Wednesday, July 5, 2017

ރޯދަމަސް ދުޅަހެޔޮކަންމަތީ ފުރިހަމަކުރުމަށް ކުރެވިދާނެ 10 ކަމެއް

ރޯދަމަސް ދުޅަހެޔޮކަންމަތީ ފުރިހަމަކުރުމަށް ކުރެވިދާނެ 10 ކަމެއް
ނޯޓް: 3 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.

1- ގިނައިން ދިޔާތަކެތި ބޯށެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޯށެވެ. މަދުވެގެން 8 ތަށި ފެން ބޯން އާދަކުރާށެވެ. ގިނައިން ދިޔާތަކެތި ބޭނުންކުރުމަކީ ހަށިގަނޑުން ވިހަތައް ބޭރުކޮށްދީ، ކިޑްނީގައި ކުޑަކަމު ނަޖިސް ގިނައިރު ހަރުލާފައިހުރުން ކުޑަކޮށްދޭނެ ކަމެކެވެ. އަދި މިއީ ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިޔާތަކެތީގެ ގޮތުގައި، ފެނާއި، ސުރުވާ، ލޯފެޓް ކިރު، އަދި އެކި ކަހަލަ ފަންޏާއި ޖޫސް ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. 


2- ހަށިގަނޑުން ފެންމަދުވިޔަ ނުދިނުމަށް މަސައްކަތްކުރާށެވެ.
ދުވާލުގެ ވަގުތުތަކުގައި އަވީގެ ތެރޭގައި މާގިނައިރު ނޫޅޭށެވެ. މާގަދަޔަށް ކުރަންޖެހޭ ކަސްރަތުތައް ދުވާލުގެ ވަގުތުތަކުގައި ނުކުރާށެވެ. އެއީ މިފަދަ ކަންކަމުން ހަށިގަނޑުން ފެން ބޭރުވުމަށް މަގުފަހިވާތީ އެވެ.

3- އެއްފަހަރާ މާގިނައިން ނުކާށެވެ.
މާގިނައިން ކެއުމަކީ ހަށިގަނޑުގައި ކެލޮރީ އިތުރުވެ، ހަށިގަނޑުގެ ބުރަހެލިވެ ބަރުދަން އިތުރުވެގެންދާނެ ކަމެކެވެ. އެއްފަހަރާ މާގިނައިން ކެއުމުން ހަށިގަނޑަށް ވަރުބަލިކަމާ ލޮޑުކަން ގެނެސްދީ، މަތިންއެރުން ފަދަ އުނދަގޫތައް ކުރިމަތިވާގޮތް ވެއެވެ. ކެއުމުގައި ކާނާގެ ހުރިހާ ބާވަތްތަކެއް ހިމަނަށް މަސައްކަތްކުރާށެވެ.

4- ކެއުމުގައި ފެޓް ގެ ބައި މަދުކުރާށެވެ.
ރޯދަ މަހުގެ ކެއުން ބުއިމުގައި ފެޓްގެ ބައި މަދުކުރާށެވެ. އެގޮތުން ލޯ ފެޓް ކިރު، ސްކިމްޑް މިލްކް، ޔޯގަޓް، ލޯފެޓް ޗީޒް، އަދި ހަންދަމާފައި ހުންނަ ކުކުޅު، ޓާރކީ، އަދި ރެޑް މީޓް ފަދަ ބާވަތްތައް ޚިޔާރުކުރާށެވެ.

5- ހަމަހަމަ ކެއުމެއް ޚިޔާރުކުރާށެވެ.
ކެއުމުގައި ކާނާގެ ހުރިހާ ބާވަތެއް ހިމެނޭތޯ ބަލާށެވެ. ވަކިން ޚާއްޞަކޮށް ކޮމްޕްލެކްސް ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތަކާއި، ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ކެއުމުގައި ހިމަނާށެވެ. މިސާލަކަށް ހަންދަމާފައި ހުންނަ ކުކުޅު، އާޓާފުށު ރޮށި، ބާސްމަތީ ހަނޑުލުގެ ބަތް، ބާރުލީ، އޯޓު، އަދި ތަރުކާރީއާއި، މޭވާގެ ބާވަތްތައް ކެއުމުގައި ގިނައިން ހިމެނިދާނެ އެވެ.

6- މާގިނައިން ފޮނިތަކެތި ބޭނުންނުކުރާށެވެ.
ހަކުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ފޮނިކާތަކެތި މާގިނައިން ބޭނުންކުރުމާ ދުރުހެލިވާށެވެ. މިފަދަ ކާތަކެތި ވަރަށް އަވަހަށް ހަޖަމުވާނެ އެވެ. އަދި އޭގެން ހަކަތަ ދޫކުރާ މިންވަރު އަވަސްވާނެ އެވެ. ނަމަވެސް ކޮމްޕްލެކްސް ކާބޯހައިޑްރޭޓް އެކުލެވޭ ކާނާ ހަޖަމު ވާލެން ލަސްވެފައި އެއިން ހަކަތަ ދޫކުރާނީ ލަސްލަހުންނެވެ. މިހެންވުމުން ގިނައިރު ބަނޑުހައިނުވެ ހިފަހައްޓައިދޭނެ އެވެ. އަދި ފުރިފައި ހުންނަ ކަހަލަ އިހުސާސެއް އުފައްދައިދޭނެ އެވެ.

7- ތެލާއި ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރާށެވެ.
ތެލާއި ސަރުބީ އެކުލެވޭ ކާނާ ކެއުމުގައި ބޭނުންކުރާ މިންވަރު މަދުކުރާށެވެ. މިފަދަ ކާނާގެ ސަބަބުން މޭއެންދުމާއި، މެއިން ދިލަނެގުން އަދި މަތިންއެރުން ފަދަ ގޭހުގެ އުދަނގޫތައް ކުރިމަތިވާގޮތް ވެއެވެ.

8- ނިދި ފުރިހަމަ ކުރާށެވެ
ރޯދަމަހުގައި ވެސް ކޮންމެ ރެޔަކު މަދުވެގެން 8-6 ގަޑިއިރާ ދެމެދުގެ މިންވަރަކަށް ނިދި ފުރިހަމަކުރެވޭތޯ ބަލާށެވެ. މުޅި ރޯދަމަހުގެ ރޭގަނޑު ހޭލައި ކުޅިވަރާ މަޖަލުގައި ނުނިދާ ހޭދަކުރުމުން، ދުވާލުގެ ވަގުތުތަކުގައި ތާއްޔަށްޖެހުމާއި، ބޮލުގައި ރިހުން ފަދަ މައްސަލަތައް ކުރިމަތިވެ، ދުވާލު ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫއަރާގޮތް ވެއެވެ. އެހެންކަމުން ރޭގަނޑު ނިދި ފުރިހަމަކުރުމަށް އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ.

9- ގަވާޢިދުން ކަސްރަތު ކުރާށެވެ.
ރޯދަ މަހުގެ ދުވާލުގައި ކަސްރަތުކުރާނަމަ ހިންގުން، ސްޓްރެޗިންގ ފަދަ ލުއި ކަސްރަތެއް ކުރެވިދާނެ އެވެ. ކަސްރަތުކުރަން އެންމެ ރަނގަޅު ވަގުތަކީ ރޯދަ ވީއްލައިގެން ބައިގަޑިއެއްހާއިރު ފަހުންނެވެ. ނޫނީ ރޯދަ ވީއްލައިގެންނެވެ. ދުވާލު މާގަދަޔަށް ކަސްރަތުކުރުމަކީ ހަށިގަނޑުން ފެނުގެ ބައި މަދުވެ، ވަރުބަލިވެ، ގައިން ހަކަތަ މަދުވާނެ ކަމެކެވެ.

10- ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވާށެވެ.
ރޯދަމަހަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ވަރަށް ރަނގަޅު ދުވަސްވަރެކެވެ. ރޯދަމަސް ދުޅަހެޔޮކަން މަތީ ފުރިހަމަކުރުމަށް ޞިއްޙީ ގޮތުން ހަށިގަނޑަށް ގެއްލުންދެނިވި މިފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

ރޯދަމަހުގައި ދުރުހެލިވާންވީ ކާބޯތަކެތީގެ ބާވަތްތައް

ރޯދަމަހުގައި ދުރުހެލިވާންވީ ކާބޯތަކެތީގެ ބާވަތްތައް
ނޯޓް: 2 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.

ރޯދަ މަހުގައި އެހެން މަސްތަކާ ޚިލާފަށް ވަރަށް ގިނަ ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކޮށްގެން ބޭނުންކުރެވެއެވެ. ކޮންމެ ކަހަލަ ކާބޯއެއްޗެއް ރޯދަމަހު ތައްޔާރުކުރި ނަމަވެސް ޞިއްޙަތަށް ފައިދާހުރި ގޮތަކަށް އެއެއްޗެއް ތައްޔާރުކުރެވޭތޯ ބެލުން މުހިއްމެވެ. ހަމައެހެންމެ ބައެއް ކަހަލަ ކާބޯތަކެއްޗާއި، ދުރުހެލިވުމަކީ ރޯދަމަހުގެ ދުވާލުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ. ރޯދަމަހުގެ ކެއުން ބުއިމުގައި ދުރުހެލިވާންޖެހޭ ކާބޯތީގެ ބާވަތްތަކަށް ބަލާލަމާ ހިނގާށެވެ.



އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކޮފީ ބުއިމަށް ދެވިހިފައިވާ މީހުންނެވެ. އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާ ވަރަށް ބޮޑަށް ދޯޅުވެފައިވާ މީހުންނެވެ. ހަމައެހެންމެ ވަރަށް ގިނަ މީހުންނަކީ ކޯލާ، ފެންޓާ ސްޕްރައިޓް ފަދަ ފިޒީ ޑްރިންކްސްގެ ބާވަތްތަކާއި، އެކި ކަހަލަ ޕެކެޓްކޮށް ބަންދުކޮށްފައިވާ ބުއިންތައް ބުއިމަށް އާދަވެފައިވާ މީހުންނެވެ. ނަމަވެސް ރޯދަ މަހުގައި މިދެންނެވި ފަދަ ބުއިންތަކާ ދުރުހެލިވާންޖެހެއެވެ.

އެނާޖީ ޑްރިންކްސްގެ ބާވަތްތަކާއި، ކޮފީ، ކޯލާ، ފަދަ ބުއިންތަކުގައި ގިނަ އަދަދަކަށް ކެފެން ހުރެއެވެ. ކެފެއިން އެކުލެވޭ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުތަކުގައި ހަށިގަނޑުން ފެންބޭރުވާ މިންވަރު އިތުރުކޮށް، ނޫނީ ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުމަށް ބާރުއަޅައި، ކަރުހިއްކުން އިތުރުކުރުވައި، ވަރުބަލިކަމާ ލޮޑުކަން ގެނެސްދޭނެ ކަމެކެވެ. ފިޒީ ޑްރިންކްސް ގެ ވައްތަރުތަކާއި، ޕެކެޓް ކޮށްފައިވާ އުފެއްދުން ތަކުގައި ގިނަ އަދަދަކަށް ހަކުރު އެކުލެވޭތީ މިފަދަ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ ހަށިގަނޑު ބަރުހެލިވެ، ފަލަވުމަށް މަގުފަހިވާނެ ކަމެކެވެ.

ރޯދަ މަހު ރޯދަ ވީއްލާ ވަގުތާއި، ތަރާވީހު ދަން، އަދި ހާރުދަމުގައި ވެސް ބޭނުންކުރެވޭ ކާބޯތަކެތީގެ ތެރޭގައި ހަވާދުލާފައި ހުންނަ ކުޅިކާނާގެ ބާވަތްތައް ، އަދި މާގިނައިން ތެޔޮ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް ހިމެނުން ރަނގަޅެއް ނޫނެވެ. ހަވާދުލީ ބިސް، ހަވާދުލައިގެން މާކުޅިކޮށް ތައްޔާރުކޮށްފައި ހުންނަ މަހުގެ ބާވަތްތަކާ ދުރުހެލިވާށެވެ. ތެލުލާފައި ހުންނަ ހެދިކާގެ ބާވަތްތަކާ، ފްރެންޗް ފްރައިސް ފަދަ ތަކެއްޗާ ވެސް ދުރުހެލިވާށެވެ. އެއީ މިފަދަ ކާތަކެތީގެ ސަބަބުން ރޯދައަށް ހުންނަ ވަގުތުގައި މަތިންއެރުމާއި، އަނގައިން ވައިލެވުން، ބަނޑަށް އުދަނގޫވުން، މެއިން ދިލަނެގުން ފަދަ ގޭހުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާތީ އެވެ. ތެލުލި ކާތަކެތީގެ ބަދަލުގައި ފިހެފައި ހުންނަ ކާތަކެއްޗަށް އިސްކަން ދޭށެވެ.

ވަރަށް ގިނަ މީހުންނަކީ ރެސްޓޯރަންޓްތަކުން ޖަންކް ފުޑުގެ ބާވަތްތައް އޯޑަރުކޮށްގެން ވެސް ކައިއުޅޭ މީހުންނެވެ. ޖަންކް ފުޑްގެ ބާވަތްތަކުގައި ގިނަ އަދަދަކަށް ލޮނު ހުރެއެވެ. ލޮނުއަޅާފައި ހުންނަ ތަކެތި މާގިނައިން ބޭނުންކުރުމަކީ ކަރުހިއްކުމާއި، ފެންބޮވާ މިންވަރު އިތުރުކުރާނެ ކަމެކެވެ.

އެހެންކަމުން  މިރޯދަމަހު ވެސް ޖުމުލަ ގޮތެއްގައި މަތީގައި ދެންނެވުނު ކެފެއިން އެކުލެވޭ ބުއިންތަކާއި، ހަކުރު އެޅި ބުއިންތައް، ކުޅި ހަވާދުލީ ބާވަތްތަކާއި، ތެލާއި ސަރުބީ ގިނަ ބާވަތްތަކާއި، ގިނައިން ލޮނުއެކުލެވޭ ބާވަތްތަކާ ދުރުހެލިވުމަށް މަސައްކަތް ކުރާށެވެ. ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި ވަރުބަލިކަންކުޑަކޮށްދީ، މުޅި ދުވަސް ތާޒާކަންމަތީ ހޭދަކުރެވޭނީ އޭރުންނެވެ.


ރޯދަމަހު ކަސްރަތުކުރުމާއި، ކުޅިވަރުކުޅުން

ރޯދަމަހު ކަސްރަތުކުރުމާއި، ކުޅިވަރުކުޅުން
ނޯޓް: 1 ޖޫން 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަމަހަކީ އަޅުކަމުގެ މައްސަރެކެވެ. ނަމަވެސް ރޯދަ މަހުގައި ވެސް އަހަރެމެންގެ ޞިއްޙަތަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ކަސްރަތުކޮށް، އެކި ކުޅިވަރުތައް ކުޅެ އުޅުމަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރަންޖެހޭ ކަންކަމެވެ. ރޯދަމަހަކީ ގިނައިރު ތަކެއް ވަންދެން ނުކައި ހައިބަނޑާ ރޯދަށް ހުންނަ ދުވަސްވަރަކަށް ވުމުން، ރޯދަ މަހުގެ ތެރޭގައި ކަސްރަތުކުރުމާއި، ކުޅިވަރުކުޅެ ހެދުމުގައި ސަމާލުވާންޖެހޭ ކަންކަމަށް ބަލާލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.


ދިރާސާތަކުން ހޯދިފައިވާ ގޮތުގައި ރޯދަމަހު ކަސްރަތުކޮށް ހަދަން އެންމެ ރަނގަޅު ވަގުތަކީ ރޯދަ ވީއްލުމަށްފަހު ގައެވެ. ސަބަބަކީ ރޯދަމަހު ޖިސްމާނީ ގޮތުންނާއި، ނަފުސާނީ ގޮތުން ހަށިގަނޑު އެންމެ ބޮޑަށް ތާޒާވެގެންދާ އެއްވަގުތަކީ ރޯދަވީއްލުމަށްފަހު އަންނަ ވަގުތުކަމަށްވާތީ އެވެ. އަދި ރޯދަ ވީއްލުމުގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރާއި، ބުންވަރު ލިބިގެންދާތީ އެވެ. ރޯދަ ވީއްލުމަށްފަހު ލުއި ކެއުމެއް ބޭނުންކުރެވިދާނެ އެވެ. އެއަށްފަހު މަޣްރިބު ނަމާދުކޮށްގެން، ބައިގަޑިއެއްހާއިރު ކަސްރަތުކޮށްލުމަށްފަހު، ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކެއުމެއް ޚިޔާރު ކުރެވިދާނެ އެވެ.

ރޯދަ ވީއްލައިގެން ކަސްރަތުކުރަން އުނދަގޫނަމަ، ރޯދަ ވީއްލުމުގެ ގަޑިއެއް ނޫނީ ބައިގަޑިއެއްހާއިރު ކުރިން ކަސްރަތު ކޮށްލެވިދާނެ އެވެ. ނޫނީ ކޮންމެ ވެސް ކަހަލަ ކުޅިވަރެއް ކުޅެވިދާނެ އެވެ. މިވަގުތު ކަސްރަތުކުރުމުން ނޫނީ ކުޅިވަރެއް ކުޅެހެދުމުން، އެކަމެއް ކޮށްނިމޭގޮތަށް ރޯދަ ވީއްލައިގެން ކޮންމެ ވެސް އެއްޗެއް ކެއުމުގެ ފުރުޞަތު ލިބިގެންދެއެވެ. މާނައަކީ ކުޅިވަރުކުޅެ، ކަސްރަތުކުރުން ފަދަ ކަންކަމުގެ ތެރެއިން ހަށިގަނޑުން ބީވެގެންދިޔަ، ހަކަތަ ރޯދަވީއްލުމާއެކު ހަށިގަނޑަށް އިއާދަވުމުގެ ފުރުޞަތު ލިބިގެންދެއެވެ.

ރޯދަމަހު ދުވާލުގެ ވަގުތުތަކުގައި ކަސްރަތުކޮށް، ކުޅިވަރު ކުޅެހަދާނަމަ އެންމެ އެދެވިގެންވަނީ  ހިނގާލުން، ބައިސްކަލް ދުއްވުން، ސްޓްރެޗިންގ ފަދަ ލުއި ކަސްރަތެއް ކޮށްލުމެވެ. މާގަދަޔަށް ކުރަންޖެހޭ ކަހަލަ ކަސްރަތުތައް ނޫނީ ވަރަށް ބޮޑަށް މީހާ ވަރުބަލިކޮށް، ނޭވާކުރުވާ ފަދަ ކަސްރަތުތައް ރޯދައަށްހުރެ ކުރުމަކީ އެންމެ އެދެވިގެންވާ ގޮތެއް ނޫނެވެ. ސަބަބަކީ ރޯދައަށް ހުރެ މިފަދަ ކަސްރަތުތައް ކޮށްފިނަމަ، ފަހަރުގައި ހަށިގަނޑުން މާބޮޑަށް ހަކަތަ މަދުވެ، ފެނާއި ލޮނުގެބައިތައް މަދުވެ، ޞިއްޙީ ނުރައްކަލަކާ ކުރިމަތިވެދާނެތީ އެވެ. ބައެއް ފަހަރު ލޭގެ ޕްރެޝަރު ދަށްވެ، ލޭގައި ހަކުރުގެ މިންވަރު ދަށްވެ، ބޯއަނބުރައި، ނޫނީ އަނބުރައިގަތުމަކީ ވެދާނެ ކަމެކެވެ.

އާންމުކޮށް ކަސްރަތުކޮށް ކުޅިވަރުކޮށް އުޅޭ މީހެއް ނަމަ ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން ކޮންމެ ރެޔަކު މަދުވެގެން 12-8 ތަށްޓާއި ދެމެދުގެ އަދަދަކަށް ފެންބުއިމަކީ މުހިއްމު ކަމެކެވެ. އެއީ ރޯދަޔަށް ހުންނަ ވަގުތުތަކުގައި ކަރުހިއްކައި، ފެންބޮވާ މިންވަރު ކުޑަކުރުމަށްޓަކައެވެ. އަދި މިއީ ވަރުބަލިވުމާއި، ލޮޑުކަން ކުޑަކޮށްދޭނެ ކަމެއް ވެސް މެއެވެ.

ތިބާގެ ކިބައިގައި ޞިއްޙީ ވަކި މައްސަލައެއް ހުރިނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރަށް ދައްކައިގެން ކަސްރަތުކުރުމުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ލަފަޔާ އިރުޝާދު ލިބިގަތުމެވެ. އެހެނީ މީހެއްގެ ކިބައިގައި ހުންނަ ބަލިމަޑުކަމެއްގެ ސަބަބުން ކުރެވިދާނެ ކަސްރަތުތަކާއި، ކުޅިވަރުތައް ، އެކަންކަން ކުރެވިދާނެ މިންވަރު ތަފާތުވެގެން ދިއުމަކީ ގާތް ކަމެކެވެ.





ރޯދަ މަސް : ދުންފަތާ ދުރުހެލިވުމަށް ވަރަށް އެކަށޭނަ ދުވަސްވަރެއް

ރޯދަ މަސް : ދުންފަތާ ދުރުހެލިވުމަށް ވަރަށް އެކަށޭނަ ދުވަސްވަރެއް
ނޯޓް: 31 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަމަހަކީ އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި އެއްގޮތަކަށް ވެސް ނުކައި ރޯދައަށް ހުންނަ ހުރުމަކީ ކެއުން ބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާއި، އަހަރެމެންގެ ކިބައިގައި އަށަގެންފައި ހުންނަ ދުންފަތު އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، މާގިނައިން އެނާޖީ ޑްރިންކްސް ބޭނުންކުރުން ފަދަ ޞިއްޙީގޮތުން އެހާ ރަނގަޅު ނޫން އާދަތައް ބަދަލުކޮށްލުމަށް ލިބިގެންދާ ފުރުޞަތެކެވެ.

ރޯދައަށް ހުންނަ ހުރުމުގައި ގިނަ ވަގުތު ކާބޯއެއްޗެއް އަރުތެރެއިން އެތެރެނުވެ ހުންނަ ހުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ލިބޭނެ ކަމެކެވެ. ހިތްވަރާއި އެކު މަސައްކަތްކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، އެކަމުން ދުރުހެލިވުމަކީ މާ އުދަނގޫ ކަމެއް ނޫނެވެ. ރޯދަމަހަކީ އަހަރުގެ ތެރޭގައި އަންނަ މިފަދަ ކަމަކަށް އެންމެ އެކަށޭނަ ދުވަސްވަރެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ހުއްޓާލާނެ ދުވަހެއް ކަނޑައެޅުމެވެ. އެއަށްފަހު ހުއްޓާލަން ނިންމިކަން އާއިލާގެ މެންބަރުންނާއި، ރަހުމަތްތެރިންގެ ގާތުގައި ބުނާށެވެ. އަދި މިކަމުގެ އެމީހުންގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާނެކަމަށް ބުނާށެވެ. ހުއްޓާލުމުން ދިމާވާ އުނދަގޫތަކާ، ހުއްޓާލައިގެން ދެމިހުރުމަށް ނޫނީ ހުއްޓާލުމަށް ކުރަމުންގެންދާ މަސައްކަތަށް ދިމާވެދާނެ ހުރަސްތަކާ މެދު ވިސްނާށެވެ. އަދި އެފަދަ ހާލަތްތައް ދިމާވުމުން އަމަލުކުރާނޭ ގޮތްތައް ދުރާލާ ރާވާލާފައި ބަހައްޓާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަށް ބާރުލިބޭފަދަ ހުރިހާ ކަމަކާ ދުރުހެލިވާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހަދާންކޮށްދޭ ފަދަ ތަކެތި ފެންނަ ހިސާބުގައި ނުބަހައްޓާށެވެ. މިސާލަކަށް ގޭތެރޭގައި ސިގިރޭޓް ފޮށި، އަޅިކެނޑި، ލައިޓަރު، އަލިފާންފޮށި ފަދަ ތަކެތި ނުބަހައްޓާށެވެ. އަދި ގޭގައި އުޅޭ އެހެން މީހުން ވެސް އެފަދަ ތަކެތި ތިބާއަށް ފެންނަ ހިސާބުގައި ބެހެއްޓިޔަނުދޭށެވެ. ގޭގައި ޚާއްޞަކޮށް ތިބާއަށް ފެންނަ ހިސާބުގައި ދުންފަތުގެ އިސްތިއުމާލުކުރިޔަ ނުދޭށެވެ.

ފާހަގަ ކުރެވިފައިވާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުން ރޯދަވީއްލާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންވެއެވެ. މިފަދަ މީހުން ރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާއިރު، ރޯދަ ވީއްލައިގެން ދުންފަތުގެ އިސްތިއުމާލުނުކޮށް ވާނޭގޮތެއް ނޫނީ ދުންފަތުގެ އިސްތިއުމާލުނުކޮށް ކުރެވިދާނެ އެހެން ކަންތައްތަކެއް ހޯދައި، އެކަންކަން ކުރުން މުހިއްމެވެ.


އެންމެ މުހިއްމު އެއްކަމަކީ ރޯދަ ވީއްލުމަށް ފަހު ދުންފަތުގެ އިސްތިއުމާލުނުކޮށް ފަސްކޮށްލުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ފަސްކޮށްލުމަށްޓަކައި، ރޯދަ ވީއްލާގޮތަށް މިސްކިތަށް މަޣްރިބް ނަމާދުކުރުމަށް ދެވިދާނެ އެވެ. އަދި ނަމާދަށްދާއިރު އެކުގައި ތިމާގެ ދަރިން ނޫނީ ގޭގައި އުޅޭ ކުޑަކުއްޖަކު ގެންދެވިދާނެ އެވެ. ތިމާގެ އުފަން ދަރިން ނޫނީ ކުޑަކުއްޖަކު އެކުގައި ނަމާދަށް ގެންދާނަމަ، ނަމާދަށް ދާ މަގުމަތީގައި ދުންފަތުގެ އިސްތިމާލުކުރުމަށް ފަސްޖެހޭނެ އެވެ. ނޫނީ ކުޑަކުދިން ތިބުން ދުންފަތުގެ އިސްތިއުމާލުކުރުމަށް އެޅޭ ހުރަހަކަށް ވާނެއެވެ. އެކުގައި ގެންދާނެ ކުޑަކުއްޖަކު ނެތްނަމަ، ދުންފަތުގެ އިސްތިއުމާލުނުކުރާ މީހަކާ އެކުގައި މިސްކިތަށް ދެވިދާނެ އެވެ. ގިނަފަހަރު އެކުގައި ދާމީހަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްނަމަ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާ މީހާއަށް އެކުގައި ދާމީހާ ދުންފަތުގެ އިސްތިއުމާލުކުރާ ތަން ފެނުމުން، އެކަންކުރާހިތްވާގޮތް ވެއެވެ.

ރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާ މީހަކަށް ކުރެވިދާނެ އަނެއް ކަމަކީ މިސްކިތުން ރޯދަ ވީއްލުމެވެ. މިސްކިތުން ރޯދަ ވީއްލުމުން ލިބޭ ފައިދާ އަކީ ދުންފަތުގެ އިސްތިއުމާލުކުރާހިތް ވިޔަސް މިސްކިތުގެ ގޯތިތެރޭގައި ނަމާދަށްދާ އެހެން މީހުންގެ ކުރިމަތީގައި ފަސްޖެހޭގޮތް ވުމެވެ. އަދި ގިނަފަހަރު މިސްކިތުން ރޯދަ ވީއްލައި، ނަމާދުކޮށް ނިމޭއިރު ހުންނާނީ ރޯދަވީއްލާ ވަގުތު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އުޅޭ މީހަކަށް އަންނަ "ސިގިރޭޓް ބޯހިތްވުން" ނުވަތަ އެގަޑީގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުންނަ ޝައުގުވެރިކަން ކުޑަވެގެން ގޮސްފައެވެ. އަދި ރޯދަ ވީއްލާގޮތަށް ނަމާދުކޮށްގެން ކޮންމެވެސް ކަހަލަ ހެޔޮ އަމަލެއްގައި މަޝްޣޫލުވުމަކީ ވެސް މިކަމަށް އެހީތެރިކަން ލިބިދޭނެ ކަމެކެވެ.

ރޯދަވީއްލާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ހިތްވެއްޖެނަމަ އޭގެ ބަދަލުގައި ކޮންމެ ވެސް ކަހަލަ މޭވާއެއް ޚިޔާރު ކުރާށެވެ. ރޯދަ މަހު ގޭގައި އުޅޭ އެހެން ފަރާތްތަކަށް ގޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުމަށް ބާރުއަޅާށެވެ. އަދި ތިބާގެ ކުރިމަތީގައި އެކަން ނުކުރުމަށް އެބައެއްގެ ކިބައިން އެދޭށެވެ.

ވަރަށް ގިނަ ފަހަރު ކޮފީ މޭޒަކީ ދުންފަތުގެ އިސްތިއުމާލުކުރާ މާލަމަކަށް އޮންނަނީ ވެފައެވެ. ރަހުމަތްތެރިންނާއެކު ކޮފީއަށް ދިއުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ހުއްޓާލަން އުޅޭ މީހާއަށް ފެނި އެކަމަށް ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ. އެހެން ކަމުން ރޯދަ މަހު ކޮފީބުއިން ފަދަ އަމަލުތަކާ ދުރުހެލިވާށެވެ. ޞިއްޙީ ގޮތުން ބެލިނަމަވެސް ޚާއްޞަކޮށް ރޯދަމަހުގައި މާގިނައިން ކޮފީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. ތަރާވީސް ދަމުގައި ރަހުމަތްތެރިންނާއެކު ކޮފީއަށް ދިއުމުގެ ބަދަލުގައި ގޭގައި އާއިލޭގެ މެންބަރުންނާއެކު ތަރާވީސް ދަމުގެ ނާސްތާ ފުރިހަމަކުރުމަކީ ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، އެކަމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ތިބާގެ ރަހުމަތްތެރިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަހުމަތްތެރިއެއް ނެތްނަމަ، ނޫނީ ގިނަ ރަހުމަތްތެރިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމުގައިވާނަމަ، ދުންފަތުގެ އިސްތިއުމާލުކުރާ އެންމެން އެކީގައި ހުއްޓާލަން މަސައްކަތް ކުރެވިދާނެ އެވެ. އެންމެން އެކުއެކީގައި ގުޅިގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތްކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމެކެވެ. ވީމާ މިރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނޭދެވޭ އާދަޔާ ދުރުހެލިވުމަށް މަސައްކަތްކުރަމާތޯ އެވެ.


ރޯދަ ވީއްލާގަޑީގައި ގިނައިން ކެއުން

ރޯދަ ވީއްލާގަޑީގައި ގިނައިން ކެއުން
ނޯޓް: 30 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަ ވީއްލާ ގަޑިއަކީ ރޯދައަށް ހުރުމަށްފަހު އެންމެ ފުރަތަމަ ހަށިގަނޑަށް ކާއެއްޗެއް އެތެރެވާ ވަގުތެވެ. ރޯދަމަހުގެ ކޮންމެ ކެއުމަކީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ހުރިހާ ބާވަތްތަކެއް ވެސް ހިމެނޭ ހަމަހަމަ ކެއުމަށް ހެދުން ބުއްދިވެރި އެކެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ރޯދަ އަށް ގިނައިރު ހުރެފައި ރޯދަ ވީއްލާ ވަގުތުގައި ވަރަށް ގިނައިން ކެވޭގޮތް ވެއެވެ. ނަމަވެސް ޞިއްޙީ ގޮތުން ބަލާއިރު ރޯދަވީއްލާ ވަގުތު މާގިނައިން ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ.


ރޯދަ ވީއްލާ ގަޑީގައި އެއްފަހަރާ މާގިނައިން ކެއުމަކީ  ޞިއްހީ ގޮތުން ތަފާތު މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން އެންމެ އާންމުކޮށް ދިމާވެދާނެ މައްސަލަ އަކީ ގެސްޓްރައިޓިސް ނުވަތަ ބަނޑުގައި ވައިހެދުން ނޫނީ ގޭހުގެ އުދަނގުލެވެ. މާބޮޑަށް ވަރުބަލިވެ، ހަށިގަނޑަށް ލޮޑުކަން އިހުސާސްކުރެވުމަކީ ވެސް މާގިނައިން ކެއުމުން ކުރިމަތިވެދާނެ ކަމެކެވެ. ހަމައެހެންމެ އާދަޔާ ޚިލާފަށް ފަލަވުމަކީ ވެސް މާގިނައިން ކާނަމަ ދިމާވެދާނެ ގޮތެކެވެ.

މާގިނައިން ކެއުމުން މަތިންއެރުމަކީ ވެދާނެ ގޮތެކެވެ. މެއިން ދިލަނެގުމަކީ ވެދާނެ ގޮތެކެވެ. މޭނުބައިކޮށް، ހޮޑުލެވިދާނެ އެވެ. ބަނޑަށް އުނދަގޫވެގެން އުޅެންޖެހިދާނެއެވެ. ފުރިފައި ހުންނަ ކަހަލަ އިހުސާސެއް ކުރެވި، އޯކަށްދެމޭގޮތް ވެދާނެ އެވެ. މިދެންނެވި ހުރިހާ ކަންކަމަކީ ވެސް ގޭހުގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކެވެ. މިއުދަނގޫތަކުގެ ނަތީޖާއަކަށްވާނީ ރޭއަޅުކަން ފުރިހަމަ ކުރުމަށް ބުރޫއެރުމެވެ. ރޭގަނޑުގެ ވަގުތުތައް ހެޔޮގޮތުގައި ބޭނުންހިފުމަށް ނުކުޅެދުމެވެ.

ރޯދަމަހެއް ފެށިގެން ގޮސް ނިމިދާއިރު، އެމަހުގައި ތިބާގެ އާދަ އަކީ ކޮންމެ ދުވަހެއްގެ ރޯދަ ވީއްލާގަޑީގައި މާގިނައިން ކެއުން ކަމުގައި ވަނީނަމަ، ރޯދަ މަސް ނިމޭއިރު އާދަޔާ ޚިލާފަށް ހަށިގަނޑު ބުރަހެލިވެ، ފަލަވެގެން ދިއުމަކީ ގާތް ކަމެކެވެ. ހަށިގަނޑު ބުރަހެލިވެ ފަލަވެގެން ދިއުމަކީ ލޭމައްޗަށްދިއުން، ހަކުރުބަލި، ކޮލެސްޓްރޯލް މަތިވުން، ކިޑްނީގެ ބަލިތައް ފަދަ ގައިންގަޔަށްނާރާ ބަލިތަކަށް ހުޅުވާލެވޭ ދޮރެކެވެ.

އެހެންކަމުން ރޯދަ މަހުގެ ކޮންމެ ވަގުތަކީ ވެސް ތިބާގެ ހަށިގަނޑަށް އެކަށޭނަ ވަރަށް ކައިބޮއިއުޅޭ ވަގުތަކަށް ހެދުން މުހިއްމެވެ. ލުއި ހަށިގަނޑަށް ފައިދާހުރި ކެއުންތައް ޚިޔާރު ކުރާށެވެ. ކާބޯހައިޑްރޭޓު ގިނަ، ފައިބަރުން މުއްސަދި ކާނާގެ ބާވަތްތަކަށް އިސްކަން ދޭށެވެ. ތަރުކާރީއާއި މޭވާއާއި، ފަތްޕިލާވެލީގެ ބާވަތްތައް ކެއުމުގައި ހިމަނާށެވެ.  ޞިއްޙީ މައްސަލަތަކުން އެއްކިބާވެ، މުޅި ރޯދަ މަސް ދުލަހެޔޮކަންމަތީ ވޭތިކުރެވޭނީ އޭރުންނެވެ.

ކުޑަކުދިން ރޯދަޔަށް ބައިތިއްބާއިރު ސަމާލުވާންޖެހޭ ކަންތައްތައް

ކުޑަކުދިން ރޯދަޔަށް ބައިތިއްބާއިރު ސަމާލުވާންޖެހޭ ކަންތައްތައް
ނޯޓް: 29 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
އަލަށް ރޯދަ ހިފުމަކީ ކުޑަކުދިންނަށް ވަރަށް ތަފާތު އިހުސާސެއް ގެނެސްދޭނެ ކަމެކެވެ. ބައެއް ކުދިންނަށް ފުރަތަމަ ދުވަހު ނޫނީ ފުރަތަމަ ދެތިން ދުވަހު އެއްކޮށް އެއްޗެއް ނުކައި ރޯދައަށް ހުރުމަކީ ދަތިކަމަކަށް ވެސް ވުން އެކަށީގެންވެއެވެ. އެހެންކަމުން ކުޑަކުއްޖަކު އަލަށް ރޯދައަށް ބަހައްޓަން ފެށުމުގެ ކުރިން އެކަމަށް ދުރާލާއި ހާނުވައި ތައްޔާރުކުރުވުން މުހިއްމެވެ.


ރޯދައަށް ހުރުމަށް ކުޑަކުދިން ތައްޔާރުކުރުމުގެ ގޮތުން ރޯދަ މަސް ފެށުމުގެ ކުރިން އޮންނަ ދުވަސްތަކުގައި ކުދިންގެ ކެއުމުގެ އާދައަށް ބަދަލުތައް ގެނުވިދާނެ އެވެ. އެގޮތުން ރޯދަ މަސް ފެށުމުގެ ކުރިން ދުވާލުގެ ވަގުތުތަކުގައި ކާ މިންވަރާއި، ކާ ފަހަރު މަދުކޮށްލުމަށް ބާރުއެޅިދާނެ އެވެ. ލޮނާއި ހަކުރު އެކުލެވޭ ތަކެތި ދިނުން މަދުކޮށްލެވިދާނެ އެވެ. ސަބަބަކީ މިފަދަ ތަކެއްޗަކީ އާންމު ގޮތެއްގައި ކާހިތްވުމާއި، ކަރުހިއްކުން އިތުރުކުރާ ބާވަތްތަކަށް ވުމުން މިފަދަ ތަކެތި މަދުކޮށްލުމުން ކާހިތްވުން ކުޑަވެ، ކަރުހިއްކުން ކަނޑުވައި، ރޯދަމަހުގެ ދުވާލުގެ ވަގުތުގައި ނުކައި ހޭދަކުރުމަށް ކުދިންނަށް ފަރިތަވެގެންދާނެ އެވެ.

ކުޑަކުދިން އަލަށް ރޯދަ ހިފަން ފަށާއިރު ފަހަރުގައި ފުރަތަމަ މުޅި ދުވަހު އެއްކޮށް ރޯދައަށް ނުހުރެވިދާނެ އެވެ. މިގޮތަށް ދިމާވާނަމަ ފުރަތަމަ މެންދުރާއި ހަމައަށް އެއްޗެއް ނުކައި ހުރުމަށް ބާރު އެޅިދާނެ އެވެ. އެއަށްފަހު އަސުރު ވަންދެން ބެހެއްޓިދާނެ އެވެ. އަދި އެގޮތަށް އާދަވުމުން މުޅި ދުވަހު ރޯދައަށް ބެހެއްޓުމަށް މަސައްކަތް ކުރެވިދާނެއެވެ. މިގޮތަށް އަމަލުކުރުމުން ކުދިން މަޑުމަޑުން ރޯދަ ހިފުމަށް ހޭނި، ކުދިންގެ ޝައުގުވެރިކަން ވެސް އިތުރުވެގެންދާނެ އެވެ.

ކުޑަކުދިން ރޯދައަށް ބަހައްޓާއިރު ވަރަށް ގިނަ ކަންކަމަށް މައިންބަފައިން ސަމާލުކަން ދޭންޖެހޭނެ އެވެ. އެގޮތުން އެންމެ މުހިއްމު އެއްކަމަކީ ރޭގަނޑު ހާރުކާން ދިނުމެވެ. ހާރުގަޑީގައި ދޭ ކާތަކެތީގައި ކާބޯހައިޑްރޭޓް، ޕްރޮޓީން އަދި ފައިބަރުން މުއްސަދި ކާބޯތަކެތީގެ ބާވަތްތައް ހިމަނާށެވެ. ބަތް، ޕާން، ބިސް، ކުކުޅުމަސް، ކަނޑުމަސް، ޔޯގަޓް، ޗީޒު، އޯޓު ފަދަ ތަކެތި ދެވިދާނެ އެވެ. މިފަދަ ތަކެތީގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑުގައި ހަކަތަ ހުރެ، ގިނައިރު ވަރުބަލިވިޔަނުދީ ހިފަހައްޓައިދޭނެ އެވެ. އަދި ގިނައިރު ބަނޑުހައިނުވެ، ހުންނާނެ އެވެ. ކެއުމުގެ ވަގުތުތަކުގައި އެކިކުލަކުލައިގެ ތަރުކާރީ އާއި މޭވާ، އެކި ސައިޒަށް އެކި ބައްޓަމަންކޮށައި ސުފުރާ މަތީގައި ހުރުމަކީ ކުޑަކުދިންގެ ޝައުގުވެރިކަން އިތުރުވެ، ގަޔާވެގެން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމަށް ބާރުއަޅައިދޭނެ ކަމެކެވެ.

ފަހަރުގައި ކުޑަކުދިންކަމަށް ވުމުން އެއްފަހަރާ ރޯދަ ވީއްލާގަޑީގައި އެއްފަހަރާ މާގިނައިން ކާންއުޅެފާނެއެވެ. ނަމަވެސް އެއްފަހަރާ މާގިނައިން ކެޔަނުދޭށެވެ. އެހެނީ އެއްފަހަރާ މާގިނައިން ކެއުމުން ވަރުބަލިކަމާއި، ލޮޑުކަން އިތުރުވެ، މަތިންއެރުމާއި، ގޭހުގެ އުދަނގޫތައް ކުރިމަތިވާގޮތް ވެއެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެނާއި ދިޔާތަކެތި ދޭށެވެ. ޚާއްޞަކޮށް ކޮންމެ ރެޔަކުމެ މަދުވެގެން 8 ތަށި ފެން ދެވޭތޯ ބަލާށެވެ. ރޭގަނޑު ގިނައިން ދިޔާތަކެތި ދިނުމަކީ ރޯދައަށް ހުންނައިރު ގެއްލިގެންދާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ.
ކުޅި ހަވާދުލީ ތަކެތި ނުދޭށެވެ. ތެލާއި ސަރުބީ ގިނަ ތަކެތި ވެސް ނުދޭށެވެ. ކެފެއިން ހުންނަ ބުއިންތައް އެއްގޮތަކަށް ވެސް ނުދޭށެވެ. މާގިނައިން ލޮނުހުންނަ ކާބޯތަކެތި ވެސް ނުދޭށެވެ. މިއިން ކޮންމެ އެއްޗަކީ އޭގެ ސަބަބުން ޞިއްޙީ މައްސަލަތަކަށް މަގުފަހިވެގެން ހިނގައިދާނެ ކަމެކެވެ. އެހެންކަމުން ދުޅަހެޔޮކަންމަތީ ރޯދަ މަސް ފުރިހަމަކުރުމަށްޓަކައި ކުޑަކުދިން ރޯދައަށް ބަހައްޓާއިރު މައިންބަފައިން މިކަންކަމަށް ސަމާލުކަންދިނުން މުހިއްމެވެ.










ހާރުދަމު ކެއުންބުއިން ބަހައްޓާނީ ކިހިނެއް؟

ހާރުދަމު ކެއުންބުއިން ބަހައްޓާނީ ކިހިނެއް؟
ނޯޓް: 28 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަމަސް ހެޔޮ ގޮތުގައި ބޭނުން ހިފުމަށް ރޯދަމަހު ކެއުން ބުއިމަކީ ވެސް ފައިދާހުރި ގޮތެއްގައި ބައްޓަންކުރެވިފައިވާ ކަމަކަށް ވާންޖެހެއެވެ. ރޯދަމަހުގެ ކެއުންބުއިމުގެ ތެރެއިން އެންމެ ސަމާލުވާންޖެހޭ އެއް ކަމަކީ ހާރުދަމުގެ ކެއުން ރަނގަޅު ގޮތަކަށް ތައްޔާރުކޮށް ކުރިޔަށް ގެންދިއުމެވެ.


ހާރުދަމުގެ ކެއުމަކީ ރޯދައަށް ހުރުމަށްޓަކައި އެންމެ ބޭނުންތެރި ކެއުމެވެ. ހާރު ދަމުގެ ކެއުމަކީ ލުއިކެއުމަކަށް ހަދާށެވެ. ހާރުދަމުގެ ކެއުމުގައި ކާބޯހައިޑްރޭޓް ޕްރޮޓީން، ފައިބަރު އެކުލެވޭ ބާވަތްތައް އަދި މޭވާގެ ބާވަތްތައް ގިނަ ކުރެވިދާނެއެވެ. ކާބޯ ހައިޑްރޭޓް އެކުލެވޭ ބާވަތްތައް ޚިޔާރުކުރާއިރު ކޮމްޕްލެކްސް ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތައް މިސާލަކަށް ބާރުލީ، ބަތް، އޯޓު، ބިންބި، ދޮނަޅަ، ޒުވާރި، ތޮޅި، މުގު، އާޓާ ފުށް، އަދި ބާސްމަތީ ހަނޑޫ ފަދަ ބާވަތްތަކަށް އިސްކަން ދެވިދާނެއެވެ. މިބާވަތްތަކަކީ އެބޭނުންކުރުން ހަށިގަނޑަށް ލަސްލަހުން ނުވަތަ މަޑުމަޑުން ހަކަތަ ދޫކުރާ ކާނާގެ ބާވަތްތަކެކެވެ.

ކާނާގައި ހިމެނޭ ނަރުގެ ބައި ނުވަތަ ފައިބަރުން މުއްސަދި ކާނާގެ ބާވަތްތަކުގެ ތެރޭގައި ބްރޭން، ސީރިއަލް، ގޮވާމާއި ގޮދަނުގެ ބާވަތްތައް، އޮށާއި މަދުގެ ބާވަތްތައް، ތޮށިނުނޮޅައި ހުންނަ އަލުވި، ފެހިތޮޅި ފަދަ ތަރުކާރީގެ ބާވަތްތައް، ޕްރޫންސް، ވައްތީނި، އެޕްރިކޮޓް ފަދަ މޭވާގެ ބާވަތްތައް ހިމެނެއެވެ. މިބާވަތްތަކަކީ ހަށިގަނޑުގައި ލަސްލަހުން ހަޖަމުކޮށްދޭ ބާވަތްތަކެވެ. ފައިބަރުން ހުންނަ ކާނާ ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދީ، ބަނޑުހިކުން ފަދަ މައްސަލަތައް ކުރިމަތިވުން ކުޑަކޮށްދޭނެ އެވެ. ޕްރޮޓީން ލިބިދޭ ކާނާއެއްގެ ގޮތުގައި ހަންނަގާފައިވާ ކުކުޅު މަސް، ކަނޑުމަސް، ފިހުނު މަސް ފަދަ ބާވަތެއް ޚިޔާރު ކުރެވިދާނެ އެވެ.
ހާރުދަމުގެ މިދެންނެވި ފަދަ ލަސްލަހުން ހަޖަމުވާ އަދި މަޑުމަޑުން ހަކަތަ ދޫކުރާ ބާވަތްތައް ބޭނުންކުރުމުން، ރޯދައަށް ހުންނަ ވަގުތު ގިނައިރު ބަނޑުހައިވިޔަނުދީ ހިފަހައްޓައިދޭނެ އެވެ. އަދި ރޯދަޔަށް ހުންނައިރު ކުރިމަތިވާ ވަރުބަލިކަމާ ލޮނޑުކަން ކުޑަކޮށްދީ، ހަށިގަނޑު ގިނައިރު ތާޒާކަންމަތީ ދަމަހައްޓައިދޭނެ އެވެ.

ހާރު ދަމުގައި ވެސް ފެނާއި، ލޯފެޓް ކިރު، އަދި ކޮންމެ ވެސް ކަހަލަ މޭވާ ޖޫހެއް ބުއިމެއްގެ ގޮތުގައި ޚިޔާރު ކުރެވިދާނެ އެވެ. ބުއިމެއްގެ ގޮތުގައި މާގިނައިން ކަޅު ސައި، ކޮފީ، ކޯލާ، އެނާޖީ ޑްރިންކްސް ގެ ބާވަތްތައް ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވެ ބީވެގެންދާތީ އެވެ. އަދި އެކަމުގެ ސަބަބުން ވަރުބަލިވުން، ބޮލުގައި ރިހުން، ގެސްޓްރައިޓިސް ފަދަ ޞިއްޙީ މައްސަލަތަކަށް މަގުފަހިކުރާތީ އެވެ.

ހާރުދަމުގެ ކެއުމުގައި މާގިނައިން ހަވާދުލާފައި ހުންނަ ކުޅި ކާނާގެ ބާވަތްތަކާއި، މާގިނައިން ތެޔޮ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ތެލާއި ސަރުބީ ގިނަ ކާނާގެ ބާވަތްތައް ބޭނުންކުރުން ރަނގަޅެއް ނޫނެވެ. އެއީ މިފަދަ ކާނާގެ ބާވަތްތަކުގެ ސަބަބުން މަތިންއެރުމާއި، މެއިން ދިލަނެގުން، މޭނުބައިކުރުން، ބަނޑަށް ތަދުވުން ފަދަ ގޭހުގެ އުނދަގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާތީ އެވެ. 

ރޯދަ ވީއްލުމުގައި ކެއުންބުއިން ބަހައްޓާނީ ކިހިނެއް؟

ރޯދަ ވީއްލުމުގައި ކެއުންބުއިން ބަހައްޓާނީ ކިހިނެއް؟
ނޯޓް: 27 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. އެންމެ އިސްކަމެއް ދޭންޖެހޭނީ ދީނީ އަޅުކަންކަން އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމަށެވެ. ދީނީ އަޅުކަންކަން އެންމެ ފުރިހަމަ ގޮތެއްގައި އަދާކުރެވޭނީ ރޯދަ މަހުގެ ކެއުން ބުއިން ވެސް ދުޅަހެޔޮ ގޮތެއްގައި ބައްޓަންކުރެވިގެންނެވެ.

ރޯދަ މަހުގެ ރޯދަ ވީއްލާ ވަގުތަކީ ވެސް ދުޅަހެޔޮ ގޮތެއްގައި ތައްޔާރުކުރެވިފައިވާ ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތި ބޭނުންކުރެވޭ ވަގުތަކަށް ހަދަންޖެހެއެވެ. އެގޮތުން ރޯދަ ވީއްލުމަށް ބޭނުންކުރަން އެންމެ ރަނގަޅީ ކަދުރު، ފެން، އަދި ތާޒާ މޭވާ ޖޫސް ފަދަ އެއްޗެކެވެ. ރޯދަ ވީއްލާ ވަގުތު ކަދުރު،ފެން، ޖޫސް ފަދަ ތަކެތި ބޭނުންކުރުމަކީ ރޯދައަށް ހުންނައިރު ހަށިގަނޑުން އުނިވެގެންދިޔަ، ދިޔަ ފެނާއި، ލޮނުގެ ބައި އަނބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ހަށިގަނޑުގައި ވަރުޖެހި، ރޯދަ ވަރުބަލިކަން ފިލުވައިދީ، މީހާއަށް ތާޒާކަން ގެނެސްދޭނެ ކަމެކެވެ. އަޅުގަނޑުމެންގެ އާދަކާދަ އޮންނަ ގޮތުން އާންމުކޮށް ވެސް ރޯދަ ވީއްލާގަޑީގައި މިބާވަތްތައް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.

ރޯދަ ވީއްލުމަށްފަހު އެގަޑީގައި ކާ މައިގަނޑު ކެއުމަކީ ހަށިގަނޑަށް ފައިދާހުރި ކާނާގެ ހުރިހާ ބާވަތްތަކެއް ލިއްބައިދޭ ކެއުމަކަށް ހެދުން މުހިއްމެވެ. އެގޮތުން ކާބޯހައިޑްރޭޓް ހިމެނޭ ބާވަތްތަކާއި، ޕްރޮޓީން ހިމެނޭ ބާވަތްތައް، އަދި ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުމަށް އިސްކަން ދެވިދާނެ އެވެ. ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ހިމެނުމަކީ މުހިއްމު ކަމެކެވެ. މިސާލަކަށް  އޯޓު، އާޓާ ފުށު ރޮށި، ބާސްމަތީ ހަނޑުލުގެ ބަތް، ފިހުނު މަސް، ހޫނުކަންމަތީ ހުރި ސުރުވާ، ފަތު ސަޓަނި، އަދި ފަދަ ބާވަތްތައް ހިމެނިދާނެ އެވެ. މީގެ އިތުރުން ތަރުކާރީއާއި މޭވާގެ ބާވަތްތައް ވެސް ހިމެނިދާނެ އެވެ.

ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމަކީ އޭގެ ސަބަބުން ޞިއްޙީ އެތައް ފައިދާ ތަކެއް ލިބިދޭ ކަމެކެވެ. ކަދުރު ބޭނުންކުރުމުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދީ، ހަކުރުގެ މިންވަރު ހަމައަކަށް އަޅުވައިދީ، އަދި ކާނާގައި ހިމެނޭ ނަރުގެ ބައި ނުވަތަ ފައިބަރު ހަށިގަނޑަށް ލިއްބައިދެއެވެ. ކަދުރުގައި ކެލްސިއަމް، ސޯޑިއަމް، ޕޮޓޭސިއަމް، ދަގަނޑު، މެގްނީޒިއަމް، ކޮޕަރ، މެންގަނީޒް،ސަލްފަރ، އަދި ފޮސްފަރަސް ފަދަ މައުދަންތައް ހުރެއެވެ.

ރޯދަ ވީއްލުމަށް ކަދުރު ގެ ބަދަލުގައި ބޭނުންވެއްޖެ ހާލަތެއްގައި  ހިއްކާފައި ހުންނަ އެޕްރިކޮޓް، ވައްތީނި، ޕްރޫން، އަދި ހިކި މޭބިސްކަދުރު ފަދަ ތަކެތި ވެސް ކަދުރެކޭ އެއްގޮތަށް ބޭނުންކުރެވިދާނެ އެވެ. މިތަކެއްޗަކީ ވެސް ފައިބަރުން މުއްސަދި ބާވަތްތައް ކަން ފާހަގަ ކުރެވެއެވެ.

ރޯދަ ވީއްލާ ގަޑީގައި އެއްފަހަރާ މާގިނައިން ކެއުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ މާގިނައިން އެއްފަހަރާ ކެއުމަކީ އެކަމުގެ ސަބަބުން މަތިންއެރުމާއި، މޭނުބައިކުރުން ފަދަ ގޭހުގެ އުދަނގޫތަކަށް މަގުފަހިކުރާ ކަމަކަށްވާތީ އެވެ.

ރޯދަ ވީއްލާ ގަޑީގައި ދުރުހެލިވާންޖެހޭ ކާބޯތަކެތީގެ ތެރޭގައި ހަވާދުލީ ބިސް، ކުޅިމަސް، ފަދަ މާގިނައިން ހަވާދުލާފައި ހުންނަ ކުޅި ކާނާގެ ބާވަތްތަކާއި، އަދި ތެލުލި ހެދިކާގެ ވައްތަރުތައް ފަދަ މާގިނައިން ތެޔޮ އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ތެލާއި ސަރުބީ ގިނަ ކާނާގެ ބާވަތްތައް ހިމެނެއެވެ. މިފަދަ ކާނާގެ ބާވަތްތަކުގެ ސަބަބުން މަތިންއެރުމާއި، މެއިން ދިލަނެގުން، މޭނުބައިކުރުން، ބަނޑަށް ތަދުވުން ފަދަ ގޭހުގެ އުނދަގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާތީ އެވެ. މިކަންކަމުގެ ސަބަބުން ރޭގަނޑުގެ އަޅުކަންތައް އެންމެ އެދެވޭގޮތުގައި ފުރިހަމަކުރުމަށް ވެސް އުނދަގޫވެގެން ދިއުމަކީ ގާތް ކަމެކެވެ.

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ކޮފީ، ކޯލާ އެނާޖީ ޑްރިންކްސް ފަދަ ބުއިންތަކާ ވަރަށް ބޮޑަށް ދޯޅުވެފައިވާ ބައެކެވެ. ނަމަވެސް ރޯދަ ވީއްލާގަޑީގައި މިފަދަ ބުއިންތަކާ ދުރުހެލިވާން ޖެހެއެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން ހަށިގަނޑުން ފެނާއި، ލޮނުގެ ބައި މަދުވެ ބީވެގެންދާތީ އެވެ. އަދި އެކަމުގެ ސަބަބުން ވަރުބަލިވުން، ބޮލުގައި ރިހުން، ގެސްޓްރައިޓިސް ފަދަ ޞިއްޙީ މައްސަލަތަކަށް މަގުފަހިކުރާތީ އެވެ.

ރޯދަ މަހު ދިމާވެދާނެ ޞިއްޙީ މައްސަލަތަކާ، އެކަންކަން ކުޑަކުރެވިދާނެ ގޮތްތައް

ރޯދަ މަހު ދިމާވެދާނެ ޞިއްޙީ މައްސަލަތަކާ، އެކަންކަން ކުޑަކުރެވިދާނެ ގޮތްތައް
ނޯޓް: މިއީ 6 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ރޯދަ މަހަކީ ވެސް ޞިއްޙީ ތަފާތު މައްސަލަތައް ދިމާވެދާނެ މަހެކެވެ. ރޯދަ މަހުގައި ދިމާވާ ޞިއްޙީ މައްސަލަތަކާ އަހަރެމެންގެ ކެއުންބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާ ވަރަށް ގިނަ ފަހަރު ގުޅިފައި އޮންނަކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަ މަހުގައި ދިމާވެދާނޭ ޞިއްޙީ މައްސަލަތަކާއި، އެކަންކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް ބަލާލަމާ ހިނގާށެވެ.

މަތިންއެރުމާއި، މޭއެންދުން
މަތިން އެރުމާއި މޭއެންދުމަކީ ރޯދަމަހުގައި ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުން ރޯދަ ވީއްލާ ވަގުތު ވަރަށް ގިނައިން ކާން ބޭނުންވާކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިގޮތަށް އެއްފަހަރާ މާގިނައިން ކެއުމަކީ ޞިއްޙީ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫނެވެ. ރޯދައަށް ހުންނައިރު މޭއެންދުމާއި މަތިން އެރުން މެދުވެރިވަނީ ކެއުން މަދުވެ، ކެއުމުގެ ދޭތެރެ ދުރުވެ، ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވެ، ބަނޑުގައި މާގިނައިން ގޭސް އުފެދުމުގެ ސަބަބުންނެވެ. މާގިނައިން ކުޅި، ހަވާދުލީ ތަކެތި ބޭނުންކުރުމާއި، ތެލާއި ސަރުބީ އެކުލެވޭ ތަކެތި ބޭނުންކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ރޯދައަށް ހުންނަ ވަގުތުތަކުގައި މަތިންއެރުމާއި، މޭއެންދުމާއި، މެއިން ދިލަނެގުން ކުރިމަތިވުމަށް މަގުފަހިވާ ކަންތައްތަކެވެ.


ރޯދައަށް ހުންނައިރު ކުރިމަތިވާ މޭއެންދުމާއި، މަތިންއެރުމުން ދުރުވެ ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ކެއުން ނުވަތަ އެއްފަހަރާ މާގިނައިން ނުކެއުން، ތެޔޮ ކާނާ މާގިނައިން ބޭނުންނުކުރުން، ހަވާދުލީ ކުޅިތެޔޮ ތަކެތި މާގިނައިން ބޭނުންނުކުރުން، ކެފެއިން އެކުލެވޭ ކާނާއާއި، ބުއިންތައް ބޭނުންނުކުރުން، ދުންފަތުގެ އިސްތިއުމާލުނުކުރުން، ނިދާއިރު ބޯދަށަށް އިތުރު ބާލީހެއްލައި ބޯ ކުޑަކޮށް މައްޗަށް އުފުލައިގެން އޮތުން، އަދި ބަރުދަން ލުއިކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

މާބޮޑަށް ފަލަވުން
ރޯދަމަހު ރޯދަޔަށް ނުކައި ގިނަ އިރުތަކެއް ހުންނައިރު ވެސް ބައެއް މީހުންނަށް ރޯދަ މަހުގައި ފަލަވުން ވެފައި އޮންނަނީ ގަބޫލުކުރަން އުދަނގޫ ކަމަކަށް ވެފައެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިގޮތަށްދިމާވަނީ ރޯދަޔަށް ހުރުމަށްފަހު ރޯދަ ވީއްލާ ވަގުތާއި، ރޭގަނޑުގެ ވަގުތު ތަކުގައި އެއްވެސް ކަހަލަ ބެލުމެއްނެތި ކެއިންބުއިމުގެ ކަންކަން ގެންގުޅުމުންނެވެ. މިސާލަކަށް އާދަޔާ ޚިލާފަށް ގިނައިން ހަކުރު އެކުލެވޭ ފޮނި ކާތަކެތި ކެއުމާއި، ހަށިގަނޑަށް އެކަށޭނަ ވަރަށްވުރެ ގިނައިން ކެއުމާއި،އެއްފަހަރާ މާގިނައިން ކެއުމާއި، މާގިނައިން ނިދުމާއި، އަދި ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވެ، ހެލިފެލިވެ އުޅުން މަދުވުމުންނެވެ.

ރޯދަމަހުގެ ވެސް ކެއުމުގައި ޞިއްޙީ ގޮތުން ހަށިގަނޑަށް ފައިދާހުރި ކާބޯތަކެތީގެ ބޭނުންކުރުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، އެކަށޭނަ ވަރަށް ނިދުމާއި، ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުމަކީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދީ މާބޮޑަށް ހަށިގަނޑު ބަރުހެލިވެ، ފަލަވުމުން ދުރުކޮށްދޭނެ ކަމެކެވެ.

ހަށިގަނޑުން ލޮނާއި ފެން މަދުވުން
ހަށިގަނޑު ލޮނާއި ފެން މަދުވުމަކީ ވެސް ރޯދަ މަހުގައި ދިމާވެދާނެ ޞިއްޙީ މައްސަލައެކެވެ. އެގޮތުން ރޯދައަށް ހުންނައިރު ހަށިގަނޑުން ލޮނާއި ފެންމަދުވާގޮތް ދިމާވަނީ ރޯދައަށް ހުންނަ ވަގުތުތަކުގައި ވެސް ނޭވާލުމާއި، ދާހިއްލުމާއި، ކުޑަކަމުދިއުމުގެ ތެރެއިން ލޮނާއި، ފެން ހަށިގަނޑުން ބީވެދާތީ އެވެ. ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމާއި، ރޭގަނޑުގެ ވަގުތުތަކުގައި ކޮފީ، ކޯލާ، އެނާޖީ ޑްރިންކް ފަދަ ކެފޭއިން ހުންނަ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ ވެސް ހަށިގަނޑުން ލޮނާއި ފެން މަދުވުމަށް މަގުފަހިކުރާ ސަބަބުތަކެކެވެ.

ހަށިގަނޑުން ލޮނާއި ފެން މަދުވުން ކުޑަކުރުމަށްޓަކައި ރޭގަނޑުގެ ވަގުތުތަކުގައިވީހާވެސް ގިނައިން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ. ދިޔާތަކެތީގެ ގޮތުގައި ބުއިމަށް އެންމެ ރަނގަޅީ ފެނެވެ. އެގޮތުން ކޮންމެ ރެޔަކުމެ 12-8 ތަށްޓާއި ދެމެދުގެ މިންވަރަކަށް ފެންބުއިމަކީ މުހިއްމު ކަމެކެވެ.ހާރުކައިގެން ވެސް އެކަށޭނަ ވަރަކަށް ފެންބުއިމަށް ސަމާލުކަން ދޭންވާނެއެވެ.

ބޮލުގައި ރިހުން
ބޮލުގައި ރިހުމަކީ ވެސް ރޯދަ މަހުގައި ވަރަށް ގިނަ މީހުންނަށް ދިމާވެދާނެ ކަމެކެވެ. ރޯދަމަހުގައި ބޮލުގައި ރިހުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މާބޮޑަށް ބަނޑުހައިވުން، ހަށިގަނޑުން ފެނާއި ލޮނުގެ ބައި މަދުވުން، ނޫނީ ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިން، އެކަށޭނަ ވަރަކަށް އަރާމު ނުކުރެވުން ނޫނީ ނިދި ފުރިހަމަނުވުން، ރޯދައަށް ހުރެ އަވީގައި މާގިނައިރު ހޭދަކުރުން، އަދި ރޭގަނޑުގެ ވަގުތުތަކުގައި ކޮފީ، ކޯލާ، އެނާޖީ ޑްރިންކް ފަދަ ކެފެއިން އެކުލެވޭ ބުއިންތައް ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
ރޯދަ މަހު ކުރިމަތިވާ ބޮލުގައި ރިހުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިން، ކަރާ ފަދަ ފެން ގިނައިން އެކުލެވޭ މޭވާގެ ބާވަތްތައް ބޭނުންކުރުން، ރޯދަޔަށްހުރެ އަވީގައި ގިނައިރު ނޫޅުމާއި، އަވީގައި އުޅޭނަމަ، ތޮފި އައިނު ފަދަ ތަކެތި ބޭނުންކުރުން، ކޮފީ، ކޯލާ، އެނާޖީ ޑްރިންކް ފަދަ ކެފެއިން އެކުލެވޭ ބުއިންތަކާ ދުރުހެލިވުން ފަދަ ކަންތައްތައް ހިމެނެއެވެ.މައިގްރޭން ފަދަ މައްސަލަތައް ހުންނަ މީހުން ޑޮކްޓަރުން ލިޔެދީފައި ހުންނަ ބޭސްތައް ގަވާޢިދުން ބޭނުންކުރުން ސަމާލުވުމަކީ މުހިއްމު ކަމެކެވެ.

ބަނޑުހަރުވުން
ބަނޑުހަރުވުމަކީ ވެސް ރޯދަމަހުގައި ބައެއް މީހުންނަށް ދިމާވެދާނެ ކަމެކެވެ. ބަނޑުހަރުވުމަށް ދިމާވާ މައިގަނޑު ސަބަބަކަށް ވެފައި އޮންނަނީ އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވުމެވެ. ރޭގަނޑުގެ ވަގުތުތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިމާއި، މޭވާއާއި ތަރުކާރީ ފަދަ ފައިބަރުން މުއްސަދި ކާނާގެ ބާވަތްތައް ބޭނުންކުރުމާއި، ހެލިފެލިވެއުޅުމާއި، ގަވާއިދުން ކަސްރަތުކުރުމަކީ ވެސް ބަނޑުހަރުވުން ފަދަ އުދަނގޫތަކަށް ލުއިކަން ގެނެސްދޭނެ ކަންކަމެވެ.

ހާސްވެ ފިކުރުބޮޑުވުން
ރަމަޟާން މަހުގައި ރޯދައަށް ހުންނަ ހުރުމުގައި ނުކައި ގިނައިރު ހުރުމާއި، ރޭގަނޑުގެ ވަގުތު ތަކުގައި އެކަށޭނަ ވަރަށް ދިޔާތަކެތި ނުބުއިމާއި، ރަގަޅަށް ނުނިދުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ރޯދައަށް ހުންނައިރު ހާސްވެ ފިކުރުބޮޑުވުން ކުރިމަތިކޮށްފާނެ ކަންކަމެވެ. ހާސްވެ ފިކުރުބޮޑުވުން ކުޑަކުރުމަށް ގިނަ ވަގުތު ދީނީ އަޅުކަމުގައި ހޭދަކުރުން މުހިއްމެވެ.މާބުރަކޮށް މަސައްކަތުގައި ނޫޅުމާއި، އަވީގައި ގިނައިރު ހޭދަނުކުރުމާއި، ރުޅި ކޮންޓްރޯލްކުރުމަކީ ވެސް ފިކުރުތަކުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.ކެފެއިން ހުންނަ ބުއިންތައް ބޭނުންކުރުމުން ދުރުހެލިވުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަތަކުން ދުރުހެލިވުމަކީ ވެސް ހާސްވެ ފިކުރުބޮޑުވުން ކުޑަކޮށްދޭނެ ކަމެކެވެ.

ހަކުރު ދަށްވުން އަދި ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުން
ހަކުރު ބަލީގެ އަހުލުވެރިންނަށް ރޯދަމަހު ހަކުރު ދަށްވުމަކީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. މާބޮޑަށް ހަކުރު ދަށްވެ، އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ، ޚަބަރު ހުސްވުމަކީ ވެދާނެގޮތެކެވެ. ހަކުރު ދަށްވުމުން ފެނިދާނެ އުދަނގޫތަކުގެ ތެރޭގައި ބޯއެނބުރުން، މޫނުމައްޗަށް އަދިރިވުން، ވާނުވާނޭގުން، ދާހިއްލުން، އަދި އާދަޔާ ޚިލާފަށް ރުޅިގަދަވުން، ފަދަ ކަންތައްތައް ހިމެނެއެވެ.އެހެންކަމުން ރޯދަމަހު ހަކުރު ކޮންޓްރޯލް ގައި ބެހެއްޓުމަށްޓަކައި، ރޯދަމަސް ފެށުމުގެ ކުރިން ޑޮކްޓަރަށް ދައްކައި، ބޭސްކާންޖެހޭ ރަނގަޅު ގޮތް އޮޅުން ފިލުވާފައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ހަކުރު ބަލި ހުންނަނަމަ، ކެއުމަށް ވަކި ބަދަލެއް ގެންނަންޖެހޭތޯ ކަމުގެ ޚާއްޞަ ޑޮކްޓަރުންގެ ކިބައިން އޮޅުން ފިލުވުން މުހިއްމެވެ. ހަކުރު ހުރި މިންވަރު ބަލަމުން ގެންދިއުން ވެސް މުހިއްމާއި، ހަކުރު ބައްޔާއި ގުޅިގެން ޑޮކްޓަރުން ލިޔެދީފައި ހުންނަ ބޭސްތައް، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ކުރިޔަށް ގެންދަންވާނެއެވެ.

ލޭމައްޗަށްދިއުމާއި، ސަރުބީ މަތިވުމާއި، ހިތުގެ ބަލި، ގުރުދާ ބަލިތައް ފަދަ ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ރޯދަމަސް ފެށުމުގެ ކުރިން ޑޮކްޓަރަށް ދައްކައި، ބޭސް ކެއުން ކުރިޔަށްގެންދަންވީގޮތް އޮޅުން ފިލުވާފައި ބެހެއްޓުމަކީ ބުއްދިވެރި ކަމެކެވެ. ރޯދަމަހު ދިމާވާ ތަފާތު ޞިއްޙީ މައްސަލަތަކުން ދުރުހެލިވުމަށް އެކަންކަމާ ގުޅޭގޮތުން ދީފައިވާ އިރުޝާދުތައް އެނގި އެއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން މުހިއްމެވެ. ޞިއްޙީ މައްސަލަތަކުން ސަލާމަތްވެހުރެ، ދުޅަހެޔޮކަންމަތީ ރޯދަ މަސް ހޭދަކުރެވޭނީ މިކަންކަމަށް އިސްކަންދީގެންނެވެ. 

ރޯދަމަހު ކެއުން ބަހައްޓާނޭގޮތް

ރޯދަމަހު ކެއުން ބަހައްޓާނޭގޮތް
ނޯޓް: މިއީ 1 ޖޫން 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ކުރިޔަށް އޮތީ އެންމެހާ މުސްލިމުތަކުންގެ ބަރަކާތްތެރި ރަމަޟާން މަހެވެ. ރޯދަ މަހަކީ އަޅުގަނޑުމެންގެ ކެއުން ބުއިމަށް ވެސް ބަދަލުތަކެއް ގެނުވާ ދުވަސްވަރެކެވެ. ކެއުމުގެ ވައްޓަފާޅި އާންމު މައްސަރުތަކާ މުޅިން ތަފާތު ވެދެއެވެ. އެހެން ކަމުން ރޯދަ މަހުގައި ވެސް ދުޅަހެޔޮ ގޮތެއްގައި އަޅުގަނޑުމެންގެ ކެއުން ބުއިން ބައްޓަންކޮށް، ސުފުރާ މަތީގައި އަތުރާލެވޭ ކާބޯތަކެތީގެ ބާވަތްތަކަކީ ހަށިގަނޑަށް ފައިދާހުރި، ދުޅަހެޔޮ ކާބޯތަކެތި ކަމުގައި ހެދުން މުހިއްމެވެ.


ރޯދަ މަހަކީ ކެއުން ބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތައް ބަދަލުކޮށް، ދުޅަހެޔޮ ގޮތެއްގައި ކެއުން ބުއިން ބައްޓަން ކުރުމަށް ލިބިގެންދާ ފަހި ފުރުޞަތެކެވެ.ދުޅަހެޔޮކަންމަތީ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ރޯދަ މަހުވެސް ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ތަކެތި ބޭނުންކޮށް ހެދުމަކީ ވަރަށް މުހިއްމު ކަމެކެވެ.ރޯދަ މަހުގެ ދުވަސްތަކުގައި ކެއުމުގައި އެއްވެސް ކަހަލަ އުސޫލެއް ހިފެހެއްޓުމެއްނެތި، އެއްވެސް ބެލުމަކާ ނުލައި، ހިތަށްއެރި ވަރަކަށް ނޫނީ މާގިނައިން ކައިބޮއިހެދުމަކީ އެކަމުގެ ސަބަބުން ޞިއްޙީ މައްސަލަތައް ދިމާވެދާނެ ކަމެއްކަން ވިސްނުމުގައި ބަހައްޓަން ޖެހެއެވެ.މާގިނައިން ކައިބޮއި ހެދުމަކީ އެކަމުގެ ސަބަބުން ވަރުބަލިކަމާއި، ލޮނޑުކަން ހަށިގަނޑަށް ގެނެސް، ރޫހާނީ އަޅުކަމަށް ވެސް އެކަމުގެ ސަބަބުން ބުރޫއަރާނެ ކަމެއްކަން ހަދާންކުރަން ޖެހެއެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަހަރެމެން ދުޅަހެޔޮ ޞިއްހަތެއްގައި ދެމިހުރުން ބަރޯސާވަނީ ރޯދަމަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ބޭނުންކުރެވޭ ކާނާގެ ބާވަތްތަކުގެ މައްޗަށް ކަމެވެ.އެހެންކަމުން ރޭގަނޑުގެ ވަގުތުތަކުގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ގޮތުގައިކާނާގެ ހުރިހާ ބާވަތެއް ހިމެނޭ ހަމަހަމަ ކެއުމެއް ޚިޔާރުކުރުމަކީ ބުއްދިވެރި ކަމެކެވެ.ރޯދަ މަސް ބޯމަތިވަމުން އަންނައިރު ރޯދަމަހު ކެއުމުގައި ސަމާލުވާންވީ ކަންތައްތައް، އެނގިފައިހުރުމަކީ ބޭނުންތެރި ކަމެކެވެ.

އެހެން މަސްމަހާ އަޅާ ބަލާއިރު ރޯދަމަހުގައި އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ކައިބޮއި އުޅެނީ ތަފާތު 3 ވަގުތެއްގައެވެ. އެއީ ރޯދަ ވީއްލާ ވަގުތާއި، ތަރާވީހު ދަމާއި، ހާރު ދަމެވެ. ރޯދަމަހު މިއިން ކޮންމެ ވަގުތަކުމެ،ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކެއުމެއް ޚިޔާރުކުރުމަކީ މުހިއްމު ކަމެކެވެ.

ރޯދަ ވީއްލުމަށް ފެން، ޖޫސް، ނޫނީ ކޮންމެވެސް ފޮނި ކާއެއްޗެއް ޚިޔާރު ކުރެވިދާނެއެވެ. މިފަދަ ތަކެތީގެ ސަބަބުން ރޯދައަށް ހުރުމުން ހަށިގަނޑުން މަދުވާ ފެނާއި، ލޮނާއި، ހަކުރުގެ ބައި ހަމައަކަށް އެޅުމަށް އެހީތެރިވެދެއެވެ. އަޅުގަނޑުމެންގެ އާދަކާދައިގެ ތެރެއިން ރޯދަ ވީއްލާ ވަގުތު، ގިނަ އަދަދެއްގެ މޭވާ ޖޫސް އަދި ކަދުރު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. މިއީ ހަގީގަތުގައި ވަރަށް ރަގަޅު އާދައެކެވެ. ކަދުރާއި، މޭވާ ޖޫސް ރޯދަ ވީއްލުމަށް ބޭނުންކުރުމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބި، ހަށިގަނޑުގައި ވަރުޖެހި، މީހާއަށް ތާޒާކަން ގެނެސްދޭނެ ކަމެކެވެ.

ތަރާވީސް ވަގުތުގައި ވެސް ބޭނުންކުރާ ކާބޯތަކެއްޗަކީ ކާނާގެ ހުރިހާ ބާވަތެއް ހިމެނޭ ކެއުމަކަށް ހެދުމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ.އެގޮތުން ބަތް، ރޮށި، ޕާސްތާ، ފަދަ ތަކެތި މިވަގުތު ބޭނުންކުރެވިދާނެއެވެ. މިތަކެއްޗަކީ ކާބޯހައިޑްރޭޓް ލިއްބައިދޭނެ ތަކެއްޗެކެވެ. މީގެ އިތުރުން ފެނު ކައްކާފައި ހުންނަ ތަރުކާރީއާއި، ރޯ ތަރުކާރީގެ ބާވަތްތައް، ނުވަތަ ފިހެފައި ހުންނަ މަސް ބޭނުންކުރެވިދާނެ އެވެ. ތަރާވީހު ގަޑީގައި ވެސް ކޮންމެ ރެޔަކު ކޮންމެވެސް ކަހަލަ މޭވާއެއް ބޭނުންކުރުމަކީ އާދައަކަށް ހައްދަވާށެވެ.
ހާރުދަމުގެ ކެއުމަކީ ހަށިގަނޑަށް ފައިދާހުރި ލުއި ކެއުމަކަށް ހެދުމަކީ މުހިއްމު ކަމެކެވެ. ހާރުގަޑީގައި ބޭނުންކުރެވޭ ކާބޯތަކެތީގެ ތެރޭގައި ކާބޯހައިޑްރޭޓާއި، ޕްރޮޓީން ހިމެނޭ ބާވަތްތަކާއި، އަދި މޭވާގެ ބާވަތްތައް ގިނަކުރެއްވުން ރަނގަޅެވެ! މިސާލަކަށް ފިއްތި ގޮދަން (އޯޓްސް)، އަދި ފިހުނުމަހާއި، ކިރު ބޭނުންކުރެވިދާނެ އެވެ. ހާރުގަޑީގައި ސައި، ކޮފީ، އެނާޖީ ޑްރިންކްސް ފަދަ ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުމަކީ ޞިއްޙީ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫނެވެ.ބުއިމެއްގެ ގޮތުގައި ފެނުގެ އިތުރުން ކޮންމެ ވެސް ކަހަލަ މޭވާ ޖޫހެއް ޚިޔާރު ކުރެވިދާނެ އެވެ. އެހެނީ މިފަދަ ބުއިންތަކަކީ އެބުއިންތައް ބޭނުންކުރުމުގެ ސަބަބުން، ހަށިގަނޑުން ފެނާއި، ތަފާތު މައުދަންތައް ބޭރުކޮށްދޭ ބާވަތްތަކެކެވެ.ޚާއްޞަކޮށް އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް މާގިނައިން ބޭނުންކުރުމަކީ އޭގެ ސަބަބުން ޞިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.

ރޯދަމަހުގެ ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެންބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މަދުވެގެން 12-8 ތަށްޓާއި، ދެމެދުގެ މިންވަރަކަށް ފެންބުއިމަށް ސަމާލުކަން ދޭންވާނެއެވެ.! ރޭގަނޑުގެ ވަގުތުތަކުގައި ގިނައިން ފެނާއި، ދިޔާތަކެތި ބޭނުންކުރުމަކީ ރޯދަޔަށް ހުންނައިރު ގެއްލިގެންދާ ފެން އަބުރާ ހަށިގަނޑަށް ލިއްބައިދޭނެ ކަމެކެވެ.

ރޯދަމަހުގައި ބޭނުންކުރެވޭ ކާނާ އަކީ ދުޅަހެޔޮ ކާނާއަކަށް ހެދުމަށްޓަކައި ކާބޯހައިޑްރޭޓް އަދި ފައިބަރުން މުއްސަދިވެފައިވާކާބޯތަކެތި ބޭނުންކުރުން މުހިއްމެވެ. ކާބޯ ހައިޑްރޭޓް އެކުލެވޭ ބާވަތްތަކަކީ އެބޭނުންކުރުމުން ރޯދަޔަށް ހުންނަ ވަގުތުތަކުގައި ލަސްލަހުން ހަކަތަ ދޫކުރާ ކާނާގެ ބާވަތްތަކެކެވެ. ކާބޯހައިޑްރޭޓް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި ގޮވާމާއި، ގޮދަނުގެ ބާވަތްތައް، އަދި މަދާއި އޮށުގެ ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ބާރުލީ، ހަނޑޫ، ފިއްތި ގޮދަން (އޯޓް)، ބިންބި، ދޮނަޅަ، ޒުވާރި، ތޮޅި، މުގު، އާޓާ ފުށް، އަދި ބާސްމަތީ ހަނޑޫ ފަދަ ބާވަތްތައް ހިމެނެއެވެ.

ފައިބަރުން މުއްސަދި ކާނާގެ ބާވަތްތަކަކީ ލަސްލަހުން ހަޖަމުކޮށްދޭ ބާވަތްތަކެއްކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި ބްރޭން، ސީރިއަލް، ގޮވާމާއި ގޮދަނުގެ ބާވަތްތައް، އޮށާއި މަދުގެ ބާވަތްތައް، ތޮށިނުނޮޅައި ހުންނަ އަލުވި، ފެހިތޮޅި ފަދަ ތަރުކާރީގެ ބާވަތްތައް، ޕްރޫންސް، ވައްތީނި، އެޕްރިކޮޓް ފަދަ މޭވާގެ ބާވަތްތައް ހިމެނެއެވެ.

ކެއުމުގައި ލަސްލަހުން ހަޖަމުވާ އަދި މަޑުމަޑުން ހަކަތަ ދޫކުރާ ބާވަތްތައް ބޭނުންކުރުމުން، ގިނައިރު ބަނޑުހައިވިޔަނުދީ ހިފަހައްޓައިދޭނެކަން ހަދާންކުރާށެވެ. އެހެންކަމުން މިފަދަ ކާބޯތަކެތީގެ ބާވަތްތައް ބޭނުންކުރުމުން ރޯދަޔަށް ހުންނައިރު ކުރިމަތިވާ ވަރުބަލިކަމާ ލޮނޑުކަން ކުޑަކޮށްދޭނެ އެވެ.

ރޯދަމަހުގައި ކެއުން ބަހައްޓަންވީ ގޮތުގެ ވާހަކަ ދައްކާއިރު، މިފަދަ މައްސަރެއްގައި ކެއުމުން ދުރުހެލިވާންޖެހޭ ނޫނީ ބޭނުންކުރުން މަދުކުރަންޖެހޭ ކާބޯތަކެތީގެ ބާވަތްތައް އެނގިފައި ހުރުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން ރޯދަ މަހުގައި ކެއުމުން ދުރުހެލިވާންޖެހޭ ކާބޯތަކެތީގެ ތެރޭގައި ހަވާދުލާފައި ހުންނަ ކުޅި ކާނާގެ ބާވަތްތަކާއި، މާގިނައިން ތެޔޮ އަޅާފައި ހުންނަ، ތެލާއި ސަރުބީ ގިނަ ކާނާގެ ބާވަތްތައް ހިމެނޭ އެވެ. ހަވާދުލީ ކުޅި ކާނާގެ ބާވަތްތަކާއި، ތެލާއި ސަރުބީ މާގިނައިން ހުންނަ ބާވަތްތައް ބޭނުންކުރުމުން ރޯދައަށް ހުންނަ ވަގުތުތަކުގައި ކަރުހިއްކައި، ފެންބޮވާ މިންވަރު އިތުރުވެ، ގޭހުގެ މައްސަލަ ދިމާވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

ބޮޑުޖަންކު ފުޑްގެ ބާވަތްތަކާއި، މާގިނައިން ލޮނުއަޅައިގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ކެއުންތައް މާގިނައިން ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. މީގެ އިތުރުން ކޮފީ، ކޯލާ، އެނާރޖީ ޑްރިންކްސްގެ ވައްތަރުތައް ފަދަ ކެފޭއިން ގިނައިން ހުންނަ ބުއިންތައް ވަކިން ޚާއްޞަކޮށް ރޯދަމަހު ބުއިމަކީ އެއްގޮތަކަށް ވެސް އެދެވިގެންވާ ކަމެއްނޫނެވެ. އެއީ މިފަދަ ބުއިންތަކުގެ ސަބަބުން، ހަށިގަނޑުން ލޮނާއި ފެންމަދުކޮށް، ގޭހުގެ އުދަނގޫތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެގެންދާނެތީ އެވެ.

ރޯދަ މަހަކީ އަޅުކަމާ އެއްފަދައިން ކެއުން ބުއިމުގައި ޚާއްޞަ ގޮތްތަކެއް ގެންގުޅޭ މަހަކަށް ވުމުން މިމަހުގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ ކެއުންބުއިން ޞިއްޙަތަށް އެންމެ ފައިދާހުރި ގޮތް ބަލައިގެން ބައްޓަންކުރުން މުހިއްމެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ގިނަ ދުވަހު ދެމިހުރެވޭނީ އެކަމަށް ކޮންމެ މީހަކުމެ، ފަރުދީގޮތުން އިސްކަން ދީގެންނެވެ. ރޯދަ މަހު އަޅުގަނޑުމެންނަށް އަޅުކަން އެންމެ ފުރިހަމައަށް އަދާކުރެވޭނީ ވެސް އަޅުގަނޑުމެންނަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެންނެވެ.