Wednesday, October 21, 2020

ލޮލުގެކޮއި

ލޮލުގެކޮއި

ލޮލުގެކޮއި(Pupil) އަކީ ލޮލުގެ ކަޅުކަޅީގެ މެދުގައިވާ ހުޅުވުމެކެވެ. ނުވަތަ މިއީ ލޮލުގެ ކަޅުކަޅީގެ މެދުގައި ވަށްކޮށް ހުންނަ ލޯވަޅެއް ނުވަތަ ތަންކޮޅެކެވެ. ލޮލަށް އަލިވަންނަނީ މިތަނުގެ ތެރެއިންނެވެ. މިބައި އަލިގަދަވާ ވަރަކަށް ކުޑަވެ އަނދިރިވާ ވަރަކަށް ބޮޑުވެއެވެ. ލޮލަށް ވަންނަ އަލީގެ މިންވަރު ވަކި ވަރެއްގައި ހިފަހައްޓައިދެނީ ލޮލުގެ ކޮޔެވެ. ލޮލުގެ ކޮއި އިންނަނީ ލޮލުގެ ކަޅުކަޅީގެ މެދުގައެވެ. އާންމު ގޮތެއްގައި ދެލޮލުގެ ލޮލުގެ ކޮއިގެ ސައިޒު ވެސް ހުންނާނީ ގާތްގަނޑަކަށް އެއްވަރަކަށެވެ. އާންމު ގޮތެއްގައި އައްޔަށް ހުށަހެޅުމުން ލޮލުގެ ކޮއި، ކުރުގެޅި ކުޑަވެފައި، އަދިރިވުމުން ލޮލުގެ ކޮއި ފުޅާވެ، ބޮޑުވާނެ އެވެ. ލޮލުގެ ކޮއި އައްޔަށް ހުށަހެޅުމުން ކުޑަވެ، އަދިރިއަށް ހުށަހެޅުމުން ބޮޑުވެ، ނުދާނަމަ އޭގެ މާނައަކީ ލޮލުގެ ކޮއިގައި ކޮންމެވެސް ކަހަލަ ޞިއްޙީ މައްސަލައެއް ހުރުމެވެ.


ލޮލުގެ ކޮއިގެ ބޮޑުމިން

އަލިމަޑު ތަނެއްގައި ލޮލުގެ ކޮއިގެ ވަށަމިން އުޅެނީ ގާތްގަނޑަކަށް 1.5މިލިމީޓަރުގެ ބޮޑުމިނުގައެވެ. އަދި އަދިރި ތަނެއްގައި ނަމަ، ލޮލުގެ ކޮއިގެ ވަށަމިން ބޮޑުވާނެ އެވެ.  އެހާލަތުގައި ގާތްގަނޑަކަށް ލޮލުގެ ކޮއިގެ ވަށަމިނުގައި 8 މިލިމީޓަރު ވަރު ހުންނާނެ އެވެ. އެވްރެޖުގޮތެއްގައި ލޮލުގެ ކޮއިގެ ވަށަމިން އުޅޭނީ އަލި ތަނެއްގައި 4-2 މިލިމީޓަރާއި ދެމެދުގައެވެ. އަދި އަދިރި ތަނެއްގައި ނަމަ 8-4 މިލިމީޓަރާއި ދެމެދުގެ ވަށަމިނެއްގައެވެ. ބައެއް ރިފަރެންސް ތަކުގައި ލޮލުގެ ކޮއިގެ ސައިޒަކީ ގާތްގަނޑަކަށް 4-3 މިލިމީޓަރު ކަމުގައި ބަޔާންކޮށްފައި ވެއެވެ.

ލޮލުގެ ކޮއިގެ ބޮޑުމިނަށް ބަދަލުއައުން

އާންމު ގޮތެއްގައި އަދިރި ތަނެއް އަލިކޮށްލުމުން ނޫނީ އަލިވެ، ލޮލަށް އަލީގެ ވިދުވަރު އެޅުމުން، ލޮލުގެ ކޮއިގެ ވަށަމިން ނުވަތަ އޭގެ ސައިޒުން ކުޑަވެގެންދާނެ އެވެ. ދެލޮލުން ކުރެ ކޮންމެ ލޮލަކަށް އަލިއެޅުނު ނަމަވެސް  ދެލޮލުގެ ވެސް ކޮއި ކުރުގެޅި، އޭގެ ސައިޒުން ނުވަތަ ވަށަމިނުން ދާދި އެއްވަރަކަށް ކުޑަވެގެންދާނެ އެވެ. ލޮލަށް އަލިއެޅުމަށްފަހު، ވަގުތު ކޮޅެއްފަހުން، ލޮލަށް އެޅުނު އަލި އޭގެ ގޮތުގައި ދެމިހުރި ނަމަވެސް، ލޮލުގެ ކޮއި ފުޅާވެ، ކޮންމެވެސް ވަރަކަށް ސައިޒުން ބޮޑުވެލާނެ އެވެ. ލޮލުގެ ކޮއި އަނބުރާ ބަދަލުވާ ހާލަތު ބަރޯސާވަނީ އަލީގެ ދަރަޖައިގެ މައްޗަށެވެ. ވަރަށް ގަދަ އައްޔަކަށް ލޯ ހުށަހެޅުނުނަމަ، ލޮލުގެ ކޮއިގެ ވަށަމިން އޭގެ ވަގުތުކޮޅެއް ފަހުން (އަލިކަން ދެމިހުރިނަމަވެސް) ހުންނާނީ ގާތްގަނޑަކަށް 4-3 މިލިމީޓަރުގެ ބޮޑުމިނުގައެވެ. ނަމަވެސް ލޮލަށް އެޅުނު އައްޔަކީ މާގަދަ އަލިކަމަކަށް ނުވާނަމަ، ލޮލުގެ ކޮއިގެ ސައިޒު ނުވަތަ ވަށަމިން ހުންނަނީ ގާތްގަނޑަކަށް 5-4 މިލިމީޓަރުގެ ބޮޑުމިނުގައެވެ. ލޮލުގެ ކޮއި ކަޅުކޮށް ފެންނަނީ ލޮލުގެ ކޮޔަށް ވަންނަ އަލީގެ ބޮޑުބައި ލޮލުގެ އެތެރޭގައިވާ ސިލޯށިތަކަށް ދަމާތީ ނުވަތަ ނަގާތީ އެވެ.

ލޮލުގެ ކޮއިގެ ސައިޒު ކައިރީގައި ހުރި އެއްޗަކަށް ބެލުމާއި، ދުރުގައި ހުރި އެއްޗަކަށް ބަލާއިރު ވެސް ތަފާތު ވާނެއެވެ. އެގޮތުން ލޯ އެއްޗަކާ މާ ކައިރިކޮށްފިނަމަ ވެސް ލޮލުގެ ކޮއި ކުރުގެޅި، ސައިޒުން ކުޑަވާނެ އެވެ. އަދި ދުރުގައި ހުރި އެއްޗަކަށް ބަލާނަމަ، ލޮލުގެ ކޮއި ފުޅާވެ، ސައިޒުން ބޮޑުވާނެ އެވެ.

 

ލޮލުގެ ކޮއިގެ ސައިޒު ކޮންޓްރޯލްކުރުން

ލޮލުގެ ކޮއިގެ ސައިޒު ކޮންޓްރޯލްކުރަނީ މައިގަނޑު ގޮތެއްގައި 2 މަސްކޮޅެއްގެ ހަރަކާތްތަކުންނެވެ. އެއީ ލޮލުގެ ކަޅުކަޅީގެ އަރިމަތީގައި ލޮލުގެ ކޮއިގެ ވަށައިގެންވާ ގޮތަށް ގާއިމުވެފައިވާ އަދި ޕެރެސިމްޕެތެޓިކް ނާރުތަކުން އޭގެ މަސައްކަތް ކޮންޓްރޯލްކުރާ "ސްފިންކްޓަރ މަސްލް"(sphincter muscle or sphincter pupillae) ނުވަތަ "ސާކިޔުލަރ ފައިބަރ" އާއި، ސިމްޕެތެޓިކް ނާރު ފައިބަރުތަކުން އޭގެ މަސައްކަތް ކޮންޓްރޯލްކުރާ " ޑައިލޭޓަރ ޕިޔުޕިލާ މަސްލް" ނުވަތަ "އައިރިސް ޑައިލޭޓަރ މަސްލް"(Iris dilator muscle) ނުވަތަ "ރޭޑިއޭޓިންގ ފައިބަރ" މިދެ މަސްކޮޅުންނެވެ. އާންމު ގޮތެއްގައި ސްފިންކްޓަރ މަސްކޮޅު އެތުރިފައި ހުންނަނީ ވަށްބުރެއްގެ ސިފަޔަށް ލޮލުގެ ކޮއިގެ ވަށައިގެންވާ ގޮތަށެވެ. މިމަސްކޮޅު ހުންނަނީ 1 މިލިމީޓަރުގެ ފުޅާމިން ހުންނަ ހިމަ ބޭންޑެއްގެ ސިފަޔަށެވެ. މާނައަކީ މިމަސްކޮޅު ސާކިޔުލަރ ފައިބަރުތައް އެތުރިފައި ހުންނަނީ ލޮލުގެ ކޮއިގެ ވަށައިގެން، ގޮސް ލޮލުގެ ކަޅުކަޅީގެ ފަހަތު ސަތަހައާއި ދިމާވާގޮތަށެވެ. އަދި ޑައިލޭޓަރ މަސްކޮޅު އެތުރިފައި ހުންނަނީ ސްފިންކްޓަރ މަސްކޮޅުގެ ބޭރުން ދިގަށް، ނަމަވެސް ލޮލުގެ ކޮއިގެ ވަށައިގެންވާ ގޮތަށެވެ.

ހަވާލާ

·         https://www.britannica.com/science/human-eye/The-pupil#ref531564

·         https://www.ncbi.nlm.nih.gov/books/NBK381/

·         https://www.healthline.com/health/normal-pupil-size#about

·          

ނޯޓް : މިލިޔުމަކީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment