Monday, March 9, 2015

ފިރިހެނުން ޖިންސީގޮތުން ބަލިކަށިވުން


ފިރިހެނުން ޖިންސީގޮތުން ބަލިކަށިވުން – އާންމު ނަޒަރެއް
ގިނަ ފިރިހެނުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި ޖިންސީ ފިނިކަމާއި ނުވަތަ ބަލިކަށި ކަމާއި، ކުރިމަތިލާން ޖެހެއެވެ. އެއީ ދިމާވާ ތަފާތު ހާލަތްތަކާއި ގުޅިގެންނެވެ. މިސާލަކަށް ހާސްވެ ފިކުރު ބޮޑުވެފައި ހުންނަ ދުވަސްވަރެއްގައި ނުވަތަ ތިމާގެ މީހަކު މަރުވެގެން މާބޮޑަށް ދެރަވެ ހިތާމަ ކުރަމުންދާ ދުވަސްވަރެއްގައި ނުވަތަ މަސައްކަތުގައި މާބުރަކޮށް އުޅެން ޖެހުމަކީ ޖިންސީ ފިނިކަން ކުރިމަތިކޮށްފާނެ ކަންކަމެވެ. މިގޮތުން ދިމާވާ ޖިންސީ ފިނިކަން އެކަންކަން ފިލައިދާ ހިނދު ރަގަޅުވެއެވެ. އެކަމަކު ދިގުމުއްދަތަކަށް ޖިންސީ ފިނިކަން ކުރިމަތިވެފައިވާ ނަމަ އެދެވިގެންވަނީ އެކަމުގެ ޚާއްޞަ ޑޮކްޓަރަކާއި މަޝްވަރާކޮށްގެން ހައްލެއް ހޯދުމެވެ. ޖިންސީ ފިނިކަން ކުރިމަތިވުމުގެ ފަހަތުގައި ނަފްސާނީ ނުވަތަ ޖިސްމާނީ ސަބަބެއް ނުވަތަ އެދެކަންތައް އެއްވެގެން އުފެދިފައިވާ ސަބަބެއް އޮތުމަކީ ވެދާނެ ކަމެކެވެ.

ފިރިހެނުން ޖިންސީ ގޮތުން ބަލިކަށިކަން ލިބުމުގެ ތަފާތު ގޮތްތައް ވެއެވެ. އެގޮތުން ފިރހެނުންނަށް ޖިންސީ ބަލިކަށިކަން ނުވަތަ ޖިންސީ ފިނިކަން ކުރިމަތިވެދާނެ ގޮތްތަކުގެ ތެރޭގައި އަންނަނިވި ގޮތްތައް ހިމެނެއެވެ.
·         ފިރިހެން ހަށީގައި ވަރުނުޖެހުން
·         މާއަވަހަށް މަނިބޭރުވުން
·         ޖިންސީއެދުންވެރިކަންކުޑަވުން (ދަށްވުން) ނުވަތަ ޖިންސީ އެދުންވެރިކަން ނުހުރުން
ނޯޓް : މަތީގައިވާ 3 މައުޟޫއަށް ވަކިވަކިން މަޒުމޫނުތައް މިބްލޮގްގައި ލިޔެފައިވާނެ އެވެ.
ގުރުދާ ގެ ބަލިތަކާއި ޖިންސީ ބާރު ދަށްވުން
ގުރުދާ ފޭލްވުން ކުރިމަތިވެފައިވާ ގިނަބަޔަކަށް ޖިންސީ ބާރު ކުޑަވުން ދިމާވާ ސަބަބުތަކެއްވެއެވެ. އެއީ
* ފިރިހެން ހޯރމޯން މަދުވުމުން ޖިންސީ އެދުންވެރިކަން ކުޑަކޮށްދެއެވެ.
* ގުރުދާ ފޭލްވުން ކުރިމަތިވެފައިވާ މީހާއަކީ ހަކުރުބަލި ޖެހިފައިވާ މީހަކަށް ވާނަމަ ހަކުރު ބަލީގެ ސަބަބުން ޖިންސީ ނުކުޅެދުންތެރިކަން ދިމާވުމަކީ ވެދާނެ ގޮތެކެވެ.
* ގުރުދާ ފޭލްވުމުން ލޭހޮޅިތައް ހަރުވާގޮތް ވެއްޖެނަމަ އެކަމުގެ ސަބަބުން ޖިންސީ ގުނަވަނަށް ލޭފޮނުވުމަށް ހުރަސްއެޅި ޖިންސީ ނުކުޅެދުންތެރިކަން ކުރިމަތި ކުރުވައެވެ.
* ގުރުދާ ފޭލްވުމުން ލޭގެ ޕްރެޝަރ މައްޗަށް ދާގޮތް ވެއްޖެ ނަމަ އެކަމަށް ބޭނުންކުރާ ބޭހުގެ ސަބަބުން ވެސް ޖިންސީ ނުކުޅެދުންތެރިކަން މެދުވެރިކުރުވައެވެ.
* ގުރުދާ ފޭލްވުމަކީ ނަފްސާނީ ގޮތުން މީހާ އަށް އެކަމުގެ އަސަރު ފޯރާ ކަމެކެވެ. ޚާއްޞަކޮށް ޑައިލެސީސް ހަދަން ޖެހޭމީހުންނަށް ނަފްސާނީ ގޮތުން އަސަރު ކުރާމިންވަރު އިތުރުކަން ފާހަގަކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ޖިންސީ އެދުންވެރިކަން ކުޑަވާގޮތް ވެއެވެ.
ނުރައްކާތެރި ދަރަޖައަކަށް ގުރުދާގެ ވަޒީފާތައް ފުރިހަމަކުރުން ދަށްވެފައިވާނަމަ އާ ގުރުދާއެއް ހަށިގަނޑުގައި އިންދައިގެން މެނުވީ ގެއްލިފައިވާ ޖިންސީ ބާރު އަބުރާ ހޯދުމަކީ ވާނޭ ކަމެއްނޫނެވެ. މިއޮޕަރޭޝަން ކުރުމުން ޖިންސީ ބާރު ބަރާބަރަށް އަބުރާ ލިއްބައިދޭކަމަށް ވަނީ ސާބިތުވެފައެވެ. ނަމަވެސް ދަރިމައިވުމުގެ ގާބިލިއްޔަތު އަބުރާ ލިއްބައެއް ނުދެއެވެ.އެއީ އިންދުނު ގުރުދާއާއި ހަށިގަނޑު އިންކާރުކޮށްދާނެތީ އެކަމާއި ދެކޮޅަށް ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް ދެވޭ ބޭސްތަކުގެ ސަބަބުން ދަރިފަންޏަށް އޭގެ އަސަރު ކޮށް ދަރިން ނުލިބުން ކުރިމަތި ވުމަކީ ވެދާނެ ގޮތަކަށް ވާތީ އެވެ.
އަނބިމީހާ އާއި އެކުއެކީގައި ކުންނަށް ވާޞިލްނުވުން
އެއީ ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވުން ކަމަކަށް ނުބެލެވޭނެ އެވެ. އެއީ ތަބީއީގޮތެއްގައި އަންހެނުންނަށް ވުރެ ކުރިން ފިރިހެނުން ކުންނާއި ހަމައަށް ފޯރާގޮތް ވެއެވެ. ނަމަވެސް ފިރިހެނާ އަށް އެދެވިގެންވަނީ ކޮންމެވެސް ގޮތަކުން މަނިބޭރުކޮށް ލުން ލަސްކޮށްލުމެވެ. އެއީ ޖިންސީގުޅުން ހިންގުން ކުޑައިރުކޮޅަކަށް މެދުކަނޑާލައިގެން ފަދަ ކަމަކުން ވިޔަސް ދެމަފިރިން އެއްކޮށް ޖިންސީ އެދުންވެރިކަމުގެ ލައްޒަތާއި ހަމައަށް ވާސިލްވުމަށްޓަކައެވެ.
ފިރިހެން ހަށީގެ ދިގުމިނާއި، ޖިންސީ ބާރު
ޖިންސީ ގުނަވަނުގެ ދިގުމިނަކީ ޖިންސީ ފުދުންތެރިކަން ކަނޑައަޅައިދޭ މިންގަނޑެއް ނޫނެވެ. ހަމަމިހެން އޭގެ ދިގުމިނަކީ އަނބިމީހާ އަށް ލައްޒަތު ހޯދައިދިނުމުގައި މާމުހިއްމު ދައުރެއް އަދާކުރާ ކަމެއް ވެސް ނޫނެވެ. އެއީ އަންހެނާ ލިއްބައިދޭ ލައްޒަތު ގެ އިހްސާސް ބިނާވެފައި އޮންނަނީ ބޭރަށް ފެންނަ ހުންނަ ގުނަވަންތައް (ބައިތައް) ތަކުގެ މައްޗަށް ކަމަށް ވާތީ އެވެ. އެއީ މިސާލަކަށް ކުޅަނދިލި، އަންހެނާގެ ޖިންސީ ގުނަވަނުގެ ދެފަރާތުންވާ ދެތުންފަތް، އަދި ދޮންދިނުމާއި، ދެމީހުންގެ ދެމެދުގައި ބީހޭ ބީހުން ފަދަ ކަންތައްތަކެވެ.
ޖިންސީ ގުނަވަން ލެނބިފައި ހުރުން
ޖިންސީ ގުނަވަން ތަބީއީ ގޮތެއްގައި ހުންނަނީ ކޮންމެވެސް ވަރަކަށް ލެބިފައެވެ. ވަރުޖެހިފައި ހުންނައިރު ފުރިހަމައަށް ސީދަލަށް ހުންނަ ޖިންސީ ގުނަވަނެއް ނުވެއެވެ. ވަރަށް ބޮޑަށް ޖިންސީ ގުނަވަން ލެބިފައި ހުރެގެން މެނުވީ އެކަމުގެ ސަބަބުން ޖިންސީ ފުދުންތެރިކަމެއް އަސަރެއް ނުކުރާނެއެވެ. މިބުނި ގޮތަށް މާބޮޑަށް ލެބިފައި ހުރުމުން ޖިންސީ ގުނަވަން ދެމި ވަރުޖެހޭ ހިނދު ތަދު އިހްސާސްވެ، ޖިންސީ ގުޅުން ހިންގުމުގައި ވޭން ލިބޭގޮތް ވެއެވެ. މިކަން ރަގަޅު ކުރުމަށް އޮޕަރޭޝަން ކުރަން ޖެހެއެވެ.
އަމިއްލައަށް ޖިންސީ އެދުން ފުއްދުން
އިސްތިމްނާއު ކުރުމުގެ ސަބަބުން ޖިސްމާނީ ގޮތުން ލިބޭ ގެއްލުމަށްވުރެ ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑެވެ. އެއީ އިސްތިމްނާއު ކުރާ ކޮންމެ ފަހަރަކު އެކަންކުރެވުނީ ތީ އަމިއްލަ ނަފްސަށް ދެރަވެ، ފާފަ ކުރެވުނު ކަމުގެ އިހްސާސް ކުރެވޭތީ އެވެ. އަދި މުޖުތަމައުން އެކަހެރިވެ، ކައިވެންޏަށް ފަހު އޭނާގެ ޖިންސީ ކުޅަދާނަ ކަމާއި މެދު ޝައްކު އުފެދޭ ގޮތްވެއެވެ. ނުރައްކާތެރި ބައްޔެއް، ނުވަތަ ދަރިން ލިބުމުން މަހްރޫމް ވެދާނެތީ އެކަމާއި ވިސްނޭގޮތް ވެއެވެ.
މިބުނި ހުރިހާ ވަހްމްތަކާއި ފިކުރުތަކުގެ ސަބަބުން ބައެއް ޒުވާނުންނަށް ކައިވެންޏަށް ފަހު އެމީހުންގެ ޖިންސީ ފުދުންތެރިކަން ތަބީއީ ގޮތެއްގައި ހުންނަށް ޖެހޭ މިންވަރަށް ވުރެ ކުޑަވެގެން ދެއެވެ. މާގިނައިން އިސްތިމްނާއު ކުރުމަކީ ބަލިކަށިކަމާއި، ވަޅޯކަން ނުވަތަ މޯޅިކަން ހަށިގަނޑަށް ގެނެސްދޭ ކަމެކެވެ. ނަމަވެސް ސީދާ އިސްތިމްނާއު ކުރުމުގެ ސަބަބުން ދަރިން ލިބުމާއި، ޖިންސީ ގުޅުން ހިންގުމުގައި ނުކުޅެދުންތެރިކަން ކުރިމަތިވާ ގޮތެއް ނުވެއެވެ.
ޖިންސީ ގުޅުމުން ފެތުރޭ ބަލިތަކާއި، ޖިންސީ ފުދުންތެރިކަން
ޖިންސީ ގުޅުމުން އަރާ ބަލިތަކުގެ ސަބަބުން ދަރިންލިބުމާއި، ޖިންސީ ކުޅެދުންތެރިކަމަށް އަސަރު ކުރެއެވެ. ނުރައްކާތެރި ދަރަޖައަކަށް ނުވަތަ މާގިނައިން ޖިންސީ ގުޅުމުން އަރާ ބަލިތައް ޖެހުމަކީ ދާއިމީކޮށް ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ކުރިމަތި ކުރުވާ ކަމެކެވެ. މި ގްލޭންޑް އިން ދަރިފަނި އޭގެ ތެރޭގައި ފީނައި، އެއިން ކާނާ ހޯދާ ދިޔައެއް ބޭރުކުރެއެވެ. މިބުނި ދިޔައަކީ ދަރިފަނީގެ ދިރިހުރުމަށާއި އޭގެ ހަރަކާތްކުރުމަށް ބޭނުންތެރި އެއްޗެކެވެ.
ޕްރޮސްޓޭޓް ގްލޭންޑް ދުޅަވެފައި ވާނަމަ މިބުނި ދިޔައިގައި ދޮސް އުފެދި، ދަރިފަނީގެ ހަރަކާތްކުރުމުގެ ބާރު ގެއްލިގެންދާ ގޮތްވެއެވެ. އަދި އޭގެ ދިރިހުރުމުގެ ނިސްބަތް ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިން ލިބުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އަދި ބައެއްފަހަރު ދަރިން ލިބުމުން މަހްރޫމްވުން ފަދަ ކަމެއް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
މިފަދަ ބައްޔެއް ޖެހިފައިވާ ނަމަ އެބައްޔެއް ތިމާގެ އަނބިމީހާއަށް ވާސިލްވުމަކީ ވެދާނެ ގޮތެކެވެ. އަދި ބައެއް ފަހަރު ބަނޑުގައިވާ ތުއްތު ދަރިފުޅަށް ވެސް އޭގެ އަސަރު ފޯރާގޮތް ވެއެވެ. އެހެން ކަމުން ޣައިރު ގާނޫނީ ޖިންސީ ގުޅުންތަކުން ދުރުހެލިވެ ހުރުމަކީ ތިމާގެ ހަށިގަނޑަށާއި ތިމާގެ އާއިލާއަށް ލިބިދޭނެ ރައްކަލަކަށް ވާނެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާއި ޖިންސީ ފުދުންތެރިކަން
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ 50އިންސައްތަ އަކީ ޖިންސީ ނުކުޅެދުން ތެރިކަމާއި، ޖިންސީ ގުވަނުގައި ވަރުޖެހުމުގައި ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ.އެފަދަ މީހުންގެ ޖިންސީ އެދުންވެރިކަން ވެސް ކުޑަވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ބެލެވިފައިވަނީ މުޅިހަށިގަނޑަށް ގެއްލުންދޭ އާފަތެއް ކަމުގައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް ވަންނަ ކާބަން މޮނޮކްސައިޑްގެ ސަބަބުން ލޭ ހޮޅިތަކުގައި ލޭދައުރުވުން ހުރަސްއެޅި، ލޭހޮޅިތައް ހަރުވެ، ގަނޑުވާގޮތް ވެއެވެ. މިގޮތުން ޖިންސީ ގުނަވަނާއި ގުޅިފައިވާ ލޭހޮޅި ހަރުވެއްޖެ ނަމަ އެއަށް ލޭ ވާސިލްވުން ކުޑަވެ، ޖިންސީ ގުނަވަން ސީދާވެ، ވަރުޖެހުމުގައި ހުރަސްތަކާއި ކުރިމަތި ވެއެވެ.
ޖިންސީ ބަލިކަން ނައްތާލުމުގައި އަނބިމީހާގެ ދައުރު
އަބަދު އެއްގޮތަކަށް ތިބެގެން ޖިންސީ ގުޅުން ހިންގުމުގެ ބަދަލުގައި ތަފާތު ގޮތްތައް ޚިޔާރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދިރިއުޅުމުގައި ހުންނަ ބައެއް ކަންތައްތަކަށް ބަދަލު ގެނައުމަކީ ޖިންސީ ހަޔާތަށް ބައެއް ފަހަރު އުފާވެރިކަން ލިއްބައިދޭ ކަމަކަށް ވެއެވެ. ފިރިމީހާ ބޭރުގައި އުޅެފައި އަންނަ އިރު އަނބިމީހާ ރީތިކޮށް ފެންވަރާލައިގެން ނަލަހެދިގެން ފިރިމީހާގެ އިންތިޒާރުގައި ހުންނަ އާދަކުރުން، ހަފްތާ އަކު ދެރެޔަކު ގޭގައި މީރު ކެއުމެއް ތައްޔާރުކޮށްލުން ފަދަ ކަންކަމަކީ އެކަންކަމުގެ ސަބަބުން ޖިންސީ ހަޔާތަށް އިތުރު އުފާވެރިކަން ލިބިދޭނޭ ކަންކަމަށް ވެގެން ދާނެއެވެ.
ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވާ ގިނަމީހުންނަށް އެކަން ކުރިމަތި ވުމުގައި އަބަދު އެއްގޮތަކަށް ޖިންސީ ގުޅުން ހިންގަން އާދަކުރުމުން ފޫހިކަމާއި މާޔޫސީކަން ކުރިމަތިވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުންއެކަމަށް ހުންނަ ޝައުގުވެރިކަން ގެއްލި ޖިންސީ ހަޔާތުގެ އުފާވެރިކަން ބަދަލުވެ، ބަލިކަށިކަމުގެ ދަރަޖައަށް ބައެއް ފަހަރު ވާސިލްވާގޮތްވެއެވެ. އެކަމަކު އާގޮތްތަކެއް ނުވަތަ އާގޮތަކަށް ތިބެގެން ޖިންސީ ގުޅުން ހިންގަން ފެށުމުން ލިބޭ ޝައުގު އިތުރުވެ، އެކަންކުރުމުގައި ދެމިތިބޭގޮތް ވެއެވެ.
އަނބިމީހާ އަކީ މިގޮތުން ބަދަލުތައް ގެނައުމުގައި ބޮޑު ދައުރެއް ކުޅެވިދާނެ މީހެކެވެ. މިގޮތުން ހަށިގަނޑަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި، އުޅޭ އުޅުމާއި އުސްލޫބު، ވާހަކަ ދެއްކުމުގެ ބަހުރުވައާއި، ފިރިމީހާ އާއި މުއާމަލާތް ކުރާގޮތް ބަދަލުކޮށްލުމަކީ ޖިންސީ ހަރަކާތް ހީވާގި ކުރުމުގައި އެހީތެރިވެދޭނެ ކަންކަމެވެ.
ދެމަފިރިން ގުޅިގެން އެމީހުންގެ ޖިންސީ ހަޔާތަށް އައިސްފައިވާ އުނިކަން ނުވަތަ ހީނަރުކަން ފުހެލުމަށް މަސައްކަތް ކުރެވިދާނެއެވެ. ކުރިން ބުނިހެން ޖިންސީ ގުޅުން ހިންގުމަށް ތިބޭ ގޮތް ބަދަލުކޮށްލުން، ޖިންސީ ގުޅުން ހިންގާ ވަގުތު ގޭތެރޭގެ ކަންތައްހުންނަ ނުހުންނަ ގޮތަކަށް ބަލައި ރަގަޅު ވަގުތެއްގައި އެކަންކުރުން، އަދި ކޮންމެ މީހަކުމެ އަނެކަކު ޝައުގުވެރިވާ ނުވަތަ ގަޔާވާ ގޮތަކަށް ޖިންސީ ގުޅުން ހިންގުމުގައި އަމަލު ކުރުމަކީ ޖިންސީ ބަލިކަމުން މިންޖުވުމުގައި މަންފާ ކުރުވަނިވި ކަންކަމެވެ.
ދިރާސާތަކުން ދައްކާގޮތުގައި ޖިންސީ ބަލިކަށިކަން ކުރިމަތިވެފައިވާ މީހުންނަށް އެމީހުން އާންމު ދިރިއުޅުން ހުންނަ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުކޮށްލުމަކީ ވެސް އެކަމުން މިންޖުވުމަށް ލިބޭ އެހީއަކަށް ވެއެވެ. މިސާލަކަށް ދެދުވަހަށް ޗުއްޓީއަކަށް އެހެން ރަށަކަށް ޖައްސާލުން ފަދަ ކަންކަމަކީ ދެފަރާތަށްމެ ޖިންސީ ހީވާގިކަން އިތުރުކޮށްދީ ޖިންސީ އެދުން ފުރިހަމަކުރުމުގައި އެހީއަކަށް ވެގެން ދެއެވެ.
ފިރިމީހާގެ ޖިންސީ ބަލިކަށިކަމުގެ އަސްލަކީ އަނބިމީހާ ކަމުގައި ވެދާނެތަ؟
ވަރަށްގިނަ ހާލަތްތަކުގައި މިގޮތަށް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ތަންކޮޅެއް ޝަޚުސިއްޔަތު ދަށް ފިރިއެއް ނަމަ ބައެއް ފަހަރު އަނބިމީހާ އޭނާގެ މައްޗަށް ބާރު ހިންގައި ހަދައި އުޅޭނަމަ މިފަދަ ހާލަތްތަކުގައި އެ އަންހެނާއަށް އޭނާގެ ފިރިމީހާއަކީ ޖިންސީ ގޮތުން ބަލިކަށިވެފައިވާ މީހެއް ކަމަށް ގަބޫލުކުރެވޭގޮތް ވެއެވެ. މިހާލަތުގައި އަނބިމީހާ މަސައްކަތްކުރަނީ ޖިންސީ ގުޅުން އޭނާގެ ކޮންޓްރޯލްގެ ދަށުގައި ދަމަހައްޓައި އޭނާ ގެ މަސްލަހަތަށް ވާގޮތަށް އެކަން ފުރިހަމަ ކުރުމަށެވެ. ބައެއް ފަހަރު އަނބިމީހާ އަކީ ނުސާފު ތާހިރު، އަދި އޭނާގެ އުޅުމާއި ސުލޫކް ގައި މާ ހަރުދަނާކަމެއް ނެތް ފަރުވާކުޑަމީހެއް ނަމަ ޖިންސީ ބަލިކަށިކަން ކުރިމަތިވުމުގެ މަސްދަރެއްކަމުގައި އޭނާވެގެން ދެއެވެ. މިފަދަ ހާލަތްތަކުގައި ކުރިމަތިވަނީ ކީ ހަގީގީ ޖިންސީ ބަލިކަށިކަމެއް ނޫނެވެ. އެއީ ބަޔާންކުރެވުނު ފަދަ ހާލަތްތަކުގައި ފިރިމީހާ ޒުވާން ލޫޅާފަތި މުރާލި އަންހެނަކާއި ކައިވެނި ކޮށްފިނަމަ ޖިންސީ ގުޅުމަކީ ހީވާގި ފުރިހަމަ ގޮތުގައި ހިންގޭ އުފާވެރި ގުޅުމަކަށް ވެގެންދެއެވެ.
އިހުތިލާމްވުން
އިހްތިލާމް ވުން ( ނިދީގައި މަނިބޭރުވުން ) މިއީ ތަބީއީގޮތުން ހަށިގަނޑުގައި އުފެދޭ ޝަހުވާނީ އެދުން ވެރިކަމަށް ނިމުންގެނައުމުގެ ގޮތުން ކުރިމަތިވާ ކަމެކެވެ. މިބުނި އެދުންވެރިކަމަށް ނިމުން ގެނައުމުގެ ގޮތުން ނިދީގައި މަނިބޭރު ވެގެންދަނީ އެވެ. އެހެން ކަމުން އިހްތިލާމްވުމާއި މެދު ބެލެވިފައިވަނީ އެއީ ޞިއްޙީ އަދި ރައްކާތެރި ކަމެއްގެ ގޮތުގައެވެ. އެއީ އެކަމުގެ ސަބަބުން ޖިންސީ ބަލިކަށިކަން ގެނެސްދޭ ކަމެއްނޫނެވެ.
ޖިންސީ އެދުންވެރިކަމާއި ފަތްޕިލާވެލީގެ ބާވަތްތައް
އިގުރަކީ ވަރަށް ފާހަގަކުރެވޭ އެއްޗެކެވެ. އެއީ އޭގެ ސަބަބުން ލޭދައުރުވުން ހީވާގިކުރުވާތީއެވެ. ނަތީޖާއެއްގެ ގޮތުން ފިރިހެން ހައްޓަށް ލޭ ވާސިލްވުން އިތުރުވެގެން ދެއެވެ. ނަޓްމެގް ވެސް މިގޮތަށް ބޭނުންކޮށް އުޅެއެވެ. ވިސްނަންވީ ކަމަކީ މިފަދަ ތަކެތި މާގިނައިން ބޭނުން ނުކުރުމެވެ. އެއީ މާގިނައިން ބޭނުންކުރުމުން އެއަށް ހޭނި ނުރަގަޅު ނަތީޖާއެއް ނިކުތުމަކީ ވެދާނެ ގޮތަކަށްވާތީ އެވެ.
''ދާމިޔާނާ'' އަދި ''ޔޮހިމްބިން'' ކިޔާ ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެން ޖިންސީ އެދުންވެރިކަން ހީވާގިކޮށް ޖިންސީ ގުނަވަނުގައި ވަރުޖެހުން އިތުރުކޮށްދިނުމަށް ތަފާތު ޕްރެޕަރޭޝަންތައް ހަދާފައި ހުރެއެވެ
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

No comments:

Post a Comment