Thursday, October 27, 2011

އަނގަ

އަނގަ
އަނގަ (Mouth)  އަކީ އިންސާނާ ކެއިން ބުއިމާއި، އެކަކު އަނެކަކާއި މުޚާތަބުކޮށް އުޅުމުގައި އަބަދުމެ ބޭނުން ހިފަންޖެހޭ ގުނަވަނެކެވެ. އަނގަ ލެއްޕިފައި އިންނަނީ ދެތުންފަތުގެ އެހީގައެވެ. ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަނގައިގެ ތެރޭގައި ކާތަކެތި ހަފަން ފަށާ ހިސާބުންނެވެ. އަނގައިގެ ތެރޭގައިވާ ތެތް ދުލިފަށަލައިގައި ކުޅުބޭރުކުރާ ގޮށް (Salivary glands)ވެއެވެ. މީގެ އިތުރުން ދޫ، ކުޑަދޫ،  އަދި ދަތްތަކާއި ހިރުގަނޑު ވެސް ހުންނަނީ އަނގައިގެ ތެރޭގައެވެ.
 އަނގަ ތެރޭގައި ކުރިމަތިންނާއި އަރިމަތިން ހުންނަނީ ދަތްތަކާއި، ހިރުގަނޑެވެ. މަތިން ހުންނަނީ މަތީ ތަލީގެ ބައިތައްކަމަށްވާ ހަރު ތަލި އަދި މަޑު ތަލި އެވެ. ދޫ އޮންނަނީ އަނގަތެރޭގެ ތިރީގައެވެ. ފަހަތުން އަނގަތެރެ އޯރޯފެރިންޖީއަލް އިސްމަސް(Oropharyngeal isthmus) ހުރަސްކޮށް ގުޅެނީ އަރުތެރެ އާއެވެ. އަނގައިގެ ދަށް ފަރާތުގައި ތިރީ ތަލި ވެއެވެ.
އަނގައިގެ ވަޒީފާ
ކާތަކެތި ހެފުން : ކާތަކެތި ހެފުމަކީ އަނގައިގެ ތެރޭގައި ކާނާގެ ބޮޑެތި އެތިކޮޅުތައް ހަފައި، ދިރުވަން ފަސޭހަ ކުދިކުދި އެތިކޮޅު ތަކަށް ހެދުމެވެ. ހެފުމުގެ މަސައްކަތުގައި އަނގައިގެ ތެރޭގައި ހުރި ދަތްތައް ބައިވެރިވެއެވެ. މީގެ އިތުރުން ތުންފަތް، ކޯ، ދޫ، އަދި ކަތުރު ކަށިގަނޑުގެ ނުވަތަ ކޯކަށިގަނޑުގެ ހަރަކާތަކީ ކާތަކެތި ހެފުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ.
ކާތަކެތި ހެފުމުގައި ބައިވެރިވާ މަސްކޮޅުތައް
ކާތަކެތި ހެފުމުގެ ތެރޭގައި ހަރަކާތްކުރެވޭ 4 މަސްކޮޅު ހުރެއެވެ. އެމަސްކޮޅުތައް ތިރީގައި މިވަނީއެވެ.
·       މެސީޓަރ މަސްކޮޅު
·       ޓެމްޕޯރަލިސް މަސްކޮޅު
·       އަރިމަތީ ޓެރިގޮއިޑް މަސްކޮޅު
·       މެދުތެރޭ ޓެރިގޮއިޑް މަސްކޮޅު
މިމަސްކޮޅުތަކުގެ ހަރަކާތް ކޮންޓްރޯލް ކުރަނީ ޓްރައިޖެމިނަލް ނާރު(Trigeminal nerve) އިންނެވެ. އެއީ 5 ވަނަ ކްރެނިއަލް ނާރު އެވެ.
ކާތަކެތި ހެފުމުގެ ބޭނުން
·       ކާތަކެތި ހެފުމަކީ ކާތަކެތި ދިރުވަން ފަސޭހަވާނެ ކަމެކެވެ. އެއީ ކާތަކެތި ހެފުމުގެ ތެރޭގައި ކުޅާއި، އެއްވެ، ކާތަކެތި މަޑުކޮށް، ތެޔޮކޮށްދޭތީ އެވެ. މިގޮތަށް ވުމުން ފަސޭހަކަމާއެކު އެކާއެތިކޮޅު އެތެރެއަށް ދިރުވާލެވޭނެއެވެ.
·       ކާތަކެތި ހެފުމަކީ ކާތަކެތި ހަޖަމުވުމަށް ފަސޭހަވާނެ ކަމެކެވެ. އެއީ ކާތަކެތި ހެފުމުން ހަޖަމުކުރާ އެންޒައިމްތަކަށް ކާތަކެތީގެ ސާރފޭސް އޭރިޔާ(Surface area) އިތުރުވެގެންދާތީ އެވެ. ޚާއްޞަކޮށް މޭވާ ތަރުކާރީ ފަދަ ތަކެތި ކާއިރު މިގޮތަށް ހެފުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ މިފަދަ ތަކެތި ހެފުމުން އޭގައި އެކުލެވޭ ސެލިޔުލޯސް(Cellulose) ފަށަލަ ބައިބައިވެގެން ދާތީއެވެ.
·       ކާތަކެތި ހެފުމަކީ މައިދާއާއި، ހިމަގޮހޮރު، އަދި ބޮޑު ގޮހޮރު ނުވަތަ ފަލަ ގޮހޮރުގެ އެތެރޭގެ ތެތް ދުލިފަށް ތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭނެ ކަމެކެވެ.
·       ކާތަކެތި ހެފުމަކީ ވަސް ދެނެގަތުން، އަދި ރަހަ ދެނެގަތުން އަށް ޚާއްޞަ ރިސެޕްޓަރ ތައް ހީވާގިކޮށް މުރާލިކުރުވާ ކަމެކެވެ.
ކާތަކެތި ދިރުވުން : ކާތަކެތި ދިރުވުމަކީ އަނގައިގެ ތެރެއިން ހަފައި ނިމިފައި ހުރި ކާތަކެތި އަރުތެރެ، އަދި ކާތަކެތި ހިނގާ ހޮޅި ހުރަސްކޮށް، މައިދާއާއި ހަމައަށް ފޮނުވާލުމެވެ. ކާތަކެތި ދިރުވުން ވަނީ 3 މަރުޙަލާއަކަށް ބަހާލެވިފައެވެ. މީގެ ތެރެއިން ފުރަތަމަ މަރުހަލާ ފުރިހަމަ ކުރަނީ އަނގައިގެ ތެރޭގައެވެ.
އަނގައިގެ ތެރޭގައި ހިނގާ މަރުޙަލާ (Buccal phase) : ކާތަކެތި ދިރުވުމުގެ މަރުޙަލާ އެއް އަނގައިގެ ތެރޭގައި ވެސް ހިގައެވެ. އެގޮތުން ކާތަކެތި ދިރުވުމުގައި އަނގައިގެ ތެރޭގައި ހިގާ މަރުޙަލާ އަކީ އަހަރެމެންގެ ބާރާ އިޚްތިޔާރާއެކު ހިގާ މަރުޙަލާއެކެވެ. އަނގައިގެ ތެރޭގައި ހެފުނު ކާތަކެތި އަރުތެރެއަށް ފޮނުވާލުމަށްޓަކައި، ދޫ، މަތީ ތައްޔާއި ދިމާލަށް އުފުލެން ޖެހެއެވެ. މިގޮތަށް އުފުލުމުން ކާތަކެތިކޮޅު އަރުތެރެއަށް ދެއެވެ. އަދި ކާތަކެތި ދިރުވިގެންދާއިރު އަނގަޖެހޭނީ ބަންދުވެފައި ހުންނާށެވެ. އެހެންނޫނީ ބައެއް ފަހަރު ކާތަކެތި ދިރުވަން އުދަގޫވެދާނެއެވެ.

ކުޅު އުފައްދައި ދޫކުރުން : ކުޅަކީ އަނގައިގެ ތެރޭގައި ހުންނަ ކުޅުބޭރުކުރާ ގޮށް ތަކުން އުފައްދައި ދޫކުރާ ދިޔައެކެވެ. އެވްރެޖް ގޮތެއްގައި ޞިއްޙަތު ސަލާމަތުން ހުރި މީހެއްނަމަ ދުވާލަކު 700 މިލިލީޓަރުގެ ކުޅު އުފައްދައި ބޭރުކުރާ ކަމަށްވެއެވެ. ކުޅުގެ 98 އިންސައްތަ އަކީ ފެނެވެ. ބާކީ 2 އިންސައްތައިގެ ތެރޭގައި ތަފާތު މަޢުދަންތަކާއި، ދަވަ، އަދި ޖަރާސީމްތައް ނެތިކޮށްލާ މާއްދާތަކާއި، އެންޒައިމް ތައް ހުރެއެވެ.

ކުޅުބޭރުކުރާ ގޮށް
ކުޅުބޭރުކުރާ ގޮށް ތަކަކީ އަނގަ އިގެ ދެފަރާތުގައި ހުންނަ ކުޅު އުފައްދައި ބޭރުކުރާ ގޮށްތަކެކެވެ. އަނގަ އަދި ހަޖަމުކުރާ ނިޒާމްގެ ބައިތައް ތެތްކަންމަތީ ބެހެއްޓުމުގައި ކުޅު މުހިއްމު ދައުރެއް އަދާކުރެއެވެ. މީގެ އިތުރުން ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓް ވަކިކޮށްދީ، ކާތަކެތި، މައިދާއާއި ހަމައަށް ވާޞިލްވުމަށް ކުޅު އެހީތެރިވެދެއެވެ. ކުޅުގައި އެކުލެވޭ ޖަރާސީމް ނެތިކޮށްލުމުގެ ބާރުގެ ސަބަބުން އަނގައިގެ ތެރޭގައި ޖަރާސީމްތައް އުފެދި ބޮޑުވުމުން ރައްކާތެރި ކޮށްދެއެވެ.
އެހެނިހެން ކަންތައްތައް : އަނގަޔަކީ ތަފާތު މުހިއްމު އެތައް ވަޒީފާތަކެއް ފުރިހަމަކުރުމުގައި ހަރަކާތްތެރިވެ، ބައިވެރިވާ ގުނަވަނެކެވެ. މިގޮތުން ވާހަކަ ދެއްކުން ކެއުން، ބުއިން، ހިނިތުންވުން، މޫނު މައްޗަށް ވައްތަރު ޖެއްސުން، މޫނުމައްޗަށް ތަފާތު ހަރަކާތްތައް ގެނައުން، ނޭވާލުން، ބޮސްދިނުން، އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމުގައި އަނގައިގެ ބޭނުން ހިފައެވެ.
ސަކިންގ ރިފްލެކްސް : ތުއްތު ދަރިފުޅު އަލަށް ދުނިޔެއަށް އުފަންވާއިރު ސަކިންގ ރިފްލެކްސް (sucking reflex)އޭ ކިޔޭ ރިފްލެކްސް އެއް ދަސްވެފައި ހުރެއެވެ. މިރިފްލެކްސްގެ ސަބަބުން މައިމީހާގެ އުރަމަތިން ކިރު ތުންފަތުގެ އެހީގައި ދަމައިގެން ބޯން ދަސްވެފައި ހުރެއެވެ.

No comments:

Post a Comment