Thursday, February 4, 2016

ބަނޑުގެ ކެންސަރު

ބަނޑުގެ ކެންސަރު
ބަނޑުގެ ނުވަތަ މައިދާގެ ކެންސަރު ޖެހޭތާ ކުރީކޮޅު ބަލި ދެނެގަނެ ފަރުވާ ކުރެވިއްޖެނަމަ ވަރަށް ގިނަ ފަހަރު ބަލި ފަސޭހަ ވެއެވެ. ބަނޑުގެ ކެންސަރުގެ އެންމެ އާންމު ވައްތަރަކީ ބަނޑުގެ އެތެރޭގެ ބަތާނަ ފަށުގެ ސެލްތަކުގައި "އެޑީނޯކާސިނޯމާ" އޭ ކިޔޭ ކެންސަރެވެ. 
ބަނޑުގެ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާ، މަގުފަހިކުރާ ކަންތައްތައް
ބަނޑުގެ ކެންސަރު ޖެހޭ ވަކި ޚާއްޞަ ސަބަބެއް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް ބަނޑުގެ ކެންސަރު ޖެހުމަށް މަގުފަހިކުރާ ބައެއް ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ. އެފަދަ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.
·         ކެއުމުގައި ދުންއަޅައި، ލޮނުއަޅައި، ދިލަޖައްސައި، ވަޅޯކޮށްފައި ހުންނަ މަސް މާގިނައިން ބޭނުންކުރުން
·         ކެއުމުގައި ތަރުކާރީއާއި، މޭވާގެ ބާވަތްތައް ބޭނުންކުރުން މަދުކުރުން
·         އެފްލާޓޮކްސިން ކިޔާ ފަންގަސްގެ ވައްތަރަކާ ތަޣައްޔަރުވެފައިވާ ކާނާ ބޭނުންކުރުން
·         އާއިލާގެ ތެރޭގައި ބަނޑުގެ ކެންސަރު ދައުރުވަމުން އައުން
·         ހެލިކޮބެކްޓަރ ޕައިލޮރީ ކިޔާ ޖަރާސީމެއްގެ ސަބަބުން ބަނޑުގައި އިންފެކްޝަން އުފެދުން
·         ދިގުމުއްދަތަކަށް ބަނޑުގައި އިންފްލެމޭޝަން އުފެދި ރަނގަޅުނުވެ ހުރުން
·         ދުންފަތުގެ އިސްތިއުމާލުކުރުން
·         ބަނޑުގައި ޕޮލިޕް އުފެދުން
ބަނޑުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުމީހުން
·         މައިދާގައިހެލިކޮބެކްޓަރޕައިލޯރީކިޔާޖަރާސީމްއުފެދިފައިވުން
·         މައިދާގައި ފާރު އުފެދިފައިވާ މީހުން
·         ލޭގެ ވިޓަމިން ބީ12ގެ މާއްދާ މަދުވުން
ބަނޑުގެ ކެންސަރުގެ ވައްތަރުތައް
(ހ) އެޑީނޯކާސިނޯމާ : އެޑީނޯކާސިނޯމާ އަކީ ބަނޑުގެ އެތެރޭގެ ބަތާނަ ފަށުގައި ހުންނަ ދަވަ ދޫކުރާ ސެލްތަކުގައި އުފެދޭ ކެންސަރެވެ. ބަނޑުގެ އެތެރޭގެ ބަތާނަ ފަށުގައި ހުންނަ ދަވަދޫކުރާ ސެލްތަކުން ދޫކުރާ ދަވަ އަކީ ބަނޑުގައި އުފެދޭ ގޭހުން ބަނޑުގެ ބަތާނަ ފަށް ރައްކާތެރިކޮށްދޭ އެއްޗެކެވެ. އެންމެ އާންމުކޮށް ފެންނަ ބަނޑުގެ ކެންސަރަކީ "އެޑީނޯކާސިނޯމާ" އެވެ.

(ށ) ލިމްފޯމާ : ލިމްފޯމާ އަކީ ބަނޑުގެ ބަތާނަ ފަށުގައި ހުންނަ ދިފާޢީ ނިޒާމްގައި ހަރަކާތްތެރިވާ ސެލްތަކުގައި އުފެދޭ ބަނޑުގެ ކެންސަރުގެ ބާވަތެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެކެވެ.

(ނ) ކާސިނޮއިޑް ކެންސަރު : ކާސިނޮއިޑް ކެންސަރަކީ ބަނޑުގެ ބަތާނަ ފަށުގައި ހުންނަ ހޯރމޯން އުފައްދާ ސެލްތަކުގައި އުފެދޭ ކެންސަރުގެ ވައްތަރެކެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެކެވެ. 

(ރ) ގެސްޓްރޯއިންޓެސްޓައިނަލް ސްޓްރޯމަލް ޓިއުމަރ : މިއީ ވެސް ވަރަށް މަދުން ފެންނަ ބަނޑުގެ ކެންސަރުގެ ވައްތަރެކެވެ. 

ބަނޑުގެ ކެންސަރުގެ އަލާމާތްތައް
ބަނޑުގެ ކެންސަރުގެ ކުރީކޮޅުގައި ގިނަ އަލާމާތްތަކެއް ނުފެނެއެވެ. ނަމަވެސް އާންމުކޮށް ފެނިދާނެ ބައެއް އަލާމާތްތަކަކީ:
·         ބަނޑަށްއުނދަގޫވުން (ހަޖަމުގެ ސަބަބުން) ނުވަތަ ބަނޑަށް ތަދުވުން
·         ކެއުމާއި ގުޅިގެން މާބޮޑަށް ފުރިފައި ހުންނަގޮތްވުން (ކެއުމުގެ ފަހުން ބަނޑުފުއްޕާގޮތްވުން)
·         މޭނުބައިކުރާގޮތްވުން
·         ކާހިތްނުވުން
·         މެއިން ދިލަނެގުން ނުވަތަ މޭއަންދާގޮތްވުން
މައިދާގައި ނުވަތަ ބަނޑުގައި ކެންސަރު އުފެދުމުން މައިދާގައި ފާރު އުފެދުމުން ކުރެވޭ ކަހަލަ އިހްސާސްތަކެއް ކުރުވައެވެ. އަދި ކެންސަރުގެ އަސަރުތައް މައިދާގެ ބޮޑު ބަޔަކަށް ފެތުރިއްޖެނަމަ، އިތުރު އުދަގޫތަކާއި ކުރިމަތި ވެއެވެ. އޭގެ ތެރޭގައި:-
·         ބަނޑުގެ މަތީބަޔާއި، މެދުތެރެއަށް ތަދުވެ، އުދަނގޫތައް ބޮޑުވުން
·         ބޮޑުކަމުދާ ނަޖިހުގެ ކުލަ ކަޅުވުން : މިގޮތަށް ދިމާވަނީ މައިދާގެ ތެރެއަށް ލޭއައިސް ބޭރުނުވެ ގިނައިރު އެތެރޭގައި ހުންނަގޮތްވުމުންނެވެ. ބައެއް ފަހަރު ބޮޑު ކަމު ނަޖިސް ކަޅު ތާރު ހެން ހުރެދާނެ އެވެ.
·         އާދަޔާ ޚިލާފަށް ހޮނޑުލުމާއި، ހޮނޑުލާއިރު ލޭގެ އަސަރު ހުރުން
·         ހަށިގަނޑުގެ ބަރުދަން މާބޮޑަށް ލުއިވުން
·         ކެއުމަށްފަހު ބަނޑުގައި ރިހުން އަދި ބަނޑުގައި ވައިހެދި ބަނޑުފުއްޕުން
·         ވަރުދެރަވުމާއި ވަރުބަލިވުން: މިއީ ލޭމަދުވުމުން ދިމާވާ ކަމެކެވެ.
ބަނޑުގެ ކެންސަރު ހުރިކަން ދެނެގަތުން
ބަނޑުގެ ކެންސަރު ހުރިކަން ދެނެގަތުމަށްޓަކައި، އެންޑޮސްކޮޕީގެ އެހީގައި ބަނޑުގެ އެތެރެއިން ކެންސަރު ހުރިކަމަށް ޝައްކުކުރެވޭ ހުރި ހިސާބުން އެތިކޮޅެއް ނެގުމަށްފަހު ބަޔޮޕްސީ ހެދޭނެއެވެ. މީގެ އިތުރުން ބަނޑުގެ ސީޓީ ސްކޭން އަދި ބަނޑުގެ ޚާއްޞަ އެކްސްރޭ އެއްވެސް ނަގައިފާނެއެވެ. 

ބަނޑުގެ ކެންސަރުގެ ފަރުވާ
·         އޮޕަރޭޝަންކުރުން
·         ރޭޑިއޭޝަން ދިނުން
·         ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.

މައުލޫމާތު
·         ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ – 2005
·         ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ނެރެފައިވާ ފްލެޔަރ

No comments:

Post a Comment