Sunday, January 10, 2016

ދަރިން ތަރުބިއްޔަތުކުރުން : ޕްރީސުކޫލް އުމުރުފުރާ



ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ޕްރީ ސްކޫލް އުމުރުފުރާ ( ތިންއަހަރާއި، ފަސްއަހަރާއި ދެމެދުގައި)
ހެދިބޮޑުވަމުން އަންނަގޮތް
ކުލައިގެ ނަންބުނުން، އެއްފައި މައްޗަށް ކޮށްޅަންހުރުން، އެހެން މީހުންނަށް އޯގާތެރިކަމާއި ލޯބި ހާމަކުރުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ޙާޞިލްކުރަނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ދުވުމާއި، ފުންމުމާއި،  ހަށިގަނޑުގެ ހަމަހިފެހެއްޓުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. 


ޕްރީ ސުކޫލަށްދާ އުމުރުފުރާ އަށް އެޅޭއިރު ކުއްޖާ ކުރިޔަށްވުރެ ބޮޑަށް ކަންކަން ހޯދައި ބަލަން ބޭނުންވާނެ އެވެ. އަމިއްލައަށް ކަންކަން ކުރަން ބޭނުންވާނެ އެވެ. އަދި އަމިއްލައަށް ކަންކަންކުރަން ދަސްކުރަން ފަށާނެ އެވެ. އާއިލާއިން ބޭރު ކުޑަކުދިންނާއި، ބޮޑެތި މީހުން ވެސް ދެނެގަންނަން ފަށާނެ އެވެ. ވަށައިގެން ފެންނަ ތަކެއްޗާއި، ހިނގާ ކަންކަމާއި، ބެހޭގޮތުން ސުވާލުކޮށް ހަދާނެއެވެ. އާއިލާގެ މެންބަރުންނާއި، އެހެންމީހުންނާއި، ކުއްޖާއާއި ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއިން ކުއްޖާގެ ވިސްނުމާއި، މިޒާޖު އެހެން މީހުންނަށް ދަސްވެ އެނގޭނެއެވެ. މިމަރުހަލާގައި ތިންފުރޮޅުލީ ބައިސްކަލް ދުއްވުން، ކަތުރު ރައްކާތެރިކަމާއެކު ބޭނުންކުރުން، ވާހަކައެއްގެ ބައެއް ހަދާންކޮށްފައި ކިޔާދިނުން، އަދި ލަވަކިޔުން ފަދަ ކަންކަން ކުއްޖާއަށް ކުރަން އެނގޭނެ އެވެ. 

ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ފޮތް ކިޔުމަށް ދަރިފުޅަށް ބާރުއަޅާށެވެ. ފޮތްކިޔުމުގެ ޝައުގުވެރިކަން އިތުރުކޮށް ހިތްޖެއްސުމަށްޓަކައި، ލައިބްރަރީ، ބުކުޝޮޕެއް ފަދަ ތަނަކަށް ދަރިފުޅު ގޮވައިގެން ދެވިދާނެ އެވެ.
·         ގޭތެރޭގެ ކުދި ކުދި ކަންތައްތަކުގައި ދަރިފުޅު ބައިވެރިކުރުވާށެވެ.
·         އެހެންކުދިންނާއި އެކު ކުޅިވަރުތައް ކުޅުމަށް ދަރިފުޅަށް ބާރުއަޅާށެވެ. މިއީ ދަރިފުޅަށް އެހެންކުދިންނާއި ގުޅިގެން އުޅުމަށް ދަސްކޮށްދީ، އެހެންކުދިންނާއި ހިއްސާކުރުމާއި، ރައްޓަހި ރަހުމަތްތެރިކަމުގެ އަގުވަޒަންކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ދަރިފުޅުގެ އަޚްލާގު ބައްޓަންކުރުމުގައި ހަރުދަނާކަމާއެކު، އެއްގޮތެއްގައި ދެމިހުންނާށެވެ. ދަރިފުޅު ފަރާތުން ދެކެން ބޭނުންވާ އުޅުމާއި، ކަންތައްތައް ކިޔައިދީ އޮޅުން ފިލުވައިދޭށެވެ. ދަރިފުޅު ގާތުގައި "ނޫނެކޭ" ބުނާ ކޮންމެ ފަހަރަކު އޭގެ ބަދަލުގައި ދަރިފުޅަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ ބަލާށެވެ.
·         ދަރިފުޅުގެ ވާހަކަ ދެއްކުމުގެ ހުނަރު ރަގަޅު ކުރުމަށް ރީތި ބަހުން، ފުރިހަމަ އިބާރާތުން ވާހަކަ ދައްކާށެވެ. ބަހެއް، ނުވަތަ ޖުމުލައެއް ނުބައިކޮށް ކިޔާނަމަ، އެބަހެއް ނުވަތަ ޖުމުލައެއް ރީތިކޮށް ރަގަޅަށް ކިޔަން ދަސްކޮށްދޭށެވެ.
·         ދަރިފުޅު ހިތްހަމަނުޖެހި ބޮޑާހާކާ ވަގުތުތަކުގައި، ދިމާވި ކަމެއް ހައްލުކުރުމަށް ދަރިފުޅަށް އެހީތެރިވެދޭށެވެ.
·         ބައެއް ކަހަލަ ކުދިކުދި ކަންތައްތައް ނިންމުމުގެ އިޚްތިޔާރު ދަރިފުޅަށް ދޭށެވެ. މިސާލަކަށް މިއަދު ލާނީ ކޮން ހެދުމެއްކަން؟ ސައިބޯނީ ކޮން އެއްޗަކާ އެކުގައިކަން؟ ނުވަތަ ކުޅޭނީ ކޮންގަޑިއަކުކަން ފަދަ ކަންކަން ކަނޑައެޅުން ދަރިފުޅަށް ދޫކޮށްލާށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         މަގުމަތީގައި ކުޅިވަރު ނުކުޅުމަށް ބުނާށެވެ. މަގުމަތީގައި އުޅޭއިރު ދުއްވާތަކެއްޗަށް ސަމާލުވުމަށް ބުނާށެވެ. އަދި އެއީ ކީއްވެގެންކަން އޮޅުން ފިލުވައިދޭށެވެ.
·         މާލެ ފަދަ ތަންތަނުގައި ބައިސްކަލް ދުއްވަންވާނީ ޕާކު، ހުސްބިން އޮންނަ ތަންތަނުގައެވެ. މަގުމަތީގައި މާކުޑަކުދިން ބައިސްކަލް ދުއްވުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ރާއްޖެތެރޭގައި މަގުމަތީގައި ބައިސްކަލް ދުއްވާނަމަ، ދުއްވާ އެއްޗިއްސަށް ބަލައިގެން މީހެއްގެ އެހީތެރިކަމާއެކު، މަގުގެ އެއްފަރާތެއްގައި ބަލައިގެން ދުއްވިދާނެ އެވެ.
·         ކުޅިވަރު ކުޅޭ އިންޑޯ ހޯލް، ބެޑްމިންޓަން ކޯޓް، ބާސްކެޓް ނުވަތަ ވޮލީކޯޓް، ފަދަ ތަންތަން ހުރިނެތްގޮތް ބަލާށެވެ. ހަލާކުވެފައިވާ ތަނެއް ނުވަތަ ތޫނު ދާރައެއް ފަދަ ތަނެއް ހުރިތޯ ބަލާށެވެ. ކުޅިވަރުގެ ތެރޭގައި ވެއްޓި މިއިން ތަނެއްގައި ޖެހިއްޖެނަމަ އަނިޔާވުމަކީ ވެދާނެ ގޮތެކެވެ.
·         ފުޓްބޯޅަ ފަދަ ކުޅިވަރުތައް ކުޅޭއިރު ދަރިފުޅު ފެންނަ ހިސާބުގައި އެހީތެރިޔަކު ހުރުމަކީ ބޭނުންތެރި ކަމެކެވެ.
·         ދަރިފުޅަށް ފަތަން ދަސްކޮށްދޭށެވެ. މޫދަށްއެރި އުޅޭއިރު ދަރިފުޅު ފެންނަ ހިސާބު އަތްފޯރާ ފަށުގައި އެހީތެރިޔަކު ހުންނަންވާނެ އެވެ.
·         ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވަންވާނީ ބެލްޓުއަޅުއްވައިގެންނެވެ. ދަރިފުޅު ގޮވައިގެން ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ. ދުއްވާތަކެތި ދުއްވުމުގައި ހެދިފައިވާ ގަވާއިދުތަކަށް އަމަލުކުރަންޖެހޭނެ އެވެ.
·         ދަރިފުޅު ގޮވައިގެން ފެރީ، ބަސް ފަދަ ތަކެތިން ދަތުރުކުރާއިރު ފެރީ ތެރެއަށް އަތްފޯރާ ހިސާބު މީހަކު ނެތި އެކަނި ދޫކޮށްލައިގެން ނުވާނެ އެވެ.
·         ދަރިފުޅު ގޮވައިގެން މަގުމަތީގައި ހިނގާއިރު ދުވާރުމަތި ޚިޔާރުކުރުމަކީ މުހިއްމު ކަމެކެވެ. ދުވާރުން ފައިބައިގެން ހިނގަން ޖެހިއްޖެ ހާލަތެއްގައި ދަރިފުޅު ހުންނަންވާނީ މަގުގެ ދުވާރާއި ކައިރި ފަޅީގައެވެ.
·         ދަރިފުޅު ގޮވައިގެން މަގުހުރަސްކުރާއިރު ކަފިހުރަސް މަތިން މަގުގެ ދެކޮޅު ބަލާފައި ހުރަސްކުރުމަށް އަހައްމިއްޔަތުކަން ދޭންވާނެ އެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ވީވަރަކުން ދަރިފުޅާ އެކު އެއްތަށި މައްޗެއްގައި ކެވޭތޯ ބަލާށެވެ. ކާގަޑިތަކާއި، ސައިގަޑިތަކުގައި މޭވާ، ތަރުކާރީ އަދި ހޯލްގްރޭން (ގޮވާން / ގޮދަން)ގެ ބާވަތްތައް ކާން އިސްކަންދޭންޖެހޭކަން ދަރިފުޅަށް ދައްކައިދޭށެވެ. ހަކުރާއި، ލޮނާއި، ސަރުބީ ހުންނަ ކާނާގެ ބާވަތްތައް ބޭނުންކުރަން ޖެހޭނީ ވަކި މިންގަނޑެއްގެ ތެރޭގައިކަން ދަރިފުޅަށް އަންގައިދޭށެވެ.
·         ޓީވީ ބެލުމާއި، ވީޑިޔޯ ގޭމް ކުޅުން، ފޯނާއި ކުޅުން، ޓެބްލެޓް، ނުވަތަ އައިޕެޑް ބޭނުންކުރުން، ފަދަ ސްކްރީން މީޑިޔާ ބޭނުންކުރާ ވަގުތު ދުވާލަކު 2-1 ގަޑިއިރަށްވުރެ އިތުރުވިޔަ ނުދޭށެވެ.
·          ދަރިފުޅުގެ އުމުރާގުޅޭ (ބޯޅަ، ބެޓް ފަދަ) ކުޅޭ ތަކެތި ހޯދައިދޭށެވެ. ނަމަވެސް ކުޅޭނެ ކުޅިވަރެއް އިޚުތިޔާރުކުރުން ދަރިފުޅަށް ދޫކޮށްލާށެވެ. މިއީ ދަރިފުޅަށް ހީވާގިކަމާ، ހަރަކާތްތެރިކަމާއެކު ހެދިބޮޑުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
މައުލޫމާތު :

No comments:

Post a Comment