Sunday, December 29, 2013

ޖިމާއުވާއިރު ތަދުވުން

ޖިމާޢުވާއިރު ތަދުވުން
ޖިމާޢުވާއިރު ތަދުވުން(Dyspareunia) (ޖިންސީގުޅުން ހިންގާއިރު ތަދުވުން / ރޭކުރާއިރު ތަދުވުން) ނިސްބަތްކުރެވެނީ ޖިންސީގުޅުން ހިންގަން ފަށައިގަތުމުގެ ކުރިން، ނުވަތަ ޖިންސީގުޅުން ހިންގުމުގެ ތެރޭގައި، ނުވަތަ ޖިންސީގުޅުން ހިންގުމަށްފަހު، ކުރިމަތި ފަރާތުގައި އުފެދޭ ތަދާއި، ރިހުމަށެވެ. ބައެއް ފަހަރު މިރިހުން ދޭތެރެ ދޭތެރެއިން ކުރިމަތިވާއިރު އަނެއްބައި ފަހަރު ދާއިމީ ރިހުމެއްގެ ގޮތުގައި ވެސް ހުރެދާނެ އެވެ. ޖިންސީގުޅުން ހިންގާއިރު އުފެދޭ ތަދު އާންމު ގޮތެއްގައި ހުންނަނީ ، ޖިންސީގުނަވާއި، ކުޅަނދިލި އަދި ފަރުޖުގެ ތުންފަތް ހިމެނޭ ހިސާބުގައެވެ.


ޖިންސީގުޅުން ހިންގާއިރު ތަދުވުމަކީ އަންހެނުންނަށް ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ. މިއީ އަންހެނާއަށާއި، އޭނާގެ ބައިވެރިޔާއަށް ވެސް އެކަމުގެ ސަބަބުން ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ގެނެސްދޭ ކަމެކެވެ. ސްވިޑަން ގައި ހަދާފައިވާ ދިރާސާ އަކުން ހާމަވެފައިވާ ގޮތުގައި އާބާދީގެ 9.3 އިންސައްތަ އަންހެނުންނަށް ޖިންސީގުޅުން ހިންގާއިރު ތަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިދިރާސާއިން އެނގިފައިވާ ގޮތުގައި ނިސްބަތުން ޒުވާނުންނަށް މިމައްސަލަ ކުރިމަތިވާ މިންވަރު އިތުރެވެ.

ބަހާލެވިފައިވާ ބައިތައް
ޖިންސީގުޅުން ހިންގާއިރު ތަދުވުން ބަހާލެވިފައިވަނީ ދެބަޔަކަށެވެ. ނުވަތަ ދެވައްތަރަކަށެވެ. އެއީ:-
(ހ) - ޖިންސީ ގުނަވަނުގެ ބޭރުފުށަށް(ބޭރަށް) ތަދުވުން (Superficial dyspareunia): މީގެ މާނައަކީ ޖިންސީގުޅުން ހިންގާއިރު ފަރުޖާއި، ޖިންސީގުނަވަނުގެ ދޮރު ހިމެނޭ  ހިސާބުގައި ރިހުމެވެ.
(ށ) - ޖިންސީ ގުނަވަނުގެ އެތެރެއަށް ތަދުވުން(Deep dyspareunia) : މީގެ މާނައަކީ ޖިންސީގުޅުންހިންގާއިރު ޖިންސީ ގުނަވަނުގެ އެތެރޭގައި ރިހުމެވެ. އާންމު ގޮތެއްގައި މިރިހުން ފެނިގެން އަންނާނީ ބަނޑުގައި ރިހުމުގެ ސިފައިގައެވެ.

ނޯޓް : ބައެއް އަންހެނުންނަށް މަދުން ނަމަވެސް އެކުއެކީގައި ޖިންސީގުނަވަނުގައި ބޭރާއި އެތެރޭގައި ވެސް ތަދުހުންނަގޮތް ދިމާވެއެވެ.

ސަބަބު
(ހ) - ވެޖައިނިސްމަސް (Vaginismus): ވެޖައިނިސްމަސް ގެ މާނައަކީ ޖިންސީގުޅުން ހިންގަން ތައްޔާރުވުމުން ޖިންސީގުނަވަނުގެ މަސްތައް ކުރުގެޅި ފަރުޖުގެ ހޮއި ހިމަވެ ފިތޭގޮތްވުމުން ޖިންސީގުޅުން ހިންގާއިރު ތަދުވުމެވެ. މިގޮތައް ޖިންސީގުނަވަނުގެ މަސްތައް ކުރުގެޅޭގޮތް ދިމާވަނީ ޖިންސީގުޅުން ހިންގާއިރު ތަދުވެދާނޭކަމަށް ބިރުހީވުމުންނެވެ. މިގޮތަށް މަސްތައް ކުރުގެޅުމުން މިކަމުގެ ސަބަބުން ޖިންސީގުޅުން ހިންގާއިރު ޖިންސީ ގުނަވަނުގެ ބޭރާއި އެތެރެއަށް ވެސް ތަދުވުމަކީ ވެދާނެ ގޮތެކެވެ. މިއީ ޖިންސީގުޅުން ހިންގާއިރު ތަދުވާ އެންމެ އާންމު އެއް ސަބަބެވެ.

ވެޖައިނިސްމަސް ހުންނަ މީހުންނަށް ރަގަޅަށް ޖިންސީގުޅުން ހިންގަން ހުރަސްތަކާ ކުރިމަތި ވެއެވެ. އަދި މިފަދަ މީހުން ޓެމްޕަންސް ޖެހުމަށް ވެސް ދެކޮޅު ހަދައެވެ. އަދި ޖިންސީގުނަވަން ބަލައި ހެދުމަށް ވެސް ދެކޮޅު ހަދައެވެ. ޕެޕް ސްމިއަރ ޓެސްޓް ފަދަ ކުރިމަތި ފަރާތަށް ޚާއްޞަ ޓެސްޓުތައް ހެދުން އޮންނަނީ އުދަނގޫކަމަކަށް ވެފައެވެ. މިމައްސަލަ ހުންނަ މީހުން ޖިންސީ ގުޅުން ހިންގަން ތައްޔާރުވުމުން، ވަރަށް އަވަހަށް ރުއްކުރުވެ، ބައިވެރިޔާ އާ ދޭތެރޭ ހިތްހަމަނުޖެހޭގޮތް ވެއެވެ.

ވެޖައިނިސްމަސް ކުރިމަތިވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ކުރިން ޖިންސީގޯނާކޮށްފައިވުން، ރޭޕްކޮށްފައިވުން، ޖިންސީގުނަވަނުގައި ވަރަށް ބޮޑަށް ރިހުން އުފައްދާ އިންފެކްޝަނެއް އުފެދިފައި ހުރުން، އަދި ޖިންސީގުޅުން ހިންގުމަކީ ތަދުވާނެކަމަށް ކުރިން ގަބޫލުކުރެވިފައި އޮތުން ފަދަ ކަންކަން ހިމެނެއެވެ.

(ށ) - ޖިންސީގުޅުން ހިންގާއިރު ޖިންސީގުނަވަނުގެ އެތެރެއަށް ތަދުވާން މެދުވެރިވާ ސަބަބުތައް
·         ރަހިމުގެ ދޮރުގައި އިންފެކްޝަނެއް ހުރުން
·         ރަހިމުގައި ގޮށްލުން ނުވަތަ "ފައިބްރޮއިޑް" އުފެދުން
·         އެންޑޯމެޓްރިއޯސިސް (endometriosis): މީގެ މާނައަކީ ރަހިމުން ބޭރުގައި ރަހިމުގެ ސެލްތައް އުފެދޭގޮތް ވުމެވެ. މިގޮތަށް ދިމާވުމުން ޖިންސީގުޅުން ހިންގުމުގެ ތެރޭގައި ފިރިހެނާގެ ޖިންސީގުނަވަން ފަރުޖުގެ ތެރެއަށް ވަނުމުން ވަރަށް ބޮޑަށް ތަދު އިހްސާސް ވާގޮތް ވެއެވެ.
·         ބިސްއުފައްދާތަނުގައި ސިސްޓް އުފެދުން
·         ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް (PID): މިއީ ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައިވާ ބައިތަކުގައި އުފެދޭ އިންފެކްޝަނެކެވެ. އެންމެ އާންމުކޮށް މިމައްސަލަ ދިމާވަނީ ޖިންސީ ގޮތުން ފެތުރޭ ބައްޔެއް ކަމުގައިވާ "ކްލަމީޑިއާ އިންފެކްޝަން" ގެ ސަބަބުންނެވެ. މިބަލި ޖެހުމުން ޖިންސީ ގުނަވަން ހިމެނޭ ހިސާބުގެ އެތެރޭގެ ޓިޝޫތައް ވަރަށް ބޮޑަށް ހަލާކުވެ، ޖިންސީގުޅުން ހިންގާއިރު ތަދުވާގޮތް ވެއެވެ.
·         ރަހިމުން ބޭރުގައި ގަރުބަގަތުން (ectopic pregnancy): އާންމު ގޮތެއްގައި މިގޮތަށް ގަރުބަގަތުން ދިމާވަނީ ބިސްދަތުރުކުރާ ހޮޅީގައެވެ.
·         ތަލީވައި ހުރުން (ރަހިމު ބޭރަށް ނިކުތުން)
·         ފުރަގަސް ފަރާތް ފޭބުން
·         އިރިޓަބަލް ބަވަލް ސިންޑްރޯމް ހުރުން
·         ރަހިމު އެނބުރިފައި ހުރުން
·         މަސާނާ ދުޅަވުން
·         ކެންސަރަށް ފަރުވާ ކުރުމަށް ރޭޑިއޯތެރަޕީ ނުވަތަ ކީމޯތެރަޕީ ހެދުން

(ނ) - ޖިންސީގުޅުން ހިންގަން ފަށާއިރު ޖިންސީގުނަވަނުގެ ބޭރަށް ތަދުވާން މެދުވެރިވާ ސަބަބުތައް
·         ޖިންސީގުޅުން ހިންގާއިރު ކުރިމަތި ފަރާތުގައި ތެތްކަން ނުހުރުން : މިއީ ޖިންސީގުޅުން ހިންގަން ތައްޔާރުވުމުން ހިތްހަމަނުޖެހުމާއި ނުތަނަވަސްކަން މެދުވެރިވެއްޖެނަމަ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ޖިންސީގުޅުން ހިންގަން ތައްޔާރުވުމުގެ ގޮތުން އެކަކު އަނެކަކާ ގައިގޯޅިވެ އުޅޭއުޅުން މާމަދު ނަމަވެސް މިހެން ދިމާވެދާނެ އެވެ. ނުވަތަ އަންހެން މީހާ ރަގަޅަށް ތައްޔާރު ނުވަނީސް ފިރިހެންމީހާ ޖިންސީގުޅުން ހިންގަން ފަށައިފިނަމަ މިހެން ދިމާވެދާނެ އެވެ.
·         އިއްދައިން ކެނޑުމުން ކުރިމަތި ފަރާތުގެ ތެތްކަން ކުޑަވުން : މިއީ އިއްދައިން ކެނޑުމުން އަންހެނާގެ ޖިންސީ ހޯރމޯންތަކުގެ މިންވަރު މަދުވުމުން ދިމާވާ ކަމެކެވެ. ހޯރމޯން ގުޅަބޭހުގެ ގޮތުގައި ބޭނުންކުރުން ނުވަތަ ހޯރމޯން ކްރީމް އުގުޅުމުން މިމައްސަލައަށް ލުއިކަން ލިބެއެވެ. އާންމުކޮށް ބޭނުންކުރާ ތެޔޮ މާއްދާއެއް ޖިންސީގުޅުން ހިންގަން ފެށުމުގެ ކުރިން ޖިންސީގުނަވަނުގައި އުގުޅާލުމަކީ ވެސް ލުއިކަން ލިއްބައިދީފާނެ ކަމެކެވެ.
·         ޖިންސީގުނަވަނުގައި އިންފެކްޝަނެއް ހުރުން : އެންމެ އާންމުކޮށް ދިމާވާ އިންފެކްޝަން އަކީ ފަންގަސް ގެ ސަބަބުން ދިމާވާ "ކެންޑިޑައިއޭސިސް" އެވެ. މީގެ އިތުރުން ޕެރަސައިޓްގެ ސަބަބުން މެދުވެރިވާ "ޓްރިކަމޮނިއޭސިސް" އާއި ވައިރަސްގެ ސަބަބުން ދިމާވާ "ހާރޕީޒް އިންފެކްޝަން" ގެ ސަބަބުން ވެސް ޖިންސީ ގުނަވަނުގައި އިންފެކްޝަން އުފައްދައި، ޖިންސީގުޅުން ހިންގާއިރު ތަދުވާގޮތް ދިމާވެއެވެ.
·         ޖިންސީ (ގުނަވަނަށް) އަނިޔާއެއް ލިބިފައިވުން : އެއްވެސް އިރެއްގައި ރޭޕްކުރުން ނުވަތަ އެހެނިހެން ޖިންސީ ގޯނާއެއްގެ ސަބަބުން ފަރުޖާއި، ޖިންސީ ގުނަވަން ހިމެނޭ ހިސާބަށް އަނިޔާއެއް ލިބިފައިވާނަމަ، އޭގެ ފަހުން ޖިންސީގުޅުން ހިންގާއިރު ތަދުވުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން ޕެލްވިކް ސާޖަރީ އެއްގެ ސަބަބުން ނުވަތަ ވިހެއުމުގެ ތެރޭގައި ކަފާލުން ފަދަ ކަމެއްގެ ކުރުމުގެ ސަބަބުން އުފެދޭ ލަކުނުގެ ސަބަބުން ވެސް ޖިންސީ ގުޅުން ހިންގާއިރު ތަދުވުމަކީ ވެދާނެ ގޮތެކެވެ.
·         ޖެނިޓަލް ވޯރޓްސް : މިއީ ހިއުމަން ޕެޕިލޯމާ ވައިރަސްގެ ސަބަބުން ޖެހޭ ޖިންސީގުޅުމުން ފެތުރޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިބަލި ހުރެއްޖެނަމަ ވެސް ޖިންސީގުޅުން ހިންގާއިރު ތަދުވުމަކީ ވެދާނެ ގޮތެކެވެ.
·         ފަރުޖުގެ ދޮރު ދުޅަވުން : ވަރަށް ގިނަ ކަންތައްތަކުގެ ސަބަބުން ފަރުޖުގެ ދޮރު ރަތްވެ ދުޅަވެދާނެ އެވެ. ބައެއް ފަހަރު ތަފާތު ކެމިކަލްތައް އެކުލެވޭ ސާބޯނި ބޭނުންކޮށްގެން ޓަބަށްއެރި ފެންވެރުވުމުން ވެސް ފަރުޖުގެ ދޮރު ދުޅަވެދާނެ އެވެ.
·         ކުޅަނދިލީގައި ހީމަޓޯމާ އެއް އުފެދުން : ހީމަޓޯމާގެ މާނައަކީ ޓިޝޫއެއްގެ ތެރޭގައި ނުވަތަ ވަކި ހިސާބެއްގައި ލޭޖަމާވާގޮތް ވުމެވެ. މިގޮތަށްވުމުން އެހިސާބު ހުންނާނީ ކުޑަ ދުޅައެއްގެ ސިފައިގައެވެ.
·         ފަރުޖު ހިމެނޭ ހިސާބު މާބޮޑަށް ނާޒުކުވުން : މިގޮތަށް ވުމުން ފަރުޖުގައި ކިރިޔާ އަތްލާއިރަށް ވެސް އަންހެނާއަށް ވަރަށް ބޮޑަށް ތަދު އިހްސާސް ވާނެއެވެ.
·         ޖިންސީ ގުނަވަނުގެ އެތެރޭގައި އެއްޗެއް އިނުން : މިސާލަކަށް ޓެމްޕަން އެއް ނޭނގި އެތެރެއަށް ދޫވެފައި އިނދެ، އިންފެކްޝަން ހެދިއްޖެނަމަ އެކަމުގެ ސަބަބުން ޖިންސީގުޅުން ހިންގާއިރު ތަދުވާގޮތް ވެއެވެ.
·         ކެންސަރު ޖެހުން : ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި އުފެދޭ ކެންސަރުގެ ވައްތަރުތަކުގެ ސަބަބުން ވެސް މިމައްސަލަ ދިމާވެއެވެ.

(ރ) - އެހެނިހެން ބައެއް ސަބަބުތައް
·         ނަފްސާނީ މައްސަލަތައް : މިސާލަކަށް މާބޮޑަށް މާޔޫސްވުން، ހާސްވެ ކަންބޮޑުވުން، ފަދަ ކަންކަމުގެ ސަބަބުން ޖިންސީގުޅުން ހިންގާއިރު ތަދުވާގޮތް ވެއެވެ.
·         ސްޓްރެސް : ދިރިއުޅުމުގައި ދިމާވާ ތަފާތު ފިއްތުން ތަކުގެ ސަބަބުން ޖިންސީގުޅުން ހިންގަން ތައްޔާރުވުމުން ޖިންސީ ގުނަވަން ހިމެނޭ ހިސާބުތަކުގެ މަސްތައް ކުރުގެޅި ފަރުޖުގެ ހޮއި ހިމަވެ، ޖިންސީގުޅުން ހިންގާއިރު ތަދުވާގޮތް ދިމާވެއެވެ

އަލާމާތްތައް
ޖިންސީގުޅުން ހިންގާއިރު ތަދުވަނީ ހަމައެކަނި ބޭރު ފުށުންތޯ، ނުވަތަ ޖިންސީގުނަވަނުގެ އެތެރެއަށްތޯ އަހައި އޮޅުން ފިލުވާށެވެ. އާންމުކޮށް ދިމާވާނެ އަލާމާތަކީ ޖިންސީގުޅުން ހިންގާއިރު ތަދުވުމެވެ. ބައެއް ފަހަރު ހަމައެކަނި ފިރިހެނާގެ ގުނަވަން އެތެރެވާ ވަގުތު ތަދުވެދާނެ އެވެ. އަނެއް ބައި ފަހަރު ކުރިމަތި ފަރާތަށް ކޮންމެ އެއްޗެއް ލިޔަސް މިސާލަކަށް ޓެމްޕަން ފަދަ އެއްޗެއް ލިޔަސް ތަދުވެދާނެ އެވެ. ބައެއް ފަހަރު މިތަދު ހަމައެކަނި ބައެއް މީހުންނާއެކު ޖިންސީގުޅުން ހިންގާއިރު ހުރެދާނެ އެވެ. އަދި ދޭތެރެއަކުން ޖިންސީގުޅުން ހިންގާއިރު ތަދުނުވެފައި އަނެއްކާ ވެސް ތަދުވާން (ބައެއް ހާލަތުގައި ތަދުވެފައި، އަނެއްބައި ހާލަތުގައި ތަދުނުވުން) ފަށައިފާނެ އެވެ. ބައެއް ފަހަރު މިތަދު ތޫނު ދިލަ ތަދެއްގެ ގޮތުގައި ވެސް ހުރެދާނެ އެވެ.
ބަލިމީހާ ކިބައިން ޑޮކްޓަރުން އަންނަނިވި ކަންތައްތައް އަހައި އޮޅުން ފިލުވާނެ އެވެ.
·         ޖިންސީގުޅުން ހިންގާއިރު ތަދުވާން ފެށީ ވަރަށް ފަހުންތަ؟ ނުވަތަ އަބަދުވެސް ތަދުވޭތަ؟
·         ޖިންސީގުޅުން ހިންގާއިރު ކުރިމަތި ފަރާތުގައި އެއްވެސް ކަހަލަ ތެޔޮ މާއްދާއެއް އުގުޅަންތަ؟
·         ތަފާތު ބައިވެރިންނާއެކު ޖިންސީގުޅުން ހިންގައިފައިވޭތޯ އަހައި އޮޅުން ފިލުވާށެވެ. މިއީ ޖިންސީގުޅުމުން ފެތުރޭ ބައްޔެއް ޖެހުމުގެ ފުރުޞަތު އޮތް މިންވަރު ދެނެގަތުމަށް ކުރެވޭ ކަމެކެވެ.
·         އެއްވެސް އިރެއްގައި ޖިންސީގޯނާ ކޮށްފައިވޭތަ؟ ނުވަތަ ވިހެއުމުގެ ތެރޭގައި ނަމަވެސް ކުރިމަތި ފަރާތަށް އަނިޔާއެއް ލިބިފައިވޭތަ؟
·         އިއްދައިން ކެނޑުމުން ފެނިދާނެ އަލާމާތްތަކާ ބެހޭގޮތުން ސުވާލުކުރާށެވެ.
·         ރަހިމު ބޭރަށް ނިކުތުން (ތަލީވައި) ކުރިމަތިވެފައިވޭތޯ ބަލާށެވެ.
·         ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އެޅުމުގެ އުދަނގޫތައް ކުރިމަތިވެފައިވޭތޯ ބަލާށެވެ.
·         ގާތުންދޭތަ؟ ގާތުން ދިނުމަކީ ކުރިމަތި ފަރާތުގެ ތެތްކަން ކުޑަވެ، ޖިންސީގުޅުން ހިންގާއިރު ތަދުވާން މެދުވެރި ކުރުވާނެ ކަމެކެވެ.

ފާހަގަވާ ނިޝާންތައް
·         ބަނޑު ރަގަޅަށް ބަލައި، އެއްވެސް ކަހަލަ ދުޅައެއް، ހުރިތޯ ބަލާށެވެ. ބަނޑުން ފޫޅަށްވުރެ ތިރިން މެދުގައި އަތްލައި އޮބާލުމުން ބަލިމީހާއަށް ތަދު އިހްސާސް ކުރެވޭތޯ ބަލާށެވެ. އެއަށްފަހު ފަރުވާތެރިކަމާއެކު ޖިންސީ ގުނަވަން ބަލައި ޗެކުކުރާށެވެ. ޖިންސީ ގުނަވަން ބަލައި ހަދާއިރު ވާންކަމެއް ނުވަތަ ބާރުކަމެއް ހުރިކަން ފާހަގަ ކުރެވޭނެ އެވެ.
·         އެއްވެސް ކަހަލަ ހަމުގެ ބައްޔެއް ހުރިތޯ ބަލާށެވެ.
·         ކުރިމަތި ފަރާތުން (ޖިންސީ ގުނަވަނުން) އަންނަ އެއްޗެތި ހުރިގޮތް ބަލާށެވެ.
·         ކުރިމަތި ފަރާތުގައި އެއްވެސް ކަހަލަ ދުޅައެއް ނުވަތަ އިންފެކްޝަނެއް ހުރިތޯ ބަލާށެވެ. މިސާލަކަށް ކެންޑިޑާ އިންފެކްޝަން، ހާރޕީޒް ސިމްޕްލެކްސް، އަދި ޖެނިޓަލް ވޯރޓްސް ފަދަ ބައްޔެއްގެ އަސަރު ހުރިތޯ ބަލާށެވެ.

ދެނެގަތުން
·         ޖިންސީގުޅުން ހިންގާއިރު ތަދުވުމާއި ބެހޭގޮތުން ބަލިމީހާ ގާތު ރަގަޅަށް އަހައި އޮޅުން ފިލުވުން
·         ޕެލްވިކް އެގްޒަމިނޭޝަން ހެދުން
·         ސްކޭންކުރުން

ޖިންސީގުޅުން ހިންގާއިރު ތަދުވުމަށް ފަރުވާކުރުން
(ހ) - އާންމުކޮށް ކުރެވިދާނެ ކަންތައްތައް
·         ފަރުވާކުރުން އަމާޒުކުރަން ޖެހޭނީ ޖިންސީގުޅުން ހިންގާއިރު ތަދުވުން މެދުވެރިވި ކުރުވާ ސަބަބަށެވެ.
·         ޖިންސީގުޅުން ހިންގަން ފެށުމުގެ ކުރިން ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ތެޔޮ މާއްދާއެއް އުގުޅުން، ނުވަތަ އެހިސާބު އައްސިކޮށްލާ ފަދަ އެއްޗެއް އުގުޅުން ނުވަތަ "ޕެލްވިކް ރިލެކްސޭޝަން އެކްސަސައިޒް" ފަދަ ކަސްރަތެއް ކުރުން ފަދަ ކަންކަން ކުރުމަކީ ޖިންސީގުޅުން ހިންގާއިރު ތަދުވުން ކުޑަކޮށްދޭނޭ ކަންކަމެވެ.
·         ޖިންސީގުޅުން ހިންގާއިރު ބޭނުންކުރާ އުކުޅު(ގޮތް)ތައް ބަދަލުކޮށްލުމަކީ ވެސް ބައެއް ފަހަރު މިތަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. މިސާލަކަށް ޖިންސީގުޅުން ހިންގަން ފެށުމުގެ ކުރިން ގިނައިރު ތަކެއްވަންދެން ދެމީހުން ގައިގޯޅިވުމާއި، ދެމީހުން ރަގަޅަށް ތައްޔާރުވަންދެން އެދުންވެރިކަން ފުއްދުން (ޖިމާއުވާން ފެށުން) ލަސްކޮށްލުން ފަދަ ކަންކަމަކީ ޖިންސީ ގުނަވަނުގައި ތެތްކަން އުފެދި ތަދާއި ރިހުން ކުޑަކޮށްދޭނެ ކަމެކެވެ.
·         ބައެއް ފަހަރު ފިރިހެނާގެ ޖިންސީ ގުނަވަން ވަންނަ ވަރަށްވުރެ އަންހެނާގެ ފަރުޖުގެ ދޮރު ނުވަތަ ޖިންސީ ގުނަވަން ކުޑަކަމުގައި އަންހެނުންނަށް ހީވެދާނެ އެވެ. ޖިންސީ އެދުންވެރިކަން ކުރިމަތިވުމުން ޖިންސީ ގުނަވަން އޭގެ ސައިޒުން 40-35 އިންސައްތައަށް ދެމި ދިގުވެ، އަދި މަތީ ކައިރިން 6 އިންޗި ފުޅާވެގެން ދެއެވެ.

(ށ) - ބޭހުގެ ފަރުވާ
·         ޖިންސީގުނަވަން ކުރިމަތިވާ އިންފެކްޝަން ތަކަށް ފަރުވާކުރުން
·         ވިހެއުމަށްފަހު ގަޔާއި، ކުރިމަތި ފަރާތް ހިމެނޭ ހިސާބުގެ އޮޕަރޭޝަން ތަކަށްފަހު ޖިންސީގުޅުން ހިންގާއިރު ތަދުވާނަމަ އެކަމުގެ ފަރުވާގެ ގޮތުގައި "ކޯޓިކޯސްޓީރޮއިޑް" އިންޖެކްޝަން، އައްސިކޮށްލާ އިންޖެކްޝަން، "ހައިއެލުރަނިޑޭޒް" ފަދަ ތަކެތި ބޭނުން ކުރެވެއެވެ.
·         ހޯރމޯން ބޭނުންކޮށްގެން ދޭފަރުވާ

(ނ) - އޮޕަރޭޝަންކޮށްގެން ދެވިދާނެ ފަރުވާ
·         ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި އުފެދޭ ގަނޑު ފަދަ ތަކެތި އޮޕަރޭޝަން ކޮށްގެން ނަގަން ޖެހެއެވެ.
·         ފެންޓަން އޮޕަރޭޝަން : މިއީ ފަރުޖުގެ ހޮއި މާބޮޑަށް ކުޑަވެ، ފިތިފައިވާނަމަ ފުޅާކޮށްލުމަށް ކުރެވޭ އޮޕަރޭޝަނެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު :
http://www.netdoctor.co.uk/sex_relationships/facts/painfulintercourse.htm. (2012). Retrieved 2013 from http://www.netdoctor.co.uk/: http://www.netdoctor.co.uk/sex_relationships/facts/painfulintercourse.htm
Lowth, D. M. (09/07/2013). http://www.patient.co.uk/doctor/Dyspareunia.htm. Retrieved 15/12/2013 from http://www.patient.co.uk/: http://www.patient.co.uk/doctor/Dyspareunia.htm
ފައިޞަލް, ޑ. (01/01/2010). ވިހެއުމަށްފަހު ރޭކުރާއިރު ތަދުވާނެތަ؟. Retrieved 02/04/2013 from http://kavaasaa.com/: http://kavaasaa.com/sihhat/manma-dharifulhu/maabadu/viheumafahu-reykuraairu-thadhuvaanetha-133.html

No comments:

Post a Comment