Thursday, December 10, 2015

ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : 5ވަނަ މަސް



ތުއްތު ދަރިފުޅު ހެދިބޮޑުވާގޮތް : ފަސްވަނަ މަސް
ތުއްތު ދަރިފުޅުގެ ލޮލުގެ ބޮޑި އާއި އެސްފިޔަތައް ހުންނާނީ އުފެދި،އޭގެ މަގާމުގައި ހަރުލައެވެ. ތުއްތު ދަރިފުޅުގެ ފައި ދަމާލައިފިނަމަ، 10.5 އިންޗިއަށްވުރެ ދިގުވާނެއެވެ. މިއީ ކުޑަދަރިފުޅު އާދަޔާ ޚިލާފަށް ބޮޑުވާ ދުވަސްވަރެވެ. އެތެރެހަށީގެ ގުނަވަންތައް ފުރިހަމަވެ ބޮޑުވަމުން ދެއެވެ. ނިޔަފަތިތައް އިގިލިތަކުގެ ކޮޅާއި ހަމައަށް ބޮޑުވެއެވެ. ކުޑަދަރިފުޅުގެ ހަންގަނޑުގެ ދަށުގައި ފެޓް ޖަމާވެއެވެ. މަސްތައް ބޮޑުވެ ކުޑަދަރިފުޅުގެ ހަށިގަނޑު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އާދެއެވެ. ލޭގެ ސެލްތައް ފުރަމޭއަށް ވާސިލްވެ، ލޭ އުފަންދަން ފަށައެވެ. ފުރަމޭ އިން ހަޖަމުކުރުމަށް އެހީވެދޭ މާއްދާއެއް ކަމުގައިވާ ''ބައިލް''(Bile)އުފައްދަން ފަށައެވެ. ހިރުގަނޑުގެ ދަށުގައި ކިރުބޯދަތް ތައް އުފެދެން ފަށައެވެ. އެސްފިޔައާއި، ބުމައިގެ އިސްތަށިތައް ބޮޑުވާން ފަށައެވެ.
އާދައިގެ ގޮތެއްގައި ކުޑަކުއްޖާ ނިދާ ހޭލާ ހަދައެވެ. ކުއްޖާގެ ހަރަކާތްތައް އިތުރުކަން ފާހަގަވާނެއެވެ. ކުޑަކުއްޖާ އެއްފަރާތުން އަނެއް ފަރާތަށް ޖެހުން، ބޯކޮޅުމައްޗަށް ޖެހުން ފަދަ ހަރަކާތްތައް ކޮށް ހަދައެވެ. ހަމަމިހެން ކުޑަދަރިފުޅު އިގިލި ބުއިމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފަސްވަނަ މަސް ނިމޭ ހިސާބު ކުއްޖާ 12-10އިންޗި އާއި ދެމެދުގެ ދިގުމިނަކަށް ބޮޑުވެއެވެ. ބަރުދަނުގައި 1ޕައުންޑް ހުރެއެވެ.
·         ދަރިފުޅަށް ބޭނުންވާ ކާނާއާއި، ނޭވާލުމަށް ބޭނުންވާ އޮކްސިޖަން ހޯދަނީ މައިމީހާގެ ލެއިންނެވެ.
·         މިތަކެތި ފޫޅުދަނޑީގައިވާ ލޭހޮޅީގެތެރެއިން ލާފައި ތުއްތު ދަރިފުޅަށް ވާޞިލްކޮށްދެނީ ބޮޑުވަމުންދާ މަހެވެ.
·         ދަރިފުޅުގެ ހަށިގަނޑުގައި އުފެދޭ ބޭނުން ނުކުރެވޭ މާއްދާތައް ވެސް މައިމީހާގެ ލެޔަށް ގެންގޮސްދެނީ މަސް މެދުވެރިގެންނެވެ.

·         ބޮޑުވަމުން އަންނަ ދަރިފުޅުގެ ހަރަކާތްތައް ވެސް 5 މަހުގެ ތެރޭގައި މައިމީހާއަށް އެނގޭވަރުވެއެވެ.
ފަސް ވަނަ މަހުގައި ހިމެނެނީ :
·         21 ވަނަ ހަފްތާ
·         22 ވަނަ ހަފްތާ
·         23 ވަނަ ހަފްތާ
·         24 ވަނަ ހަފްތާ

އެކާވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : ½10 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ¾ ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ކެރެޓެއް ވަރު

ދުވަސްކޮޅަކުން ތުއްތު ދަރިފުޅު ބަނޑުގެ ތެރޭގައި ހަރަކާތްތެރިވެ އުޅޭގޮތާއި، ކަންކަން މަޑުމަޑުން މައިމީހާއަށް ފާހަގަކުރަން އެނގޭވަރުވާނެ އެވެ. ފައިންޖެހުން، ގޮށްމުށްކެވުން ފަދަ ހަރަކާތްތައް ކުރާނެ އެވެ. ލޮލުގެ ބޮޑި އާއި، ބުމަ މިހާރު ހުންނާނީ ރަނގަޅަށް އުފެދިފައެވެ. ރަހިމުގައި އޮތީ އަންހެން ކުއްޖެއްނަމަ ކުރިމަތި ފަރާތް އުފެދެން ފަށާނެ އެވެ. 

އެކާވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ލޮލުގެ ބޮޑި : ލޮލުގެ ބޮޑި އާއި، އެސްފިޔަތައް މިހާރު ހުންނާނީ ރަނގަޅަށް އުފެދިފައެވެ. 

ރަހިމު : ފައިގެ ނާރުތައް ފުއްޕާފައި ހުރެދާނެ އެވެ. މިހެން ދިމާވަނީ ބޮޑުވަމުން އަންނަ ރަހިމުން ފައިން ހިތާއި ދިމާލަށް ނުސާފު ލޭގެންގޮސްދޭ ބޮޑު ލޭހޮޅި އަށް ފިއްތާތީ އެވެ. 

އެކާވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ހަރަކާތްތައް އިތުރުވެ ފައިންޖެހުން ފަދަ ހަރަކާތްތައްކޮށް ހަދާނެ އެވެ. ރަހިމުގެ ފާރުގައި ގޮށްމުށް ކަވައި ހަދާނެއެވެ. ތުއްތު ދަރިފުޅު ތޮޅުން އިހުސާސްވުމުން، މަޑުމަޑުން ތުއްތު ދަރިފުޅުގެ ގެންނަ ހަރަކާތްތައް މައިމީހާއަށް ދަސްވަމުންދާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ކެރެޓެއް ވަރެވެ. 

ބާވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 11 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 1 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : "ސްޕަގެޓީ" ބަރަބޮލެއް ވަރު

ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ކުޑަކުޑަ އިންސާނެއްގެ ސިފަ ހުންނާނީ ޖެހިފައެވެ. ތުންފަތާއި، ލޮލުގެ ބޮޑި އާއި، ބުމަ ކުރިޔަށްވުރެ ބޮޑަށް ފާޅުވާން ހުންނާނެ އެވެ. ހިރުގަނޑުގެ ދަށުގައި ބޮޑުވަމުން އަންނަ ދަތުގެ ބުޑުތައް ވެސް ކުރިޔަށްވުރެ ބޮޑަށް ފާޅުވެ އެނގެން ހުންނާނެ އެވެ. ލޯ އުފެދިފައި ހުއްޓަސް ކަޅީގައި އަދި އެއަށް ކުލަ ގެނެސްދޭ ޕިގްމެންޓް ތަކެއް ނުހުންނާނެ އެވެ. 

ރަހިމުގެ އެތެރެ ބަލައިފިނަމަ، ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ހުންނަ ލޯލި އިސްތަށިތަކާއި، ހަމުގައި ހުންނަ ރޫތައް ފާހަގަވާނެ އެވެ. ތުއްތު ދަރިފުޅުގެ ގައިގައި ސަރުބީ ޖަހައި ހަމަށް ވާންކަން އަންނަންދެން މިރޫތައް ހަމުގައި އެނގެން ހުންނާނެ އެވެ. އެތެރެ ހަށީގެ ތެރޭގައި (ބަނޑުގައި) ޗިސްމޭ އުފެދެމުން އަންނާނެއެވެ. 

ބާވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ލޯ : ލޮލުގެ ދެބޮޑި އަދިވެސް އިންނާނީ އެއްވެފައެވެ. އެހެންކަމުން ލޮލެއް ނުހުޅުވޭނެ އެވެ. ލޮލުގެ ބޮޑީގެ ދަށުގައި ލޯ އުފެދިފައި އިނަސް، ލޮލުގެ ކަޅުކަޅީގައި ހުންނަ ކަޅުކަން ގެނެސްދޭ ޕިގްމެންޓް ތަކެއް އަދި އުފެދިފައެއް ނުހުންނާނެއެވެ. 
 
ތުންފަތް : ތުއްތު ދަރިފުޅުގެ ދެތުންފަތް ބޮޑަށް ފާޅުވެ، ހިރުގަނޑުގެ ދަށުން ދަތުގެ ބުޑުތައް އުފެދެމުންދާނެ އެވެ.

ހަން : ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ބަރުދަން އިތުރުވެ، ހަމަށް ވާންވަންދެން ހަން ހުންނާނީ ރޫޖެހިފައި ހުންނަހެންނެވެ. 

ރަހިމު : ބަނޑުގައި "ސްޓްރެޗް މާކު" ތައް އުފެދިދާނެއެވެ. މިގޮތަށްދިމާވަނީ ބޮޑުވަމުން އަންނަ ރަހިމަށް ޖާގަ ދިނުމަށް ބަނޑުފުޅާވެ ދެމޭތީ އެވެ. ބައެއް ފަހަރު ފޫޅު ވެސް ނިކުމެދާނެ އެވެ. 

ބާވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅު މިހާރު ހީވަނީ އަލަށްއުފަންވި ވަރަށް ކަވިކަވި(ކުޑަކުޑަ) ތުއްތު ކުއްޖެން ހެނެވެ. ތުންފަތާއި، ބުމައާއި، އެސްފިޔަ ފަދަ ބައިތައް ކުރިޔަށްވުރެ ރީތިކޮށް ފާޅުވާނެއެވެ. ލޮލުގެ ކަޅުކަޅީގައި ހުންނަ ކަޅުކަން ގެނެސްދޭ ޕިގްމެންޓް ތަކެއް އަދި އުފެދިފައެއް ނުހުންނާނެއެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް "ސްޕަގެޓީ" ބަރަބޮލެއް ވަރެވެ. 

ތޭވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 11 އިންޗިއަށްވުރެ ދިގު
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : ޕައުންޑަކަށްވުރެ އިތުރު
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ބޮޑު އަނބެއް ވަރު 

ތުއްތު ދަރިފުޅުގެ ހަރަކާތުގެ އިހުސާސް އުފެދިފައިވުމުން މައިމީހާ ކުރާ ބައެއް ހަރަކާތްތައް ތުއްތު ދަރިފުޅަށް އިހުސާސް ކުރެވޭނެ އެވެ. ނޭވާލުމަށް ތައްޔާރުވުމުގެ ގޮތުން ފުއްޕާމޭގެ ތެރޭގައި ލޭހޮޅިތައް އުފެދެމުން ދާނެއެވެ. އުފަންވާން ވާއިރަށް ތުއްތު ދަރިފުޅު ބަނޑުގައި އޮތަސް، ތަފާތު އަޑުތަކަށް ހޭނުމުގެ މަސައްކަތް ކުރަމުންގެންދާނެ އެވެ. ބާރުއަޑުތައް މިސާލަކަށް ޖަނަވާރެއް ހޭރޭ އަޑު، ނޫނީ ވެކިޔުމް ކްލީނަރު ޖައްސާ އަޑުފަދަ ބާރު އަޑުތަކަށް ވެސް ތުއްތު ދަރިފުޅު ހޭނެމުންދާނެ އެވެ. މިއަޑުތަކަށް ހޭނުމުން އުފަންވުމަށްފަހު މިއަޑުތައް އިވުނަސް ތުއްތު ދަރިފުޅަށް އުނދަގޫވެގެންނެއް ނޫޅޭނެ އެވެ. 
 
ތޭވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ކަންފަތް : ވަގު ހޭރުން ފަދަ ބާރުގަދަ އަޑުތައް ތުއްތު ދަރިފުޅު މައިމީހާގެ ރަހިމުގައި އޮންނަ އިރުވެސް އިވޭނެއެވެ. މިހެންވުމުން އުފަންވުމަށް ފަހު ވެސް މިފަދަ އަޑުތައް އިވުމުން ތުއްތު ދަރިފުޅަށް އުނދަގުލެއް ނުވާނެއެވެ.

ހަން : ތުއްތު ދަރިފުޅުގެ ހަން ހުންނާނީ ރަތްކުލައިގައި ރޫޖެހިފައެވެ. އުފަންވުމަށްފަހު ހަމުގެ ކުލަ ކޮންމެ ގޮތަކަށް ހުއްޓަސް މިމުއްދަތުގައި ހަން ބަނޑުގައި އޮންނަ ހުރިހާ ކުދިންގެ ވެސް ހުންނާނީ މިގޮތަށެވެ. 

ރަހިމު : ފައިން ހިތާއި ދިމާލަށް ނުސާފުލޭ ގެންގޮސްދޭ ލޭހޮޅިތަކަށް ބޮޑުވަމުން އަންނަ ރަހިމުން ފިއްތުމުގެ ސަބަބުން އަތްފައި ފޮއްސިވާގޮތް ވެއެވެ. 

ތޭވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅު ކަންފަތް ކުރިޔަށްވުރެ ރަނގަޅަށް އުފެދި، ބައެއް އަޑުތައް ނަގަން ފަށާނެ އެވެ. މިހާރު ރަހިމުގައި އޮންނައިރު އިވޭ ބައެއް އަޑުތައް އުފަންވުމަށްފަހު، ފާހަގަ ކުރަން ފަހަރުގައި ފަސޭހަވެދާނެ އެވެ. ތުއްތު ދަރިފުޅުވާނީ ގާތްގަނޑަކަށް ބޮޑު އަނބެއް ވަރެވެ. 

ސައުވީސްވަނަ ހަފްތާ
ތުއްތު ދަރިފުޅުގެ ދިގުމިން (ގާތްގަނޑަކަށް) : 12 އިންޗި
ތުއްތު ދަރިފުޅުގެ ބަރުދަން (ގާތްގަނޑަކަށް) : 3/1 1 ޕައުންޑް
ތުއްތު ދަރިފުޅުގެ ސައިޒު (ގާތްގަނޑަކަށް) : ޒުވާރި ގަނޑެއް ވަރު
ތުއްތު ދަރިފުޅުގެ ސިފަ ރީތިވަމުން ދާނެއެވެ. ސިކުނޑި ވެސް ހަލުވިކަމާއެކު ހެދިބޮޑުވަމުން ދާނެއެވެ. ތުއްތު ދަރިފުޅަށް ރަހަ ގެނެސްދޭ  ރަހަބުޑުތައް މިހާރު ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. ތުއްތު ދަރިފުޅުގެ ފުއްޕާމެއިން ނޭވާހިނގާ ހޮޅީގެ ކަފިތަކާ ގޮފިތައް އުފައްދަމުން ގެންދާނެއެވެ. ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅުތައް ފުފުމަށް އެހީތެރިވެދޭ "ސާފެކްޓެންޓް" އުފައްދައިދޭ ސެލްތައް ވެސް ހެދިބޮޑުވަމުންދާނެއެވެ. ތުއްތު ދަރިފުޅުގެ ހަން ތުނިވެފައި، އެތެރެ ހުންނާނީ ފެންނަގޮތަށެވެ. 

ސައުވީސްވަނަ ހަފްތާ: ތުއްތު ދަރިފުޅު ސިފަވާގޮތް
ފުއްޕާމޭ : ތުއްތު ދަރިފުޅުގެ ފުއްޕާމެއިން ނޭވާހިނގާ ހޮޅީގެ ކަފިތަކާ ގޮފިތައް އުފައްދަމުން ގެންދާނެއެވެ. ފުއްޕާމޭގެ ތެރޭގައި ހުންނަ ކުދި ވައިކޮތަޅުތައް ފުފުމަށް އެހީތެރިވެދޭ "ސާފެކްޓެންޓް" އުފައްދައިދޭ ސެލްތައް ވެސް ހެދިބޮޑުވަމުންދާނެއެވެ. 

ހަން : ހަންގަނޑު ދެމެމުން މައިމީހާގެ ހަންގަނޑު ހިކި، ކަހައި ހިރުވައިފާނެއެވެ. 

ރަހަ ބުޑު : ތުއްތު ދަރިފުޅަށް ރަހަ ގެނެސްދޭ ބުޑުތައް މިހާރު ދާނީ އިތުރަށް ފުރިހަމަވަމުންނެވެ. 

ރަހިމު : ރަހިމުގެ މަތީބައި މިހާރު އިންނާނީ ފޫޅަށްވުރެ އިންޗިއަށްވުރެ މަތީގައެވެ. ބަނޑު ސިފަކުރެވޭނީ ވަށްބޯޅަ އަކާ އެވެ.

ސައުވީސްވަނަ ހަފްތާގައި ހެދިބޮޑުވާގޮތް
ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ހުރި ހިކިކަން، އަދި ދިގުކަމުގެ ބަދަލުގައި ހަށިގަނޑު ކުޑަކޮށް ފަލަވެ، ރޫފަ ރަނގަޅުވާން ފަށާނެ އެވެ. ހަން ތުނިވެފައި އެތެރެ ފެންނަން ހުރި ނަމަވެސް، އެކަންވެސް ވަރަށް އަވަހަށް ބަދަލުވާނެ އެވެ. ތުއްތު ދަރިފުޅު ވާނީ ގާތްގަނޑަކަށް ޒުވާރި ގަނޑެއް ވަރެވެ.  

މައުލޫމާތު :



No comments:

Post a Comment