Thursday, September 28, 2023

ވިޓަމިން ކޭ

ވިޓަމިން ކޭ

ވިޓަމިން ކޭ(vitamin K)  އަކީ ތެލަށް ގިރޭ ރީނދޫކުލައިގެ ވިޓަމިނެކެވެ. ވިޓަމިންކޭ ފެންމަތިވީ ކޮލެސްޓްރޯލް އާއި ގުޅޭ ތަހުލީލުތަކެއް ކުރަނިކޮށެވެ. ކޮލެސްޓްރޯލް ނުލާ ކުކުޅަށް ކާންދިނުމުން ލޭހިލޭގޮތް ވެއެވެ. އަދި ޚާލިސް ކޮލެސްޓްރޯލް ކާންދިނުމަކުން އެކަން ރަނގަޅެއް ނުވެއެވެ. ދެން 1934 ވަނަ އަހަރު އަލްފާއަލްފާ އޭ ކިޔޭ މާއްދާއެއް ކުކުޅަށް ކާންދިނުމުން، ކުކުޅުތައް އެކަތި އަނެކަތީގައި ކޮށައިގެން ލޭހިލުވާލައި ތަންތަނުގައި މާ އަވަހަށް ލޭގަނޑުވާކަން ފާހަގަކުރެވުމުންނެވެ. އެކަމަކު ލޭގަނޑުވާ މިވިޓަމިން ހޯދުނީ ޑެންމާރކްގެ މާހިރެއް ކަމުގައިވާ ހެންރިކް ޑޭމް އަށް 1940 ވަނަ އަހަރެވެ. މިވިޓަމިން ނަން ދިން ނަމަކީ " ލޭގަނޑުވާ ވިޓަމިން" އެވެ. މިވިޓަމިން ގެ ނަން ނެގިފައިވަނީ ޖަރުމަނު ބަހުން "ގަނޑުވުމަށް" ބޭނުންކުރާ ލަފުޒުންނެވެ. މިލަފުޒު ފެށޭ އަކުރަކީ ކޭ އަކުރު ކަމުގައި ވާތީ، މިވިޓަމިން އަށް އާންމުކޮށް ކިޔައި އުޅޭ ނަމަކީ ވިޓަމިން ކޭ އެވެ. ވިޓަމިން ކޭ އަކީ ކެއުމުގައި އާންމުކޮށް ހިމަނަންޖެހޭ މުހިއްމު ބާވަތެކެވެ.

 


ވިޓަމިންކޭ ބެހިފައިވާ ބައިތައް

ވިޓަމިން ކޭ ބެހިގެންވަނީ ސަރުބީއަށްގިރޭ 3 ވިޓަމިނެއްގެ މައްޗަށެވެ. އެއީ:-

* ވިޓަމިން ކޭ1 (ފައިލޮކްއިނަން) : މިއީ ކާބޯތަކެތިން ލިބޭ ބާވަތެކެވެ.

* ވިޓަމިން ކޭ2 (މެނަކުއިނަން) : މިއީ ގޮހޮރުގައި އުޅޭ ބެކްޓީރިޔާ އަކުން އުފައްދާ ބާވަތެކެވެ.

* ވިޓަމިން ކޭ3 (މެނަފްތޯން ނުވަތަ މެނަޑިއޯން) : މިއީ އިންސާނުން އީޖާދުކޮށްފައިވާ ކެމިކަލް އެކެވެ.

މަޞްދަރު

ވިޓަމިން ކޭ އަކީ ކެއުމުގައި އާންމުކޮށް ހިމަނަން ޖެހޭ މުހިއްމު ބައެކެވެ. ވިޓަމިން ކޭ އެންމެ ގިނައިން ހުންނަނީ ފެހިކުލަ ގަދަ ތަރުކާރީގައެވެ. މީގެ އިތުރުން ވިޓަމިން ކޭ ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ކެބެޖް، ބޯވެލި،  ކޮޕީފަތް ފަދަ ފެހިކުލަ ގަދަ ފަތް، ފެހިކުލަ ގަދަ ތަރުކާރީ، ކޯޅިމާ، ބޮޑިކޮޕީ، ސޯޔާބީން، އަދި ސީރިއަލް ހިމެނެއެވެ. މީގެ އިތުރުން ތަރުކާރީގެ ބާވްތަކާއި، ސޯޔާ ތޮޅި އޮށާއި، ގޮވާން އަދި ބައެއް އެއްގަމު މަހުގެ ބާވަތްތައް ހިމެނެއެވެ. (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). އާންމު ގޮތެއްގައި ކޮޕީފަތް، ބޯވެލިފަތް، ބްރޮކޮލީ، ބްރަސަލް ސްޕްރެޓް، ކެބެޖް، ލެޓިއުސް ފަދަ ތަރުކާރީއާއި، ފަތްޕިލާވެލީގެ ބާވަތްތަކުން ލިބޭ ވިޓަމިންކޭ އަށް ކިޔަނީ '"ފައިލަކުއިނަން''(phylloquinone) އެވެ. ކުކުޅު ބިސް، ޗީޒު އަދި އެއްގަމު މަހުން ލިބޭ ވިޓަމިން ކޭ އަށް ކިޔަނީ ''މެނަކުއިނަން''(menaquinone) އެވެ(ހާރވަޑް.އެޑިޔު، 2023).

 

އަންހެނުން މުސްކުޅިވުމުން ދިމާވާ ސަބަބަކާއި ހެދި ވެއްޓިއްޖެނަމަ، އެމީހުންގެ ކަށި ނިކަމެތިވުމާއި، ހެދި އުކުޅުވަޅާއި ކަކުލާ ދެމެދުން ނުވަތަ އަތްދަނޑީގެ ކަށިގަނޑު ބިއްދައިގެން ދިއުމަކީ ދިމާވާ ކަމެކެވެ. އެހެންކަމުން 1998 ވަނަ އަހަރުން ނަރުހުން ކޮށްފައިވާ ދިރާސާއަކުން ދައްކަނީ ކޮންމެ ދުވަހަކު ލެޓިސް ފަތް ކެއުމުގައި ބޭނުންކުރާ އަންހެނުން ހަފްތާއަކު އެއްފަހަރު ލެޓިސް ފަތް ކާ މީހުންނަށްވުރެ ކަށިބިދުން އެތައް ތަނެއް މަދުކަމަށެވެ.

 

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ވިޓަމިން ކޭ ހުންނަ މިންވަރު

 

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ކޮޕީފަތް

511

ބްރޯކޮލީ

102

ބޯވެލިފަތް

483

ބޮޑިކޮޕީ

76

ކޯޅިމާ

360

އަނބު

16

ލެޓިސް ފަތް

174

އަންނާރު

16

ޒައިތޫނިތެޔޮ

130

ބަޓަރު

16

 

އިންސާނާގެ ހަށިގަނޑުގައި ވިޓަމިން ކޭ

އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން ފުރަމޭ، ސިކުނޑި، ހިތް، ޗިސްމޭ އަދި ކަށިތަކުގައި ވިޓަމިން ކޭ ހުރެއެވެ. ވިޓަމިން ކޭ އަކީ އިންސާނާގެ ހަށިގަނޑުގައި ވަރަށް ފަސޭހައި ހަލާކުވެގެންދާ ނޫނީ ބައިބައިވެގެންދާ އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުން ވިޓަމިން ކޭ ބޭރުވަނީ ކުޑަކަމުނަޖިހާއި، ބޮޑުކަމުނަޖިހުގެ ޒަރީޢާއިންނެވެ. އެހެންކަމުން ހަށިގަނޑުގައި ވިޓަމިން ކޭ ގިނަވުމަކީ ވަރަށް މަދުން ނޫނީ ދިމާވާނެ ކަމެއް ނޫނެވެ (ހާރވަޑް.އެޑިޔު، 2023).

އިންސާނާގެ ހަށިގަނޑަށް ވިޓަމިން ކޭ ނަގަނީ ކުޑަގޮހޮރުގައި ހުންނަ "އެންޓީރޯސައިޓް"(enterocyte) އޭ ކިޔާ ސެލްތަކުންނެވެ. އެއަށްފަހު "ކައިލޯމައިކްރޯން"(chylomicron) އާއި އެއްވެ، ލިމްފް ހޮޅިތަކުގެ ތެރެއިން ފުރަމޭ އަށް ވާޞިލްވެއެވެ. އަދި ފުރަމޭގައި "ވެރީ ލޯ ޑެންސިޓީ ލައިޕޯޕްރޮޓީން"(very low density lipoprotein)  އާއި އެކުވެއެވެ (އެންއައިއެޗް، 2021).

ލޭގައި ވިޓަމިން ކޭ އުފުލަނީ ލައިޕޯޕްރޮޓީން(lipoprotein)  ގައެވެ. ސަރުބީއަށް ގިރޭ އެހެން ވިޓަމިންތަކާ އަޅާ ބަލާއިރު، ލޭގައި ހުންނަނީ ވިޓަމިން ކޭ ގެ ވަރަށް މަދު މިންވަރެކެވެ. ވިޓަމިން ކޭ އަކީ ހަށިގަނޑުގައި ވަރަށް އަވަހަށް ގިރިބިންކޮށް، ހަށިގަނޑުން ބޭރުކުރާ އެއްޗެކެވެ. މިގޮތުން ވިޓަމިން ކޭ ގެ %20 ހަށިގަނޑުން ބޭރުކުރަނީ ކުޑަކަމު ނަޖިހާއެކުގައެވެ. %50-40 ހަށިގަނޑުން ބޭރުކުރަނީ ބޮޑުކަމުނަޖިހާ އެކުގައެވެ (އެންއައިއެޗް، 2021).

ވިޓަމިން ކޭ އަކީ ލޭމަނާކުރުމަށް ބޭނުންވާ ޕްރޮޓީންތައް އުފެއްދުމަށް ބޭނުންވާ ޅިންތާ "ކާބޮކްސީލޭޒް"(carboxylase) އަށް "ކޯއެންޒައިމް" އެއްގެ ގޮތުގައި މަސައްކަތްކުރާ މާއްދާ އެކެވެ (އެންއައިއެޗް، 2021). ޕްރޯތްރޮމްބިން(prothrombin) އަކީ ވިޓަމިން ކޭ އަށް ބަރޯސާވާ، ސީދާކޮށް ލޭމަނާކުރުމުގައި ބައިވެރިވާ ވިޓަމިނެކެވެ. ހަމަ އެގޮތަށް "އޮސްޓިއޯކެލްސިން"(osteocalcin) އަކީ ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވިޓަމިން ކޭ ގެ އެހީތެރިކަން ހޯދާ ޕްރޮޓީން އެކެވެ (ހާރވަޑް، އެޑިޔު، 2023، އެންއައިއެޗް، 2021).   

ދުވާލަކު ކެއުމަށް ލަފާދޭ މިންވަރު

ވިޓަމިން ކޭގެ ކެލަމިން (ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު) ކަމަށް ބަލަނީ މީހާގެ ބަރުދަނުގެ ކިލޯއަކަށް 1 މައިކްރޯގްރާމް ވިޓަމިން ކޭ އެވެ. އަދި ބޭނުންވާ ވިޓަމިން ކޭ ގެ ½ ބައި ގޮހޮރުގައި އުފެދި އޭގެ ބޭނުން ހަށިގަނޑަށް ކުރާކަމަށް ބެލެވެއެވެ (ސާލިހު އަދި ވަހީދު، 2003). ވިޓަމިންކޭ ގެ ކެލަމިން ކަމަށް ބަލަނީ 13-9 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް 60 މައިކްރޯގްރާމް، ފިރިހެނުންނަށް 120 މައިކްރޯގްރާމް، އަދި އަންހެނުންނަށް 90 މައިކްރޯގްރާމް އެވެ. އަންހެނުންނަށް ބޭނުންވަނީ ފިރިހެނުންނަށްވުރެ މަދުންނެވެ. މިވިޓަމިން ހަށިގަނޑަށް ގިރިބިން ވަނީ ސަރުބީ އާއި އެކުގައެވެ (ސާލިހު އަދި ވަހީދު، 2014). މާބަނޑު މީޙުންނާއި ގާތުންދޭ މީހުންނަށް ވެސް ދުވާލަކަށް 90 މައިކްރޯގްރާމް ގެ ވިޓަމިން ކޭ ބޭނުންވާނެއެވެ (ހާވަރޑް.އެޑިޔު، 2023).

ވިޓަމިން ކޭ އެކުލެވޭ ބޭހެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އެކިވައްތަރުގެ މަލްޓިވިޓަމިން އެވެ. މިއީ އާންމުކޮށް ވަކިން ލިބެން ހުންނަ ވިޓަމިނެއް ނޫނެވެ. ވިޓަމިން ކޭ ގެ އިންޖެކްޝަން ހުރެއެވެ. މިވިޓަމިން ބޭހެއްގެ ގޮތުގައި ދީއުޅެނީ ލޭއައުން ހުއްޓުވުމަށާއި، އަދި ކަށިފީވާބަލިން ރައްކާތެރިވުމަށެވެ. ކަށިފީވާ ބަލިން ރައްކާތެރިވުމަށް، ވިޓަމިން ކޭ2 ގެ 45 މިލިގްރާމް ދުވާލަކު ކެއުން ޖަޕާނުގެ ހެލްތު މިނިސްޓްރީ އިން 1995 ވަނަ އަހަރުން ފެށިގެންވަނީ ހުއްދަކޮށްފައެވެ (ސާލިހު އަދި ވަހީދު، 2014).

ފަހުގެ ހޯދުންތަކުގައި ކެއުމުގައި ވިޓަމިން ކޭ ލިބިދޭންޖެހޭ މިންވަރުތައް  އުމުރު ފުރާ އަށް ރިއާޔަތްކޮށްގެން ބަޔާންކޮށްފައިވާގޮތް ތިރީގައި މިވަނީ އެވެ.

އުމުރު

ފިރިހެން : mcg އިން

އަންހެން: mcg  އިން

6-0 މަހާއި ދެމެދު

2mcg

2mcg

12-7 މަހާއި ދެމެދު

2.5mcg

2.5mcg

3-1 އަހަރާއި ދެމެދު

30mcg

30mcg

8 - 4 އަހަރާއި ދެމެދު

55mcg

55mcg

13 - 9 އަހަރާއި ދެމެދު

60mcg

60mcg

18 - 14 އަހަރާއި ދެމެދު

75mcg

75mcg

މާބަނޑު އަންހެނާ

-

75mcg

ގާތުންދޭ މައިން

-

90mcg

 

ވިޓަމިން ކޭ ގެ ބޭނުންތައް ނުވަތަ ފައިދާތައް

ވިޓަމިން ކޭ ގެ ބޭނުންތަކުގެ ތެރޭގައި

·         ލޭހިލުންހުއްޓުވުން

·         ގުރުދާ އޭގެ ވަޒީފާ އަދާކުރުމުގައި އެހީތެރިވުން

·         ކަށި އުފެދުމުގައި އެހީތެރިވުން

·         ލޭހޮޅިތައް ސާފުކޮށް ބަލަހައްޓައިދިނުމަށް އެހީތެރިވެދިނުން

·         ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދިނުން

·         ދަތްފަނިކެއުމުން ދުރުކޮށްދިނުން

·         އަންހެނުންގެ މައްސަރުގެ ތެރޭގައި މާގިނައިން ލޭއަޔަނުދިނުމަށް އެހީތެރިވެދިނުން

·         ގިރިގެންދާ ކަށި އަލުން އިއާދަވުމުގައި އެހީތެރިވެދިނުން

·         ހަކުރުބަލީގެ ޓައިޕް 2 އިން ރައްކާތެރިވުމަށް އެހީތެރިވެދިނުން

ވިޓަމިން ކޭ އަކީ ދުވަސްވެ މުސްކުޅިވެފައިވާ ހަށިގަނޑުގެ ކަށްޓަށް ވަރަށް މުހިއްމު އެއްޗެކެވެ. ފައިގެ ނާރުތަކުގައި ނޫނީ ލޭނާރުތަކުގައި ނުވަތަ ސިކުނޑީގެ ނާރެއްގައި ލޭގަނޑުވެދާނެތީ، ނޫނީ ހާޓް އެޓޭކެއް ޖެހިދާނެތީ، ލޭދިޔާކުރުމަށް ދޭ ބޭސްތަކުން ވިޓަމިންކޭ ގެ ހަރަކާތް ހުއްޓުވައެވެ. އެހެންކަމުން ތަނެއް ކެނޑިގެން ނޫނީ ދަތެއް އުފުރަން ޑޮކްޓަރަށް ދައްކާއިރު އެފަދަ ބޭސް ކަމުން ގެންދާ ވާހަކަ ޑޮކްޓަރުގެ ގާތުގައި ބުނުން ބުއްދިވެރި އެވެ.

ވިޓަމިން ކޭ އަކީ ކަށިތައް ހެދިބޮޑުވުމަށާއި، ލޭމަނާކުރުމަށް ބޭނުންވާ ތަފާތު ޕްރޮޓީންތައް އުފެއްދުމަށް އެހީތެރިވެދޭ ވިޓަމިނެކެވެ. ޕްރޯތްރޮމްބިން(prothrombin) އަކީ ވިޓަމިން ކޭ އަށް ބަރޯސާވާ، ސީދާކޮށް ލޭމަނާކުރުމުގައި ބައިވެރިވާ ވިޓަމިނެކެވެ. ހަމަ އެގޮތަށް "އޮސްޓިއޯކެލްސިން"(osteocalcin) އަކީ ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވިޓަމިން ކޭ ގެ އެހީތެރިކަން ހޯދާ ޕްރޮޓީން އެކެވެ (ހާރވަޑް، އެޑިޔު، 2023). 

ވިޓަމިން ކޭ އާއި ލޭމަނާކުރުން

ލޭމަނާކުރުމުގައި ބައިވެރިވާ 13 ޕްރޮޓީންގެ ތެރެއިން 4 ޕްރޮޓީން އެއް އުފެއްދުމުގައި ވިޓަމިންކޭ ބައިވެރި ވެއެވެ. މިޕްރޮޓީން ތަކަކީ ކަނޑައިގެންދާ ތަންތަނުން ބޭރުވާ ލޭ މަނާކޮށްދީ، ފާރު ފަސޭހަކޮށްދޭ މާއްދާ ތަކެކެވެ. ހިތާއި، ފައި، ސިކުނޑީ ފަދަ ތަންތަނުގައި ގަނޑުލޭކޮޅު އުފެދުނަ ނުދިނުމަށް ލޭދިޔާ ކުރާ ބޭސް ދޭ ފަރާތްތަކަށް ވިޓަމިންކޭ ބޭނުންކުރުމުގައި ސަމާލުވުމަށް ލަފާދެއެވެ. އެއީ ވިޓަމިން ކޭ ގައި ލޭގަނޑުކޮށް މަނާކުރުމުގެ ބާރު ހުންނާތީ، ވިޓަމިން ކޭ ލޭދިޔާ ކުރާ ބޭހާއެކު ދީފިނަމަ، ލޭދިޔާކުރާ ބޭހުގެ އަސަރު، ވިޓަމިން ކޭ ގެ ސަބަބުން ކެނޑިގެން ހިނގައިދާނެތީ އެވެ (ހާރވަޑް.އެޑިޔު، 2023).

ލޭގައި ވިޓަމިން ކޭ ހުރި މިންވަރު ބެލުމަށް ބެލޭ އެންމެ އާންމު ގޮތަކީ ޕްރޯތްރޮމްބިން ޓައިމް ބެލުމެވެ. ނޫނީ ލޭގަނޑުވާން ހޭދަވާ ވަގުތު ބެލުމެވެ. ލޭގަނޑުވުމާއި ދެކޮޅަށް ބޭނުންކުރާ ބޭސް މިސާލަކަށް ވާރފެރިން ފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް އެކަށޭނަ ވަރަށް ވިޓަމިން ކޭ ބޭނުންކުރުމަށް ފަހަރުގައި ލަފާދީފާނެއެވެ (ހާރވަޑް.އެޑިޔު، 2023). 

ވިޓަމިން ކޭ އާއި ކަށީގެ ދުޅަހެޔޮކަން

ވިޓަމިން ކޭ އަކީ ކަށީގައި ހިމެނޭ ޕްރޮޓީން ތައް އުފެދުމުގައި ބައިވެރިވާ ވިޓަމިނެކެވެ. އެގޮތުން ކަށިތައް ދެރަވުމުން ދުރުކޮށްދޭ ޕްރޮޓީން "އޮސްޓިއޯކެލްސިން" އުފެއްދުމަށް ވިޓަމިން ކޭ ބޭނުންވެއެވެ. ބައެއް ދިރާސާތަކުން ދައްކާގޮތުގައި ވިޓަމިންކޭ ގިނައިން ބޭނުންކުރުމަކީ ކަށިތައް ދެރަވުމާއި އުކުޅުވަޅު ބިނދުން ފަދަ ކަށީގެ މައްސަލަތައް ކުޑަކޮށްދޭނެ ކަމެކެވެ. ލޭގައި ވިޓަމިން ކޭ މިންވަރު ދަށްވުމަކީ ކަށިތައް ދެރަވުމާއި ގުޅުން އޮންނަކަމަށް ހޯދިފައި ވެއެވެ. އެހެން ދިރާސާއަކުން ހޯދިފައިވާ ގޮތުގައި ދުވާލަކު 110 މައިކްރޯގްރާމްގެ ވިޓަމިން ކޭ ލިބޭ މީހުންނަށް އުކުޅުވަޅު ބިއްދައިގެން ދިއުމުގެ ހިރާސް އެމިންވަރު ނުލިބޭ އަންހެނުންނަށްވުރެ %30 ދަށްކަމަށް ދައްކައެވެ (ހާރވަޑް.އެޑިޔު، 2023).  

ވިޓަމިން ކޭ މަދުވުން

ވިޓަމިން ކޭ ހަށިގަނޑުން މަދުވުމަކީ ވަރަށް މަދުން ނޫނީ ބޮޑެތި މީހުންނަށް ދިމާވާ ކަމެއް ނޫނެވެ (ސާލިހު އަދި ވަހީދު، 2014). ވިޓަމިން ކޭ މަދުވުން ދިމާވަނީ  ވިޓަމިންކޭ ހަށިގަނޑަށް ނެގުމަށް ހުރަސްއަޅާ ބޭސްތައް މިސާލަކަށް ބައެއް ވައްތަރުގެ އެންޓިބަޔޮޓިކް ބޭނުންކުރާ މީހުން ، އަދި ވިޓަމިން ކޭ ހަށިގަނޑަށް ނެގުމަށް ހުރަސްއަޅާ ފަދަ ޞިއްޙީ ހާލަތްތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ތުއްތު ކުދިންނަށް ވެސް ވިޓަމިން ކޭ މަދުވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ތުއްތު ކުދިންގެ ފޫޅުދަނޑި ހުރަސްކޮށް މަހަށް ވިޓަމިން ކޭ ވާޞިލްނުވާތީ އާއި، މައިމީހާގެ ގާތުންދޭ ކިރުގައި ވިޓަމިން ކޭ ހުންނަ މިންވަރު މަދުވީމަ އެވެ. ތުއްތު ކުދިން އުފަންވާއިރު ލޭމަނާކުރާ ޕްރޮޓީންތައް ހުންނަ މިންވަރު މަދުކަމުން، އުފަންވުމުން ވިޓަމިން ކޭ ނުދީފިނަމަ، ލޭހިލުން ނޫނީ ލޭ ބޭރުވުމުގެ ހިރާސް އޮވެއެވެ (ހާރވަޑް.އެޑިޔު، 2023).    

ވިޓަމިން ކޭ މަދުވެއްޖެކަން އިނގޭ އަލާމާތްތަކުގެ ތެރޭގައި (ތަނަކުން އަންނަ) ލޭގަނޑުވުމަށް ނަގާ  ވަގުތު ދިގުވުން، ފަސޭހައިން ލޭހިލުން، ލޭއަރާގޮތްވުން އަވަސްވުން ހިމެނެއެވެ. ދުވަސް ނުފުރާ ވިހާ ކުދިންގެ ގައިގައި ވިޓަމިން ކޭ މަދުވުމަކީ ދިމާވެދާނެ މައްސަލަ އެކެވެ. ހަމައެކަނި ގާތުން ކިރުދޭ ކުދިންގެ ގައިގައި މިވިޓަމިން މަދުވާގޮތް ވެއެވެ. އެއީ މައިންގެ ކިރުގައި މިމާއްދާ މަދުކަމުންނާއި، ކުދިންގެ ގޮހޮރުގައި މިވިޓަމިން އުފައްދާ ޖަރާސީމު ފުދޭވަރަށް އަށަގެންފައި ނުވާތީ އެވެ. އެހެންކަމުން ބައެއް ހާލަތްތަކުގައި ވިޓަމިން ކޭ އިންޖެކްޝަން ތުއްތު ކުދިންނަށް ދެވެއެވެ (ސާލިހު އަދި ވަހީދު، 2014).   

ވިޓަމިން ކޭ ގިނަވުން

ވިޓަމިން ކޭ ގެ ރައްކާތެރި މަމިން އެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. ވިޓަމިން ކޭ ގިނައިން ބޭނުންކުރުމުން ހަށިގަނޑަށް ގެއްލުންވާ ފަހަރު ވަރަށް މަދުން ނަމަވެސް އާދެއެވެ.މިހެން ދިމާވަނީ މަސްނޫޢީ ވިޓަމިން ކޭ ބޭހުގެ ގޮތުގައި ބޭނުންކުރުމުންނެވެ. ވިޓަމިން ކޭ ގިނަވުމުން ދިމާވާ އަލާމާތްތަކުގެ ތެރޭގައި، މޭފާރުވުން، ވަރުދެރަވުން، ބޯއެނބުރުން،  ހިމެނެއެވެ. އަދި ދުވާލަކު 600 އައިޔޫ އަށްވުރެ ގިނައިން ބޭނުންކޮށްފިނަމަ ލޭލެވުން ފަދަ ކަންތައް ވެސް މެދުވެރިވާ ފަހަރު އާދެއެވެ. އެންޓިބަޔޮޓިކް ދިގުމުއްދަތަކަށް ބޭނުންކުރުމުންގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިޔާ ނައްތާލުމުގެ އިތުރުން ހަށިގަނޑުގައި އުފެދޭ ފައިދާހުރި ބެކްޓީރިޔާތައް ވެސް ނައްތާލައެވެ. އޭގެ ތެރޭގައި ވިޓަމިން ކޭ އުފައްދާ ބެކްޓީރިޔާ ވެސް ހިމެނެއެވެ. މާނައަކީ ގޮހޮރުން ވިޓަމިން ކޭ އުފެއްދުން ދަށްވެއެވެ (ސާލިހު އަދި ވަހީދު، 2014).  

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.

މައުލޫމާތު :

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

 

https://www.hsph.harvard.edu/nutritionsource/vitamin-k/#:~:text=Vitamin%20K%20helps%20to%20make,to%20produce%20healthy%20bone%20tissue.

https://ods.od.nih.gov/factsheets/VitaminK-HealthProfessional/

  

No comments:

Post a Comment