Sunday, June 14, 2015

ލޭހަދިޔާކުރުން : ހައިރާންކުރުވަނިވި ބައެއް ހަގީގަތްތައް

ލޭހަދިޔާކުރުން : ހައިރާންކުރުވަނިވި ބައެއް ހަގީގަތްތައް
·         އިންސާނާގެ ހަށިގަނޑުގައިވާ ލޭހޮޅިތަކުގެ ދިގުމިނުގައި 100،000 މޭލު ހުރެއެވެ.
·         އިންސާނާގެ ހަށިގަނޑުގައި ހުރިހާ ހުރި ލެޔެއް އެއްކޮށް ބޮއި ހުސްކުރުމަށް 1،200،000 މަދިރި ބޭނުންވެ، އެއިން ކޮންމެ މަދިރިއެއް މަދުވެގެން އެއްފަހަރު ލޭބޯންޖެހޭނެ އެވެ.
·         އަލަށް އުފަންވާ ކުއްޖެއްގެ ހަށިގަނޑުގައި ގާތްގަނޑަކަށް އެއް ޖޯޑުގެ ލޭ ހުންނާނެ އެވެ.
·         އިންސާނާގެ ހަށިގަނޑުގައި 0.2 މިލިގްރާމްގެ ރަން ހުރެއެވެ. މީގެތެރެއިން ބޮޑުބައެއް ހުންނަނީ ލޭގެ ތެރޭގައެވެ.
·         އިންސާނާގެ ހަށިގަނޑުގެ ބަރުދަންގެ %8 އަކީ ލެޔެވެ.

·         ލޭގެ އެންމެ ޕޮއިންޓަކުން 3 މީހުންގެ ފުރާނަ ސަލާމަތްކުރެވިދާނެ އެވެ.
·         އުމުރުން 18 އަހަރުވުމުން ލޭހަދިޔާ ކުރަން ފަށައި، ކޮންމެ 90 ދުވަހަކުން އެއްފަހަރު ލޭހަދިޔާކުރާނަމަ، އުމުރުން 60 އަހަރުވާއިރު، 75 ލިޓަރުގެ ލޭހަދިޔާކުރެވި، 500 މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެ އެވެ.
·         ހަށިގަނޑުގައި ފުރިހަމަ "ސާކެޓް" އެއް އެންމެ 30 ސިކުންތުގެ ތެރޭގައި ލޭގެ ރަތް ސެލް އިން އުފެއްދިދާނެ އެވެ.
·         މާބަނޑުވާތާ 20 ހަފްތާގެ ފަހުން، މާބަނޑުވުމުގެ ކުރިން ހަށިގަނޑުގައި ލޭހުރިވަރަށްވުރެ، %50 އިތުރުވެގެންދާނެއެވެ.
·         ލޭހަދިޔާކުރާ ކޮންމެ ފަހަރަކު ހަދިޔާކުރެވުނު ލޭ، އޭޑްސް، ހެޕަޓައިޓިސް ބީ، ހެޕަޓައިޓިސް ސީ، އަދި ސިފިލިސް އަށް ޓެސްޓުކުރެވެއެވެ.
·         ހަދިޔާކުރެވޭ ލެއިން ލޭގައި ހިމެނޭ އެކިބައިތައް ވަކިކޮށްލުމަށްފަހު، ބޭނުންވާ ބައެއް އެބައިގެ ބޭނުން ޖެހިފައިވާ ބަލިމީހަކަށް ފޯރުކޮށްދެވިދާނެ އެވެ.  މިސާލަކަށް ލޭގެ ރަތް ސެލްތައް، ލޭގެ ޕްލާޒްމާ، ޕްލޭޓްލިޓް ފަދަ މާއްދާތައް ހަދިޔާކުރެވުނު ލެއިން ވަކިކޮށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ އެވެ.
·         ކުރިއަރާފައިވާ ގައުމުތަކުގައި އެންމެ ގިނައިން ލޭއެޅެނީ އުމުރުން 65 އަހަރުން މަތީ މީހުންގެ ގަޔަށެވެ.
·         ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި އަހަރެއްގެ މައްޗަށް 108 މިލިޔަން ފަހަރު ލޭހަދިޔާކުރެއެވެ.  
·         ތަރައްގީވަމުން އަންނަ ގައުމުތަކުގައި ހަދިޔާކުރެވޭ ލޭގެ %65 ފޯރުކޮށްދެވެނީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.
·         ލޭހަދިޔާކުރުން އެންމެ ކުރީގައި އުޅެނީ ކުރިއަރާފައިވާ ގައުމުތަކުގައެވެ. އެގޮތުން ކޮންމެ 1000 މީހުންގެ ތެރޭގައި ލޭހަދިޔާކުރާ މީހުންގެ ނިސްބަތް އުޅެނީ %36.8 ގައެވެ. މެދުފަންތީގެ ގައުމުތަކުގައި މިނިސްބަތް %11.7 ގައި އުޅޭއިރު، ފަގީރު ގައުމުތަކުގައި މިނިސްބަތް އުޅެނީ %3.9 ގައެވެ.
·         "ޕްލާޒްމާ-ޑެރައިވްޑް މެޑިސިނަލް ޕްރޮޑަކްޓް" އުފައްދަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް ރިޕޯޓްކުރާ ގައުމުތަކުގެ ތެރެއިން އެންމެ 43 ގައުމުގައެވެ. ބާކީ 113 ގައުމުން ޖެހޭނީ މިއުފެއްދުންތައް އެހެން ގައުމަކުން އެތެރެކުރާށެވެ.
·         ލޭ ބޭނުންކުރާނެ ގޮތުގެ ގައިޑްލައިނެއް ހެދި އެއަށް އަމަލުކުރެވެމުންދަނީ އެންމެ 111 ގައުމުގައެވެ.
·         ލޭހަދިޔާކުރުމަށް ނަގަނީ ގާތްގަނޑަކަށް 20-10 މިނިޓާ ދެމެދުގެ ވަގުތެކެވެ.
·         ލޭގެ ޔުނިޓެއް ކަމުގައި ބަލަނީ 450 އެމްއެލް އެވެ.
·         ލޭހަދިޔާކުރާ މީހާގެ ބަރުދަން އެންމެ މަދުވެގެން 45 ކިލޯގައި ހުރުމާއެކު، އުމުރުން 18 އަހަރުވެފައިވުމަކީ އެދެވިގެންވާ ކަމެކެވެ.
·         ލޭހަދިޔާ ކުރާ މީހާ އަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ މީހަކަށްވުން މުހިއްމެވެ.

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަސް
މިއަދަކީ ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ލޭހަދިޔާ ކުރާ މީހުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 14 ވަނަ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުން ހިލޭ ސާބަހަށް ލޭހަދިޔާކުރާ މީހުންގެ އަގު ވަޒަންކުރުމާއި، ލޭހަދިޔާކުރުމުގެ ބޭނުންތެރިކަމާމެދު އާންމުގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ލޭހަދިޔާކުރުމަށް ބާރުއެޅުމެވެ. މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީތީ ޝުކުރިއްޔާ" އެވެ. މީގެ އިތުރުން މިއަހަރުގެ ޝިޢާރާއި ގުޅުވައިގެން ލޭހަދިޔާކުރުމުގެ ކެމްޕޭންތައް ހިންގަނީ "ހެޔޮހިތުން ދީ، ގިނަގިނައިން ދީ، ލޭހަދިޔާކުރުން މުހިއްމު" މި ސްލޯގަންގެ ދަށުންނެވެ. މިޝިއާރާއި، ސްލޯގަން އަމާޒުކޮށްފައިވަނީ ލޭހަދިޔާ ކުރާ މީހުންނަށް ޝުކުރުވެރިވެ، އެމީހުންގެ އެއިންސާނީ ޚިދުމަތް އަގުވަޒަންކޮށް، އެހެންމީހުންނަށް ލޭހަދިޔާކުރުމަށް ބާރުއެޅުމަށެވެ. 


ލޭހަދިޔާކުރުމަކީ ހެޔޮ ޞަދަގާތެކެވެ. އެއީ ހެޔޮ އަމަލެކެވެ. ތަފާތު ހާދިސާތަކުގައި ގެއްލުންވާ އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމަށް ލޭހަދިޔާކުރުން އެހީއަކަށް ވެގެންދެއެވެ. ބައެއް ބާވަތުގެ އޮޕަރޭޝަން ކުރެވޭނީ ތައްޔާރީ ހާލަތުގައި ލޭ ލިބޭނެގޮތް އިންތިޒާމު ކުރެވިފައި ހުރިނަމަ އެވެ.  ލޭއަޅާ ބަލި ފަދަ ބަލިތައް ތަހައްމަލުކުރަމުން ގެންދާ ކުދިންނަކީ ކޮންމެ ހަފްތާއަކު ނުވަތަ ދެހަފްތާއިން އެއްފަހަރު ލޭއަޅަންޖެހޭ ކުދިންނެވެ. މިފަދަ ކުދިންގެ މައިންބަފައިން ލޭހޯދުމަށް ކުރާ ބުރަ މަސައްކަތާއި، ލޭހޯދުމަށް އުޅޭ ހާލު ވަޒަންކުރެވޭނީ އެމަންޒަރު ކައިރިން ފެންނަ ބަޔަކަށެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އަމާޒަކީ 2020 ވަނަ އަހަރާ ހަމައަށްދާއިރު، ބަލިމީހުންނަށް ފޯރުކޮށްދެވޭ ހުރިހާ ލެޔަކީ ހިލޭ ސާބަހަށް ލޭހަދިޔާކުރާ މީހުންގެ ފަރާތުން ފޯރުކޮށްދޭ ލެޔަކަށް ހެދުމެވެ. އެގޮތުން ލޭހަދިޔާކުރުމަށް އެއްވެސް ޚަރަދެއް ކުރަންނުޖެހި، އަމިއްލައަށް އިސްނަގައިގެން ލޭހަދިޔާކުރުމަށް ބާރުއަޅައި، ކޮންމެ މީހަކީ ވެސް އެމީހެއްގެ ހާލަތު ރިއާޔަތްކުރާގޮތެއްގެ މަތިން ހުރަހެއް ނެތްނަމަ، ލޭދޭން ފަސްނުޖެހޭ މީހަކަށް ހެދުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދަނީ މަސައްކަތްކުރަމުންނެވެ. 

ދުނިޔޭގެ ލޭހަދިޔާކުރާ މީހުންގެ ދުވަހުގެ ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް، ދުނިޔޭގެ ޞިއްޙަތު ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ.

Tuesday, June 9, 2015

ފުރާވަރު ކުދިންގެ ޞިއްޙަތު

ފުރާވަރު ކުދިންގެ ޞިއްޙަތު
ފުރާވަރަކީ ވަރަށް ނާޒުކު ދުވަސްވަރެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގެ ދެވަނަ މަރުހަލާގެ ދުވަސްވަރެވެ. ފުރާވަރަކީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ފިކުރީގޮތުން ކުއްޖާއަށް ބަދަލުތަކެއް އަވަސް ގޮތަކަށް އަންނަ ދުވަސްވަރެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ފުރާވަރުކުދިން ނިސްބަތްކޮށްފައިވަނީ އުމުރުން 19-10 އަހަރާއި ދެމެދު އުމުރު ފުރާގެ ކުދިންނަށެވެ. އުމުރުން 10 އަހަރާއި 19 އަހަރުގެ ތެރޭގައި ކުޑަކުދިން ފުރާވަރަށް އެޅުމާއެކު، ހަށިގަނޑަށާއި، ވިސްނުމަށާއި ފިކުރަށް ބަދަލުތަކެއް އާދެއެވެ. އާއްމުގޮތެއްގައި މިއުމުރު ފުރާގައި މުޖުތަމައުއިން ލިބޭ އިބުރަތްތަކާއި، އިޖުތިމާއީ ފިލާވަޅުގެ މައްޗަށް ބިނާކޮށް އާދާކާދަތައް ދަސްކުރެއެވެ. އަދި އެހެންމެ، ތަފާތު ސިއްޙީ އާދަކާދަތައްވެސް އަށަގަނެއެވެ. މިދުވަސްވަރު ދިމާވާ ސިއްޙީ މައްސަލަތަކަށް ފަރުވާތެރި ނުވާނަމަ، ދިރިއުޅުމުގައި ދަތިތަކެއް އަދި މުޖުތަމައުގައި އުނދަގޫ ތަކާއި ކުރިމަތިލާންޖެހިދާނެކަމުގެ ފުރުސަތުބޮޑެވެ. އަދި އެކުދިންގެ މުސްތަޤްބަލުގައި އެހެނިހެން ޞިއްޙީ މައްސަލަތަކާއި ދިމާވުމަކީ ވަރަށް ގާތް ކަމެކެވެ. އާއްމުގޮތެއްގައި، ސިއްޙީގޮތުން ދިމާވާ މައްސަލަތަކަކީ ދުރާލާ ދެނެގަނެވިއްޖެނަމަ، އޭގެ ސަބަބުން ދިމާވެދާނެ އިތުރު ނުރައްކާތައް ކުޑަކޮށް ނުވަތަ އެއްކޮށްވެސް ރަނގަޅުކުރެވިދާނެ ކަންތައްތަކެވެ. އެހެންކަމުން މިއުމުރު ފުރާގައި ސިއްޙީ ގޮތުން ރަނގަޅު މަޢުލޫމާތު ދިނުމާއި، ހޭލުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ސިއްޙީ ގޮތުން ކޮންމެ ކުއްޖަކަށް ބޭނުންވާ ޚާއްސަ ކަންތައް ދެނެގަތުމާއި، އެކަމަކަށް ރިޢާޔަތް ކުރުމަކީ ފުރާވަރުގައި ދިމާވާ މައްސަލަތައް މަދުވެ ފުރިހަމަ ޞިއްޙަތެއްގައި ދެމިތިބުމަށް މަގުފަހިވެގެން ދާނެކަމެކެވެ. 


ފުރާވަރުގެ ޞިއްޙަތު މުހިއްމުވަނީ ކީއްވެ؟
ފުރާވަރަކީ ވަރަށް ނާޒުކު ދުވަސްވަރެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގެ ދެވަނަ މަރުހަލާގެ ދުވަސްވަރެވެ.ފުރާވަރަށް އެޅުމަކީ ކުޑަކުއްޖަކު ބޮޑުމީހަކަށް ބަދަލުވާން ފެށުން ކަމަށް ބެލެވިދާނެ އެވެ. އެދުވަސްވަރު އެކުދިންނަކީ ކުޑަކުދިންނެއް ވެސް ނޫނެވެ. އަދި ބޮޑެތި މީހުންނެއް ވެސް ނޫނެވެ. ފުރާވަރަކީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ފިކުރީގޮތުން ކުއްޖާއަށް ބަދަލުތަކެއް އަވަސް ގޮތަކަށް އަންނަ ދުވަސްވަރެކެވެ. މިއީ ވަރަށް ގިނަ ކަންތައްތައް ކުދިން ދަސްކުރާ ދުވަސްވަރެކެވެ. ފުރާވަރުގެ ކުދިންގެ ޞިއްހަތާއި، އެހެނިހެން ބަދަލުތައް ބައްޓަންވަމުންދާނީ އެމީހުން ކުރާ ކަންތައްތަކާއި، އެމީހުން އުޅޭ މާހައުލުން ފެންނަ އާދަތަކެއްގެ މައްޗަށެވެ. އެގޮތުން ފުރާވަރު ކުދިން އުޅޭ މާހައުލުން ފެންނަ ކަންތައްތަކުގެ އަސަރު މިކުދިންނަށް ވަރަށް ބޮޑަށް ކުރެއެވެ. އަދި މިދުވަސްވަރު އެކުދިންގެ ކިބައިގައި ހަރުލާ ކަންތައްތަކުގެ އަސަރު މުޅި އުމުރަށް ދެމިގެން ދިއުމަކީ ވެދާނެ ގޮތެކެވެ. އެހެންކަމުން ފުރާވަރުގައި ކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ވަރަށް ހަރުދަނާ ވިސްނުމެއް ގެންގުޅެން ޖެހެއެވެ. 

ފުރާވަރު ކުދިންނަށް ދިމާވާ މައްސަލަތަކުގައި އެހީތެރިކަން ނުހޯދާ ސަބަބުތައް
1-      ބިރުގަތުން
2-      އެހީތެރިކަން ހޯދަންޖެހޭ ފަރާތަކީ ތިމާއާއި އެއް ޖިންސުގެ މީހަކަށް ނުވުން
3-      ކުއްޖާއަށް މަރުހަބާ ކިޔާގޮތާއި، ބައްދަލުވާ ހިނދު މުއާމަލާތްކުރެވޭގޮތުގެ  ފެންވަރު ދަށްވުން
4-      އަމިއްލަ މިނިވަންކަން ނެތުން
5-      އިތުބާރު ނެތުން
6-      ގިނައިރު މަޑުކުރަން ޖެހުން
7-      މައުލޫމާތު ނެތުން
8-      ހިތްހަމަނުޖެހުން އިހުސާސްކުރެވުން
9-      އެހީތެރިކަން ހޯދުމަށް ކުރިމަތިވާ ހުރަސްތަކެއް ހުރުން
ފުރާވަރުގެ ކުދިންނާއި ރަހުމަތްތެރި (ގަޔާވާ) ސިފަތަކާއި ގޮތްތައް
1-      ރަގަޅަށް މަރުހަބާ ކިޔުމާއި ގާތް ރަހުމަތްތެރިގޮތެއް ބެހެއްޓުން
2-      ކަމުގެ މައުލޫމާތު ހުރުން
3-      ރަގަޅަށް މުއާމަލާތް ކުރެވޭ މީހަކަށްވުން
4-      އިތުބާރު ހިފޭ މީހަކަށްވުން
5-      ގަޑިއަށް ހުރުމަތްތެރިކޮށްހިތުން
6-      އެކުދިން އިހުސާސްތައް ދެނެގަނެ، އެކަން ދޭހަވާ (ފަހުމުވާ) މީހަކަށްވުން
7-      އެކުދިންނަށް ފަސޭހަ ވަގުތަކު ބައްދަލުވާނެ (ފްލެކްސިބަލް) ގޮތެއްހުރުން
8-      ކަނުލާ އަޑުއަހާ މީހަކަށްވުން
9-      ޖަޖުކުރާ މީހަކަށް ނުވުން
ފުރާވަރުގެ ކުދިންނާއި ރަހުމަތްތެރި ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ސިފަތައް
·         ރަގަޅު ރިސެޕްޝަނެއް ހުރުން
·         ފެންވަރު ރަގަޅު ޚިދުމަތްތައް ލިބެންހުރުން
·         ފެންވަރު ރަގަޅު ޚިދުމަތްތައް ފޯރުކޮށްދިނުން
·         ރަގަޅަށް ތަމްރީނު ލިބިފައިވާ ހުނަރުވެރި މީހުން ތިބުން
·         ހިމާޔަތާއި، ރައްކާތެރިކަން ލިބުން
·         އެކުދިން ބޭނުންވާ މިނިވަންކަން ލިބިދިނުން
·         ބިނާކުރަނިވި ވެއްޓެއް ލިބިދިނުން

ފުރާވަރުގެ ކުދިންނަށް ދިމާވާ މައްސަލަތަކުން ދުރުކުރުމަށް ކުރެވިދާނެ ކަންތައްތައް
·         ޞިއްޙީ މައުލޫމާތު ފޯރުކޮށްދިނުން
·         އެކުދިންގެ މައްސަލަތަކަށް ސީދާ އަމާޒުކޮށްގެން މައުލޫމާތު ދިނުން
·         ދިރިއުޅުމުގެ ހުނަރުތައް އަންގައިދީ، ދަސްކޮށްދިނުން
·         ދިރިއުޅުމުގައި ދިމާވެދާނެ ޖަޒުބާތީ ޝުއޫރުތަކާއި، ފިއްތުންތަކަށް މައުލޫމާތު ދިނުން
·         ރަގަޅުކާނާ ބޭނުންކުރުމުގެ މުހިއްމުކަން އޮޅުން ފިލުވައިދިނުން
·         އެކުދިންނަށް ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެ ފިޔަވަޅުއެޅުން
ފުރާވަރު ކުދިންގެ ހެދިބޮޑުވުމުގެ މަރުހަލާތައް
ބާލިޣުވުން : އަންހެންކުދިން – 11- 8 އަހަރާއި ދެމެދު  . ފިރިހެންކުދިން : 11.5  - 9 އަހަރާއި ދެމެދު
(ހ) - ފުރާވަރުގެ ކުރީކޮޅު (14-12 އަހަރާއި ދެމެދު) : އެންމެ ބާރަށް ބަދަލުތައް އަންނަ ދުވަސްވަރު
(ށ) - ފުރާވަރުގެ މެދުތެރެ (17-14 އަހަރާއި ދެމެދު) : މައިންބަފައިންނާއި ދުރުހެލިވެ، އެއުމުރުގެ އެހެން ކުދިންނާއި، ގުޅުން ބަދަހިވެ، އިދިކޮޅު ޖިންސުގެ ކުދިންނާއި، ދޯޅުވާ ދުވަސްވަރު
(ނ) - ފުރާވަރުގެ ފަހުކޮޅު (21-18 އަހަރާއި ދެމެދު) : ތަފާތު މީހެއްގެ ގޮތުގައި ފެންނަން ފެށުން ، ޚިޔާލު ތަނަވަސްވެ، ކަންކަމުގައި މަޝްވަރާކުރަން އެނގުން
ފުރާވަރުގައި އަންނަ ބަދަލުތައް
·         ތަބީޢީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް (ބާލިޣުވުމުން ޖިސްމާނީ ގޮތުން އަންނަ ބަދަލުތައް)
·         ވިސްނުމާއި، ފިކުރީގޮތުން އަންނަ ބަދަލުތައް
·         އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް (އިޖުތިމާއީ ތަރައްގީ)
·         ނަފްސާނީ އަދި ޖަޒުބާތީ ގޮތުން އަންނަ ބަދަލުތައް
·         ކަންކަމާމެދު ދެކޭގޮތް ތަރައްގީވެ ބަދަލުވުން
·         މުޖުތަމައުގެ އެހެން ކަންކަމުގައި މަސްޣޫލުވުން
·         އަމިއްލަ ވަންތަކަން އަދި އެހެނިހެން ގުޅުންތައް
·         ފަށައިފާނެ ނުރަގަޅު އާދަތައް
o       ދުންފަތުގެ އިސްތިއުމާލުކުރުން
o       މަސްތުވާތަކެތި ބޭނުންކުރުން
o       ވައްކަންކުރުން
o       ކުށްތަކަށް އަރައިގަތުން
o       މާރާމާރީ ހިންގުން / ތަޅާފޮޅުންތަކުގައި ބައިވެރިވުން
o       ގޭންގުތަކުގައި ބައިވެރިވުން
o       ރައްކާތެރި ނޫން ގޮތުގައި ޖިންސީގުޅުން ހިންގުން
ފުރާވަރުގައި ދިމާވާ މައްސަލަތަކާއި، ފާހަގަކުރެވޭ ކަންތައްތައް 
·         ތަބީޢީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް (ބާލިޣުވުމުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަންނަ ބަދަލުތައް)
o       ބާލިޣުވުމުން އަންހެން ކުދިންނަށް އަންނަ ބަދަލުތައް
o       ބާލިޣުވުމުން ފިރިހެން ކުދިންނަށް އަންނަ ބަދަލުތައް
o       ވިސްނުމާއި، ފިކުރީގޮތުން އަންނަ ބަދަލުތައް
·         ނަފްސާނީ އަދި ޖަޒުބާތީ ގޮތުން އަންނަ ބަދަލުތައް
·         އިޖުތިމާޢީ ގޮތުން އަންނަ ބަދަލުތައް (އިޖުތިމާއީ ތަރައްގީ)
o       އަމިއްލައަށް ރަހުމަތްތެރިން ޚިޔާރުކުރުން
o       އަނެއް ޖިންސުގެ ކުދިންނާއި ދޯޅުވާން ފެށުން
o       ރަހުމަތްތެރިންނާއެކު ބޭރަށް (ކުޅިވަރު ކުޅުން، ދަތުރު، ކޮފީ) ދިއުން
·         ފަށައިފާނެ ނުރަގަޅު އާދަތައް
o       ދުންފަތުގެ އިސްތިއުމާލުކުރުން
o       މަސްތުވާތަކެތި ބޭނުންކުރުން
o       ވައްކަންކުރުން
o       ކުށްތަކަށް އަރައިގަތުން
o       މާރާމާރީ ހިންގުން / ތަޅާފޮޅުންތަކުގައި ބައިވެރިވުން
o       ގޭންގުތަކުގައި ބައިވެރިވުން
o       ރައްކާތެރި ނޫން ގޮތުގައި ޖިންސީގުޅުން ހިންގުން
o       މަގުމަތީގެ ގަވާއިދުތަކަށް ބެލުމެއްނެތި، ރައްކާތެރި ނޫންގޮތަށް ބާރު ސްޕީޑްގައި ދުއްވާ ތަކެތި ދުއްވުން
o       ޞިއްހަތަށް ފައިދާހުރި ނޫން ކާބޯތަކެތި ބޭނުންކުރަން ފެށުން
§         ޖަންކު ފުޑްސް ބޭނުންކުރަން ފެށުން
§         އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް ބޭނުންކުރަން ފެށުން
o       ދުފުމާއި ، ސްޕާރީ ކެއުމުގެ އާދަ ފެށުން
·         ދިމާވެދާނެ ޞިއްޙީ މައްސަލަތައް
o       ނަފްސާނީ މައްސަލަތައް
§         ޑިޕްރެޝަން (މާޔޫސްވުމާއި، ދެރަވުން)
§         އެންޒައެޓީ (ހާސްވެފިކުރު ބޮޑުވުން)
§         ސްޓްރެސް (ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް)
§         އެނޮރެކްސިއާ ނާރވޯސާ (ކާހިތްނުވުން)
§         އަމިއްލައަށް މަރުވާން އުޅުން
o       ދުންފަތުގެ އިސްތިއުމާލުކުރުމުން ދިމާވާ ޞިއްޙީ މައްސަލަތައް 
o       ބަނގުރަލާއި، މަސްތުވާތަކެތި ބޭނުންކުރުމުން ދިމާވާ ޞިއްޙީ މައްސަލަތައް
o       މާރާމާރީއާއި ތަޅާފޮޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތައް
§         އަތެއް ފަޔެއް ބިންދައިގެން ދިއުން
§         ތަނެއް ކަނޑައިގެން ދިއުން
§         ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން
§         މަރުވުން
o       އެކިއެކި ހާދިސާތަކުގައި ލިބޭ އަނިޔާތައް
§         މަގުމަތީގެ އެކްސިޑެންޓް ތަކުގައި ލިބޭ އަނިޔާތައް
§         އުސްތަނަކުން ވެއްޓުން
§         ކުޅިވަރު ކުޅުމުގެ ތެރޭގައި އަނިޔާވުން
§         ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން
§         ގެނބުން
§         ފިހުން
§         ވިހައެއް ބުއިން
o       ފަލަވުމާއި ބަރުދަން އިތުރުވުން
o       ޞިއްޙަތަށް ގެއްލުންހުރި ކާނާ ބޭނުންކުރުން އިތުރުވުމުން ދިމާވާ ޞިއްޙީ މައްސަލަތައް
o       ރަގަޅު ކާނާ ނުލިބުން
o       ލޭމަދުވުން
o       ޅައުމުރުގައި ބޭނުންނުވެ ބަލިވެއިނުން
o       ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުމުން ދިމާވާ މައްސަލަތައް : ޖިންސީ ގުޅުމުން އަރާ ބަލިތައް
o       އެހެނިހެން ގައިންގަޔަށްއަރާ ބަލިތައް : އަރިދަފުސް ރޯގާ / ބޭރަށްހިންގުން

ފުރާވަރުގައި ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ދިމާވާ ޞިއްޙީ މައްސަލަތައް
ފުރާވަރަށް އެޅުމުން ތަބީޢީ ގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް - ބާލިޣުވުން
ބާލިޣުވުމަކީ އެންމެ ތިލަ ބަހުން ބުނާނަމަ ބޮޑުވުމެވެ. ދިވެހި ބަހުގެ ރަދީފުގައި ވާގޮތުން ބާލިޣުވުމަކީ "ފިރިހެން ކުއްޖާ ނުވަ އަހަރު ފުރުމަށްފަހު ނިދީގައި ނުވަތަ އެހެން ވެސް ހާލެއްގައި މަނިބޭރުވުން"، ނުވަތަ " އަންހެން ކުއްޖާއަށް ނުވަ އަހަރު ފުރުމަށްފަހު ޙައިޟުވުން" މިއެވެ. 

ބާލިޣުވުމަކީ އިންސާނާގެ ހަށިގަނޑުގައި ހޯރމޯންގެ މިންވަރަށް އަންނަ ބަދަލާ ގުޅިގެން ކުރިމަތިވާ ކަމެކެވެ. ފިރިހެންކުދިންނާ އަންހެންކުދިންނަށް ބާލިޣުވާ އުމުރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ބާލިޣުވާ އުމުރު ބަރޯސާވަނީ ކުއްޖާގެ ޖިންސު، ކެއުމަށް ބޭނުންކުރެވޭ ކާނާ، އަދި ހަށިގަނޑުގައި ހުންނަ ވިރާސީބަހާ ގެ މައްޗަށެވެ. އެހެންކަމުން އަންހެންކުދިންނާ ފިރިހެންކުދިން ބާލިޣުވާ އުމުރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. 

އަންހެންކުދިން ބާލިޣުވުން
އަންހެން ކުދިން ބާލިޣުވިކަން އެނގޭނެ ގޮތަކީ ޙައިޟުވުމެވެ. ނުވަތަ މައްސަރު ކަންތައް ޖެހުމެވެ. ބާލިޣުވުމުން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ގުނަވަންތައް ފުރާ ފުރިހަމަވެއެވެ. އަންހެން ވަންތަ ސިފަތައް އަންހެނާގެ ހަށިގަނޑުން ފާޅުވާން ފަށާނެ އެވެ. އާންމު ގޮތެއްގައި އަންހެން ކުދިން ބާލިޣުވަނީ އުމުރުން 14-12 އަހަރާ ދެމެދުގައެވެ. ނަމަވެސް ތަންކޮޅެއް ޞިއްޙަތު ރަގަޅުކޮށް ތިބޭކުދިން އެއަށްވުރެ ކުރިން (އުމުރުން 9 އަހަރުގައި) ބާލިޣުވުމަކީ ވެދާނެ ގޮތެކެވެ. މިއީ ދަރިމައިވުމުގެ ގާބިލިއްޔަތު އަންހެނުންނަށް ލިބެން ފަށާ އުމުރު ވެސް މެއެވެ. ބާލިޣުވުމަށްފަހު މައްސަރު ކަންތައް ގަވާޢިދުން ޖެހެމުންދާނެ އެވެ. 

ސިކުނޑީގައި ޕިޓޫއިޓަރީ ގްލޭންޑުން ދޫކުރާ ގޯނަޑަޓްރޮޕިން ހޯރމޯން ތައް ކަމުގައިވާ ފޮލިކަލް ސްޓިމިއުލޭޓިން ހޯރމޯން އަދި ލޫޓީނައިޒިންގ ހޯރމޯން ގެ ސަބަބުން އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައި ހިމެނޭ ބިސް އުފައްދާ ތަން ހީވާގިވެ، މުރާލިވެ އެތަނުގެ މަސައްކަތްތައް ހިންގަން ފަށާނެ އެވެ. އެގޮތުން ބިސް އުފައްދާ ތަނުން "އެސްޓްރަޖަން"ހޯރމޯން އުފައްދަން ފަށާނެ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ވަކި އުސޫލަކުން ކޮންމެ މަހަކު އެއްފަހަރު މައްސަރު ކަންތައް ޖެހެމުންދާނެ އެވެ.
އަންހެންކުދިން ބާލިޣުވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް
ބާލިޣުވުމަކީ ޖިސްމާނީގޮތުންނާ ނަފްސާނީ ގޮތުން ތަފާތު ބަދަލުތައް ގެނުވާނެ ކަމެކެވެ. އެގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި:-
·         ރަހިމު، ބިސްދަތުރުކުރާ ހޮޅި، އަދި ބިސް އުފައްދާ ތަން ހެދިބޮޑުވެ ފުރިހަމަވުން
·         ކޮންމެ މަހަކު ބިސް އުފައްދާ ތަނުން ބިސް ދޫކޮށް، މައްސަރު ކަންތައް ޖެހުން
·         އުރަމަތި ހެދި ބޮޑުވެ ފުރިހަމަވެ، އޭގެ ސައިޒުން ބޮޑުވާން ފެށުން
·         ކުރިމަތި ފަރާތާ ކިހިލިފަތް ދޮށުގައި އިސްތަށި ފަޅަން ފެށުން
·         ޅިނދު ބޮޑުވެ ސައިޒުން ފުޅާވުން
·         އުރަމައްޗާ، ބުޑުގައި ސަރުބީ ޖެހުން
·         އިސްކޮޅުން ދިގުވުން
·         ކުރިމަތި ފަރާތުން ހުދުކުލައިގެ ސާފު ދިޔައެއް އަންނަން ފެށުން
ފިރިހެންކުދިން ބާލިޣުވުން
ފިރިހެން ކުދިން ބާލިޣުވިކަން އެނގޭނެ ގޮތަކީ ކުރިމަތި ފަރާތުން މަނިބޭރުވުމެވެ. އާންމު ގޮތެއްގައި ފިރިހެން ކުދިން ބާލިޣުވަނީ އުމުރުން 14-10 އަހަރާ ދެމެދުގައެވެ. ނަމަވެސް މިއަށްވުރެ އަވަހަށް (9އަހަރުގައި) ބާލިޣުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ބާލިޣުވުމުން ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑުން ލޫޓީނައިޒިންގ ހޯރމޯން އުފައްދައި ދޫކުރެއެވެ. މިހޯރމޯން އަކީ އޮށުގައި މަނި އުފައްދައިދޭ ހޮޅި ތަކުގެ ދެމެދުގައި ހުންނަ "ލީޑިގް ސެލް"ތަކުން ފިރިހެނާގެ ޖިންސީ ހޯރމޯން "ޓެސްޓޮސްޓަރޯން"އުފެއްދުމަށް ބާރުއަޅާ ހޯރމޯން އެކެވެ. ފިރިހެނުންގެ ހަށިގަނޑުގައި ފިރިހެން ވަންތަ ސިފަތައް ފާޅުވުމަށް އެހީތެރިވެދޭ ހޯރމޯން އަކީ މިއީ އެވެ. 
ފިރިހެންކުދިން ބާލިޣުވުމުން ހަށިގަނޑަށް އަންނަ ބަދަލުތައް
ބާލިޣުވުމަކީ ޖިސްމާނީގޮތުންނާ ނަފްސާނީ ގޮތުން ތަފާތު ބަދަލުތައް ގެނުވާނެ ކަމެކެވެ. އެގޮތުން އަންނަ ބަދަލުތަކުގެ ތެރޭގައި:-
·         ކަށިތަކާ މަސްތައް ހެދިބޮޑުވެ، އިސްކޮޅާ ބަރުދަން އިތުރުވާން ފެށުން
·         ބައިމަތި ފުޅާވުން
·         ލަގޮނޑި ބޮޑުވެ، އަޑުފެޅުން
·         މޫނުމަތި، ކިހިލިފަތްދޮށް، މޭމަތި، ބަނޑު، އަދި ކުރިމަތި ފަރާތުގައި އިސްތަށިފެޅުން
·         ޒަކަރު، އުރަވަޅި، އޮށް، އަދި ޕްރޮސްޓޭޓް ގްލޭންޑް ހެދިބޮޑުވެ ފުރިހަމަވުން
·         މަނި އުފައްދާ ހޮޅިތައް ހެދިބޮޑުވެ، މަނި އުފައްދަން ފެށުން
·         ރޭގަނޑު ނިދީގައި އިހުތިލާމުވުން (މަނިބޭރުވުން)
·         ހަންބޯވެ،ތެޔޮވެ، ދާހިއްލަން ފެށުން
ނަފްސާނީ މައްސަލަތައް
ފުރާވަރުގައި ދިމާވާ ނަފްސާނީ މައްސަލަތަކުގެ ތެރެއިން އެންމެ އާންމު އެއް މައްސަލަ އަކީ ޑިޕްރެޝަން އެވެ. މީގެ އިތުރުން ހާސްވެކަންބޮޑުވުން، ފިކުރުބޮޑުވުން، އެކިއެކި ފިއްތުންތައް ކުރިމަތިވުމަކީ ވެސް ދިމާވެދާނެ މައްސަލަތަކެވެ. ފުރާވަރުގައި ނަފްސާނީ މައްސަލަތައް މެދުވެރިވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި، މާރާމާރީއާއި، ތަޅާފޮޅުމުގައި ބައިވެރިވުން، އަދި ގޭންގުތަކުގެ މެދުގައި އޮންނަ ދެބަސްވުންތަކުގެ ޝިކާރައަކަށްވުން، ކުއްޖާއަށް ކަމޭނުހިތުން، ކުއްޖާކުރާ ކަންތައްތައް މައިންބަފައިން ބަލައިގަނެ، އަގުވަޒަންނުކުރުން، މީހުންގެ ތެރޭގައި ކުއްޖާ ދެރަކޮށް ދަށްކޮށްލުން، ރައްޓަހި ރަހުމަތްތެރިންގެ ފުށުން ކުރިމަތިވާ މަލާމާތާއި، ފުރައްސާރައާއި "ހަނގާކުރުން" ފަދަ ކަންތައްތައް ހިމެނެއެވެ. ފުރާވަރުގައި ދިމާވާ ނަފްސާނީ މައްސަލަތަކުގެ ސަބަބުން އަމިއްލައަށް މަރުވުމަކީ ވެސް ވެދާނެ ގޮތެކެވެ. 

ސުކޫލް މަދަރުސާތަކުގައި ދިރިއުޅުމުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދީ، ސުކޫލް މަދަރުސާތަކާއި، މުޖުތަމަޢާއި، ގޭތެރެއިން ކުދިންނަށް ބޭނުންވާ އިޖުތިމާޢީ-ނަފްސާނީ އެއްބާރުލުން ފޯރުކޮށްދެވޭނަމަ، އެކުދިންނަށް ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކުރެވި، އެފަދަ މައްސަލަތައް ކުރިމަތިވުމުގެ ނިސްބަތް ކުޑަކުރެވޭނެ އެވެ. މީގެ އިތުރުން ފުރާވަރުގެ ކުދިންނާއި، އެކުދިންގެ އާއިލާތަކާ ދެމެދު ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުމަށް މަސައްކަތްކުރުމަކީ ވެސް މުހިއްމު ކަމެކެވެ. އެހެންކަމުން ފުރާވަރު ކުދިންގެ ފުށުން ނަފްސާނީ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަކީ މުސްތަގުބަލްގައި ދިމާވެދާނެ ކަންކަމުން ސަލާމަތްކުރުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. 

ފުރާވަރުގައި ދިމާވާ އެންމެ އާންމު ނަފްސާނީ މައްސަލަތަކަކީ:-
·         ޑިޕްރެޝަން (މާޔޫސްވުމާއި، ދެރަވެ މޮޅިވެރިވުން / ހިތާމަކުރުމުގެ ބަލި)
·         އެންޒައެޓީ (ހާސްވެ ކަންބޮޑުވެ،ފިކުރު ބޮޑުވުން)
·         ސްޓްރެސް (ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކުގެ ސަބަބުން ހަށިގަނޑަށް ބާރުބޮޑުވުން)
·         އެނޮރެކްސިއާ ނާރވޯސާ (ކާހިތްނުވުން)
·         އަމިއްލައަށް މަރުވާން އުޅުން
ފުރާވަރުގައި ނަފްސާނީ މައްސަލަތައް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި:-
·         މާރާމާރީއާއި، ތަޅާފޮޅުމުގައި ބައިވެރިވުން
·         ގޭންގުތަކުގެ މެދުގައި އޮންނަ ދެބަސްވުންތަކުގެ ޝިކާރައަކަށްވުން
·         ކުއްޖާއަށް ކަމޭނުހިތުން
·         ކުއްޖާކުރާ ކަންތައްތައް މައިންބަފައިން ބަލައިގަނެ، އަގުވަޒަންނުކުރުން
·         މީހުންގެ ތެރޭގައި ކުއްޖާ ދެރަކޮށް ދަށްކޮށްލުން
·         ރައްޓަހި ރަހުމަތްތެރިންގެ ފުށުން ކުރިމަތިވާ މަލާމާތާއި، ފުރައްސާރައާއި "ހަނގާކުރުން"
ފުރާވަރުގައި ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކޮށް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް:-
·         ސުކޫލް މަދަރުސާތަކުގައި ދިރިއުޅުމުގެ ހުނަރުތައް ކުދިންނަށް ދަސްކޮށްދިނުން
·         ސުކޫލް މަދަރުސާތަކާއި، މުޖުތަމަޢާއި، ގޭތެރެއިން ކުދިންނަށް ބޭނުންވާ އިޖުތިމާޢީ-ނަފްސާނީ އެއްބާރުލުން ފޯރުކޮށްދިނުން
·         ފުރާވަރުގެ ކުދިންނާއި، އެކުދިންގެ އާއިލާތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަކުރުން
ޅައުމުރުގައި ބޭނުންނުވެ، ބަލިވެއިނދެ ވިހެއުމުންދިމާވާމައްސަލަތައް
ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 19-15 އަހަރާއި ދެމެދުގެ އަންހެން ކުދިން އެންމެ ގިނައިން މަރުވަނީ ޅައުމުރުގައި ބަލިވެއިނދެ ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތަކާއި ގުޅިގެންނެވެ. ދުނިޔޭގައި ބަލިވެއިނދާ ވިހާ އަންހެނުންގެ ތެރެއިން %11 (ގާތްގަނޑަކަށް 16 މިލިޔަން) ހިއްސާކުރަނީ އުމުރުން 19-15 އަހަރާއި ދެމެދުގެ އަންހެން ކުދިންނެވެ. މީގެތެރެއިން ގިނަ ކުދިން (%95) ނިސްބަތްވަނީ ދަށް އަދި މެދު ފަންތީގެ ގައުމުތަކަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރާވަރަށްދާ އުމުރުގެ ކޮންމެ 1000 އަންހެން ކުދިންގެ ތެރެއިން 49 ކުދިން ބަލިވެއިނދެ ވިހައެވެ. ގައުމުތަކަށް ރިއާޔަތްކުރާއިރު މިނިސްބަތް އުޅެނީ ކޮންމެ 1000 ކުދިންގެ ތެރެއިން 229-1 އަންހެން ކުދިންނާއި ދެމެދުގެ މިންވަރެއްގައެވެ. 

ދިވެހިރާއްޖޭގައި އުމުރުން 18 އަހަރު ނުވަނީސް ކައިވެނި ކުރުމަކީ ގާނޫނީ ގޮތުން މަނާކަމަކަށްވުމުން މަދުން ނަމަވެސް ކައިވެނީގެ ބޭރުން ހިންގާ ޖިންސީގުޅުމުގެ ސަބަބުން ޅައުމުރު ފުރާގައި ބަލިވެއިނދެ ވިހާކަން ފާހަގަ ކުރެވެއެވެ. ބައެއް ފަހަރު ސިއްރުން ވިހެއުމަށްފަހު، ދަރިމަރާލުން، ނުވަތަ ބޭރުގައުމަކަށް ގޮސް ދަރި ވައްޓާލުން، ނުވަތަ އަމިއްލައަށް ބޭސް ބޭނުންކޮށްގެން ދަރިވައްޓާލުން ފަދަ ކަންތައްތައް މާޒީގައި ހިނގާފައިވާކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކޮންމެ އަހަރަކު ފުރާވަރުގެ 2.5 މިލިޔަން ކުދިން ބަލިވެއިނދެ ރައްކާތެރި ނޫންގޮތުގައި ދަރިވައްޓާލަ އެވެ. 

ފުރާވަރުގައި ބޭނުންނުވެ، ބަލިވެއިނުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން، އަވަހަށް ސުކޫލުން ވަކިވުން، އަޅާލާނެ ބަޔަކު ނެތުން، ކުރިޔަށް ދިއުމުގެ ފުރުޞަތު ނެތުން، ޖިންސީ ގޯނާއެއް ކުރިމަތިވުން، ޖިންސީ ފުރިހަމަވުން އަވަސްވުން، އަދި ޓީވީ، ނޫސް، މަޖައްލާ، ފިލްމުތައް، އިންޓަނެޓް، މޯބައިލް ފޯނުގެ ޒަރީޢާއިން ޖިންސީ މަންޒަރުތައް ފެނުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ޅައުމުރުގައި (ފުރާވަރުގައި) ބަލިވެއިނުމުން މައިމީހާއަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި، މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި މައިމީހާ މަރުވުން، ލޭމަދުވުން، ނަފްސާނީ މައްސަލަތައް ދިމާވުން، މާބަނޑު ދުވަސްވަރު މާގިނައިން ރަހިމުން ލޭފޭބުން، ވިހެއުމުގެ ތެރޭގައި މާގިނައިން ލޭފޭބުން، އަދި ވިހެއުމަށްފަހު މާގިނައިން ރަހިމުން ލޭފޭބުން ފަދަ ކަންތައްތައް ހިމެނެއެވެ. ޅައުމުރުގައި (ފުރާވަރުގައި) ބަލިވެއިނުމުން ބަނޑުގައިވާ ތުއްތު ދަރިފުޅަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި، ބައިގެން ދިއުން، ދުވަސްނުފުރާ ވިހެއުން، ވިހާއިރު ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވުން، ކުއްލިއަކަށް ގޮތްނޭގި އުމުރުން ފުރަތަމަ މަހުގައި ތުއްތު ދަރިފުޅު މަރުވުން، އަދި ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ނޭވާ ހާސްވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ފުރާވަރުގައި ބޭނުންނުވެ، ބަލިވެއިނުމަކީ މައިމީހާއާއި، ކުޑަ ދަރިފުޅަށް ޞިއްހީ ގޮތުން ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، ތައުލީމީ ގޮތުން ކުރިޔަށް ނުދެވި، އިޖުތިމާޢީ މައްސަލަތައް (ޒިންމާދާރު މައިންބަފައިން / އިޖުތިމާޢީ ރައްކާތެރިކަން /ދިރިއުޅުމަށް މަސައްކަތެއް ނުކުރުން)، އަދި މަންމައާއި، ދަރިފުޅަށް މާލީގޮތުން ދަތިތައް ކުރިމަތިވާނެ ކަމެކެވެ. 

ޅައުމުރުގައި ބަލިވެ އިންނަމަވެސް ގަވާޢިދުން ޑޮކްޓަރަށް ދައްކައި ހެދުމަކީ މުހިއްމު ކަމެކެވެ. އެއީ މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ތެރޭގައި ދިމާވާ ޞިއްޙީ މައްސަލަތައް ކުޑަކުރުމަށް ލިބޭ ބާރަކަށް ނޫނީ ނުވާނެ އެވެ.
ޅައުމުރުގައި (ފުރާވަރުގައި) ބަލިވެއިނުމަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-
·         މަސްތުވާތަކެތި ބޭނުންކުރުން
·         އަވަހަށް ސުކޫލުން ވަކިވުން
·         އަޅާލާނެ ބަޔަކު ނެތުން
·         ކުރިޔަށް ދިއުމުގެ ފުރުޞަތު ނެތުން
·         ޖިންސީ ގޯނާއެއް ކުރިމަތިވުން
·         ޖިންސީ ފުރިހަމަވުން އަވަސްވުން
·         ޓީވީ، ނޫސް، މަޖައްލާ، ފިލްމުތައް، އިންޓަނެޓް، މޯބައިލް ފޯނުގެ ޒަރީޢާއިން ޖިންސީ މަންޒަރުތައް ފެނުން
ޅައުމުރުގައި (ފުރާވަރުގައި) ބަލިވެއިނުމުން މައިމީހާއަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި:-
·         މާބަނޑު ދުވަސްވަރު ނުވަތަ ވިހެއުމުގެ ތެރޭގައި މައިމީހާ މަރުވުން
·         ލޭމަދުވުން
·         ނަފްސާނީ މައްސަލަތައް ދިމާވުން
·         މާބަނޑު ދުވަސްވަރު މާގިނައިން ރަހިމުން ލޭފޭބުން
·         ވިހެއުމުގެ ތެރޭގައި މާގިނައިން ލޭފޭބުން،
·         ވިހެއުމަށްފަހު މާގިނައިން ރަހިމުން ލޭފޭބުން
ޅައުމުރުގައި (ފުރާވަރުގައި) ބަލިވެއިނުމުން ބަނޑުގައިވާ ތުއްތު ދަރިފުޅަށް ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި:-
·         ބައިގެން ދިއުން
·         ދުވަސްނުފުރާ ވިހެއުން
·         ވިހާއިރު ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވުން
·         ކުއްލިއަކަށް ގޮތްނޭގި އުމުރުން ފުރަތަމަ މަހުގައި ތުއްތު ދަރިފުޅު މަރުވުން
·         ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅުގެ ނޭވާ ހާސްވުން

ރައްކާތެރި ނޫންގޮތުގައި ޖިންސީގުޅުން ހިންގުމުން ދިމާވާ މައްސަލަތައް
ފުރާވަރުގައި ރައްކާތެރިނޫންގޮތުގައިކައިވެނީގެ ބޭރުން ޖިންސީގުޅުންހިންގުމަކީ ޅައުމުރުގައި ބަލިވެއިނުމަށް މަގުފަހިވާނެ ކަމެކެވެ. މިއީ ޖިންސީ ގުޅުމުން ގައިންގަޔަށްއަރާ ބަލިތަކަށް ހުޅުވާލެވޭ ދޮރެކެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރާވަރުގެ 2 މިލިޔަނަށްވުރެ ގިނަކުދިން އޭޑްސް ޖެހިފައި އެބަތިއްބެވެ. އޭޑްސްގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް ފާއިތުވި އަހަރުތަކުގައި މަދުވި ނަމަވެސް، އޭޑްސް ބަލީގައި ފުރާވަރުގެ ކުދިން މަރުވާ މިންވަރު އަންނަނީ އިތުރުވަމުންކަން ލަފާކުރެވެއެވެ. 

ދިވެހިރާއްޖޭގައި އުމުރުން 18 އަހަރު ނުވަނީސް ކައިވެނި ކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. އަދި ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ ވެސް ގާނޫނީ ކުށެކެވެ. އެހެންކަމުން ފުރާވަރުގައި ދެޖިންސްގެ އޮންނަ ދެމެދުގައި އުފެދޭ ރައްޓަހި ރަހުމަތްތެރިކަމުގެ ގުޅުން އިސްލާމީ ގިއުގަނޑުގެ ތެރޭގައި ހިފަހައްޓަންޖެހެއެވެ. ފުރާވަރުގައި ކައިވެނިނުކޮށް، ކުދިންނާއި ރައްޓަހިވެގެން އުޅުނު ނަމަވެސް، ތިމާގެ އާދަތަކާއި، މުއާމަލާތްތައް، ޖިންސީގުޅުމުން ޖެހޭ ބަލިތަކުން ދުރުވެ، ރައްކާތެރިވެވޭނެ ފަދަ ގޮތަކަށް ބައްޓަން ކުރަންޖެހެއެވެ. ފުރާވަރު ކުދިންނާއި، އެކުދިންގެ މައިންބަފައިންނަށް ރައްކާތެރި ނޫންގޮތުގައާއި، ކައިވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމުން ކުރިމަތިވެދާނެ ބަލިތަކާއި، މައްސަލަތަކާއި ބެހޭގޮތުން މައުލޫމާތުދީ، ހޭލުންތެރި ކުރުވަން ޖެހެއެވެ. އެހެންނޫނީ ފުރާވަރުގައި ވެސް އޭޑްސް ބައްޔާއި، ސިފިލިސް، އަދި ކިހުނުވުން ފަދަ ޖިންސީގުޅުމުން ގައިންގަޔަށްއަރާ ބައްޔެއްގެ ޝިކާރައަށްވުމަކީ ދުރުކަމެއް ނޫނެވެ. 

ރައްކާތެރި ނޫން ގޮތުގައި ޖިންސީގުޅުން ހިންގުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި:-
·         ޖިންސީގުޅުމުން އަރާ ބަލިތައް ޖެހުމަށް މަގުފަހިވުން
·         ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުގެ ފުރުޞަތު ބޮޑުވުން
ގައިންގަޔަށްއަރާ ބަލިތައް
ފާއިތުވި އަހަރުތަކުގައި ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ވެކްސިންތައް ތަޢާރަފުކުރެވި ދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ގައިންގަޔަށްއަރާ ބަލިތައް ފެތުރުން ނިސްބަތުން އެތައް ގުނައެއް ކުޑަކުރެވިފައި ވެއެވެ. ފުރާވަރުގެ ކުދިންގެ މެދުގައި ވެސް ފަސޭހައިން ގައިންގަޔަށްއަރާ ބަލިތައް ފެތުރެއެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އުމުރުން 19-10 އަހަރާއި ދެމެދުގެ ކުދިން އެންމެ ގިނައިން މަރުވާ 10 ސަބަބުގެ ތެރޭގައި ބޭރަށްހިންގުން، އަރިދަފުސް ރޯގާ، އަދި ސިކުނޑީގެ ބޭރު ދުލިފަށަލަ ދުޅަވުން ހިމެނެއެވެ. 

ދިވެހިރާއްޖޭގައި ވެސް ބޭރަށްހިންގުމާއި އަރިދަފުސް ރޯގާ އަކީ ވަރަށް އާންމު ބަލިތަކެކެވެ. ގައިންގަޔަށްއަރާ ބަލިތަކުގެ ތެރެއިން އެންމެ ގިނައިން ޑޮކްޓަރަށް ދައްކާކަމަށް ރިކޯޑުތަކުން ދައްކަނީ ވެސް އަރިދަފުސް ރޯގާއާއި ބޭރަށްހިންގުމެވެ. މިބަލިތައް ނިސްބަތުން ފުރާވަރު ކުދިންގެ މެދުގައި ވެސް ހަލުވިކަމާއެކު ފެތުރޭކަން ފާހަގަ ކުރެވެއެވެ.
މާރާމާރީ އާއި ތަޅާފޮޅުމުގެ ސަބަބުން ލިބޭ އަނިޔާތައް
މާރާމާރީއާއި ތަޅާފޮޅުމާއި، ގޭންގުތަކުގެ ދެމެދުގައި އޮންނަ ހަމަނުޖެހުން ތަކަކީ ރާއްޖޭގައި ވެސް ވަރަށް އާންމު ކަންތައްތަކެވެ. ކޮންމެ އަހަރަކު ގޭންގު މާރާމާރީ، ތަޅާފޮޅުންތަކުގައި މީހުން މަރުވާ ނިސްބަތް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މީގެ އިތުރުން ގޭންގު މާރާމާރީ އާއި ތަޅާފޮޅުމަކީ އަތްފައި ބިނދުން، ހަށިގަނޑުގެ ތަނެއް ކަނޑައިގެންދިއުން ފަދަ އަނިޔާތަކުން ފެށިގެން ގޮސް، ޖިސްމާނީ ނުކުޅެދުންތެރިކަމެއް އޭގެ ސަބަބުން މެދުވެރިކުރުވަފާނެ ކަންކަމެވެ.

ދުނިޔޭގެ ތަފާސް ހިސާބުތައް ލަފާކުރާގޮތުން މާރާމާރީއާއި ތަޅާފޮޅުންތަކުގެ ސަބަބުން ކޮންމެ ދުވަހަކު 180 އަށްވުރެ ގިނަ ފުރާވަރުގެ ކުދިން މިދުނިޔެ ދޫކުރެއެވެ. އުމުރުން 19-15 އަހަރާއި ދެމެދުގެ %30 އަންހެން ކުދިންނަށް އެކުދިންގެ ބައިވެރިންގެ ފުށުން އަނިޔާ ލިބޭކަމަށް ހިސާބުތަކުން ދައްކައެވެ. 

ގޭންގު މާރާމާރީއާއި، ތަޅާފޮޅުންތަކުން ފުރާވަރުގެ ކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި މައިންބަފައިންނާއި، ކުދިންގެ މެދުގައި ހަރުދަނާ ގުޅުމެއް ގާއިމުކުރެވިފައިއޮތުން، ފުރާވަރުގެ ކުދިންނަށް ދިރިއުޅުމުގެ ހުނަރުތައް ސުކޫލްގެ މާހައުލުންނާއި، މުޖުތަމަޢުގެ ތެރޭގައި އެކިއެކި ޕްރޮގްރާމް ތަކުގެ އެހީގައި ދަސްކޮށްދިނުން، ހުސްވަގުތު ކުރެވިދާނެ ރަގަޅު ކަންތައްތައްކެއް ދަސްކޮށްދިނުން، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކަންކަމުން ދުރުހެލިކުރުން، ފުރާވަރުގެ ކުދިން އާވާރާވެގެން މަގުމަތީގައި އުޅުމުގެ ފުރުޞަތު މައިންބަފައިން ނުދިނުން، ތިމާގެ ދަރިންގެ ރަހުމަތްތެރިންނަކީ ކޮންކަހަލަ ބައެއްތޯ ބެލުން، ފުރާވަރުގެ ކުދިން ގެއިން ބޭރުގައި އުޅޭނޫޅޭގޮތް ބެލުން، ފަދަ ކަންތައްތައް ހިމެނެއެވެ. 

މާރާމާރީއާއި ތަޅާފޮޅުމުގެ ސަބަބުން ދިމާވާ ޞިއްޙީ މައްސަލަތައް:-
·         އަތެއް ފަޔެއް ބިންދައިގެން ދިއުން
·         ތަނެއް ކަނޑައިގެން ދިއުން
·         ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން
·         މަރުވުން
މަސްތުވާތަކެތި ބޭނުންކުރުން
ޒުވާނުން މަސްތުވާ ތަކެތި ބޭނުންކުރުމަކީ މިއަދު ދިވެހި މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ އެވެ. ހިތާމައަކީ މަސްތުވާތަކެތި ބޭނުންކުރާ ކުދިންގެ ތެރޭގައި ފުރާވަރުގެ ކުދިންގެ ހިމެނޭ ކަމެވެ. ގިނަ ފަހަރު އެފަދަ ކުދިން މަސްތުވާތަކެތި ބޭނުންކުރަން ފަށަނީ ވެސް ފުރާވަރުގެ އުމުރުފުރާގައި ކަން ފާހަގަކޮށްލެވެއެވެ. މަދުން ނަމަވެސް ބަނގުރާ ބުއިމުގެ އާދަ ފުރާވަރުގެ އުމުރުގެ ކުދިންގެ ކިބައިގައި އަށަގަންނަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖޭގައި ބަނގުރާ ބުއިމާއި، މަސްތުވާތަކެތި ބޭނުންކުރުމަކީ ގާނޫނީގޮތުން މަނާ ކަންތައްތަކަމަށް ވިޔަސް، ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ މެދުގައި މިނުބައި އާދަ ނުރައްކާތެރި މިންވަރަކަށް އޮތްކަން ފާހަގަކުރެވެއެވެ. 

ބަނގުރަލާއި، މަސްތުވާތަކެތި ބޭނުންކުރުމަކީ ނަފުސު ކޮންޓްރޯލުން ނެއްޓި، ރައްކާތެރި ނޫންގޮތުގައި ޖިންސީގުޅުން ހިންގުން ފަދަ ނޭއްގާނީ އާދަތަކާއި ދިމާލަށް މީހާ ގެންދާ ކަމެކެވެ. މަގުމަތީ އެކުސިޑެންޓްތައް ހިނގުމާއި، އެކިއެކި އަނިޔާތައް ލިބުމާއި، މާރާމާރީއާއި، ތަޅާފޮޅުމާއި، ގޭންގުތަކުގެ ތަކުގެ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގެ އަސާސީ ސަބަބަށްވެފައި އޮންނަނީ މަސްތުވާތަކެތި ބޭނުންކުރުމެވެ. މަސްތުވާތަކެތި ބޭނުންކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި އުމުރަށްކުރާނެ ކަމެކެވެ. މީހާގެ އުމުރު ކުރުވާ ކަމެކެވެ. 

ދިމާވާ ހާދިސާތަކާއި، އެކްސިޑެންޓްތަކުން ލިބޭ އަނިޔާތަކާއި، ގެއްލުންތައް
ދިވެހިރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ކުދިން ދުއްވާއެއްޗެތި ދުއްވުމަކީ ގާނޫނީ ގޮތުން ކުށެކެވެ. އުމުރުން 18 އަހަރު ވުމަށްފަހު ވެސް ދުއްވާ އެއްވެސް އުޅަނދެއް ދުއްވޭނީ އެއެއްޗެއް ދުއްވުމަށް ދޫކުރާ ޚާއްޞަ ލައިސަންސް ނަގައިގެންނެވެ. ނަމަވެސް ގާނޫނާއި ގަވާއިދާ ޚިލާފަށް ފުރާވަރުގެ ކުދިން، މަގުމަތީގެ ގަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމެއްނެތި ދުއްވާ އެއްޗެތި ދުއްވުމަކީ ރާއްޖޭގައި ވެސް އާންމު ވެފައިވާ ކަމެކެވެ. 

މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތަކުން ލިބޭ އަނިޔާތަކާއި، ގެއްލުންތައްފުރާވަރުގެ ކުދިންގެ މެދުގައި އާންމުކަން ފާހަގަ ކުރެވެއެވެ. މަގުމަތީގެ އެކުސިޑެންޓް ތަކަކީ އަތްފައި ބިނދުން، ހަށިގަނޑުގެ ތަނެއް ކަނޑައިގެންދިއުން ފަދަ އަނިޔާތަކުން ފެށިގެން ގޮސް، ޖިސްމާނީ ނުކުޅެދުންތެރިކަމެއް އޭގެ ސަބަބުން މެދުވެރިކުރުވަފާނެ ކަމެކެވެ. މަގުމަތީގެ އެކުސިޑެންޓްތަކުގައި މިދުނިޔެ ދޫކޮށްދާ ފުރާވަރުގެ ކުދިންނާއި، ޒުވާނުންގެ ނިސްބަތް ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރާވަރު އުމުރުފުރާގެ 120 ހާސް ކުދިން މަގުމަތީގެ އެކުސިޑެންޓްތަކުގައި 2012 ވަނަ އަހަރު މިދުނިޔެ ދޫކޮށްފައި ވެއެވެ. 

މަގުމަތީގެ އެކުސިޑެންޓް ތަކުގެ އިތުރުން ގެނބުމާއި، ގެނބިގެން މަރުވުމަކީ ވެސް ފުރާވަރުގެ ކުދިންގެ މެދުގައި އިތުރުވަމުން އަންނަ ކަމެކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރާވަރު އުމުރުފުރާގެ 60 ހާސް ކުދިން ގެނބުމުގެ ސަބަބުން 2012 ވަނަ އަހަރު މިދުނިޔެ ދޫކޮށްފައި ވެއެވެ. 

ދިމާވާ ތަފާތު ހާދިސާތަކުން ލިބޭ ގެއްލުންތަކާއި އަނިޔާތަކުން ފުރާވަރުގެ ކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ފުރާވަރުގެ ކުދިން އުޅޭނޫޅޭގޮތް މައިންބަފައިން ބަލަމުންގެންދިއުން، ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ، ހޭލުންތެރިކުރުމުވުމުގެ ޕްރޮގްރާމްތައް ފުރާވަރުގެ ކުދިންނަށް ހިންގުން، ފަތަން ދަސްކުރުމާއި، ދުއްވާތަކެތި ދުއްވާއިރު، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން އަންގައިދިނުން، ގާނޫނާއި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުރާވަރުގެ ކުދިންނާއި، ޒުވާނުންނަށް ބާރުއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ.
އެކިއެކި ހާދިސާތަކުގައި ލިބޭ އަނިޔާތައް :- 
·         މަގުމަތީގެ އެކްސިޑެންޓް ތަކުގައި ލިބޭ އަނިޔާތައް
·         އުސްތަނަކުން ވެއްޓުން
·         ކުޅިވަރު ކުޅުމުގެ ތެރޭގައި އަނިޔާވުން
·         ޖިސްމާނީ ނުކުޅެދުންތެރިކަމެއް މެދުވެރިވުން
·         ގެނބުން
·         ފިހުން
·         ވިހައެއް ބުއިން
ތަފާތު ހާދިސާތަކުން ލިބޭ ގެއްލުންތަކާއި އަނިޔާތަކުން ފުރާވަރުގެ ކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ފުރާވަރުގެ ކުދިން އުޅޭނޫޅޭގޮތް މައިންބަފައިން ބަލަމުންގެންދިއުން
·         ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ، ހޭލުންތެރިކުރުމުވުމުގެ ޕްރޮގްރާމްތައް ފުރާވަރުގެ ކުދިންނަށް ހިންގުން
·         ފަތަން ދަސްކޮށްދިނުން
·         ދުއްވާތަކެތި ދުއްވާއިރު، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިއްމުކަން އަންގައިދިނުން
·         ގާނޫނާއި، ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ފުރާވަރުގެ ކުދިންނާއި، ޒުވާނުންނަށް ބާރުއެޅުން
ރަގަޅުކާނާ ނުލިބުމާއި، ފަލަވުން
ރަގަޅުކާނާ ނުލިބުމާއި، ފަލަވުމަކީ ފުރާވަރުގެ ކުދިންގެ މެދުގައި އާންމުވަމުން އަންނަ މައްސަލަތަކެކެވެ. ދިވެހިރާއްޖޭގައި  ރަގަޅުކާނާ ނުލިބުމުގެ މައްސަލަ ފުރާވަރުގެ ކުދިންގެ މެދުގައި އާންމު ނޫން ނަމަވެސް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފުރާވަރަށް އަޅާއިރު ވެސް ގިނަ ކުދިން ތިބެނީ ކާނާ މަދުވުމުގެ މައްސަލަތައް ކުރިމަތި ވެފައެވެ. ނަތީޖާއަކީ ފަސޭހައިން ބަލިތައް ޖެހުމާއި، ފުރާނައަށް ނުރައްކާވުމުގެ ފުރުޞަތު އިތުރުވެގެން ދިއުމެވެ. 

ފުރާވަރުގެ ކުދިން އާދަޔާ ޚިލާފަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ، ބުރަހެލިވެ ފަލަވުން މިފަހަކަށް އައިސް އިތުރުވާކަން ފާހަގަ ކުރެވިފައި ވެއެވެ. ދަށް ފަންތީގެ އަދި މަތީ ފަންތީގެ އާންމުދަނީ ލިބޭ ގައުމުތަކުގައި ވެސް މިމައްސަލަ ދާދި އެއްވަރަކަށް އޮތްކަން ފާހަގަކޮށްލެވެއެވެ. 

އާދަޔާ ޚިލާފަށް ހަށިގަނޑު ބަރުހެލިވެ ފަލަވުމުން ދިމާވެދާނެ މައްސަލަތަކުގެ ތެރޭގައި ލޭމައްޗަށްދިއުން، ހަކުރު ބަލި ޖެހުން، ހިތުގެ ބަލިތައް ޖެހުން، މަޑުކަށިގިރުން ފަދަ ހުޅުދުޅަވުމުގެ މައްސަލަތައް ކުރިމަތިވުން، ނިދީގައި ނޭވާހުއްޓުން ފަދަ ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުން، ކެންސަރުޖެހުން، އަދި ނަފްސާނީ މައްސަލަތައް ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ފުރާވަރުގެ ކުދިން އާދަޔާ ޚިލާފަށް ފަލަވުމަށް ދިމާވާ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ ކެއުމުގައި އެއްވެސް ކަހަލަ އުސޫލެއް ހަމަހަމަ ކަމެއް ނެތުމެވެ. އެގޮތުން ކެއުމުގައި ޖަންކު ފުޑްސް ފަދަ ހަކުރާއި، ލޮނު، ތެލާއި، ސަރުބީ، ހިމެނޭ ބާވަތްތައް މާގިނައިން ބޭނުންކުރުމާއި، ކަސްރަތު ނުކުރުމާއި، ހެލިފެލިވެ ނޫޅުން،އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް ފަދަ ހަކުރު ގިނައިން ހުންނަ ބުއިންތައް މާގިނައިން ބޭނުންކުރުން، އަދި ފައިދާހުރި ކާނާ ބޭނުން ނުކުރުން ފަދަ ކަންކަމަކީ ފަލަވުމަށް މަގުފަހިކުރާނެ ކަންތައްތަކެވެ. ވީމާ ފުރާވަރުގައި ހަށިހެޔޮކަންމަތީ ދެމިހުރުމަށް މިފަދަ ކަންކަމުން ދުރުހެލިވެ، ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުން ފަދަ ދުޅެހެޔޮ ޞިއްޙީ އާދަތައް އަށަގެންނެވުމަށް ސަމާލުވާންޖެހެއެވެ. 

ހެލިފެލިވެ ނޫޅުމުން ދިމާވާ ޞިއްޙީ މައްސަލަތައް
ހެލިފެލިވެ ނޫޅުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުން ދިމާވާ ޞިއްޙީ މައްސަލަތައް ފުރާވަރުގެ ކުދިންގެ މެދުގައި ވެސް އާންމުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ. ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ގަވާއިދުން (ބައިނަލް އަގުވާމީ މިންގަނޑުތަކާއި އެއްގޮތަށް) ކަސްރަތުކޮށް ހަދަނީ ފުރާވަރުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް ކޮންމެ 4 ކުއްޖެއްގެ ތެރެއިން 1 ކުއްޖެކެވެ. 

ހެލިފެލިވެ އުޅުން މަދުވެ، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުން ދިމާވާ ޞިއްޙީ މައްސަލަތަކުގެ ތެރޭގައި ހިތުގެ ބަލިތައް ޖެހުން، ލޭމައްޗަށްދިއުން، ލޭގައި ސަރުބީ މަތިވުން، ހާޓް އެޓޭކް ޖެހުން، ސްޓްރޯކްޖެހުން، ހަށިގަނޑުގެ ހަކަތަ ގޯސްވުން، މިޒާޖު ގޯސްވުން، ހާސްވެ ކަންބޮޑުވުން، ނިދިނައުން، ހަދާންނެތުން، އުމުރުކުރުވުން، މާޔޫސްވުން، އަދި އާދަޔާ ޚިލާފަށް ފަލަވުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ހެލިފެލިވެ ނޫޅުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުން ދިމާވެދާނެ ޞިއްޙީ މައްސަލަތައް ކުޑަކުރުމަށްޓަކައި ފުރާވަރުގައި ގަވާއިދުން ކަސްރަތުކުރުން، ސުކޫލް، އަދި މުޖުތަމައުގައި ހިންގޭ އެކިކަހަލަ ކުޅިވަރުގެ ހަރަކާތްތަކުގައި ބައިވެރިވުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ.
ލޭމަދުވުން
ލޭމަދުވުމަކީ ވެސް ފުރާވަރުގައި އަންހެންކުދިންނާއި، ފިރިހެންކުދިންނަށް ވެސް ދިމާވެދާނެ މައްސަލަ އެކެވެ. އާންމު ގޮތެއްގައި މިއުމުރުގައި ލޭމަދުވަނީ ކާނާއިން ހަށިގަނޑަށް ލިއްބައިދޭންޖެހޭ ދަގަނޑުގެ ބައި އެކަށޭނަ ވަރަށް ނުލިބުމާއި، ހަށިގަނޑުން ލޭބޭރުވެ،ލޭގައި ހުންނަ ދަގަނޑުގެ ބައި ބީވެ އުނިވުމުގެ ސަބަބުންނެވެ. 

ދަގަނޑު އުނިވުމާއި ގުޅިގެން ލޭމަދުވުމުން ދިމާވެދާނެ އުދަނގޫތަކުގެ ތެރޭގައި ވަރުބަލިވުން، ވަރުދެރަވުން، ނޭވާކުރުވުން، ނިޔަފަތިތައް ދެރަވެ ފަސޭހައިން ބިނދޭގޮތްވުން، ކާހިތްނުވުން، އަދި ބޮލުގައި ރިހުން ފަދަ ކަންތައްތައް ހިމެނެއެވެ. 

ލޭމަދުވުމުން ރައްކާތެރިވުމަށް ދަގަނޑުގެ ބައި އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުން އިތުރުކުރެވިދާނެ އެވެ. އެގޮތުން ބޭނުންކުރެވިދާނެ ބާވަތްތަކުގެ ތެރޭގައި ފެހިކަން ގަދަ ފަތް، ކަދުރު، މޭބިސްކަދުރު، ދޮންކެޔޮ، އަނބު، ފަދަ ވައްތަރުތައް ހިމެނެއެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުން
ދިރާސާތަކުން އެނގިފައިވާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ގިނަމީހުން ފުރަތަމަ ދުންފަތުގެ އިސްތިއުމާލުކުރަން ފަށަނީ ފުރާވަރުގައެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 15-13 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ކޮންމެ 10 ކުދިންގެ ތެރެއިން 1 ކުއްޖަކީ ދުންފަތުގެ އިސްތިއުމާލުކުރާ ކުއްޖެކެވެ. 

ދިވެހިރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ. ސުކޫލް މަދަރުސާތަކުގައި އުޅޭ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް ދިވެހިރާއްޖޭގައި ވެސް ފުރާވަރުގެ ކުދިންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުން އާންމުކަން ފާހަގަ ކުރެވެއެވެ. 

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ޞިއްޙީ އެތައް ގެއްލުންތަކެއް ލިބޭ ކަމަކަށްވުމާއެކު، ދުންފަތުން ޒުވާނުން ދުރުހެލިކުރުވުމަށް އަބަދު ވެސް އެކި ސިފަސިފައިގައި ކެމްޕޭންތަކާއި، ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގެއެވެ. ދިވެހިރާއްޖޭގައި ވެސް ފުރާވަރުގެ ކުދިންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުން އާންމުވެފައި، ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ ފުރާވަރުގައި ކަމަށްވުމުން، ދުންފަތުން ފުރާވަރުގެ ކުދިންނާއި، ޒުވާނުން ދުރުހެލިވުކުރުވުމުގައި އެންމެ ބޮޑަށް އަމާޒުކުރަން ޖެހެނީ ދުންފަތުގެ އިސްތިއުމާލު ކުރަން ފެށުން ހުއްޓުވުމަށެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް ތަކުގެ ތެރޭގައި ވަކިވަކި ސިގިރޭޓް ފަދަ ތަކެތި ނުވިއްކުން، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ގަވާޢިދުތައް ހަރުދަނާކޮށް، ތަންފީޒުކުރުން ރަގަޅުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
ފުރާވަރުގެ ކުދިންނާއި މެދު މައިންބަފައިން ސަމާލުވާންޖެހޭ ކަންތައްތައް
(1) - އުގެނުމާއި، މައުލޫމާތު ހޯދުން : ފުރާވަރާއި ބެހޭގޮތުން ހެދިފައި ހުންނަ އެކިއެކި ލިޔުންތައް ކިޔާ ހަދާށެވެ އަދި ފުރާވަރުގައި ތިމާއަށް ދިމާވި ކަންތައްތަކާމެދު ވިސްނާށެވެ.ކުދިންނަށް ދިމާވާން އުޅޭ ކަންތައްތައް ކުރިޔާލައި އެނގުމުން އެކަންކަން ތަހައްމަލުކުރަން ފަސޭހަވާނެ އެވެ. މައިންބަފައިންނަށް އެނގޭ މިންވަރު އިތުރުވާ ވަރަކަށް ކުއްޖާ ކަންކަމަށް ހާނައި، ތައްޔާރުކުރަން ފަސޭހަވާނެ އެވެ. 

(2) - ވަގުތު އޮއްވައި، ދުރާލައި ކުދިންނާއި ވާހަކަ ދެއްކުން : ވަގުތު އޮއްވައި ދުރާލައި ކުދިންނަށް ދިމާވެދާނެ ކަންތައްތަކާއި ބެހޭގޮތުން ކުދިންނާއި ވާހަކަ ދެއްކިދާނެ އެވެ. ކުދިންނަށް  މައްސަރު ކަންތައް ދިމާވުން ނުވަތަ  ނިދީގައި މަނިބޭރުވުން ފަދަ ކަންތައްތައް ދިމާވުމަށްފަހު އެކަމާއި ގުޅޭގޮތުން ވާހަކަދެއްކުން އޮންނާނީ މާލަސްވެފައެވެ.ކުދިންގެ ހަށިގަނޑާމެދު އުފެދޭ ސުވާލުތަކަށް ދުރާލައި ޖަވާބު ދޭށެވެ. އެގޮތުން އަންހެން ކުދިންނާއި، ފިރިހެން ކުދިންގެ ތަފާތުތައް ބުނެ ކިޔައިދޭށެވެ. ކުދިންގެ ސިކުނޑިއަށް ނުވަންނަ ވަރަށް އެއްފަހަރާ ތަކެތި ބުނެނުދޭށެވެ. ނަމަވެސް ކުދިންކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ. ކުދިންނާއި ވާހަކަ ދައްކަން އެކަށީގެންވާ ވަގުތެއް ހޯދާށެވެ. މިސާލަކަށް އެފަދަ ކަންކަމާއި ބެހޭގޮތުން ކުދިންނަށް ޖޯކެއް ފަދަ އެއްޗެއް ބުނެދޭ ވަގުތު ފަދަ ވަގުތުތަކަށް ހުޝިޔާރު ވާށެވެ.
ކުރެވިދާނެ ސުވާލުތަކުގެ ތެރޭގައި:-
1-      ދަރިފުޅުގެ ހަށިގަނޑަށް އެއްވެސް ކަހަލަ ބަދަލެއް އަންނަކަމަށް ފާހަގަކުރެވޭތަ؟
2-      ދަރިފުޅަށް އާދަޔާ ޚިލާފު އިހުސާސެއް ކުރެވޭތަ؟
3-      ދަރިފުޅު ބައެއް ފަހަރު ސަބަބު ނޭގޭކަމަކާ ދެރަވާގޮތްވޭތަ؟
އަހަރަކު އެއްފަހަރު ޑޮކްޓަރަށް ދައްކައި، "ހަށިގަނޑު ރަގަޅަށް ބެލުން" މުހިއްމެވެ. މިފަދަ ވަގުތުތަކަކީ ސުވާލުކުރަން ވަރަށް މުހިއްމު ވަގުތެކެވެ. ކުރިޔާލައި މިކަންކަމަށް ތައްޔާރުވެ، ވާހަކަ ދެއްކުމުން ދަރިފުޅުގެ ބައިވެރިވުން ލިބި، އިތުބާރު އުފެދޭނެ އެވެ. ކުދިން ވަކިވަރަކަށް ބޮޑެތިވެ، ބަދަލުތައް އަންނަފަހުން މިކަންކަމާއި ވާހަކަ ދައްކަން އުދަނގޫވާނެ އެވެ. 

(3) މައިންބަފައިން ވެސް އެކުދިންނާއި އެއްހަމައަކަށް ތިރިވުން : ކުދިންގެ އިހުސާސްތައް ދެނެގަނެ، އެއިހުސާސްތަކުގައި ބައިވެރިވާށެވެ.ބޮލުގެ އިސްތަށިގަނޑުގައި ކުލަޖެއްސުން، ނިޔަފަތީގައި ކުލަޖެއްސުން، ތަފާތު ވައްތަރުގެ ހެދުން އެޅުން ފަދަ ކަންތައްތައް ކުރަން ކުދިން ބޭނުންވާނެ އެވެ. މިފަދަ ދަނޑިވަޅު ތަކުގައި އެކަމަކުން ކަނޑައެޅިގެން ގޯހެއް ނުނިކުންނަ ޒާތުގެ ކަންތައްތަކަށް ކޮންމެވެސް ކަހަލަ އިޚުތިޔާރެއް ދެވިދާނެ އެވެ. އަދި ކަނޑައެޅިގެން ގޯހެއް ނިކުންނަ ޒާތުގެ ކަންތައްތައް ހުއްޓުވާށެވެ. 

(4) އުއްމީދުތައް ދެމެހެއްޓުން : ބައެއް ފަހަރު މައިންބަފައިން ކުދިންގެ ކިބައިން އުއްމީދުކުރާ ކަންކަމާމެދު ކުދިންގެ ތަރުހީބު ނުލިބި ހިގައިދާނެ އެވެ. ނުވަތަ އެކުދިންގެ ފުށުން އެކަމަކަށް ތަރުހީބު ލިބުން ކުޑަވެގެން ހިގައިދާނެއެވެ. އެހެންކަމުން މައިންބަފައިން އެއުއްމީދުތައް ކުރަންޖެހޭނީ ކުދިންނަށް އެއުއްމީދުތައް ޙާޞިލްކުރެވޭނެ ހެން ކަންތައްތައް ފަހިކޮށްދިނުމަށް ފަހުގައެވެ. މިގޮތަށް ކަންތައްތައް ކުރެވޭނަމަ، ކުދިން ވެސް، އެއުއްމީދުތައް، ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާނެއެވެ. 

(5) ކުދިންނަށް ވެސް އަންގައިދީ، އަދި ތިބާއަށް ވެސް އެނގުން : ފުރާވަރަކީ ކުދިން ކަންކަން ތަޖުރިބާކުރަން ބޭނުންވާ ދުވަސްވަރެވެ. މިގޮތުން އެކުދިން ތަޖުރިބާކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ބައެއް ފަހަރު ވަރަށް ނުރައްކާތެރި ކަންކަން ވެސް ހިމެނެއެވެ. އޭގެތެރޭގައި ޖިންސީ އެދުން ފުއްދުން، ޖިންސީގުޅުން ހިންގުން، މަސްތުވާތަކެތި ބޭނުންކުރުން، އަދި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ވީމާ ކުދިން މިކަންކަން ކުރުމުގެ ކުރިން ހުޅުވާލެވިފައިވާ ވެއްޓެއްގައި ވާހަކަ ދައްކާށެވެ. ކުދިންގެ ރަހުމަތްތެރިންނާއި، އެކުދިންގެ މައިންބަފައިންގެ މައުލޫމާތު، މައިންބަފައިންނަށް އެނގެންޖެހޭނެ އެވެ. އެގޮތުން ކުދިންގެ މައިންބަފައިންގެ މެދުގައި އޮންނަ ދެމެހެއްޓެނިވި މުވާޞަލާތުގެ އެހީގައި، ކުދިންނަށް ރަގަޅު ރައްކާތެރި މާހައުލެއް ބިނާކޮށްދެވިދާނެ އެވެ. ކުދިންނަށް އެކުދިންކުރާ ކަންތައްތައް ބަލާކަން އެނގުމަކާ ނުލައި، ބެލުމަށްޓަކައި، މައިންބަފައިން އެކަކު އަނެކަކަށް އެހީތެރިވެވިދާނެ އެވެ.
މައުލޫމާތު :