Thursday, May 30, 2013

ސްޕައިނަލް ކޯޑު

ސްޕައިނަލް ކޯޑު
ނާރު ރޮނދި، ނާރު ވާފަށް، ނުވަތަ ސްޕައިނަލް ކޯޑު(Spinal Cord) އަކީ ސިކުނޑިން މޫލައިގެން ތިރިއަށް ފައިބައި، މައިބަދައިގެ މަތިން ފެށިގެން ތިރިއަށް ކަށިތަކުގެ މެދުން އުފެދިފައިވާ މަގު(Vertebral column)ގެ ތެރޭގައި އިންނަ ނާރު ރޮންޖެކެވެ. ނުވަތަ ނާރު ވާފަށެކެވެ. މާނައަކީ ސްޕައިނަލް ކޯޑް ފެށިފައި އިންނާނީ ސިކުނޑީގެ ތިރީގައިވާ "މިޑަލާ އޮބްލޯންގާޓާ" (medulla oblongata)އިންނެވެ. ނިމިފައިވަނީ ބަނޑުހިމެނޭ ހިސާބުގައިވާ މައިބަދައިގެ ފުރަތަމަ ކަށިކޮޅު ގެ ތިރީ ކައިރިއަށެވެ.


ފިރިހެނެއްގެ ހަށިގަނޑުގައި ސްޕައިނަލް ކޯޑުގެ ދިގުމިނުގައި 45 ސެންޓިމީޓަރު ހުރެއެވެ. އަދި ބޯމިނުގައި ކުޑަވައި އިގިލީގެ ބޮޑުމިން ހުރެއެވެ. އެހެންކަމުން ބޮލުގެ ނާށިގަނޑު ސިކުނޑި ހިމާޔަތްކޮށްދޭ އައްޑަނަ އަކަށް ވާފަދައިން މައިބަދައިގެ ކަށިތަކަކީ ސްޕައިނަލް ކޯޑް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ލެވިފައިވާ ގުދުރަތީ އައްޑަނަ އެކެވެ.

ސްޕައިނަލް ކޯޑުގެ ވަޒީފާ
ސްޕައިނަލް ކޯޑްގެ މައި ވަޒީފާ އަކީ ޕެރިފެރަލް ނާރވަސް ސިސްޓަމް ސިކުނޑިއަށް ފޮނުވާ ސިގްނަލްތައް ސިކުނޑިއާއި ހަމައަށް ގެންދިއުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. ހަމަ މިގޮތަށް ސިކުނޑިން ހަށިގަނޑުގެ އެކި ހިސާބުތަކަށް ނާރުތައް ހުރަސްކޮށް މެސެޖުތައް ފޮނުވުމުގައި ވެސް މެދުވެރިއެއްގެ ދައުރު ސްޕައިނަލް ކޯޑު އަދާކުރެއެވެ.

ސްޕައިނަލް ކޯޑު އުފެދިފައިވާ ގޮތް
ސްޕައިނަލް ކޯޑުން ހުރަހަށް ފަޅާފައި ބަލާލުމުން އޭގެ އެތެރެ އުފެދިފައިވާ ގޮތް ފެންނާނެ އެވެ. އެގޮތުން އެތެރޭގައި (މެދުގައި) ހުންނަ ބައި އުފެދިފައިވަނީ  "ގްރޭ މެޓަރ"(grey matter) އޭ ކިޔާ އަޅިކުލައިގެ ނާރު ފައިބަރު ތަކުންނެވެ. އަދި ބޭރު (ވަށައިގެންވާ) ބައި އުފެދިފައިވަނީ "ވައިޓް މެޓަރ"(white matter) އޭ ކިޔާ ހުދުކުލައިގެ ނާރު ފައިބަރު ތަކުންނެވެ. ސިކުނޑީގެ އެތެރޭގެ ނާރު ފައިބަރުތައް ވެސް އެތުރިފައި ހުންނަނީ މިބީދައިންނެވެ. ސްޕައިނަލް ކޯޑުގެ ވަށައިގެން ދުލިފަށަލަ(Meninges) ތަކެއް ވެއެވެ. މިދުލިފަށަލަތަކުގެ ތެރޭގައި "ސެރެބްރޯސްޕައިނަލް ފުލުއިޑް"(CSF) ކިޔާ ދިޔާ މާއްދާ އެއް ހުރެއެވެ.

ގްރޭ މެޓަރ (grey matter): ސްޕައިނަލް ކޯޑުގެ އެތެރޭގައި ހުންނަ އަޅިކުލައިގެ ނާރު ފައިބަރުތައް ނުވަތަ "ގްރޭ މެޓަރ" އެތުރިފައި ހުންނަނީ އިގިރޭސީގެ "އެޗް"(H) އަކުރުގެ ބައްޓަމަށެވެ. އެހެންކަމުން އުފެދުމުގައި ކުރިމަތީގައި ދެކޮލަމް، ފަހަތުގައި ދެކޮލަމް އަދި އަރިމަތީގައި ދެކޮލަމް ހުންނާނެ އެވެ. އަދި މެދުން ހުރަސްކޮށް ދެފަރާތް ގުޅުވައިދޭ ބައެއް ވެސް ހުންނާނެ އެވެ. މިބައިގެ މެދުން ލޯވަޅެއް ހެދިފައި އިންނާނެއެވެ. ސިކުނޑީގެ ތެރޭގައި އިންނަ "ފޯރތު ވެންޓްރިކަލް"(fourth ventricle) އިން ބައެއް މިލޯވަޅުގެ ތެރެއަށް އައިސްފައި ވެއެވެ. އަދި މިލޯވަޅު ނުވަތަ ހޮއިގެ ތެރޭގައި ސިކުނޑިއާ ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ދުލިފަށަލަ ތަކުގެ ތެރޭގައި ހުންނަ ދިޔަ ނުވަތަ "ސެރެބްރޯސްޕައިނަލް ފުލުއިޑް"(CSF) ހުރެއެވެ.

ސްޕައިނަލް ކޯޑުން ނިކުމެފައިވާ "ނާރު ސެލްގެ ޖިސްމު"(Nerve cell bodies) ގައި ހިމެނިދާނެ ބައިތަކަކީ:-
·         އިހުސާސް އުފުލައިދޭ ނިއުރޯންތައް (sensory neurons): މިއީ ހަށިގަނޑުގެ އެކި ހިސާބުތަކުން ސިކުނޑިއަށް އިހްސާސްތައް އުފުލައިދޭ ނިއުރޯން ތަކެވެ.
·         ހަރަކާތް އުފުލައިދޭ ނިއުރޯންތައް (motor neurons): މިއީ ސިކުނޑިން ހަށިގަނޑުގެ ބޭރުފުށުން ފެންނަ ހުންނަ މަސްތަކަށް ހަރަކާތްތައް އުފުލައިދޭ ނިއުރޯން ތަކެވެ.
·         ގުޅުވައިދޭ ނިއުރޯންތައް (connector neurons): މިއީ އިހްސާސް އުފުލައިދޭ ނާރު ތަކާ ހަރަކާތް އުފުލައިދޭ ނާރު ތައް ގުޅުވައިދޭ ނިއުރޯން ތަކެވެ.

ވައިޓް މެޓަރ (white matter): ސްޕައިނަލް ކޯޑުގެ ބޭރު ބައިގައި ނުވަތަ މެދު ބައިގެ ވަށައިގެންވާ ހުދުކުލައިގެ ނާރު ފައިބަރުތައް ނުވަތަ "ވައިޓް މެޓަރ" އެތުރިފައި ހުންނަނީ 3 ކޮލަމަކަށް (ޓްރެކްޓްތައް) ވާގޮތަކަށެވެ. އެހެންކަމުން ކުރިމަތީގައި ދެކޮލަމް، ފަހަތުގައި ދެކޮލަމް އަދި އަރިމަތީގައި ދެކޮލަމް ހުންނާނެ އެވެ. މިޓްރެކްޓް ތައް އެކުލެވިގެންވަނީ ސިކުނޑިއަށް އިހުސާސް އުފުލައިދޭ ނާރު ފައިބަރު ތަކާ، ސިކުނޑިން ތިރިއަށް ހަރަކާތް އުފުލައިދޭ ނާރު ފައިބަރު ތަކާ، އަދި އެދެބައި ގުޅުވައިދޭ ނާރު ފައިބަރު ތަކުގެ މައްޗަށެވެ.

ސްޕައިނަލް ކޯޑުގައި ހިމެނޭ ނާރު ޓްރެކްޓް ތައް
އިހުސާސް އުފުލައިދޭ ނާރު ޓްރެކްޓްތައް (sensory nerve tracts): ސިކުނޑިއާ ދިމާލަށް މެސެޖުތައް ގެނެސްދޭ ނިއުރޯންތަކަކީ އިހްސާސް އުފުލައިދޭ ނިއުރޯން ތަކެވެ. ސްޕައިނަލް ކޯޑު ހުރަސްކޮށް ސިކުނޑިއަށް އިހްސާސް އުފުލައިދެނީ މައިގަނޑު ދެ މަޞްދަރަކުންނެވެ. އެއީ:-
·         ހަން : އިހްސާސް އުފުލައިދޭ ރިސެޕްޓަރު (ނާރުތަކުގެ ކޮޅު) ހުންނަނީ ހަމުގައެވެ. މި ރިސެޕްޓަރު ތަކަށް "ކިޔުޓެނިއަސް ރިސެޕްޓަރ"(cutaneous receptors) މިހެން ވެސް ކިޔައެވެ. ތަދު، ފިނި، ހޫނު، ބީހުން، ޕްރެޝަރު ގެ އިހްސާސާއެކު  ހަމުގައި ހުންނަ މި ރިސެޕްޓަރު ތައް މުރާލިވެ ހީވާގިވާނެ އެވެ.
·         ޓެންޑަން ތައް، ހުޅުތައް، މަސްތައް : މި ޓިޝޫ ތަކުގައި ހުންނަ އިހުސާސް އުފުލައިދޭ ރިސެޕްޓަރު ތަކަކީ ވަރަށް ޚާއްޞަ ރިސެޕްޓަރު ތަކެކެވެ. މިރިސެޕްޓަރު ތަކަށް "ޕްރޮޕްރިއޯސެޕްޓަރ"(proprioceptors) މިހެން ވެސް ކިޔައެވެ. މިރިސެޕްޓަރުތައް ހީވާގިވެ މުރާލިވަނީ ހުޅުތަކާ، މަސްތައް އަދި ޓެންޑަން ފަދަ ޓިޝޫތައް ދެމިވާންވުމުންނެވެ.

ހަރަކާތް އުފުލައިދޭ ނާރު ޓްރެކްޓްތައް (motor nerve tracts): ސިކުނޑިން ހަށިގަނޑުގެ އެކި ދިމާލަށް މެސެޖުތައް ގެންގޮސްދޭ ނިއުރޯންތަކަކީ ހަރަކާތް އުފުލައިދޭ ނިއުރޯން ތަކެވެ. ހަރަކާތް އުފުލައިދޭ ނިއުރޯންތައް ހީވާގިކޮށް މުރާލިކުރުމުން:-
·         ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުންނަ މަސްތައް ފިތި ކުރުގެޅޭގޮތްވުން (ކޮންޓްރެކްޓްވުން)
·         ހިތާއި އެތެރެހަށީގެ ގުނަވަންތަކުގައި ހުންނަ މަސްތައް ފިތި ކުރުގެޅޭގޮތްވުން (ކޮންޓްރެކްޓްވުން)

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.






No comments:

Post a Comment