Showing posts with label މަސްތަކުގެ ނިޒާމް. Show all posts
Showing posts with label މަސްތަކުގެ ނިޒާމް. Show all posts

Monday, July 12, 2021

ޜެބްޑޯމަޔޯލައިސިސް

ރެބްޑޯމެޔޯލައިސިސް

ރެބްޑޯމެޔޯލައިސިސް(Rhabdomyolysis)  ގެ މާނައަކީ މަހުގެ ސެލޯށި ނޫނީ ސެލޯށިތައް ހަލާކުވެ، އޭގައި (މަސްތަކުގައި) އެކުލެވޭ މާއްދާތައް ލޭގެ ތެރެއަށް ދޫވުމެވެ، ނޫނީ ލޭގެ ތެރެއަށް ދިއުމެވެ. މިއީ ސީދާ ނުވަތަ ނުސީދާގޮތެއްގައި ނަމަވެސް މަސްގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ކުރިމަތިވެދާނެ ކަމެކެވެ.

ރެބްޑޯމެޔޯލައިސިސް ކުރިމަތިވަނީ އަނިޔާއެއްގެ ސަބަބުން ނޫނީ އެހެން ގޮތަކުން ނަމަވެސް މަސްގަނޑު (މަހުގެ ފައިބަރު) މަރުވެ، އޭގައި ހިމެނޭ މާއްދާތައް ލޭގެ ތެރެއަށް ދޫވުމުންނެވެ. ނޫނީ ފޭދިގެން ދިއުމުންނެވެ. ރެބްޑޯމެޔޯލައިސިސް އާއި ގުޅިގެން ލޭގެ ތެރެއަށް ދޫވެގެން ގޮސްދާނެ މާއްދާތަކުގެ ތެރޭގައި މެޔޯގްލޯބިން (މަހުގައި ހިމެނޭ ޕްރޮޓީން)، ކްރިއެޓިނިން ކައިނޭޒް، ޕޮޓޭޝިއަމް، ފޮސްފޭޓް، ޔުރޭޓް (ޔުރިކް އެސިޑް)، އެޑޮލޭޒް، ލެކްޓޭޓް ޑިހައިޑްރޯޖިނޭޒް ފަދަ މާއްދާތައް ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ތެރޭގައި ހިމެނޭ ލޮނުގެ ބައި ވެސް ލޭގެ ތެރެއަށް ގޮސް، ލޭގައި ލޮނުގެ ބައި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިވެއްޖެނަމަ، ލޭގެ ތެރެއަށް ބަޔާންކުރެވުނު މާއްދާތައް ދިއުމުގެ އިތުރުން، ހަށިގަނޑުގައި ހިމެނޭ ސެލްތަކުގެ ބޭރުގައިވާ ހުސްބަޔަށް ވެސް ފޭދިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. މަހުގެ ސެލޯށި (ޓިޝޫ) ތައް ހަލާކުވެ ލޭގެތެރެއަށް ދޫވެގެންދާ މާއްދާތަކުގެ ސަބަބުން ގުރުދާ (ކިޑްނީ) ފަދަ ގުނަވަންތައް ހަލާކުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ލޭގައި ހިމެނޭ ލޮނުގެ މިންގަނޑަށް ބަދަލުއައިސް އޭގެ ހަމަހަމަކަން ގެއްލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.



ސަބަބު

ފެންނަންހުރި އިލްމީ ހެކިތަކަށް ބަލާއިރު ރެބްޑޯމެޔޯލައިސިސް ބޮޑެތި މީހުންނަށް އެންމެ އާންމުކޮށް ކުރިމަތިވާ ސަބަބުތަކުގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރުން، ބަނގުރާ ބުއިން، ބޭނުންކުރެވޭ ތަފާތު ބޭސްތައް، މަސްގަނޑަށް ލިބޭ އެކި ކަހަލަ އަނިޔާތައް، ނިއުރޯލެޕްޓިކް މެލިގްނަންޓް ސިންޑްރޯމް، އަދި އެދުމަތިވެ، ހަރަކާތްތެރިވެ ނޫޅެވުން ފަދަ ކަންތައްތައް ހިމެނެއެވެ. އަދި ފަހުގެ ދިރާސާތަކުގައި ކޮވިޑް 19 ޖެހުމުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވާކަމަށް ހާމަކޮށްފައި ވެއެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިކުރުވާ އެންމެ އާންމު ސަބަބަކުތަކަކީ ބަނގުރާބުއިން، ކުއްލިއަކަށް މާގަދަޔަށް ކަސްރަތުކުރުން، މަސްގަނޑަށް ފިތި، ތާށިވެ އަނިޔާވުން، ބައެއް ކަހަލަ ބޭސްތައް، އަދި މަސްތުވާތަކެތި ބޭނުންކުރުމެވެ.

ކުޑަކުދިންނަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ސަބަބުތައް ކޮންމެވެސް ވަރަކަށް ތަފާތެވެ. އެގޮތުން ކުޑަކުދިންނަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިކޮށްފާނެ ސަބަބުތަކުގެ ތެރޭގައި ވައިރަސް އަކުން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުން މަސްގަނޑު ދުޅަވުން (ވައިރަލް މެޔޯސައިޓިސް)، މަސްގަނޑަށް އަނިޔާވުން، ކަސްރަތުކުރުން، ކަނެކްޓިވް ޓިޝޫ ޑިސްއޯޑަރ (ހަށިގަނޑުގައި ހުންނަ ގުޅުވައިދެނިވި ސެލޯތަކަށް ކުރިމަތިވާ މައްސަލަތައް) އަދި މަސްތުވާތަކެތި އޯވަޑޯޒްވުން ފަދަ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންގެ ތެރޭގައި ގާތްގަނޑަކަށް 3/1 ކުދިންނަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިވަނީ ކުރިން ބަޔާންކުރެވުނު ވައިރަލް މެޔޯސައިޓިސް ގެ ސަބަބުންނެވެ.

ކުރިން ބަޔާންކުރެވިފައިވާ ފަދައިން ވަރަށް ގިނަ ސަބަބުތަކުގެ ސަބަބުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވެދާނެ އެވެ. އެގޮތުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ސަބަބުތައް މައިގަނޑު 2 ބަޔަކަށް ބަހާލެވިދާނެ އެވެ. އެއީ އަނިޔާއެއްގެ ސަބަބުން ރެބްޑޯމެޔޯލައިސިސް ކުރިމަތިވުން އަދި އަނިޔާއެއްގެ ސަބަބުން ނޫން ގޮތަކަށް ރެބްޑޯމެޔޯލައިސިސް ކުރިމަތިވުމެވެ.

މަސްގަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ރެބްޑޯމެޔޯލައިސިސް ކުރިމަތިމަތިކުރުވާ ސަބަބުތައް

·         ކްރަޝް އިންޖަރީ : މިއީ މިސާލަކަށް އިމާރާތެއްގެ ދަށުގައިވުން، މަގުމަތީގެ އެކްސިޑެންޓެއް ހިނގުން، ނޫނީ ވެއްޓިގެން ފަދަ ކަމެއްގެ ސަބަބުން މަސްގަނޑުފިތި، ނުވަތަ ތާށިވުމުގެ ސަބަބުން މަސްގަނޑަށް ލިބޭ އަނިޔާ ތަކެވެ.

·         ދިގުމުއްދަތަކަށް މަސްގަނޑަށް އެއްވެސް ހަރަކާތެއް ނުލިބިވުމުން ( މިސާލަކަށް ތަނެއް ބިއްދައިގެން ދިއުމުން ނުތެދުވެ އޮންނަންޖެހުން، ދިގުމުއްދަތަކަށް ކޯމާއެއްގައި އޮތުން، ނޫނީ ބަނގުރާ، މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ނުތެދުވެވި އޮންނަޖެހުން) މަސްގަނޑަށް އަނިޔާވުން ނޫނީ ގެއްލުންވުން

·         ކަރަންޓްގައި ޖެހުން، ހޮނުއެޅުން، އަދި ފިހުމުގެ ސަބަބުން މަސްގަނޑަށް އަނިޔާވުން

·         ހަރުފަ ވިހަލުން ، ދިރޭ އެއްޗެއް ކަށިޖެހުން ނޫނީ ދަތްއެޅުން ފަދަ ކަމަކުން މަސްގަނޑަށް އަނިޔާވުން

މަސްގަނޑަށް ލިބޭ އަނިޔާ ނޫން އެހެނިހެން ގޮތްގޮތުން ރެބްޑޯމެޔޯލައިސިސް ކުރިމަތިކުރުވާ ސަބަބުތައް

·         ބަނގުރާ ބޭނުންކުރުން ،

·         މަސްތުވާ ތަކެތި ބޭނުންކުރުން : ކޮކެއިން، އެމެފިޓަމިން، އެކްސްޓަސީ، އެލްއެސްޑީ ފަދަ ބާވަތްތައް ބޭނުންކުރުން

·         ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން : މިސާލަކަށް ނަފްސާނީ ބަލިތަކުގެ ފަރުވާގައި ދޭ ބައެއް ބޭސްތައް، ސްޓެޓިންސް، އެރިތްރޯމައިސިން، ކޮލްކިސިން، އިޓްރަކޮނަޒޯލް، ޒިޑޯވިޔުޑިން، ސައިކްލޯސްޕޯރިން، އަދި ކޯޓިކޯސްޓީރޮއިޑް ފަދަ ބޭސްތައް ބޭނުންކުރުން

·         އާދަޔާ ޚިލާފަށް ބޮޑަށް މަސްތައް ވާޅުވެވަރުބަލިވުން ކުރިމަތިވުން : މިސާލަކަށް ކުއްލިއަކަށް ވަރަށް ގަދަޔަށް ކަސްރަތުކުރަންފެށުން

·         ހަށިގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މަތިވުން / ހީޓް ސްޓްރޯކްޖެހުން

·         ފިޓްޖެހުން

·         ޑައިބެޓިކް ކީޓޯއެސިޑޯސިސް ފަދަ ހާލަތެއް ކުރިމަތިވުން

·         ތައިރޮއިޑް ގްލޭންޑްގެ މައްސަލަތައް : މިސާލަކަށް ތައިރޮއިޑް ގްލޭންޑްގެ މަސައްކަތްތައް ދަށްވުން ނޫނީ އިތުރުވުން

·         އުފެދުމުގައި މަސްގަނޑަށް ކުރިމަތިވާ ތަފާތު ބަލިތައް : މިސާލަކަށް ޑުޝެންނޭ މަސްކިޔުލަރ ޑިސްޓްރޮފީ، ކޮންޖެނިޓަލް މަސްލް އެންޒައިމް ޑެފިޝިއެންސީ، މެކާރޑްލް ޑިޒީޒް ފަދަ ބަލިތައް

·         ބައެއް ކަހަލަ ވައިރަސްތަކުން ޖެހޭ ބަލިތައް : މިސާލަކަށް އިންފުލުއެންޒާ، އެއިޑްސް ބަލި، ކޮވިޑް 19، އަދި ހާރޕީޒް ސިމްޕްލެކްސް ، ސައިޓޯމެގާލޯ ވައިރަސް، އީކޯ ވައިރަސް ،އެޑީނޯ ވައިރަސް، ކަކްސަކީ ވައިރަސް އަދި އެޕްސްޓެންބަރ ވައިރަސް ފަދަ ވައިރަސްތަކުން ޖެހޭ ބަލިތައް

·         ލޭގެ ތެރޭގައި ބެކްޓީރިޔާ ޖަމާވެ، ލޭވިހަވުން (ސެޕްސިސް) ނޫނީ ތަފާތު ބެކްޓީރިޔާތަކުގެ ސަބަބުން ޖެހޭ ބަލިތައް : މިސާލަކަށް ސްޓްރެޕްޓޯކޯކަސް، ސްޓެފައިލޯކޯކަސް، ލެޖިއަނެއްލާ، ސަލްމޮނެއްލާ، އަދި ލިސްޓީރިއާ ފަދަ ބެކްޓީރިޔާ ތަކުގެ ސަބަބުން ޖެހޭ އިންފެކްޝަންތައް

·         ހަށިގަނޑުން ފެނުގެ ބައި މަދުވުން

·         ލޮނުގެ ބަޔަށް ބަދަލުއައުން : މިސާލަކަށް ލޭގައި ސޯޑިއަމް މަދުވުން، ސޯޑިއަމް މަތިވުން، ފޮސްފޭޓް މަދުވުން، ޕޮޓޭޝިއަމް މަދުވުން، ކެލްސިއަމް މަދުވުން ފަދަ މައްސަލަތައް

·         އެހެނިހެން ސަބަބުތައް

އަލާމާތްތައް

ރެބްޑޯމެޔޯލައިސިސް ގެ ސަބަބުން އެއްވެސް އަލާމާތެއް ނުފެނިދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ބައެއް ފަހަރު އަލާމާތްތައް ދެނެގަތުމަކީ ވެސް އުދަނގޫކަމަށް ވެދާނެ އެވެ.  އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި (3 އަލާމާތް) އަންނަނިވި ކަންތައްތައް ހިމެނެއެވެ.

-          މަސްތަކުގައި ރިހުން ( ޚާއްޞަކޮށް ކޮނޑާއި، އުނަގަނޑު، އަދި ފައިގެ ފަލަމަސްގަނޑުގައި)

-          ކުޑަކަމު ނަޖިސް ގަދަރަތް ނޫނީ މުށިކުލައަށް ހުރުން / ނުވަތަ ކުޑަކަމުދެވޭ މިންވަރު މަދުވުން

-          މަސްތައް ވާޅުވެ، ވަރުދެރަވުން ، ނޫނީ އަތްފައި ހަރަކާތްކުރަން އުދަނގޫވުން

މީގެ އިތުރުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

-          ބަނޑުގައި ރިހުން

-          މޭނުބައިކުރުން ނުވަތަ ހޮޑުލުން

-          ހުންއައުން

-          ހިތުގެ ވިންދު އަވަސްވުން

-          ހޭވެރިކަމަށް ބަދަލުއައުން ، ހޭވެރިކަން ގެއްލުން، ވާނުވާނޭނގި ތަންދޮރު ވަކިކުރަން ނޭނގުން

-          ހަށިގަނޑުން ފެނާއި، ލޮނުގެބައި މަދުވުން

ރެބްޑޯމެޔޯލައިސިސް ސަބަބުން ކުރިމަތިވާ އަލާމާތްތައް އެހެން ނަޒަރަކުން ބަހާލާނަމަ އަންނަނިވި ގޮތަށް ތަރުތީބުކުރެވިދާނެ އެވެ. އެއީ ލޯކަލް (ރެބްޑޯމެޔޯލައިސް ކުރިމަތިވި ހިސާބަށް) ، އަދި ސިސްޓެމިކް (މުޅި ހަށިގަނޑަށް) ސިފަތަކަށް ރިއާޔަތްކޮށްގެންނެވެ.

ރެބްޑޯމެޔޯލައިސިސް ކުރިމަތިވި ހިސާބަށް (މަސްގަނޑަށް) ރިޢާޔަތްކޮށް ފާހަގަކުރެވިދާނެ ކަންތައްތައް

-          މަސްގަނޑުގައި ރިހުން

-          މަސްގަނޑުގައި ބީހިލުމުން ތަދު އިހުސާސްވުން

-          މަސްގަނޑު ދުޅަވުން

-          މަސްގަނޑުން ފަސޭހައިން ލޭހިލުން ނޫނީ ލޭއައުން

-          މަސްގަނޑުގެ ވަރުދެރަވެ، ވާޅުވެ ބާރުދިއުން

ރެބްޑޯމެޔޯލައިސިސް ކުރިމަތިވުމުން މުޅި ހަށިގަނޑަށް ރިޢާޔަތްކޮށް ފާހަގަކުރެވިދާނެ ކަންތައްތައް

-          ކުޑަކަމު ނަޖިސް ގަދަ ރަތް ނޫނީ މުށިކުލައިގައި ނޫނީ ކަޅު ސައި ހުންނަ ކުލައިގައި ހުރުން

-          ހުންއައުން

-          ނުތަނަވަސްވުން

-          މޭނުބައިކުރުން

-          ހޮޑުލުން

-          ވާނުވާނޭގުން / ތަންދޮރު ވަކިނުވުން

-          ވަހުމު އުފެދުން / ކަންކަމާމެދު ވަހުމާއި ޝައްކުބޮޑުވުން

-          އެއްގޮތެއްގައި ހިމޭނުންނުހުރެވި އަތްފައި މުނިމުނިކަވައިގެން އުޅޭހެން އުޅުން / ނަފުސު ކޮންޓްރޯލް ނުކުރެވުން

-          ކުޑަކަމުދާން ނުކުޅެދުން / އެއްގޮތަކަށް ވެސް ކުޑަކަމުނުދެވުން

ދެނެގަތުން

ރެބްޑޯމެޔޯލައިސިސް ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހެދިދާނެއެވެ.

·         ލޭގައި ކްރިއެޓިނިން ކައިނޭޒް ހުރި މިންވަރު ދެނެގަތުން

·         ކުޑަކަމު ނަޖިހުގައި މެޔޯގްލޯބިން ހުރި މިންވަރު ދެނެގަތުން

ދިމާވެދާނެ ނުރައްކާތައް

ރެބްޑޯމެޔޯލައިސިސް އާއި ގުޅިގެން ތަފާތު ނުރައްކާތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ލޭގައި އާދަޔާ ޚިލާފަށް ޕޮޓޭސިއަމްގެ މިންވަރު މަތިވެ، އެކަމުގެ ސަބަބުން ހިތުގެ ވިންދުގެ ތަރުތީބުގެއްލި، ނޫނީ ހިތް ހުއްޓުން ފަދަ ކަމެއް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މީގެ އިތުރުން  ގުރުދާ ފޭލްވެ، ގުރުދާ އަށް ގެއްލުންވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ގުރުދާ ފޭލްވުމަކީ ރެބްޑޯމެޔޯލައިސިސް ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ ½ މީހުންނަށް ލޭގައި ޕޮޓޭޝިއަމް މަތިވުމުގެ ސަބަބުން ކުރިން ބަޔާންކުރެވުނު މައްސަލަތައް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ލޭގައި ކެލްސިއަމްގެ މިންވަރު ދަށްވުމަކީ ވެސް ވެދާނެ ގޮތެކެވެ.

ރެބްޑޯމެޔޯލައިސިސް ކުރިމަތިވާ މީހުންގެ ތެރެއިން ކޮންމެ 4 މީހުންގެ ތެރެއިން އެކަކަށް ފުރަމޭގެ މައްސަލަތައް ދިމާވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ރެބްޑޯމެޔޯލައިސިސްގެ ސަބަބުން މަދުން ނަމަވެސް "ކޮމްޕާޓްމެންޓް ސިންޑްރޯމް" ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.  ކޮމްޕާޓްމެންޓް ސިންޑްރޯމް އަކީ އަތްފައިގެ މަސްތަކުން މަސްގަނޑެއްގެ ކޮމްޕާޓްމެންޓެއްގައި މާބޮޑަށް ޕްރެޝަރު މަތިވެ، އެކަމުގެ ސަބަބުން އެހިސާބަކަށް ލޭފޮނުވައިދިނުން ދަށްވެ، އެހިސާބުގެ މަސްތަކާއި، ނާރުތަކަށް ގެއްލުންވާ ހާލަތެކެވެ.

ފަރުވާ

ރެބްޑޯމެޔޯލައިސިސްގެ ފަރުވާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

-          ހަށިގަނޑުގައި ފެނުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުން : މިކަންކުރުމަށްޓަކައި ގިނައިން ދިޔާތަކެތި ބުއިން މުހިއްމެވެ. ދިޔާތަކެތި ބޭނުންކުރާއިރު ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރުނުވާވަރަށް (އޯވަހައިޑްރޭޓްނުވާވަރަށް) ބޭނުންކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އާންމު ގޮތެއްގައި މަދުވެގެން ދުވާލެއްގެ މައްޗަށް 3-2 ލިޓަރުގެ ދިޔާތަކެތި ބޭނުންކުރަންވާނެ އެވެ. ހަސްފަތާލުގައި އެދުމަތިކޮށްފިނަމަ އަދި ހަށިގަނޑުގައި ފެނާއި ލޮނުގެ ބައި މަދުވެފައިވާނަމަ އާންމު ގޮތެއްގައި ދިޔާތަކެތި ހަށިގަނޑަށް ފޯރުކޮށްދޭނީ އައިވީ ފުލުއިޑްގެ ސިފައިގައެވެ.  

-          ޑަޔަލިސިސް ހަދަންޖެހުން

-          ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހުން : އެދުމަތިކޮށްގެން ފަރުވާދޭނަމަ، ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވެފައިވާ މިންވަރަށް ރިއާޔަތްކޮށް އައިވީ ފުލުއިޑް ދީފާނެ އެވެ. މިއީ ކުޑަކަމު ނަޖިސް އުފެއްދުން އެއްހަމައެއްގައި ބަހައްޓައި، ގުރުދާއަށް ގެއްލުވުމުން ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

-          ރެބްޑޯމެޔޯލައިސިސް ކުރިމަތިވީ ވަކި ބައްޔެއް މިސާލަކަށް ހަކުރު ބަލި، ތައިރޮއިޑްގެ މައްސަލަތައް ފަދަ ކަމެއްގެ ސަބަބުން ކަމުގައިވާނަމަ، އެބައްޔަކަށް އެކަށޭނަ ފަރުވާ ފޯރުކޮށްދޭން ޖެހެއެވެ. ރެބްޑޯމެޔޯލައިސިސް ކުރިމަތިވީ ބޭހެއްގެ ސަބަބުން ކަމުގައިވާނަމަ، ބޭނުންކުރަމުން އައި ބޭސް ހުއްޓާލަން ޖެހުމަކީ ގާތް ކަމެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ރިފަރެންސް

·         https://www.aafp.org/afp/2002/0301/p907.html#:~:text=Rhabdomyolysis%20is%20a%20potentially%20life,certain%20medicines%20and%20toxic%20substances.

·         https://www.webmd.com/a-to-z-guides/rhabdomyolysis-symptoms-causes-treatments 

Saturday, July 20, 2013

މަސްތަކުގެ ނިޒާމް

މަސްތަކުގެ ނިޒާމް
މަސްތަކުގެ ނިޒާމް(muscular system) އަކީ އިންސާނާ އަށް ހަރަކާތްތެރިވެ އުޅުމުގެ ގާބިލިއްޔަތު ހޯދައިދޭ ޙަޔަވީ ނިޒާމެވެ. މައިބަދަ ހުންނަ ޖަނަވާރު ތަކުގައި މަސްތަކުގެ ނިޒާމްގެ މަސައްކަތްތައް ކޮންޓްރޯލް ކުރަނީ ނާރުތަކުގެ ނިޒާމުންނެވެ. ނަމަވެސް ބައެއް ކަހަލަ މަސްތަކަކީ މިސާލަކަށް ހިތުގައިވާ މަސްތައް އޭގެ ޒާތުގައި އަމިއްލައަށް މަސައްކަތްކުރާ މަސްތަކެކެވެ.

މަސް 
މަހަކީ އިންސާނާގެ ހަށިގަނޑުގައި ކޮންޓްރެކްޓްވުމުގެ ނުވަތަ ކުރުގެޅުމުގެ ގާބިލިއްޔަތު ލިބިފައިވާ ޓިޝޫ އެކެވެ. މަހުގެ ޓިޝޫ އުފެދެނީ ތުއްތު ދަރިފުޅު އުފެދިގެން އަންނަ މައި ތިންފަށަލައިން މެދުގައި އިންނަ ފަށަލަ ''މީސޯޑާރމް''(Mesoderm) އިންނެވެ. މަސް ތަކުގެ ބޭނުމަކީ ހަށިގަނޑު ބާރު އުފައްދައި، ހަށިގަނޑު އެކި ގޮތްގޮތަށް ލަންބައި، ހަރަކާތްތެރިވެ އުޅުމުގައި އެހީތެރި ވުމެވެ.

ގިނަ ފަހަރު މަސްތައް ކޮންޓްރެކްޓްވަނީ އަހަރެމެންނަށް އެގުމަކާ ނުލައެވެ. މިސާލަކަށް ހިތުގެ ވިންދުޖެހުން، އަދި ހަޖަމުކުރާ ނިޒާމްގައި ކާތަކެތި ދައުރުވުން ފަދަ ކަންކަމަކީ އަހަރެމެންގެ އިޚްތިޔާރަކާ ނުލާ އޭގެ ޒާތުގައި ހިންގާ ކަންތައްތަކެވެ. ހަށިގަނޑުގެ ހަރަކާތްތައް ކުރުމުގައި މަސްތައް ފިތި، ކުރުގެޅި، ހަމައަކަށް އެޅޭ އެޅުމަކީ އަހަރެމެންގެ ބާރުގެ ދަށުން ހިނގާ ކަންތައްތަކެވެ.

ހަށިގަނޑުގެ ބޭރުފުށަށް ފެންނަން ހުންނަ މަސްތަކާއި، އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތަކާއި، އަދި ހިތުގައި ހުންނަ މަސްތައް އެކަތި އަނެކައްޗާއި، ތަފާތުތަކެއް ހުރެއެވެ.

އިންސާނާގެ ހަށިގަނޑުގައިވާ މަސްތަކުގެ ވައްތަރުތައް
އިންސާނާގެ ހަށިގަނޑުގައި ތަފާތު 3 ވައްތަރެއްގެ މަސްތައް ހުރެއެވެ. އެއީ:-
·         ހަށިގަނޑުން ބޭރަށް ފެންނަން ހުންނަ މަސްތައް
·         އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތައް
·         ހިތުގައި ހުންނަ މަސްތައް

(ހ) - ހަށިގަނޑުން ބޭރަށް ފެންނަން ހުންނަ މަސްތައް
ހަށިގަނޑުން ބޭރަށް ފެންނަން ހުންނަ މަސްތައް ނުވަތަ "ކަށިތަކުގައި ހަރުލާފައިވާ މަސް"(Skeletal muscle) އަކީ ހަށިގަނޑުގައިވާ ކަށިތަކާއި ހަރުލައި، ތަތްވެފައި ހުންނަ މަސްތަކަށެވެ. އަހަރެމެންނަށް ހަރަކާތްކުރެވެނީ މިމަސްތަކުގެ އެހީގައެވެ. ނުވަތަ މިމަސްތައް ބޭނުންކޮށްގެންނެވެ. މިވައްތަރުގެ މަހުގެ ސެލްތައް ހުންނަނީ ދިގުކޮށް ސިލިންޑަރެއްގެ ބައްޓަމަށް ބައިވަރު ނިއުކްލިއަސް ލާފައެވެ. މިބުނި ނިއުކްލިއަސްތައް ހުންނަނީ ސެލްގެ އަރިމަތީގައި ''ޕްލާޒްމާ މެންބްރޭން''(plasma membrane) ގެ ދަށުގައެވެ. އެހެންކަމުން މަސް ފައިބަރު ގެ މެދު ހުންނަނީ ''މަޔޯފިބްރިލް''(Myofibril) އަށް ޖާގަ ދިނުމަށްޓަކައި ހުސްކުރެވިފައެވެ. ކުރިން ބުނެވުނު ނިއުކްލިއަސް ގެ ދިގުމިނުގައި ބައެއް ފަހަރު 35 ސމ ހުރުމަކީ ވެސް ވެދާނެ ގޮތެކެވެ.

މަސް ގަނޑުގެ ދެކޮޅު ހަށިގަނޑާއި ތަތްވެފައި އިންނައިރު ހަށިގަނޑު މެދުބައި ނުވަތަ ނާރެސް އާއި ކައިރީގައި ކަށިގަނޑުގައި މަސްގަނޑު ހަރުލާފައި ހުންނަ ބަޔަށްކިޔަނީ ''އޮރިޖިން''(Origin) އެވެ. އަދި ނާރެސް އާއި ދުރުގައިވާ ކަށިގަނޑުގައި މަސްގަނޑު ހަރުލާފައިވާ ބަޔަށް ކިޔަނީ ''އިންސާޝަން''(Insertion) އެވެ.

ސްކެލިޓަލް މަސަލްގެ ވައްތަރުތައް ބައިކުރެވިދާނެ ވަރަށް ގިނަގޮތްތައް ހުރެއެވެ. އެއްގޮތަކީ ''މަޔޯސިން''(Myosin) ގައި އެކުލެވޭ ޕްރޮޓީންގެ ވައްތަރު ބެލުމެވެ. މިގޮތަށް ބަލާއިރު ސްކެލިޓަލް މަސް ފައިބަރުތައް ދެބަޔަކަށް ބަހާލެވެއެވެ. ފުރަތަމަ ވައްތަރަކީ ރަތްކުލަ އަށް ހުންނަ ''ޓައިޕް1 ފައިބަރު'' ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް ވަރުދެރަވެ، ބާރުދިއުން ކުޑަވާނެއެވެ. އަނެއް ވައްތަރަކީ ހުދު ކުލައަށް ހުންނަ ''ޓައިޕް2 ފައިބަރު'' ތަކެވެ. މިވައްތަރުގެ މަސަލް ފައިބަރުތައް އަވަހަށް ވަރުދެރަވެ، ފަސޭހަކަމާއެކު ބާރުދޫވާނެއެވެ.

ކަށިތަކުގައި ހަރުލާފައިވާ މަސްތައް މައިކްރޮސްކޯޕަކުން ބަލައިފިނަމަ އޭގައި ރޮނގު ތަކެއް(striations) ފެންނަން ހުންނާނެ އެވެ. މިމަސްތަކަކީ އަހަރެމެންގެ ބާރުގެ ދަށުގައި ފުރިހަމަ ކޮންޓްރޯލާއެކު މަސައްކަތްކުރާ މަސްކޮޅު ތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މިމަސްތައް ކޮންޓްރެކްޓްވުމަށް ބާރުއަޅާދޭ ފަރާތަކީ ސިކުނޑިއާ ސްޕައިނަލް ކޯޑުން ނިކުމެފައިވާ ހަރަކާތް އުފުލައިދޭ ނާރު(motor nerves) ތަކެވެ.

(ށ) - ހިތުގައި ހުންނަ މަސްތައް
ހިތުގައި ހުންނަ މަސްތައް ނުވަތަ "ހިތަށް ޚާއްޞަ މަސް"(Cardiac muscle) ތަކަކީ އިންސާނާގެ ހިތުގައި އެކުލެވިގެންވާ މަހުގެ ބާވަތެވެ. ހިތުގައިވާ މަސްތަކުގެ ދައުރަކީ ލޭދައުރުކުރާ ނިޒާމްގެ ތެރެއަށް ހިތުން ލޭ ޕަމްޕްކޮށް ، ލޭހޮޅިތަކުގެ ޒަރީޢާއިން ލޭ ހަށިގަނޑުގެ ބައިތަކަށް ފޮނުވައި ދިނުމެވެ. ހިތުގައި ހުންނަ މަސްތައް މައިކްރޮސްކޯޕަކުން ބަލައިފިނަމަ އޭގައި ރޮނގު ތަކެއް(striations) ފެންނަން ހުންނާނެ އެވެ. މިމަސްތަކަކީ އަހަރެމެންގެ އިޚުތިޔާރުން ބޭރުން އޭގެ ޒާތުގައި މަސައްކަތްކުރާ މަސްކޮޅު ތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

(ނ) - އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތައް
އެތެރެހަށީގެ ބައިތަކުގައި ހުންނަ މަސްތައް ނުވަތަ "މަޑު މަސް"(Smooth muscle) ނުވަތަ "ހަށިގަނޑުގެ އެތެރޭގެ ބައިތަކުގައިވާ މަސް" ތަކަކީ އިންސާނާގެ އެތެރެހަށީގެ ބައެއް ގުނަވަންތަކުގެ ފާރުގައި ހުންނަ މަހުގެ ވައްތަރެވެ. މިގޮތުން މަޑުމަސް ހުންނަނީ ޢާއްމު ގޮތެއްގައި އެތެރޭގައި ހޮޅި ނުވަތަ މަގު ހެދިފައި ހުންނަ ގުނަވަންތަކުގައެވެ. މިސާލަކަށް ކާތަކެތި ހިނގާ ހޮޅި، ހިމަ ގޮހޮރު، ނުވަތަ ކުޑަ ގޮހޮރު،ބޮނޑު ގޮހޮރު، ފަދަ ގުނަވަންތަކުގައެވެ. މީގެ އިތުރުން މަސާނާ، ނޭވާލާ ނިޒާމްގެ ބައިތައް، ނަސްލު އުފައްދާ ނިޒާމް ގެ ބައިތަކުގައި ވެސް މަޑު މަސް ހުރެއެވެ.

އެތެރެހަށީގެ ބައިތަކުގައިވާ މަސްތައް މައިކްރޮސްކޯޕަކުން ބަލައިފިނަމަ އޭގައި ރޮނގު ތަކެއް(striations) ފެންނާކަން ނުހުންނާނެ އެވެ. މިމަސްތަކަކީ އަހަރެމެންގެ އިޚުތިޔާރުން ބޭރުން އޭގެ ޒާތުގައި މަސައްކަތްކުރާ މަސްކޮޅު ތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ. މަޑުމަހުގެ ބައެއް މަސްކޮޅުތައް އޭގެ ޒާތުގައި އެއާ ގުޅިފައިވާ ނާރެއް ހީވާގިވުމުން އޭގެ މަސައްކަތް ފަށާއިރު، އަނެއް ބައި މަސްކޮޅުތައް ހޯރމޯން އެއްގެ ނުފޫޒު ފޯރުމުން ވެސް މަސައްކަތް ކުރަން ފަށައިފާނެ އެވެ. މިސާލަކަށް އެޑްރީނަލް ގްލޭންޑް އިން "އެޑްރީނަލިން" ހޯރމޯން ދޫކުރުމުން ނޭވާލާ ހިނގާ މަގު ފުޅާވާގޮތް ވެއެވެ.


އެތެރެހަށީގެ ގުނަވަންތަކުގެ ފާރުގައި މިފަދަ މަސްކޮޅުތައް އެތުރިފައި ހުންނަނީ ޝީޓު ތަކެއް ހެންނެވެ. އެއީ އެފަދަ ގުނަންތަކުގެ ތެރެއިން ތަފާތު މާއްދާތައް ބޭނުންވާ ހިސާބަށް ގެންދިއުމަށް(މިސާލަކަށް ކާތަކެތި ގޮހޮރުގެ ތެރޭގައި ދައުރުވަމުން ދިއުން) އެގުނަވަނެއްގެ ވަށަމިނަށް ގެންނަންޖެހޭ ބަދަލު ގެނައުމަށް އެހީތެރިވެ ދިނުމަށްޓަކައެވެ.

އެތެރެހަށީގެ ބައިތަކުގައިވާ މަސްކޮޅު ތައް ކަށީގައި ހަރުލާފައިވާ މަސްކޮޅުތަކަށްވުރެ ކޮންޓްރެކްޓް ވާލެން ލަސްވާނެ އެވެ. އަދި ގިނައިރު ކޮންޓްރެކްޓްވެފައި ހުންނާނެ އެވެ. މިފަދަ މަސްކޮޅު ތައް ހުންނަ ބައެއް ހިސާބުތަކާ، ފުރިހަމަކޮށްދޭ މަސައްކަތްތައް ތިރީގައި މިވަނީ އެވެ.
·         ނޭވާލާ ހިނގާ މަގުގެ ބައިތަކާ، ލޭހޮޅިތަކުގެ އެތެރޭގެ ވަށަމިން ތަންޒީމުކޮށް ކޮންޓްރޯލްކުރުން
·         ހަޖަމުކުރާ ނިޒާމް، ގުރުދާއިން މަސާނާއަށް ކުޑަކަމުދާ ތަކެތި ގެންދާ ހޮޅި ފަދަ ތަންތަނުގައި މާއްދާތައް އެއްތަނުން އަނެއްތަނަށް ގެންދިއުން
·         މަސާނާ އަދި ރަހިމުގައި ހުންނަ ތަކެތި ބޭރުކޮށްލުން

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.