Sunday, June 26, 2022

ތައިރޮއިޑް ކެންސަރު

ތައިރޮއިޑް ކެންސަރު

ތައިރޮއޑް ކެންސަރު(thyroid cancer) ނުވަތަ ތައިރޮއިޑް ގްލޭންޑް ގެ ކެންސަރަކީ ތައިރޮއިޑް ގްލޭންޑްގެ ސެލް/ދިރު ތަކުން އުފެދިގެން އަންނަ ކެންސަރެކެވެ. ވަރަށް ގިނަ ވައްތަރުތަކުގެ ކެންސަރު ތައިރޮއިޑް ގްލޭންޑް އަށް ޖެހެއެވެ. ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ކޮންމެ ޓިއުމަރެއް ކެންސަރަކަށް ބަދަލެއް ނުވެއެވެ. ކެންސަރު އުފައްދަނީ ގާތްގަނޑަކަށް އެންމެ %5 ޓިއުމަރެވެ. ބައެއް ވައްތަރުގެ ތައިރޮއިޑް ކެންސަރު ވަރަށް ލަސްލަހުން ހެދިބޮޑުވާއިރު، އަނެއްބައި ވައްތަރުތައް ވަރަށް އަވަހަށް ހެދިބޮޑުވެ، އޭގެ ސަބަބުން ނުރައްކާތައް ކުރިމަތިކުރުވާކަން ފާހަގަ ކުރެވެއެވެ. ތައިރޮއިޑް ކެންސަރުގެ ގިނަ ވައްތަރުތައް ފަރުވާދީގެން ރަނގަޅު ކުރެވެއެވެ.

ތައިރޮއިޑް ގްލޭންޑް އަކީ ލަގޮޑިވަޅަށްވުރެ ތަންކޮޅެއް މަތީގައި ވައިނޮޅި ކަށިގަނޑުގެ ދަށުގައި ކަރުމަތީގައި އިންނަ ގްލޭންޑް އެކެވެ. މިގްލޭންޑް ވަނީ ދެބަޔަކަށް ބެހިފައެވެ. އެއީ ކަނާތް ފަރާތު ބައި އަދި ވާތް ފަރާތު ބައި އެވެ. މިދެބައި ވަނީ އެއްބައި އަނެއްބަޔާއި ގުޅިފައެވެ. މިގްލޭންޑްގެ މަސައްކަތަކީ ބޭނުންކުރާ ކާނާގައި ހިމެނޭ އަޔޮޑިންގެ މާއްދާ ލެޔާއި ގުޅުވައިދީގެން ތައިރޮއިޑް ހޯމޯން ހަށިގަނޑުގައި އުފައްދައި ދިނުމެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ހޯރމޯން ތަކުން ހަށިގަނޑު ބަރާބަރަށް ހިނގުމަށް ބޭނުންވާ ބައެއް މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރި ވެއެވެ. އޭގެ ތެރޭގައި ހިތުގެ ވިންދާއި، ލޭގެ ޕްރެޝަރު، އަދި ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.  


ސަބަބު

ތައިރޮއިޑް ކެންސަރު ކުރިމަތިވަނީ ތައިރޮއިޑް ގްލޭންޑްގެ ސެލްތަކުގެ ޑީއެންއޭ(DNA) އަށް ބަދަލުއައުމުންނެވެ. ސެލްގެ ޑީއެންއޭ ގައި އެސެލްއެއް ކުރަންވީ ކަންތައް ބުނެދޭނެ އިރުޝާދު ތައް ރައްކާކުރެވިފައި ހުރެއެވެ. ޑީއެންއޭ އަންނަ ބަދަލުތަކުގެ ސަބަބުން ސެލްތައް އަވަހަށް ހެދިބޮޑުވެ، އިތުރުވުމަށް ބާރުއަޅައެވެ. ނޫނީ ބުނެދެއެވެ. ދުޅަހެޔޮ ރަނގަޅު ސެލްތައް އޭގެ ޒާތުގައި މަރުވެދާއިރު ވެސް މިފަދަ ސެލްތައް ދިރިހުރެއެވެ. އަދި ސެލްތައް އެއްވެ އެއްބޮޑިވެ، ސެލް ފުނިވަރެއްގެ ސިފަޔަށް އުފެދެއެވެ. އާންމު ގޮތެއްގައި "ޓިއުމަރު" ކިޔަނީ މިފަދަ ސެލް ބޮޑިވަރަކަށެވެ.

ތައިރޮއިޑް ގްލޭންޑް ގައި އުފެދޭ ޓިއުމަރު ބޮޑުވެ، ވަށައިގެންވާ ސެލޯށިތަކުގެ ތެރެއަށް ވަދެގެންދެއެވެ. ކަރުގައި ހުންނަ ލިމްފް ގޮށްތަކުގެ ޒަރީޢާއިން ދުރަށް ފެތުރެއެވެ. ބައެއް ފަހަރު ކެންސަރުގެ ސެލްތައް ކަރަށްވުރެ ދުރަށް . ފުއްޕާމެޔަށް، ކައްޓަށް އަދި ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރޭގޮތް ވެއެވެ.

މަގުފަހިކުރާ ކަންތައްތައް

ތައިރޮއިޑް ގްލޭންޑް ގެ ކެންސަރު ޖެހުމުގެ ހިރާސް އިތުރުކުރާ ނުވަތަ މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އަންހެނުން: ފިރިހެނުންނަށްވުރެ އަންހެނުންނަށް ތައިރޮއިޑް ކެންސަރު ޖެހުމުގެ ފުރުޞަތު ޖެހުމުގެ ބޮޑެވެ. ބެލެވިފައިވާގޮތުގައި މިއީ އަންހެނުންގެ ހަށިގަނޑުގައި އެސްޓްރަޖަން ހޯރމޯން އިތުރުވުމުން ދިމާވާ ގޮތެކެވެ.

·         ރޭޑިޔޭޝަންގެ މަތީ މިންވަރަކަށް ހުށަހެޅުން : ކަރުންމަތީގެ ހިސާބުތަކަށް ރޭޑިޔޭޝަންގެ ފަރުވާ ދިނުމަކީ ތައިރޮއިޑް ކެންސަރުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

·         ވާރުތަވާ ބައެއް ބަލިތައް : ވާރުތަވާ ބައެއް ބަލިތައް މިސާލަކަށް ކަވްޑެން ސިންޑްރޯމް، މަލްޓިޕްލް އެންޑޮކްރައިން ނިއޯޕްލޭޒިއާ، އަދި ފެމިލިއަލް އެޑީނަމޮޓަސް ޕޮލީޕޯސިސް ފަދަ ބަލިތަކުގެ ސަބަބުން ތައިރޮއިޑް ކެންސަރު ޖެހުމުގެ ހިރާސް އިތުރުވެއެވެ.

ތައިރޮއިޑް ކެންސަރުގެ ވައްތަރުތައް

ޓިއުމަރުގައި ހުންނަ ސެލްތަކަށް ރިއާޔަތްކޮށް ތައިރޮއިޑް ކެންސަރު ބަހާލެވިފައިވަނި ދެބަޔަކަށެވެ. ތައިރޮއިޑް ކެންސަރުގެ ވައްތަރު ކަނޑައެޅެނީ ޓެސްޓުކުރުމަށްފަހު ގައެވެ. ތައިރޮއިޑް ކެންސަރަށް ފަރުވާކުރުމުގައި ތައިރޮއިޑް ކެންސަރުގެ ވައްތަރަށް ރިޢާޔަތްކުރެވެއެވެ.

އެގޮތުން ތައިރޮއިޑް ކެންސަރުގެ ފާހަގަކުރެވޭ ވައްތަރުތައް ތިރީގައި މިވަނީ އެވެ.

ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ކެންސަރު ތައް

ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ކެންސަރު(differentiated thyroid cancer) ތަކަކީ ތައިރޮއިޑް ގްލޭންޑްގެ ފޮލިކިއުލަރ ސެލް ތަކުން އުފަންވެގެން އަންނަ ތައިރޮއިޑް ކެންސަރެވެ. ފޮލިކިޔުލަރ ސެލް ތަކަކީ ތައިރޮއިޑް ހޯރމޯން އުފައްދާ ސެލްތަކެވެ. މައިކްރޮސްކޯޕެއްގެ ދަށަށް ލައިގެން ބަލައިފިނަމަ، މިވައްތަރުގެ ސެލްތައް (ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ސެލް) ތައް ފެންނާނީ ދުޅަހެޔޮ ސެލްތަކާ ދާދި އެއްގޮތަށެވެ. ގިނަ ތައިރޮއިޑް ކެންސަރ އަކީ މިވައްތަރުގެ ކެންސަރ އެވެ.މިފަދަ ކެންސަރ ގައި އެކުލެވޭ ސެލްތައް ރަނގަޅު ތައިރޮއިޑް ސެލްއާވަރަށް ވައްތަރުވާނެއެވެ. މިވައްތަރުތަކަކީ ތައިރޮއިޑް ގެ ފޮލިކިއުލަރ ވައްތަރުގެ ސެލްއިން އުފެދޭ ކެންސަރ އެވެ (ޑރ މުހައްމަދު ޝިފާން، 2021).

(ހ) ޕެޕިލަރި ތައިރޮއިޑް ކެންސަރު (papillary thyroid cancer): ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރ ގެ ތެރެއިން 8 ކެންސަރަކީ މިވައްތަރެވެ. އާންމުކޮށް މިފަދަ ކެންސަރ އުފެދޭނީ ވަރަށް ލަސް ލަހުންނެވެ. އަދި އާންމުކޮށް އުފެދޭނީ ގްލޭންޑް ގެ އެއްފަޅީގައެވެ. ލަހުން އުފެދި އިތުރުވީކަމުގައި ވިޔަސް މިވައްތަރު އާންމުކޮށް ފެތުރޭނީ ކަރުގެ ގޮށްތަކަށެވެ. މިފަދަ ކެންސަރ ގޮށްތަކަށް ފެތުރުމަށް ފަހުވެސް ކާމިޔާބުކަމާ އެކު ފަރުވާކުރެވި ޝިފާލިބެއެވެ (ޑރ މުހައްމަދު ޝިފާން، 2021). ތައިރޮއިޑް ކެންސަރުގެ އެންމެ އާންމު ވައްތަރަކީ މިއީ އެވެ. މިވައްތަރުގެ ކެންސަރު ކޮންމެ އުމުރެއްގައި ވެސް ޖެހިދާނެ އެވެ. ނަމަވެސް އެންމެ އާންމުކޮށް ފާހަގަކުރެވެނީ އުމުރުން 50-30 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންގެ ފުށުންނެވެ. މިވައްތަރުގެ ގިނަ ކެންސަރު ހުންނަނީ ވަރަށް ކުދިކޮށެވެ. އަދި ފަރުވާކޮށްގެން ފަސޭހަ ކަމާއެކު ރަނގަޅުކުރެވެއެވެ. މިވައްތަރުގެ ކެންސަރުގެ ވަރަށް މަދު މިންވަރެއް ކަރުގެ ސެލޯށިތަކަށް ނޫނީ ހަށިގަނޑުގެ އެހެން ހިސާބަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

(ށ) ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު (follicular thyroid cancer): ޑައިގްނޯސް ކުރެވޭ ކޮންމެ 10 ތައިރޮއިޑް ކެންސަރުގެ ތެރެއިން 1 ކެންސަރ އަކީ މިވައްތަރުގެ ކެންސަރއެވެ. މިފަދަ ވައްތަރު އާންމުކޮށް ގިނައިން ފެންނަނީ ކެއުމުގައި ހަށިގަނޑަށް ލިބެންވާ އަޔޮޑިން ނުލިބޭ މީހުންނަށެވެ. މިވައްތަރަކީ ގޮށް ތަކަށް ފެތުރޭ ވައްތަރެއްނޫނެވެ. ނަމަވެސް ދުރުހިސާބުތަކަށް ފެތުރޭ ވައްތަރެކެވެ.(މިސާލަކަށް ކައްޓާ، ފުއްޕާމޭ ފަދަ ގުނަވަނެވެ). މިވައްތަރަކީ ވެސް ފަރުވާ އަށް ފަހު ޝިފާލިބޭ މިންވަރު ރަނގަޅު ވައްތަރެކެވެ (ޑރ މުހައްމަދު ޝިފާން، 2021). މިއީ ތަންކޮޅެއް މަދުން ފެންނަ ވައްތަރެކެވެ. އާންމު ގޮތެއްގައި ފާހަގަކުރެވެނީ އުމުރުން 50 އަހަރަށްވުރެ މަތީ އުމުރުގެ މީހުންގެ ފުށުންނެވެ. ބައެއް ފަހަރު މިކެންސަރު ދުރު ހިސާބުތަކުން ފެތުރެއެވެ. އެގޮތުން ފުއްޕާމޭ، އަދި ކަށްޓަށް ފެތުރޭގޮތް ވެއެވެ.

(ނ) ހާރތުލް ސެލް ތައިރޮއިޑް ކެންސަރު(hurthle thyroid cancer): ގާތްގަނޑަކަށް މިވައްތަރަކީ ޑައިގްނޯސް ކުރެވޭ ތައިރޮއިޑް ކެންސަރުގެ %3 އެވެ. މިއީ މަތީގައި ބަޔާންކުރެނިވި ދެވައްތަރަށް ވުރެ ފަރުވާ ކުރުމަށް ފަހު ޝިފާލިބޭ ވަރު މަދު ވައްތަރެވެ (ޑރ މުހައްމަދު ޝިފާން، 2021). މިއީ ތައިރޮއިޑް ގްލޭންޑްގެ ވަށައިގެންވީ ކަރުގެ ސެލޯށިތަކަށާއި، އަދި ހަށިގަނޑުގެ ދުރު ހިސާބުތަކަށް ވެސް ފެތުރިދާނެ ތައިރޮއިޑް ކެންސަރުގެ ވައްތަރެކެވެ.

އެނަޕްލާސްޓިކް (އަންޑިފަރެންޝިއޭޓަޑް) ކެންސަރ

އެނަޕްލާސްޓިކް ތައިރޮއިޑް ކެންސަރ(anaplastic thyroid cancer) އަކީ ވަރަށް މަދުން ފެންނަ ވައްތަރެއްގެ ކެންސަރ އެކެވެ. ގާތްގަނޑަކަށް ޑައިގްނޯސް ކުރެވޭ ހުރިހާ ތައިރޮއިޑް ކެންސަރުގެ ކެންސަރުގެ %2 ވަރެވެ. މިވައްތަރަކީ މިއީ ޑައިގްނޯސް ކުރެވޭ އިރުވެސް 4 ވަނަ ސްޓޭޖް ކެންސަރ އެވެ. މިއީ ވަރަށް އަވަހަށް ދުރަށް ފެތުރޭ ވައްތަރެކެވެ. އަދި މިއީ ފަރުވާކުރަން އެންމެ އުނދަގޫ ވައްތަރެވެ (ޑރ މުހައްމަދު ޝިފާން، 2021). މިވައްތަރުގެ ކެންސަރު އާންމުކޮށް ފެންނަނީ އުމުރުން 60 އަހަރުން މަތީ އުމުރުގެ މީހުންގެ ފުށުންނެވެ. މިވައްތަރުގެ ކެންސަރުގެ ސަބަބުން ކަރު ވަރަށް ބޮޑަށް ދުޅަވެ، ނޭވާލާން އުދަނގޫވުން އަދި ކާތަކެތި ދިރުވަން އުދަނގޫވުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

މެޑިއުލަރީ ތައިރޮއިޑް ކެންސަރ

މެޑިއުލަރީ ތައިރޮއިޑް ކެންސަރ(medullary thyroid cancer) އަކީ ގާތްގަނޑަކަށް ޑައިގޮނޯސް ކުރެވޭ ތައިރޮއިޑް ކެންސަރ ގެ %4 އެވެ. މި ވައްތަރަކީ ތައިރޮއިޑް ގްލޭންޑް ގެ “ޕެރާފޮލި ކިއުލަރ ސީ ސެލް” އިން އުފެދޭ ކެންސަރ އެކެވެ. މަތީގައި ބަޔާން ކުރެވިފައި ވާފަދައިން މިފަދަ ސެލްއިން އުފައްދާނީ ކެލްސިޓޯނިން ކިޔާ ހޯމޯން އެކެވެ. މިހޯމޯން ގެ މަސައްކަތަކީ ހަށިގަނޑުގައި ކެލްސިއަމް ބޭނުންކުރާމިންވަރު ކޮންޓޮރޯލް ކުރުމެވެ. ބައެއްފަހަރު މިފަދަ ކެންސަރެއް ތައިރޮއިޑް ގްލޭންޑް އިންފެނުމުގެ ކުރިން އެހެނިހެން ދުރުހިސާބުތަކަށް ފެތުރުރިފަ ހުއްޓަފެނެއެވެ(ޑރ މުހައްމަދު ޝިފާން، 2021). ލޭގައި ކެލްސިޓޯނިން ގެ މިންވަރު އިތުރުވެފައި ހުރެއްޖެނަމަ އެއީ މެޑިއުލަރީ ތައިރޮއިޑް ކެންސަރުގެ ކުރީކޮޅުގައިކަމަށްވުމީ ވެދާނެ ގޮތެކެވެ. ބައެއް ވައްތަރުގެ މެޑިއުލަރީ ތައިރޮއިޑް ކެންސަރު މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވާ ވިރާސީ ބަހާ އަކުން ޖެހެއެވެ. މިވިރާސީ ބަހާއަށް ކިޔަނީ "ރެޓް" އެވެ.

މިވައްތަރުގެ ތައިރޮއިޑް ކެންސަރުގެ މައިގަނޑު ދެވައްތަރެއްވެއެވެ.

(ހ)ސްޕޮރޭޑިކް މެޑިއުލަރީ ތައިރޮއިޑް ކެންސަރ (sporadic medullary thyroid cancer): މިވައްތަރު ފެންނާނީ، ޑައިގްނޯސް ކުރެވޭ މެޑިއުލަރީ ތައިރޮއިޑް ކެންސަރުގެ ގާތްގަނޑަކަށް 10 އަކުން 8 ފަހަރެވެ. އަދި މިއީ ވާރުތަކުރާ ވައްތަރެއްނޫނެވެ. އަދި އާންމުކޮށް ފެންނާނީ ދޮށީ އުމުރުގެ މީހުންގެ އެވެ. ގިނަފަހަރު ފެންނާނީ ތައިރޮއިޑް ގެ އެއްފަޅިން ނެވެ (ޑރ މުހައްމަދު ޝިފާން، 2021).

(ށ) ފެމީލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރ (familial medullary thyroid cancer): މިއީ އެއް ޖެނަރޭޝަނުން އަނެއްޖެނެރޭޝަނަށް ވާރުތަ ކުރާ ވައްތަރެކެވެ. މިވައްތަރު އާންމުކޮށް ފެންނަނީ ކުޑައިރު ނޫނީ ފުރާވަރަށް އަރާހިސާބުގައެވެ. މިއީ އަވަހަށް ފެތުރޭ ވައްތަރެކެވެ. ހާއްސަކޮށް މިވައްތަރަކީ އެހެނިހެން ގުނަވަންތަކުގެ ކެންސަރާއެކު ފެންނަވައްތަރެކެވެ (ޑރ މުހައްމަދު ޝިފާން، 2021).

އާންމުނޫން ވައްތަރުތައް

ތައިރޮއިޑް ގްލޭންޑް އަށް ވަރަށް މަދުންޖެހޭ ކެންސަރުތައް ހުރެއެވެ. އެފަދަ ކެންސަރު ތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ގެ ދިފާއީ ސެލްތަކުން އުފެދިގެން އަންނަ "ތައިރޮއިޑް ލިމްފޯމާ"، ތައިރޮއިޑް ގްލޭންޑް ގެ ކަނެކްޓިވް ޓިޝޫ ތަކުން އުފެދިގެން އަންނަ "ތައިރޮއިޑް ސާރކޯމާ" ފަދަ ކެންސަރު ފަދަ ވައްތަރުތައް ހިމެނެއެވެ.

އަލާމާތްތައް

ތައިރޮއިޑް ކެންސަރުގެ ކުރީކޮޅު އެއްވެސް ކަހަލަ އަލާމާތެއް ނުފެނިދާނެ އެވެ. ނަމަވެސް ކެންސަރު ޓިއުމަރު ހެދިބޮޑުވަމުން އަންނަ ވަރަކަށް ބަލީގެ އަލާމާތްތަކާއި، ނިޝާންތައް ފާޅުވެ ފެންނަމުންދާނެ އެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ގަނޑެއް / ދުޅައެއް ނޫނީ ގޮށެއްގެ ގޮތުގައި (ކަރުކުރިމަތިން) ތައިރޮއިޑް ގްލޭންޑް ދުޅަވުން

·         އަޑުކުރަކިވެ، ފިސްވުން / އަޑަށް ބަދަލުއައުން

·         ކާތަކެތި ދިރުވަން އުދަނގޫވުން

·         ކަރުގެ ދެފަރާތުގައިވާ ލިމްފް ގޮށްތައް ދުޅަވެ ގޮށްލުން

·         ކަރުގައި ރިހުން / ކަނދުރާގައި ރިހުން

·         ގަމީސް ފަދަ އެއްޗެއް ލާއިރު ގިރުވާނު މާބާރުހެން ހީވުން

ނުރައްކާތައް

އަލުން އުފެދޭ ތައިރޮއިޑް ކެންސަރު ނުވަތަ ދެވަނަ ފަހަރަށް އަލުން އަބުރާ އަންނަ ކެންސަރު

ތައިރޮއިޑް ކެންސަރަށް ފަރުވާކޮށް ރަނގަޅުކުރެވުނު ނަމަވެސް އަލުން އެނބުރި ތައިރޮއިޑް ކެންސަރު އުފެދިގެން އައުމަކީ އެކަށީގެންވާ ކަމެކެވެ. އެއްކޮށް ތައިރޮއިޑް ނަގާފައިވީ ނަމަވެސް އަލުން އުފެދިގެން އަތުވެދާނެ އެވެ. މިގޮތަށް ދިމާވަނީ ކެންސަރުގެ ސެލްތައް ތައިރޮއިޑް ގްލޭންޑް އޮޕަރޭޝަން ކޮށްގެން ނެގުމުގެ ކުރިން ދުރު ހިސާބުތަކަށް ފެތުރިފައިވާނަމަ އެވެ.

ގިނަ ތައިރޮއިޑް ކެންސަރުތައް އަލުން އުފެދުމުގެ ފުރުޞަތު ކުޑައެވެ. އެގޮތުން ތައިރޮއިޑް ކެންސަރުގެ އާންމު ވައްތަރުތައް ކަމުގައިވާ ޕެޕިލަރީ ތައިރޮއިޑް ކެންސަރު އަދި ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު އަލުން އުފެދިގެން އައުމުގެ ފުރުޞަތު ކުޑައެވެ. އާންމު ގޮތެއްގައި އަލުން އުފެދިގެން އައުމުގެ ފުރުޞަތު އޮންނަ ކެންސަރެއްނަމަ ގިނަ ފަހަރު ޑޮކްޓަރުން ދުރާލާ އެކަން ބަލިމީހުންނަށް އޮޅުން ފިލުވައިދޭނެ އެވެ.

އުފެދިފައިވާ ކެންސަރަކީ "އެގްރެސިވް" ކެންސަރެއް ނަމަ އަލުން އުފެދުމުގެ ފުރުޞަތު ބޮޑެވެ. އަދި ތައިރޮއިޑް ގްލޭންޑް އިން ބޭރުވެ، ދުރަށް ފެތުރިދާ ކެންސަރެއްނަމަ އަލުން އުފެދިގެން އައުމުގެ ފުރުޞަތު ބޮޑެވެ. އަލުން ތައިރޮއިޑް ކެންސަރު އުފެދޭ ކަމުގައިވާނަމަ، ގިނަ ފަހަރު ތައިރޮއިޑް ކެންސަރު ހުރިކަން ފުރަތަމަ ފާހަގަވާތާ 5 އަހަރުގެ ތެރޭގައި އެކަން އެނގޭނެ އެވެ. ނޫނީ ފެނިގެންދާނެ އެވެ.

އަލުން ތައިރޮއިޑް ކެންސަރު ފެންމަތިވި ނަމަވެސް ފަރުވާކޮށްގެން ފަސޭހަ ކުރެވިދާނެ އެވެ.

ތައިރޮއިޑް ކެންސަރު އުފެދިގެން އައިސްފާނެ ބައިތަކުގެ ތެރޭގައި:-

·         ކަރުގައިވާ ލިމްފް ގޮށްތައް

·         އޮޕަރޭޝަންގެ ތެރޭގައި ނުނެގި އިންނަ ތައިރޮއިޑް ސެލޯށީގެ ކުޑަ ތަންކޮޅެއް

·         ހަށިގަނޑުގެ އެހެން ހިސާބުތައް : މިސާލަކަށް ފުއްޕާމޭ، ކަށިތައް

ތައިރޮއިޑް ކެންސަރު އަލުން އުފެދިފައިވޭތޯ ބެލުމަށް ދޭތެރެ ދޭތެރެއިން ލޭގެ ޓެސްޓުތަކާއި ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އަދި ޑޮކްޓަރަށް ދެއްކުމުގެ ތެރޭގައި ތައިރޮއިޑް ކެންސަރު އަލުން އުފެދިއްޖެނަމަ ފެނިދާނެ އަލާމާތަކާއި ގުޅޭގޮތުން އަހައި އޮޅުން ފިލުވާނެ އެވެ. އެގޮތުން އަންނަނިވި އަލާމާތްތައް ނުވަތަ ނިޝާންތައް ހުރިތޯ އަހައި އޮޅުން ފިލުވާނެއެވެ.

·         ކަދުރާގައި / ކަރުގައި ރިހުން

·         ކަރުގައި ދުޅައެއް އިނުން

·         ކާތަކެތި ދިރުވަން އުދަނގޫވުން

·         އަޑު ބަދަލުވުން އަޑު ފިސްވެ ކުރަކިވުން

ދުރު ހިސާބުތަކަށް ފެތުރޭ ތައިރޮއިޑް ކެންސަރު

ތައިރޮއިޑް ކެންސަރު ބައެއް ފަހަރު ކައިރީގައިވާ ލިމްފް ގޮށްތަކަށް ނޫނީ ހަށިގަނޑުގެ ދުރު ހިސާބުތަކަށް ފެތުރޭގޮތް ވެއެވެ. ދުރު ހިސާބުތަކަށް ފެތުރިފައިވާ ކެންސަރުގެ އަސަރު ފުރަތަމަ ބަލި ދެނެގަނެވޭއިރު ނޫނީ ފަރުވާދޭ ފަހުން ވެސް ފާހަގަކުރެވިދާނެ އެވެ. ނަމަވެސް ތައިރޮއިޑް ކެންސަރުގެ ގިނަ ވައްތަރުތަކަކީ ދުރު ހިސާބުތަކަށް ފެތުރޭ ވައްތަރުތަކެއް ނޫނެވެ. ތައިރޮއިޑް ކެންސަރު ދުރު ހިސާބުތަކަށް ފެތުރޭއިރު އާންމުކޮށް ފެތުރެނީ ކައިރީގައިވާ ލިމްފް ގޮށްތައް، ކަށި، ފުއްޕާމޭ، ސިކުނޑި، ފުރަމޭ، އަދި ހަމަށެވެ.

 

ދުރަށް ފެތުރިފައި ހުންނަ ތައިރޮއިޑް ކެންސަރު އާންމުކޮށް ފާހަގަކުރެވެނީ ތައިރޮއިޑް ކެންސަރު ހުރިތޯ ޓެސްޓުކުރުމަށް އެމްއާރުއައި، ނޫނީ ސީޓީ ސްކޭން ފަދަ ޓެސްޓުތައް ހެދުމުގެ ތެރޭގައެވެ. ތައިރޮއިޑް ކެންސަރަށް ފަރުވާކުރުމަށްފަހު ފޮލޯއަޕްގައި ވެސް ކެންސަރު ދުރަށް ފެތުރިފައި ހުރިތޯ ދެނެގަތުމަށް ނުވަތަ ބެލުމަށް ޑޮކްޓަރުން މަސައްކަތް ކުރާނެ އެވެ.

ދެނެގަތުން

ތައިރޮއިޑް ކެންސަރު ދެނެގަތުމަށްޓަކައި ހެދޭ ޓެސްޓުތަކާއި ކުރެވޭ ކަންތައްތައް ތިރީގައި މިވަނީ އެވެ.

(ހ) ބޭރުފުށުން ބެލުން : އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑް އަށް އައިސްފައި ހުންނަ ބަދަލުތައް ދެނެގަތުމަށްޓަކައި ކަރުން ތައިރޮއިޑް ގްލޭންޑް ހުންނަ ހިސާބު އަތްލައި ބަލައި ހަދާނެއެވެ. މިގޮތަށް ބެލުމުގެ ބޭނުމަކީ ދުޅައެއް ނުވަތަ ގަނޑެއް ނޫނީ އެއްވެސް ބަދަލެއް ބޭރުފުށުން ނޫނީ އަތްލައި ބަލާ ބެލުންތަކުން ފާހަގަވޭތޯ ބެލުމެވެ. މީގެ އިތުރުން އާއިލާގެ ތެރޭގައި ތައިރޮއިޑް ކެންސަރު ކުރިން ޖެހިފައިވާ މެންބަރަކު ހުރުން، ކުރިން ރޭޑިޔޭޝަން ފަރުވާއެއް ނެގުން އަދި އެހެނިހެން ހިރާސްތަކާއި ބެހޭގޮތުން ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެއެވެ.

(ށ) ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުން : މިއީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އާއި، ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯންތައް ލޭގައި ހުރި މިންވަރު ބެލުމަށް ހެދޭ ލޭގެ ޓެސްޓެކެވެ.

(ނ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން : ތައިރޮއިޑް ގެ އަލްޓްރާ ސައުންޑް ސްކޭން ހަދާއިރު، ތައިރޮއިޑް ނޮޑިއުލް ފެންނަން އިންނަ ގޮތުން ނުވަތަ ސިފަ އިން ޑޮކްޓަރުންނަށް އެއީ ކެންސަރުގެ ހިރާސް އޮތް ދުޅައެއްކަން ނުވަތަ ގަނޑެއްކަން ދެނެގަންނަށް އެހީތެރިކަން ލިބިއެވެ. ތައިރޮއިޑް ނޮޑިއުލް އަކީ ކެންސަރަށް ބަދަލުވެދާނެ އެއްޗެއްކަން ސްކޭންކުރާއިރު ފާހަގަވެދާނެ ކަންތައްތަކުގެ ތެރޭގައި ނޮޑިއުލްގެ ތެރޭގައި ކެލްސިއަމް ހަރުލާފައި ހުރުން އަދި އެއްވެސް ގޮތަކުން ކުރެ ގޮތަކަށް ނުވާ ގޮތަށް ނޮޑިއުލްގެ ވަށައިގެންވީ ބޯޑަރު ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ނޮޑިއުލް އަކީ ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު އެއްޗެއްނަމަ ކެންސަރު ކަން ކަށަވަރުކޮށް އޭގެ ވައްތަރު ކަނޑައެޅުމަށްޓަކައި އިތުރު ޓެސްޓުތައް ހަދަންޖެހިދާނެއެވެ.

(ނ) ތައިރޮއިޑް ސެލޯށި އިން ސާމްޕަލް އެއް ނެގުން : އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ހިމަ ސިރިންޖު ކަށްޓެއް ނުވަތަ ތިނޯހެއް ފަދަ އެއްޗެއް ތައިރޮއިޑް ނޮޑިއުލް އަށް ހަރައިގެން އެއިން ކުޑަ ސާމްޕަލް އެއް (ސާމްޕަލް ސެލްކޮޅެއް) ބަޔޮޕްސީ ހެދުމަށް ނަގާނެއެވެ. އެއަށްފަހު ލެބޯޓަރީ އަށް ފޮނުވައިގެން ކެންސަރުގެ އަސަރުހުރިތޯ ޓެސްޓު ކުރެވޭނެ އެވެ.

(ރ) ރޭޑިޔޯ އެކްޓިވް ޓްރޭސަރ އެއް ބޭނުންކޮށްގެން އިމޭޖިންގ ޓެސްޓެއް ހެދުން : ރޭޑިޔޯ އެކްޓިވް އަޔޮޑިން ސްކޭން ގައި ރޭޑިޔޯ އެކްޓިވް އަޔޮޑިން އާއެކު ކުޑަ ކެމެރާއެއް ބޭނުންކުރާނެ އެވެ. މިއީ ކެންސަރު ސެލްތައް ތައިރޮއިޑްގައި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ. އާންމުކޮށް މިޓެސްޓު ހެދެނީ އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް ނެގުމަށްފަހު، ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށެވެ. މިޓެސްޓު އެންމެ ފައިދާ ކުރަނީ ޕެޕިލަރީ ތައިރޮއިޑް ކެންސަރު އަދި ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު ފަދަ ހާލަތްތަކުގައެވެ.

އާންމު ގޮތެއްގައި ދުޅަހެޔޮ ތައިރޮއިޑް ސެލްތައް ލެއިން ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގައި ބޭނުންކުރެ އެވެ. ބައެއް ވައްތަރުގެ ތައިރޮއިޑް ކެންސަރު ސެލްތައް ވެސް މިގޮތަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގައި ބޭނުންކުރެއެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން އިންޖެކްޝަންގެ ޒަރީޢާއިން ނޫނީ އަނގައިން ހަށިގަޏޑަށް އެތެރެކުރެވުމުން ތައިރޮއިޑް ކެންސަރު ސެލްތައް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާނެއެވެ. އާންމު ގޮތެއްގައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ސްކޭން ގައި މިގޮތަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާ ތައިރޮއިޑް ކެންސަރު ސެލްތައް ފާހަގަކޮށްދޭނެ އެވެ.

(ބ) އެހެނިހެން އިމޭޖިންގ ޓެސްޓުތައް : އަލްޓްރާ ސައުންޑް ސްކޭން، ރޭޑިޔޮ އެކްޓިވް އަޔޮޑިން ސްކޭން ގެ އިތުރުން ސީޓީ ސްކޭން އަދި މެގްނެޓިކް ރިސޮނަންސް އިމޭޖިންގ ނުވަތަ އެމްއާރުއައި ފަދަ ޓެސްޓުތައް ވެސް ހަދަންޖެހިދާނެއެވެ.

(ޅ) ޖެނެޓިކް ޓެސްޓިންގ : މެޑިއުލަރީ ތައިރޮއިޑް ކެންސަރަކީ ކޮންމެވެސް ވަރަކަށް މައިންބަފައިންގެ ފުށުން ދަރިންނަށް ވާރުތަވާ ވިރާސީ ބަހާއަކުން ކުރިމަތިވާ ކެންސަރެކެވެ. އެހެންކަމުން މެޑިއުލަރީ ތައިރޮއިޑް ކެންސަރަށް ތުހުމަތުކުރެވޭނަމަ މިޓެސްޓު ހަދަންޖެހިދާނެ އެވެ. މިކަމުގެ މުހިއްމުކަން ފެންނަނީ ފެމިލިއަލް މެޑިއުލަރީ ތައިރޮއިޑް ކެންސަރ އަށް ހުށަހެޅުން ގާތް މީހުންނަށެވެ. މަތީގައިވާ ބަޔާންކުރެވިފައިވާ ފަދައިން މިއީ އެއް ދަރިކޮޅުން އަނެއް ދަރިކޮޅަށް ވާޞިލްވާ ވައްތަރެކެވެ. ބަދަލުވެފައިވާ ޖީން އެއް ވާނަމަ ބަލި ފެނުމުގެ ކުރިން މިގްލޭންޑް އޮޕަރޭޝަންކޮށްގެން އެކީ ނެގިއްޖެނަމަ މިފަދަ ބައްޔަކުން ރައްކާތެރިވީ އެވެ (ޑރ މުހައްމަދު ޝިފާން، 2021).

ފަރުވާ

ތައިރޮއިޑް ކެންސަރުގެ ފަރުވާ ބަރޯސާވަނީ ކެންސަރުގެ ވައްތަރު، ދަރަޖަ، އަދި ބަލިމީހާގެ ޞިއްޙީ ހާލަތު ހުރިނެތް ގޮތެއްގެ މައްޗަށެވެ. ތައިރޮއިޑް ކެންސަރުގެ ގިނަ ވައްތަރުތައް ފަރުވާކޮށްގެން މުޅިން ރަނގަޅުކުރެވެއެވެ. ތައިރޮއިޑް ކެންސަރުގެ ފަރުވާގައި ދެވޭ މައިގަނޑު ފަރުވާތައް ތިރީގައި މިވަނީ އެވެ.

ބަލަމުން ގެންދިއުން

އޮޕަރޭޝަންކުރުން

ތައިރޮއިޑް ކެންސަރު ޖެހޭ މީހުންނަށް ފަރުވާގެ ގޮތުގައި އޮޕަރޭޝަން ކޮށްގެން ތައިރޮއިޑް ގްލޭންޑް އިން ބައެއް ނޫނީ ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގަންޖެހެއެވެ. ކުރާނެ އޮޕަރޭޝަން ބިނާވަނީ ކެންސަރުގެ ވައްތަރާއި، ސައިޒާއި، ވަށައިގެންހުރި ލިމްފް ގޮށްތަކަށް ފެތުރުން ފަދަ ކަންކަމުގެ މައްޗަށެވެ. އާންމު ގޮތެއްގައި ތައިރޮއިޑް ކެންސަރުގެ ފަރުވާގައި އަންނަނިވި އޮޕަރޭޝަންތައް ކޮށްއުޅެއެވެ.

(ހ) އެއްކޮށް ނެގުން(total thyroidectomy) ނޫނީ މުޅިން ކަހަލަގޮތަކަށް ތައިރޮއިޑް ނެގުން(near total thyroidectomy) : ތައިރޮއިޑް ގްލޭންޑް ނެގުމަށް ކުރެވޭ އޮޕަރޭޝަންތަކުގެ ތެރޭގައި އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް އެއްކޮށް ނެގުން، އަދި ގާތްގަނޑަކަށް މުޅިން ކަހަލަ ގޮތަކަށް ތައިރޮއިޑް ގްލޭންޑް އޮޕަރޭޝަން ކޮށްގެން ނެގުން ހިމެނެއެވެ. އާންމު ގޮތެއްގައި ޕެރަތައިރޮއިޑް ގްލޭންޑް ކައިރިން ކުޑަ ތަންކޮޅެއް ތައިރޮއިޑް ގްލޭންޑް އިން ނުނަގައި ބަހައްޓައިފާނެއެވެ. މިއީ ޕެރަތައިރޮއިޑް ގްލޭންޑް އަށް ގެއްލުންވުން ކުޑަކުރުމަށްޓަކައި ކުރާ ކަމެކެވެ. ޕެރަތައިރޮއިޑް ގްލޭންޑް އަކީ ހަށިގަނޑުގައި ކެލްސިއަމްގެ މިންވަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ގްލޭންޑް އެކެވެ.

(ށ) ތައިރޮއިޑް ގްލޭންޑް އިން ބައެއް އޮޕަރޭޝަންކޮށްގެން ނެގުން (partial thyroidectomy): މިއޮޕަރޭޝަން ގައި ވަކިކޮށް ނަގާނީ ތައިރޮއިޑް ގްލޭންޑް އިން ބައެކެވެ. ނޫނީ ތައިރޮއިޑް ގްލޭންޑް އިން ½ ބައެވެ. މިއޮޕަރޭޝަން އާންމުކޮށް ކުރަނީ ލަހުން އުފެދެމުން ނޫނީ ބޮޑުވަމުން އަންނަ ތައިރޮއިޑް ކެންސަރުގެ ވައްތަރެއް ހުރުން، ލިމްފް ގޮށްތަކަށް ތައިރޮއިޑް ކެންސަރު ފެތުރިފައި ނެތުން، އަދި ކެންސަރަށް ޝައްކުވާ ފަދަ ނޮޑިއުލް އެއް ތައިރޮއިޑް ގްލޭންޑް ގައި ނުހުރުން ފަދަ ހާލަތްތަކުގައެވެ.

(ނ) ކަރުގައި ހުންނަ ލިމްފް ގޮށްތައް އޮޕަރޭޝަންކޮށްގެން ނެގުން : ތައިރޮއިޑް ކެންސަރު ކަރުގައި ހުންނަ ލިމްފް ގޮށްތަކަށް ފެތުރެއެވެ. ކަރުގެ އަލްޓްރާ ސައުންޑް ސްކޭން ހަދައިގެން ކަރުގެ ލިމްފް ގޮށްތަކަށް ތައިރޮއިޑް ކެންސަރު ފެތުރިފައި ހުރިކަން ދެނެގަނެވޭނެ އެވެ. އެގޮތަށް ލިމްފް ގޮށްތަކަށް ފެތުރިފައިވާ ކަމަށް ޝައްކުކުރެވޭނަމަ، އޮޕަރޭޝަންކޮށްގެން ލިމްފް ގޮށްތައް ނަގައި ޓެސްޓުކުރެވެއެވެ.

ތައިރޮއިޑް އޮޕަރޭޝަން ކުރުމަށްޓަކައި އާންމުގޮތެއްގައި ކަރުގެ ތިރީކޮޅުން ކުޑަ ތަންކޮޅެއް ކަފާލާނެ އެވެ. ކަފާލާނެ ސައިޒު ބަރޯސާވަނީ ތައިރޮއިޑް ގްލޭންޑްގެ ބޮޑުމިނާއި، ކުރާ އޮޕަރޭޝަނެއްގެ މައްޗަށެވެ. ތައިރޮއިޑް އޮޕަރޭޝަނަކީ އިންފެކްޝަން ހެދުމާއި، ލޭމަނާނުވެ ލޭފޭބުމުގެ ހިރާސް އޮންނަ ކަމެކެވެ. މީގެ އިތުރުން އޮޕަރޭޝަންގެ ތެރޭގައި ތައިރޮއިޑް ގްލޭންޑްގެ ކައިރީގައިވާ ޕެރަތައިރޮއިޑް ގްލޭންޑް އަށް ގެއްލުންވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް ގެއްލުން ވެއްޖެނަމަ ހަށިގަނޑުގައި ކެލްސިއަމްގެ މިންވަރު ދަށްވެއެވެ.

އޮޕަރޭޝަނަށްފަހު އަޑުފޮށްޓާއި ގުޅިފައިވާ ފަތިނާރު އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމުގެ ސަބަބުން އަޑު ފިސްވެ، އަޑުކުރަކިވެ އަޑުދިއުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފަރުވާކޮށްގެން މިކަން ރަނގަޅުކުރެވޭނެ އެވެ.

އޮޕަރޭޝަނަށްފަހު ރަނގަޅުވަމުން އަންނައިރު ރިހުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ރަނގަޅުވެ ފަސޭހަވުމަށް ނަގާ މުއްދަތު ބަރޯސާވަނީ އޮޕަރޭޝަންގެ ވައްތަރާއި، ބަލިމީހާއަށް ކުރިމަތިވެފައިވާ ހާލަތެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި ގިނަ މީހުންނަށް 14-10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަނގަޅުވެ ފަސޭހަވެދެއެވެ. ރަނގަޅުވި ނަމަވެސް އިތުރު ދެތިން ހަފްތާއަށް ބުރަ މަސައްކަތްތައް ކޮށް ނޫޅުމަށް ލަފާދީފާނެ އެވެ.

ތައިރޮއިޑް އެއްކޮށް ނެގުން ނުވަތަ ގާތްގަނޑަކަށް މުޅިންހެން ތައިރޮއިޑް ނެގުމަށްފަހު ، ތައިރޮއިޑް ކެންސަރުގެ އަސަރު އިތުރަށް ހުރިތޯ ބެލުމަށް ލޭގެ ޓެސްޓް ހަދަންޖެހިދާނެ އެވެ. މިޓެސްޓުން އަންނަނިވި ކަންތައްތައް މިންކޮށްފާނެ އެވެ.

·         ތައިރޯގްލޯބިއުލިން : މިއީ ދުޅަހެޔޮ ތައިރޮއިޑް ސެލްތަކާއި، އަދި ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ސެލްތަކުން ދޫކުރާ ޕްރޮޓީން އެކެވެ.

·         ކެލްސިޓޯނިން : މިއީ މެޑިއުލަރީ ތައިރޮއިޑް ކެންސަރު ސެލްތަކުން ވެސް އުފައްދާ ހޯރމޯން އެކެވެ.

·         ކާސިނޯއެމްބްރިޔޯނިކް އެންޓިޖަން : މިއީ މެޑިއުލަރީ ތައިރޮއިޑް ކެންސަރު ސެލްތަކުން ވެސް އުފައްދާ ކެމިކަލް އެކެވެ.

އަލުން ކެންސަރުގެ އަސަރު ހުރިތޯ ބެލުމަށް ވެސް ހަމަ މިޓެސްޓުތައް ހެދެއެވެ.

ތައިރޮއިޑް ހޯރމޯންގެ ފަރުވާދިނުން

ތައިރޮއިޑް ހޯރމޯން ގެފަރުވާ އަކީ އާންމު ގޮތެއްގައި ގުޅަ ބޭހުގެ ގޮތުގައި ދެވޭ ފަރުވާ އެކެވެ. މިއީ ތައިރޮއިޑް ނެގުމުން ތައިރޮއިޑް ހޯރމޯން އުފައްދައި ނުދޭނެތީ އެކަމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފަރުވާ އެކެވެ. އަދި މިއީ އަބަދު ކުރިޔަށް ގެންދަންޖެހޭނެ ފަރުވާ އެކެވެ. މިފަރުވާ ދެވޭ ނޫނީ ބޭނުންކުރެވޭ ހާލަތްތައް ތިރީގައި މިވަނީ އެވެ.

(ހ) އޮޕަރޭޝަނަށްފަހު ތައިރޮއިޑް ހޯރމޯން ދިނުން : އޮޕަރޭޝަން ކޮށްގެން ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގައިފިނަމަ ތައިރޮއިޑް ހޯރމޯން ބޭހުގެ ގޮތުގައި މުޅި އުމުރަށް ބޭނުންކުރަންޖެހޭނެ އެވެ. އެއީ ތައިރޮއިޑް ނެގުމުން ތައިރޮއިޑް ހޯރމޯން އުފައްދައި ނުދޭނެތީ އެވެ. ބަލިމީހާއަށް އެކަށޭނަ ޑޯޒު ދެވޭނަމަ މި ހޯރމޯންގެ ފަރުވާ ބޭނުންކޮށްގެން އެއްވެސް ނޭދެވޭ އަސަރެއް ކުރިމައްޗެއް ނުވާނެއެވެ. ތައިރޮއިޑް ގްލޭންޑްގެ އެއްބައި ނެގުމަށްފަހު ތައިރޮއިޑް ހޯރމޯން އުފެއްދުން މާދަށްނަމަ، ތައިރޮއިޑް ހޯރމޯން ފަރުވާގެ ގޮތުގައި ނަގަން ޖެހިދާނެ އެވެ.

(ށ) ތައިރޮއިޑް ކެންސަރު ސެލްތައް ހެދިބޮޑުވުން ދަށްކޮށްލުން : ތައިރޮއިޑް ހޯރމޯން ގެ މަތީ މިންވަރެއް ދިނުމުން ޕިޓުއިޓަރީ ގްލޭންޑް އިން ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އުފެއްދުން ދަށްކުރެއެވެ. ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ތައިރޮއިޑް ކެންސަރު ސެލްތައް ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. އެގްރެސިވް ތައިރޮއިޑް ކެންސަރުތަކުގެ ފަރުވާގައި ތައިރޮއިޑް ހޯރމޯންގެ މަތީ ޑޯޒެއް ބޭނުންކުރަން ދީފާނެ އެވެ.

ރޭޑިޔޯ އެކްޓިވް އަޔޮޑިން

ރޭޑިޔޯ އެކްޓިވް އަޔޮޑިން(radioactive iodine) އަކީ ރޭޑިޔޯ އެކްޓިވް އަޔޮޑިން ބޭނުންކޮށްގެން އޮޕަރޭޝަނަށްފަހު ބާކީ ހުރެދާނެ ތައިރޮއިޑްގެ ދުޅަހެޔޮ ސެލްތަކާއި، އަދި ތައިރޮއިޑް ކެންސަރު ސެލްތައް މަރާލުމަށް ދެވޭ ފަރުވާ އެކެވެ. އާންމު ގޮތެއްގައި މިފަރުވާ ދެނީ ދުރަށް ފެތުރުމުގެ ހިރާސް އޮންނަ ޑިފަރެންޝިއޭޓަޑް ތައިރޮއިޑް ކެންސަރުގެ ވައްތަރުތަކަށެވެ. އަދި މިފަރުވާ އިޖާބަދެނީ ވެސް ބޮޑަށް މިވައްތަރުގެ ކެންސަރުތަކުގެ ތެރޭގައި ހިމެނޭ ޕެޕިލަރީ ތައިރޮއިޑް ކެންސަރު، ފޮލިކިއުލަރ ތައިރޮއިޑް ކެންސަރު، އަދި ހާތުލް ސެލް ތައިރޮއިޑް ކެންސަރު ފަދަ ކެންސަރުތައް ހިމެނެއެވެ. އާންމު ގޮތެއްގައި އެނަޕްލާސްޓިކް ތައިރޮއިޑް ކެންސަރު އަދި މެޑިއުލަރީ ތައިރޮއިޑް ކެންސަރު މި ފަރުވާއަކަށް އިޖާބައެއް ނުދޭނެ އެވެ.

ރޭޑިޔޯ އެކްޓިވް އަޔޮޑިން ހުންނަނީ ކެޕްސޫލް އެއްގެ ގޮތުގައެވެ. ނުވަތަ ބޯންދޭ ދިޔައެއްގެ ގޮތުގައެވެ. ރޭޑިޔޯ އެކްޓިވް އަޔޮޑިން އާންމު ގޮތެއްގައި ހަށިގަނޑަށް ނަގަނީ ދުޅަހެޔޮ ތައިރޮއިޑް ސެލް ތަކުންނާއި، ތައިރޮއިޑް ކެންސަރު ސެލްތަކުންނެވެ. މިހެންކަމުން މިކަމުގެ ސަބަބުން ހަށިގަނޑުގެ އެހެން ސެލްތަކަށް ގެއްލުންވުމުގެ ފުރުޞަތު ކުޑައެވެ.

ރޭޑިޔޯއެކްޓިވް އަޔޮޑިންގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ބަރޯސާވަނީ ނަގާ ޑޯޒެއްގެ މިންވަރަށެވެ. މަތީ މިންވަރެއްގެ ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގައިފިނަމަ ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި:-

·         އަނގަތެރެ ހިނކުން

·         އަނގައިގައި ރިހުން

·         ލޮލުގައި އިންފްލެމޭޝަން ހެދުން

·         ރަހަ ނުވަތަ ވަހަށް ބަދަލުއައުން

ހަށިގަނޑަށް ފަރުވާގެ ތެރެއިން އެތެރެވާ ރޭޑިޔޯ އެކްޓިވް އަޔޮޑިންގެ ބޮޑުބައެއް ފަރުވާ ފުރިހަމަކުރާތާ ދެތިން ދުވަހުގެ ތެރޭގައި ކުޑަކަމު ނަޖިހުގެ ތެރެއިން ހަށިގަނޑުން ބޭރުވެއެވެ. މިދުވަސްވަރު ތިބާގެ ފުށުން އެހެން މީހުންނަށް ރޭޑިޔޭޝަން ހުށަހެޅުން ކުޑަކުރުމަށްޓަކައި އެހެން މީހުންނާއި ގައިގޯޅިވުން ޚާއްޞަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި ގައިގޯޅިވުމުން ދުރުހެލިވުން ބުއްދިވެރި އެވެ.

ކެންސަރުގެ އަސަރު ހުރި ހިސާބަށް އަލްކޮހޯލް އިންޖެކްޓްކުރުން

މިއީ ތައިރޮއިޑް ކެންސަރުގެ އަސަރު ހުރި ހިސާބުގެ ކުޑަ ތަންކޮޅަކަށް އަލްކޮހޯލް އިންޖެކްޓް ކުރުމެވެ. މިގޮތަށް ހެދުމަށް "އަލްކޮހޯލް އެބްލޭޝަން" ނޫނީ "އިތަނޯލް އެބްލޭޝަން" އޭ ކިޔައެވެ. މިޓެސްޓު ހަދާއިރު ބޭނުންކުރާ ކަށި ކެންސަރުގެ އަސަރު ހުރި ހިސާބަށް ފޯރުކުރުވުމަށް އަލްޓްރާ ސައުންޑް ސްކޭންގެ އެހީތެރިކަން ހޯދައެވެ. މިގޮތަށް އަލްކޮހޯލް އިންޖެކްޓް ކުރުމުން ތައިރޮއިޑް ކެންސަރު ސެލްތައް ހިނދޭކަން ފާހަގަ ކުރެވެއެވެ.

އަލްކޮހޯލް އެބްލޭޝަން އަކީ ފަހަރުގައި ހަމައެކަނި ކުޑަ ތަންކޮޅަކަށް ފަރުވާކުރުމަށް ބޭނުންކުރެވިދާނެ ގޮތެކެވެ. މިސާލަކަށް އޮޕަރޭޝަން ކުރުމަށްފަހު ލިމްފް ގޮށްތަކުގައި ކެންސަރުގެ އަސަރު ހުރިނަމަ މިގޮތަށް ފަރުވާ ކުރެވިދާނެ އެވެ. ބައެއް ފަހަރު ހާލަތު ހުރިގޮތުން އޮޕަރޭޝަން ނުކުރެވޭނަމަ ވެސް މިގޮތަށް މިފަރުވާ ކުރަން ޖެހިދާނެއެވެ.

އެޑްވާންސްޑް ތައިރޮއިޑް ކެންސަރުތަކަށް ދެވޭ ފަރުވާ

އަވަހަށް ހެދިބޮޑުވާ އެގްރެސިވް ކެންސަރުތަކުގައި ފަހަރުގައި ފަރުވާ ކުރެވޭ އިތުރު ގޮތްތައް ޚިޔާރުކުރަންޖެހިދާނެ އެވެ. އެގޮތުން ދެވިދާނެ ބައެއް ފަރުވާތައް ތިރީގައި މިވަނީ އެވެ.

(ހ) ޓާގެޓް ކުރެވިގެންދޭ ފަރުވާ (targeted drug therapy): ޓާގެޓް ކުރެވިގެންދޭ ފަރުވާ އަމާޒުކުރެވެނީ ކެންސަރު ސެލްތަކުގައި ހުންނަ ޚާއްޞަ ކެމިކަލް ތަކަކަށެވެ. މިފަރުވާގައި ކެމިކަލްތައް ބަންދުކޮށްލުމުން، ކެންސަރު ސެލްތައް މަރުވާގޮތް ވެއެވެ. ބައެއް ފަހަރު ގުޅަ ބޭހުގެ ގޮތުގައި އަނެއްބައިފަހަރު ލެޔަށް ޖަހާ އިންޖެކްޝަންގެ ގޮތުގައި މިފަރުވާ ދެވެއެވެ.

ތައިރޮއިޑް ކެންސަރުގައި ޓާގެޓް ކުރެވިގެންދޭ ފަރުވާގެ ގޮތުގައި ތަފާތު ބޭސްތައް ނޫނީ ތަފާތު ގޮތްގޮތަށްދޭ ބޭސް ބޭނުން ކުރެވެއެވެ. އެގޮތުން ބައެއް ފަރުވާ އަމާޒުކުރެވެނީ ކެންސަރު ސެލްތަކަށް ކާނާ ގެނެސްދޭ ލޭހޮޅިތަކަށެވެ. އަނެއްބައި ފަރުވާ އަމާޒުކުރެވެނީ ވިރާސީ ބަހާއަށް އަންނަ ނޫނީ ގެންނަ ވަކި ބަދަލަކަށެވެ. ފަހަރުގައި އެންމެ އެކަށޭނައީ ކޮން ފަރުވާއެއްތޯ ކަނޑައެޅުމަށް ވަކި ޚާއްޞަ ޓެސްޓެއް ނޫނީ ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

(ށ) ރޭޑިއޭޝަން ތެރަޕީ (radiation therapy): ރޭޑިޔޭޝަން ތެރަޕީގައި ދެވެނީ "އެކްސްޓާރނަލް ބީމް ރޭޑިއޭޝަން" އެވެ. މިއީ އެކްސްރޭ، ޕްރޮޓޯން ފަދަ ހައި-އެނާޖީ ބީމް ބޭނުންކޮށްގެން ކެންސަރު ސެލްތައް މަރާލުމަށް ދެވޭ ފަރުވާ އެކެވެ. އެހެން ފަރުވާތަކުން ކެންސަރަށް އަސަރު ނުކުރާނަމަ، ނުވަތަ އަލުން އަނބުރާ ދެވަނަ ފަހަރަށް ކެންސަރުގެ އަސަރު ފެނިއްޖެނަމަ، ފަހަރުގައި ރޭޑިއޭޝަން ދީފާނެ އެވެ. ކަށްޓަށް ފެތުރޭ ކެންސަރުގައި ކުރިމަތިވާ ރިހުން ކޮންޓްރޯލް ކުރުމަށް ވެސް ރޭޑިއޭޝަންގެ ފަރުވާ ދީއުޅެއެވެ. ރޭޑިއޭޝަންގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރު ބަރޯސާވަނީ ރޭޑިއޭޝަން ދެވޭ ހިސާބަކަށެވެ. ކަރަށް ރޭޑިއޭޝަން ދޭނަމަ އަވިން އަނދާފައި ހުންނަ ކަހަލަގޮތަކަށް ކަރުގެ ހަންގަނޑު ހުރުން، ކެއްސުން އަދި ކާތަކެތި ދިރުވާއިރުއިރު ތަދުވެ އުދަނގޫވުން ފަދަ ކަންކަން ނޭދެވޭ އަސަރުގެ ގޮތުގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

(ނ) ކީމޯތެރަޕީ (chemotherapy): ކީމޯތެރަޕީ އަކީ ކެންސަރު ސެލްތައް މަރާލުމަށް ކެމިކަލްތަކެއް ބޭނުންކުރާ ފަރުވާ އެކެވެ. ވަކިންނާއި، އެހެން ބޭހަކާއި އެއްކޮށް ވެސް ކީމޯތެރަޕީގައި ދެވޭ ވަރަށް ގިނަ ތަފާތު ބޭސްތައް އުފައްދާފައި ހުރެއެވެ. ބައެއް ބޭސްތައް ގުޅަބޭހުގެ ގޮތުގައި ހުންނައިރު އަނެއްބައި ބޭސްތައް ދޭންޖެހެނީ ލެޔަށް ފޮނުވާލެވޭ އިންޖެކްޝަންގެ ސިފައިގައެވެ. އަވަހަށް ހެދިބޮޑުވަމުންނަ މިސާލަކަށް އެނަޕްލާސްޓިކް ތައިރޮއިޑް ކެންސަރު ފަދަ ހާލަތްތަކުގައި ފަހަރުގައި ކެންސަރު ކޮންޓްރޯލް ކުރުމަށް ފަރުވާގެ ގޮތުގައި ކީމޯތެރަޕީ ދޭންޖެހިދާނެ އެވެ. އަދި ޚާއްޞަ ޙާލަތްތަކުގައި ބައެއް އެހެން ވައްތަރުތަކުގެ ތައިރޮއިޑް ކެންސަރަށް ވެސް ފަރުވާ ކުރުމުގައި ކީމޯތެރަޕީ ބޭނުންކުރަން ޖެހިދާނެ އެވެ. ބައެއް ފަހަރު ރޭޑިއޭޝަން ތެރަޕީ އާއެކު ވެސް ކީމޯތެރަޕީ ދީފާނެ އެވެ. ކީމޯތެރަޕީގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރު ބަރޯސާވަނީ ކީމޯތެރަޕީގައި ދޭ ބޭހެއްގެ މައްޗަށެވެ.

(ރ) ހޫނާއި ފިނި ބޭނުންކޮށްގެން ކެންސަރު ސެލްތައް ހަލާކުކޮށްލުން (destroying cancer cells with heat and cold): މިފަރުވާގައި ކަށި، ފުރަމޭ، އަދި ފުއްޕާމެޔަށް ފެތުރިގެންދާ ތައިރޮއިޑް ކެންސަރުގެ ސެލްތައް މަރާލުމަށް ހޫނާއި، ފިނި ބޭނުންކުރެވެއެވެ. އިލެކްޓްރިކް އެނާޖީ ބޭނުންކޮށްގެން ހޫނުކޮށްގެން ކެންސަރު ސެލްތައް މަރާލުމަށްކިޔަނީ " ރޭޑިޔޯ ފްރެކްއެންސީ އެބްލޭޝަން"(radiofrequency ablation) އެވެ. އަދި ގޭސް ބޭނުންކޮށްގެން ކެންސަރު ސެލްތައް ގަނޑުކޮށް، މަރާލުމަށް ކިޔަނީ " ކްރިޔޯ އެބްލޭޝަން"(cryoablation) އެވެ. ކުޑަ ހިސާބަކަށް ނުވަތަ ތަންކޮޅެއްގައި ހުންނަ ކެންސަރު ސެލްތައް ނައްތާލުމަށް މިގޮތް ބޭނުން ކުރެވެއެވެ.

ޕެލިއޭޓިވް (ސަޕޯޓިވް) ކެއަރ

ޕެލިއޭޓިވް ކެއަރ(palliative care)  އަކީ ކެންސަރު ފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ރިހުމާއި، ތަދާއި އެހެނިހެން އުދަނގޫތައް ލުއިކޮށްދިނުމަށް އަމާޒުކޮށްގެން ދެވޭ ޚާއްޞަ ޞިއްޙީ ފަރުވާ އެކެވެ. ޕެލިއޭޓިވް ކެއަރ ސްޕެޝަލިސްޓުން މަސައްކަތްކުރާނީ ބަލިމީހާއާއި، ބަލިމީހާގެ އާއިލާ، އަދި ފަރުވާދޭ ޓީމާއި ގުޅިގެން ޖުމުލަކޮށް ބަލިމީހާއަށް ލުއި ފަސޭހަ، ހިތްހަމަޖެހޭ ފަދަ ގޮތްތަކެއް ހޯދައިދީ، އެހުރި ހާލަތަކަށް ރިއާޔަތްކޮށް ދިރިއުޅުން ބައްޓަންކޮށް، ހާނައި ކުރިޔަށް ގެންދިއުމަށް އެހީތެރިވުމަށެވެ.

ކެންސަރާއި ގުޅިގެން ކުރެވޭ ތަފާތު ކަންތައްތަކުގެ ތެރޭގައި މިސާލަކަށް ސާޖަރީހެދުން، ކީމޯތެރަޕީ ދިނުން، ރޭޑިއޭޝަން ތެރަޕީ ދިނުން ފަދަ ހާލަތްތަކުގައި ވެސް ޕެލިއޭޓިވް ކެއަރ ކުރިޔަށް ގެންދެވިދާނެ އެވެ. އެހެން ފަރުވާތަކާއެކު ޕެލިއޭޓިވް ކެއަރ ވެސް ކުރިޔަށް ގެންދިއުމުން ބަލިމީހާއަށް ލުއިކަމާއި ހިތްހަމަޖެހުން ލިބި އުފާވެރި ދިރިއުޅުމެއް ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެން ދެއެވެ.

ޕެލިއޭޓިވް ކެއަރ ފޯރުކޮށްދެވެނީ ނަރުހުންނާއި، ޑޮކްޓަރުން އަދި އެހެނިހެން ގޮތްގޮތުން ޚާއްޞަ ތަމްރީނު ލިބިފައިވާ ފަންނީ ފަރާތްތައް މިސާލަކަށް ޑައެޓިޝަން، ފިޒިއޮތެރަޕިސްޓް، އޮކިޔުޕޭޝަނަލް ތެރަޕިސްޓު ފަދަ ފަރާތްތައް ގުޅިގެންނެވެ. މިފަރާތްތައް ގުޅިގެން ކެންސަރު ބަލީގެ އަހުލުވެރިޔާއާއި އޭނާގެ އާއިލާއަށް ކެންސަރާ އެކު ވެސް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ހޭދަކުރުމަށް މަސައްކަތްކޮށްދޭނެ އެވެ.

ތައިރޮއިޑް ކެންސަރުން ރަނގަޅުވާ މީހުން ފޮލޯއަޕް ހެދުން

ކެންސަރަށް ފަރުވާކޮށް ނިމުމުން ޑޮކްޓަރުން ފޮލޯއަޕްގައި ޓެސްޓުތަކާއި އެހެނިހެން އިޖުރާއާތްތައް ފުރިހަމަކުރުމަށް ލަފާދޭނެ އެވެ. މީގެ ބޭނުމަކީ އަލުން ދެވަނަ ފަހަރަށް ކެންސަރު އުފެދެމުން އާދޭތޯ ޔަގީންކުރުމެވެ. ނޫނީ ބެލުމެވެ. އެގޮތުން ފަރުވާ ނިމުމަށްފަހު ވެސް އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު ޑޮކްޓަރަށް ދައްކައިގެން ލަފާދެއްވާ ޓެސްޓުތައް ހެދުމަކީ ބޭނުންތެރި ކަމެކެވެ.

ފޮލޯއަޕް ގެ ގޮތުގައި ހަދަންޖެހިދާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނޭނެ އެވެ.

·         ކަރު ބޭރުފުށުން ބަލައި ހެދުން

·         ލޭގެ ޓެސްޓުތައް

·         ކަރުގެ އަލްޓްރާ ސައުންޑް ސްކޭން އެއް ހެދުން

·         އެހެނިހެން އިމޭޖިންގ ޓެސްޓުތައް (އެމްއާރުއައި، ސީޓީ ސްކޭން) ހެދުން

ހަވާލާ

·         https://www.mayoclinic.org/diseases-conditions/thyroid-cancer/symptoms-causes/syc-20354161

·         http://drshifan.com/archives/2740

  • ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005

 

ތައިރޮއިޑް ދުޅަވުން

ތައިރޮއިޑް ދުޅަވުން

ތައިރޮއިޑް ދުޅަވުން(thyroiditis)  ނިސްބަތްކުރެވެނީ އެއްވެސް ސިފައެއްގައި ތައިރޮއިޑް ގްލޭންޑް ދުޅަވުމަށެވެ. ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެެންމެ އާންމު ވައްތަރަކީ ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އެވެ. ތަފާތު ވައްތަރުތަކުގެ ފެންނަ އަލާމާތްތަކާއި، ކުރިމަތިވާ އުދަނގޫތައް އަދި ފާހަގަވާ ކަންތައްތައް ކޮންމެވެސް މިންވަރަކަށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ތައިރޮއިޑް ގްލޭންޑް އަކީ ކޮކާލެއްގެ ސިފަޔަށް ކަރުގެ ކުރިމަތިން އިންނަ ކުޑަ ގްލޭންޑް އެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯން ތަކަކީ ހަށިގަނޑުގެ މުހިއްމު މަސައްކަތްތައް ކަމުގައިވާ ހިތުގެ ވިންދު، އަދި ފިނިހޫނުމިނާއި، ހަޖަމުކުރުން ފަދަ މަސައްކަތްތައް އިންތިޒާމުކޮށް ހިންގުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ތައިރޮއިޑް ގްލޭންޑް އިން ދެ ހޯރމޯން އެއް ދޫކުރެއެވެ. އެއީ ތައިރޮކްސިން ހޯރމޯން(T4) އަދި ޓްރައިއަޔޯޑޯތައިރޮނިން ހޯރމޯން(T3) އެވެ.


ތައިރޮއިޑް ދުޅަވުގެ ސަބަބުން ބައެއް ފަހަރު ތައިރޮއިޑް މަތިވުން އަނެއްބައި ފަހަރު ތައިރޮއިޑް ދަށްވުން ކުރިމަތިވެދާނެ އެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތައް އާންމު ގޮތެއްގައި 3 މަރުހަލާއަކަށް ބެހިގެން ގޮސްފައި ވެއެވެ.

(ހ) ތައިރޯޓޮކްސިކް މަރުހަލާ (thyrotoxic phase): މިމަރުހަލާގައި ތައިރޮއިޑް ދުޅަވެ، މާގިނައިން ތައިރޮއިޑް ގްލޭންޑް އިން ހޯރމޯން ދޫކޮށްފާނެ އެވެ. އަދި ވަގުތީ ގޮތުން ތައިރޮއިޑް މަތިވުން ކުރިމަތިކުރުވާނެ އެވެ.

(ށ) ހައިޕޯތައިރޮއިޑް މަރުހަލާ (hypothyroid phase): ދެތިން ހަފްތާއަށް ނުވަތަ މަހަށް ތައިރޮއިޑް ގްލޭންޑް އިން މާގިނައިން ތައިރޮއިޑް ހޯރމޯން ދޫކުރުމުން ތައިރޮއިޑް ގްލޭންޑް ގައި އިތުރަށް ދޫކުރާނެ ތައިރޮއިޑް ހޯރމޯން އެއް އެކަށޭނަ ވަރަކަށް ނުހުރެއެވެ. މިގޮތަށް ތައިރޮއިޑް ހޯރމޯން ދޫކުރުން މަދުވުމުން ތައިރޮއިޑް ދަށްވުން ކުރިމަތި ކުރުވައެވެ. ހަޝިމޮޓޮސް ތައިރޮއިޑައިޓިސް އަދި ރޭޑިޔޭޝަންގެ ސަބަބުން ކުރިމަތިވާ ތައިރޮއިޑް ދުޅަވުން ދާއިމީ ގޮތެއްގައި ދެމިހުންނަނީ ހައިޕޯތައިރޮއިޑް މަރުހަލާ ގައެވެ.

(ނ) ޔޫތައިރޮއިޑް މަރުހަލާ (euthyroid phase): މިމަރުހަލާގައި އާންމު ގޮތެއްގައި ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުންނާނީ ރަނގަޅަށެވެ. މާނައަކީ ތައިރޮއިޑް ދަށްވުން ނޫނީ ތައިރޮއިޑް މަތިވުން ވެސް ކުރިމައްޗެއް ނުވާނެ އެވެ. މިމަރުހަލާ ތައިރޮއޑް މަތިވުން ކުރިމަތިވުމަށްފަހު ތައިރޮއިޑް ދަށްވުން ކުރިމަތިވުމުގެ ކުރިން އެދެމެދުގެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ އެވެ.

ސަބަބު

ތައިރޮއިޑް ދުޅަވުން ކުރިމަތިވަނީ ތައިރޮއިޑް އަށް ކުރިމަތިވާ ކަމެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވެ، އިންފްލެމޭޝަން ހެދި، ތައިރޮއިޑް ސެލް ތަކަށް ގެއްލުންވުމުންނެވެ. ތައިރޮއިޑްގެ ވައްތަރަށް ރިޢާޔަތްކޮށް ތައިރޮއިޑް ދުޅަވުން ކުރިމަތިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ.

ތައިރޮއިޑް ދުޅަވުން ކުރިމަތިކުރުވާ އެންމެ އާންމު ކަމަކީ އުޓޯއިމިޔޫން ޑިޒީޒް ކުރިމަތިވުމެވެ. އުޓޯއިމިޔޫން ޑިޒީޒް ތަކަކީ އަމިއްލަ ހަށިގަނޑުގެ ދިފާޢީ ނިޒާމް އަމިއްލަ ހަށިގަނޑާއި ދެކޮޅަށް މަސައްކަތްކޮށް ހަމަލާދިނުމުން ފެންމަތިވާ ބަލިތަކެކެވެ. އެގޮތުން ތައިރޮއިޑް ދުޅަވުން އެންމެ ގިނައިން ކުރިމަތިވަނީ ދިފާޢީ ނިޒާމުގައި ހިމެނޭ ހަށިދަމަނަތަކުން ތައިރޮއިޑް ގްލޭންޑް އަށް ނުވަތަ ތައިރޮއިޑް ސެލްތަކަށް ހަމަލާދިނުމުންނެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތަކާ އޭގެ ސަބަބުތައް ތައިރޮއިޑް ދުޅަވުމުގެ ވައްތަރު މިބައިގައި ލިޔެފައިވާނެ އެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތައް

ތައިރޮއިޑް ދުޅަވުމުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) ހަޝިމޮޓޮސް ތައިރޮއިޑައިޓިސް (Hashimoto’s Thyroiditis): މިއީ ތައިރޮއިޑް ގްލޭންޑަށް ޖެހޭ އުޓޯއިމިއޫން ބައްޔެކެވެ. ބައެއް ފަހަރު މިބައްޔަށް ކްރޯނިކް ލިމްފޯސައިޓިކް ތައިރޮއިޑައިޓިސް މިހެން ވެސް ކިޔައި އުޅެއެވެ. އާންމު ގޮތެއްގައި މިބަލި ކުރިމަތިވަނީ ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް ދިފާޢީ ނިޒާމުން ހަމަލާދޭ ނުވަތަ މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުންނެވެ. ތައިރޮއިޑް ދުޅަވުމުގެ އެންމެ އާންމު ސަބަބަކީ އަދި އެންމެ އާންމު ވައްތަރަކީ ވެސް މިއީ އެވެ. މީގެ އިތުރުން ތައިރޮއިޑް ދަށްވުން ކުރިމަތިކުރުވާ އެންމެ އާންމު ސަބަބަކީ ވެސް މިއީ އެވެ. 

ވައްތަރު : ހަޝިމޮޓޯސް ތައިރޮއިޑައިޓިސް

ސަބަބު : އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން

އަލާމާތްތައް : ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް

ކުރިއެރުން : ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!

(ށ) ތަދުނުވެ ތައިރޮއިޑް ދުޅަވުން ނޫނީ ސައިލެންޓް ތައިރޮއިޑައިޓިސް (Painless Thyroiditis): ތަދު ނުވަތަ ރިހުމެއް އިހުސާސެއްނުވެ ތައިރޮއިޑް ގްލޭންޑް ދުޅަވުމަކީ ވެސް ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް ދިފާޢީ ނިޒާމުން މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުން ކުރިމަތިވާ އުޓޯއިމިއޫން ބައްޔެކެވެ.

ވައްތަރު : ސައިލެންޓް ތައިރޮއިޑައިޓިސް

ސަބަބު : އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން

އަލާމާތްތައް : ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެނިފައި ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް ފެނުން

ކުރިއެރުން : އަލާމާތްތައް 18-12 މަހާއި ދެމެދުގެ މުއްދަތެއްގައި ފިލައިދޭ! ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!

(ނ) ވިހެއުމަށްފަހު ތައިރޮއިޑް ދުޅަވުން (Postpartum Thyroiditis): ވަރަށް މަދުން ކުރިމަތިވާ މިބައްޔަކީ ވެސް ތައިރޮއިޑް ގްލޭންޑް އާއި ދެކޮޅަށް މަސައްކަތްކުރާ ހަށިދަމަނަ ( antithyroid antibodies) ތަކުގެ ސަބަބުން ކުރިމަތިވާ އުޓޯއިމިއޫން ބައްޔެކެވެ. އާންމު ގޮތެއްގައި މިމައްސަލަ ކުރިމަތިވަނީ ވިހެއުމަށްފަހު އަންނަ އަހަރެއްހާ ދުވަހުގެ މުއްދަތުގެ ތެރޭގައެވެ.

ވައްތަރު : ޕޯސްޓްޕާރޓަމް ތައިރޮއިޑައިޓިސް

ސަބަބު : ވިހެއުމަށްފަހު އެންޓިތައިރޮއިޑް އެންޓިބޮޑީޒް ތައިރޮއިޑް ގްލޭންޑް އަށް ހަމަލާދިނުން

އަލާމާތްތައް : ވިހެއުމަށްފަހު 3-1 މަހާއި ދެމެދުގެ މުއްދަތަކަށް ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެނިފައި، ވިހެއުމަށްފަހު 8-4 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް ފެންނަށް ފެށުން!

ކުރިއެރުން: އަލާމާތްތައް 18-12 މަހާއި ދެމެދުގެ މުއްދަތެއްގައި ފިލައިދޭ! ތައިރޮއިޑް ދަށްވުން ދާއިމަށް ހުންނާނެ! އެކަމަކު ފަރުވާކުރެވިދާނެ!

(ރ) ރޭޑިއޭޝަންގެ ސަބަބުން ތައިރޮއިޑް ދުޅަވުން (Radiation induced Thyroiditis): މިއީ ބައެއް ކަހަލަ ކެންސަރުތަކުގެ ފަރުވާގައި ދެވޭ ރޭޑިއޭޝަން ތެރަޕީގެ ތެރެއިން ރޭޑިއޭޝަނަށް ހުށަހެޅުމުގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. ތައިރޮއިޑް ގެ މަސައްކަތް މަތިވުމުން އޭގެ ފަރުވާގައި ރޭޑިއޯއެކްޓިވް އަޔޮޑިން ބޭނުންކުރުމުގެ ސަބަބުން ވެސް މިގޮތަށް ތައިރޮއިޑް ގްލޭންޑް ދުޅަވެދާނެ އެވެ.

ވައްތަރު : ރޭޑިއޭޝަން އިންޑިއުސްޑް ތައިރޮއިޑައިޓިސް

ސަބަބު : ތައިރޮއިޑް މަތިވުމުން ދޭ ފަރުވާގައި ރޭޑިއޯ އެކްޓިވް އަޔޮޑިން ނެގުން ، ނޫނީ ކެންސަރުގެ ފަރުވާގައި ރޭޑިއޭޝަންގެ ފަރުވާ ނެގުން

އަލާމާތްތައް : ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް

ކުރިއެރުން : ތައިރޮއިޑް މަތިވުމުން ރަނގަޅުވެ، އަނެއްކާ ވެސް ކުރިމަތިވެދާނެ! ތައިރޮއިޑް ދަށްވުމުން ދާއިމަށް ހުރެދާނެ! އެކަމަކު ފަރުވާ ކުރެވިދާނެ!

(ބ) ސަބްއެކިއުޓް ތައިރޮއިޑައިޓިސް (Subacute Thyroiditis): ވަރަށް ރިހުން ހުންނަ މިހާލަތް ގިނަ ފަހަރު ކުރިމަތިވަނީ ވައިރަސް އެއްގެ ސަބަބުން މިސާލަކަށް އަރިދަފުސް ރޯގާ ފަދަ އިންފެކްޝަން ތައް ޖެހުމަށްފަހުގައެވެ.

ވައްތަރު : ސަބްއެކިއުޓް ތައިރޮއިޑައިޓިސް

ސަބަބު : ވައިރަލް އެއްގެ ސަބަބުން ޖެހޭ އިންފެކްޝަން

އަލާމާތްތައް : ތައިރޮއިޑްގައި ރިހުން، އެއަށްފަހު ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ، އަދި އެއާއި ވިދިގެން ތައިރޮއިޑް ދަށްވުމުގެ އަލާމާތްތައް

ކުރިއެރުން : އަލާމާތްތަކަށް ދެތިން މަސް ތެރޭގައި ލުއިކަން ލިބޭނެ! ވަރަށް މަދު ފަހަރަކު ތައިރޮއިޑް ދަށްވުން ދެމިހުރެދާނެ! އެކަމަކު ފަރުވާކުރެވޭނެ!

(ޅ) އިންފެކްޝަންގެ ސަބަބުން ތައިރޮއިޑް ދުޅަވުން، ނޫނީ އެކިއުޓް ތައިރޮއިޑައިޓިސް (Infectious Thyroiditis): މިއީ ކޮންމެވެސް ކަހަލަ ބެކްޓީރިޔާއެއް ނޫނީ ޖަރާސީމެއްގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވުމެވެ. މިއީ ވެސް ވަރަށް މަދުން ދިމާވާ ހާލަތެކެވެ.

ވައްތަރު : އެކިއުޓް ތައިރޮއިޑައިޓިސް / ސަޕިއުރޭޓިވް ތައިރޮއިޑައިޓިސް

ސަބަބު : ބެކްޓީރިޔާ އެއް ނޫނީ އެހެން ޖަރާސީމެއްގެ ސަބަބުން އުފެދޭ އިންފެކްޝަން

އަލާމާތްތައް : ތައިރޮއިޑް ގައި ރިހުން، އާދައިގެ އިންފެކްޝަންގެ އުދަނގޫތައް ފެނިފައި، ތައިރޮއިޑް ދަށްވުމުގެ އުދަނގޫތައް ފެނުން

ކުރިއެރުން : އިންފެކްޝަން އަށް ފަރުވާކުރުމުން ބަލީގެ އުދަނގޫތައް ލުއިވެގެންދޭ!

(ކ) ބޭހެއްގެ ސަބަބުން ތައިރޮއިޑް ދުޅަވުން (Drug induced Thyroiditis): މިއީ ބައެއް ކަހަލަ ބޭސްތައް މިސާލަކަށް "އެމިއެޑެރޯން"، "ލިތިއަމް"، "އިންޓަފީރޯން" އަދި " ސައިޓޯކައިން" ފަދަ ބޭސް ތައް ބޭނުންކުރުމުން ތައިރޮއިޑް ގްލޭންޑް ދުޅަވުން ކުރިމަތިވުމެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވަނީ މިފަދަ ބޭސްތައް ބޭނުންކުރާ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށެވެ.

ވައްތަރު : ޑްރަގް އިންޑިއުސްޑް ތައިރޮއިޑައިޓިސް

ސަބަބު : އެމިއެޑެރޯން، ލިތިއަމް، އިންޓަފީރޯން ފަދަ ބޭސްތައް ބޭނުންކުރުން

އަލާމާތްތައް : ތައިރޮއިޑް ދަށްވުން ނޫނީ ތައިރޮއިޑް މަތިވުމުގެ އަލާމާތްތައް ފެންނާނެ!

ކުރިއެރުން : ބޭސް ކާހައި ދުވަހަކު އުދަނގޫތައް ދެމިހުންނާނެ!

(އ) ރީޑެލް ތައިރޮއިޑައިޓިސް (Riedel Thyroiditis): މިއީ ތައިރޮއިޑް ގްލޭންޑް ދާއިމީ ސިފައެއްގައި ދުޅަވެ، ތައިރޮއިޑް ގްލޭންޑް ލަކުނުލުން ކުރިމަތި ކުރުވާ ވަރަށް ނާދިރު ބައްޔެކެވެ.  

ތައިރޮއިޑް ދުޅަވުން ކުރިމަތިވުމުގެ ފުރުޞަތު ބޮޑު މީހުން

ތައިރޮއިޑް ދުޅަވުން ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ. ނަމަވެސް އާންމުކޮށް ކުރިމަތިވަނީ ބޮޑެތި މީހުންގެ ތެރެއިން ވެސް އަންހެނުންނަށް ކަން ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ހަޝިމޮޓޮސް ތައިރޮއިޑައިޓިސް ފަދަ ވައްތަރުތައް ކުރިމަތިވުމުގެ ފުރުޞަތު ފިރިހެނުންނަށްވުރެ އަންހެނުންނަށް 10 ގުނަ އިތުރުކަން ފާހަގަ ކުރެވެއެވެ. ޚާއްޞަގޮތެއްގައި މިވައްތަރު ކުރިމަތިވަނީ އުމުރުން 50-30 އަހަރާއި ދެމެދުގެ އަންހެނުންނަށެވެ. ދެވަނަ އަށް އެންމެ އާންމު ތަދުނުވެ ކުރިމަތިވާ ތައިރޮއިޑް ދުޅަވުން ވެސް ބޮޑަށް އާންމީ އަންހެނުންގެ ތެރޭގައި ކަން ފާހަގަ ކުރެވެއެވެ.

އަލާމާތްތައް

ތައިރޮއިޑް ދުޅަވުމުގެ އަލާމާތްތައް ބަރޯސާވަނީ ތައިރޮއިޑް ދުޅަވުމުގެ ވައްތަރާއި، އެހުރި މަރުހަލާއެއްގެ މައްޗަށެވެ. ތައިރޮއިޑް ދުޅަވުމުގެ ގިނަ ވައްތަރުތަކުގައި ތައިރޮއިޑް މަތިވުމުން ފެންނަ އަލާމާތްތަކަށްފަހު، ތައިރޮއިޑް ދަށްވުމުން ފެންނަ އަލާމާތްތައް ފާހަގަވާން ފަށައެވެ.

އާންމު ގޮތެއްގައި ސަބްއެކިއުޓް ތައިރޮއިޑައިޓިސް އަދި އިންފެކްޝަންގެ ސަބަބުން ކުރިމަތިވާ ތައިރޮއިޑް ދުޅަވުމުން ތައިރޮއިޑް ހުންނަ ހިސާބުގައި ރިހުން އުފައްދައެވެ. ތައިރޮއިޑް ދުޅަވާ ބައެއް މީހުންނަށް ތައިރޮއިޑް ގްލޭންޑް ދުޅަވެ އޭގެ ސައިޒުން ބޮޑުވެ، "ގޮއިޓަރ" ކުރިމަތި ކުރުވައެވެ.

ތައިރޮއިޑް މަތިވުމުން ފެންނަ އަލާމާތްތައް

އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވެ ކުރިމަތިވާ ތައިރޯޓޮކްސިކް މަރުހަލާ ދެމިހުންނަނީ ގާތްގަނޑަކަށް 3-1 މަހާއި ދެމެދުގެ މުއްދަތަކަށެވެ. ތައިރޮއިޑް ސެލްތައް ހަލާކުވެ، އެއިން ތައިރޮއިޑް ހޯރމޯންތައް ގިނައިން ދޫކުރަން ފެށުމުން ނޫނީ އުފެއްދުމުން  "ހައިޕަތައިރޮއިޑިޒަމް"(hyperthyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

·         ހިތުގެ ވިންދު އަވަސްވުން / މޭތެޅުން / ވިންދު ތަރުތީބުނުވުން

·         ކާހިތްވުން

·         ބަރުދަން ލުއިވުން

·         ރުޅިގަދަވުން / ނުތަނަވަސްވުން

·         ނިދަން އުދަނގޫވުން

·         މާބޮޑަށް ދާހިއްލުން

·         މާބޮޑަށް ހޫނުވުން / ހޫނުވުމުން އުދަނގޫވުން

·         ތުރުތުރުއެޅުން

ތައިރޮއިޑް ދަށްވުމުން ފެންނަ އަލާމާތްތައް

އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ ހައިޕޯތައިރޮއިޑް މަރުހަލާ ގިނަ ދުވަހަށް ނޫނީ ދާއިމަށް ދެމިހުރެއެވެ. އާދަޔާ ޚިލާފަށް މަދުން ތައިރޮއިޑް ހޯރމޯން އުފެއްދުމުން "ހައިޕޮތައިރޮއިޑިޒިމް"(hypothyroidism) ގެ ޙާލަތު ކުރިމަތި ކުރުވައި، އޭގެ އަލާމާތްތައް ފެންނަށް ފަށައެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި އަލާމާތްތައް ހިމެނެއެވެ.

·         ވަރުބަލިވުން

·         ބަރުދަން އިތުރުވުން

·         ބަނޑުހަރުވުން

·         މާޔޫސްވުން ނުވަތަ ޑިޕްރެޝަން ކުރިމަތިވުން

·         ހަންގަނޑު ހިކި ކުރަކިވުން

·         ފިނިވުމުން އުދަނގޫވުން

·         މަސްތަކުގެ ވަރުދެރަވުން

·         ހަދާންނެތުން

·         ކަންކަމަށް ސަމާލުކަން ދޭން ދަތިވުން

ދެނެގަތުން

ތައިރޮއިޑް ދުޅަވުން ހުރިކަން ދެނެގަތުމަށްޓަކައި ބަލިމީހާ ބަލާ ބެލުންތަކުގައި ތަފާތު ސުވާލުތައް ކޮށް މައުލޫމާތު އަހައި އޮޅުން ފިލުވައި ސާފުކުރާނެއެވެ. ބަލިމީހާއަށް ކުރިމަތިވެފައިވާ އުދަނގޫތަކާ ގުޅޭ ގޮތުން ސުވާލުކޮށް ހަދާނެއެވެ. މީގެ އިތުރުން ކަރުގައި ތައިރޮއިޑް ގްލޭންޑް ހުންނަ ހިސާބު ވެސް ބަލައި ހަދާނެއެވެ. ތައިރޮއިޑް ދުޅަވުން ފަދަ ކަމަކަށް ޝައްކު ކުރެވޭނަމަ އަންނަނިވި ޓެސްޓުތައް ހަދަން ޑޮކްޓަރުން ލަފާދޭނެ އެވެ.

(ހ) ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުން (thyroid function tests): މިއީ ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އާއި، ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ތައިރޮއިޑް ހޯރމޯންތައް ލޭގައި ހުރި މިންވަރު ބެލުމަށް ހެދޭ ލޭގެ ޓެސްޓެކެވެ. ސިކުނޑީގައިވާ ޕިޓުއިޓަރީ ގްލޭންޑް އިން އުފައްދައި ދޫކުރާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަކީ ތައިރޮއިޑް ގްލޭންޑް އިން ތައިރޮއިޑް ހޯރމޯން ތައް އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ.

(ށ) ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭން ހެދުން (thyroid ultra sound scan): ތައިރޮއިޑް ގްލޭންޑްގެ އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތައިރޮއިޑް ގްލޭންޑްގެ އެނަޓަމީ ނުވަތަ އުފެދިފައި ހުރިނެތްގޮތް ދެނެގަނެވޭނެ އެވެ. އެގޮތުން ތައިރޮއިޑް ގްލޭންޑްގައި ނޮޑިއުލް އުފެދިފައިހުރުން، ތައިރޮއިޑް ގްލޭންޑް އަށް ލޭފޯރުވުން، އަދި ތައިރޮއިޑް ގްލޭންޑް ގެ ސައިޒަށް އައިސްފައިވާ ބަދަލުތައް ފަދަ ކަންތައްތައް ދެނެގަނެވޭނެ އެވެ.

(ނ) ތައިރޮއިޑް އެންޓިބޮޑީ ޓެސްޓުތައް (thyroid antibodies tests): ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުމަށް ހަދާ ޓެސްޓުގެ ނަތީޖާއަށް ބަލައި ބައެއް ފަހަރު ހަޝިމޮޓޮ'ސް ތައިރޮއިޑައިޓިސް އަދި ގްރޭވްސް ބަލި ފަދަ އުޓޯއިމިޔޫން ޑިސްއޯޑަރ އާއި ގުޅުންހުރި އެންޓިބޮޑީ އެއް ދެނެގަތުމަށް ލޭގެ އިތުރު ޓެސްޓެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އެގޮތުން ދެނެގަންނަ އެންޓިބޮޑީ ތަކުގެ ތެރޭގައި "އެންޓިތައިރޮއިޑް އެންޓިބޮޑީޒް"(TPO) ، އަދި "ތައިރޮއިޑް ރިސެޕްޓަރ ސްޓިމިއުލޭޓިންގ އެންޓިބޮޑީޒް"(TRAb) ފަދަ ހަށިދަމަނަތައް ހިމެނެއެވެ. މިއީ ތައިރޮއިޑް ދުޅަވުން ކުރިމަތިވީ އުޓޯއިމިއޫން ބައްޔެއްގެ ސަބަބުން ނޫނީ ސަބަބަކާއި ހެދިތޯ ބެލުމަށް ހެދޭ ޓެސްޓެކެވެ.

(ރ) އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް ބެލުން (ESR): މިއީ ހަށިގަނޑުގައި އިންފްލެމޭޝަން އެއް ހުރިތޯ ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި ސަބްއެކިއުޓް ތައިރޮއިޑައިޓިސް ގައި އެރިތްރޯސައިޓް ސެޑިމެންޓޭޝަން ރޭޓް އަވަސްވާނެ އެވެ. ނޫނީ މަތިވާނެ އެވެ.

(ބ) ސީ-ރިއެކްޓިވް ޕްރޮޓީންގެ މިންވަރު ބެލުން (CRP): ސީ-ރިއެކްޓިވް ޕްރޮޓީން އަކީ ވެސް އިންފްލެމޭޝަންގެ އަސަރު ދެނެގަތުމަށް ހެދޭ ޓެސްޓެކެވެ. އާންމު ގޮތެއްގައި އެކިއުޓް އިންފެކްޝަސް ތައިރޮއިޑައިޓިސް ގައި ސީ ރިއެކްޓިވް ޕްރޮޓީން އާދަޔާ ޚިލާފަށް މައްޗަށްދާނެ އެވެ.

(ޅ) ރޭޑިޔޯއެކްޓިވް އަޔޮޑިން އަޕްޓޭކް ޓެސްޓް (RAIU test): މިޓެސްޓު ހެދުމަށްޓަކައި ރޭޑިޔޯ އެކްޓިވް އަޔޮޑިން ގެ ކުޑަ މިންވަރެއް ބަލިމީހާއަށް ދެވޭނެ އެވެ. އެއަށްފަހު ޚާއްޞަ ސްކޭނިންގ ޑިވައިސް އެއްގެ އެހީގައި ތައިރޮއިޑް ގްލޭންޑް އަށް ރޭޑިޔޯ އެކްޓިވް އަޔޮޑިން ނަގާ މިންވަރާއި، ނިސްބަތް ބެލޭނެއެވެ. އާންމު ގޮތެއްގައި ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ "ތައިރޯޓޮކްސިކް މަރުހަލާ" ގައި މިގޮތަށް ތައިރޮއިދް ގްލޭންޑް އަށް އަޔޮޑިން ނަގާ މިންވަރު ދަށްވެ، މަދުވާނެ އެވެ.

ފަރުވާ

ތައިރޮއިޑް ދުޅަވުމުގެ ފަރުވާ ބިނާވަނީ ތައިރޮއިޑް ދުޅަވުމުގެ ވައްތަރާއި، ކުރިމަތިވެފައިވާ އަލާމާތްތަކުގެ މައްޗަށެވެ.

ތައިރޮއިޑް ދުޅަވެ ތައިރޮއިޑް މަތިވުން ކުރިމަތިވެފައިވާނަމަ ދެވޭ ފަރުވާ

ތައިރޮއިޑް ދުޅަވުމުގެ ސަބަބުން ކުރިމަތިވާ މަރުހަލާތަކުގެ ތެރެއިން "ތައިރޯޓޮކްސިކް މަރުހަލާ" ކުރިމަތިވެފައިވާނަމަ ފަރުވާގައި ބީޓާ ބްލޮކަރ ގުރޫޕްގެ ބޭސްތައް ބޭނުންކުރަންޖެހިދާނެ އެވެ. އެގޮތުން ބީޓާ ބްލޮކަރ ބޭނުންކުރުމުން ވިންދު އަވަސްވުމާއި، ތުރުތުރުއެޅުން ފަދަ އުނދަގޫތަކަށް ލުއިކަން ލިބެއެވެ. އުދަނގޫތަކަށް ލުއި ލިބުމުން ބޭސް ހުއްޓައިލައިފާނެއެވެ. ޚާއްޞަކޮށް ތައިރޯޓޮކްސިކް މަރުހަލާ އަކީ ކުރު މުއްދަތަކަށް ދެމިހުންނަ މަރުހަލާއަކަށް ވުމުން އެމަރުހަލާ ނިމުމުން އުދަނގޫތައް ވެސް ލުއިވެދާނެ އެވެ.

ތައިރޮއިޑް ދުޅަވެ ތައިރޮއިޑް ދަށްވުން ކުރިމަތިވެފައިވާނަމަ ދެވޭ ފަރުވާ

ތައިރޮއިޑް ދުޅަވެ އޭގެ ވައްތަރެއް ކަމުގައިވާ ހަޝިމޮޓޯސް ތައިރޮއިޑައިޓިސް ކުރިމަތިވެފައިވާނަމަ އެކަމުގެ ސަބަބުން ތައިރޮއިޑް ދަށްވުން ކުރިމަތިވެ، ފަރުވާގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ނަގަންޖެހެއެވެ. ހަޝިމޮޓޯސް ތައިރޮއިޑައިޓިސް ގެ ސަބަބުން ތައިރޮއިޑް ދުޅަވިނަމަ، މުޅި އުމުރަށް ފަރުވާގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ބޭނުންކުރަންޖެހޭނެ އެވެ. ސަބަބަކީ ހަޝިމޮޓޯސް ތައިރޮއިޑައިޓިސް އަކީ އާންމު ގޮތެއްގައި ދާއިމަށް ދެމިހުންނަ ކަމަކަށް ވާތީ އެވެ.

ތައިރޮއިޑް ދުޅަވުމުގެ ވައްތަރުތަކުގެ ތެރެއިން ސަބްއެކިއުޓް ތައިރޮއިޑައިޓިސް، ތަދުނުވެ ތައިރޮއިޑް ދުޅަވުން، ވިހެއުމަށްފަހު ތައިރޮއިޑް ދުޅަވުން ކުރިމަތިވުން ފަދަ ހާލަތްތަކުގައި ތައިރޮއިޑް ދަށްވުން ކުރިމަތި ވެއެވެ. މިހާލަތްތަކުގައި ފަރުވާ ގެ ގޮތުގައި ތައިރޮއިޑް ހޯރމޯން ގާތްގަނޑަކަށް 12-6 މަހާއި ދެމެދުގެ މުއްދަތަކަށް ނަގަންޖެހިދާނެ އެވެ. އަދި މިފަދަ ހާލަތްތަކުގައި ބޭސް ހުއްޓާލާނީ މަޑުމަޑުން ހުއްޓަމުން މަދުކުރަމުން ގޮހެވެ. މިގޮތަށް ހެދުމުގެ ބޭނުމަކީ ތައިރޮއިޑް ދަށްވުން ދާއިމީ ސިފައެއްގައި ކުރިމަތިވެފައިވޭތޯ ބެލުމެވެ.

ތައިރޮއިޑް ދަށްވުން ވަރަށް އާދައިގެ މިންވަރަކަށް ކުރިމަތިވި ނަމަ އެއްވެސް ބޭހެއް ބޭނުންކުރާކަން ނުޖެހޭނެ އެވެ.

ތައިރޮއިޑް ދުޅަވުމުން ދެވޭ އެހެނިހެން ފަރުވާތައް

ތައިރޮއިޑް ދުޅަވުން ކުރިމަތިވީ އިންފެކްޝަން އެއްގެ ސަބަބުން ކަމުގައިވާނަމަ އިންފެކްޝަނަށް ފަރުވާކުރުމަށް އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭނެ އެވެ. ތައިރޮއިޑް ގްލޭންޑްގައި މުލިހި ފާޑުގެ އެއްޗެއް އުފެދިއްޖެނަމަ ސިރިންޖް ކައްޓަކުން ދޮސްތަކާއި ހަޑި ފެންތައް ނެރެ ސާފުކުރަންޖެހޭނެ އެވެ. އަދި އެގޮތުން ނެގޭ ދޮސް ފަދަ ތަކެތި ބަޔޮޕްސީ ހެދުމަށް ބޭނުންކުރެވޭނެ އެވެ.

ބޭހުގެ ސަބަބުން ތައިރޮއިޑް ދުޅަވުން ކުރިމަތިވިނަމަ ބޭސް ހުއްޓާލަންދެން ތައިރޮއިޑް ދުޅަވުމުގެ މައްސަލަ ދެމިހުންނާނެ އެވެ. އެހާލަތުގައި ޑޮކްޓަރުން ބޭސް ބަދަލުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނޫނީ ތައިރޮއިޑް ދުޅަވުން މެދުވެރި ކުރުވާ ބޭސް ކަމުންދާ ދުވަސްވަރު އެއާއެކު ތައިރޮއިޑް ހޯރމޯން ނެގުމަށް ލަފާދީފާނެ އެވެ.

ތައިރޮއިޑް ދުޅަވުމުން ކުރިމަތިވާ ރިހުމާއި ތަދު ކުޑަކުރުމަށް ތަދުކަނޑުވާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ވަރަށް ގަދަޔަށް ރިހުން ހުންނަ ހާލަތްތަކުގައި ފަރުވާގެ ގޮތުގައި ސްޓީރޮއިޑް ވެސް ބޭނުންކުރަން ޖެހިދާނެ އެވެ. ރީޑެލް ތައިރޮއިޑައިޓިސް ކުރިމަތިވެފައިވާނަމަ އޮޕަރޭޝަން ކުރަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ހަވާލާ

·         https://my.clevelandclinic.org/health/diseases/15455-thyroiditis

·         https://familydoctor.org/condition/thyroiditis

·         https://www.webmd.com/a-to-z-guides/what-is-thyroiditis