Saturday, December 24, 2022

ކްރޯމިއަމް

ކްރޯމިއަމް

ކްރޯމިއަމް(chromium) އަކީ ދަގަނޑު އަޅިކުލައިގެ ދަޅައެއް ހުންނަ، ޕޮލިޝްކުރުމުން ވަރުގަދަ އޮފެއް އަރާ މައުދަނެކެވެ. ދުޅަހެޔޮކަންމަތީ ހަށިގަނޑު ބަހައްޓަން ކާބޯތަކެތީގައި ހިމަނަންޖެހޭ ނޫނީ ކާންޖެހޭ 21 ވައްތަރުގެ ކަނީޒުގެ ތެރެއިން ކާނާގައި ހިމަނަންޖެހޭ ޒާރީ ވަށްތި ނުވަތަ އުންސުރެކެވެ. މިކަން ފުރަތަމަ ހޯއްދެވީ 1950 ވަނަ އަހަރު ޝްވާޒް އާއި މާރޒް އެވެ. ކްރޯމިއަމް އަކީ ޒާރީ ވައްތި ތަކުގެ ތެރޭގައި ހިމެނޭ މާއްދާ އެކެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ކްރޯމިއަމް ގެ ދެވައްތަރެއް ހުރެއެވެ. އެއް ވައްތަރަކީ ކްރޯމިއަމް +3 އެވެ. މިމާއްދާ ތަފާތު 3 ބާވަތަކަށް ބެހިގެން ހަށިގަނޑުގައި މަސައްކަތް ކުރެއެވެ. އަނެއް ވައްތަރަކީ ކްރޯމިއަމް +6 އެވެ. މިއީ ސިނާއީ މަސައްކަތްތަކުގެ ސަބަބުން ތިމާވެށި ޚަރާބުކުރާ އެއްޗެކެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).


ކްރޯމިއަމް އަކީ މަދު މިންވަރަކަށް ވިޔަސް ބައެއް ކާބޯތަކެތީގައި ހުންނަ މައުދަނެކެވެ. ގުޅަބޭހުގެ ގޮތުގައި ކްރޯމިއަމް ހުރެއެވެ. ކްރޯމިއަމް އަކީ އިންސިއުލިންގެ މަސައްކަތަށް އެހީތެރިވެދޭ މައުދަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ކާބޯހައިޑްރޭޓް، ފެޓް، އަދި ޕްރޮޓީން ގިރިބިން ކުރުމުގައި ވެސް ކްރޯމިއަމް ބައިވެރި ވެއެވެ. ވިޓަމިން ބީ3 (ނިއެސިން) އަދި ވިޓަމިން ސީ އަކީ ހަށިގަނޑަށް ކްރޯމިއަމް ނެގުމަށް އެހީތެރިވެދޭ ވިޓަމިން ތަކެކެވެ (ހާވަރޑް. އެޑިޔު، 2022).

އެވްރެޖް ބޮޑުމީހެއްގެ ހަށިގަނޑުގައި ކްރޯމިއަމް ހުންނަނީ 5 އާއި 10 މިލިގްރާމް އާއި ދޭތެރޭގެ މިންވަރަކަށެވެ. އުމުރުން ދުވަސްވުމުން މިމިންވަރު ދަށްވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކްރޯމިއަމްގެ މިންވަރު މަތީ ދަރަޖައަކަށް ހުންނަ ކާބޯތަކެތި ކައިހަދާ މީހުންނަށް ހަކުރު ބަލި އަދި ހިތުގެ ބަލިތައް ޖެހުން މަދެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).  

މަޞްދަރު  

ކްރޯމިއަމް އެކުލެވޭ ކާނާގެ ތެރޭގައި، ގެރިމަސް، މޭގަނޑު، ކުކުޅުބިހުގެ ގޮބޮޅި، އިތާމަސް، ފިޔާ، އަސޭމިރުސް، ނުކަނޑާހުރި ގޮވާން، ލޮނުމެދު، ދޮންކެޔޮ، އޮރެންޖު، ކަނަމަދު އަދި އާފަލް ހިމެނެއެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ސްޓެއިންލެސް ސްޓީލް ފަދަ ތެލީގައި ކާބޯތަކެތި ކެއްކުމުން ކާނާގައި ކްރޯމިއަމް އެކުލެވެއެވެ. މިގޮތުން ކެއްކުމުގެ ތެރޭގައި ހުތް އަޅައިގެން ކައްކައިފިނަމަ ކްރޯމިއަމް އާއެކު ޑައެޓްރީ ކްރޯމިއަމް ކިޔާ ބާވަތެއް ވެސް އުފެދެއެވެ. މިދެވައްތަރަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ދެވައްތަރެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ކްރޯމިއަމް ހުންނަ މިންވަރު

100ގ ގައި

މައިކްރޯގްރާމް

100ގ ގައި

މައިކްރޯގްރާމް

ކުކުޅުބިހުގެ ގޮބޮޅި

183

އަސޭމިރުސް

35

އަލަނާސި

110

އަންނާރު

22

ކޮތަބިރި

108

އަލަ

16

މޭގަނޑު

55

ބޯވެލިފަތް

10

ހާވަރޑް ޔުނިވަސިޓީ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުން ކްރޯމިއަމް ގިނައިން ހުންނަ ކާނާގެ ބާވަތްތަކުގެ ތެރޭގައި ހޯލް ގްރެއިންސް، ކަނާރު-މަތި އަތާނަ ސީރިއަލްސް، ބުރޮކޯޅި، ފެހިތޮޅި އަދި އަލުވި ފަދަ ތަރުކާރީގެ ބާވަތްތައް، އާފަލް، ދޮންކެޔޮ، ގެރިމަސް، ދޫނިމަސް، ބިހުގެ ގޮބޮޅި، ކަނޑުމަސް އަދި ކޮފީ ފަދަ ބާވަތްތައް ހިމެނެއެވެ (ހާވަރޑް.އެޑިޔު، 2022).

ކްރޯމިއަމްގެ ވަޒީފާ

ހަށިގަނޑުގައި ހަކުރު އޭގެ ރޯލް އަދާކުރުމުގައި ކްރޯމިއަމް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ. ކްރޯމިއަމް އަކީ ގުލްކޯޒް ޓޮލަރެންސް  ފެކްޓަރ އޭ ކިޔާ މާއްދާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ހަށިގަނޑުގައި ހަކަތަ އުފެއްދުމަށްޓަކައި، އިންސިއުލިން އާއެކު ދިރުތަކަށް ގުލްކޯޒު ފޮނުވައިދިނުމުގައި މިމާއްދާ އެހީތެރިވެދެއެވެ. ކްރޯމިއަމް ބޭނުންވާ މިންވަރަށް ހަށިގަނޑަށް ލިބޭނަމަ ލޭގައި ހުންނަ ހަކުރުގެ މިންވަރު އޭގެ ރާޖީގައި ނުވަތަ މަތީމިނާއި، ދަށުމިނުގެ ދޭތެރޭގައި ބެހެއްޓުމަށްޓަކައި ނުވަތަ ހިފެހެއްޓުމަށްޓަކައި ބޭނުންވާ އިންސިއުލިން ބޭނުންކުރަންޖެހޭ ވަރު މަދުވެއެވެ. އެހެންކަމުން ކްރޯމިއަމް އަކީ ގުލްކޯޒު ނުވަތަ ހަކުރު ހަށިގަނޑުގައި ރަމަތަކޮށް ކޮންޓްރޯލް ކުރުމަށް ބޭނުންވާ މާއްދާ އެކެވެ.  ހަމައެފަދައިން ކްރޯމިއަމް އަކީ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކުރާ ބާވަތެކެވެ. އެހެންކަމުން ލޭމައްޗަށްދާ ބަލިން މީހާ ދުރުކޮށް ދިނުމުގައި ކްރޯމިއަމް އެހީވެދެއެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ކްރޯމިއަކް އަކީ ކޮލެސްޓްރޯލްގެ ބާވަތެއް ކަމުގައިވާ ޓްރައިގްލިސިރައިޑް ލޭގައި ގިނަވުމަށް ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. މީގެ އިތުރުން ކާބޯސް އާއި، ފެޓް،އަދި ޕްރޮޓީން ހަށިގަނޑަށް ގިރިބިންކުރުމުގައި ވެސް ކްރޯމިއަމް މުހިއްމު ދައުރެއް އަދާކުރެއެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).  

ހަށިގަނޑަށް ބޭނުންވާ މިންވަރު

ކްރޯމިއަމް ގެ ކަނޑައެޅިފައިވާ ވަކި ކެލަމިން ( ދުވަހެއްގައި ކެއުމަށް ލަފާދޭ މިންވަރު ) އެއް ނޯވެއެވެ. ރަގަޅު ގޮތެއް ކަމަށްބަލަނީ 50 އާއި 200 މައިކްރޯ ގްރާމް އާއި ދެމެދުގެ މިންވަރެއް ލިބޭވަރަށް މިބައި ކާނާގައި ހިމެނުމެވެ. ނަމަވެސް އުމުރުފުރާއަށް ބަލައި އެމެރިކާގެ ނެޝަނަލް އެކަޑަމީ އޮފް ސައިންސްގެ އިންސްޓިޓިއުޓް އޮފް މެޑިސިން އިން ކަނޑައަޅާފައިވާގޮތް މިވަނީ އެވެ.

·         13-9 އަހަރާ ދެމެދުގެ ފިރިހެންކުދިން : ދުވާލަކު 25 މައިކްރޯގްރާމް

·         13-9 އަހަރާ ދެމެދުގެ އަންހެންކުދިން : ދުވާލަކު 21 މައިކްރޯގްރާމް

·         50-19 އަހަރާ ދެމެދުގެ ފިރިހެނުން : ދުވާލަކު 35 މައިކްރޯގްރާމް

·         50-19 އަހަރާ ދެމެދުގެ އަންހެނުން : ދުވާލަކު 30 މައިކްރޯގްރާމް

·         ކިރުމައިން : ދުވާލަކު 45 މައިކްރޯގްރާމް

ނަމަވެސް ހާވަރޑް ޔުނިވަސިޓީގައި ބަޔާންކޮށްފައިވާ ގޮތް ކޮންމެވެސް ވަރަކަށް ތަފާތެވެ. އެގޮތުން އެވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ކްރޯމިއަމް ނެގުން އެދެވޭ މިންވަރަކީ އުމުރުން 50-19 އަހަރާއި ދެމެދުގެ ފިރިހެނުންނަށް ދުވާލަކަށް 35 މައިކްރޯގްރާމް އަދި އެއުމުރުގެ އަންހެނުންނަށް ދުވާލަކަށް 25 މައިކްރޯގްރާމް އެވެ. އުމުރުން 50 އަހަރުން މަތީގެ ފިރިހެނުންނަށް ދުވާލަކަށް 30 މައިކްރޯގްރާމް އެދެވިގެންވާއިރު އެއުމުރުގެ އަންހެނުން ނެގުން އެދެވިގެންވަނީ ދުވާލަކަށް 20 މައިކްރޯގްރާމް އެވެ. މާބަނޑު މީހުން ދުވާލަކު 30 މައިކްރޯގްރާމް ނެގުން އެދެވިގެންވާއިރު، ގާތުންދޭ މައިން ދުވާލަކު 45 މައިކްރޯގްރާމް ނެގުން އެދެވިގެން ވެއެވެ (ހާވަރޑް.އެޑިޔު، 2022).

ކްރޯމިއަމް މަދުވުން

ކްރޯމިއަމް މަދުވުމަކީ ވަރަށް ނާދިރު ކަމެކެވެ. ހަކުރު ގިނަ ކާބޯތަކެތި ބޭނުންކުރުމަކީ ކުޑަކަމުނަޖިހާއެކު ކްރޯމިއަމް ބޭރުވުން އިތުރުކުރާނެ ކަމެކެވެ. މާބަނޑުވުން، ގާތުންދިނުން، ވަރުގަދައަށް ކަސްރަތުކުރުން، ޖިސްމާނީ އަނިޔާއެއްލިބުން، އަދި ބަލިވުމުގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ ވަރުބަލިކަން ފަދަ ކަންކަމަކީ ހަށިގަނޑުން ކްރޯމިއަމް ބޭރުވުން އިތުރުކޮށްފާނެ ކަންކަމެވެ. އެހެންކަމުން މިފަދަ ހާލަތްތަކާއި ގުޅިގެން ކްރޯމިއަމް މަދުވުމަކީ ވެދާނެ ގޮތެކެވެ (ހާވަރޑް.އެޑިޔު، 2022).

ހަށިގަނޑުގައި ކްރޯމިއަމް ހުންނަންވާވަރަށްވުރެ މަދުވެއްޖެނަމަ، ލޭމައްޗަށްދިއުން، ކޮލެސްޓްރޯލް މައްޗަށްދިއުން، ހަކުރުމައްޗަށްދާގޮތް ވެއެވެ. މިފަދަ ބަލިތައް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި، އާދަޔާ ޚިލާފަށް ފިކުރުބޮޑުވުން، ބަނޑުހައިވުން، ބަރުދަން ލުއިވުން، ކަރުހިއްކުން، އަދި އަވަސް އަވަހަށް ކުޑަކަމުދާންޖެހުން ހިމެނެއެވެ. ކްރޯމިއަމް މަދުވުމަކީ ހަކުރު ބަލި ފާޑުގެ ބަލިމަޑުކަމެއް އިހުސާސް ކުރެވޭ ކަމެކެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ކްރޯމިއަމް ލެވެލް އުމުރުން ދުވަސްވުމުން އާންމުކޮށް ހަށިގަނޑުން މަދުވާން ފަށައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަކުރު ބަލި ޖެހުމާއި ލޭމައްޗަށްދިއުން މެދުވެރިވުމަށް މަގުފަހިވެދެއެވެ. އެހެންކަމުން އުމުރުން ދުވަސްވުމުން ކްރޯމިއަމް އެކުލެވޭ ކާނާ ކެއުމުގައި އިތުރަށް ސަމާލުވާން ޖެހެއެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ކްރޯމިއަމް ގިނަވުން

ކްރޯމިއަމް ގިނަވެގެން ވިހަވުމަކީ ވަރަށް ދުރު ކަމެކެވެ. އެމެރިކާގެ ނޭޝަނަލް އެކަޑަމީ އޮފް ސައިންސްގެ އިންސްޓިޓިއުޓް އޮފް މެޑިސިން އިން ތަފާތު ދިރާސާތަކަށްފަހު 2001 ވަނަ އަހަރު ބުނެފައިވާ ގޮތުގައި ކްރޯމިއަމް ކާނާގައި ގިނަވެގެން، ނޫނީ އިތުރު ބޭހެއްގެ ގޮތުގައި ބޭނުންކޮށްގެން ވިހައެއް ނުވާނެއެވެ. އެހެންކަމުން ހަށިގަނޑަށް ކްރޯމިއަމް ތަހައްމަލުކުރެވޭ ގިނަމިނެއް ނުވަތަ ރައްކާތެރި މިނެއް ކަނޑައެޅިފައެއް ނުވެއެވެ (ސާލިހު އަދި ވަޙީދު، 2003، ސާލިހު އަދި ވަޙީދު، 2014).

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.

ހަވާލާ

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.hsph.harvard.edu/nutritionsource/chromium  

No comments:

Post a Comment