Tuesday, March 24, 2015

ދުނިޔޭގެ ޓީބީ ދުވަސް


މިއަދަކީ ދުނިޔޭގެ ޓީބީ ދުވަސް
މިއަދު 24 މާރިޗު 2015 އަކީ ދުނިޔޭގެ ޓީބީ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ 1882 ވަނަ އަހަރު ޑރ ރޮބާޓް ކޮކް ޓީބީ ޖައްސާ ޖަރާސީމް "މައިކޮބެކްޓީރިއަމް ޓިއުބަކިއުލޯސިސް" ހޯއްދެވި ތާރީޚާއި ގުޅުވައިގެންނެވެ. މިއަހަރު ޓީބީ ދުވަހަށް އެމެރިކާގެ ސީޑީސީ އިން ކަނޑައަޅާފައިވާ ޝިޢާރަކީ " ޓީބީގެ ބަލި މީހުން ހޯދާ، ފަރުވާކުރޭ. ޓީބީ ނައްތާލުމަށް ގުޅިގެން މަސައްކަތްކުރަމާ" މިއެވެ. ނަމަވެސް އާންމުކޮށް ގިނަ ގައުމުތަކުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ " ޓީބީ ބަލީގެ ނުރައްކާއޮތް ކޮންމެ މީހަކު ދެނެގަނެ ފަރުވާ ދިނުން" މިއެވެ. 


ދުނިޔޭގެ ޓީބީ ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ ޓީބީ(ކެއްސުން ބަލި) އާއި މެދު އާންމު ހޭލުންތެރިކުރުމާއި، ޓީބީ ބަލިން ރައްކާވެ ތިބުމާއި، ޓީބީ ބަލި ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމަށް އާންމުންނަށް ބާރުއެޅުމެވެ. ޓީބީ ދުވަހަކީ ޓީބީ އާއި ގުޅުންހުރި މައްސަލަތަކާއި މެދު އާންމުން ހޭލުންތެރިކުރުމަށް ލިބިގެންދާ ފުރުޞަތެކެވެ. 

2014 ވަނަ އަހަރު މެއި މަހުގެ ތެރޭގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އާންމު ބައްދަލުވުމުގައި ޓީބީ ގެ ނުރައްކާ ކުޑަކުރުމަށް 20 އަހަރުގެ (2035 – 2016) ޕްލޭނެއް ކަނޑައަޅައި ޓީބީ އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ނިންމާފައި ވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އޭޑްސް ބަލި ނެގުމަށްފަހު، ބަލި ޖައްސާ ޖަރާސީމެއްގެ ސަބަބުން ދެވަނަ އަށް އެންމެ ގިނައިން މީހުން މަރުވަނީ ޓީބީ ޖެހިގެންނެވެ. 2013 ވަނަ އަހަރު އެކަނިވެސް 9 މިލިޔަން މީހުންނަށް ޓީބީ ޖެހި، 1.5 މިލިޔަން މީހުން ޓީބީ ގައި މަރުވެ ގޮސްފައި ވެއެވެ. ޓީބީ ޖެހިގެން މަރުވާ މީހުންގެ ތެރެއިން %95 މީހުން މަރުވަނީ މެދު އަދި ދަށް ފަންތީގެ (ފަގީރު) ގައުމު ތަކުގައެވެ. އުމުރުން 44-15 އަހަރާ ދެމެދުގެ އަންހެނުން އެންމެ ގިނައިން މަރުވާ 5 ސަބަބު ގެ ތެރޭގައި ވެސް ޓީބީ ހިމެނެއެވެ. 2013 ވަނަ އަހަރު 5ލައްކަ 50 ހާސް ކުޑަކުދިންނަށް ޓީބީ ޖެހިފައިވާކަމަށް ލަފާކުރާއިރު، 80 ހާސް ކުދިން ޓީބީގައި މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. ލަފާކުރެވިފައިވާ ގޮތުގައި 2013 ވަނަ އަހަރު 480 ހާސް މީހުންނަށް ބޭހަށް ނުގުޑާ ޓީބީ ޖެހިފައި ވެއެވެ. 2013- 2000 ވަނަ އަހަރާއި ދެމެދު ލަފާކުރެވޭ ގޮތުން 37 މިލިޔަން މީހުން ޓީބީހުރިކަން ދެނެގަނެވި، ފަރުވާކުރެވި ރަގަޅުކުރެވިފައި ވެއެވެ. 

ކެއްސާ ކިނބިހިއަޅައި، ކުޅުޖެހުމުގެ ތެރޭގައި ބޭރުވާ ކުޅު ވައިގެ ތެރެއަށް ގޮސް، ވައިގެ ޒަރީޢާއިން އަނެކާގެ ހަށިގަނޑަށް ވާޞިލްވާ ޖަރާސީމްގެ ސަބަބުން ފެތުރޭ ޓީބީ އަކީ ފަރުވާކުރެވިދާނެ، އަދި ރައްކާތެރިވެވިދާނެ ބައްޔެކެވެ. މަދު މިންވަރެއްގެ ޖަރާސީމް ނޭވާލުމުގެ ޒަރީޢާއިން ހަށިގަނޑަށް އެތެރެވި ނަމަވެސް ޓީބީ ޖެހިދާނެ އެވެ.

2 comments: