދެމުންގެންދާ ވެކްސިނެކެވެ. މިވެކްސިނަކީ ތަފާތު 3 ބައްޔަކުން ރައްކާތެރިކޮށް ދިނުމަށް ތައްޔާރުކުރެވިފައިވާ ވެކްސިނެކެވެ. އެ 3 ބައްޔަކީ ކަރުފޮޅު، ހޯއްގޮވާ ކެއްސުން އަދި އިދިފުށަށްދަމާ ބަލި މިއެވެ. މިވެކްސިން ފުރަތަމަ ތަޢާރަފްކުރެވުނީ 1940 ގައެވެ. މިވެކްސިން ދެނީ ފައިގެ ފަލަމަސްގަނޑަށް ނުވަތަ އަތުގެ މުލައްދަނޑިއަށް ޖަހާ އިންޖެކްޝަނެއްގެ ސިފައިގައެވެ.

ކަރުފޮޅު
D
ހޯއްގޮވާ ކެއްސުން
P
އިދިފުށަށްދަމާ ބަލި
T


ދިވެހިރާއްޖޭގެ ވެކްސިން ޝެޑިއުލްގައި ހިމަނައިގެން ޑީޕީޓީގެ 3 ޑޯޒު ދެއެވެ. އެގޮތުން ރާއްޖޭގައި ވެކްސިން ދެނީ އަންނަނިވި ގޮތަށެވެ.
ü      ފުރަތަމަ ޑޯޒް : އުމުރުން ½ 1 މަހުގައި (6ހަފްތާ)
ü      ދެވަނަ ޑޯޒް : އުމުރުން ½ 2 މަހުގައި ( ފުރަތަމަ ޑޯޒް ދިންތާ 1 މަސް ފަހުން )
ü      ތިންވަނަ ޑޯޒް : އުމުރުން ½ 3 މަހުގައި (ދެވަނަ ޑޯޒް ދިންތާ 1 މަސް ފަހުން )
ނޯޓް: ދިވެހިރާއްޖޭގައި މިވެކްސިންގެ އިތުރު ޑޯޒެއް ނުދެއެވެ.

ބޭރުގެ ބައެއް ގައުމުތަކުގައި މިވެކްސިން ދެވެނީ އަންނަނިވި ގޮތަށެވެ.
ü      ފުރަތަމަ ޑޯޒް : އުމުރުން 2 މަހުގައި
ü      ދެވަނަ ޑޯޒް : އުމުރުން 4 މަހުގައި (ފުރަތަމަ ޑޯޒުދޭތާ 2 މަސް ފަހުން)
ü      ތިންވަނަ ޑޯޒް : އުމުރުން 6 މަހުގައި (ދެވަނަ ޑޯޒުދޭތާ 2 މަސް ފަހުން)
ü      ހަތަރުވަނަ ޑޯޒް : އުމުރުން 18-15 މަހާއި ދޭތެރޭގައި
ü      ފަސްވަނަ ޑޯޒް : އުމުރުން 6-4 އަހަރާއި ދޭތެރޭގައި
ü      ބޫސްޓަރ ޑޯޒް : އުމުރުން 11 އަހަރުގައި – ކުޑަކުދިންނަށް
ü      ބޫސްޓަރ ޑޯޒް : ކޮންމެ 10 އަހަރަކުން އެއްފަހަރު – ބޮޑެތި މީހުންނަށް

(2)- ފޯރމަލް ޓޮކްސޮއިޑް : 3 ޑޯޒް / 1 އެމްއެލް / މަހަކު 1 ފަހަރު
(3)- އެލުމިނަމް ޕްރެސިޕިޓޭޓަޑް ޓޮކްސޮއިޑް : 2 ޑޯޒް / ½  އެމްއެލް / މަހަކު 1 ފަހަރު
(4)- ޓޮކްސޮއިޑް އެންޓިޓޮކްސިން ފްލޯކިޔުލްސް : 3 ޑޯޒް / 1 އެމްއެލް / މަހަކު 1 ފަހަރު
(5)- ޕިޔުރިފައިޑް ޓޮކްސޮއިޑް އެލުމިނަމް ޕްރެސިޕިޓޭޓް : 2 ޑޯޒް / ½  އެމްއެލް / މަހަކު 1 ފަހަރު

ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ އެހެނިހެން ކަންތައްތައް
ü      ކެއްސާ ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
ü      ގިނަގިނައިން އަތްދޮވުން
ü      ޖަރާސީމު ހަރުލާފައި ހުންނަ ތަންތަނުގައި ވީވަރަކުން އަތްނުލުން
ü      ލޯ، އަނގަ، ނޭފަތަށް އަތްނުލުން

މައުލޫމާތު :-
·         ކުޑަދަރިފުޅަށް ވެކްސިން ދީގެން މިފަދަ ބަލިތަކުން ރައްކާތެރިކުރެވިދާނެ – ވެކްސިން ތަކަށް ޚާއްޞަ ޕޯސްޓަރ – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު - 1999
·         ދަރިމައިވުމުގެ ޞިއްޙަތު 19 – ތުއްތު ކުދިންނަށް ވެކްސިންދިނުން – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު – އދ.އާބާދީ އާއި ބެހޭ ޖަމްޢިއްޔާ – ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން
·         އިންޓަނެޓްގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް




No comments:

Post a Comment