Friday, September 25, 2020

ޔުރިކް އެސިޑް މަތިވެ ހުޅުތައް ދުޅަވުން (ގައުޓް)

 

ގައުޓް ނުވަތަ ޔުރިކް އެސިޑް މަތިވުމުން ހުޅުތައް ދުޅަވުން

ގައުޓް(Gout)  އަކީ ހުޅުތައް ދުޅަވުމުގެ ނުވަތަ އާތުރައިޓިސް(Arthritis)  ވައްތަރެކެވެ. މިބަލި ކޮންމެ މީހަކަށް ވެސް ޖެހިދާނެއެވެ. މިބަލި ޖެހުމުން ކުއްލިއަކަށް ހުޅު ދުޅަވެ، ރަތްވެ، ތަދުވެ، ހުޅުގައި ބީހިލުމުން ރިއްސާނެ އެވެ. މިބަލި ޖެހުމުން އާންމު ގޮތެއްގައި އަސަރުކުރަނީ ފައިގެ ބޮޑުވައި އިގިލީގެ ހުޅަށެވެ.

ގައުޓްގެ ސަބަބުން އުފެދޭ ރިހުމުގެ ސަބަބުން ދަންވަރު ފައިގެ ބޮޑުވައި އިގިއްޔަށް ތަދުވާވަރުން ކެތް ނުކުރެވިގެން ކުއްލިއަކަށް  ހޭލެވިދާނެ އެވެ. އާންމު ގޮތެއްގައި ދުޅަވެފައިވާ ހުޅުގައި ރިއްސައި، ދުޅަވެ، ހުޅުގައި ހޫނު ކަމެއް ހުންނާނެ އެވެ. ގައުޓްގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް ފެނިލުމަށްފަހު އޭގެ ޒާތުގައި ގޮސްފައި، އަނެއްކާވެސް އުދަނގޫތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ސަބަބު

އާންމު ގޮތެއްގައި ގައުޓް ކުރިމަތިވަނީ  ލޭގައި ޔުރިކް އެސިޑް މަތި މީހުންނަށެވެ. އެގޮތުން މިކަން ކުރިމަތިވަނީ ހުޅު ތެރޭގައި "ޔުރިކް އެސިޑް"(uric acid) ކްރިސްޓަލްތައް ޖަމާވުމުންނެވެ. މިގޮތަށް ޔުރިކް އެސިޑް ހުޅުތެރޭގައި ޖަމާވުން ހުޅު ދުޅަވެ، ހުޅުގައި ރިއްސާނެ އެވެ. ހުޅުގެ ތެރޭގައި ޔުރިކް އެސިޑް ކުރިސްޓަލް ތައް އުފެދި ޖަމާވަނީ ލޭގައި ޔުރިކް އެސިޑްގެ މިންވަރު މަތިވުމުންނެވެ.

އާންމު ގޮތެއްގައި ޔުރިކް އެސިޑް އުފެދެނީ ހަށިގަނޑުގައި ޕިޔޫރިންގެ މެޓަބޮލިޒަމްގެ މަސައްކަތް ނިމޭއިރު (ބައިބައިކޮށް ނިމޭއިރު) ނިކުންނަ އާޚިރު ނަތީޖާއެއްގެ ގޮތުގައެވެ. ޕިޔޫރިން އަކީ އިންސާނާގެ ސެލްތަކާއި، ބައެއް ކާބޯތަކެތީގައި ވެސް ހުންނަ މާއްދާ އެކެވެ. އެގޮތުން އެއްގަމު މަހާއި، ކަނޑުކާނާގެ ބާވަތްތަކުގައި ވެސް ޕިޔޫރިން ހުރެއެވެ. މީގެ އިތުރުން ބިޔަރު ފަދަ ބަނގުރަލުގެ އުފެއްދުންތަކާއި، ފްރަކްޓޯސް އަޅައިގެން ހަދާފައި ހުންނަ ފޮނިބުއިންތަކުގައި ވެސް ޕިޔޫރިން ހުރެއެވެ.

އާންމު ގޮތެއްގައި ޔުރިކް އެސިޑް ލެޔާއި އެއްވެ، ގުރުދާއަށް ގޮސް، ގުރުދާއިން ފުރޭނިގެން ކުޑަކަމުނަޖިހާއެކު ހަށިގަނޑުން ބޭރުވާނެ އެވެ. ނަމަވެސް ބައެއް ފަހަރު ބައެއް މީހުންގެ ހަށިގަނޑުން ޔުރިކް އެސިޑް އުފައްދާ މިންވަރު މަތިވެދާނެ އެވެ. ނޫނީ ގުރުދާއިން ޔުރިކް އެސިޑް ބޭރުކުރާ މިންވަރު ދަށްވެދާނެ އެވެ. އަނެއްބައި މީހުންގެ ހަށިގަނޑުގައި އެކަށޭނަ މިންވަރަކަށް ޔުރިކް އެސިޑް އުފެއްދި ނަމަވެސް، ގުރުދާއިން ޔުރިކް އެސިޑް ހަށިގަނޑުން ބޭރުކުރުމަށް ނުކުޅެދިދާނެއެވެ. މިފަދަ ހާލަތްތަކުގައި ޔުރިކް އެސިޑް ކްރިސްޓަލް ތަކެއްގެ ސިފައިގައި ހުޅާއި، އޭގެ ވަށައިގެންވާ ސެލޯށިތަކުގައި ހަރުލާގޮތް ވެއެވެ. އެކަމުގެ ސަބަބުން ހުޅުގައި ރިހި، ދުޅަވެ، ރަތްވާގޮތް ވެއެވެ. ނަމަވެސް ޔުރިކް އެސިޑްގެ މިންވަރު ލޭގައި މަތިކޮށް ހުންނަ އެންމެންނަށް ގައުޓްގެ އުދަނގޫތަކާ ކުރިމަތި ނުވެދާނެއެވެ.

މަގުފަހިކުރާ ކަންތައްތައް 

ހަށިގަނޑުގައި ޔުރިކް އެސިޑްގެ މިންވަރު މަތިނަމަ ގައުޓް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ހަށިގަނޑުގައި ޔުރިކް އެސިޑް މަތިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ކެއުން : ބައެއް ކަހަލަ ކާނާ އަކީ ޔުރިކް އެސިޑްގެ މިންވަރު މަތިކުރާ ބާވަތްތަކެކެވެ. އެގޮތުން ރަތް ކުލައިގެ އެއްގަމު މަސް، ކަނޑުކާނާގެ ބާވަތްތައް، އަދި ފްރަކްޓޯސް އަޅައިގެން ފޮނިކޮށްފައި ހުންނަ ކާތަކެތީގެ ބާވަތްތަކަކީ ޔުރިކް އެސިޑް މަތިކޮށް، އަދި އެކަމުގެ ސަބަބުން ގައުޓް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކާނާގެ ބާވަތްތަކެވެ. މީގެ އިތުރުން ބިޔަރު ފަދަ ބަނގުރާ އެކުލެވޭ އުފެއްދުންތަކުގެ ސަބަބުން ވެސް ހަށިގަނޑުގައި ޔުރިކް އެސިޑްގެ މިންވަރު މަތިވާގޮތް ވެއެވެ.

(ށ) ހަށިގަނޑު ބަރުހެލިވެ، ފަލަވުން : ހަށިގަނޑު އާދަޔާ ޚިލާފަށް ފަލަވެ، ބަރުހެލިނަމަ، ހަށިގަނޑުން ޔުރިކް އެސިޑް އުފައްދާ މިންވަރު އިތުރުވެ، ގުރުދާއިން ޔުރިކް އެސިޑް ބޭރުކުރުމުގައި ހުރަސްތަކާ ދިމާވެ، ހަށިގަނޑުގައި ޔުރިކް އެސިޑްގެ މިންވަރު މަތިވެގެންދާގޮތް ވެއެވެ.

(ނ) ބައެއް ކަހަލަ ބަލިތައް : ބައެއް ކަހަލަ ބަލިތަކާއި، ޞިއްޙީ ހާލަތްތަކުގެ ސަބަބުން ވެސް ޔުރިކް އެސިޑްގެ މިންވަރު މަތިވެދާނެ އެވެ. މިފަދަ ބަލިތަކުގެ ތެރޭގައި ލޭމައްޗަށްދިއުން، ހަކުރުބަލި، ހިތުގެ ބަލިތައް، ގުރުދާގެ ބަލިތައް، އަދި މެޓަބޮލިކް ސިންޑްރޯމް ފަދަ މައްސަލަތައް ހިމެނެއެވެ.

(ރ) ބައެއް ކަހަލަ ބޭސްތައް : ލޭމައްޗަށްދިއުމުގެ ފަރުވާގައި ބޭނުންކުރާ "ތިއެޒައިޑް ޑަޔުރެޓިކްސް"(thiazide diuretics) އަދި އެސްޕިރިން ފަދަ ބޭސްތަކުގެ ސަބަބުން ޔުރިކް އެސިޑްގެ މިންވަރު މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ގުނަވަން ބަދަލުކުރުމުން ދީއުޅޭ ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ޔުރިކް އެސިޑްގެ މިންވަރު މަތިވުމަކީ ވެދާނެ ގޮތެކެވެ.

(ބ) ހުޅުދުޅަވުމުގެ އެހެން ވައްތަރުތައް ހުރުން : މިސާލަކަށް  ރާއްޖެ ބަލި(Rheumatoid arthritis)  އަދި ސޮރައިއެސިސް ސަބަބުން ހުޅުތައް ދުޅަވުން(Psoriatic arthritis)، ފަދަ ހުޅުދުޅަވުމުގެ ވައްތަރެއް ހުރުމަކީ ގައުޓްގެ ސަބަބުން ހުޅުތައް ދުޅަވުމުގެ ހިރާސް އިތުރުކޮށްދޭނެ ކަމެކެވެ.

(ޅ) ކެއުމުގައި ޕިޔޫރިން ގިނަ ކާބޯތަކެތި ބޭނުންކުރުން : ނިސްބަތުން ޕިޔޫރިން ގިނަ ކާބޯތަކެތީގެ ތެރޭގައި އަންނަނިވި ބާވަތްތައް ހިމެނެއެވެ.

·         ޖަނަވާރުގެ މަހާއި އުފެއްދުންތައް : މިސާލަކަށް މޭގަނޑު، ގުރުދާ ފަދަ ގުނަވަންތައް

·         ރަތްކުލައިގައި ހުންނަ އެއްގަމު މަސް : މިސާލަކަށް ގެރި، ކަންބަޅި، ބަކަރި، އަދި އޫރުމަސް

·         ކަނޑުކާނާގެ ބާވަތްތައް : މިސާލަކަށް މެކަރެލް، ސާރޑިން، އިތާމަސް، މުށިމަސް، ކޮރަކަލި، ކަޅުބިލަމަސް

·         އޮށާއި، ތޮޅީގެ ބާވަތްތައް : މިސާލަކަށް ކިޑްނީ ބީންސް

 

(ކ) އާއިލާގެ ތެރޭގައި ބަލިދައުރުވުން : އާއިލާގެ މެންބަރުންގެ ތެރޭގައި ޔުރިކް އެސިޑް މަތިވުމުގެ މައްސަލަ ހުންނަނަމަ، އެއާއިލާގެ އެހެން މެންބަރުންނަށް ވެސް ޔުރިކް އެސިޑް މަތިވުމުގެ މައްސަލަ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ.

(އ) އުމުރު އަދި ޖިންސް : ގައުޓް އާންމު ގޮތެއްގައި ބޮޑަށް އާންމީ ފިރިހެނުންގެ ތެރޭގައެވެ. އެއީ ނިސްބަތުން އަންހެނުންގެ ހަށިގަނޑުގައި ޔުރިކް އެސިޑްގެ މިންވަރު ދަށްކޮށް ހުންނާތީ އެވެ. ނަމަވެސް އިއްދައިން ކެނޑޭ އުމުރަށްފަހު އަންހެނުންނަށް ވެސް ގައުޓް ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނެކޭ އެއްވަރަކަށް އޮވެއެވެ. ނިސްބަތުން އަންހެނުންނަށްވުރެ މާއަވަހަށް ނޫނީ މާހަނގުއުމުރުގައި ފިރިހެނުންނަށް ގައުޓްގެ އުދަނގޫތައް ކުރިމަތިވެއެވެ. އެގޮތުން އުމުރުން 50-30 އަހަރާ ދެމެދުގެ އުމުރުފުރާގެ ތެރޭގައި ފިރިހެނުންނަށް ގައުޓް ކުރިމަތިވެއެވެ. ނަމަވެސް އަންހެނުންނަށް ގައުޓް ގެ އުދަނގޫތައް ކުރިމަތިވާ ގިނަފަހަރު އިއްދައިން ކެނޑޭ ފަހުންނެވެ.

(ވ) މިފަހުން އެއްވެސް ކަހަލަ އޮޕަރޭޝަނެއް ކޮށްފައިވުން ނޫނީ އަނިޔާއެއް ލިބިފައިވުން : ކައިރި މުއްދަތެއްގެ ތެރޭގައި އެއްވެސް ކަހަލަ އޮޕަރޭޝަނެއް ކުރުން ނުވަތަ އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވުމަކީ ގައުޓްގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. މިސާލަކަށް "ގެސްޓްރިކް ބައިޕާސް" ސާޖަރީ ހަދާފައިވުން، ނުވަތަ ގުނަވަނެއް ބަދަލުކުރުން ފަދަ ކަމެއް ކޮށްފައިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

އަލާމާތްތައް

އާންމު ގޮތެއްގައި ގައުޓްގެ އަލާމާތްތަކާ، ނިޝާންތައް ކުރިމަތިވަނީ ކުއްލިއަކަށެވެ. އަދި މިބަލީގެ އުދަނގޫތައް އާންމުކޮށް ފާހަގަވާނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ގައުޓުގެ އަލާމަތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ހުޅުގައި ރިހުން : އާންމު ގޮތެއްގައި ގައުޓްގެ އަސަރު ކުރަނީ ފައިގެ ބޮޑުވައި އިގިލީގެ ހުޅަށެވެ. ނަމަވެސް ހަށިގަނޑުގެ ކޮންމެ ހުޅަކަށް ވެސް ގައުޓް ކުރިމަތިވެދާނެ އެވެ. އެގޮތުން ގައުޓް ކުރިމަތިވެދާނެ އެހެން ހުޅުތަކުގެ ތެރޭގައި ތަބިކަށީގެ ހުޅު ނުވަތަ ފައިގެ ކުޑަހުޅު، ކަކޫހުޅު، އުޅަބޮށިހުޅު، އަތުގެ ކުޑަހުޅު، އަދި އިގިލިތަކުގެ ހުޅުތައް ހިމެނެއެވެ. ތަދު އެންމެ ބޮޑުވާނީ ތަދުވާން ފެށުމަށްފަހު އަންނަ 12-4 ގަޑިއިރާއި ދެމެދުގެ ވަގުތުގައެވެ.

(ށ) ނުފިލާ އުނދަގުލެއް ހުރުން ނޫނީ ދިގުދެމިދާ އުދަނގުލެއްހުރުން : ހުޅުގައި އެންމެ ތަދުބޮޑުވާ ގަޑީގައި ހުންނަ ރިހުން ތިރިވުމަށްފަހު، ދެތިން ދުވަހުން ފެށިގެން ދެތިން ހަފްތާގެ މުއްދަތަށް މަޑު ރިހުމެއް ހުޅުގައި ހުރެދާނެއެވެ. ފަހުން ގައުޓްގެ އެޓޭކް އަންނައިރު، ގިނަ ހުޅުތަކަކަށް ރިހުން ކުރިމަތިވެ، ރިހުން ގިނައިރު ތަކަށް ދިގުދެމިދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

(ނ) ދުޅަވެ ރަތްވުން : ގައުޓް ގެ އަސަރުކޮށްފައިވާ ހުޅު ހުންނާނީ ދުޅަވެފައެވެ. ބީހިލުމުން ރިއްސާނެ އެވެ. ހޫނު ކަމެއް ހުންނާނެ އެވެ. ހުޅުމަތީގައި ރަތްކަމެއް ފާހަގަވާން ހުންނާނެ އެވެ.

(ބ) ހުޅު ހަރަކާތްކުރަން ދަތިވުން : ގައުޓް ކުރިމަތިވެ ގިނަ ދުވަސްވާވަރަކަށް ގައުޓް ގެ އަސަރުކޮށްފައިވާ ހުޅުތައް ގުޑުވައި، ލަންބައި، ހަރަކާތްކުރަން އުދަނގޫވެދާނެ އެވެ.

ބަހާލެވިފައިވާ މަރުހަލާތައް

ގައުޓްގެ އުދަނގޫތައް 4 މަރުހަލާއަކަށް ބަހާލެވިފައި ވެއެވެ.

(1) ފުރަތަމަ ކުރިމަތިވާ ގައުޓް އެޓޭކްގެ ކުރިން (before 1st gout attack): މިމުއްދަތުގައި އަލާމާތްތަކެއް ނުފެންނާނެ އެވެ. ނަމަވެސް ޔުރިކް އެސިޑްގެ މިންވަރު ލޭގައި ހުންނާނީ މަތިކޮށެވެ. އަދި ހުޅުތަކުގައި ޔުރިކް އެސިޑް ކްރިސްޓަލްތައް އުފެދެން ފަށާނެ އެވެ. މިހާލަތަށް ކިޔަނީ "އެސިމްޓަމެޓިކް ހައިޕަޔުރިސީމިއާ"(asymptomatic hyperuricemia) އެވެ.

(2) އެކިޔުޓް ގައުޓް އެޓޭކް (acute gout attack): މިމުއްދަތުގައި ޔުރިކް އެސިޑްގެ މިންވަރު އެންމެ މައްޗަށް ގޮސް، ޔުރިކް އެސިޑް ކްރިސްޓަލްތައް ހުޅުގެ ވަށައިގެން ނޫނީ ހުޅުތެރޭގައި ޖަމާވާނެއެވެ. އެކިޔުޓް ގައުޓް އެޓޭކް ކުރިމަތިވީ ލިބުނު އަނިޔާއަކުން، ބޭނުންކުރި ބޭހަކުން، ބަނގުރާ ބޭނުންކުރުން، އިންފެކްޝަނެއް ނޫނީ ބައްޔެއްހުރުން ފަދަ ކަމެއްގެ ސަބަބުން ކަމަށްވުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ރިހުން އަންނަނީ ރޭގަނޑުގައެވެ. ނޫނީ ރިހުން ފެށެނީ ރޭގަނޑުގައެވެ. އަދި އެއަށްފަހު 12-8 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށް ރިހުން ދެމިހުރެއެވެ. ދެތިން ދުވަސް ނޫނީ 10 ވަރަކަށް ދުވަސްފަހުން އުދަނގޫތައް ލުއިވެ، ނޫނީ ފިލައިދެއެވެ. ބައެއް މީހުންނަށް ދެވަނަ ފަހަރަށް ގައުޓް ގެ އެޓޭކެއް ކުރިމަތި ނުވެދާނެ އެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަށް ދެވަނަ އެޓޭކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި އައުމަކީ ނުވަތަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(3) އިންޓާވަލް ގައުޓް (interval gout): މިއީ ދެ އެޓޭކް ދެމެދުގައި ހޭދަވާ މުއްދަތެވެ. މިމުއްދަތުގައި ހުޅުގައި ރިހުން ނެތްކަމުގައި ވިޔަސް ގައުޓް އެއްކޮށް ފިލައިގެންދިޔައީ ކަމަށް ނޫނީ އެއްކޮށް ރަނގަޅުވީކަމަށް ބަލައިގެން ނުވާނެއެވެ. އާދައިގެ ވަރަކަށް ހުންނަ އިންފްލެމޭޝަން އާއި ދުޅައިގެ ސަބަބުން މިމުއްދަތުގެ ތެރޭގައި ހުޅަށް ގެއްލުންވަމުން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

(4) ކްރޯނިކް ގައުޓް (chronic gout): މިއީ ދިގުމުއްދަތަކަށް ގައުޓް އެޓޭކްތައް ދޭތެރެ ދޭތެރެއިން އައިސް، ބަލީގެ އުދަނގޫތައް ދިގުމުއްދަތެއް ވަންދެން ގާތްގަނޑަކަށް 10 އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ވެސް ގިނަ ދުވަހަށް ބަލީގެ އުދަނގޫތައް ނުފިލައި ހުރުމެވެ. ހުޅުގައި ރިހުން ގާތް ގާތުގައި އައިސް، ގޮސްފައި، ނޫނީ ރަނގަޅުވެފައި، އަނެއްކާ ވެސް އައިސްފައި ހުރެދާނެއެވެ.

ދިމާވެދާނެ ނުރައްކާތައް

ގައުޓްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ދޭތެރެއިން ގައުޓްގެ އުދަނގޫތައް ކުރިމަތިވުން (Recurrent gout): ބައެއް މީހުންނަށް ގައުޓްގެ އުދަނގޫތައް ފެނުމަށްފަހު ދެން އެއްގޮތަކަށް ވެސް ނުފެނިދާނެއެވެ. އަނެއްބައި މީހުންނަށް އަހަރެއްގެ ތެރޭގައި ދެތިން ފަހަރު ވެސް ގައުޓްގެ އުދަނގޫތައް ކުރިމަތިވެދާނެ އެވެ. ދޭތެރެ ދޭތެރެއިން ގައުޓްގެ އުދަނގޫ ކުރިމަތިވާނަމަ، ބޭހުގެ އެހީގައި އެކަން ކުރިމަތިވުން ހުއްޓުވިދާނެއެވެ. ނޫނީ ކުޑަކުރެވިދާނެއެވެ. ނޫނީ ބޭސް ބޭނުންކޮށްގެން ދޭތެރެ ދޭތެރެއިން ގައުޓްގެ އުދަނގޫތައް ކުރިމަތިވިނުދީ އެކަމުން މިންޖުވެވިދާނެ އެވެ. ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، ގައުޓްގެ ސަބަބުން ހުޅުގިރި، އެއްކޮށް ހުޅު ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) އެޑްވާންސް ގައުޓް (Advanced gout): ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، ޔުރިކް އެސިޑް ކްރިސްޓަލްތައް ހުޅުމަތިން ހަމުގެ ދަށުގައި ޖަމާވެ، "ނޮޑިޔޫލް" އެއް އުފެދެއެވެ. މިނޮޑިޔޫލްއަށްކިޔަނީ "ޓޯފައި"(tophi) އެވެ. މިފަދަ ޓޯފައި ތަފާތު ހިސާބުތަކުގައި އުފެދިދާނެއެވެ. އެގޮތުން ޓޯފައި އުފެދިދާނެ ތަންތަނުގެ ތެރޭގައި އިގިލިތައް، އަތްތިލަ، ފައިތިލަ، އުޅަބޮށި، އަދި ތަނބިކަށީގެ ފުރަގަހުން އެކިލީޒް ޓެންޑަން ފަދަ ތަންތަން ހިމެނެއެވެ. މިޓޯފައި ގައި އާންމުކޮށް ރިހުމެއް ނުހުންނާނެ އެވެ. ނަމަވެސް ގައުޓް އެޓޭކް ކުރިމަތިވުމުން ޓޯފައި ދުޅަވެ، ބީހިލުމުން ރިއްސާނެ އެވެ.

(ނ) ގުރުދާގައި ހިލައުފެދުން (kidney stones): ގައުޓް ހުންނަ މީހުންގެ ކުޑަކަމުދާ ނިޒާމުގައި ޔުރިކް އެސިޑް ކުރިސްޓަލްތައް ޖަމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ޔުރިކް އެސިޑް ކްރިސްޓަލްތައް ޖަމާވެ، ގުރުދާގައި ހިލައުފެދުމަކީ ގާތް ކަމެކެވެ. ނަމަވެސް ބޭސް ބޭނުންކޮށްގެން ގުރުދާގައި ހިލައުފެދުމުން ރައްކާތެރިވެވިދާނެ އެވެ.

ދެނެގަތުން

އާންމު ގޮތެއްގައި ގައުޓްގެ ސަބަބުން ހުޅު ދުޅަވުން ކުރިމަތިވެފައިވޭތޯ ދެނެގަންނަނީ ބަލިމީހާ ދޭ މައުލޫމާތުތަކާއި، ބަލިމީހާގެ ހަށިގަނޑު ބަލައި ޗެކުކުރުން ފާހަގަވާ ކަންތައްތަކާއި، ހަދާ ޓެސްޓުތަކުގެ އެހީގައެވެ. ގައުޓް ދެނެގަތުމުގައި އަންނަނިވި ކަންތައްތައް ހުރިނެތްގޮތް ބެލުމަށް ޑޮކްޓަރުން މަސައްކަތްކުރާނެއެވެ.

·         ރިހުމުގެ ވޭންހުރީ ކިހާ މިންވަރެއްގައިކަން

·         ރިހުން ފެށެނީ ކިހާ އަވަހަކަށްކަން

·         ރިހުން ހުންނަތާ ކިހާ ދުވަހެއްވެއްޖެކަން

·         ބަލީގެ އަސަރުކޮށްފައިވަނީ ކޮން ހުޅުތަކަކަށްކަން

ގައުޓް ހުރިތޯ ދެނެގަތުމަށް އަންނަނިވި ޓެސްޓުތައް ހަދައިފާނެ އެވެ.

(ހ) ހުޅުތެރޭގައި ހުންނަ ދިޔަ ޓެސްޓުކުރުން (joint fluid tests): ގައުޓްގެ އަސަރުކޮށްފައިވާ ހުޅަށް ސިރިންޖު ކަށްޓެއް ހަރައިގެން ޑޮކްޓަރުން ދިޔަކޮޅެއް ނަގައިފާނެއެވެ. އަދި ނެގި ދިޔަކޮޅު މައިކްރޮސްކޯޕެއްގެ އެހީގައި ބެލުމުން ޔުރިކް އެސިޑް ކްރިސްޓަލް ހުރިނަމަ ފާހަގަ ކުރެވޭނެ އެވެ.

(ށ) ލޭގެ ޓެސްޓު ހެދުން (blood tests): ލޭގެ ޓެސްޓު ހަދައިގެން ލޭގައި ޔުރިކް އެސިޑް އަދި ކްރިއެޓިނިން ހުރި މިންވަރު ދެނެގަނެއެވެ. ބައެއް ފަހަރު ޔުރިކް އެސިޑްގެ މިންވަރު ލޭގައި މަތިވެފައި ހުރި ނަމަވެސް އެމީހަކަށް ގައުޓްގެ އުދަނގޫތައް ކުރިމަތިނުވެ ހުރެދާނެ އެވެ. އަނެއްބައި ފަހަރު ގައުޓް ގެ އުދަނގޫތައް ކުރިމަތިވި ނަމަވެސް ލޭގެ ޓެސްޓުތަކުގައި ޔުރިކް އެސިޑްގެ މިންވަރު އެކަށޭނަ ވަރެއްގައި ނޫނީ ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓީފައި ހުރެދާނެއެވެ.

(ނ) އެކްސް ރޭ ނެގުން  (X-ray): އެކްސް ރޭ ގެ އެހީގައި ހުޅުދުޅަވުން ކުރިމަތިވި އެހެނިހެން ސަބަބުތައް ދެނެގަތުމަށް އެހީތެރިވެދޭނެ އެވެ.

(ބ) ސްކޭންކުރުން (Ultrasound): ކަށީގެ ސްކޭން ހަދައިގެން ހުޅުގައި ނޫނީ ޓޯފައި ގައި ޔުރިކް އެސިޑް ޖަމާވެފައި ހުރިތޯ ދެނެގަނެވިދާނެ އެވެ.

(ޅ) ޑުއަލް އެނާޖީ ސީޓީ ސްކޭން ހެދުން (Dual energy CT scan): މިވައްތަރުގެ ސްކޭންގެ އެހީގައި ހުޅު ދުޅަވެފައި ނެތް ނަމަވެސް ހުޅުގެ ތެރޭގައި ޔުރިކް އެސިޑް ކްރިސްޓަލް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ. މިއީ އަގުބޮޑު ޓެސްޓެއް ކަމުން ގިނަ ތަންތަނުން މިޓެސްޓު ހެދޭކަން ނުހުރެއެވެ.

ފަރުވާ

ގައުޓްގެ ފަރުވާގައި އާންމުކޮށް ބޭސްތައް ދީއުޅެއެވެ. ފަރުވާގައި އިޚްތިޔާރުކުރާނެ ބޭސް ބަރޯސާވަނީ ބަލިމީހާގެ ޞިއްހީ ހާލަތާއި، ޖިސްމާނީ އެހެނިހެން ކަންތައްތަކުގެ މައްޗަށެވެ. އާންމު ގޮތެއްގައި ބޭސް ދެނީ އެއިރެއްގައި ހުންނަ ގައުޓްގެ ހާލަތު ކޮންޓްރޯލް ކުރުމަށާއި، މުސްތަގުބަލުގައި ގައުޓްގެ އުދަނގޫތައް ކުރިމަތިވުމުން ރައްކާތެރި ކޮށްދިނުމަށްޓަކައެވެ. މީގެ އިތުރުން ބޭސް ބޭނުންކުރުމަކީ ގައުޓްގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މެދުވެރިވުމުގެ ފުރުޞަތު ވެސް ކުޑަކޮށްދޭނެ ކަމެކެވެ.

އެކިޔުޓް ގައުޓް އެޓޭކްގެ ފަރުވާގައި ދީއުޅޭ ބޭސްތައް

އެކިޔުޓް ގައުޓް އެޓޭކާއި ގުޅިގެން އާންމުކޮށްދޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

(ހ) ތަދުކަނޑުވާ ބޭސްތައް (NSAIDs): މިސާލަކަށް ބުރޫފަން، ނެޕްރޮކްސިކަމް، އިންޑޯމެތަސިން ފަދަ ބޭސްތައް ދީއުޅެއެވެ. އާންމު ގޮތެއްގައި އެކިޔުޓް އެޓޭކްގެ ފަރުވާގައި ތަދުކަނޑުވާ ބޭހުގެ މަތީ ޑޯޒެއް ދިނުމަށްފަހު، އިތުރަށް ނުވަތަ މުސްތަގުބަލްގައި ގައުޓްގެ އުނދަގޫތައް ކުރިމަތިވުން ކުޑަކުރުމަށްޓަކައި ކޮންމެ ދުވަހަކު ތަދުކަނޑުވާ ބޭހުގެ ދަށް ޑޯޒެއް ދީފާނެއެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބަނޑުގައި ރިހުން، ގޮހޮރުގައި ފާރުހެދުން، އަދި އެތެރެހަށިން ލޭއައުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ކޮލްކަސީން (Colchicine): މިއީ ގައުޓްގެ ރިހުން ވަރަށް ފަސޭހައިން ދުއްވާލާ ތަދުކަނޑުވާ ބޭހެކެވެ. ބައެއް ފަހަރު ޑޮކްޓަރުން މިބޭސް ވެސް ލިޔެދީފާނެ އެވެ. އެކިޔުޓް ގައުޓް އެޓޭކް ކޮންޓްރޯލްވުމަށްފަހު، އިތުރަށް ނުވަތަ މުސްތަގުބަލްގައި ގައުޓްގެ އުނދަގޫތައް ކުރިމަތިވުން ކުޑަކުރުމަށްޓަކައި ކޮންމެ ދުވަހަކު މި ބޭހުގެ ދަށް ޑޯޒެއް ދީފާނެއެވެ. މިބޭހުގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލުން، އަދި ބޭރަށްހިންގުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ކޯޓިކޯސްޓީރޮއިޑް (corticosteroids): ގައުޓް އާއި ގުޅިގެން ކުރިމަތިވާ ރިހުމާއި، ދުޅަ، ކޯޓިކޯސްޓީރޮއިޑްގެ ތެރޭގައި ހިމެނޭ ޕްރެޑްނިސޯލޯން ފަދަ ބޭސްތަކުން ލުއިކޮށްދީފާނެ އެވެ. އާންމު ގޮތެއްގައި މިބޭސްތައް ދެނީ ކުރިން ބަޔާންކުރެވުނު ބޭސްތައް ބޭނުންކުރުމަށް ނުކުޅެދޭ ހާލަތްތަކުގައެވެ. ނޫނީ އެބޭސްތައް ބޭނުންކުރުން އެދެވިގެންނުވާ މީހުންނަށެވެ. ކޯޓިކޯސްޓީރޮއިޑް ބޭނުންކުރުމުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި މިޒާޖަށް ބަދަލުއައުން، ލޭގެ ޕްރެޝަރު މަތިވުން، އަދި ލޭގެ ހަކުރު މަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ގައުޓް އާއި ގުޅިގެން ކުރިމަތިވާ ނުރައްކާތަކަށް ފަރުވާކުރުމަށް ދީއުޅޭ ބޭސްތައް

ކޮންމެ އަހަރަކު ތަކުރާރުކޮށް ގައުޓް ކުރިމަތިވެ ހުޅުތައް ދުޅަވާނަމަ، ނޫނީ މަދުން ކުރިމަތިވިނަމަވެސް ، ވަރަށް ރިހުންގަދަ ތަދާއެކު ހުޅު ދުޅަވާނަމަ، ގައުޓްގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން މިންޖުވުމަށް ޑޮކްޓަރުން ބޭސް ލިޔެދީފާނެ އެވެ. އެގޮތުން ދީއުޅޭ ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ.

(ހ) ޔުރިކް އެސިޑް އުފެއްދުމަށް ހުރަސްއަޅާ(މަނާކުރާ) ބޭސްތައް : މީގެ ތެރޭގައި ހިމެނެނީ "ޒެންތިން އޮކްސިޑޭޒް އިންހިބިޓަރސް"(xanthine oxidase inhibitors) ގެ ގޮތުގައި ގުނާލެވޭ ބޭސްތަކެވެ. އެންމެ ފާހަގަކޮށްލެވޭ ބޭހަކީ "އެލޯޕިޔުރިނޯލް"(Allopurinol) އެވެ. މިބޭސްތަކުގެ ސަބަބުން ލޭގައި ޔުރިކް އެސިޑްގެ މިންވަރު ދަށްކޮށްދީ، ގައުޓްގެ ސަބަބުން ހުޅުދުޅަވުމުގެ ހިރާސް ވެސް ކުޑަކޮށްދެއެވެ. އެލޯޕިޔުރިނޯލްގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ގައިގައި ބިހިނެގުން، އަދި ލޭގެ ސެލްތަކުގެ މިންވަރު ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

(ށ) ހަށިގަނޑުން ޔުރިކް އެސީޑް ބޭރުކުރުން އިތުރުކޮށްދޭ ބޭސްތައް : މިބޭސްތަކަށް ކިޔަނީ "ޔުރިކޯސިޔުރިކްސް"(Uricosurics) އެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ބޭހަކީ "ޕްރޯބިނެސިޑް"(probenecid) އެވެ. މިބޭސްތަކުގެ ސަބަބުން ހަށިގަނޑުން ޔުރިކް އެސިޑް ބޭރުކުރުމަށް ގުރުދާގައި ހުންނަ ގާބިލިއްޔަތު އިތުރުކޮށްދެއެވެ. މިބޭސްތަކުގެ ސަބަބުން ލޭގައި ޔުރިކް އެސިޑްގެ މިންވަރު ދަށްކޮށްދީ، ގައުޓްގެ ސަބަބުން ހުޅުދުޅަވުމުގެ ހިރާސް ކުޑަކޮށްދެއެވެ. ނަމަވެސް ކުޑަކަމުނަޖިހުގައި ޔުރިކް އެސިޑްގެ މިންވަރު މަތިކޮށްދެއެވެ. މިބޭސްތަކުގެ ސަބަބުން ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ގައިގައި ބިހިނެގުން، ބަނޑުގައި ރިހުން، އަދި ގުރުދާގައި ހިލައުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ.

ރައްކާތެރިވުން  

ގައުޓް އެޓޭކްތައް ކުރިމަތިވުން ކުޑަކުރުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދެވިދާނެއެވެ.

(ހ) ގިނައިން ދިޔާތަކެތި ބުއިން : ގިނައިން ދިޔާތަކެތި ބޯށެވެ. ޚާއްޞަކޮށް ގިނައިން ފެންބޯށެވެ. ހަކުރު އެޅި ފޮނި ބުއިންތައް ބުއިން މަދުކުރާށެވެ. ޚާއްޞަކޮށް ފުރަކްޓޯސް އަޅައިގެން ފޮނިކޮށްފައި ހުންނަ ކޯން ސިރަޕް ފަދަ ތަކެތި ނުބޯށެވެ.

(ށ) ބަނގުރާ ނުބުއިން : ބަނގުރަލާއި، ބިޔަރު ފަދަ ބަނގުރަލުގެ އުފެއްދުންތައް ނުބޯށެވެ. ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި ބިޔަރު ފަދަ ބަނގުރަލުގެ އުފެއްދުންތައް ބޭނުންކުރުމަކީ ފިރިހެނުންނަށް ގައުޓް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

(ނ) ލޯފެޓް ކިރުގެ އުފެއްދުންތަކުން ބޭނުންވާ ޕްރޮޓީން ހޯދުން : ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ ބައި ލޯފެޓް ކިރުގެ އުފެއްދުންތައް ބޭނުންކޮށްގެން ހޯދާށެވެ. އެހެނީ ޕްރޮޓީންގެ ގޮތުގައި ބޭނުންކުރާ މަހުގެ ސަބަބުން ޔުރިކް އެސިޑްގެ މިންވަރު މަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

(ރ) އެއްގަމުމަސް، ކަނޑުމަސް، އަދި ކުކުޅު ފަދަ ތަކެތި ބޭނުންކުރުން މަދުކުރުން : މިފަދަ ބާވަތްތައް ގިނައިން ބޭނުންކުރުމުން ޔުރިކް އެސިޑް މަތިވެ، ގައުޓްގެ އުނދަގޫތައް ކުރިމަތިވާގޮތް ވެއެވެ.

(ބ) އެކަށޭނަ ވަރެއްގައި ބަރުދަން ބެހެއްޓުން : އެކަށޭނަ ވަރެއްގައި ބަރުދަން ހިފެއްޓޭތޯ ބަލާށެވެ. ބަރުދަން ލުއިވުމަކީ ހަށިގަނޑުގައި ޔުރިކް އެސިޑްގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. ނުކައި ހައިބަނޑާ ގިނައިރު ނުހުންނާށެވެ. އަދި ކުއްލިއަކަށް އެއް ފަހަރާ ހަށިގަނޑުގެ ބަރުދަން މާބޮޑަށް ލުއިކޮށް ނުލާށެވެ. މިފަދަ ކަންކަމުގެ ސަބަބުން ފަހަރުގައި ޔުރިކް އެސިޑް މަތިވެދާނެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގެ ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.mayoclinic.org/diseases-conditions/gout/symptoms-causes/syc-20372897

·         https://www.arthritis.org/diseases/gout

 

No comments:

Post a Comment