Sunday, June 14, 2015

ލޭހަދިޔާކުރުން : ހައިރާންކުރުވަނިވި ބައެއް ހަގީގަތްތައް

ލޭހަދިޔާކުރުން : ހައިރާންކުރުވަނިވި ބައެއް ހަގީގަތްތައް
·         އިންސާނާގެ ހަށިގަނޑުގައިވާ ލޭހޮޅިތަކުގެ ދިގުމިނުގައި 100،000 މޭލު ހުރެއެވެ.
·         އިންސާނާގެ ހަށިގަނޑުގައި ހުރިހާ ހުރި ލެޔެއް އެއްކޮށް ބޮއި ހުސްކުރުމަށް 1،200،000 މަދިރި ބޭނުންވެ، އެއިން ކޮންމެ މަދިރިއެއް މަދުވެގެން އެއްފަހަރު ލޭބޯންޖެހޭނެ އެވެ.
·         އަލަށް އުފަންވާ ކުއްޖެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް އެއް ޖޯޑުގެ ލޭ ހުންނާނެ އެވެ.
·         އިންސާނާގެ ހަށިގަނޑުގައި 0.2 މިލިގްރާމްގެ ރަން ހުރެއެވެ. މީގެތެރެއިން ބޮޑުބައެއް ހުންނަނީ ލޭގެ ތެރޭގައެވެ.
·         އިންސާނާގެ ހަށިގަނޑުގެ ބަރުދަންގެ %8 އަކީ ލެޔެވެ.

·         ލޭގެ އެންމެ ޕޮއިންޓަކުން 3 މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެ އެވެ.
·         އުމުރުން 18 އަހަރުވުމުން ލޭހަދިޔާ ކުރަން ފަށައި، ކޮންމެ 90 ދުވަހަކުން އެއްފަހަރު ލޭހަދިޔާކުރާނަމަ، އުމުރުން 60 އަހަރުވާއިރު، 75 ލިޓަރުގެ ލޭހަދިޔާކުރެވި، 500 މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ އެވެ.
·         ހަށިގަނޑުގައި ފުރިހަމަ "ސާކެޓް" އެއް އެންމެ 30 ސިކުންތުގެ ތެރޭގައި ލޭގެ ރަތް ސެލް އިން އުފެއްދިދާނެ އެވެ.
·         މާބަނޑުވާތާ 20 ހަފްތާގެ ފަހުން، މާބަނޑުވުމުގެ ކުރިން ހަށިގަނޑުގައި ލޭހުރިވަރަށްވުރެ، %50 އިތުރުވެގެންދާނެއެވެ.
·         ލޭހަދިޔާކުރާ ކޮންމެ ފަހަރަކު ހަދިޔާކުރެވުނު ލޭ، އޭޑްސް، ހެޕަޓައިޓިސް ބީ، ހެޕަޓައިޓިސް ސީ، އަދި ސިފިލިސް އަށް ޓެސްޓުކުރެވެއެވެ.
·         ހަދިޔާކުރެވޭ ލެއިން ލޭގައި ހިމެނޭ އެކިބައިތައް ވަކިކޮށްލުމަށްފަހު، ބޭނުންވާ ބައެއް އެބައިގެ ބޭނުން ޖެހިފައިވާ ބަލިމީހަކަށް ފޯރުކޮށްދެވިދާނެ އެވެ.  މިސާލަކަށް ލޭގެ ރަތް ސެލްތައް، ލޭގެ ޕްލާޒްމާ، ޕްލޭޓްލިޓް ފަދަ މާއްދާތައް ހަދިޔާކުރެވުނު ލެއިން ވަކިކޮށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ އެވެ.
·         ކުރިއަރާފައިވާ ގައުމުތަކުގައި އެންމެ ގިނައިން ލޭއެޅެނީ އުމުރުން 65 އަހަރުން މަތީ މީހުންގެ ގަޔަށެވެ.
·         ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އަހަރެއްގެ މައްޗަށް 108 މިލިޔަން ފަހަރު ލޭހަދިޔާކުރެއެވެ.  
·         ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހަދިޔާކުރެވޭ ލޭގެ %65 ފޯރުކޮށްދެވެނީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
·         ލޭހަދިޔާކުރުން އެންމެ ކުރީގައި އުޅެނީ ކުރިއަރާފައިވާ ގައުމުތަކުގައެވެ. އެގޮތުން ކޮންމެ 1000 މީހުންގެ ތެރޭގައި ލޭހަދިޔާކުރާ މީހުންގެ ނިސްބަތް އުޅެނީ %36.8 ގައެވެ. މެދުފަންތީގެ ގައުމުތަކުގައި މިނިސްބަތް %11.7 ގައި އުޅޭއިރު، ފަގީރު ގައުމުތަކުގައި މިނިސްބަތް އުޅެނީ %3.9 ގައެވެ.
·         "ޕްލާޒްމާ-ޑެރައިވްޑް މެޑިސިނަލް ޕްރޮޑަކްޓް" އުފައްދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ރިޕޯޓްކުރާ ގައުމުތަކުގެ ތެރެއިން އެންމެ 43 ގައުމުގައެވެ. ބާކީ 113 ގައުމުން ޖެހޭނީ މިއުފެއްދުންތައް އެހެން ގައުމަކުން އެތެރެކުރާށެވެ.
·         ލޭ ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް ހެދި އެއަށް އަމަލުކުރެވެމުންދަނީ އެންމެ 111 ގައުމުގައެވެ.
·         ލޭހަދިޔާކުރުމަށް ނަގަނީ ގާތްގަނޑަކަށް 20-10 މިނިޓާ ދެމެދުގެ ވަގުތެކެވެ.
·         ލޭގެ ޔުނިޓެއް ކަމުގައި ބަލަނީ 450 އެމްއެލް އެވެ.
·         ލޭހަދިޔާކުރާ މީހާގެ ބަރުދަން އެންމެ މަދުވެގެން 45 ކިލޯގައި ހުރުމާއެކު، އުމުރުން 18 އަހަރުވެފައިވުމަކީ އެދެވިގެންވާ ކަމެކެވެ.
·         ލޭހަދިޔާ ކުރާ މީހާ އަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ މީހަކަށްވުން މުހިއްމެވެ.

No comments:

Post a Comment