Thursday, September 5, 2013

ސްޓެފައިލޯކޮކަސް ގެ ސަބަބުން ކާނާ ވިހަވުން

ސްޓެފައިލޯކޮކަސް ގެ ސަބަބުން ކާނާ ވިހަވުން
ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވު(staph food poisoning)މަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. ނުވަތަ މިއީ ބޭރަށްހިންގުމުގެ ވައްތަރެކެވެ. މިއީ ވަރަށް އާންމުކޮށް ފެންނަ ކާނާ ވިހަވުމުގެ ވައްތަރެކެވެ.

ސަބަބު
ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން މެދުވެރިކުރުވަނީ ސްޓެފައިލޯކޮކަސް އޯރީއަސް(Staphylococcus aureus) އޭ ކިޔޭ ޖަރާސީމެއްގެ ސަބަބުންނެވެ. ކާބޯތަކެތި ހާމައަށް ބޭރުގައި ގިނައިރު ތަކެއް ވަންދެން ބަހައްޓައިފިނަމަ، ސްޓެފައިލޯކޮކަސް ބެކްޓީރިޔާ ކާތަކެތީގެ ތެރޭގައި ގިނަވެ، ވިހަ އުފައްދައި ދޫކުރެއެވެ. ބޭރުފުށުން ބަލާއިރު ކާތަކެތި ނުބައިވެފައި ހުރި ކަމުގެ އަސަރެއް (ނުބައިވަސްދުވުން) ފެންނަން ނެތަސް އެފަދަ ކާތަކެތީގައި ހަށިގަނޑަށް ގެއްލުންވާ ވަރަށް ވިހައިގެ އަސަރު ހުރުމަކީ ވެދާނެ ގޮތެކެވެ.  


ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ސްޓެފައިލޯކޮކަސް  އޯރީއަސް އޭ ކިޔޭ ޖަރާސީމާ  ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. މިގޮތަށް ވިހަވަނީ ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކެއުމުގެ ބަދަލުގައި އެޖަރާސީމުން އުފައްދާ ވިހަ އެކުލެވޭ ކާބޯތަކެތި ކެއުމުންނެވެ. ނުވަތަ އެޖަރާސީމުން އުފައްދާ ވިހަ ކާބޯތަކެއްޗާއެކު ކެއުމުންނެވެ.  މިގޮތަށް ޖަރާސީމާ ކާބޯތަކެތި ތަޣައްޔަރުވަނީ އެކަށޭނަ ފިނިހޫނު މިނެއްގެ ތެރޭގައި ކާބޯތަކެތި ރައްކާ ނުކުރެވުމުންނެވެ. މާނައަކީ އެކަށޭނަ ހޫނު މިނެއްގައި ނުވަތަ އެކަށޭނަ ފިނި މިނެއްގައި ކާބޯތަކެތި ރައްކާކުރެވިފައި ނުހުރުމެވެ. ކާބޯތަކެތި ހުރުން އެންމެ އެދެވޭ ފިނި ހޫނުމިނަކީ 60 ޑިގްރީ ސެލްޒިއަސް ވުރެ މަތީގައި، ނުވަތަ 4 ޑިގްރީ ސެލްޒިއަސް ދަށުގައެވެ.

ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިކޮށްފާނެ ކާބޯތަކެތީގެ ތެރޭގައި:-
v     އެއްގަމު މަސް
v     ކުކުޅު، ކުކުޅު ބިސް އަދި އޭގެ އުފެއްދުންތައް
v     ބިސް، ކަނޑުމަސް، ކުކުޅު، އަލުވި، އަދި މެކަރޯނާ ބޭނުންކޮށްފައި ހުންނަ ސަޓަނި
v     ބޭކަރީގައި ހަދާ އުފެއްދުންތައް
v     ސޭންޑް ވިޗުގައި އުގުޅުމަށް ހަދާފައި ހުންނަ އުފެއްދުންތައް
v     ކިރު އަދި ކިރުގެ އުފެއްދުންތައް
އަލާމާތްތައް
ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، އޯކަށްދެމުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ. ނުރައްކާތެރި ހާލަތުގައި ހަށިގަނޑުން ފެން ހުސްވުން، ބޮލުގައި ރިހުން، އަކުނިވަޔަށްދެމުން، ލޭގެ ޕްރެޝަރު ދަށްވުން، ވިންދު ދަށްވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.
ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވާ ނުރައްކާތެރިކަން ބަރޯސާވަނީ ، ޖަރާސީމުން އުފައްދާ ވިހައަށް އެމީހެއްގެ ހަށިގަނޑުގެ ނާޒުކުކަން ހުންނަ މިންވަރާ، ވިހަކެވުނު ކާބޯތަކެތި ބޭނުންކުރެވުނު މިންވަރު، އެކާބޯތަކެތި ކެއުމުގެ ސަބަބުން ވިހަ ހަށިގަނޑަށް އެތެރެވި މިންވަރު، އަދި އެމީހެއްގެ އާންމު ޞިއްޙަތު ހުރިނެތްގޮތް ފަދަ ކަންކަމުގެ މައްޗަށެވެ.

ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން އާންމު ގޮތެއްގައި 3-2 ދުވަހުގެ ތެރޭގައި ރަގަޅު ވެއެވެ. ނަމަވެސް ބައެއް ފަހަރު ނުރައްކާތެރި ހާލަތުގައި ދިގުދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ.

ދެނެގަތުން
ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުން ދެނެގަނެވެނީ ބަލިމީހާގެ ކިބައިން އޮޅުންފިލުވޭ މައުލޫމާތު ތަކާ، ބަލާ ބެލުންތަކުން އެނގޭ އެނގުންތަކަށް ރިއާޔަތްކޮށްގެންނެވެ. އެންމެ ފަހުން ކެއި ތަކެއްޗާ، ގޭތެރެ، މަސައްކަތުގެ މާހައުލު ހުންނަ ގޮތާމެދު އަދި ކުރިމަތިވެފައިވާ އުދަނގޫތަކާ ބެހޭ ގޮތުން ޑޮކްޓަރު ސުވާލުކޮށް މައުލޫމާތު ތައް އޮޅުން ފިލުވާނެއެވެ. އެކުގައި އެއް ކެއުމެއް ޚިޔާރުކުރި މީހަކަށް ބަޔަކަށް ބޭރަށްހިންގުން ދިމާވެފައިވޭތޯ އަހައި އޮޅުން ފިލުވައި، ސާފުކުރާނެ އެވެ. ލޭގެ ޓެސްޓު ހެދުމުގެ އިތުރުން ބޮޑުކަމު ނަޖިސް ވެސް ޓެސްޓުކޮށްދާނެ އެވެ.

ފަރުވާ
ބޭރަށްހިންގުމުގެ ފަރުވާ އަމާޒުކުރެވެނީ ބޭރަށްހިންގުމާ ހޮނޑުލެވުމުގެ ސަބަބުން ހަށިގަނޑުން ބީވެދިޔަ ފެނާ ލޮނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދާ ދިނުމަށެވެ. ބޭރަށްހިންގާ ކޮންމެ ފަހަރަކު، ލޮނު ފެން، ނުވަތަ އާދައިގެ ފެން ބޭނުންކުރަން އާދަކުރާށެވެ. ސޮޑާ އަދި މޭވާ ޖޫހުގައި ހަކުރު އެކުލެވޭތީ ހަށިގަނޑުގައި ފެން ގިނަކުރުމަށް މާގިނައިން އެފަދަ ތަކެތި ބޭނުންކުރުން ރަގަޅެއް ނޫނެވެ. އާންމުކޮށް ވެސް ކައިއުޅޭ ކާތަކެތި ކާން އާދަކުރެވިދާނެ އެވެ. ނަމަވެސް މާގިނައިން ތެލާ، ސަރުބީ ހުންނަ ކާނާ، މާގިނައިން ހަކުރު ހުންނަ ފޮނި ކާތަކެތި، ކޮފީ،ބަނގުރާ، އަދި މާކުޅި ކާނާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ.

ރައްކާތެރިވުން
ސްޓެފައިލޯކޮކަސްގެ ސަބަބުން ކާނާ ވިހަވުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.
(ހ) - ރޯބިސް ނުބުއިން
(ށ) - ރަގަޅަށް ކައްކާފައި ހުރި ބިސްކެއުން
(ނ) - އެއްގަމުމަސް، ކުކުޅު، ކަނޑުމަސް ރަގަޅަށް ރޯފިލަންދެން ކައްކައިގެން ކެއުން
(ރ) - ޖަރާސީމުގެ އަސަރު ނުފިލުވައި ކިރުން ހަދާ ޗީޒު، ޔޯގަޓް ފަދަ ތަކެތި ބޭނުންނުކުރުން
(ބ) - ޖަރާސީމުގެ އަސަރު ނުފިލުވައި ހުންނަ، ރޯކިރު ނުބުއިން
(ޅ) - ރޯމަސް ފަދަ ތަކެއްޗާ އެހެނިހެން ކާނާ ބާވަތްތައް އެކުގައި ފްރިޖުގައި ނުބެހެއްޓުން
(ކ) - ކާތަކެތީގައި އަތްލައި ހެދުމުގެ ކުރިންނާ ފަހުން ރަގަޅަށް އަތްދޮވުން
(އ) - ފާޚާނާކޮށް ނިމިގެން އަދި ކުޑަ ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު ރަގަޅަށް އަތްދޮވުން
(ވ) - ރޯމަސް ކޮށުމަށާ، އެހެން ބާވަތުގެ ކާތަކެތި ކޮށުމަށް ވަކި ދެ ކަޓިންބޯޑު ގެންގުޅުން
(މ) - ވަޅި، ކަޓިންބޯޑު ފަދަ ތަކެތި ބޭނުންކުރުމަށްފަހު ހޫނު ފެނުން ރަގަޅަށް ދޮވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :

No comments:

Post a Comment