Monday, August 15, 2022

މާބަނޑު ދުވަސްވަރު : ފެންދުލި މާއަވަހަށް ފަޅައިގެންދިއުން

 

މާބަނޑު ދުވަސްވަރު : ފެންދުލި މާއަވަހަށް ފަޅައިގެންދިއުން

ފެންދުލި މާވައަހަށް ފަޅައިގެންދިއުން  (preterm premature rupture of membrane / PPROM)  މާނަކުރެވެނީ ވިހެއުމުގެ ވޭންވަރު އައުމުގެ ކުރިން ފެންދުލި ފަޅައިގެން ގޮސް ފެންފޭބުމަށެވެ. ނުވަތަ ފެން ލީކުވުމަށެވެ. ނުވަތަ ބަނޑަށް 37 ހަފްތާ ފުރުމުގެ ކުރިން ފެންދުލި ފަޅައިގެންދިއުމެވެ. ފެންދުލި މާއަވަހަށް ފަޅައިގެންދިއުމަކީ ފެންދުލިން ފެން ބޭރުވެ، ދުވަސްނުފުރާ ވިހެއުން ނޫނީ ދުވަސްނުފުރާ އުފަންވުން ކުރިމަތި ކުރުވާނެ ކަމެކެވެ. އަދި އިންފެކްޝަން އުފެދުމަށް މަގުފަހިވާނެ ކަމެކެވެ.

ދުވަސްފުރިފައި ވަނިކޮށް ވެސް ފެންދުލި ފަޅައިގެން ހިނގައިދާނެއެވެ. އަނެއްބައި ފަހަރު ދުވަސް ނުފުރެނީސް ވެސް ފެންދުލި ފަޅައިގެން ހިނގައިދާނެ އެވެ. ދުވަސް ނުފުރެނީސް ފެންދުލި ފަޅައިގެން ހިނގައްޖެނަމަ ދުވަސް ނުފުރާ ވިހާނެ އެވެ. މާބަނޑުވާ %10-8 މީހުންނަށް ފެންދުލި މާއަވަހަށް ފަޅައިގެން ދިއުމުގެ މައްސަލަ ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ. ދުވަސްނުފުރާ ވިހެއުން 1/3 މީހުންނަށް ކުރިމަތިވަނީ ފެންދުލި މާއަވަހަށް ފަޅައިގެން ގޮސްކަން ފާހަގަ ކުރެވެއެވެ.

ސަބަބު

ފެންދުލި މާވައަހަށް ފަޅައިގެންދާ ސީދާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ދުވަސްފުރި ވިހަން ކައިރިވުމުނ ފެންދުލި ފަޅައިގެންދަނީ ތަބީޢީ ގޮތުން ފެންދުލި ދެރަވުމުން، ނޫނީ ރަހިމުގެ ހަރަކާތާއެކު އަންނަ ބާރު ގެ ސަބަބުން ކަމަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ދުވަސްފުރުމުގެ ކުރިން ފެންދުލި ފަޅައިގެންދާ މައިގަނޑު އެއް ސަބަބަކީ މައިމީހާގެ ރަހިމުގައި އިންފެކްޝަން އަށަގަތުމެވެ.


މަގުފަހިކުރާ ކަންތައްތައް

ފެންދުލި މާއަވަހަށް ފަޅައިގެންދިއުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ކުރީ ފަހަރަކު ބަލިވެއިން އިރު ދުވަސްނުފުރާ ވިހެއުން

·         މައިމީހާގެ ނަސްލު އުފައްދާ ނިޒާމުގައި އިންފެކްޝަން ހެދިފައި ހުރުން : މައިމީހާގެ ކިބައިގައި އިންފެކްޝަން ހުރުން (އެންމެ އާންމުކޮށް އިންފެކްޝަން އުފައްދަނީ އީކޮލައި އަދި ގުރޫޕް ބީ ސްޓްރެޕްޓޮކޯކަސް ގުރޫޕްގެ ބެކްޓީރިޔާތަކުން) ނޫނީ ދަރިފުޅުގެ ކިބައިގައި އިންފެކްޝަން ހުރުން ފަދަ ކަމަކުން ވެސް ފެންދުލި މާއަވަހަށް ފަޅައިގެން ދިއުމަށް މެދުވެރިވެދާނެ އެވެ.

·         މާބަނޑު ދުވަސްވަރު ކުރިމަތި ފަރާތުން ލޭފޭބުން : ޚާއްޞަކޮށް ފަހު 6 މަހުގައި މިގޮތަށް ލޭފޭބުމަކީ ފެންދުލި އަވަހަށް ފަޅައިގެން ދިއުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

·         މައިމީހާގެ ކިބައިގައި ހުންނަ ނޭދެވޭ އާދަތައް : މިސާލަކަށް މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުން ނުވަތަ މަސްތުވާ ތަކެތި ބޭނުންކުރުމަކީ ފެންދުލި މާއަވަހަށް ފަޅައިގެންދިއުމަށް މަގުފަހިވެދާނެ ކަމެކެވެ.

·         ދިރިއުޅުމުގެ ފެންވަރު ދަށްވުން : މިފަދަ މީހުންނަށް ގިނަ ފަހަރު އެކަށޭނަ ޞިއްޙީ ފަރުވާ މާބަނޑު ދުވަސްވަރު ނުލިބެއެވެ. ނޫނީ ނުހޯދައެވެ. އޭގެ ސަބަބުން ތަފާތު މައްސަލަތަކަށް މަގުފަހިކުރެއެވެ.

·         ޖިންސީގުޅުމުން އަރާ ބައްޔެއް ޖެހުން : މިސާލަކަށް ޖިންސީގުޅުމުން ފެތުރޭ ބަލިތައް ކަމުގައިވާ ކްލަމީޑިޔާ އިންފެކްޝަން އަދި ކިހުނުވުން ފަދަ އިންފެކްޝަންތަކުގެ ސަބަބުން ފެންދުލި މާއަވަހަށް ފަޅައިގެންދިއުން މެދުވެރިވުމަކީ އެކަށީގްންވާ ކަމެކެވެ.

·         ރަހިމު ފުޅާވުން : ފެންދުލީގައި ފެންގިނަވުން، ނުވަތަ އެއްފަހަރާ  އެއްކުއްޖަކަށްވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ސަބަބުން ރަހިމު މާބޮޑަށް ފުޅާވެ، ފުފުމަކީ ފަހަރުގައި މާއަވަހަށް ފެންދުލި ފަޅައިގެން ދިއުމަށް މަގުފަހިކޮށްފާނެ ކަމެކެވެ.

އަލާމާތްތައް

ބަލިވެއިނދެ ކޮންމެ ފަހަރަކު ފެންދުލި މާއަވަހަށް ފަޅައިގެންދިއުމުން ފެންނަ އަލާމާތްތައް އެކި ފަހަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ކުރިމަތި ފަރާތުން ކުއްލިއަކަށް ދިޔައެއް ނޫނީ ފެން ފޭބުން

·         ޖިންސީ ގުނަވަނުން ހަޑިއެއްޗެހި އައުން

·         ކުރިމަތި ފަރާތުގައި ނޫނީ ޖަގިޔަލުގައި ތެތްކަން އިހުސާސްވުން

ނުރައްކާތައް

ދުވަސްނުފުރާ އުފަންވާ ނޫނީ ވިހާ ހާލަތްތަކުގައި މާއަވަހަށް ފެންދުލި ފަޅައިގެންދިއުމަކީ އާންމު ކަމެކެވެ. ނޫނީ ނުވެ ނުދާނެ ކަމެކެވެ. އެހެންކަމުން ދުވަސްނުފުރާ އުފަންވާ ކުއްޖަކަށް ދިމާވެދާނެ ހުރިހާ ނުރައްކާތަކެއް ކަހަލަ ގޮތަކަށް މާއަވަހަށް ފެންދުލި ފަޅައިގެން ދިއުމުން ވެސް ކުރިމަތިވުމަކީ ގާތްގަކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ މާއަވަހަށް ފެންދުލި ފަޅައިގެންދިއުމުން ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ދުވަސްނުފުރާ އުފަންވުން ނުވަތަ ދުވަސްނުފުރާ ވިހެއުމެވެ.

ދުވަސްނުފުރާ އުފަންވުމުން ދިމާވެދާނެ ނުރައްކާތައް

ދުވަސްނުފުރާ އުފަންވުމަކީ ތަފާތު ނުރައްކާތައް ތުއްތު ދަރިފުޅަށް ކުރިމަތިކުރުވާނެ ކަމެކެވެ. އެގޮތުން ކުރު މުއްދަތަކަށް ކުރިމަތިވާ ނުރައްކާތަކާއި ދިގުމުއްދަތަކަށް ކުރިމަތިވާ ނުރައްކާތައް ހުރެއެވެ. އާންމު ގޮތެއްގައި ދުވަސްނުފުރާ ވިހެއުން އަވަސްވި (ބަނޑަށް ކުރީކޮޅު (ވިހެއުމާއި ކައިރި ނުވަނީސް ނޫނީ ދުވަސްފުރެން ކައިރި ނުވަނީސް) ދުވަސްނުފުރާ ވިހެއުން) ވަރަކަށް ނުރައްކާތައް ކުރިމަތިވުމުގެ ހިރާސް އިތުރުވާނެއެވެ. މީގެ އިތުރުން ނުރައްކާތައް ކުރިމަތިވުން މެދުވެރިވުމުގައި ކުއްޖާގެ ބަރުދަން ވެސް ދައުރެއް އަދާކުރެއެވެ.

ކުރުމުއްދަތަކަށް ދިމާވާ ނުރައްކާތައް

ދުވަސްނުފުރާ އުފަންވުމަށް ފަހު ފުރަތަމަ ދެތިން ހަފްތާގެ ތެރޭގައި އަންނަނިވި ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ނޭވާލުމުގެ މައްސަލަތައް : މިސާލަކަށް ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް ކުރިމަތިވުން

·         ހިތުގެ މައްސަލަތައް : މިސާލަކަށް ޕޭޓަންޓް ޑަކްޓަސް އާޓަރިއޯސަސް ކުރިމަތިވުން

·         ސިކުނޑިއަށް ދިމާވާ މައްސަލަތައް : މިސާލަކަށް އިންޓްރަވެންޓްރިކިއުލަރ ހިމޮރޭޖް ވުން

·         ފިނިހޫނުމިން ހިފެހެއްޓުމުގައި ދިމާވާ މައްސަލަތައް : މިސާލަކަށް ހައިޕޯތާމިއާ ކުރިމަތިވުން

·         ހަޖަމުކުރާ ނިޒާމްގެ މައްސަލަތައް : މިސާލަކަށް ނެކްރޮޓައިޒިންގ އެންޓީރޯކޮލައިޓިސް ކުރިމަތިވުން

·         ލޭގެ މައްސަލަތައް : މިސާލަކަށް ލޭމަދުވުން ، ރީނދޫވުން

·         މެޓަބޮލިޒަމްގެ މައްސަލަތައް : މިސާލަކަށް ހަކުރު ދަށްވުން

·         ދިފާއީ ނިޒާމުގެ މައްސަލަތައް : މިސާލަކަށް ސްޕްސިސް ވުން

·         ލޮލުގެ މައްސަލަތައް : މިސާލަކަށް ރެޓިނޮޕަތީ އޮފް ޕްރިމެޗުރިޓީ ކުރިމަތިވުން

ދިގުމުއްދަތަކަށް ދިމާވާ ނުރައްކާތައް

ދުވަސްނުފުރާ އުފަންވާ ކުދިންނަށް ދިގުމުއްދަތަކަށް ދެމިގެންދާ ގޮތަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ސެރެބްރަލް ޕަލްސީ ކުރިމަތިވުން

·         އުގެނުމުގެ ނުކުޅެދުންތެރިކަން ކުރިމަތިވުން

·         އަޑުއިވުމުގެ މައްސަލަތައް

·         ފެނުމުގެ މައްސަލަތައް

·         ދަތުގެ މައްސަލަތައް

·         އުޅުމާއި ނަފްސާނީ މައްސަލަތައް

·         ދާޢިމީ ޞިއްޙީ މައްސަލަތައް

 

މާއަވަހަށް ފެންދުލި ފަޅައިގެންދިއުމުން ދިމާވާ ނުރައްކާތައް

·         އެމްނީއޯޓިކް ފެނުގައި އިންފެކްޝަން ހެދުން ނުވަތަ ކޮރިއޯއެމްނިއޮނައިޓިސް

·         ރަހިމުން މަސްވަކިވުން

·         ފޫޅުދަނޑީގައި ހުންނަ މައްސަލަތައް : މިސާލަކަށް ފޫޅުދަނޑި ގޮށްޖެހި ފިތުން

·         ތުއްތު ދަރިފުޅު އޮންނަށްޖެހޭ ގޮތް ނޫން އެހެންގޮތަކަށް އޮތުން : މިސާލަކަށް ފައިކޮޅު ތިރިއަށް އޮތުން

·         ސިޒޭރިއަން ހަދަންޖެހުން

·         ވިހެއުމަށް ފަހު ވެސް ކުރިމަތި ފަރާތުގައި އިންފެކްޝަން އަށަގަތުން

·         ތުއްތު ދަރިފުޅަށް ނޭވާލާން އުދަނގޫވެ "ރެސްޕިރޭޓަރީ ޑިސްޓްރެސް ސިންޑްރޯމް" ކުރިމަތިވުން

·         ތުއްތު ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަނުވުން

·         ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލޭއެޅުން

·         ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅު މަރުވުން

 

ދެނެގަތުން

މާއަވަހަށް ފެންދުލި ފަޅައިގެންދިއުން ދެނެގަތުމުގެ ގޮތުން މާބަނޑުމީހާ އާއި ސުވާލުކޮށް ގުޅުންހުރި ތަފާތު މައުލޫމާތުތައް އަހައި އޮޅުން ފިލުވާނެއެވެ. އެއަށްފަހު އަންނަނިވި ކަންތައްތައް ކުރުމާއި، ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ސްޕެކިޔުލަމް އެގްޒަމިނޭޝަން : މިޓެސްޓުގައި ސްޕެކިޔުލަމް އެއްގެ އެހީގައި ކުރިމަތި ފަރާތް ނުވަތަ ޖިންސީ ގުނަވަން ޗެކުކޮށް ހަދާނެއެވެ. އެގޮތުން ރަހިމުގެ ދޮރު ފުޅާވެފައި ހުރި މިންވަރު ބަލާނެއެވެ. މީގެ އިތުރުން ރަހިމުގެ ދޮރުން ފެން ފައިބައިތޯ ވެސް ބަލާނެއެވެ. ފެންދުލި ފަޅައިގެން ގޮސްފައިވާނަމަ ރަހިމުގެ ދޮރުން ފެންފައިބާނެއެވެ. ޓެސްޓު ހެދުމަށްޓަކައި ފެން ކޮޅެއް ނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވިހަން ކައިރިނުވާނަމަ އިގިލި ލައްވައިގެން ޕެލްވިކް އެގްޒާމް މާގިނައިން ހެދުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މިގޮތަށް ބަލައި ހެދުމުން ބައެއް ފަހަރު އިންފެކްޝަން އުފެދުމަށް މަގުފަހިވާތީ އެވެ.

(ށ) ޕީއެޗް (އެސިޑް-ބޭސް) ބެލެންސް ޓެސްޓިންގ : އެމްނީއޯޓިކް ފެނުގެ ޕީއެޗް ބެލެންސް ، ކުޑަކަމުނަޖިސް އަދި ޖިންސީ ގުނަވަނުން އަންނަ ދިޔައިގެ ޕީއެޗް ބެލެންސް އާއި ތަފާތުވާނެއެވެ. ޕީއެޗް ބެލެންސް ބަލަނީ ނެގުނު އެމްނީއޯޓިކް ފެންކޮޅު އެކަމަށް ޚާއްޞަ "ސްޓްރިޕް"(strip) އެއްގެ މައްޗަށް އަޅައި ބަލައި ހަދައިގެންނެވެ.

(ނ) މައިކްރޮސްކޯޕުން ބަލައިހެދުން : ނެގުނު އެމްނީއޯޓިކް ފެނުގެ ސާމްޕަލް މައިކްރޮސްކޯޕްގެ އެހީގައި ބަލައިހެދޭނެ އެވެ. އެގޮތުން ހިކިފައިވާ އެމްނީއޯޓިކް ފެންކޮޅު މައިކްރޮސްކޯޕް ގެ ދަށުން ބެލުމުން ފެންނާނީ "ފާރން"(fern-like) އެއްގެ ސިފަޔަށެވެ.

(ރ) އަލްޓްރާ ސައުންޑް ސްކޭން ހެދުން : ސްކޭންގެ އެހީގައި ފެންދުލީގައި ފެންހުރި މިންވަރު ދެނެގަނެވޭނެ އެވެ. ފެންދުލީގައި ފެންމަދު ނަމަ ފަހަރުގައި ފެންދުލި ފަޅައިގެން ގޮސް ފެން ލީކުވުމުން މަދުވެފައި ހުރިކަމަށް ވުމަކި އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން އަލްޓްރާ ސައުންޑް ސްކޭންގެ އެހީގައި ތުއްތު ދަރިފުޅުގެ ގުނަވަންތައް ހުރިނެތްގޮތް ވެސް ދެނެގަނެވޭނެ އެވެ.  

(ބ) އެމްނީއޯސިންޓީސިސް ހެދުން : މިއީ ސްކޭންގެ އެހީގައި ފެން ދުއްޔަށް ކައްޓެއް ހަރައިގެން އެކަށީގެ އެހީގައި އިންޑިގޯ ކާރމައިން ޑައި ފޮނުވައިގެން ބެލުމެވެ. ޑައި އެގޮތަށް އެމްނީއޯޓިކް ފެނަށް ފޮނުވުމަށް އަންނަ ފެން ޕެޑުގައި ނޫކުލައިގައި ހުރިނަމަ އޭގެ މާނައަކީ ފެންދުލި ފަޅައިގެން ގޮސްފައިވުމެވެ.

(ޅ) ކުއްޖާ ރަހިމުގައި އޮތްގޮތް ނުވަތަ ޕޮޒިޝަން ބެލުން : މިއީ ވެސް މިފަދަ ހާލަތުގައި ވަރަށް މުހިއްމު ކަމެކެވެ.

އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ފާހަގަކުރެވޭނަމަ ފެންދުލި ފަޅައިގެން ގޮސްފައިވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ރަހިމުގެ ދޮރުން އެމްނީއޯޓިކް ފެން ލީކުވުން

·         ކުރިމަތި ފަރާތުން ހަޑިއެއްޗެހި އައުން

ފަރުވާ

މާވަހައަށް ފެންދުލި ފަޅައިގެންދިއުމުން ދެވޭ ފަރުވާ ބިނާވަނީ އަންނަނިވި ކަންތައްތަކުގެ މައްޗަށެވެ.

·         މާބަނޑު ދުވަސްވަރު ކަންތައްތައް ހުރިނެތްގޮތް، ބަނޑަށްވީ ދުވަސް / މައިމީހާގެ ކުރީގެ ޞިއްޙީ ހާލަތު / މައިމީހާގެ އާންމު ދުޅަހެޔޮކަން

·         ކުރިމަތިވެފައިވާ ހާލަތުގެ ނުރައްކާތެރިކަން

·         ވަކި ޚާއްޞަ ބޭހަކަށް، ފަރުވާއަކަށް ނޫނީ އިޖުރާއާތަކަށް ތަހައްމަލުކުރެވޭނެ މިންވަރު

·         ކުރިމަތިވެފައިވާ އުދަނގޫތައް

ހަސްފަތާލުގައި އެދުމަތިކުރުން އަދި ބެޑްރެސްޓުކުރުން

ފެންދުލި މާއަވަހަށް ފަޅައިގެން ގޮސްފިނަމަ، ހަސްފަތާލުގައި އެދުމަތިކޮށް މައިމީހާގެ ހާލަތު ކައިރިން ބަލަމުން ގެންދާނެ އެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ވިހެއުމުގެ ނިޝާންތައް ، ރަހިމުގެ ހަރަކާތްތައް

·         ދަރިފުޅުގެ ތޮޅުން، ހަރަކާތް، ހިތުގެ ވިންދު ، އެހެނިހެން ކަންތައްތައް

·         އިންފެކްޝަންގެ އަލާމާތްތައް : ހުންއައުން، ބަނޑުގައި ރިހުން، ތުއްތު ދަރިފުޅުގެ ހިތުގެ ވިންދު އަވަސްވުން

ބޭސް ބޭނުންކުރުން

ފެންދުލި މާވަހައަށް ފަޅައިގެން ގޮސްފިނަމަ ފަހަރުގައި ތިރީގައިވާ ބޭސްތައް ބޭނުންކުރަން ޖެހުމަކީ ނޫނީ ބޭނުން ކުރުމަށް ލަފާދިނުމަކީ އެކަށީގެންވާ ކަމެކެވެ.

·         ކޯޓިކޯސްޓީރޮއިޑް : މިއީ ތުއްތު ދަރިފުޅުގެ ފުއްޕާމެ ހެދިބޮޑުވެ ފުރިހަމަވުމަށް އެހީތެރިވުމަށްދޭ ބޭހެކެވެ. ދުވަސް ނުފުރާ އުފަންވެއްޖެނަމަ ތުއްތު ދަރިފުޅުގެ ފުއްޕާމޭ ފުރިހަމަނުވެ ހުންނާތީ، އެކަށޭނަ ގޮތުގައި މަސައްކަތް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.

·         އެންޓިބަޔޮޓިކް : މިއީ އިންފެކްޝަނަށް ފަރުވާ ކުރުމަށް ނޫނީ އިންފެކްޝަން އިން ރައްކާތެރިވުމަށް ދީފާނެ ބޭހެކެވެ.

·         ޓޮކޯލިޓިކްސް : މިއީ ދުވަސްނުފުރާ ވިހެއުމުން ރައްކާތެރިކޮށް ދިނުމަށް ދީއުޅޭ ބޭހެކެވެ.

ވިއްސުން

ފެންދުލި މާއަވަހަށް ފަޅައިގެން ގޮސްފިނަމަ ފަހަރުގައި ވީއެންމެ އަވަހަކަށް ވިއްސުވުމަކީ ވެސް ކުރަންޖެހިދާނެ ކަމެކެވެ. އާންމު ގޮތެއްގައި ބަނޑަށް އެންމެ މަދުވެގެން 34 ހަފްތާ ނުވަނީސް ވިއްސުވުމަށް މަސައްކަތެއް ނުކުރާނެއެވެ. އެއަށްވުރެ އަވަސް ނަމަ ފަހަރުގައި ވަކި މުއްދަތެއް ބެލުމަށްފަހު ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން ވެސް ޖެހިދާނެ އެވެ. ރަހިމުން މަސްވަކިވުން، އެމްނީއޯޓިކް ފެނުގައި އިންފެކްޝަން ހެދުން އަދި ތުއްތު ދަރިފުޅަށް މައްސަލައެއް ދިމާވަކަމަށް ފާހަގަކުރެވޭނަމަ ބަނޑަށް 34 ހަފްތާ ފުރިހަމަ ނުވަނީސް ވެސް ވިއްސަން ނޫނީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަންޖެހިދާނެއެވެ.

ބަނޑަށްވީ ދުވަހަށް ބަލައި ފަރުވާ ކުރިޔަށް ގެންދިއުން

އެހެން ނަޒަރަކުން ފަރުވާއަށް ރިޢާޔަތްކުރާއިރު، ބަނޑަށް ވީ ދުވަހަކަށް ބަލައި ފަރުވާ ކުރިޔަށްގެންދިއުމުގައި އަމަލުކުރެވޭގޮތް ތިރީގައި މިވަނީ އެވެ.

ބަނޑަށް 37 ހަފްތާ ފުރުމަށްފަހު ފެންދުލި ފަޅައިގެންދިއުން

ބަނޑަށް 37 ހަފްތާ ފުރިހަމަ ވެފައިވާނަމަ އޭގެ މާނައަކީ ދުވަސް ފުރިފައިވުމެވެ. އަދި ވިހަން ތައްޔާރުވެފައިވުމެވެ. މިހާލަތުގައި ފެންދުލި ފަޅައިގެން ހިނގައްޖެނަމަ ލަސްނުކޮށް ވިހެއުމަށް ހަސްފަތާލަން ދާންޖެހޭނެ އެވެ. ލަސްކޮށްފިނަމަ ފަހަރުގައި އިންފެކްޝަން އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މިހާލަތުގައި ފުރަތަމަ ތަބީޢީ ގޮތުން ވިހައިތޯ ބަލަން މަޑުކޮށްދާނެ އެވެ. އަދި އެއަށްފަހު ވިހެއުމަށް ބާރުއަޅާ ބޭހެއް ދީގެން ވިއްސުވުމަށް މަސައްކަތްކުރާނެއެވެ.

ބަނޑަށް 37-34 ހަފްތާއާއި ދެމެދު ފެންދުލި ފަޅައިގެންދިއުން

މިމުއްދަތުގައި ފެންދުލި ފަޅައިގެން ހިނގައްޖެނަމަ ވިއްސުވުމަށް މަސައްކަތްކުރާނެއެވެ. ސަބަބަކީ ލަސްކޮށްފިނަމަ އިންފެކްޝަން އުފެދި، އިތުރު މައްސަލަތައް ދިމާވުމުގެ ފުރުޞަތު އިތުރުވެދާނެތީ އެވެ.

ބަނޑަށް 34 ހަފްތާ ހަމަވުމުގެ ކުރިން ފެންދުލި ފަޅައިގެންދިއުން

ބަނޑަށް 34 ހަފްތާ ހަމަވުމުގެ ކުރިން ފެންދުލި ފަޅައިގެން ދިއުމަކީ މާ ނުރައްކާތެރި ކަމެކެވެ. މިހާލަތުގައި އިންފެކްޝަން ގެ އަސަރެއް ނެތްތަނަމަ ބެޑްރެސްޓް ކުރުމަށް ލަފާދޭނެ އެވެ. ފުއްޕާމޭ ފުރިހަމަކުރުމަށް ސްޓީރޮއިޑް ވެސް ދޭނެއެވެ. އިންފެކްޝަން އިން ރައްކާތެރިކުރުމަށް އެންޓިބަޔޮޓިކް ވެސް ދޭނެއެވެ. ހަސްފަތާލުގައި ބާއްވައިގެން މައިމީހާއާއި ދަރިފުޅުގެ ހާލަތު ގާތުން މޮނީޓަރ ކުރަމުން ގެންދާނެ އެވެ. ފުއްޕާމޭގެ ހެދިބޮޑުވުން ބަލަމުން ގޮސް، އެކަށޭނަ ވަރަށް ފުއްޕާމޭ ފުރިހަމަވުމުން، ވިއްސުވާނެ އެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.stanfordchildrens.org/en/topic/default?id=premature-rupture-of-membranes-prompreterm-premature-rupture-of-membranes-pprom-90-P02496  

·         https://www.mayoclinic.org/healthy-lifestyle/labor-and-delivery/in-depth/water-breaking/art-20044142#

·         https://www.msdmanuals.com/professional/gynecology-and-obstetrics/abnormalities-and-complications-of-labor-and-delivery/prelabor-rupture-of-membranes-prom

·         https://www.chop.edu/conditions-diseases/premature-rupture-membranes-prompreterm-premature-rupture-membranes-pprom#:~:text=Premature%20rupture%20of%20membranes%20(PROM)%20is%20a%20rupture%20(breaking,10%20percent%20of%20all%20pregnancies.

·         https://www.aafp.org/pubs/afp/issues/2006/0215/p659.html

·         https://medlineplus.gov/ency/patientinstructions/000512.htm   

No comments:

Post a Comment