Sunday, September 19, 2021

ފެމޯރަލް ހާނިއާ

ފެމޯރަލް ހާނިއާ

ފެމޯރަލް ހާނިއާ(Femoral hernia)  އަކީ ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، އުކުޅުވަޅާ ހަމައިން ފައިގެ ފަލަމަސްގަނޑަށް ނިކުތުމެވެ. މިއީ އިންގްއައިނަލް ހާނިއާ ފަދައިން އާންމުކޮށް ކުރިމަތިވާ ވައްތަރެއް ނޫނެވެ. ފެމޯރަލް ހާނިއާ ބައެއް ފަހަރު ފާޅުވަނީ ފައިގެ ފަލަމަސްގަނޑުން މަތިން އެތެރެ ފަރާތުގައި ނުވަތަ އުކުޅުވަޅުގައި އުފެދޭ ރިހުންހުރި ދުޅައެއްގެ ސިފައިގައެވެ. މިގޮތަށް އުފެދޭ ހާނިއާގެ ދުޅަ އޮބާލުމުން އެތެރެއަށް ވަންނާނެ އެވެ. ނުވަތަ އޮށޯތުމުން މިދުޅަ އެތެރެއަށް ވަނދެ ހިނދިދާނެ އެވެ. ކެއްސާލުމުން ނޫނީ ބާރެއްލުމުން ހާނިއާގެ ދުޅަ ފާޅުވާނެ އެވެ.


ފެމޯރަލް ހާނިއާ ގިނައިން ކުރިމަތިވަނި އުމުރުން ދުވަސްވީ އަންހެނުންނަށެވެ. މިއީ އުކުޅުވަޅުން ބޭރުގައި އުފެދޭ ހާނިއާ އެކެވެ. ފެމޯރަލް ހާނިއާ އަކީ ވެސް އުމުރުން ދުވަސްވުމާއި، ތަކުރާރުކޮށް ބަނޑަށް ޕްރެޝަރު އަންނަ ފަދަ ކަންތައްތައް މިސާލަކަށް ބަރުތަކެތި އުފުލައިހެދުން ކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ހާނިއާ އެކެވެ. އުކުޅުވަޅުގައި އުފެދޭ ހާނިއާ ގެ ތެރެއިން ފެމޯރަލް ހާނިއާ ގެ ނިސްބަތަކީ އެންމެ %3  އެވެ.

ސަބަބު

ފެމޯރަލް ހާނިއާ އުފެދޭ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ . ނަމަވެސް ބެލެވޭ ގޮތުގައި އާންމު ގޮތެއްގައި ފެމޯރަލް ހާނިއާ އުފެދެނީ ސަރުބީ ސެލޯށި، ނޫނީ ކުޑަގޮހޮރުން ބައެއް، އުކުޅުވަޅާ ހަމައިން ފައިގެ ފަލަމަސްގަނޑަށް ނިކުތުމުންނެވެ. ފެމޯރަލް ހާނިއާ ނިކުންނަނީ ބަނޑުގެ މަސްފަށަލައިގައި އިންނަ ބާރުދެރަ ތަންކޮޅެއް ފޫއަޅުވާފައި ގޮސް "ފެމޯރަލް ކެނަލް"(femoral canal) ކިޔޭ ތަނަކަށެވެ. އިންގުއައިނަލް ހާނިއާ އާޢި ޚިލާފަށް ފެމޯރަލް ހާނިއާ ގިނައިން ކުރިމަތިވަނި އުމުރުން ދުވަސްވީ އަންހެނުންނަށެވެ. އެއީ އުފެދުމުގައި އަންހެނުންގެ ޅިނދު ފިރިހެނުންނަށްވުރެ ފުޅާކޮށް އިންނާތީ އެވެ. ކުޑަކުދިންނަށް ފެމޯރަލް ހާނިއާ ކުރިމަތިވުމަކީ ވަރަށް ނާދިރު ކަމެކެވެ.

މެދުވެރިވުމަށް ދިމާވާ ސަބަބުތައް

އުކުޅުވަޅަށް ނުވަތަ ބަނޑަށް ޕްރެޝަރު ކުރިމަތިވެ، ބާރުވާ ކަހަލަ ކަންކަމުގެ ސަބަބުން ފެމޯރަލް ހާނިއާ ކުއްލިއަކަށް ކުރިމަތިވެދާނެ އެވެ. އެގޮތުން ފެމޯރަލް ހާނިއާ މެދުވެރިވުމަށް ދިމާވާ ހާލަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަނޑުހިކިފައި ހުރުމުން ބޮޑުކަމުދާއިރު ހިފާލަންޖެހުން

·         ބަރުތަކެތި އުފުލައި ހެދުން

·         ދިގުމުއްދަތަކަށް ނުފިލާ ކެއްސުމެއް ހުރުން

·         އާދަޔާ ޚިލާފަށް ބަރުހެލިވެ ފަލަވުން

·         ވިހެއުން ( ވިހާއިރު ހިފާލަންޖެހުން)

·         ބަނޑުގައި ފެންހެދުން

·         ޑަޔަލިސިސް ހެދުން ނޫނީ ގުރުދާގެ ބައްޔަށް ފަރުވާ ހޯދަމުންދިއުން

·         ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ހުރުން

ފެމޯރަލް ހާނިއާ އަށް މަގުފަހިކުރުވާ ކަންތައްތައް

ފެމޯރަލް ހާނިއާ މަގުފަހިކުރުވާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ޖިންސް : ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ފެމޯރަލް ހާނިއާ ކުރިމަތިވެދާނެ އެވެ. ނަމަވެސް އަންހެނުންނަށް ފެމޯރަލް ހާނިއާ ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ 10 ގުނަ އިތުރެވެ. މިގޮތަށް ދިމާވަނީ އުފެދުމުގައި އަންހެނުންގެ ޅިނދު ފިރިހެނުންނަށްވުރެ ފުޅާވާތީ ކަމަށް ބެލެވެއެވެ.

·         އުމުރު : ކުޑަކުދިންނަށްވުރެ ބޮޑެތި މީހުންގެ މެދުގައި ފެމޯރަލް ހާނިއާ ކުރިމަތިވުން އާންމެވެ. ކުޑަކުދިންނަށް ދިމާވި ކަމުގައި ވިޔަސް ދިމާވެފައި ހުންނަނީ އެހެން ޞިއްޙީ މައްސަލައެއް މިސާލަކަށް ކަނެކްޓިވް ޓިޝޫ ޑިސްއޯޑަރ ފަދަ ބައްޔެއް ހުރުމުގެ ސަބަބުންނެވެ. ކުޑަކުދިންނަށް ފެމޯރަލް ހާނިއާ ކުރިމަތިވާއިރު %70 ކުރިމަތިވަނީ އުމުރުން 1 އަހަރުން ދަށުގެ ކުޑަކުދިންގެ މެދުގައިކަން ފާހަގަ ކުރެވެއެވެ.

·         އާއިލާގައި ދައުރުވަމުން އައުން : އާއިލާގައި ގާތްތިމާގެ މީހުންގެ ތެރޭގައި  ފެމޯރަލް ހާނިއާ ކުރިމަތިވި މީހުން ތިބި ކަމުގައިވާނަމަ އެމީހަކަށް ފެމޯރަލް ހާނިއާ ކުރިމަތިވުމުގެ ފުރުޞަތު 8 ގުނަ އިތުރެވެ.

އަލާމާތްތައް

ފެމޯރަލް ހާނިއާގެ އަލާމާތްތަކުގެ ތެރޭގައި ފައިގެ ފަލަމަސްގަނޑުގެ އެތެރެ ފަރާތުގައި ނުވަތަ އުކުޅުވަޅުގައި ދުޅައެއް ނުވަތަ ފުއްޕުމެއް ހުރުން، އުކުޅުވަޅަށް އުދަނގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ހާނިއާގެ ދުޅައިގައި ރިހި، ބީހިލުމުން އިތުރަށް ރިއްސާކަން ފާހަގަ ކުރެވޭނެ އެވެ. އޮށޯތުމުން ހާނިއާގެ ދުޅަ ހިނދި، އުކުޅުވަޅަށް ނުވަތަ ބަނޑަށް ބާރުވާ ފަދަ ކަމެއް ކުރުމުން ދުޅަ އިތުރުވެ ފާޅުވެ ފެންނަށް ހުންނާނެ އެވެ. މީގެ އިތުރުން ބައެއް ފަހަރު ބަނޑުގައި ރިހުމާއި، މޭނުބައިކޮށް ހޮޑުލެވުމަކީ އެކަށީގެންވާ ކަމެކެވެ.

ނުރައްކާތައް

ފެމޯރަލް ހާނިއާގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) އިންކަރސީރޭޓެޑް ފެމޯރަލް ހާނިއާ (incarcerated femoral hernia): މީގެ މާނައަކީ ހާނިއާގެ ގޮތުގައި ނިކުމެފައިވާ ބައި ފެމޯރަލް ކެނަލްގެ ތެރޭގައި ތާށިވެ، އޮބާހެދުމުން ވެސް އަނބުރާ ބަނޑުގެ ތެރެއަށް ނުވަތަ އޭގެ މަގާމަށް ނުދިއުމެވެ. މިވައްތަރަށް އިރެޑިޔުސަބަލް ހާނިއާ އޭ ކިޔައެވެ.

(ށ) އޮބްސްޓްރަކްޓެޑް ފެމޯރަލް ހާނިއާ (obstructed femora hernia): މީގެ މާނައަކީ މީގެ މާނައަކީ ކުޑަގޮހޮރުން ބައެއް  އުކުޅުވަޅުގައިވާ ފެމޯރަލް ކެނަލްގައި ތާށިވެ، މައްޗަށް ނުގޮސް ފެމޯރަލް ކެނަލް ބެދުމެވެ. އަދި މިކަމުގެ ސަބަބުން ކުޑަ ގޮހޮރު ވެސް ބެދުމެވެ. މިގޮތަށް ދިމާވެއްޖެނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބަނޑުގައި ރިހުން، އަދި އުކުޅުވަޅުގައި ފުއްޕުމެއް ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ނ) ސްޓްރެންގިޔުލޭޓެޑް ފެމޯރަލް ހާނިއާ (strangulated femoral hernia): މީގެ މާނައަކީ ކުޑަގޮހޮރުން ބައެއް ހިފެހެއްޓޭގޮތްވެ، ތާށިވެ، އެއަށް ލޭފޯރުކޮށްދިނުން ހުއްޓޭގޮތް ވުމެވެ. މިހާލަތުގައި ވީއެންމެ އަވަހަކަށް ފަރުވާ ނުކޮށްފިނަމަ ސެލޯށިތައް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ސްޓްރެންގިޔުލޭޝަން ކުރިމަތިވަނީ އިސްވެދިޔަ އޮބްސްޓްރަކްޝަން ނުވަތަ އިންކަރސީރޭޝަން ކުރިމަތިވެ، އެއަށް ފަރުވާ ނުކުރެވިއްޖެނަމަ އެވެ. ހުރިހާ ވައްތަރެއްގެ ހާނިއާގައި ވެސް ސްޓްރެންގިޔުލޭޝަން ކުރިމަތިވެދާނެ އެވެ. ނަމަވެސް އެހެން ވައްތަރުތަކަށްވުރެ އިންގުއައިނަލް ހާނިއާ އަދި ފެމޯރަލް ހާނިއާގައި މިވައްތަރު އިތުރުކަން ފާހަގަ ކުރެވެއެވެ.

ސްޓްރެންގިޔުލޭޝަންގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ހާނިއާގެ ދުޅައިގައި ކުއްލިއަކަށް ވަރަށް ބޮޑަށް ރިއްސަން ފެށުން

·         ހުންއައުން

·         މޭނުބައިކުރުން

·         ހޮޑުލެވުން

·         ހިތުގެ ވިންދު އަވަސްވުން

·         ހާނިއާގެ ދުޅައިގެ ވަށައިގެންވާ ހަންގަނޑު ރަތްވުން

ދެނެގަތުން

ފެމޯރަލް ހާނިއާ ހުރިކަމަށް ޝައްކުކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. ފެމޯރަލް ހާނިއާގެ 40%40-30 ވޭދަނައިގައި އަލާމާތްތައް ފެންނަނީ ނުވަތަ ހާނިއާ ހުރިކަން ފާހަގަވަނީ ބަލީގެ ނުރައްކާތައް (އޮބްސްޓްރަކްޝަން ނޫނީ ސްޓްރެންގިޔުލޭޝަން) ކުރިމަތިވުމުންނެވެ. އާންމު ގޮތެއްގައި ޑޮކްޓަރުން ބޭރުފުށުން ހަށިގަނޑު ނޫނީ ހާނިއާ އުފެދިފައިވާ ހިސާބުގައި ހުރި ދުޅަ ބަލައި ޗެކުކޮށް އެއީ ހާނިއާ ކަން ކަށަވަރުކުރާނެ އެވެ. އެއަށްފަހު އިމޭޖިންގ ޓެސްޓު ( އެކްސްރޭ ، އަލްޓްރާ ސައުންޑް ސްކޭން، ސީޓީ ސްކޭން ނޫނީ އެމްއާރުއައި ފަދަ ) ތައް ހެދުމަށް ލަފާދޭނެ އެވެ.

އިންގުއައިނަލް ހާނިއާ އާއި، ފެމޯރަލް ހާނިއާ ބައެއް ފަހަރު ވަކިކުރަން އުދަނގޫ ވެއެވެ. މި ދެވައްތަރުގެ ހާނިއާ ވަކިކުރަނީ މި ދެވައްތަރުގެ ހާނިއާ އާއި އިންގުއައިނަލް ލިގަމެންޓް އާއި އޮންނަ ގުޅުމަށް ރިއާޔަތްކޮށެވެ. އެގޮތުން އުކުޅުވަޅުގައި އުފެދޭ ހާނިއާ ގެ ތެރެއިން އިންގުއައިނަލް ލިގަމެންޓް އަށްވުރެ މަތީގައި އުފެދޭ ހާނިއާ އަކީ އިންގުއައިނަލް ހާނިއާ އެވެ. އިންގުއައިނަލް ލިގަމެންޓް އަށްވުރެ ތިރީގައި އުފެދޭ ހާނިއާ އަކީ ފެމޯރަލް ހާނިއާ އެވެ.

ފަރުވާ

ވަރަށް ކުޑަކޮށް ފެމޯރަލް ހާނިއާ އުފެދިފައިވާނަމަ އެކަމަށް އޮޕަރޭޝަން ކުރާކަން ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ޑޮކްޓަރުން ގަވާޢިދުން އެތަން ބަލަމުންގެންދާނެ އެވެ. އޭގެ ބޭނުމަކީ އިތުރަށް ގޯސްވޭތޯ އާއި، އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވަމުން އާދޭތޯ ބަލަމުން ގެންދިއުމެވެ. ފެމޯރަލް ހާނިއާގެ ފަރުވާގައި މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ހާނިއާ ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރުމެވެ.  

އޮޕަރޭޝަންކުރުން

ފެމޯރަލް ހާނިއާގެ ފަރުވާގައި މައިގަނޑު ގޮތެއްގައި ކުރެވޭ ކަމަކީ ހާނިއާ ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރުމެވެ.ފެމޯރަލް ހާނިއާ އަކީ ވެސް އޮޕަރޭޝަން ކޮށްގެން ރަނގަޅުކުރެވިދާނެ ހާނިއާ އެކެވެ. އެހެން ހާނިއާ ތަކާއި ޚިލާފަށް ފެމޯރަލް ހާނިއާ ހުރިކަމުގައިވާނަމަ ލަސްނުކޮށް އޮޕަރޭޝަން ކުރުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ފެމޯރަލް ހާނިއާގެ ސަބަބުން ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް ބޮޑުވާތީ އެވެ.

އާންމު ގޮތެއްގައި އޮޕަރޭޝަންގެ ކުރިން ކެއިންބުއިން ހުއްޓާލަންވީ ކިހާއިރެއްގެ ކުރިންކަން ހަސްފަތާލުން ބަލިމީހާއަށް އަންގާނެ އެވެ. މިއީ އާންމު ގޮތެއްގައި ހޭނައްތައިގެން ކުރާ އޮޕަރޭޝަނެކެވެ. ނަމަވެސް ބައެއް ފަހަރު ކަފާލައިގެން އޮޕަރޭޝަން ކުރާއިރު ހާނިއާ ހުރި ހިސާބު އައްސިކޮށްގެން އޮޕަރޭޝަން ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި އޮޕަރޭޝަނަށް ހޭދަވާނީ 45-30 މިނިޓާއި ދެމެދުގެ ވަގުތެކެވެ. ގިނަ ފަހަރު އޮޕަރޭޝަންކުރާ ދުވަހު، ނުވަތަ ޖެހިގެން އަންނަ ދުވަހު ގެޔަށް ދޫކޮށްލާނެ އެވެ. ނަމަވެސް ޞިއްޙީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއް ހުންނަ މީހެއް ނަމަ އެއަށްވުރެ ގިނަ ދުވަހު ހަސްފަތާލުގައި ހޭދަކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ދެގޮތަކަށް ފެމޯރަލް ހާނިއާ ރަނގަޅުކުރުމަށް އޮޕަރޭޝަން ކުރެވެއެވެ. އެއީ ކަފާލައިގެންނާއި، ލޯވަޅު ތޮރުފައިގެން އޮޕަރޭޝަން ކުރުމެވެ.

ކަފާލައިގެން އޮޕަރޭޝަންކުރުން : ކަފާލައިގެން އޮޕަރޭޝަން ކުރުމަށް ހާނިއާ ހުރި ހިސާބުން ކުޑަ ތަންކޮޅެއް (ގާތްގަނޑަކަށް 4-3 ސމ ވަރުގެ ) ކަފާލުމަށްފަހު، ފެމޯރަލް ކެނަލް ހުޅުވައި، ހާނިއާގެ ގޮތުގައި ނިކުމެފައިވާ ބައި (ސަރުބީ ސެލޯށި ނުވަތަ ގޮހޮރުން ބައެއް) އޭގެ މަގާމަށް ގެންގޮސް ނުވަތަ އެތެރެއަށް ޖައްސައި، ހާނިއާ ރަނގަޅުކުރާނީ އެވެ. ހާނިއާ ރަނގަޅުކުރުމަށް ފެމޯރަލް ކެނަލް ބައްދާލާއިރު މެޝް ޕްލަގް އެއް ބޭނުންކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެއަށްފަހު އެންމެ ބޭރުން ހަމުގައި ކަފާލެވިފައިވާ ތަންކޮޅު ރޮނދިން ފަހާލާނީ އެވެ. އޮޕަރޭޝަނަށްފަހު ދުވަސްކޮޅެއްގެ ތެރޭގައި ފެހުމަށް ބޭނުންކުރެވޭ ރޮނދި ވިރިގެންދާނެ އެވެ.

ލޯވަޅު ތޮރުފައިގެން އޮޕަރޭޝަންކުރުން : މިގޮތަށް އޮޕަރޭޝަން ކުރުމަށް ދެތިން ތާކުން ކުޑަކުޑަކޮށް ކަފާލުމަށްފަހު އެތަންތަނުން ލެޕަރޮސްކޯޕް އަދި އޮޕަރޭޝަންކުރުމަށް ބޭނުންވާ އަދަވާތްތައް އެތެރެއަށް ފޮނުވައިގެން އޮޕަރޭޝަން ކުރަނީ އެވެ.

މިއިން ކޮންމެ ވައްތަރަކުން ކުރިޔަސް ފައިދާތަކާއި، ގެއްލުންތައް ހުރެއެވެ. އާންމު ގޮތެއްގައި އޮޕަރޭޝަންކުރާ ދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު ގެޔަށް ދޫކޮށްލާނެ އެވެ. އޮޕަރޭޝަނަށްފަހު ޑޮކްޓަރުން ދޭ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ބަނޑުހަރުވިޔަނުދިނުމަށްޓަކައި ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުމާއި، ބޮޑުކަމުދިޔުމަށް ހިފާލުން ފަދަ ކަންކަމުން ދުރުހެލިވުމާއި، ހާނިއާ ރަނގަޅުކުރުމަށް ކަފާލި ތަނުގެ ފާރުގަނޑު ރަނގަޅަށް ސާފުކޮށް ބޭސް އަޅައި ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ. ލޯވަޅު ތޮރުފައިގެން އޮޕަރޭޝަންކުރާއިރު ކުޑަކުޑަ ތަންކޮޅެއް ކަފާލާތީ ބަލިމީހާއަށް އިހުސާސްކުރެވޭ ތަދާއި ރިހުން ނިސްބަތުން ލޯވަޅު ތޮރުފައިގެން އޮޕަރޭޝަން ކުރުމުން ކުޑަވާނެ އެވެ.ނަމަވެސް އޮޕަރޭޝަނުގެ ތެރޭގައި ގޮހޮރަށް ގެއްލުންވުން ފަދަ ހާދިސާތައް ކުރިމަތިވުމުގެ ފުރުޞަތު ލޯވަޅު ތޮރުފައިގެން އޮޕަރޭޝަން ކުރާއިރު އިތުރުކަން ފާހަގަ ކުރެވެއެވެ. އޮޕަރޭޝަނަށްފަހު ހާނިއާ އަލުން އެނބުރި އުފެދިގެން އައުމުގެ ފުރުޞަތު ދެވައްތަރުގެ އޮޕަރޭޝަނުގައި ވެސް ދާދި އެއްވަރެވެ.

އާންމު ގޮތެއްގައި ގިނަ މީހުން އޮޕަރޭޝަން ކުރާތާ ގާތްގަނޑަކަށް 6 ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ރަނގަޅުވެއެވެ. ނަމަވެސް އަނެއް ބައިމީހުން އެންމެ 2 ހަފްތާއެއް ދުވަހުގެ ތެރޭގައި އެނބުރި އެމީހަކު ކުރަމުން އައި މަސައްކަތަށް ރުޖޫޢަވާކަން ފާހަގަ ކުރެވެއެވެ.

ފެމޯރަލް ހާނިއާ ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށްފަހު ދިމާވެދާނެ ނުރައްކާތައް

މިއޮޕަރޭޝަނަށްފަހު ވެސް ތަފާތު ހިރާސްތަކާއި ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން އޮޕަރޭޝަނަށް ފަހު ކުރިމަތިވެދާނެ ބައެއް ނުރައްކާތައް ތިރީގައި މިވަނީ އެވެ.

·         އަލުން ފެމޯރަލް ހާނިއާ އުފެދުން

·         އޮޕަރޭޝަން ކުރި ތަނުގައި އަނެއްކާ ވެސް ހާނިއާގެ ދުޅައެކޭ އެއްގޮތަށް ދުޅައެއް އުފެދުން

·         ހާނިއާގެ އޮޕަރޭޝަން ކުރި ހިސާބުން ލޭއައުން

·         ހާނިއާގެ އޮޕަރޭޝަން ކުރި ހިސާބުގައި އިންފެކްޝަން ހެދުން

·         ކުޑަކަމުދާން ދަތިވުން

·         ނުސާފުލޭ އުފުލައިދޭ ލޭހޮޅި ފެމޯރަލް ވެއިން އަށް ގެއްލުންވުން

·         ގޮހޮރަށް ގެއްލުން

·         ވަގުތީ ގޮތުން ފައިގެ ބާރުދެރަވުން

·         ނާރުތަކަށް ގެއްލުންވެ އުކުޅުވަޅު އައްސިވެ ރިހުން

·         އެތެރެހަށީގެ ގުނަވަންތަކަށް (ކުޑަގޮހޮރު، މަސާނާ، ގުރުދާ، ފައިގެ ލޭހޮޅިތަކާއި ، ފަތިނާރުތައް) ގެއްލުންވުން

އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ފެމޯރަލް ހާނިއާ ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށްފަހު ތަފާތު ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް އިތުރުވެވެ.

އޮޕަރޭޝަނަށްފަހު ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ހާލަތްތައް

ފެމޯރަލް ހާނިއާ ރަނގަޅުކުރުމަށް ކުރެވޭ އޮޕަރޭޝަނަށްފަހު އަންނަނިވި ކަންތައްތައް ކުރިމަތިވެއްޖެނަމަ ކޮންމެހެން ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ.

·         ގަދަޔަށް ހުންއައުން ( ހުން ނުފިލާ 38 ޑިގްރީ ސެލްޒިޔަސް އަށްވުރެ މަތީގައި ހުރުން)

·         އޮޕަރޭޝަން ކުރި ތަނުން މެދުނުކެނޑި ނޫނީ ވަރަށް ބައިވަރު ލޭއައުން

·         ބަނޑުގައި ދުޅަ އިތުރުވެ، ރިއްސުން

·         ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ވެސް އޮޕަރޭޝަން ކުރި ތަނުން ރިހުން ނުފިލުން

·         މޭނުބައިކޮށް ހޮޑުލެވުން

·         ހީކެރުވުން

·         ކެއްސުމާއި، ނޭވާލާން އުދަނގޫވުން

·         ކަފާލިތަން ވަށައިގެން ނޫނީ ފާރުގަނޑު ވަށައިގެން ރަތްކަން އިތުރުވުން

·         ކުޑަކަމުދާން ދަތިވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://my.clevelandclinic.org/health/diseases/15757-hernia

https://www.medicalnewstoday.com/articles/324118

https://www.nhs.uk/conditions/femoral-hernia-repair/#

https://generalsurgery.ucsf.edu/conditions--procedures/femoral-(thigh)-hernia.aspx 

No comments:

Post a Comment