Saturday, July 23, 2022

މާބަނޑު ދުވަސްވަރު : ފެންދުލީގައި ފެންގިނަވުން

މާބަނޑު ދުވަސްވަރު : ފެންދުލީގައި ފެންގިނަވުން

ފެންދުލީގައި ފެންގިނަވުން(polyhydramnios) ނުވަތަ ރަހިމުގައިވާ ފެންދުލީގައި ފެންގިނަވުން މާނަކުރެވެނީ މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ވަށައިގެން ލެވިފައިވާ  ފެންދުލި(amniotic sac)  ނުވަތަ ފެންކޮތަޅުގައި ނުވަތަ ފެނުގެ ދުލީގެ ތެރޭގައި ފެން އާދަޔާ ޚިލާފަށް ގިނަވުމަށެވެ. ފެންދުލީގައި ހުންނަ ފެނަށް ކިޔަނީ "އެމްނީއޯޓިކް ފުލުއިޑް"(amniotic fluid) ނުވަތަ "އެމްނީއޯޓިކް ފެން" އެވެ. މާބަނޑުވާ ކޮންމެ %2-1 މީހުންނަށް ފެންދުލީގައި ފެންގިނަވުމުގެ މައްސަލަ ދިމާވެއެވެ.

 

ފެންދުލީގައި ފެންގިނަވުމަކީ ބާނޑު އަންހެނާގެ ރަހިމަށް އަސަރުކުރުވާ ހާލަތެކެވެ. މިހާލަތުގައި ރަހިމުގައި މާގިނައިން އެމްނީއޯޓިކް ފުލުއިޑް ނުވަތަ ފެން ޖަމާވާގޮތް ވެއެވެ. މިގޮތަށް ވުމުން އާންމުކޮށް ހުންނަވަރަށް ވުރެ ރަހިމު ބޮޑުކަމަށް ދައްކާނެ އެވެ. ނޫނީ ބޮޑުވާނެ އެވެ. އެންމެ އަވަސްވެގެން ބަނޑަށް 16 ހަފްތާވުމުން ވެސް ފެންދުލީގައި ފެންގިނަކަން ފާހަގަ ކުރެވިދާނެ އެވެ. ނަމަވެސް އާންމު ގޮތެއްގައި މިކަން ފާހަގަވާނީ ނޫނީ ކުރިމަތިވާނީ މާބަނޑު ދުވަސްވަރުގެ ފަހު ½ ގައެވެ. މިއީ ވަރަށް މަދުން ދިމާވާ ހާލަތެއް ނަމަވެސް މާބަނޑުވާ ކޮންމެ މީހަކަށްމެ މިކަން ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

 

ފެންދުލި އަދި އެމްނީއޯޓިކް ފެން

ފެންދުއްޔަކީ ތުއްތު ދަރިފުޅުގެ ރައްކާތެރިކަމަށް ބަނޑުގައި އޮންނަ ތުއްތު ދަރިފުޅު ގެ ވަށައިގެން ލެވިފައިވާ ދުއްޔެކެވެ. އެމްނީއޯޓިކް ފެނަކީ މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅުގެ ރައްކާތެރިކަމަށް ތުއްތު ދަރިފުޅުގެ ވަށައިގެން އޮންނަ ފެންދުލީގެ ތެރޭގައި ހުންނަ ފެނެކެވެ. ނުވަތަ ދިޔަ އެކެވެ. ރަހިމުގެ ތެރޭގައި ތުއްތު ދަރިފުޅު، ފެންމަތީއޮވެ، އަރާމުކޮށް، ހެދިބޮޑުވަނީ ދުއްޔެއްގެ ތެރޭގައެވެ. މިދުއްޔަށް ކިޔަނީ ފެންދުލި އެވެ. ނުވަތަ އެމްނީއޯޓިކް ސެކް އެވެ. ފެންދުލީގެ ތެރޭގައި ހުންނަ ފެނަކީ ސާފު ދިޔައެކެވެ. މިއީ ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށާއި، ކެއުންބުއިމަށް ނޫނީ ކާނާ ހޯދުމަށް މުހިއްމު ދިޔަ އެކެވެ.

 

ފެންދުލީގައި ފެން ހުންނަށްޖެހޭ މިންވަރު

ޠަބީއީ ހާލަތްތަކުގައި ބަނޑަށް ގާތްގަޑަކަށް 32-34 ހަފުތާވަންދެން ފެންދުލީގައި ހުންނަ ފެން ދާނީ މަޑުމަޑުން އިތުރުވަމުންނެވެ. މިހާހިސާބުގައި ބަނޑުގެ ހަތަރުބައިކުޅަ އެއްބަޔަކީ މިފެނެވެ. މާބަނޑުވެ ބަނޑަށް 34 ހަފްތާ ފުރޭއިރު ފެންދުލީގައި ގާތްގަނޑަކަށް 800 މިލިލިޓަރުގެ ފެން ނުވަތަ ދިޔަ ހުންނާނެ އެވެ. ބައެއް ރިފަރެންސް ތަކުގައި ބަނޑަށް 36 ހަފްތާ ފުރޭއިރު 1000-880 އެމްއެލް އާއި ދެމެދުގެ މިންވަރަކަށް ދިޔަ ހުންނަކަމަށް ބަޔާންކޮށްފައި ވެއެވެ. އެއަށްފަހު ވިހަންދެން ދެންދާނީ މަޑުމަޑުން މަދުވަމުންނެވެ. ނޫނީ ބަނޑަށް 38 ހަފްތާ ހަމަވުމަށްފަހު ވިހަންދެން އެމްނީއޯޓިކް ފެނުގެ މިންވަރު ދާނީ މަޑުމަޑުން މަދުވަމުންނެވެ. އެހެންކަމުން ބަނޑަށް 40 ހަފްތާ ހަމަވާއިރު މިދިޔައިގެ މިންވަރު 600 މިލިލިޓަރަށް މަދުވާނެ އެވެ. ބައެއް ފަހަރު ފެން ދުލީގައި ފެން މާގިނަވެދާނެ އެވެ. މިހާލަތަށް ކިޔަނީ "ޕޮލީހައިޑްރަމްނީއޯސް"(polyhydramnios) އެވެ. އަނެއްބައި ފަހަރު ފެންދުލީގައި ފެން މާމަދުވެދާނެ އެވެ. މިހާލަތަށް ކިޔަނީ "އޮލިގޯހައިޑްރަމްނީއޯސް"(oligohydramnios) އެވެ. އެއްވެސް އިރެއްގައި ހިސާބަށް ވުރެ ފެން ގިނަވެއްޖެ ނަމަ ނުވަތަ މަދުވެއްޖެނަމަ ޑޮކުޓަރަކަށް ދައްކައިގެން ސްކޭންކޮށް ބަލަން ޖެހޭނެއެވެ.

ފެންދުލީގެ ވަޒީފާ

ފެންދުލީގެ ވަޒީފާގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ބަނޑަށް ނޫނީ ރަހިމަށް ލިބޭ އަނިޔާތަކުން ތުއްތު ދަރިފުޅު ހިމާޔަތްކުރުން

·         ފޫޅުދަނޑި ފިތި ގޮށްޖެހުނަ ނުދިނުން

·         ރަހިމުގެ އެތެރޭގެ ފިނިހޫނުމިން އެއްހަމައެއްގައި ހިފެހެއްޓުން

·         ބަލިތަކުން ދަރިފުޅު ސަލާމަތްކުރުން

·         ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ މަސްތަކާއި ކަށިތައް ހެދިބޮޑުވެ، ވަރުގަދަވުމަށް ބޭނުންވާ ހަރަކާތްތަކަށް ފުރުޞަތު ހޯދައިދިނުން

·         ހަޖަމުކުރާ ނިޒާމް އަދި ނޭވާލާ ނިޒާމް ފުރިހަމަކުރުމަށް އެހީތެރިވެދިނުން

 

އެމްނީއޯޓިކް ފެން އުފެއްދުން ނޫނީ އުފެދުން

އެމްނީއޯޓިކް ފެން އުފެއްދުމުގެ ދައުރުގައި މައިމީހާއާއި ކުޑަދަރިފުޅުވެސް ބައިވެރިވެއެވެ. ބަލިވެއިނދެ ފުރަތަމަ 14 ހަފުތާގައި މިފެން އުފައްދަނީ މައިމީހާގެ ލެއިންނެވެ. އެއަށްފަހު މައިމީހާގެ ލޭގެ އިތުރުން ކުޑަދަރިފުޅުގެ ކުޑަކަމުދާ އެއްޗެތިންނެވެ. އަދި މިފެނުގެ ބޮޑުބަޔަކީވެސް ދަރިފުޅުގެ ކުޑަކަމުދާ އެއްޗިއްސެވެ. މިފެން އަބަދުވެސް ހުންނަނީ ދައުރުވެ ދައުރުވެއެވެ. އަދި ދުވާލަކު އެތައްފަހަރަކު ހުންނަނީ އާވެއާވެއެވެ. މިކަމުގައި ދަރިފުޅު ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. އެއީ ހަތަރުފަސްމަހުގައި ދަރިފުޅު މިފެން ބުއިމަށްފަހު ކުޑަކަމުދާ އެއްޗެތީގެ ގޮތުގައި ދެވަނަފަހަރަށް އެމްނީއޯޓިކް ފެނުގެތެރެއަށް ބޭރުކޮށްލައެވެ. އަދި މައިމީހާގެ ލޭގެތެރެއަށްވެސް މިފެނުން ބައެއް ފޭދިގެން ދެއެވެ. ވުމާއެކު އަބަދުވެސް މިފެން ހުންނަނީ އާވެއާވެއެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު). އެހެންކަމުން މިފެން އެކަށީގެންވާ ހެޔޮވަރު ވަރެއްގައި ބެހެއްޓުމަށް ދެމައިންގެ ދައުރުވެސް ވަރަށް ބޮޑެވެ. ނަމަވެސް ބައެއްފަހަރު މިނިޒާމަށް އުނިކަން އާދެއެވެ. އާއްމުގޮތެއްގައި ދަރިފުޅުގެ ސަބަބުންނެވެ.އަދި ބައެއްފަހަރު މައިމީހާގެ ސަބަބުންނެވެ. ނަތީޖާއަކަށްވަނީ ފެން ހުންނަން ޖެހޭވަރަށް ވުރެ ގިނަވުމެވެ. ނުވަތަ މަދުވުމެވެ (ޑރ މުޙައްމަދު ފައިޞަލް އަހުމަދު).

 

ފެންދުލީގައި ފެންގިނަވުން ގިނަ ފަހަރު ކުރިމަތިވަނީ އާދައިގެ މިންވަރަކަށެވެ. މިގޮތަށް ދިމާވަނީ މާބަނޑު ދުވަސްވަރުގެ ފަހު ½ ގައި މަޑުމަޑުން ފެންދުލީގައި ފެންޖަމާވެ، ގިނަވުމުންނެވެ. އާދަޔާ ޚިލާފަށް ބޮޑަށް ނޫނީ ނުރައްކާތެރި މިންވަރަކަށް ފެންދުލީގައި ފެންގިނަވުން ކުރިމަތިވެއްޖެނަމަ ނޭވާކުރުވުން، ދުވަސްނުފުރާ ވިހެއުން ފަދަ ކަންތައްތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.

 

ސަބަބު

ފެންދުލީގައި ފެންގިނަވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އުފެދުމުގައި ޢައިބެއްހުރުން : ޚާއްޞަ ތުއްތު ދަރިފުޅުގެ ހަޖަމުކުރާ ނިޒާމް އަދި ނާރުތަކުގެ ނިޒާމަށް އަސަރުކުރާ (މިސާލަކަށް ނިއުރަލް ޓިއުބް ޑިފެކްޓް . ސިކުނޑީގައި ފެންޖަމާވުން ފަދަ) ޢައިބެއްހުރިނަމަ މިފުރުޞަތު އިތުރުވެއެވެ. މިއީ ވަރަށް މަދުންނަމަވެސް ދިމާވާ ކަމެކެވެ. މިހެން ދިމާވަނީ ދަރިފުޅުގެ ހަޖަމް ކުރާ ނިޒާމުގައި ހުންނަ ބައްޔެއްގެ ސަބަބުން މިސާލަކަށް "ޕައިލޯރިކް ސްޓެނޯސިސް"(pyloric stenosis)  ނުވަތަ ޕައިލޯރަސް އޭކިޔޭ ހިސާބު (މައިދާއާއި، ކުޑަގޮހޮރު ގުޅޭ ހިސާބު) ހަނިވެ ހިމަވުން، ތުންފަތް ރަނގަޅަށް ނުއުފެދުން، ތަލި ރަނގަޅަށް ނުއުފެދުން ފަދަ ކަންކަމުގެ ސަބަބުން އެމްނީއޯޓިކް ފެން ނުދިރުވޭގޮތް ވުމުންނެވެ. މިފަދަ ހާލަތުގައި ދަރިފުޅު މިފެން ނުބުޔަސް ކުޑަކަމުދާތީ އެމްނީއޯޓިކް ފެން ދާނީ ގިނަވަމުންނެވެ.

·         މައިމީހާއަށް ހަކުރުބަލި ޖެހިފައި ހުރުން : ހަކުރުބަލި ހުރުމަކީ އެމްނީއޯޓިކް ފެން އުފެދޭ މިންވަރު އިތުރުވާ ސަބަބެކެވެ. އަދި އެކަމަށް ފަރުވާ ކުރުމަށްވެސް އުދަނގޫވާ ކަމެކެވެ. ހަކުރުބަލި ހުރުމަކީ އާދަޔާ ޚިލާފަށް ބަރުދަންއިތުރު ބޮޑު ކުދިންގެ ލިބުމުގެ ފުރުޞަތު އޮންނަ ކަމެކެވެ. އާއްމުގޮތެއްގައި ބަލިވެއިންނައިރު ހަކުރުބަލި ހުންނަ މީހުންގެ ތެރެއިން %10 މީހުންނަށް މިހެން ދިމާވެއެވެ. މާބަނޑު ވުމުގެ ކުރިން ހަކުރުބަލި ހުއްޓަސް، ނޫނީ މާބަނޑުވުމަށް ފަހު ހަކުރު މަތިވިޔަސް މިހިރާސް އިތުރުކުރެއެވެ. ނމަވެސް ހަކުރުބަލި ހުރުމުން ފެންދުލީގައި ފެންގިނަވަނީ ކީއްވެގެންކަން އަދި ސީދާގޮތެއްގައި ހޯދިފައެއް ނުވެއެވެ. މިއީ ފަހަރުގައި ހަކުރުބަލި ހުރުމުން ތުއްތު ދަރިފުޅަށް ހަކުރު ލިބޭ މިންވަރު އިތުރުވެ، އެކަމުގެ ސަބަބުން މާގިނައިން ކުޑަކަމުދާ ތަކެތި އުފައްދާތީ ކުރިމަތިވާ ކަމަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ތުއްތު ދަރިފުޅު ގިނައިން ކުޑަކަމުދާނަމަ، އެމްނީއޯޓިކް ފުލުއިޑް ގެ މިންވަރު އިތުރުވެއެވެ.

·         ނިބޫ އިން ނިބޫއަށް ލޭބަދަލުވުން : އެއްމާބަނޑު ދެބެންނަށް (ނިބޫ ކުދިންނަށް) ބަލިވެ އިނުމުން (ދެކުދިން ހިއްޞާކުރަނީ އެއް ވާމަސް) ނިބޫ ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެ ހަށިގަނޑަށް މާގިނައިން ލޭލިބި، އަނެއް ނިބޫކުއްޖާގެ ހަށިގަނޑަށް ލޭލިބުން މަދުވެއެވެ. ލޭގިނައިން ލިބޭ ކުއްޖާގެ ހަށިގަނޑުން ގިނަވާ ފެން ބޭރުކުރުމަށް ގިނައިން ކުޑަކަމުދާތަކެތި އުފައްދާނެ އެވެ. ގިނައިން ކުޑަކަމުދާތަކެތި އުފެއްދުމަކީ އެމްނިއޯޓިކް ފެން ގިނަވާނެ ކަމެކެވެ. އަދި މިއީ އެއްކުއްޖެއްގެ އެމްނީއޯޓިކް ފެން އަނެއްކުއްޖެއްގެ ފެންދުއްޔަށް ދިއުންވެސް މަދުވެރިވާ ކަމެކެވެ. މިހެން ވުމުން އެއްކުއްޖެއްގެ ފެންދުލީގައި އެމްނީއޯޓިކް ފެން އާދަޔާ ޚިލާފަށް އިތުރުވާއިރު އަނެއްކުއްޖެއްގެ ފެންދުލީގައި އެމްނީއޯޓިކް ފެން އާދަޔާ ޚިލާފަށް މަދުވާގޮތް ދިމާވެއެވެ.

·         އެއްމާބަނޑު ކުދިންނަށް ނުވަތަ އެއަށްވުރެ ގިނަކުދިންނަށް އެއްފަހަރާ ބަލިވެއިނުން: އެއްމާބަނޑު ދެކުދިންނަށް ނުވަތަ އެއަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުމަކީ އެމްނީއޯޓިކް ފެން ގިނަވުމުގެ ނުރައްކާ ވަރަށް ބޮޑުވާ ކަމެކެވެ. އެއީ ގިނަ ކުދިން ތިބުމުން ފުލުއިޑް އުފައްދާ މިންވަރު ވެސް އިތުރުވާނެތީ އެވެ.

·         ތުއްތު ދަރިފުޅުގެ ލޭމަދުވުން (ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ލޭގެ ރަތްސެލްތައް މަދުވުން) : މިހެން ދިމާވަނީ ބައެއްބަލިތަކުގެ ސަބަބުން ދަރިފުޅުގެ ލޭ ވަރަށް ބޮޑަށް ދަށް ވެއްޖެ ނަމައެވެ. މިފަދަހާލަތުގައި ބަނޑުގައިވާ ދަރިފުޅަށް ލޭއަޅަން ޖެހޭނެއެވެ. މިގޮތަށް ލޭމަދުވާން މެދުވެރިވެދާނެ ސަބަބުތަކުގެ ތެރޭގައި އާރުއެޗް ފެކްޓަރ ނުގުޅުމުގެ މައްސަލަތައް އަދި ޕަރވޯވައިރަސް ބީ 19 އިން ޖެހޭ އިންފެކްޝަން ނުވަތަ "ފިފްތު ޑިޒީޒް"(fifth disease) ފަދަ ބަލިތައް ހިމެނެއެވެ. ބަނޑުގައި އޮއްވައި ދަރިފުލަށް ފިފްތު ޑިޒީޒް ގެ އަސަރު ކުރިޔަސް އެއްވެސް ފަރުވާއަކާ ނުލައިވެސް އޭގެ ޒާތުގައި ރަނގަޅުވެ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. 

·         މައިމީހާއާއި، ދަރިފުޅުގެ ލޭ ނުގުޅުން : މިސާލަކަށް މަންމަ އަކީ އާރުއެޗް-ނެގެޓިވް ލޭ އުފުލާ މީހަކަށް ވެފައި، ދަރިފުޅަކީ އާރުއެޗް ޕޮޒިޓިވް ލޭ ހުރި ކުއްޖެއްނަމަ މިހިރާސް އިތުރުވެއެވެ.

·         މާބަނޑު ދުވަސްވަރު އިންފެކްޝަން ހެދުން : މާބަނޑު ދުވަސްވަރު އިންފެކްޝަންތައް އަށަގަތުމަކީ އެކަމުގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އިންފެކްޝަން އަށަގަތުމަށް މަގުފަހިވާނެ ކަމެކެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފެންދުލީގައި ފެންގިނަވުމުގެ ހިރާސް އިތުރުވެއެވެ. މިގޮތުން ފެންދުލީގައި ފެންގިނަވުމުގެ ހިރާސް އިތުރުކޮށްދޭ މައިމީހާއަށް ޖެހޭ އިންފެކްޝަންތަކުގެ ތެރޭގައި ޓޮކްސޯޕްލާޒްމޯސިސް އަދި ސިފިލިސް ފަދަ އިންފެކްޝަންތައް ހިމެނެއެވެ.

·         ވިރާސީގޮތުން ކުރިމަތިވާ މައްސަލަތައް : ވިރާސީގޮތުން އުފެދުމުގައި ކުރިމަތިވާ އުނިކަން މިސާލަކަށް ޑައުން ސިންޑްރޯމް ފަދަ ކުއްޖަކަށް ބަލިވެ އިންނަ ފަހަރުތަކުގައި ނޫނީ ބަލިވެއިނުމުން ފެންދުލީގައި ފެންގިނަވުމުގެ ހިރާސް އިތުރުވާކަން ފާހަގަ ކުރެވެއެވެ. ނޫނީ ފެންދުލީގައި ފެންގިނަ ނަމަ ފަހަރުގައި އެއީ ވާރުތަވާ ބައްޔެއް (މިސާލަކަށް ޑައުން ސިންޑްރޯމް، އެޑްވަޑް ސިންޑްރޯމް އަދި ސްޕައިނާ ބިފިޑާ ފަދަ މައްސަލައެއް) ހުރުމުގެ ނިޝާނަކަށް ވުސް އެކަށީގެން ވެއެވެ.

·         އެހެނިހެން މައްސަލަތައް : އެގޮތުން ތުއްތު ދަރިފުޅުގެ ހިތުގެ މައްސަލަތައް ، ނޫނީ ބަނޑުގެ މައްސަލަތައް ހުރުމަކީ ފެންދުލީގައި ފެން ގިނަވުމަށް މަގުފަހިވެދާނެ ކަމެކެވެ.

ނަމަވެސް ގިނަ ފަހަރު ފެންދުލީގައި ފެންގިނަވާން ދިމާވި ސަބަބު ނުހޯދެއެވެ.

 

އަލާމާތްތައް

ފެންދުލީގައި ފެންގިނަވުމުގެ އަލާމަތްތައް އުފެދިގެން އަންނަނީ ރަހިމުގެ އެތެރޭގެ ޕްރެޝަރާއި، ކައިރީގައިވާ ގުނަވަންތަކަށް އެޕްރެޝަރުން ކުރާ އަސަރުންނެވެ. އާދައިގެ ވަރަކަށް ފެންދުލީގައި ފެންގިނަވުމުން މާގިނަ އަލާމާތްތަކެއް ނުފެނިދާނެ އެވެ. ނަމަވެސް ނުރައްކާތެރި މިންވަރަކަށް ފެންދުލީގައި ފެންގިނަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ނޭވާކުރުވުން ނޫނީ ނޭވާލާން ނުކުޅެދުން ނޫނީ ނޭވާލާން އުދަނގޫވުން

·         ފަޔާއި، ފަލަމަސްގަނޑު، ޅިނދު، ތަބިކަށި، އަދި ފައިތިލަ ފޮއްސިވެ ދުޅަވުން  

·         ބަނޑުފުއްޕުން ނޫނީ ހިސާބަށްވުރެ އަވަހަށް ބަނޑުބޮޑުވުން

·         ރަހިމުގެ ހަރަކާތްތައް އިތުރުވުން

·         ކުއްޖާ އޮންނަ ގޮތް ބަދަލުވުން : މިސާލަކަށް ކުއްޖާ ހުރަހަށް އޮތުން / ބޯކޮޅު ވަތަށްއޮތުން

·         ބުރަކަށީގައި ރިހުން

·         ބަނޑަށް އުދަނގޫވުން / ބަނޑަށް ވާންވުން

·         ބަނޑުހަރުވުން

·         ކުޑަކަމު ނަޖިސް އުފެއްދުން މަދުވުން

·         ފަރުޖު ބޮޑުވުން

·         ރަހިމު ބޮޑުވުން

ފެންދުލީގައި ފެންގިނަވުމުގެ އަލާމާތްތައް ހުރެއްޖެނަމަ ސްކޭންކޮށްގެން ބަލައި ޗެކު ކުރަން ޖެހޭނެއެވެ. ސްކޭން ކުރާއިރު އެންމެ ބޮޑަށް ފެންހުރިދިމާލެއް ބަލައި ތަފާތު ދިމަދިމާލުން މިންއަޅާނެއެވެ. ޠަބީއީކޮށް ހުންނަން ޖެހޭނީ 5-52 ސެންޓިމީޓަރެވެ. 52 ސެންޓިމީޓަރަށްވުރެ އެއްވެސް ދިމާލެއްގައި ބޮޑުނަމަ އެހުރީ އެމްނިއޮޓިކު ފެން ހުންނަންވާ ވަރަށްވުރެ ގިނަވެފައެވެ (ޑރ މުހައްމަދު ފައިޞަލް އަހުމަދު).

 

ދިމާވެދާނެ ނުރައްކާތައް

·         ދުވަސްނުފުރާ ވިހެއުން ނޫނީ  ދުވަސްނުފުރާ އުފަންވުން

·         ފެންދުލި މާއަވަހަށް ފަޅައިގެންދިއުން

·         ވިހެއުމުގެ ކުރިން ރަހިމުން މަސް ވަކިވުން

·         ފޫޅުދަނޑި (ރަހިމުން ބޭރަށް، ދަރިފުޅުގެކުރިން) ނިކުތުން ނުވަތަ ފޭބުން

·         ސިޒޭރިއަން ހަދަންޖެހުން

·         ތުއްތު ދަރިފުޅު ބަނޑަށް މަރުވުން

·         ވިހެއުމަށްފަހު ވަރަށް ގިނައިން ލޭފޭބުން

·         ތުއްތު ދަރިފުޅު ރަހިމުގައި ފައިކޮޅު ތިރިއަށް ނޫނީ ހުރަހަށްވާގޮތަށް އޮތުން

ފެންދުލީގައި ފެން ގިނަވުމަކީ ވަރަށްގިނަ ފަހަރު ދަރިފުޅަށްވުރެ ކުރިން ފޫޅުގަނޑު ފައިބަންދިމާވާ ސަބަބެކެވެ. މިގޮތަށް ފޫޅުގަނޑު ކުރިން ފެއިބުމަކީ ފޫޅުގަނޑު ފިތި ދަރިފުޅަށް ލޭ ގެންގޮސްދިނުން ހުއްޓުވާ ކަމެކެވެ. އަދި ވަގުތުން ފިޔަވަޅު ނޭޅިއްޖެނަމަ ދަރިފުޅުގެ ފުރާނައަށް ނުރައްކާވާ ކަމެކެވެ. އަދި ފެނދުޅި ފަޅައިގެން ދިއުމާއިއެކު ދަރިފުޅު ވިހެއުމުގެ ކުރިން މަސް ރަހިމުން ވަކިވުމަކީވެސް މިފަދަ ހާލަތުގައި ވުން ވަރަށް ގާތް ކަމެކެވެ.

 

ދެނެގަތުން

މާބަނޑު މީހާގެ ކިބައިގައި މާބަނޑު ދުވަސްވަރު ފެންދުލީގައި ފެންގިނަހެން ހީވާނަމަ، އަލްޓްރާ ސައުންޑް ސްކޭން ހެދުމަށް ޑޮކްޓަރުން ލަފާދޭނެ އެވެ. ނޫނީ ސްކޭންކޮށްގެން ބަލައި ޗެކުކުރާނެއެވެ. ނޫނީ ޗެކުކުރަން ޖެހޭނެ އެވެ. ސްކޭންކުރާއިރު ދަރިފުޅުގެ ހަށިގަނޑުގައި ޢައިބެއް ހުރިތޯ އަދި ވެސް އެހެން އެއްވެސް މައްސަލައެއް ނޫނީ ތަފާތު ކަމެއް ފާހަގަވޭތޯ ޑޮކްޓަރުން ބަލައި ޗެކުކުރާނެ އެވެ. ފުރަތަމަ ހަދާ ސްކޭން އިން ފެންދުލީގައި ފެންގިނަ ކަމުގެ ނިޝާނެއް ފާހަގަވާނަމަ އަންނަނިވި ޓެސްޓުތައް ހެދުމަށް އިރުޝާދު ދޭނެއެވެ.

 

(ހ) އެމްނީއޯޓިކް ފުލުއިޑް ވޮލިއުމް ބެލުން (amniotic fluid volume) ނުވަތަ މެކްސިމަމް ވާޓިކަލް ޕޮކެޓް ބެލުން(MPV): މިވޮލިއުމް ނުވަތަ މިން މިންކުރަނީ ސްކޭންގެ އެހީގައި ތުއްތު ދަރިފުޅުގެ ވަށައިގެން އިންނަ އެންމެ ބޮޑު، އެންމެ ފުން ފުލުއިޑް ޕޮކެޓްގެ (ޕޮކެޓްގައި ފޫޅުދަނޑި ނޫނީ ތުއްތު ދަރިފުޅުގެ ބައެއް ނުހިމެނޭގޮތަށް އިން ޕޮކެޓެއް) މިން ވާޓިކަލްކޮށް ބަލައިގެންނެވެ. އެމްނީއޯޓިކް ފުލުއިޑް ވޮލިއުމް ނޫނީ މެކްސިމަމް ވާޓިކަލް ޕޮކެޓްގެ މިން 8 ސމ ނުވަތަ އެއަށްވުރެ މަތިނަމަ އެއިން ދައްކައިދެނީ ފެންދުލީގައި ފެން ގިނަ ކަމެވެ.

 

(ށ) އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް ބެލުން (amniotic fluid index): މިއިންޑެކްސް ހޯދާނެ ގޮތަކީ ރަހިމު އެއްވަރަކަށް 4 ބަޔަށް ބަހާލުމަށްފަހު ކޮންމެ ހިސާބެއްގައި އިންނަ އެންމެ ބޮޑު  ފުލުއިޑް ޕޮކެޓްގެ މިން ވާޓިކަލްކޮށް ބެލުމެވެ. މިހުރިހާ ޕޮކެޓެއްގެ ވޮލިއުމް އެއްކޮށްލުމުން އަންނަ މިންވަރަކީ އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް އެވެ. މާބަނޑު ދުވަސްވަރުގެ ފަހު 3 މަހުގެ ތެރޭގައި އެމްނީއޯޓިކް ފުލުއިޑް ހުންނަޖެހޭ މިންގަނޑަކީ 25-5 ސމ އާއި ދެމެދުގައެވެ. އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް 25 ސމ ނުވަތަ އެއަށްވުރެ މަތިނަމަ އެއިން އަންގައިދެނީ ފެންދުލީގައި ފެންގިނަ ކަމެވެ.

 

އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް އަށް ބަލައި ފެންދުލީގައި ފެންގިނަވުން ބަހާލެވިފައިވާގޮތް ތިރީގައި މިވަނީ އެވެ.

(ހ) އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް 24ސމ - 29.9ސމ އާއި ދެމެދުގައި ހުރުން : މިއީ އާދައިގެ ވަރަކަށް ފެންދުލީގައި ފެންގިނަވުމެވެ. ގިނަ ހާލަތްތައް ފެތެނީ މި ގިންތިއަށެވެ.

(ށ) އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް 30ސމ – 34.9 ސމ އާއި ދެމެދުގައި ހުރުން : މިއީ މެދު މިންވަރަކަށް ފެންދުލީގައި ފެންގިނަވުމެވެ. ގާތްގަނޑަކަށް %20 މީހުން ފެތެނީ މިގިންތި އަށެވެ.

(ނ) އެމްނީއޯޓިކް ފުލުއިޑް އިންޑެކްސް 35ސމ އަށްވުރެ މަތީގައި ހުރުން : މިއީ ނުރައްކާތެރި މިންވަރަކަށް ފެންދުލީގައި ފެންގިނަވުމެވެ. ގާތްގަނޑަކަށް %15 މީހުން ފެތެނީ މިގިންތި އަށެވެ.

 

ފެންފުލީގައި ފެންގިނަކަން ޔަގީންކުރުމަށްފަހު އިތުރު ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ. އެގޮތުން  ހެދޭ ޓެސްޓުތައް ބަރޯސާވަނީ، ކުރިމަތިވެފައިވާ ހިރާސްތައް، އިންފެކްޝަނަށް ހުށަހެޅުން އަދި ތުއްތު ދަރިފުޅުގެ ޞިއްޙީ ހާލަތެއްގެ މައްޗަށެވެ. އާންމުކޮށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

 

(ނ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތައް ހަދަނީ އެއްވެސް ކަހަލަ އިންފެކްޝަނެއްގެ އަސަރު ހުރިތޯ ބެލުމަށެވެ.

(ރ) އެމްނީއޯސިންޓީސިސް (amniocentesis): މީގެ މާނައަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުން އުފައްދާ ކެމިކަލްތަކާއި، ތުއްތު ދަރިފުޅުގެ ސެލް ތައް އެކުލެވޭ އެމްނީއޯޓިކް ފުލުއިޑް ގެ ސާމްޕަލް އެއް ޓެސްޓުކުރުމަށްޓަކައި ތިނޯހެއް ފަދަ އެއްޗަކުން ނުވަތަ ކަށްޓެއް ކޮށްޕައިގެން ނުވަތަ ބޭނުންކޮށްގެން ފެންދުލިން ނެގުމެވެ.  މިޓެސްޓު ހެދުމަށްޓަކައި ބަނޑުން ތިނޯސް އެތެރެއަށް ކޮށްޕާއިރު، އަލްޓްރާ ސައުންޑްގެ އެހީގައި ބަލަމުން ގެންދާނެއެވެ. އެއީ ތިނޯސް ނުވަތަ ކަށިން ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ބީހުނަ ނުދިނުމަށްޓަކައެވެ. ފަރުވާތެރިކަމާއެކު ބަނޑާއި ރަހިމުގެ ތެރެއިން ތިނޯސް ފެންދުއްޔަށް ފޯރުވައެވެ. އެއަށްފަހު ބޭނުންވާ މިންވަރުގެ ސާމްޕަލް އެއް ނެގެއެވެ. މި ސާމްޕަލް ނަގައިގެން ކުރާކަމަކީ "ކެރިޔޯޓައިޕް އެނަލިސިސް"(karyotype analysis) އެވެ. މިއީ ތުއްތު ދަރިފުޅުގެ ކިބައިގައި ކްރޯމޯސޯމް ގެ މައްސަލަ އެއް ހުރިތޯ ބެލުމަށް ކުރެވޭ ތަހުލީލެކެވެ.  

 

މީގެ އިތުރުން ފެންދުލީގައި ފެންގިނަކަން ފާހަގަވާ ހިސާބުން މޮނިޓަރ ކުރުމުގެ ގޮތުން އަންނަނިވި ކަންތައްތައް ކުރާނެއެވެ.

(ހ) ނަން ސްޓްރެސް ޓެސްޓު(nonstress test) : މިއީ ތުއްތު ދަރިފުޅު ހަރަކާތަށް ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު އިޖާބަދޭގޮތް ބެލުމަށް ހެދޭ ޓެސްޓެކެވެ. ނޫނީ ހަރަކާތް ކުރާއިރު ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު ހުރި މިންވަރު ބެލުމަށް ހެދޭ ޓެސްޓެކެވެ. މިޓެސްޓު ހެދުމަށް މައިމީހާގެ ބަނޑުގައި ޚާއްޞަ ޑިވައިސް އެއް ހަރުކުރާނެއެވެ. އެއަށްފަހަ ތުއްތު ދަރިފުޅު ހަރަކާތްތެރި ކުރުވުމަށްޓަކައި އެއްޗެއް ކެއުމަށް ނުވަތަ ބުއިމަށް ލަފާދޭނެ އެވެ. މީގެ އިތުރުން މި ޑިވައިސް އެހީގައި ބަނޑުގައިވާ ތުއްތު ދަރިފުޅު ހޭލައްވައި ހަރަކާތްތެރިވުމަށް ވެސް ހިތްވަރުދޭނެ އެވެ. 

(ށ) ބަޔޯފިޒިކަލް ޕްރޮފައިލް (biophysical profile): ބަޔޯފިޒިކަލް ޕްރޮފައިލްގައި އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތުއްތު ކުއްޖާ ނޭވާލާ މިންވަރު، ހަރަކާތް، މަސްތަކުގެ ޓޯން ހުރި މިންވަރު އަދި ފެންދުލީގައި ފެން ހުރި މިންވަރު ބެލޭނެއެވެ. ބައެއް ފަހަރު ނަން ސްޓްރެސް ޓެސްޓާ އެކު ވެސް މިޓެސްޓު ހަދައިފާނެ އެވެ.

ފަރުވާ

ފެންދުލީގައި ފެންގިނަވުން އާދައިގެ ވަރަކަށް ކުރިމަތިވިނަމަ، މާބޮޑު ފަރުވާއެއް ބޭނުމެއް ނުވާނެއެވެ. ގިނަ ފަހަރު އޭގެ ޒާތުގައި އެކަން ރަނގަޅުވެ ހިނގައިދާނެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މިސާލަކަށް މައިމީހާއަށް ހަކުރުބަލި ޖެހިފައިވުން ފަދަ ހާލަތްތަކުގައި ފެންދުލީގައި ފެންގިނަވުން ރަނގަޅުކުރުމަށް ފަހަރުގައި އެހީތެރިކަން ހޯދަންޖެހިދާނެ އެވެ. މިހާލަތުގައި ސްކޭންކޮށް ދަރިފުޅާއި މައިމީހާގެ ހާލަތު ބަލަމުން ގެންދިއުމަކީ މުހިއްމު ކަމެކެވެ.  

 

ފެންދުލީގައި ފެންގިނަވުމުގެ ސަބަބުން ނޭވާކުރުވެ، ބަނޑުގައި ރިއްސައި، ދުވަސް ހަމަނުވަނީސް ވިހެއުމުގެ ވޭންވަރު އިހުސާސް ވާހެން ހީވާނަމަ ހަސްފަތާލުގައި އެދުމަތިކޮށްގެން ފަރުވާ ދޭންޖެހިދާނެ އެވެ. އެގޮތުން އާންމު ގޮތެއްގައި ފެންދުލީގައި ފެންގިނަވުމުން ދެވިދާނެ ފަރުވާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

(ހ) ގިނަވެފައި ހުރި ފެންތައް ނެގުން : ފެންދުލިން ގިނަވެފައި ހުރި ފެންތައް ނަގަނީ "އެމްނީއޯސިންޓީސިސް" ގެ އެހީގައެވެ. އެމްނީއޯސިނެޓީސިސް ގެ މާނައަކީ ތުއްތު ދަރިފުޅުގެ ހަށިގަނޑުން އުފައްދާ ކެމިކަލްތަކާއި، ތުއްތު ދަރިފުޅުގެ ސެލް ތައް އެކުލެވޭ އެމްނީއޯޓިކް ފުލުއިޑް ގެ ސާމްޕަލް އެއް ޓެސްޓުކުރުމަށްޓަކައި ތިނޯހެއް ފަދަ އެއްޗަކުން ނުވަތަ ކަށްޓެއް ކޮށްޕައިގެން ނުވަތަ ބޭނުންކޮށްގެން ފެންދުލިން ނެގުމެވެ.  މިޓެސްޓު ހެދުމަށްޓަކައި ބަނޑުން ތިނޯސް އެތެރެއަށް ކޮށްޕާއިރު، އަލްޓްރާ ސައުންޑްގެ އެހީގައި ބަލަމުން ގެންދާނެއެވެ. އެއީ ތިނޯސް ނުވަތަ ކަށިން ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި ބީހުނަ ނުދިނުމަށްޓަކައެވެ. ފަރުވާތެރިކަމާއެކު ބަނޑާއި ރަހިމުގެ ތެރެއިން ތިނޯސް ފެންދުއްޔަށް ފޯރުވައެވެ. އެއަށްފަހު ގިނަވެފައިވާ ފެންތައް ފެންދުލިން ނެގެއެވެ.  މިއިޖުރާއާތުގެ ތެރޭގައި ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި ދުވަސްނުފުރާ ވިހެއުން، ފެންދުލި ފަޅައިގެން ދިއުން އަދި ރަހިމުން މަސްވަކިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ށ) ބޭސް ބޭނުންކުރުން : ތުއްތު ދަރިފުޅު ކުޑަކަމުނަޖިސް އުފައްދާ މިންވަރު މަދުކުރުމަށް އެހީތެރިވުމަށާއި އެމްނީއޯޓިކް ފުލުއިޑް ގެ މިންވަރު މަދުކުރުމަށް ބައެއް ފަހަރު ބޭހެއްގެ ގޮތުގައި އިންޑޯމެތަސިން(indomethacin)  ބޭނުންކުރަންޖެހިދާނެ އެވެ. ނަމަވެސް ބަނޑަށް 31 ހަފްތާވުމަށްފަހު އިންޑޯމެތަސިން ބޭނުންކުރުން އެދެވިގެން ނުވެއެވެ. ހިތުގެ މައްސަލަ ދިމާވުމުގެ ފުރުޞަތު އޮންނާތީ އިންޑޯމެތަސިން ބޭނުންކުރާ ދުވަސްވަރު ތުއްތު ދަރިފުޅުގެ ހިތުގެ ހާލަތު "ފީޓަލް އެންޑޯކާޑިއޯގްރާމް"(fetal echocardiogram)، އަދި "ޑޮޕްލަރ އަލްޓްރާ ސައުންޑް"(Doppler ultrasound)  ގެ އެހީގައި ބަލަމުން ގެންދިއުމަކީ ބޭނުންތެރި ކަމެކެވެ. އިންޑޯމެތަސިން ބޭނުންކުރުމުން ދިމާވެދާނެ އެހެނިހެން ނޭދެވޭ އަސަރުތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮޑުލެވުން، ބަނޑަށް އުދަނގޫވުން އަދި މަތިންއެރުން ފަދަ ކަންތައްތައް ހިމެނެއެވެ.

 

އިންޑޯމެތަސިން ބޭނުންކޮށްގެން ފަރުވާ ދިނުމަށްފަހު ވެސް ކޮންމެ 3 ހަފްތާއަކުން އެއް ފަހަރު ފެންދުލީގައި ފެންހުރި މިންވަރު ބަލަމުން ގެންދާނެ އެވެ. އާދައިގެ ވަރަކުން ފެށިގެން މެދު މިންވަރަކަށް ފެންދުލީގައި ފެންގިނަވެފައިވާނަމަ، ވިހެއުމާއި ހަމައަށް ވެސް އިތުރު މައްސަލައެއް ދިމާވުމަކާ ނުލައި ހިފަހައްޓާލުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް ނުރައްކާތެރި މިންވަރަކަށް ފެންދުލީގައި ފެންގިނަވެފައިވާނަމަ، ތުއްތު  ދަރިފުޅާއި މައިމީހާގެ ރައްކާތެރިކަމަށްޓަކައި ދުރާލާ ވިހާނެ، ނޫނީ ވިއްސާނެ، ނޫނީ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގާނެ ތާރީޚެއް ކަނޑައަޅާނެ އެވެ.

(ނ) ބެޑް ރެސްޓުކުރުން : ނުރައްކާތެރި މިންވަރަކަށް ފެންދުލީގައި ފެންގިނަވެފައިވާނަމަ ފަހަރުގައި ވިހަންދެން ބެޑް ރެސްޓުކުރުމަށް ޑޮކްޓަރުން ލަފާދީފާނެއެވެ.

(ރ) އަވަހަށް ވިއްސުވުން : ދަރިފުޅާއި މައިމީހާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިމާވެފައިވާ ހާލަތަށް ރިއާޔަތްކޮށް ފަހަރުގައި ތަންކޮޅެއް އަވަހަށް ވިއްސުވައިފާނެ އެވެ. ނޫނީ އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގައިފާނެ އެވެ. 

 

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

 

ހަވާލާ

·         https://www.mayoclinic.org/diseases-conditions/polyhydramnios/symptoms-causes/syc-20368493

·         https://my.clevelandclinic.org/health/diseases/17852-polyhydramnios

·         https://www.webmd.com/baby/what-to-know-about-polyhydramnios

·         https://www.ncbi.nlm.nih.gov/pmc/articles/PMC3964358/

·         https://www.babycenter.com/pregnancy/health-and-safety/excessive-amniotic-fluid-polyhydramnios_1200199

·         https://www.babycentre.co.uk/a551936/polyhydramnios

  

No comments:

Post a Comment