Sunday, April 5, 2015

ޕްރީމެންސްޓްރޫއަލް ސިންޑްރޯމް


ޕްރީމެންސްޓްރޫއަލް ސިންޑްރޯމް
ޕްރީމެންސްޓްރޫއަލް ސިންޑްރޯމް(premenstrual syndrome) އަކީ ދަރިމައިވާ އުމުރު ފުރައިގެ އަންހެނުންނަށް ކުރިމަތިވާ ހާލަތެކެވެ. ޕްރީމެންސްޓްރޫއަލް ސިންޑްރޯމް އަކީ މައްސަރު ކަންތައް ޖެހުމުގެ ކުރިން ދަރިމައިވާ އުމުރުފުރައިގެ އަންހެނުންނަށް ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުދަނގޫތަކެއް ނުވަތަ އަލާމާތް ތަކެކެވެ. 

ކުރިމަތިވާ ނިސްބަތް
ދަރިމައިވާ އުމުރު ފުރައިގެ 85 އިންސައްތަ އަންހެނުންނަށް މައްސަރު ކަންތައް ޖެހުމުގެ ކުރިން ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ އުދަނގޫތައް ކޮންމެ ވެސް ވަރަކަށް ކުރިމަތި ވެއެވެ. އަދި 10-2 އިންސައްތައާއި ދެމެދުގެ އަންހެނުންނަށް ނުރައްކާތެރި ދަރަޖައަކަށް ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ގެ އުދަނގޫތައް ކުރިމަތި ވެއެވެ. ލަފާކުރެވޭގޮތުގައި ދަރިމައިވާ އުމުރުގެ ކޮންމެ 4 އަންހެނުންގެ ތެރެއިން 3 އަންހެނުންނަށް ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ އުދަނގޫތައް ކޮންމެވެސް މިންވަރަކަށް ކުރިމަތި ކުރުވައެވެ. 

ސަބަބު
ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ކުރިމަތިވާ ވަކި ސަބަބެއް ކަނޑައެޅިގެން އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ކުރިމަތިވުމަށް މަގުފަހިކުރާ ކަންތައްތަކެއް ފާހަގަ ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:-

(ހ) - ހޯރމޯންގެ މިންގަނޑަށް ބަދަލުއައުން : ބެލެވޭގޮތުގައި މިއީ މައްސަރު ކަންތައް ޖެހުމުގެ ތައްޔާރީ ތަކުގެ ތެރޭގައި ހަށިގަނޑުގައި ހިމެނޭ އެސްޓްރަޖަން، އަދި ޕްރޯޖެސްޓަރޯން ހޯރމޯން ގެ މިންގަނޑަށް އަންނަ ބަދަލެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.  މިގޮތަށް ބެލެވެނީ މިއުދަނގޫތައް ބަލިވެ އިނުމުން، އަދި އިއްދައިން ކެނޑުމުން އެއްކޮށް ފިލައިގެންދާތީ އެވެ.

(ށ) - ސިކުނޑީގެ ހުންނަ ކެމިކަލް ތަކެއްގެ މިންގަނޑަށް ބަދަލުއައުން : ސިކުނޑީގައި ހިމެނޭ ނިއުރޯޓްރާންސްމިޓަރ އެއްގެ ގޮތުގައި ބެލެވޭ "ސިރޮޓޯނިން" އަކީ މިޒާޖަށް ބަދަލުތައް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރާ ކެމިކަލް އެކެވެ. މިކެމިކަލްގެ މިންވަރު މަދުވުމަކީ ޕްރީމެންސްޓްރޫއަލް ސިންޑްރޯމް އާއި ގުޅިގެން ކުރިމަތިވާ ދެރަވެ މާޔޫސްވުން، ނިދިނައުން، ކާހިތްވުން، އަދި ވަރުބަލިވެ ވާޅުވުން ފަދަ ކަންކަން ކުރިމަތިކުރުވަފާނެ ސަބަބެއްކަމަށް ބެލެވެއެވެ.

(ނ) - މާޔޫސްވެ ދެރަވުން : ބައެއް ފަހަރު މާބޮޑަށް މާޔޫސްވެ ދެރަވުމަކީ ވެސް ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ހުންނަ އަންހެނުންގެ ކިބައިން ފާހަގަވާ ކަމެކެވެ.

އަލާމާތްތައް
ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ކުރިމަތިވުމުން ތަފާތު އެތައް އުދަނގޫތަކެއް ނުވަތަ އަލާމާތްތަކެއް ފެނިދާނެ އެވެ. ޕްރީމެންސްޓްރޫއަލް ސިންޑްރޯމް އާއި ގުޅިގެން ކުރިމަތިވާ އުދަނގޫތަކާއި، އެއުދަނގޫތައް ކުރިމަތިވާ މިންވަރު ، އެކި އަންހެނުންނަށް ތަފާތެވެ. އަދި އެކި މަސްމަހުގައި އުދަނގޫތައް ކުރިމަތިވާ މިންވަރު ވެސް ތަފާތެވެ. 

ޕްރީމެންސްޓްރޫއަލް ސިންޑްރޯމް އާއި ގުޅިގެން އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
ނަފްސާނީ ގޮތުން ކުރިމަތިވާ އުދަނގޫތައް
·         ހާސްވެ ކަންބޮޑުވެ ފިކުރުބޮޑުވުން
·         މިޒާޖަށް ބަދަލުއައުން 
·         މާބޮޑަށް ދެރަވެ މާޔޫސްވުން
·         ދޭތެރެ ދޭތެރެއިން ރޮވުން (ލޮލުން ފެންއައުން)
·         މީހާ ނުތަނަވަސްވެ،މަޑުން ހުންނަން އުދަނގޫވުން (އިރެޓިބިލިޓީ)
·         މާގިނައިން ކެއުން / މާގިނައިން ކާހިތްވުން
·         ނިދިނައުން
·         މީހުންނާއެކުވެ ނޫޅެ އެކަހެރިކަން ޚިޔާރުކުރުން
·         ކަންކަމާއި މެދު ވިސްނުމަށް އުދަނގޫވުން (ރަގަޅަށް ނުވިސްނުން)
·         މާބޮޑަށް ރުޅިގަދަވެ، ދެކޮޅުވެރިކަން ދެއްކުން (އެގްރެޝަން)
ޖިސްމާނީ ގޮތުން ކުރިމަތިވާ އުދަނގޫތައް
·         ހުޅުތަކުގައި ރިހުން
·         މަސްތަކުގައި ރިހުން
·         ބޮލުގައި ރިހުން
·         ބުރަކަށީގައި ރިހުން
·         ބަރުދަން އިތުރުވުން
·         ވަރުބަލިވުމާއި ވާޅުވުން
·         ބަނޑުފުއްޕުން
·         އުރަމައްޗަށް ވާންވެ ބާރުވުން
·         އޮށާޅަނެގުން
·         ބަނޑު ހަރުވުން ނުވަތަ ބޭރަށްހިންގުން
ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުދަނގޫތަކުގެ ސަބަބުން ދިރިއުޅުމަށް އޭގެ އަސަރު ކުރެއެވެ. އާންމު ގޮތެއްގައި ގިނަ އަންހެނުންނަށް މިއުދަނގޫތައް މައްސަރު ކަންތައްޖެހޭ 4 ދުވަހުގެ ތެރޭގައި ރަގަޅު ވެއެވެ. ނަމަވެސް ބައެއް މީހުންނަށް (ވަރަށް މަދުބަޔަކަށް) ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ އުދަނގޫތައް ކޮންމެ މަހަކު ވަރަށް ބޮޑަށް ކުރިމަތިކުރުވައި، އެކަމުގެ ސަބަބުން އެތައް ވޭނެއް ތަހައްމަލު ކުރަންޖެހޭ ފަހަރު އާދެއެވެ. މިހާލަތަށް ކިޔަނީ " ޕްރީމެންސްޓްރޫއަލް ޑިސްފޯރިކް ޑިސްއޯޑަރ"(premenstrual dysphoric disorder) އެވެ. ޕްރީމެންސްޓްރޫއަލް ޑިސްފޯރިކް ޑިސްއޯޑަރ ގެ އަލާމާތްތަކުގެ ތެރޭގައި މާޔޫސްވެ ދެރަވުން، މިޒާޖު ބަދަލުވުން، ރުޅިއައުން، ހާސްވެ ކަންބޮޑުވެ ފިކުރުބޮޑުވުން، ކަންކަމާއި މެދު ރަގަޅަށް ނުވިސްނުން، އަދި ނުތަނަވަސްވެ މަޑުން ހުންނަން އުދަނގޫވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ދެނެގަތުން
ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ދެނެގަތުމަށް ހަދަންޖެހޭ ވަކި ޚާއްޞަ ޓެސްޓެއް ނޯވެއެވެ. ނަމަވެސް ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ހުރިކަން ދެނެގަތުމަށް އެހީތެރިވެދީފާނެ ބައެއް ޓެސްޓުތައް ހުރެއެވެ. އޭގެ ތެރޭގައި:-

(ހ) - ތައިރޮއިޑް ޓެސްޓު : ތައިރޮއިޑް ޓެސްޓު ހަދާ ސަބަބަކީ ތައިރޮއިޑްގެ ބަލިތަކަކީ ދަރިމައިވާ އުމުރު ފުރައިގެ އަންހެނުންގެ މެދުގައި އާންމު ބަލިތަކަކަށް ވާތީ އެވެ. އަދި ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ ބައެއް އުދަނގޫތައް މިސާލަކަށް ބަރުދަން އިތުރުވުން ފަދަ ކަންތައްތަކަކީ ތައިރޮއިޑް ގެ ބަލިތަކުގައި ފެނިދާނެ އަލާމާތް ތަކެކެވެ. ތައިރޮއިޑް ޓެސްޓު ހެދުމުން ކުރިމަތިވެފައިވާ އުދަނގޫތައް އެއީ ތައިރޮއިޑްގެ މައްސަލައެއް ހުރެގެން ކުރިމަތިވާ އުދަނގޫތަކެއްކަން ޔަގީން ކުރެވޭނެ އެވެ. 

(ށ) - ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ އުދަނގޫތައް ފޮތެއްގައި ލިޔުން : ޖެހިޖެހިގެން ދެތިން މަސްވަންދެން މައްސަރު ކަންތައް ޖެހުމުގެ ކުރިން ދިމާވާ ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ގެ އުދަނގޫތައް ފޮތެއްގައި ލިޔުމަށް އިރުޝާދު ދީފާނެ އެވެ. އެގޮތުން އެކަންތައްތައް ނޯޓުކުރާއިރު، އެއުދަނގޫތައް ކުރިމަތިވި ވަގުތާއި، ދިގުދެމިގެންދިޔަ މުއްދަތު ބަޔާންކުރަން ޖެހޭނެ އެވެ. މިގޮތަށް ލިޔެ ހެދުމުން އެއުދަނގޫތައް ކުރިމަތިވަނީ މަހުގެ (މައްސަރު ބުރުގެ) ކޮން ދުވަސްވަރެއްގައިކަން (މައްސަރުގެ ކުރިންތޯ، މައްސަރުގެ ތެރޭގައިތޯ) ދެނެގަނެވޭނެ އެވެ. އެއްމަހުން އަނެއްމަހާއި އުދަނގޫތަކުގައި ތަފާތެއް އުޅުނަސް، ދެތިން ހަތަރު މަސް ފާއިތުވުމުން އަބަދުވެސް އާންމުކޮށް ކުރިމަތިވާ ވަކި ކަންތައްތަކެއް ފާހަގަ ކުރެވިގެން ދާނެއެވެ. 

އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ އިން ކަނޑައަޅާފައިވާ ގޮތުން ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ހުރިކަމަށް ބަލަނީ:-
·         މައްސަރު ބުރުގެ ފަހު ދެހަފްތާގައި އުދަނގޫތައް ކުރިމަތިވުން (މައްސަރު ކަންތައް ޖެހުމުގެ ދެހަފްތާކުރިން)
·         އުދަނގޫތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް އަސަރުކުރުން (ބުރޫއެރުން)
·         އެފަދަ އުދަނގޫތައް ކުރިމަތިކޮށްފާނެ އެހެން ބަލިތައް ނެތްކަން ޑޮކްޓަރުން ކަނޑައެޅުން : މިފަދަ ބަލިތަކުގެ ތެރޭގައި ހިމެނެނީ ތައިރޮއިޑްގެ ބަލިތައް، ބޮލުގެ އެއްފަޅީގައި ރިހުން، ހިތާމަކުރުމުގެ ބަލި (މާބޮޑަށް ދެރަވެ މާޔޫސްވުން)، އިރިޓަބަލް ބަވަލް ސިންޑްރޯމް އަދި ކްރޮނިކް ފެޓީގް ސިންޑްރޯމް ފަދަ ބަލިތަކެވެ.
ފަރުވާ
ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ ފަރުވާ ބިނާވެގެންވަނީ ކުރިމަތިވެފައިވާ އުދަނގޫތަކަށް ލުއިހޯދައިދިނުމުގެ މައްޗަށެވެ. ފަރުވާ ފެށިގެން އަންނަނީ ކުރިމަތިވެފައިވާ އުދަނގޫތައް ރަގަޅަށް ދެނެގަތުމާއި، އެއުދަނގޫތަކުގެ ސަބަބުން ދިރިއުޅުމަށް އަސަރުކުރާ މިންވަރު ރަގަޅަށް ބަލައި ދެނެގަތުމަށް ފަހުގައެވެ. ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ ފަރުވާގައި އަންނަނިވި ކަންތައްތައް ކުރެވެއެވެ. 

(ހ) - މައުލޫމާތު އޮޅުންފިލުވައިދިނުން : މައްސަރު ބުރާއި ބެހޭ މައުލޫމާތު ރަގަޅަށް އޮޅުން ފިލާފައި އޮތުމަކީ މުހިއްމު ކަމެކެވެ. މައްސަރުބުރުގެ އެކި ދުވަސްވަރު ކުރިމަތިވެދާނެ އުދަނގޫތައް އެނގިފައި އޮތުން މުހިއްމެވެ. އަދި މިގޮތުން ހުންނަ އުދަނގޫތައް މައްސަރު ކަންތައް ފެށުމުން(ޖެހުމުން) ލުއިވެދާނެކަން އެގެން ޖެހެއެވެ. މައްސަރު ކަންތައް ޖެހުމުގެ ކުރިން ދިމާވާ ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ގެ އުދަނގޫތައް ފޮތެއްގައި ލިޔެ ނޯޓުކުރުން މުހިއްމެވެ. އެގޮތުން އެކަންތައްތައް ނޯޓުކުރާއިރު، އެއުދަނގޫތައް ކުރިމަތިވި ވަގުތާއި، ދިގުދެމިގެންދިޔަ މުއްދަތު ބަޔާންކުރަން ޖެހޭނެ އެވެ. މިގޮތަށް ލިޔެ ހެދުމުން އެއުދަނގޫތައް ކުރިމަތިވަނީ މަހުގެ (މައްސަރު ބުރުގެ) ކޮން ދުވަސްވަރެއްގައިކަން (މައްސަރުގެ ކުރިންތޯ، މައްސަރުގެ ތެރޭގައިތޯ) ދެނެގަނެވޭނެ އެވެ. އެއްމަހުން އަނެއްމަހާއި އުދަނގޫތަކުގައި ތަފާތެއް އުޅުނަސް، ދެތިން ހަތަރު މަސް ފާއިތުވުމުން އަބަދުވެސް އާންމުކޮށް ކުރިމަތިވާ ވަކި ކަންތައްތަކެއް ފާހަގަ ކުރެވިގެން ދާނެއެވެ. މިގޮތަށް ނޯޓުކޮށް ހެދުމުން މައްސަރު ކަންތަކާއި ގުޅިންގެ އުޅުމާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަންނަށް ވެސް ފަސޭހަވާނެ އެވެ. އަދި އެއުދަނގޫތައް ކުޑަކުރުމަށް ހަދާނެ ގޮތްތައް ކަނޑައަޅަން ފަސޭހަވާނެ އެވެ. މިކަމުގެ ސަބަބުން މައްސަރުކުރިން ކުރިމަތިވާ ފިއްތުންތަކާއި، ނުތަނަވަސްކަން ފިލުވާލުމަށް އެހީއަކަށް ވާނެއެވެ. މާބޮޑަށް ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަން، ހާސްވެ ފިކުރުބޮޑުވުން، ދެރަވެ މާޔޫސްވުން ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ، ނަފްސާނީ ބަލީގެ ޚާއްޞަ ޑޮކްޓަރަށް ދައްކައިގެން ބޭސް ނެގިދާނެ އެވެ. އަދި ކައުންސިލިންގ ވެސް ނެގިދާނެ އެވެ. 

(ށ) - ކާނާ : ފައިދާހުރިކާނާ ބޭނުންކުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މުހިއްމު ކަމެކެވެ. ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ކުރިމަތިވެފައިވާނަމަ ކެއުމަށް ބަދަލުތައް ގެނެވިދާނެ އެވެ. އެގޮތުން ކެއިން ބުއިމުގައި ކެފޭއިން، ހަކުރު، ލޮނު ހިމެނޭ ބާވަތްތައް ބޭނުންކުރުން މަދުކުރުން، އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި އެތިކޮޅުކޮޅުން އިރުއިރުކޮޅާ ކެއުން، ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ އުދަނގޫތަކަށް ލުއިކަން ގެނެސްދޭނެ ކަމެކެވެ. ބައެއް ފަހަރު "ނިއުޓްރީޝަނަލް ސަޕްލީމެންޓް" އެއް ޚިޔާރުކުރުމަށް ލަފާދީފާނެ އެވެ. އެގޮތުން ވިޓަމިން ބީ6، ވިޓަމިން އީ، ކެލްސިއަމް އަދި މެގްނީޒިއަމް އެކުލެވޭ ސަޕްލިމެންޓްތައް ނެގިދާނެ އެވެ. ބައެއް ފަހަރު ކާބޯހައިޑްރޭޓް އިން މުއްސަދި ކެއުމެއް (މޭވާ، ތަރުކާރީ، ހޯލް ގްރޭން) ޚިޔާރުކުރުމަށް ވެސް ލަފާދީފާނެ އެވެ. ކެލްސިއަމް ގިނަ ކާނާ ބޭނުންކުރުމަކީ ވެސް ބޭނުންތެރި ފައިދާހުރި ކަމެކެވެ. 

(ނ) - ކަސްރަތުކުރުން : ކަސްރަތުކުރުމަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މުހިއްމު ކަމެކެވެ. އެގޮތުން ހިނގާލުން ފަދަ ކަންކަމަކީ ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ގެ އުދަނގޫތައް ކުޑަކޮށް ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ކަންކަމެވެ. 

(ރ) - ބޭސް ބޭނުންކުރުން :
·         ތަދުކަނޑުވާ ބޭސްތައް : ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ އުދަނގޫތައް ބޭނުންކުރެވިދާނެ ބޭސްތަކުގެ ތެރޭގައި އާންމުކޮށް ތަދުކެނޑުވުމަށް ހުންނަ ބުރޫފަން، އެސްޕިރިން، ނެޕްރޮކްސިން ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކުގެ ސަބަބުން ބޮލުގައި ރިހުން، ބުރަކަށީގައި ރިހުން، މަސްގުޅަކެއުން، އުރަމަތިވާންވެ ބާރުވުން ފަދަ އުދަނގޫތަކަށް ލުއިކަން ލިބެއެވެ.
·         އެންޓިޑިޕްރެސެންޓް : މާބޮޑަށް ހާސްވެ ކަންބޮޑުވުން، ދެރަވެ މާޔޫސްވުން ކުރިމަތިވެފައިވާނަމަ އެކަމަށް ޚާއްޞަ ބޭސް ބޭނުންކުރަންޖެހިދާނެ އެވެ. ނުރައްކާތެރި ދަރަޖައަކަށް ޕްރީމެންސްޓްރޫއަލް ސިންޑްރޯމް ގެ އުދަނގޫތައް ކުރިމަތިވުމުން އެންޓިޑިޕްރެސެންޓްސް ފަރުވާގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. އެންޓިޑިޕްރެސެންޓް ތަކުގެ ތެރޭގައި ފްލޫއޮކްސީޓިން، ޕެރޮކްސީޓިން، ސާރޓްރަލީން، ފަދަ ބޭސްތައް ހިމެނެއެވެ.
·         ދޭތެރެ ދުރުކުރާ ގުޅަ ބޭސް: ދޭތެރެ ދުރުމަށް ބޭނުންކުރާ ގުޅަ ބޭހުން ވެސް ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ އުދަނގޫތަކަށް ލުއިކަން ލިބިދާނެ އެވެ.
·         ޑައިޔުރެޓިކްސް : ޑަޔުރެޓިކްގެ ގޮތުގައި ބެލެވޭ "ސްޕައިރޯނޯލެކްޓޯން" ފަދަ ބޭސްތަކުގެ ސަބަބުން ޕްރީމެންސްޓްރޫއަލް ސިންޑްރޯމްގެ ސަބަބުން ކުރިމަތިވާ ފެންޖަމާވެ، ފޮއްސިވުން، ބަރުދަން އިތުރުވުން، ބަނޑުފުއްޕުން ފަދަ ކަންތައްތައް ކުޑަކޮށްދެއެވެ.
ރައްކާތެރިވުން
ޕްރީމެންސްޓްރޫއަލް ސިންޑްރޯމް އަކީ އޭގެ ޒާތުގައި ރައްކާތެރިވެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް އުދަނގޫތަކަށް އެކަށޭނަ ގޮތެއްގައި ފަރުވާކޮށްގެން ލުއިހޯދިދާނެ އެވެ. އެގޮތުން ޕްރީމެންސްޓްރޫއަލް ސިންޑްރޯމް އުދަނގޫތައް ކުޑަކުރުމަށް، ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވިދާނެ ބަދަލުތަކުގެ ތެރޭގައި ގަވާއިދުން ކަސްރަތުކުރުން، އެކަށޭނަ މިންވަރަށް އަރާމުކުރުން، އަދި ފައިދާހުރި ކާނާ ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
މައުލޫމާތު :

2 comments:

  1. I certainly agree to some points that you have discussed on this post. I appreciate that you have shared some reliable tips on this review.

    ReplyDelete
  2. Thank You! Its My pleasure from readers to help improving my blog

    ReplyDelete