Sunday, October 3, 2021

އެކްޒީމާ

އެކްޒީމާ

އެކްޒީމާ(eczema)  އަކީ ހަންގަނޑު ރަތްވެ، ފަޅައިގެން ގޮސް، ހިރުވައި ކަހާ ބައްޔެކެވެ. އާންމު ގޮތެއްގައި ކުޑަކުދިންގެ ތެރޭގައި މިބަލި އާންމު ކަމުގައި ވިޔަސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް އެކްޒީމާ ކުރިމަތިވެދާނެ އެވެ. ކުޑަކުދިންނަށް ގިނަ ފަހަރު ފުރަތަމަ ބަލި ފާހަގަވަނީ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ބޮޑެތި މީހުންނަށް އުމުރުގެ ކޮންމެ ހިސާބެއްގައި އެކްޒީމާގެ އުދަނގޫތައް ކުރިމަތިވެދާނެ އެވެ. އެކްޒީމާ އަކީ ދިގުމުއްދަތަކަށް ދެމިހުންނަ، ދޭތެރެ ދޭތެރެއިން ރަނގަޅުވެ، ގޯސްވުމުގެ ފުރުޞަތު އޮންނަ ބައްޔެކެވެ. ބައެއް ފަހަރު ނޭވާހިއްލުން ނޫނީ އެލާޖިކް ރައިނައިޓިސް ( ހެދުނު ހޭލާއިރު ރޯގާޖެހި އުދަނގޫވާ ބައްޔެއް) އެކު ވެސް އެކްޒީމާ ގެ މައްސަލަ ފެންމަތިވެދާނެ އެވެ.


އެކްޒީމާ އަކީ އާންމު ގޮތެއްގައި ދިގުމުއްދަތަކަށް ދެމިގެންދާ ނޫނީ ދެމި ހުންނަ ބައްޔެކެވެ. މާނައަކީ ދޭތެރެ ދޭތެރެއިން ގޯސްވެ، ރަނގަޅުވެފައި އަނެއްކާ ވެސް ގޯސްވެ އެގޮތަށް ދިގުމުއްދަތަކަށް ބަލީގެ އަސަރު ދިގުދެމިގެން ދިއުމެވެ. ބައެއް ފަހަރު ކުޑަކުދިންގެ ހުންނަ އެކްޒީމާ ތަންކޮޅެއް އުމުރުން ބޮޑުވުމުން ރަނގަޅުވެދާކަން ފާހަގަ ކުރެވެއެވެ. އެކްޒީމާއަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެކަމަކު ފަރުވާގެ ގޮތުގައި ދޭ ބޭސްތަކާއި، އަމިއްލައަށް ކުރެވޭ ކަންތައްތަކުގެ އެހީގައި ބަލީގެ އުދަނގޫތައް ކުޑަކުރެވި، ބަލީގެ އުދަނގޫތައް ފެންނަ ދޭތެރެ ދުރުކުރެވެއެވެ.

ވައްތަރުތައް

އެކްޒީމާ އަކީ ހަންގަނޑު ހިކިވެ، ހިރުވައި، ކަހައި، ހަންގަނޑު ހަލާކުވާ ހަމުގެ ހާލަތްތަކަކަށް ކިޔާ ނަމެކެވެ. އެކްޒީމާގެ އެންމެ އާންމު ވައްތަރަކީ އެޓޯޕިކް އެކްޒީމާ(Atopic eczema)  އެވެ. އެކްޒީމާގެ އެހެން ތަފާތު ވައްތަރުތައް ހުރެއެވެ. ފާހަގަކުރެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.

(ހ) - ޑިސްކޮއިޑް އެކްޒީމާ (Discoid eczema): މިއީ ވަށްކޮށް ނޫނީ ކުކުޅު ބިސް ބުރަށް ހުންނަ ޕެޗްތަކެއް ހަމުގައި އުފެދޭ އެކްޒީމާގެ ވައްތަރެކެވެ.

(ށ) - ކޮންޓެކްޓް ޑާމަރޓައިޓިސް (Contact dermatitis): މިއި ވަކި ޚާއްޞަ އެއްޗެއް ބޭނުންކުރެވި ނޫނީ އެއްޗެއްގައި އަތްލެވި، ނޫނީ އެއްޗެއްގައި ޖެހި، ހޭކުމުގެ ސަބަބުން ދިމާވެދާނެ އެކްޒީމާގެ ވައްތަރެކެވެ. މިސާލަކަށް ޕްލާސްޓިކް އަންގި ފަދަ އެއްޗެއް ބޭނުންކުރާ މީހަކަށް އެއަންގި ބޭނުންކުރާތީ އެކަމުގެ ސަބަބުން އަތްތިލައިގެ ހަންގަނޑުގައި އެކްޒީމާ އުފެދުމަކީ މިވައްތަރުގެ އެކްޒީމާ އެވެ.

(ނ) - ވެރިކޯސް އެކްޒީމާ (Varicose eczema): މިއީ ފައިގެ ތިރީ ބައިގައި އުފެދޭ އެކްޒީމާގެ ވައްތަރެކެވެ. މިވައްތަރު ގިނަ ފަހަރު އުފެދެނީ ލޭ ދައުރުވުމުގައި ކުރިމަތިވާ ހުރަސްތަކާއި، ލޭނާރު ފުއްޕުން ފަދަ ބަލިތަކުގެ ސަބަބުންނެވެ.

(ރ) - ސެބޮރިކް އެކްޒީމާ (Seborrhoeic eczema): މިއީ ރަތްކޮށް ހުންނަ ތޮށިފޮޅޭ ޕެޗްތަކެއް އުފެދޭ އެކްޒީމާގެ ވައްތަރެކެވެ. މިވައްތަރުގެ އެކްޒީމާ އެންމެ ބޮޑަށް އުފެދެނީ ބޮލުގެ ހަންގަނޑާއި، ނޭފަތުގެ ދެއަރިމަތި، ކަންފަތްކައިރި، ކަންފަތް، އަދި އެސްފިޔަތައް ކައިރީގައިވާ ހަމުގައެވެ.

(ބ) - ޑިސްހައިޑްރޮޓިކް އެކްޒީމާ (dyshidrotic eczema): މިވައްތަރުގެ އެކްޒީމާގައި އަތްތިލައިގައި ފެންފޮޅުތަކެއް ނަގައި ފަޅައިގެންދާ ގޮތް ވެއެވެ.

ސަބަބު

ދުޅަހެޔޮ ހަންގަނޑެއް ލިބިފައިވުމަކީ ހަމުގެ ތެތްކަން ދަމަހައްޓައިދީ، ބެކްޓީރިޔާއާއި،  ހަންގަނޑު ހިލުވައިލާ މާއްދާތަކާއި، ހަމާއި ނުގުޅޭ މާއްދާތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެކްޒީމާ ގައި ވާގޮތަކީ ވިރާސީ ބަހާ އަށް އަންނަ ބަދަލެއްގެ ސަބަބުން ހަމުން ފޯރުކޮށްދޭ މިރައްކާތެރިކަމަށް އަސަރު ކުރުމެވެ. މިކަމުގެ ސަބަބުން ދިރިއުޅޭ މާހައުލުން ހަންގަނޑަށް ހުށަހެޅޭ މާއްދާތަކުންނާއި، ނުގުޅޭ މާއްދާތަކުން އަދި ހަންގަނޑު ހިލުވައިދޭ މާއްދާތަކުގެ ސަބަބުން ހަންގަނޑަށް އަސަރުކުރުވައެވެ. ބައެއް ކުދިންނަށް ކާތަކެއްޗާއި ނުގުޅުމަކީ ވެސް އެކްޒީމާ މެދުވެރިވުމުގައި ދައުރެއް އަދާކޮށްފާނެ ކަމެއްކަމަށް ބެލެވިފައި ވެއެވެ.

އެކްޒީމާ ކުރިމަތިވަނީ ވަރަށް ގިނަ ކަންތައްތައް ގުޅިލާމެހިގެންނެވެ. އެގޮތުން އެކްޒީމާ ކުރިމަތިވުމުގެ ޝާމިލްވެ ބައިވެރިވާ ކަންތައްތަކުގެ ތެރޭގައި ދިފާޢީބާރު ހަރަކާތްތެރިވެ ހީވާގިވުން، ވިރާސީ ބަހާ ނުވަތަ ވިރާސީގޮތުން އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުން، ދިރިއުޅޭ މާހައުލުން ކުރިމަތިވާ ކަންތައްތައް އަދި ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

(ހ) - ދިފާޢީ ނިޒާމު ހީވާގިވުން : އެކްޒީމާ ހުރިކަމުގައިވާނަމަ ވަރަށް ކުދިކުދި ކަންތައްތަކަށް (އިރިޓެންޓްތައް ނުވަތަ އެލާޖިކްވުމަށް މެދުވެރިވާ ތަކެތި) ހުށަހެޅުމުން ވެސް  ދިފާޢީ ނިޒާމު ހަރަކާތްތެރިވެ ހީވާގި ވެއެވެ. މިގޮތަށް ދިފާޢީ ބާރު ނޫނީ ދިފާޢީ ނިޒާމު މާބޮޑަށް ހީވާގިވުމުން ހަންގަނޑުގައި ދުޅަ އެއް ނޫނީ އިންފްލެމޭޝަން އެއް އުފެދޭގޮތް ވެއެވެ.

(ށ) - ވިރާސީ ގޮތުން އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުން : ތިމާގެ އާއިލާގެ މެންބަރުންގެ ތެރޭގައި އެކްޒީމާ ކުރިން ކުރިމަތިވެފައިވާ މީހުން ތިބިކަމުގައިވާނަމަ ތިބާއަށް އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެއެވެ. މީގެ އިތުރުން ނޭވާހިއްލުން، އެލާޖިކް ރައިނައިޓިސް ފަދަ މައްސަލަތައް ހުރިކަމުގައިވާނަމަ ވެސް އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. ބައެއް ކަހަލަ ތަކެއްޗަށް އެލާޖިކްވުން މިސާލަށް ބައެއް ކަހަލަ ކާތަކެއްޗަށް، މަލުކުޑި، ގެންގުޅޭ އެކި ކަހަލަ ޖަނަވާރުތަކުގެ ކެހެރި ފަދަ ތަކެއްޗަށް އެލާޖިވުމަކީ ވެސް އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެގެންދާނެ ކަމެކެވެ.

(ނ) - ދިރިއުޅޭ މާހައުލުން ހުށަހެޅޭ ކަންތައްތައް : ދިރިއުޅޭ މާހައުލުން ހުށަހެޅޭ ތަފާތު ބާވަތްތަކުގެ އެއްޗެހީގެ ސަބަބުން ވެސް އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުކޮށްފާނެ އެވެ. މިފަދަ ތަކެތީގެ ތެރޭގައި ދުންފަތުގެ ދުން، ޖައްވުގައި ނޫނީ މާހައުލުގައި ހުންނަ ވައިނުސާފުކޮށްދޭ ވިހަތައް، ބާރުގަދަ ސައިބޯނީގެ ވައްތަރުތައް، ވޫލް ފަދަ ފެބްރިކް ނުވަތަ ފޮތީގެ އުފެއްދުންތައް ހިމެނެއެވެ. މާބޮޑަށް ޖައްވުގެ ތެތްކަން ދަށް ތަންތަނުގައި އުޅޭނަމަ ހަންގަނޑު ހިކި، ކަހައި، ކުރަކިވާގޮތް ވެއެވެ. އަދި މާހޫނު ހިސާބުތަކުގައި އުޅޭނަމަ ހޫނުވެ، ދާހިއްލައި، ކެހުމާއި ހިރުވުން އިތުރަށް ގޯސްވާގޮތް ވެއެވެ.

(ރ) - ފިއްތުންތައް : ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި ފިކުރުބޮޑުވުން ފަދަ ކަންކަމުގެ ސަބަބުން އެކްޒީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ. އަދި އެކްޒީމާ ހުރި ނަމަވެސް އެކަން އިތުރަށް ގޯސްވެގެން ދިއުމުގެ ފުރުޞަތު އޮވެއެވެ.

މަގުފަހިކުރާ ކަންތައްތައް

އެކްޒީމާ އަށް މަގުފަހިކުރާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         އާއިލާގެ ތެރޭގައި އަންނަނވި ކަންތައްތައް ދައުރުވަމުން އައުން

o       އެކްޒީމާ

o       އެލާޖިކް ރައިނައިޓިސް

o       ނޭވާހިއްލުން

o       އެލާޖީ ތައް

އަލާމާތްތައް

އެގްޒީމާގެ އަލާމާތްތަކާއި، ފާހަގަވާ ނިޝާންތައް އެކަކު އަނެކަކާއި، ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ހަންގަނޑު ހިކުން

·         ހަންގަނޑު ހިރުވައި ކެހުން : ރޭގަނޑު ވަކިން ބޮޑަށް ކެހުން އިތުރުވާނެ އެވެ.

·         ރަތް މުށި-އަޅިކުލައަށް ހުންނަ ޕެޗްތަކެއް އަތްތިލަ، ފައިތިލަ، ތަބިކަށި، އަތުކުރި، ކަދުރާ، މޭމަތި، ލޮލުގެ ބޮޑި، އުޅަބޮށި ހަމައިން ކުރިމަތިންވާ އަޑިކޮޅު، އަދި ފައިގެ ދޯނގި ދޮށް ފަދަ ހިސާބުތަކުގައި ނެގުން: އެންމެ ތުއްތު ކުދިންގެ މިގޮތަށް ނަގާ ޕެޗުތައް މޫނާއި، ބޮލުގެ ހަމުގައި ވެސް ހުރެދާނެ އެވެ.

·         ކުދި އުފުލިފައި ހުންނަ ބިހިތަކެއް ނެގުން : މިބިހިތަކުން ދިޔަ ލީކުވެ، ފަހަރުގައި ކަހައި ހެދުމުން ތޮށިފޮޅޭގޮތް ވެދާނެ އެވެ.

·         ހަންގަނޑު ބޯވެ، ތޮށިލައި، ކުރަކިވެ، ފަޅައިގެންދިއުން

·         ހިރުވައި ކެހުމުން ހަންގަނޑު ރަތްވެ، ދުޅަވެ، ފާރުވެ، ރޯކޮށް ފެންނަށް ހުރުން

އެކްޒީމާ އަކީ ކުރިން ވެސް ބަޔާންކުރެވުނު ފަދައިން ހަންގަނޑު ހިކިވެ، ހިރުވައި، ކަހައި، ފަޅައިގެންގޮސް، ހަމުގައި ފާރު އުފެދޭ ބައްޔެކެވެ. ބައެއް މީހުންނަށް ހަންގަނޑުގައި ހިކިފައި ހުންނަ ކުދި ޕެޗްތަކެއް ގޮތަށް ބަލީގެ އަސަރު ފާޅުވިޔަސް، އަނެއްބައި މީހުންނަށް ހަމުގެ ބޮޑު ހިސާބަކަށް ބަލީގެ އަސަރު ފެތުރިފައި ހުންނަކަން ފާހަގަ ކުރެވެއެވެ. ދޮންމީހުންގެ ހަށިގަނޑުގައި ދުޅަވެފައި ހުންނަ ހަންގަނޑު ހުންނާނީ ރަތްކޮށެވެ. އަދި ކަޅު މީހުންގެ ހަށިގަނޑުގައި ދުޅަވެފައި ހުންނަ ހަންގަނޑު ހުންނާނީ މުށި އަދިރިކުލައިގައި، ދަނބުކުލައިގައި ނޫނީ އަޅިކުލައިގައެވެ.

އެކްޒީމާގެ އަސަރު ހަށިގަނޑުގެ ކޮންމެ ހިސާބަކުން ވެސް ފާޅުވެދާނެ އެވެ. ނަމަވެސް ކުޑަކުދިންގެ ފުށުން އެންމެ އާންމުކޮށް ބަލީގެ އަސަރު ފެންނަނީ އަތްތިލަ، އުޅަބޮށީގެ އެތެރެ ފަރާތް، ދޯނގިދޮށް، މޫނު އަދި ބޮލުގެ ހަންގަނޑުންނެވެ. އެކްޒީމާ ސަބަބުން ބައެއް ފަހަރު ބަލީގެ އަލާމާތްތައް ލުއިވެފައި، އަނެއްބައި ފަހަރު ބަލީގެ އަލާމާތްތައް ގޯސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ނުރައްކާތައް

އެކްޒީމާގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ނޭވާހިއްލުން އަދި އެލާޖިކް ރައިނައިޓިސް ހުރުން : އެކްޒީމާ ހުންނަ ކުދިންގެ ތެރެއިން ½ އަށްވުރެ ގިނަ ކުދިންނަށް އުމުރުން 13 އަހަރުވުމުގެ ކުރިން ނޭވާހިއްލުން ނޫނީ އެލާޖިކް ރައިނައިޓިސް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.

·         އަބަދު ވެސް ހިރުވައި، ކަހާ، ތޮށި ނުވަތަ ހުޅުބުލީ ހަންގަނޑެއްހުރުން (itchy scaly skin) : ނިއުރޯޑާމަޓައިޓިސް ނުވަތަ ލައިކެން ސިމްޕްލެކްސް ކްރޯނިކަސް ފެށިގެން އަންނަނީ ހަމުގައި ނަގާ ހިރުވައި ކަހާ ޕެޗެއްގެ ސިފައިގައެވެ. މިގޮތަށް ހިރުވާ ތަނުގައި ކަހާވަރަކަށް އިތުރަށް ހިރުވައި ކަހާނެ އެވެ. ނަތީޖާއެއްގެ ގޮތުން އަބަދު އެހިސާބު ހިރުވާތީ ކަހަން ބޭނުންވެދާނެ އެވެ. ނޫނީ އަބަދު އަބަދު ކަހަކަހައި ހުންނަށް ޖެހިދާނެ އެވެ. މިގޮތަށް ވުމުން އެހިސާބުގެ ހަމުގެ ކުލަ ބަދަލުވެ، ބޯވެ، ލެދަރުގަނޑެއްހެން ހުރެއެވެ.

·         ހަމުގައި އިންފެކްޝަން ހެދުން (skin infections): ތަކުރާރުކޮށް ކަހައި ހެދުމުން ހަންގަނޑު ހަލާކުވެ، ހަންގަނޑު ފާރުވެ، ތަންތަންކޮޅުން ފަޅައިގެން ގޮސް ރެނދުލާފައި ހުންނަހެން ހުރެއެވެ. މިކަމުގެ ސަބަބުން ބެކްޓީރިޔާ އަދި ވައިރަސް މިސާލަކަށް ހާރޕީޒް ސިމްޕްލެކްސް ވައިރަސް ފަދަ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ.

·         އިރިޓެންޓް ހޭންޑް ޑާރމަޓައިޓިސް (irritant hand dermatitis): މިމައްސަލަ ބޮޑަށް ކުރިމަތިވަނީ އެކި ކަހަލަ ސައިބޯންޏާއި، ދޮންނަ ކުޑިއާއި، އެއްޗެހި ދޮވެ ސާފުކުރަން ގެންގުޅޭ ތަފާތު ވައްތަރުތަކުގެ އުފެއްދުންތަކުގައި އަތްލައި ހަދަންޖެހޭ ނޫނީ ހަދައި އުޅޭ މީހުންނަށެވެ.

·         އެލާޖިކް ކޮންޓެކްޓް ޑާރމަޓައިޓިސް (allergic contact dermatitis): މިއީ ތަފާތު އެއްޗެހީގައި ޖެހި، އަތްލެވި، ބޭނުންކޮށް ހެދުމުން އެއެއްޗަކާއި ނުގުޅުމެވެ. މިއީ ވެސް އެކްޒީމާ ހުންނަ މީހުންނަށް ވަރަށް ގިނައިން ދިމާވާ ހަމުގެ މައްސަލަ އެކެވެ.

·         ނިދަން އުދަނގޫވުން : ހަމުގައި އުފެދޭ ޕެޗްތަކުގައި ހިރުވައި ކަހާތީ ވަރަށް ގިނަ ފަހަރު ފުރިހަމަ ނިންޖަކުން މިފަދަ ފަރާތްތައް މަހުރޫމު ވެއެވެ.

ދެނެގަތުން

އެކްޒީމާ ހުރިކަން ދެނެގަންނަނީ ބަލިމީހާގެ ފަރާތުން ލިބޭ މައުލޫމާތާއި، ބަލިމީހާގެ ހަންގަނޑު ބަލައި ހެދުމުގެ ތެރޭގައި ފާހަގަ ކުރެވޭ ކަންތައްތަކުގެ އަލީގައެވެ. ބައެއް ފަހަރު ޕެޗް ޓެސްޓު އަދި އެހެން ހަމުގެ ޓެސްޓުތައް އެކްޒީމާ އާއި އެކުގައި އެހެނިހެން ހަމުގެ ބަލިތައް ހުރިތޯ ބެލުމަށް ހަދައިފާނެ އެވެ. ޑޮކްޓަރަށް ދައްކާއިރު އެއްވެސް ކަހަލަ ބޭހަކަށް ނުވަތަ ވަކި ކަހަލަ ކާއެއްޗަކަށް އެލާޖީވެ ނުގުޅޭނަމަ އެވާހަކަ އެއް ވެސް ޑޮކްޓަރުގެ އަރިހުގައި ބުނަންވާނެ އެވެ. އާންމުކޮށް ހަދައިފާނެ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

·         އެލާޖިކް ސްކިން ޓެސްޓު

·         ލޭގެ ޓެސްޓުތައް

·         ހަމުގެ ބަޔޮޕްސީ ހެދުން

ފަރުވާ

އެކްޒީމާ އަކީ ފަހަރުގައި ދިގުމުއްދަތަކަށް ދެމިހުންނަ ބައްޔަކަށް ވެދާނެ އެވެ. ބައެއް ފަހަރު މަސްތަކުން ފެށިގެން އަހަރުތަކެއް ވަންދެން ވެސް އެކި ކަހަލަ ފަރުވާ ތަޖުރިބާކުރަންޖެހިދާނެ އެވެ. ފަރުވާކޮށްގެން އެއްކޮށް ރަނގަޅުވެފައި ހުއްޓައި، އަނެއްކާ ވެސް ބަލީގެ އަލާމާތްތައް ފެނި އުދަނގޫތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

އެކްޒީމާ ހުރިނަމަ އެކަން ދުރާލާ ކުރީކޮޅު ދެނެގަނެ ފަރުވާ ފެށުމަކީ މުހިއްމު ކަމެކެވެ. ގަވާއިދުން ހަންގަނޑު މޮއިސްޗަރައިޒް ކުރުމާއި، އަމިއްލައަށް ކުރެވޭ އެކި ކަހަލަ ކަންތައްތަކުން ވެސް އެކްޒީމާ އަށް ލުއިކަން ނުލިބިއްޖެނަމަ ތިރީގައިމިވާ ކަންތައްތައް އެކްޒީމާގެ ފަރުވާގެ ގޮތުގައި ޑޮކްޓަރުން ލަފާދީފާނެ އެވެ.

ބޭސްބޭނުންކުރުން

(ހ) - ކެހުން ކޮންޓްރޯލްކޮށް، ހަންގަނޑު މަރާމާތުކޮށްދޭ ކްރީމްތައް : މިގޮތުން ޑޮކްޓަރުން ލިޔެދޭ އެއް ބޭހަކީ ކޯޓިކޯސްޓީރޮއިޑް ކްރީމް ނުވަތަ އޮއިންޓްމަންޓް އެވެ. ސްޓީރޮއިޑް ކްރީމް އުގުޅަންޖެހޭނީ ހަންގަނޑު މޮއިސްޗަރައިޒް ކުރުމަށް ފަހުގައެވެ. މާގިނައިން ސްޓީރޮއިޑް އެކުލެވޭ އުގުޅާ ބޭސް ބޭނުންކުރުމަކީ ހަންގަނޑު ތުނިވާނެ ކަމެކެވެ.

ދެން މިގޮތަށް ބޭނުންކުރެވޭ އަނެއް ބޭހަކީ ކެލްސިނިއުރިން އިންހިބިޓަރ ތަކެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި ޓެކްރޯލިމަސް އަދި ޕިމެކްރޯލިމަސް ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތަކަކީ ދިފާޢީ ނިޒާމަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކުރާ ބޭސް ތަކެކެވެ. މިބޭސްތައް ބޭނުންކުރެވޭނީ އުމުރުން 2 އަހަރުން މަތީގެ ފަރާތްތަކަށެވެ. އަދި ބޭސް އުގުޅަންޖެހޭނީ ހަންގަނޑު ރަނގަޅަށް މޮއިސްޗަރައިޒް ކުރުމަށްފަހުގައެވެ. މިބޭސް ބޭނުންކުރާ ދުވަސްވަރު އަވީގެ ތެރޭގައި ގިނައިރު ހޭދަކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

(ށ) - އިންފެކްޝަން އާއި ދެކޮޅަށްދޭ ބޭސްތައް : ހަމުގައި ފާރު، ފަޅައިގެންގޮސްފައިވާ ތަންތަން ނުވަތަ ބެކްޓީރިޔަލް އިންފެކްޝަން ހެދިފައިވާނަމަ އެންޓިބަޔޮޓިކް އުގުޅާ ބޭސް ބޭނުންކުރަން ޖެހިދާނެ އެވެ. ފަހަރުގައި ކުރުމުއްދަތަކަށް އެންޓިބަޔޮޓިކް ކާ ބޭސް ވެސް ބޭނުންކުރަން ޖެހިދާނެ އެވެ.

(ނ) - އިންފްލެމޭޝަން ކޮންޓްރޯލްކުރުމަށްދޭ ބޭސްތައް : ވަރަށް ބޮޑަށް ގޯސްވެގެންދާ އެކްޒީމާގެ ހާލަތުގައި އުފެދޭ އިންފްލެމޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި ކޯޓިކޯސްޓީރޮއިޑް ގުޅަ ބޭސް މިސާލަކަށް ޕްރެޑްނިސޯލޯން ފަދަ ބޭސްތައް ބޭނުންކުރުމަށް ދީފާނެއެވެ. މިބޭސްތަކުގެ ނޭދެވޭ އަސަރު ބޮޑުކަމުން ދިގުމުއްދަތަކަށް މިބޭސްތައް ބޭނުންކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

(ރ) - އަލަށް ބޭނުންކުރެވޭ ބޭސްތައް : އަލަށް ބޭނުންކުރެވޭ ބޭސްތަކުގެ ތެރެއިން އެއް ބޭހަކީ މޮނޯކޮލޯނަލް އެންޓިބޮޑީ އެއް ކަމުގައިވާ ޑުޕިލުމެބް އެވެ. މިބޭސްތައް ބޭނުންކުރަނީ އާންމުކޮށް ބޭނުންކުރާ އެހެން ބޭސްތަކަށް ވެސް ބަލީގެ އުނދަގޫތައް ނުގުޑިނަމަ އެވެ.

ފަރުވާތައް

(ހ) - ވެޓް ޑްރެސިންގ (wet dressing): މިއީ އެކްޒީމާއަށް ދީއުޅޭ ވަރަށް އެކަށޭނަ ފަރުވާ އެކެވެ. މީގައި ހަދާގޮތަކީ އެކްޒީމާގެ އަސަރު ހުރި ހިސާބުގައި ކޯޓިކޯސްޓީރޮއިޑް އުގުޅުމަށްފަހު، ވެޓް ބެންޑޭޖް އޭގެ މަތިން އަޅައި ބެންޑޭޖް ކޮށްލަނީ އެވެ. ބައެއް ފަހަރު މާބޮޑަށް އެކްޒީމާގެ އަސަރު (ބޮޑަށް ފެތުރިފައިވާނަމަ) ހުރިނަމަ މިކަން ހަސްފަތާލުގައި ބާއްވައިގެން ވެސް ކުރެވެއެވެ.

(ށ) - ލައިޓް ތެރަޕީ ނުވަތަ ފޮޓޯތެރަޕީ (light therapy): މިފަރުވާ ދެނީ އާންމު ގޮތެއްގައި ޓޮޕިކަލް ޓްރީމަންޓް ދީގެން ރަނގަޅުނުވާ، ނޫނީ ރަނގަޅުވުމަށްފަހު އަނެއްކާ ވެސް އަވަހަށް އެކްޒީމާގެ ހާލަތު ގޯސްވާ މީހުންނަށެވެ. މިފަރުވާގައި ވަކި އިރެއް ވަންދެން ނޫނީ ވަކި މިންވަރަކަށް އަލީގެ ދޯދި ތަކަށް ހަންގަނޑު ހުށަހެޅެއެވެ. ބައެއް ފަހަރު މަޞްނޫޢީ އަލްޓްރާ ވައިލެޓް އޭ(UVA) ނޫނީ ނެރޯ ބޭންޑް އަލްޓްރާ ވައިލެޓް ބީ(UVB) މިފަރުވާގެ ގޮތުގައި ބޭނުންކުރެވެއެވެ. ނޫނީ ދީއުޅެއެވެ.

(ނ) - ކައުންސެލިންގ ނެގުން  (counselling): ދިމާވެފައިވާ ހަމުގެ މައްސަލައިގެ ސަބަބުން މާބޮޑަށް ހާސްވެ، ކަންބޮޑުވެ، ފިކުރުބޮޑުވާނަމަ ކައުންސެލަރަކާއި ވާހަކަ ދައްކާލުން ރަނގަޅެވެ. އޭރުން ދިމާވެފައިވާ ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަން ފިލައިދިއުމަށް އެހީތެރިކަމެއް ލިބިދާނެ އެވެ.

ރައްކާތެރިވުން

އެކްޒީމާ އިން ރައްކާތެރިވުމަށް (އެކްޒީމާ ކުރިމަތިވުމަށްފަހު އިތުރަށް އޭގެ އުދަނގޫތައް ގޯސްވިޔަނުދީ ކުޑަކުރުމަށްޓަކައި)  އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެކެވެ.

(ހ) - ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު ހަންގަނޑު މޮއިސްޗަރައިޒްކުރުން : ހަންގަނޑު މޮއިސްޗަރައިޒުކުރުމަށް ކްރީމް، ލޯޝަން، އޮއިންޓްމަންޓް ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. އެކިކަހަލަ ބާވަތްތައް ބޭނުންކޮށްގެން އަމިއްލަ ހަންގަނޑާއި ގުޅޭ ރަނގަޅު ބާވަތެއް ޚިޔާރުކުރުން މުހިއްމެވެ. ތުއްތު ކުދިންނަށް ޕެޓްރޯލިއަމް ޖެލީ ފަދަ ތަކެތި ބޭނުންކުރުމުން އެކްޒީމާ ކުރިމަތިވުމުގެ ފުރުޞަތު ކުޑަކޮށްދީފާނެއެވެ.

(ށ) - ހަމުގެ މައްސަލަ ނޫނީ އެކްޒީމާ އިތުރަށް ގޯސްވެދާނެ ފަދަ ތަކެތި ފާހަގަކޮށް، އެއެއްޗެހި ތަކާއި ދުރުހެލިވުން : އެގްޒީމާ އާއި ގުޅިގެން އުފެދޭ ހަމުގެ މައްސަލަ އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަންތައްތަކާއި އެއްޗެހީގެ ތެރޭގައި ސްޓްރެސްވުން، މާބޮޑަށް ފަލަވުން، ފޮނިކާތަކެތި، ސައިބޯނި، ދޮންނަކުޑި، ދިޔާ އޯމޯގެ ބާވަތްތައް، ހިރަފުސް، މަލުކުޑި، ފަދަ ބާވަތްތައް ހިމެނެއެވެ. އެހެންކަމުން މިފަދަ ތަކެތި ފާހަގަކޮށް އެތަކެއްޗާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.

ތުއްތު ކުދިންނާއި، ކުޑަކުދިންނަށް ބައެއް ކަހަލަ ކާނާގެ ބާވަތްތައް ބޭނުންކުރުމުން ވެސް ހަމުގެ މައްސަލަ އިތުރަށް ގޯސްވެގެން ހިނގައިދާނެ އެވެ. މިފަދަ ބާވަތްތަކުގެ ތެރޭގައި ކުކުޅުބިސް، ކިރު، ގޮދަން، އަދި ސޯއީ ފަދަ ބާވަތްތައް ހިމެނެއެވެ.

(ނ) - ފެންވެރުމަށް ގިނައިރު ހޭދަނުކުރުން : ފެންވަރުމަށް ހޭދަކުރާ ވަގުތު ކުޑަކުރުން މުހިއްމެވެ. އެގޮތުން ފެންވެރުމަށް 15-10 މިނިޓް ތެރޭ ފެންވަރައި ނިންމާލެވޭތޯ ބަލާށެވެ. ފެންވަރާއިރު ހޫނު ފެނުގެ ބަދަލުގައި ތާފަނާ ފެން ބޭނުންކުރުން މުހިއްމެވެ.

(ރ) - އާދައިގެ ސައިބޯނި ބޭނުންކުރުން ނުވަތަ މާބާރުގަދަ ސައިބޯނި ބޭނުންނުކުރުން : އެކްޒީމާ ފަދަ މައްސަލަ ތައް ހުންނަ މީހުން އެންމެ ރަނގަޅީ އާދައިގެ މާބާރުގަދަ ނޫން ސައިބޯނި ބޭނުންކުރުމެވެ. މާބާރުގަދަ އެކި ކަހަލަ ވަސްތައް ހުންނަ ސައިބޯނި ތަކުގެ ސަބަބުން ހަމުގައި ހުންނަ ތަބީޢީ ތެޔޮކަން ދުއްވާލައި، ހަންގަނޑު ހިކޭގޮތް މެދުވެރި ކުރުވައެވެ.

(ބ) - ފެންވެރުމަށްފަހު ފަރުވާތެރިކަމާއެކު ފެންހިއްކުން : ފެންވެރުމަށްފަހު ސާފު ތުވާއްޔަކުން ފެންހިއްކުމަށްފަ ހަންގަނޑުގައި ތެތްކަނެއް ހުއްޓައި މޮއިސްޗަރައިޒިންގ ކްރީމް ފަދަ ތަކެތި އުގުޅުމަކީ މުހިއްމު ކަމެކެވެ.

ގޭގައި ކުރެވިދާނެ ކަންތައްތައް

(ހ) ދުވާލަކު 2 ފަހަރު ހަންގަނޑު މޮއިސްޗަރައިޒްކުރުން : ތިމާގެ ހަންގަނޑާއި ގުޅޭ މޮއިސްޗަރައިޒަރ އެއް އަމިއްލަ ހޯދުން މުހިއްމެވެ. މޮއިސްޗަރައިޒަރ ގެ ގޮތުގައި ބާތު އޮއިލް، ކްރީމް، އޮއިންޓްމަންޓް، ނޫނީ ސްޕްރޭ ވެސް ބޭނުންކުރެވިދާނެ އެވެ. ކުޑަކުދިންނަށް ދުވާލަކު 2 ފަހަރު މޮއިސްޗަރައިޒަރ އުގުޅާއިރު ރޭގަނޑު ނިދުމުގެ ކުރިން މޮއިސްޗަރައިޒިންގ އޮއިންޓްމަންޓް އެއް އުގުޅާށެވެ. އަދި ސުކޫލަށް ދިއުމުގެ ކުރިން މޮއިސްޗަރައިޒިންގ ކްރީމް އެއް އުގުޅާށެވެ.

(ށ) ހިރުވައި ކެހުން ކުޑަކޮށްދޭ ކްރީމް އެއް އުގުޅުން : އެކްޒީމާގެ އަސަރު ހުރި ހިސާބުގައި ހިރުވައި ކެހުން ކުޑަކޮށްދޭ ކްރީމް އެއް އުގުޅިދާނެ އެވެ. އެގޮތުން ކުރު މުއްދަތަކަށް ހައިޑްރޯކޯޓިޒޯން %1 ހިމެނޭ ކްރީމް އެއް އުގުޅިދާނެ އެވެ. މިގޮތަށް އުގުޅާއިރު ހައިޑްރޯކޯޓިޒޯން އުގުޅަންވާނީ ގިނަވެގެން ދުވާލަކު 2 ފަހަރު، އަދި މޮއިސްޗަރައިޒިންގ ކްރީމް އެއް އުގުޅުމަށްފަހު ގައެވެ. މިގޮތަށް މޮއިސްޗަރައިޒަރ އުގުޅުމަށް ފަހު ބޭހުގެ ގޮތުގައި ބޭނުންކުރާ ބޭސް އުގުޅުމަކީ ހަމުގެ ތެރެއަށް ބޭހުގެ ގޮތުގައި އުގުޅި ބޭސް ދަމައިގަތުމަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. އެދުވަސްވަރަކަށް މިކްރީމް އުގުޅުމުން ހަމުގައި ހުރި އެކްޒީމާގެ އަސަރު ފިލައިދިޔަސް، ދޭތެރެ ދޭތެރެއިން މިކްރީމް އުގުޅައިހެދިދާނެ އެވެ.

(ނ) ހިރުވައި ކެހުން ކުޑަކޮށްދޭ ކާ ބޭސް ބޭނުންކުރުން : މިގޮތަށް ހިރުވައި ކެހުން ކުޑަކުރުމަށް ދީއުޅޭ ބޭސްތަކުގެ ތެރޭގައި ފެކްސޯފެނަޑިން، ސެޓްރިޒިން ފަދަ އެންޓިހިސްޓަމައިންގެ ތެރޭގައި ހިމެނޭ ބޭސްތައް ހިމެނެއެވެ. މީގެ އިތުރުން ޑައިފެންހައިޑްރަމައިން އަދި ފެނިރަމައިން ފަދަ ބޭސްތައް ހިމެނެއެވެ.

(ރ) އެކްޒީމާގެ އަސަރުހުރި ހިސާބުތައް ކަހައި ނުހެދުން : ހަންގަނޑު ހިރުވުމުން ކެހުމުގެ ބަދަލުގައި ހަމަށް ފިއްތައި ހެދޭތޯ ބަލާށެވެ. ނުކަހައި ނުހުރެވޭނަމަ ހިރުވާ ހިސާބު އެއްޗަކުން ނިވާކޮށް ފޮރުވާލާށެވެ. ކުޑަކުދިންނަށް ނިޔަފަތި ކުރުކޮށް ކެނޑުމާއި، ނިދަން ވުމުން އަތަށް އަންގިއެއް ފަދަ އެއްޗެއް ލެއްވުމުން ހިރުވައި، ކެހުން ކުޑަކުރުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބިގެންދާނެ އެވެ.

(ބ) ބެންޑޭޖްކުރުން : ހަމުގައި އެކްޒީމާގެ އަސަރު ހުރި ހިސާބު ބެންޑޭޖް ކުރުމަކީ ހިރުވައި ކެހުން ކުޑަކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

(ޅ) ތާފަނާ ފެނުން ފެންވެރުން : ތާފަނާ ފެނުން ފެންވަރާއިރު ބޭކިން ސޮޑާ ފަދަ އެއްޗެއް ބާތު ޓަބް ތެރެއަށް އަޅައި، އެފެނުގެ ތެރޭގައި 15-10 މިނިޓް ވަރު ހޭދަކުރެވިދާނެ އެވެ. އެއަށްފަހު ފެންހިއްކައި، ހަންގަނޑުގައި ތެތްކަން ހުއްޓައި، މޮއިސްޗަރައިޒިންގ ކްރީމް އުގުޅަންޖެހޭނެ އެވެ.

(ކ) ފެންވަރައި ސާފުތާހިރުވުމަށް މާބާރުގަދަ ނޫން އާދައިގެ ސައިބޯނި ބޭނުންކުރުން : ފެންވަރައި ނިމޭއިރު ސައިބޯނީގެ އަސަރު ރަނގަޅަށް ފިލުވައިލަން ވާނެއެވެ. ފެޓް ގިނައިން އެކުލެވޭ، ނޮންއަލްކަލައިން ސައިބޯންޏެއް ޚިޔާރުކުރުން ރަނގަޅެވެ.

(އ) ގޭގައި ހިޔުމިޑިފަޔަރ އެއް ބޭނުންކުރުން : ގޭތެރޭގައި ހުންނަ ހޫނު ވައިގެ ސަބަބުން ހަންގަނޑު ހިރުވައި ކެހުން އިތުރުކޮށްދެއެވެ. ހިޔުމިޑިފަޔަރ އެއް ބެހެއްޓުމުން ގޭތެރޭގައި ފިނިކަން ނުވަތަ ތެތްކަން އެކަށޭނަ މިނެއްގައި ހިފަހައްޓައިދެއެވެ.

(ވ) އެހާ ހޫނުނުވާ އޮމާންކޮށް ހުންނަ ފޮތީގެ އަންނައުނުލުން : ގައިގައި މާބޮޑަށް ކޭތޭގޮތަށް ހުންނަ ކުރަކި  އަންނައުނު ލުމުން ހަމުގައި އެކްޒީމާގެ އަސަރު ހުރި ހިސާބުގައި ހޭކި އިތުރަށް ގޯސްވާގޮތް ވެއެވެ. ކަސްރަތުކުރާ އިރު ވެސް އަދި ހޫނު މޫސުމުގައި ވެސް މާބޮޑަށް ހޫނުވާނެ، އަދި ދާހިއްލުން ކުޑަކުރެވޭނެ ގޮތަކަށް ހެދުން އެޅުން މުހިއްމެވެ.

(މ) ހާސްވެ ކަންބޮޑުވުމާއި، ފިކުރުތަކުން ދުރުހެލިވުން : ހާސްވެ ކަންބޮޑުވުމާއި، ފިކުރުބޮޑުވުމަކީ އެކްޒީމާގެ އަސަރު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެކެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

https://www.mayoclinic.org/diseases-conditions/atopic-dermatitis-eczema/symptoms-causes/syc-20353273

https://www.nhs.uk/conditions/atopic-eczema/

https://my.clevelandclinic.org/health/diseases/9998-eczema 

No comments:

Post a Comment