ޕަލްމަނަރީ
އެމްބަލިޒަމް
ޕަލްމަނަރީ އެމްބަލިޒަމް (Pulmonary Embolism) އަކީ ފުއްޕާމޭގެ އާޓަރީ ތަކަށް ލޭފޮނުވުން
ހުރަސްއަޅައި ހުއްޓުވާ ގަނޑުލޭކޮޅެކެވެ. ނޫނީ މިއީ ފުއްޕާމޭގެ ލޭހޮޅިތަކުގެ
ތެރޭގައި ގަނޑުލޭކޮޅެއް އުފެދުމެވެ. ގިނަ ފަހަރު މިފަދަ ގަނޑުލޭކޮޅު ފުރަތަމަ
އުފެދެނީ ފައިގެ ތިރީގެ (ކުޑަކަޅުވާ ހިސާބު) ފުނުގައިވާ ނުސާފުލޭދައުރުކުރާ
ލޭހޮޅިތަކުގައެވެ. އެއަށްފަހު ލޭގެ ތެރޭގައި ދައުރުވަމުން ގޮސް ފުއްޕާމޭގެ
ލޭހޮޅިތަކަށް ވާޞިލްވަނީ އެވެ. ފައި ފިޔަވައި ހަށިގަނޑުގެ އެހެން ހިސާބެއްގައި
ހުންނަ ނުސާފުލޭ ދައުރުކުރާ ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދެނީ ވަރަށް
މަދުންނެވެ. މިގޮތަށް ފުނުގައި ހުންނަ ނުސާފުލޭ އުފުލާ ލޭހޮޅިތަކުގެ ތެރެއިން އެއް
ލޭހޮޅީގައި ނޫނީ ލޭހޮޅިތަކެއްގައި ގަނޑުލޭކޮޅު އުފެދުމަށް ކިޔަނީ "ޑީޕް
ވެއިން ތްރަމްބޯސިސް"(deep
vein thrombosis) އެވެ (މެޔޯކްލިނިކް.އޯރގް،2025).
ޕަލްމަނަރީ އެމްބަލިޒަމްގެ މާނައަކީ ހަށިގަނޑުގެ ލޭހޮޅި (އާންމުކޮށް ފައިގެ) އެއްގައި އުފެދޭ ގަނޑުލޭކޮޅެއް ލޭގެ ތެރެއިން ދަތުރުކުރަމުން ގޮސް، ފުއްޕާމޭގެ އާޓަރީއަށް ވާޞިލްވެ، ފުއްޕާމޭގެ އެތެރޭގެ ލޭހިނގުމަށް ހުރަސްއެޅުމެވެ. ހަށިގަނޑުގެ ހިސާބެއްގައި އުފެދޭ ގަނޑުލޭކޮޅު، މުގުރި، އެހެން ހިސާބަކަށް ދަތުރުކުރުމުން އެއަށް ކިޔަނީ "އެމްބަލަސް"(embolus) އެވެ. މިގޮތަށް މުގުރިގެންދާ ގަނޑުލޭކޮޅު ވެސް އޭގެ ޒާތުގައި ލޭހޮޅިއެއްގައި ތާށިވެދާނެ އެވެ. މިގޮތަށް ލޭހޮޅިއެއްގައި ގަނޑުލޭކޮޅު ތާށިވުމުން އެތާށިވުން ކުރިމަތިވި ހިސާބަކަށް ލޭހިނގުމަށް ހުރަސް އަޅައެވެ. މިގޮތަށް މުގުރިގެން ދާ ގަނޑުލޭކޮޅުން އުފެދޭ އެމްބަލަސްގެ ސަބަބުން ލޭހިނގުން ހުރަސްއެޅުމަށް ކިޔަނީ އެމްބަލިޒަމް(embolism) އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ގަނޑުލޭކޮޅު ލޭގެ ތެރެއިން ގޮސް
ފުއްޕާމޭގެ ލޭހޮޅިތަކަށް ވާޞިލްވުމަކީ ނޫނީ ފުއްޕާމޭގައި ގަނޑުލޭކޮޅު އަށަގަތުމަކީ
ފުރާނައަށް ނުރައްކާހުރި ކަމެކެވެ. ނަމަވެސް އެކަށޭނަ ވަގުތުގައި އެކަށޭނަ ފަރުވާ
ދެވިއްޖެނަމަ ފުރާނަ ސަލާމަތް ކުރެވުމަކީ ނުވާނެ ކަމެއް ނޫނެވެ. ޕަލްމަނަރީ
އެމްބަލިޒަމް އިން ދުރުވެހުރުމަށް އެންމެ މުހިއްމު ކަމަކީ ފައިގައި ގަނޑުލޭކޮޅު
އުފެދުމުން ރައްކާތެރިވެ ހުރުމަށް މަސައްކަތް ކުރުމެވެ (މެޔޯކްލިނިކް.އޯރގް،2025).
ޕަލްމަނަރީ އެމްބަލިޒަމް އަކީ މެޑިކަލް
އިމަޖެންސީ އެކެވެ. އެދެވޭ އެކަށޭނަ ފަރުވާ އެކަށޭނަ ވަގުތުގައި ނުދެވިއްޖެނަމަ
ޕަލްމަނަރީ އެމްބަލިޒަމްގެ ސަބަބުން ހިތާއި ފުއްޕާމެޔަށް ގެއްލުންވެ، ފުރާނަ
ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ޕަލްމަނަރީ އެމްބަލިޒަމް ކުރިމަތިވާ %33
މީހުން ބަލި ދެނެނުގަނެވެނީސް ނޫނީ ފަރުވާ ނުދެވެނީސް މަރުވުމަކީ އެކަށީގެންވާ
ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2024).
އެހެންކަމުން ޕަލްމަނަރީ އެމްބަލިޒަމްގެ
ސަބަބުން :-
·
ފުއްޕާމެޔަށް ގެއްލުންވެދާނެ
·
ހިތުގެ މަސައްކަތް ދަށްވެ، ފޭލްވެދާނެ
·
ފުރާނަޔަށް ނުރައްކާވެ، މަރުވެދާނެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2024).
ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި އެންމެ
އާންމު ބަލިތަކުގެ ތެރޭގައި ހާޓް އެޓޭކް އަދި ސްޓްރޯކްޖެހުން ނެގުމަށްފަހު
ގުނާލެވޭ ބައްޔަކީ ޕަލްމަނަރީ އެމްބަލިޒަމް އެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2024).
ސަބަބު
ޕަލްމަނަރީ އެމްބަލިޒަމް އާންމުކޮށް
ކުރިމަތިވަނީ ފުއްޕާމޭގެ އާޓަރީގެ ތެރޭގައި ގަނޑުލޭކޮޅެއް ތާށިވުމުންނެވެ.
އެކަމުގެ ސަބަބުން ފުއްޕާމޭގެ ލޭދައުރުކުރުމަށް ހުރަސްއެޅެއެވެ. ގިނަ ފަހަރު
ފުއްޕާމޭގައި މިފަދަ ގަނޑުލޭކޮޅު ފުރަތަމަ އުފެދެނީ ފައިގެ ތިރީގެ (ކުޑަކަޅުވާ
ހިސާބު) ފުނުގައިވާ ނުސާފުލޭދައުރުކުރާ ލޭހޮޅިތަކުގައި އުފެދޭ ގަނޑުލޭކޮޅު ލޭގެ
ތެރޭގައި ދައުރުވަމުން ގޮސް ފުއްޕާމެޔަށް ވާޞިލްވުމުންނެވެ. މިގޮތަށް ފައިގެ
ފުނުގައި ހުންނަ ނުސާފުލޭ އުފުލާ ލޭހޮޅީގައި ގަނޑުލޭކޮޅު އުފެދުމަށް ކިޔަނީ
"ޑީޕް ވެއިން ތްރަމްބޯސިސް"(deep
vein thrombosis) އެވެ
(މެޔޯކްލިނިކް.އޯރގް،2025).
ގިނަ ފަހަރު މިގޮތަށް ބައިވަރު
ގަނޑުލޭކޮޅު އުފެދެއެވެ. މިގޮތަށް ފުއްޕާމެއިން ގަނޑުލޭކޮޅު އުފެދިފައިވާ ލޭހޮޅިން
ފުއްޕާމެޔަށް ލޭދައުރުކޮށްދޭ ހިސާބުތައް ލޭ ނުލިބި މަރުވުމަކީ ގާތްކަމެކެވެ.
މިގޮތަށް ފުއްޕާމޭގެ ހިސާބަކަށް ނޫނީ ތަންކޮޅަކަށް ލޭލިބުން ދަށްވެ ނޫނީ
ލޭނުލިބުމުން ކުރިމަތިވާ ހާލަތަށް ކިޔަނީ "ޕަލްމަނަރީ އިންފަކްޝަން"
އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ ހިސާބުތަކަށް ފުއްޕާމެއިން އޮކްސިޖަން
ފޮނުވައި ދިނުމަށް ހުރަސް އަޅައެވެ (މެޔޯކްލިނިކް.އޯރގް،2025).
ބައެއް ފަހަރު ގަނޑުލޭކޮޅު ނޫން އެހެން
ތަކެތީގެ ސަބަބުން ވެސް ލޭހޮޅި ބެދިދާނެއެވެ. އެގޮތުން ފުއްޕާމޭގެ ލޭހޮޅިތައް
ބެދިދާނެ އެހެން ތަކެތީގެ ތެރޭގައި އަންނަނިވި ތަކެތި ހިމެނެއެވެ
(މެޔޯކްލިނިކް.އޯރގް،2025).
·
ބިނދިފައިވާ ކަށިގަނޑަކުން ބޭރުވެގެންދާ ސަރުބީ ކޮޅު
·
ހަށިގަނޑުގައި އުފެދޭ ޓިއުމަރުގެ އެތިކޮޅު
·
ވައިބޮކި (މެޔޯކްލިނިކް.އޯރގް،2025).
ލޭގަނޑުވުމަކީ ލޭހިލުން ހުއްޓުވުމަށް
ނޫނީ ލޭމަނާކުރުމަށް ހިނގާ ތަބީޢީ ކަމެކެވެ. ހަށިގަނޑުގައި ގަނޑުލޭކޮޅު އުފެދި،
އޭގެ ޒާތުގައި އެ މުގުރި ދެއެވެ. ބައެއް ހާލަތުގައި ހަށިގަނޑުގައި އުފެދޭ
ގަނޑުލޭކޮޅު މުގުރުމަށް ނުކުޅެދެއެވެ. މިގޮތަށް ގަނޑުލޭކޮޅު އުފެދި ނުމުގުރި
ހުރުމަކީ އެކަމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ދިމާވެދާނެ ކަމެކެވެ. ނުސާފުލޭ
ދައުރުވާ ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދެނީ، އެ ލޭހޮޅިތަކުގައި ލޭހިނގުން
ލަސްވުން، ލޭގަނޑުވުމުގައި ހުންނަ ޢައިބުތައް ނޫނީ ލޭހޮޅީގެ ފާރަށް ލިބޭ
އަނިޔާއެއްގެ ސަބަބުން ކަމަށް ވެދާނެ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ގަނޑުލޭކޮޅު ސާފުލޭ ދައުރުވާ ލޭހޮޅި ތައް
އަދި ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކުގައި ވެސް އުފެދިދާނެ އެވެ. ނުސާފުލޭ ދައުރުވާ
ލޭހޮޅިތަކުގައި އުފެދޭ ގަނޑުލޭކޮޅަށް ކިޔަނީ "ވީނަސް ކްލޮޓް"(venous clot) އެވެ. ފައިގައި ހުންނަ ނުސާފުލޭ ދައުރުވާ
ލޭހޮޅިތައް ތިލަ ހިސާބުގައި އަދި ފުނުގައި ހުރެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް،
2025).
އާންމު ގޮތެއްގައި ފައިގައި ވީނަސް
ކްލޮޓް ބޮޑަށް ކުރިމަތިވަނީ ފައިގެ ފުނުގައި ހުންނަ ނުސާފުލޭ ދައުރުވާ
ލޭހޮޅިތަކުގައެވެ. މިހިސާބުގައި އުފެދޭ ގަނޑުލޭކޮޅަށް "ޑީޕް ވީނަސް
ތްރަމްބޯސިސް"(deep
venous thrombosis) އެވެ.
މިގޮތަށް ފައިގައި އުފެދޭ ގަނޑުލޭކޮޅު މުގުރި، ލޭގައި ދައުރުވެ އެހެން
ހިސާބުތަކަށް ދިއުމުގެ ފުރުޞަތު އޮވެއެވެ. ޕަލްމަނަރީ އެމްބަލިޒަމް ކުރިމަތިވާ
އެންމެ އާންމު ސަބަބަކީ ޑީޕް ވީނަސް ތްރަމްބޯސިސް އެވެ (ހޮޕްކިންސްމެޑިސިން.އޯރގް،
2025).
މަގުފަހިކުރާ ކަންތައްތައް
ގަނޑުލޭކޮޅު އުފެދި ޕަލްމަނަރީ
އެމްބަލިޒަމް ކުރިމަތިވުމަކީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. ނަމަވެސް
މިކަމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް
ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ޞިއްޙީ ޙާލަތްތަކާއި
ފަރުވާތައް
ބައެއް ޞިއްހީ ހާލަތްތަކާއި ފަރުވާތަކުގެ
ސަބަބުން ޕަލްމަނަރީ އެމްބަލިޒަމް އަށް މަގުފަހިކުރެއެވެ. ނޫނީ ޕަލްމަނަރީ
އެމްބަލިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރެއެވެ. މިފަދަ ބައެއް ހާލަތްތަކާއި
ފަރުވާތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ހިތުގެ ބަލި : ހިތުގެ ބަލިތަކާއި، ލޭހޮޅިތަކުގެ ބަލިތައް ޚާއްޞަކޮށް
ހިތުގެ މަސައްކަތްތައް ހުއްޓީ ފޭލްވުމަކީ ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް
އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް.އޯރގް،2025). މިސާލަކަށް
ކުރިން ހާޓް އެޓޭކްޖެހިފައިވުން ނޫނީ ސްޓްރޯކް ޖެހިފައިވުމަކީ ޕަލްމަނަރީ
އެމްބަލިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުވެދާނެ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2024).
·
ކެންސަރު: ބައެއް ކަހަލަ ކެންސަރު ތައް މިސާލަކަށް ސިކުނޑީގެ
ކެންސަރު، ބިސްރަވައިގެ ކެންސަރު، ޗިސްމޭގެ ކެންސަރު، ގުރުދާގެ ކެންސަރު، ގޮހޮރުގެ
ކެންސަރު، ބަނޑުގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަދި އެހެން ހިސާބުތަކަށް
ކެންސަރު ފެތުރިފައިވުން ފަދަ ކަންކަމުގެ ސަބަބުން ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް
އިތުރުކުރުވައެވެ. އާއިލާގެ ތެރޭގައި އުރަމަތީގެ ކެންސަރު ދައުރުވަމުން އައުން
ނޫނީ އެމީހަކަށް ކުރިން އުރަމަތީގެ ކެންސަރު ކުރިން ކުރިމަތިވެފައިވުން، ނޫނީ
ޓެމްކޮސިފެން ނޫނީ ރިލޮކްސީން ފަދަ ބޭސްތައް ބޭނުންކުރުމަކީ ގަނޑުލޭކޮޅު
އުފެދުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ (މެޔޯކްލިނިކް.އޯރގް،2025).
·
އޮޕަރޭޝަންކުރުން: އޮޕަރޭޝަނެއް ކުރުމަކީ ލޭގައި ގަނޑުލޭކޮޅެއް އުފެދުމަށް
މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ. މިސަބަބާހުރެ ބޮޑު އޮޕަރޭޝަނެއްކުރާނަމަ، އެ
އޮޕަރޭޝަނެއްގެ ކުރިންނާއި،އޮޕަރޭޝަންގެ ފަހުން ވެސް ލޭގަނޑުވުން ހުއްޓުވުމަށް
ލޭދިޔާ ކުރާ ބޭސްތައް ދީއުޅެއެވެ. (މެޔޯކްލިނިކް.އޯރގް،2025).
·
ލޭގަނޑުވުމަށް އަސަރުކުރުވާ ބަލިތައް : ވާރުތަވާ ބައެއް ހާލަތްތަކުގެ ސަބަބުން ލެޔަށް އަސަރުކޮށް
ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުކުރުވައެވެ. މީގެ އިތުރުން ގުރުދާގެ
ބަލިތަކުގެ ސަބަބުން ވެސް ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުކުރުވައެވެ (މެޔޯކްލިނިކް.އޯރގް،2025).
ލޭމަނާކުރުމަށް ހުރަސްއަޅާ ބައްޔެއް ނޫނީ ހާލަތެއް ހުރުން، އާއިލާ ތެރޭގައި
ގަނޑުލޭކޮޅު އުފެދުމުގެ މާޒީއެއް އޮތުން އަދި ހަކުރުބަލި ހުރުމަކީ ވެސް ޕަލްމަނަރީ
އެމްބަލިޒަމްގެ ހިރާސް އިތުރުވެދާނެ ކަމެކެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2024).
·
ކޯވިޑް19 : ކޯވިޑް 19 ކުރިމަތިވި ބައެއް މީހުންނަށް ނޫނީ ކުރިމަތިވާ
މީހުންނަށް ޕަލްމަނަރީ އެމްބަލިޒަމް ކުރިމަތިވުގެ ހިރާސް އިތުރުކުރުވައެވެ (މެޔޯކްލިނިކް.އޯރގް،2025).
ހެލިފެލިވެއުޅުން މަދުވުން
ގިނަ ދުވަސްތަކެއް ވަންދެން
ހެލިފެލިވެއުޅުން މަދުވުން ނޫނީ އެއްވެސް ގޮތަކަށް ހެލިފެލިވެނޫޅޭ މީހުންނަށް
ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުވެއެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި
އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ދާންމަތިވުން ނޫނީ އެދުމަތީގައި އަބަދު
އޮންނަންޖެހުން ނޫނީ އޮތުން : އޮޕަރޭޝަނެއްކުރުން،
ހާޓް އެޓޭކެއްޖެހުން، ފައިބިއްދައިގެންދިއުން، އަނިޔާއެއްވުން ނޫނީ ނުރައްކާތެރި
ބައްޔެއްގެ ސަބަބުން ދިގުމުއްދަތަކަށް އެދުމަތިވެފައި އޮންނަށް ޖެހުމަކީ އެކަމުގެ
ސަބަބުން ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުވާ ކަމެކެވެ. ގިނައިރު ތަކެއް ވަންދެން
ފައި ދަމާލާފައި ތަނެއްގައި ބާއްވާފައި އޮންނައިރު، ފައިގެ ނުސާފުލޭ އުފުލާ
ލޭހޮޅިތަކުގެ ލޭހިނގުން ދަށްވެ، ލޭ އެއްތަނަކަށް (ފައިގައި) ޖަމާވާގޮތް ވެއެވެ.
ނޫނީ އެހިސާބުގައި (ފައިގެ ލޭހިނގުން) މަޑުޖެހޭގޮތް ވެއެވެ. މިކަން މިގޮތަށް
ހިނގުމަކީ ނޫނީ ކުރިމަތިވުމަކީ ބައެއް ފަހަރު ގަނޑުލޭކޮޅު އުފެދިދާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ދިގު ދަތުރުތައް ކުރުން : ދަތުރެއްގެ މަތީގައި އެއްތަނެއްގައި ގުޑާނުލައި ނުވަތަ
ހަރަކާތެއް ކޮށްލުމެއްނެތި، ގިނައިރު ތަކެއް ހޭދަކުރުމަކީ ފައިގެ ލޭހިނގުން
ދަށްވެ، ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުކުރާނެ ކަމެކެވެ (މެޔޯކްލިނިކް.އޯރގް،2025).
އެހެނިހެން ކަންތައްތައް
·
ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުމަކީ ލޭހޮޅިތަކުގައި
ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. މިފަދަ އެހެން ހިރާސް އެއް
އޮތް މީހަކު ދުންފަތުގެ އިސްތިއުމާލުކުރާނަމަ ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު
އިތުރަށް ބޮޑުވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ މިންވަރަށް
ވުރެ ބަރުވުން: ބަރުދަން އިތުރުވެ
ފަލަވުމަކީ ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.
މިފަދަ އެހެން ހިރާސް އެއް އޮތް މީހަކު ހަށިގަނޑުގެ ބަރުދަން
އިތުރުވެ،ފަލަވެއްޖެނަމަ ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު އިތުރަށް ބޮޑުވެގެން
ދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
·
އެސްޓްރަޖަން ހޯރމޯން ބޭނުންކުރުން : ދޭތެރެ ދުރުކުރުމަށާއި، ހޯރމޯންގެ ފަރުވާގެ ތެރެއިން
އެސްޓްރަޖަން ހޯރމޯން ނެގުމަކީ ލޭގައި ލޭގަނޑުކުރާ މާއްދާތައް އިތުރުކުރާނެ
ކަމެކެވެ. ޚާއްޞަކޮށް ބަރުހެލި ފަލަ މީހުން އަދި ދުންފަތުގެ އިސްތިއުމާލުކުރާ
މީހުންނަށް މިގޮތަށް ލޭގައި ލޭގަނޑުކުރާ މާއްދާތައް އިތުރުވެގެން ދިއުމުގެ ފުރުޞަތު
ބޮޑެވެ (މެޔޯކްލިނިކް.އޯރގް،2025).
·
މާބަނޑުވުން : މާބަނޑު ދުވަސްވަރު ބަނޑުގައި ތުއްތު ދަރިފުޅު
ހެދިބޮޑުވަމުން އަންނައިރު، ޅިނދު ހިސާބުގައި ހުންނަ ނުސާފުލޭ އުފުލައިދޭ
ލޭހޮޅިތަކަށް ފިއްތައެވެ. މިކަމުގެ ސަބަބުން ފައިން ނުސާފުލޭތައް ހިތާއި ދިމާލަށް
ދިއުން މަޑުޖެހި ލަސްވެ، ފަސްޖެހޭގޮތް ވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފައިގައި
ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
·
އުމުރުން ދުވަސްވުން : އުމުރުން 60 އަހަރަށްވުރެ މަތިވުމަކީ ޕަލްމަނަރީ
އެމްބަލިޒަމް ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2024).
އަލާމާތްތައް
ޕަލްމަނަރީ އެމްބަލިޒަމްގެ އަލާމާތްތައް
ފުއްޕާމޭގައި ގަނޑުލޭކޮޅު ހުރި މިންވަރު، ހިސާބު، އެމިޙެއްގެ ކިބައިގައި ފުއްޕާމޭ
ނޫނީ ހިތުގެ ބައްޔެއް ހުރުން ފަދަ ކަންކަމަށް ރިއާޔަތްކޮށް ތަފާތު ވުމަކީ
އެކަށީގެންވާ ކަމެކެވެ (މެޔޯކްލިނިކް.އޯރގް،2025).
ޕަލްމަނަރީ އެމްބަލިޒަމްގެ ސަބަބުން
އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.
·
ނޭވާކުރުވުން: ނޭވާކުރުވުން އާންމުކޮށް ފާހަގަވާނީ ކުއްލިއަކަށެވެ.
އެގޮތުން އެއްވެސް ކަމެއް ނުކޮށް ހުންނަ އިރު ވެސް ނޭވާކުރުވެދާނެ އެވެ. އަދި
ކަމެއް ކޮށްލުމުން ނޭވާކުރުވުން އިތުރަށް ގޯސްވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
މޭގައި ރިހުން : މޭގައި ރިހި ހާޓް އެޓޭކެއް ޖެހޭ ކަހަލަ އިހުސާސެއް
ކުރެވިދާނެއެވެ. މޭގައި ރިހުން ތޫނުވެފައި، އެތެރެއަށް ނޭވާލާއިރު ރިހުން
އިހުސާސްވެދާނެ އެވެ. ނޫނީ ރިހުން އިތުރުވެދާނެ އެވެ. ރިއްސާތީ ފުން ނޭވާއެއްލާން
ދަތިވެދާނެ އެވެ. ކެއްސުމުން ނޫނީ ކުރިޔަށް ލެނބިލުމުން ވެސް މޭގައި ރިހުން
އިހުސާސް ވެދާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
އަނބުރައިގަތުން : ކުއްލިއަކަށް ލޭގެ ޕްރެޝަރު ދަށްވެ، ހިތުގެ ވިންދު
ދަށްވެއްޖެނަމަ، އަނބުރައިގަނެފާނެއެވެ. ނުވަތަ ހޭނެތިދާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
މީގެ އިތުރުން ޕަލްމަނަރީ އެމްބަލިޒަމްގެ
ސަބަބުން ކުރިމަތިވެދާނެ އެހެން އަލާމާތްތަކުގެ ތެރޭގައި : -
·
ކެއްސުމާއެކު ލޭއައުން ނޫނީ ލޭއެކުލެވޭ އަރިދަފުސް އައުން
·
ހިތުގެ ވިންދު އަވަސްވުން ނޫނީ މޭތެޅުން
·
ބޯއެނބުރުން
·
ދާހިއްލުން
·
ހުންއައުން
·
ފައިގައި ރިހުން ނޫނި ފައި ދުޅަވުން ނޫނީ ފައިގައި
ރިއްސައި ފައި ދުޅަވުން : ރިހުމާއި ދުޅަ ބޮޑަށް ހުންނާނީ ފައިގެ ތިރިން
ފަހަތުގައެވެ.
·
ހަމުގެ ކުލަ ބަދަލުވުން ނޫނީ ހަން ނޫވުން ނޫނީ
ނޫފައިގެންފައި ހުންނަގޮތަށް ހުރުން (މެޔޯކްލިނިކް.އޯރގް،2025).
·
ލޭގެ ޕްރެޝަރު ދަށްވުން (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
·
ނޭވާލުން އަވަސްވުން
·
ނޭވާލާއިރު ތޫލިއަޑުހުރުން
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2024).
މީގެ އިތުރުން ޑީޕް ވީނަސް ތްރަމްބޯސިސް(DVT) ގެ އަލާމާތްތައް ވެސް ފެނިދާނެ އެވެ.
·
ގަނޑުލޭކޮޅު އުފެދުނު ފައިގައި ރިހުން
·
ފައިދުޅަވުން
·
ފައިހޫނުވެ، ރަތްވެ،ބީހިލުމުން ތަދުވުން
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ނުރައްކާތައް
ފުއްޕާމޭގައި ގަނޑުލޭކޮޅު އުފެދުމަކީ
ފުރާނަޔަށް ނުރައްކާވެދާނެ ކަމެކެވެ. ނޫނީ ވާނެ ކަމެކެވެ. ޕަލްމަނަރީ އެމްބަލިޒަމް
ކުރިމަތިވާ 3/1 މީހުންނަށް އެކަން ދެނެނުގަނެވި، ފަރުވާނުކުރެވި، ފުރާނަ
ސަލާމަތްނުވެ ދާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް ބަލި ދެނެގަނެވި، އެކަށޭނަ
ފަރުވާ ދެވޭނަމަ ، މިނިސްބަތް (މަރުވާ ނިސްބަތް) ނިސްބަތުން ދަށްކުރެވެއެވެ. ނޫނީ
މަދުވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ޕަލްމަނަރީ އެމްބަލިޒަމްގެ ސަބަބުން
ދިމާވާ އެންމެ ބޮޑު އެއް ނުރައްކަލަކީ ޕަލްމަނަރީ ހައިޕަޓެންޝަން އެވެ. ޕަލްމަނަރީ
ހައިޕަޓެންޝަން ގައި ހިތުގެ ކަނާތްފަޅި އަދި ފުއްޕާމޭގައި ޕްރެޝަރު މަތިވެގެން
ދެއެވެ. ފުއްޕާމޭގެ އާޓަރީ ތަކުގައި ބެދުމެއް ހުރިނަމަ، ބެދިފައިވާ ލޭހޮޅިތަކުން
ލޭ ދައުރުކުރުވުމަށް ހިތުން ކުރަންޖެހޭ މަސައްކަތް ނޫނީ އުފުލަންޖެހޭ ބުރަ
ބޮޑުވެގެން ދެއެވެ. މިގޮތުން އިތުރުވެގެން ލޭގެ ޕްރެޝަރުގެ ސަބަބުން ހިތުން
ކުރަންޖެހޭ މަސައްކަތްތައް ދަށްވެ، ދެރަވެގެންދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ވަރަށް މަދު ފަހަރަކު، މިގޮތަށް
ފުއްޕާމޭގައި އުފެދޭ ގަނޑުލޭކޮޅު ފުއްޕާމޭގައި ހަރުލާފައި ހުރެއެވެ. އަދި މިގޮތަށް
ހަރުލުމުން ފުއްޕާމޭގެ އާޓަރީގެ ތެރޭގައި ލަކުނު އުފެދޭގޮތް ވެއެވެ. މިހެންވުމުން
ފުއްޕާމޭގެ އާޓަރީ ތެރޭގައި ލޭދައުރުވުމަށް ދަތިވެ، ދާއިމީ ގޮތެއްގައި ޕަލްމަނަރީ
ހައިޕަޓެންޝަން ކުރިމަތިވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ޕަލްމަނަރީ އެމްބަލިޒަމްގެ ސަބަބުން
ލޭހިނގުން ދަށްވެ، ފުއްޕާމޭގެ ސެލޯށިތަކަށް ގެއްލުންވެއެވެ. އޭގެ ސަބަބުން
ހަށިގަނޑުގެ ހިސާބުތަކަށް އޮކްސިޖަން ލިބުން މަދުވެ، އެހެން ގުނަވަންތަކަށް ވެސް
ގެއްލުންވެއެވެ. ވަރަށް ބޮޑަށް ޕަލްމަނަރީ އެމްބަލިޒަމް ކުރިމަތިވުން ނޫނީ އާދަޔާ
ޚިލާފަށް ބޮޑު ގަނޑުލޭކޮޅެއް ފުއްޕާމޭގައި އުފެދުމަކީ އެކަމުގެ ސަބަބުން
ފުރާނަޔަށް ނުރައްކާވެ މަރުވެސް ވެދާނެ ކަމެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް،
2025).
ޕަލްމަނަރީ އެމްބަލިޒަމްގެ ފަރުވާގައި
އާންމުކޮށް ލޭދިޔާކުރާ ބޭސް ދެއެވެ. މިބޭސްތަކުގެ ސަބަބުން ލޭ މާބޮޑަށް ދިޔާވެ،
ލޭހިލުމުގެ ހިރާސް އިތުރުކުރުވައެވެ. އާދަޔާ ޚިލާފަށް ގިނައިން ލޭހިލުން ނޫނީ
ލޭފޭބުން ކަމަށް ބަލަނީ ލޭ އަންނަ ތަނަކަށް 10 މިނިޓަށްވުރެ ގިނައިން އޮބައިގެން
ނޫނީ ފިއްތައިގެން ހުންނަ އިރު ވެސް އެހިސާބުގެ ލޭ މަނާނުވުމަށެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
އެތެރެހަށްޓަށް ލޭއެޅުމުން ފެނިދާނެ
އަލާމާތްތައް
·
ހޮޑުގައި ލޭހުރުން ނޫނީ ހޮޑު ކޮފީ ގްރައުންޑް ހެން ހުރުން
·
ބޮޑުކަމު ނަޖިހުގައި ލޭހުރުން
·
ބަނޑުގައި ރިހުން (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ސިކުނޑިއަށް ލޭއެޅުމުން ފެނިދާނެ
އަލާމާތްތައް
·
ވަރަށް ބޮޑަށް ބޮލުގައި ރިހުން
·
ކުއްލިއަކަށް ލޮލުގެ ފެނުމަށް ބަދަލުއައުން
·
ކުއްލިއަކަށް އަތްފައިގެ ހަރަކާތް ނުކުރެވުން ނޫނީ
އިހުސާސް ނެތުން
·
ހަދާންނުހުރުން ނޫނީ ވާނުވާ
ނޭނގުން(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ޕަލްމަނަރީ އެމްބަލިޒަމްގެ ސަބަބުން
ކުރިމަތިވެދާނެ ބައެއް ނުރައްކާތައް ތިރީގައި މިވަނީ އެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2024).
·
ނޫވުން
·
ހާޓް އެޓޭކްޖެހުން
·
ސްޓްރޯކް ޖެހުން
·
ޕަލްމަނަރީ ހައިޕަޓެންޝަން ކުރިމަތިވުން
·
ޝޮކުޖެހުން
·
ޕަލްމަނަރީ އިންފަކްޝަން ކުރިމަތިވުން ( ފުއްޕާމޭގެ
ސެލޯށިތައް މަރުވުން) (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2024).
ދެނެގަތުން
ކުރިން ހިތުގެ ނޫނީ ފުއްޕާމޭގެ ބައްޔެއް
ހުރިނަމަ ޕަލްމަނަރީ އެމްބަލިޒަމް ދެނެގަތުން އުދަނގޫ ކަމަކަށް ވެދާނެއެވެ.
އެހެންކަމުން ބަލިމީހާގެ ޞިއްޙީ ހާލަތު
ކުރިއްސުރެ ހުރިގޮތް އޮޅުން ފިލުވުމާއި، ބަލިމީހާގެ ހަށިގަނޑު ބަލައި ޗެކުކުރުމުގެ
އިތުރުން އަންނަނިވި ޓެސްޓުތައް ހަދަން ލަފާދީފާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
ލޭގެ ޓެސްޓުތައް ހެދުން
ލޭގެ ޓެސްޓުތަކުގެ ތެރެއިން ހެދޭ އެއް
ޓެސްޓަކީ "ޑީ ޑައިމަރ"(D
dimer) ގެ މިންވަރު ބެލުމެވެ. ޑީ ޑައިމަރގެ މިންވަރު
ލޭގައި މަތިނަމަ ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް ފަހަރުގައި އިތުރުވެދާނެ އެވެ.
ނަމަވެސް ވަރަށް ގިނަ އެހެން ކަންތައްތަކުގެ ސަބަބުން ވެސް ލޭގައި ޑީ ޑައިމަރ ގެ
ނިސްބަތް މަތިވެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ލޭގެ ޓެސްޓުތަކުގެ އެހީގައި ލޭގައި
އޮކްސިޖަން އަދި ކާބަންޑައިއޮކްސައިޑް އެކުލެވޭ މިންވަރު ދެނެގަނެވިދާނެ އެވެ.
ނޫނީ މިންކުރެވިދާނެއެވެ. ފުއްޕާމޭގެ ލޭހޮޅިއެއްގައި ގަނޑުލޭކޮޅެއް ހުރިނަމަ
ފަހަރުގައި ލޭގައި އޮކްސިޖަންގެ މިންވަރު ދަށްވެ، މަދުވެދާނެ އެވެ. މީގެ އިތުރުން
ލޭ ޓެސްޓުކޮށްގެން ލޭގަނޑުވުމަށް މަގުފަހިކުރާ ފަދަ ހާލަތެއް ހުރިތޯ ވެސް
ދެނެގަނެވިދާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
ފުއްޕާމޭގެ އެކްސްރޭ ނެގުން
ފުއްޕާމޭގެ އެކްސްރޭ ނަގައިގެން
ޕަލްމަނަރީ އެމްބަލިޒަމް ދެނެ ނުގަނެވުނަސް، ޕަލްމަނަރީ އެމްބަލިޒަމް
ކުރިމަތިވެފައިވާ މީހުންނަށް ޕަލްމަނަރީ އެމްބަލިޒަމް އާއި އެއްގޮތް އަލާމާތްތައް
ހުންނަ އެހެން ހާލަތްތަކާއި ބަލިތައް ދެނެގަތުމަށް ފުއްޕާމޭގެ އެކްސްރޭ ނެގުން
ބޭނުންތެރި ކަމަކަށް ވެއެއެވެ (މެޔޯކްލިނިކް.އޯރގް،2025).
އަލްޓްރާ ސައުންޑް ސްކޭން
ހެދުން
ޕަލްމަނަރީ އެމްބަލިޒަމް ކުރިމަތިވުމުން ފައިގެ
ލޭހޮޅިތަކުގެ ސްކޭން އެއް ހެދެއެވެ. އާންމު ގޮތެއްގައި މިގޮތަށް ހަދާ ސްކޭން އަށް
"ޑުޕްލެކްސް ސްކޭން" ނޫނީ "ކޮމްޕްރެޝަން އަލްޓްރާސޮނަގްރަފީ"(compression ultrasonography) އޭ ވެސް ކިޔައެވެ. މި ސްކޭންގައި ފައިގެ
ފުނުގައި ވާ ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކުގައި ގަނޑުލޭކޮޅެއް ހުރިކަން ނުވަތަ
ނޫންކަން ދެނެގަނެވެއެވެ. މިސްކޭންގެ އެހީގައި ފައިގެ ފަލަމަސްގަނޑު، ކަކޫހުޅު،
ކުޑަކަޅުވާ އަދި ބައެއް ފަހަރު އަތުގެ މުލައްދަނޑި ހިމެނޭ ހިސާބުގެ ނުސާފުލޭ
ދައުރުވާ ލޭހޮޅިތަކުގައި ގަނޑުލޭކޮޅެއް ހުރިތޯ ބަލައެވެ. ގަނޑުލޭކޮޅެއް ސްކޭން
އިން ފެންނަން ނެތްނަމަ ފައިގެ ފުނުގައި ހުންނަ ނުސާފުލޭ ދައުރުވާ ލޭހޮޅި ތަކުގައި
ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް ކުޑަވުމެވެ. ގަނޑުލޭކޮޅެއް ހުރިކަން ފާހަގަވާނަމަ،
ވީއެންމެ އަވަހަކަށް ފަރުވާ ފަށާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
ސީޓީ ޕަލްމަނަރީ
އެންޖީއޯގްރަފީ ހެދުން
ސީޓީ ޕަލްމަނަރީ އެންޖީއޯގްރަފީ(CT pulmonary angiography) އަށް ސީޓީ ޕަލްމަނަރީ އެމްބަލިޒަމް ސްޓަޑީ
އޭ ވެސް ކިޔައެވެ. ސީޓީގެ އެހީގައި ކުރަހާލެވޭ 3 ޑީ ތަސްވީރު ތަކުން ފުއްޕާމޭގެ
އާޓަރީ ތަކުގައި ގަނޑުލޭކޮޅެއް އުފެދުން ފަދަ ބަދަލުތައް ދެނެގަނެވޭނެ އެވެ.
ބައެއް ފަހަރު ސީޓީ ހަދާއިރު އަތްތިލަ ނޫނީ މުލައްދަނޑީގައި ހިމެނޭ ނުސާފުލޭ
ދައުރުވާ ލޭހޮޅިއަކަށް ކޮންޓްރަސްޓް އިންޖެކްޓް ކުރެވެއެވެ. މީގެ ސަބަބުން
ޕަލްމަނަރީ އާޓަރީތައް ފަސޭހަ ކަމާއެކު ފާހަގަ ކުރެވޭނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
ވެންޓިލޭޝަން ޕާފިއުޝަން
ސްކޭން ހެދުން
ސީޓީ ހަދާއިރު ބޭނުންކުރާ ކޮންޓްރަސްޓް،
އަދި ރޭޑިޔޭޝަން އަށް ހުށަހެޅުމުން މިންޖުވާންޖެހޭ ހާލަތުގައި ވެންޓިލޭޝަން/ޕާފިއުޝަން
ސްކޭން(ventilation/perfusion
(V/Q) scan) ހެދެއެވެ.
މިޓެސްޓުގައި ރޭޑިޔޯއެކްޓިވް މާއްދާއެއް ކަމުގައިވާ "ޓްރޭސަރ"(tracer)ގެ ކުޑަ މިންވަރެއް މުލައްދަނޑީގައިވާ ނުސާފުލޭ ދައުރުވާ
ލޭހޮޅިއަކަށް އިންޖެކްޓް ކުރެވެއެވެ. މި ޓްރޭސަރ އިން .ލޭހިނގާގޮތް ބަލައެވެ.
މިކަމަށް ކިޔަނީ "ޕާފިއުޝަން"(perfusion) އެވެ. އަދި
ލޭހިނގާގޮތް ފުއްޕާމެޔަށް ވައި ވާޞިލްވާގޮތް ނޫނީ ފުއްޕާމެޔަށް ވައި ދައުރުގޮތާއި
އަޅާކިޔެއެވެ. މިކަމަށް ކިޔަނީ "ވެންޓިލޭޝަން"(ventilation) އެވެ. އެހެން
ގޮތަކަށް ބުނާނަމަ ޓްރޭސަރ އިން ލޭދައުރުވާގޮތް ބަލާލެވޭނެ އެވެ. ނޫނީ
ދެނެގަނެވޭނެ އެވެ. އަދި ނޭވަޔާއެކު އެތެރެކުރުމުން ފުއްޕާމޭގައި ވައި
ދައުރުވާގޮތް ބަލާލެވޭނެ އެވެ. މިޓެސްޓުގެ އެހީގައި ޕަލްމަނަރީ ހައިޕަޓެންޝަން ގެ
އުދަނގޫތައް ކުރިމަތިވަނީ ގަނޑުލޭކޮޅެއްގެ ސަބަބުންކަން ނުވަތަ ނޫންކަން ބުނެދޭނެ
އެވެ (މެޔޯކްލިނިކް.އޯރގް،2025).
ޕަލްމަނަރީ އެންޖީއޯގްރާމް
ހެދުން
ޕަލްމަނަރީ އެންޖީއޯގްރާމް(pulmonary angiogram)ގެ އެހީގައި ފުއްޕާމޭގެ ލޭހޮޅިތަކުގައި ލޭދައުރުވާ ގޮތުގެ
ސާފު މަންޒަރެއް ނުވަތަ ތަސްވީރެއް ކުރަހައިދެއެވެ. ޕަލްމަނަރީ އެމްބަލިޒަމް ކަން ޔަގީންކުރުމަށް
އެންމެ ސާފު އެންމެ އިތުބާރުކުރެވޭ ނުވަތަ ބަރޯސާވެވޭ ގޮތަކީ މިއީ އެވެ. ނަމަވެސް
މިޓެސްޓު ހަދައިދޭ މީހުންގެ ކިބައިގައި އެކަމަށް ބޭނުންވާ ފުރިހަމަ ހުނަރު
ހުންނަށް ޖެހުމާއި، ޓެސްޓުގެ ސަބަބުން ބޮޑެތި ނުރައްކާތައް ކުރިމަތިވުމުގެ
ފުރުޞަތު އޮންނާތީ މިޓެސްޓު ހަދަން ލަފާދެނީ އެހެން ޓެސްޓުތައް ހަދައިގެން
ޕަލްމަނަރީ އެމްބަލިޒަމް ކަން ކަށަވަރު ނުކުރެވުނު ނަމައެވެ (މެޔޯކްލިނިކް.އޯރގް،2025).
ޕަލްމަނަރީ އެންޖީއޯގްރާމް
ހެދުމަށްޓަކައި ހަށިގަނޑުގެ ނުސާފުލޭ ދައުރުވާ ބޮޑު ލޭހޮޅިއަކުން އެތެރެއަށް ހިމަ،
ތުނި، ފަހެލި ހޮޅިއެއް ނުވަތަ ކެތީޓަރެއް(catheter) ހަށިގަނޑަށް
އެތެރެކުރެވެއެވެ. އާންމު ގޮތެއްގައި މިހޮޅި ލައްވަނީ އުކުޅުވަޅު ހިސާބުގެ
ލޭހޮޅިއަކުންނެވެ. އެއަށްފަހު ލޭހޮޅިތަކުގެ ތެރެއިން ގެންގޮސް، ހިތަށް
ވާޞިލްކުރެވި، އެންމެ ފަހުން ޕަލްމަނަރީ އާޓަރީ އާއި ހަމައަށް ފޯރުވެއެވެ.
މިކެތީޓަރުގެ ތެރެއަށް ޚާއްޞަ ޑައި އެއް އިންޖެކްޓް ކުރެވެއެވެ. ފުއްޕާމޭގެ
އާޓަރީތަކުގެ ތެރޭގައި ޑައި ދައުރުވަމުންދާ ހިނދު، ފުއްޕާމޭގެ އެކްސްރޭ އެއް
ނެގެއެވެ (މެޔޯކްލިނިކް.އޯރގް،2025).
މިއިޖުރާއާތުގެ ސަބަބުން ބައެއް މީހުންގެ
ހިތުގެ ރިދަމް އަށް ވަގުތީ ބަދަލެއް އާދެއެވެ. މީގެ އިތުރުން ގުރުދާގެ މައްސަލަ
ހުންނަ މީހުންނަށް ޑައިގެ ސަބަބުން ގުރުދާއަށް ގެއްލުންވުމުގެ ފުރުޞަތު އޮވެއެވެ (މެޔޯކްލިނިކް.އޯރގް،2025).
އެމްއާރުއައި ހެދުން
މެގްނެޓިކް ރިސޮނަންސް އިމޭޖިންގ(magnetic resonance imaging) ނުވަތަ އެމްއާރުއައި(MRI) އަކީ
މެގްނެޓިކް ފީލްޑް، އަދި ކޮމްޕިއުޓަރުން އުފައްދާ ރޭޑިޔޯ ވޭވް ބޭނުންކޮށްގެން
ހަށިގަނޑުގެ ގުނަވަންތަކާއި، ސެލޯށިތަކުގެ ތަފްސީލީ ތަސްވީރެއް ކުރަހައިދޭ
މެޑިކަލް އިމޭޖިންގ ޓެކްނީކެކެވެ. އާންމު ގޮތެއްގައި މިހާލަތުގައި އެމްއާރުއައި ހަދަނީ
މާބަނޑު މީހުންނަށް އެމީހުންގެ ބަނޑުގައިވާ ތުއްތު ދަރިފުޅު ރޭޑިއޭޝަން އިން
ހިމާޔަތްކުރުމަށެވެ. ހަމަ މިގޮތަށް ޑައި(dye)
ބޭނުންކޮށްގެން ހަދާ ޓެސްޓުތަކުން ގުރުދާ އަށް ގެއްލުންވުމުގެ ފުރުޞަތު އޮންނަ
މީހުންނަށް ވެސް އެމްއާރުއައި ހަދައިފާނެ އެވެ.
ފަރުވާ
ބޭސް ބޭނުންކުރުން
ޕަލްމަނަރީ އެމްބަލިޒަމް އާއި ގުޅިގެން
ދެވޭ ލޭދިޔާކުރާ ތަފާތު ބޭސްތަކާއި އަދި ގަނޑުލޭކޮޅު ހިމުންކޮށްލާ ބޭސްތަކުގެ
ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ލޭދިޔާކުރާ ބޭސް (blood thinners): ލޭދިޔާކުރާ ބޭހަށް "އެންޓީކޯއަގިޔޫލަންޓް"(anticoagulant) އޭ ވެސް ކިޔައެވެ. މިބޭސްތަކުގެ ސަބަބުން
އުފެދިފައި ހުރި ގަނޑުލޭކޮޅު ސައިޒުން ބޮޑުވިޔަނުދީ ހިފަހައްޓައިދީ، އަދި
އުފެދިފައިވާ ގަނޑުލޭކޮޅު ކުދިކޮށް މުގުރާލަން އުޅޭއިރު އާ ގަނޑުލޭކޮޅު އުފެދުމުން
ވެސް ރައްކާތެރިކޮށްދެއެވެ. ހެޕަރިން އަކީ ވަރަށް އާންމުކޮށް ދީއުޅޭ މިފަދަ
ބޭޙެކެވެ. ހަމުގެ ދަށަށް ނޫނީ ލެޔަށް އިންޖެކްޓްކޮށްގެން ވެސް ހެޕަރިން
ބޭނުންކުރެއެވެ. ހެޕަރިން އަކީ ވަރަށް އަވަހަށް އޭގެ އަސަރު ފެންނަ، އަދި
އާންމުކޮށް ވާރފެރިން އާއި ދީއުޅޭ ބޭހެކެވެ (މެޔޯކްލިނިކް.އޯރގް،2025).
އަލަށް
ނެރެފައިވާ އެންޓިކޯއަގިޔޫލަންޓް ތައް އޭގެ އަސަރު ފެންނަލެއް އަވަސްވެފައި،
އެހެން ބޭސްތަކާއެކު ބޭނުންކުރުމުން ކުރިމަތިވާ ފުށުއެރުންތައް މަދެވެ. ހުރިހާ
އެންޓީކޯއަގިޔޫލަންޓް އެއްގެ ވެސް ނޭދެވޭ އަސަރުތައް ހުރެއެވެ. އެގޮތުން ފެންނާނެ
އެންމެ އާންމު ނޭދެވޭ އަސަރަކީ ލޭހިލުމެވެ. ނޫނީ ލޭފޭބުން ނުވަތަ ލޭފޭއްދުމެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ގަނޑުލޭކޮޅު މުގުރާލާ ބޭސް(clot dissolvers): ގަނޑުލޭކޮޅު އޭގެ
ޒާތުގައި މުގުރިގެން ދިޔަސް، ބައެއް ފަހަރު މިފަދަ ގަނޑުލޭކޮޅު މުގުރާލާ ބޭސް
ހުރެއެވެ. މިބޭސްތަކަށް "ތްރަމްބަލިޓިކްސް"(thrombolytics) އޭ ކިޔައެވެ.
އިންޖެކްޝަންގެ ސިފައިގައި ދޭ މިފަދަ ބޭހުގެ ސަބަބުން ގަނޑުލޭކޮޅު ނިކަން އަވަހަށް
މުގުރާލައެވެ. ގަނޑުލޭކޮޅު މުގުރާލާ ބޭހުގެ ސަބަބުން ކުއްލިއަކަށް ވަރަށް ބޮޑަށް
ލޭހިލުމުގެ ހިރާސް އޮންނާތީ، މިބޭސްތައް އާންމުކޮށް ރިޒާވްކޮށްފައި ބަހައްޓަނީ
ފުރާނަޔަށް ނުރައްކާވެދާނެ ފަދަ ހާލަތްތަކުގައި ބޭނުންކުރާށެވެ (މެޔޯކްލިނިކް.އޯރގް،2025).
އޮޕަރޭޝަން އަދި އެހެން
އިޖުރާއާތްތައް
·
ގަނޑުލޭކޮޅު ނެގުން (clot removal): ފުއްޕާމޭގައި
ފުރާނަޔަށް ނުރައްކާވާ ވަރުގެ ބޮޑު ގަނޑުލޭކޮޅެއް އިން ނަމަ، ފަހަރުގައި ލޭހޮޅީގެ
ތެރެއިން ހިމަ، ފަހެލި ކެތީޓަރެއް ލައްވައިގެން ފުއްޕާމޭގެ އެތެރޭގެ ލޭހޮޅީގެ
ތެރެއަށް ވާޞިލްވެ، އެ ގަނޑުލޭކޮޅު ބޭރަށް ނެރެދާނެ އެވެ. ނޫނީ އެ ގަނޑުލޭކޮޅު
ނަގައިފާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ވެއިން ފިލްޓަރު (vein filter): ހަށިގަނޑުގެ އެކި
ހިސާބުތަކުން ހިތުގެ ކަނާތް ފަޅިއަށް ހަށިގަނޑުގެ ތިރީ ހިސާބުތަކުން މިސާލަކަށް
ފައިން ހިތާއި ދިމާލަށް ނުސާފުލޭ ގެނެސްދޭ މައިލޭހޮޅި "އިންފީރިއަރ ވީނާ
ކޭވާ"(IVC) ގައި ފިލްޓަރެއް ހަރުކުރެވެއެވެ. މި
ފިލްޓަރުގެ އެހީގައި ގަނޑުލޭކޮޅު ފުއްޕާމެޔަށް ދިޔަނުދީ ހިފަހައްޓާދެއެވެ.
ސަބަބަކީ ފިލްޓަރު ތެރެއިން ލޭ ދައުރުވާއިރު، ގަނޑުލޭކޮޅު ފިލްޓަރާއި ހަމައިން
ހިފެހެއްޓޭތީ އެވެ. އާންމު ގޮތެއްގައި މިޕްރޮސީޖަރ ހެދެނީ ގަނޑުލޭކޮޅު އުފެދުން
ކުޑަކުރުމަށްދޭ "އެންޓިކުއަގިޔުލެންޓް" ބޭނުން ނުކުރެވޭ މިހުން އަދި
އެންޓިކުއަގިޔުލެންޓް ބޭނުންކުރާ އިރުވެސް ގަނޑުލޭކޮޅު އުފެދޭ މީހުންނަށެވެ.
މިގޮތަށް ހަރުކުރެވޭ ބައެއް ފިލްޓަރުތައް އޭގެ ބޭނުން އިތުރަށް ނުހިފޭހެން
ހިސާބުން ލޭހޮޅިން ވަކިކޮށް ނެގެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ރައްކާތެރިވުން
ޕަލްމަނަރީ އެމްބަލިޒަމް އިން
ރައްކާތެރިވުމަށް ކުރަންޖެހޭ ކަމަކީ ފައިގެ ފުނުގައިވާ ނުސާފުލޭ ދައުރުވާ
ލޭހޮޅިތަކުގައި ގަނޑުލޭކޮޅު އުފެދުމުން ރައްކާތެރިކުރުމެވެ. ނޫނީ މިގޮތަށް
ގަނޑުލޭކޮޅު އުފެދުނަ ނުދިނުމަށް މަސައްކަތް ކުރުމެވެ. މިދެންނެވި ގޮތަށް ފައިގައި
ގަނޑުލޭކޮޅު އުފެދުނަ ނުދިނުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތައް ތިރީގައި
މިވަނީ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ލޭދިޔާކުރާ ބޭސް ބޭނުންކުރުން : ގަނޑުލޭކޮޅު އުފެދުމުގެ ހިރާސް އޮންނަ މީހުންނަށް އާންމު
ގޮތެއްގައި ލޭދިޔާކުރާ ބޭސް އޮޕަރޭޝަންކުރުމުގެ ކުރިންނާއި ، އޮޕަރޭޝަނަށް ފަހު
ވެސް ދީއުޅެއެވެ. މީގެ އިތުރުން ހާޓް އެޓޭކް ޖެހުން، ސްޓްރޯކްޖެހުން ފަދަ
ކަންކަމަށް ފަހު އެފަދަ އިތުރުކަމެއް މެދުވެރިވިޔަ ނުދިމަށް އެހީތެރިވުމުގެ ގޮތުން
ވެސް ލޭދިޔާކުރާ ބޭސް ދީއުޅެއެވެ. ސަބަބަކީ ހާޓް އެޓޭކް އަދި ސްޓްރޯކްޖެހުން ފަދަ
ކަންކަމަކީ ވެސް ލޭހޮޅީގައި ގަނޑުލޭކޮޅު އުފެދި، ލޭހޮޅި ބެދި ވަކި ހިސާބަކަށް ލޭ
ނުލިބުމުން ނޫނީ ލޭލިބުމަށް ހުރަސްއެޅުމުން ކުރިމަތިވާ ކަންކަމަކަށްވާތީ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ކޮމްޕްރެޝަން ސްޓޮކިންގ ބޭނުންކުރުން : ކޮމްޕްރެޝަން ސްޓޮކިންގ ބޭނުންކުރުމުން ފައި އެއްވަރަކަށް
ފިއްތައި ނޫނީ ފިތައި ހަދައި ދެއެވެ. މިހެންވުމުން ރަނގަޅަށް ލޭދައުރުކުރުވުމަށް
ފައިގެ މަސްތަކާއި ފައިގައި ހުންނަ ނުސާފުލޭ އުފުލައިދޭ ލޭހޮޅިތަކަށް އެހީތެރިކަން
ލިބިގެން ދެއެވެ. އޮޕަރޭޝަނަކަށްފަހު ފައިގެ ލޭހިނގުން ރަނގަޅުކުރުވުމަށް ވެސް
ކޮމްޕްރެޝަން ސްޓޮކިންގ ބޭނުންކުރުމަށް ލަފާދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ފައި އުފުލުން : ރޭގަނޑު ނިދާއިރު ވެސް ފައި އުފުލާފައި ބޭއްވުމަކީ
ގަނޑުލޭކޮޅު އުފެދުމުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން ފައި
ދަށަށް ބާލީހެއް ފަދަ އެއްޗެއް ލައިގެން އޭގެ މަތީގައި ފައިބާއްވައިގެން
އޮވެވިދާނެ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުން : އޮޕަރޭޝަނަކަށް
ފަހު ވީ އެންމެ އަވަހަކަށް ތެދުވެލައި ހަރަކާތްތެރިވެ އުޅެން ފެށުމަކީ މުހިއްމު
ކަމެކެވެ. މިއީ އަވަހަށް ފަސޭހަވެ، ޕަލްމަނަރީ އެމްބަލިޒަމް ފަދަ މައްސަލަތަކުން
ރައްކާތެރިކޮށްދޭނެ ކަމެކެވެ. އޮޕަރޭޝަންކުރި ތަނުގައި ރިއްސައި ތަދުވި ނަމަވެސް
އޮޕަރޭޝަންކުރުމަށްފަހު ވީ އެންމެ އަވަހަކަށް ހަރަކާތްތެރިވުމަށް ބާރުއަޅާ
ސަބަބަކީ މިއީ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ނިއުމެޓިކް ކޮމްޕްރެޝަން ހެދުން : މިފަރުވާގައި ބޭނުންކުރަނީ ފައިގެ ފަލަމަސްގަނޑާއި
ހަމައަށް ނޫނީ ކުޑަކަޅުވާ އާއި ހަމައަށް ހުންނަ، ކޮންމެ ދެތިން މިނިޓަކުން އޭގެ
ޒާތުގައި ވައިއެރި ފުފި، އެއަށްފަހު ހިނދޭ "ކަފް" އެކެވެ. މީގެ ސަބަބުން
ފައިގައި ހުންނަ ނުސާފުލޭ ދައުރުކޮށްދޭ ލޭހޮޅިތައް ފިއްތައި، ފެލައި، މަސާޖުކޮށްދީ
އެކަމުގެ ސަބަބުން ފައިގެ ލޭހިނގުން ރަނގަޅުވެގެން ދެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ދިގު ދަތުރުކުރާއިރު
ގަނޑުލޭކޮޅު އުފެދުމުން ރައްކާތެރިވުން
އާންމުކޮށް ދަތުރުކުރާ އިރު ފައިގައި
ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ކުޑައެވެ. ނަމަވެސް ދިގު ދަތުރުތައް ކުރާނަމަ
މިފުރުޞަތު އިތުރުވެއެވެ. އެހެންކަމުން ދިގު ދަތުރުތަކުގައި މިގޮތަށް ފައިގައި
ގަނޑުލޭކޮޅު އުފެދުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތައް
ކުރެވިދާނެ އެވެ. ނޫނީ ކުރުމަށް ސަމާލުކަން ދެވިދާނެއެވެ (މެޔޯކްލިނިކް.އޯރގް،2025).
·
ގިނައިން ދިޔާތަކެތި ބޭނުންކުރުން : ހަށިގަނޑުން ފެންމަދުވުމުން ރައްކާތެރިކުރުމަށް ދެވޭ
އެންމެ ރަނގަޅު ދިޔައަކީ ފެނެވެ. ހަށިގަނޑުން ފެންމަދުވުމަކީ ގަނޑުލޭކޮޅު
އުފެދުމަށް މަގުފަހިކުރާނެ ކަމެކެވެ. ބަނގުރަލާއި، ކޮފީ ފަދަ ކެފެއިން ހިމެނޭ
ބުއިންތައް ދިޔާތަކެތީގެ ގޮތުގައި ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އެއީ މިފަދަ
ބުއިންތަކުގެ ސަބަބުން ހަށިގަނޑުން ފެންބޭރުވުމަށް ބާރުއަޅާތީ އެވެ (މެޔޯކްލިނިކް.އޯރގް،2025).
·
އަބަދު އިށީދެ ނުއިނދެ ދޭތެރެއިން ތެދުވެ
ހަރަކާތްތެރިވެލުން : މަތިންދާ ބޯޓު، ނުވަތަ
ކަނޑު ބޯޓުގައި ދިގު ދަތުރުތައް ކުރާއިރު ކޮންމެ ގަޑިއިރަކުން 1 ފަހަރު ތެދުވެ
ހިނގާލައި ހަރަކާތްތެރިވެލައި ހެދުމަކީ މުހިއްމު ކަމެކެވެ. ލޯންޗު، ފެރީ ، ބަސް
ފަދަ ތަކެތީގައި ދިގު ދަތުރުކުރާ އިރު ވެސް މިގޮތަށް ތެދުވެ ފައި ހަރަކާތްކޮށްލައި
ހެދުން ރަނގަޅެވެ. ބޭރުގައުމުތަކުގައި ( ރާއްޖޭގައި މިފަދަ ދިގު ދަތުރުތައް
ކާރުގައި ނުކުރެއެވެ) އަމިއްލަ ކާރުގައި ދިގު ދަތުރުކުރާނަމަ، ދޭތެރެއަކުން ކޮންމެ
ގަޑިއިރަކުން މަޑުކޮށްލައި ކާރުން ފައިބައި ހިނގާލުން ރަނގަޅެވެ. މިފަދަ ދިގު
ދަތުރުތަކުގައި އުޅޭއިރު ދޭތެރެ ދޭތެރެއިން ކުރުމަށް ކަކޫ ލަންބާލުމުގެ ކަސްރަތަކީ
ކުރަން ރަނގަޅު ކަސްރަތެކެވެ (މެޔޯކްލިނިކް.އޯރގް،2025).
·
އިށީދެ އިންނައިރު ވެސް ފައިގެ ކަސްރަތުތައް
ކުރުން ނޫނީ ފައި ހަރަކާތްކުރުވުން : ދިގު
ދަތުރުކުރާއިރު، ދަތުރު މަތީގައި ކޮންމެ 30-15 މިނިޓަކުން ފައިގެ ކަސްރަތުކުރުން
މުހިއްމެވެ. އެގޮތުން ތަނބިކައްޓާއި ހަމައިން ފައި ދެއަތަށް ވާގޮތަށް އަނބުރައި
ހަރަކާތްކުރުން، ފައިގެ އިގިލިތައް މައްޗަށް އަދި ތިރިއަށް ވާގޮތަށް ނޫނީ ދާގޮތަށް
ހަރަކާތްކުރުން ފަދަ ކަސްރަތުތައް ކުރެވިދާނެއެވެ.
·
ސަޕޯޓް ސްޓޮކިންގ ބޭނުންކުރުން : ސަޕޯޓް ސްޓޮކިންގ ބޭނުންކުރުމަކީ
ފައިގައި ލޭ އަދި ދިޔާތަކެތީގެ ބައި ދައުރުވުން ރަނގަޅުކޮށްދޭނެ ކަމެކެވެ.
މިގޮތަށް އެންމެ އާންމުކޮށް ބޭނުންކުރެވޭ ކޮމްޕްރެޝަން ސްޓޮކިންގ ވަރަށް
ފަސޭހައިން ލިބެން ހުރެއެވެ (މެޔޯކްލިނިކް.އޯރގް،2025).
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި
ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
·
https://my.clevelandclinic.org/health/diseases/17400-pulmonary-embolism

No comments:
Post a Comment