Monday, March 9, 2015

އަންހެނުން ޖިންސީގޮތުން ބަލިކަށިވުން


އަންހެނުން ޖިންސީ ގޮތުން ބަލިކަށިވުން
އަންހެނުން ޖިންސީގޮތުން ބަލިކަށި ވުމަކީ ޖިންސީ އެދުންވެރިކަން ދަށްވުން(Frigidity)، ނުވަތަ ޖިންސީ އެދުންވެރިކަން ނުހުރުމެވެ. ޖިންސީ އެދުންވެރިކަން ދަށްވުމޭ ބުނަނީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ކުންނާއި ހަމައަށް ވާޞިލްވުމަށް ނުކުޅެދުމަށް ނިސްބަތްކޮށެވެ. މިކަން ގުޅިފައިވަނީ ޖިސްމާނީ ސަބަބުތަކަށްވުރެ ބޮޑަށް އަންހެނުންނަށް ކުރިމަތިވާ ތަފާތު ނަފްސާނީ ސަބަބުތަކާ އެވެ. ޖިސްމާނީ ސަބަބުތަކާހެދި ޖިންސީއެދުންވެރިކަން ދަށްވުމަކީ ވެސް ދުރުކަމެކޭ ބުނެވޭކަން ނެތެވެ. 


އުމުރުން ދުވަސްވަމުން ދާވަރަކަށް އަންހެނުންގެ ޖިންސީ އެދުންވެރިކަމަށް ބަދަލު އަންނަމުންދާނެ އެވެ. އެގޮތުން ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންތައްތަކާއި ގުޅިގެން ބައެއް ފަހަރު ޖިންސީ އެދުންވެރިކަން މަތިވެ، ބައެއް ފަހަރު ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ގޮތެކެވެ. މިސާލަކަށް ބަލިވެއިނުން، އިއްދައިން ކެނޑުން، ބަލިވުން ފަދަ ކަންކަމާއި ގުޅިގެން ޖިންސީ އެދުންވެރިކަމަށް ބަދަލު އައުމަކީ ވެދާނެ ގޮތެކެވެ. 

ޖިންސީ އެދުންވެރިކަން ކުޑަވުމަކީ ތަފާތު ޖިސްމާނީ، ނަފްސާނީ ސަބަބުތަކާއި ގުޅިގެން ވަރަށް ގިނަ އަންހެނުން ތަޖުރިބާ ކުރާ ކަމެކެވެ. 

ސަބަބު
ޖިސްމާނީ ސަބަބުތައް
ތަފާތު ބަލިތަކާއި، ހަށިގަނޑަށް އަންނަ ބަދަލުތައް، އަދި ބޭނުންކުރެވޭ ތަފާތު ބޭސްތަކުގެ ސަބަބުން އަންހެނުންނަށް ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ކަމެކެވެ. އެގޮތުން އަންހެނުންގެ ޖިންސީ އެދުންވެރިކަން ދަށްވުމަށް މެދުވެރިވާ ޖިސްމާނީ ސަބަބުތަކުގެތެރޭގައި:-

(ހ) - ޖިމާއުވާއިރު ތަދުވުން : ޖިމާއިރުވާއިރު ތަދުވާނަމަ ޖިންސީ ގުޅުން ހިންގަން ބޭނުންނުވުމަކީ ވެދާނެ ގޮތެކެވެ. ޖިންސީ ގުޅުން ހިންގާއިރު ތަދުވާ ސަބަބުތަކުގެ ތެރޭގައި:-
·         ކުރިމަތިފަރާތުގެ ތެތްކަން ކުޑަވުން
·         ކުރިމަތި ފަރާތުގައި އިންފެކްޝަނެއް ހުރުން (ކުރިމަތި ފަރާތް ދުޅަވެ ދޮސްލުން)
·         ނުވަތަ ޖިންސީގުނަވަން ހިމެނޭ ހިސާބުގައި އިންފެކްޝަނެއް ހުރުން(ޖިންސީ ގުނަވަން ހިމެނޭ ހިސާބު ދުޅަވެ ދޮސްލުން)
·         ޖިމާއުވާއިރު ތިބެވޭގޮތެ (ޕޮޒިޝަން)އްގެ ސަބަބުން ވެސް ޖިންސީގުޅުން ހިންގާއިރު ތަދުވުން
·         ރަހިމުގެ ސެލްތައް ރަހިމުން ބޭރުގައި އުފެދޭގޮތްވުން
·         ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ޓިއުމަރެއް ކަހަލަ އެއްޗެއް އުފެދުން
·         ޖިންސީގުނަވަން ދުޅަވެ ދޮސްލުން
·         ބިސްއުފައްދާތަނުގައި ވައިކޮތަޅު(cyst) އުފެދުން
·         ޖިންސީގުޅުމުން ފެތުރޭ ބައްޔެއް ހުރުން

(ށ) - ތަފާތު ބަލިތައް : ޖިންސީގުޅުން ހިންގުމާއި ގުޅުމެއްނެތް ތަފާތު ބަލިތަކުގެ ސަބަބުން ވެސް ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ކަމެކެވެ. އެގޮތުން ޖިންސީ އެދުންވެރިކަން ދަށްވުމަށް މަގުފަހިކުރުވާ ބަލިތަކުގެ ތެރޭގައި:-
·         ހަކުރު ބަލިޖެހުން
·         ލޭމައްޗަށްދިއުން
·         ކެންސަރު ޖެހުން
·         ގުރުދާ (ކިޑްނީ) ފޭލްވުން
·         ފުރަމޭ ފޭލްވުން
·         ނާރުގެ މައްސަލަތައް : ސްޕައިނަލް ކޯޑަށް އަނިޔާވުން / މަލްޓިޕްލް ސްކެލިރޯސިސް
·         ހިތާއި ލޭހޮޅިތަކުގެ ބަލިތައް

(ނ) - ބައެއް ކަހަލަ ބޭސްތައް : އެގޮތުން ޖިންސީއެދުންވެރިކަން ދަށްކޮށްފާނެ ބޭސްތަކުގެ ތެރޭގައި:-
·         ލޭމައްޗަށްދާތީ ބޭނުންކުރާ ބޭސް
·         ފިޓުޖެހޭތީ ދޭ ބޭސް ތައް
·         އެންޓިޑިޕްރެސަންޓްގެ ގޮތުގައި ދޭ ބޭސްތައް 

(ރ) - ދިރިއުޅުމުގައި ގެންގުޅެވޭ އާދަތައް :ޖިންސީ އެދުންވެރިކަން ދަށްވުމަށް މަގުފަހިވެދާނެ އާދަތަކުގެ ތެރޭގައި:-
·         މާގިނައިން، ދިގުމުއްދަތަކަށް ބަނގުރާ ބޭނުންކުރުން
·         މަސްތުވާތަކެތި ބޭނުންކުރުން
·         ދުންފަތުގެ އިސްތިއުމާލުކުރުން

(ރ) - ބައެއް ކަހަލަ އޮޕަރޭޝަންތައް : ޖިންސީ އެދުންވެރިކަން ދަށްވުމާއި ގުޅުންހުރި އޮޕަރޭޝަން ތަކުގެ ތެރޭގައި:-
·         ކުރިމަތި ފަރާތް އަދި އެހިސާބުގެ ބައެއްގެ އޮޕަރޭޝަނެއް ކުރުން
·         އުރަމަތީގެ އޮޕަރޭޝަނެއް ކުރުން
·         އޮޕަރޭޝަންކޮށްގެން ބިސްއުފައްދާތަން (ovary) ނަގާފައިވުން
·         އޮޕަރޭޝަންކޮށްގެން ބިސްއުފައްދާތަން ނަގާފައިވުން
·         އޮޕަރޭޝަންކޮށްގެން ރަހިމު ނަގާފައިވުން : ރަހިމު ނެގުމަކީ ޖިންސީ ފުދުންތެރިކަމަށް ބަދަލުގެނުވާ ކަމެކެވެ. އެގޮތުން ރަހިމު ނެގުމާއި ގުޅިގެން އަތުވެދާނެ ބަދަލުތަކުގެ ތެރޭގައި ޖިންސީ އެދުންވެރިކަން ނުހުރުން، ކުރިމަތި ފަރާތުގެ ތެތްކަން ކެނޑުން، ކުރިމަތި ފަރާތު ތެތްކަން ކުޑަވުން، ކުރިމަތި ފަރާތުގެ އިހުސާސް ދަށްވުން ފަދަ ކަންތައްތައް ހިމެނެއެވެ. މިކަންތައްތައް މިގޮތަށް ހުރުމަކީ ޖިންސީ އެދުންވެރިކަން ދަށްކޮށްދޭނެ ކަމެކެވެ.
(ބ) - ވަރުބަލިވުމާއި، ވާޅުވުން : އަންހެނުންނަކީ ގިނަ ފަހަރު ގޭގެ މައި ތަނބެވެ. ގޭގެ ހުރިހާ ކަމެއް ބަލަހައްޓައި ދަރިންގެ ކަންކަން ބެލެހެއްޓުމުގައި ގޭތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ އަންހެނުންނެވެ. ދުވާލުގެ ވަގުތުތަކުގައި ދަރިންނާއި، ގޭތެރޭގެ ކަންކަމުގައި ޝާމިލްވެ އުޅުމުގެ ސަބަބުން ލިބޭ ވަރުބަލިކަމުގެ ސަބަބުން ޖިންސީ އެދުންވެރިކަން އަންހެނުންނަށް ބައެއް ފަހަރު ދަށްވާގޮތް ވެއެވެ. މީގެ އިތުރުން ބައްޔެއްގެ ސަބަބުން ނުވަތަ އޮޕަރޭޝަނެއްގެ ސަބަބުން ކުރިމަތިވާ ވަރުބަލިކަމާއި ވާޅުކަމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްކޮށްފާނެ ކަމެކެވެ. 

(ޅ) - އެހެނިހެން ސަބަބުތައް : ޖިންސީ އެދުންވެރިކަން ކުޑަކުރުވާ އެހެނިހެން ސަބަބުތަކުގެ ތެރޭގައި :-
·         ޕިޓޫއިޓަރީ ގްލޭންޑްގެ މަސައްކަތަށް ބުރޫއެރުން : މިގްލޭންޑްގެ މަސައްކަތަށް ބުރޫއެރުމަކީ ކުރިމަތިފަރާތުގެ ތެތްކަމާއި ތެޔޮކަން ކުޑަކޮށްދޭނެ ކަމެކެވެ. ކުރިމަތިފަރާތުގެ ތެތްކަން ކުޑަވުމަކީ ޖިންސީ އެދުންވެރިކަން ދަށްކޮށް ކުޑަކޮށްދޭ ކަމެކެވެ. 
·         ބައެއް ކަހަލަ ވިޓަމިން ތައް ހަށިގަނޑުގައި މަދުވުން
·         ޖިންސީގޮތުން އަރާ ބައްޔެއް ހުރުން
·         ބިސްއުފައްދާތަނަށް ކުރިމަތިވާ މައްސަލަތައް
ހޯރމޯންގެ މިންގަނޑަށް ބަދަލުއައުން
ހަށިގަނޑުގައި ހިމެނޭ ޖިންސީ އެދުންވެރިކަމާއި ގުޅުންހުރި ހޯރމޯން ތަކަށް ބަދަލު އައުމަކީ ޖިންސީ އެދުންވެރިކަން ދަށްކޮށްފާނެ ކަމެކެވެ. މިގޮތަށް އާންމުކޮށް ދިމާވާ ހާލަތް ތަކުގެ ތެރޭގައި:-

(ހ) އިއްދައިން ކެނޑުން : އިއްދައިން ކެނޑެން ކައިރިވުމުން އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްވެއެވެ. މިއީ ޖިންސީ އެދުންވެރިކަން ދަށްކުރުވާނެ ކަމެކެވެ. މީގެ އިތުރުން އެސްޓްރަޖަން ހޯރމޯންގެ މިންވަރު ދަށްވުމުން ކުރިމަތި ފަރާތް ހިކިވެ، ޖިމާއުވާއިރު ތަދުވާގޮތް ވުމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ޓެސްޓޮސްޓަރޯން ހޯރމޯންގެ މިންވަރު ދަށްވުމުގެ ސަބަބުން ވެސް އަންހެންވެރިންނަށް ޖިންސީ އެދުންވެރިކަން ދަށްވުމަކީ ވެދާނެ ގޮތެކެވެ. 

(ށ) - މާބަނޑުވުން އަދި ގާތުންދިނުން :މާބަނޑުވުމާއި، އަދި ވިހެއުމަށްފަހު ގާތުންދޭ ދުވަސްވަރު ހަށިގަނޑުގެ ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން އެކަކު އަނެކަކު ލޯބިން ގާތްވެ އުޅޭހިތް ނުވާގޮތް އަންހެނުންނަށް ވެއެވެ. މީގެ އިތުރުން މާބަނޑު ދުވަސްވަރާއި، ވިހެއުމަށްފަހު ކުއްޖާއަށް އަޅާލުން ފަދަ ކަންކަމުގައި އުޅެންޖެހޭގޮތުން ކުރިމަތިވާ ވަރުބަލިކަމާއި ލޮނޑުކަމަކީ ވެސް ޖިންސީ އެދުންވެރިކަން ދަށްކުރުވަފާނެ ކަމެކެވެ.

ނަފްސާނީ ސަބަބުތައް
އަންހެނުންނަށް ޖިންސީ އެދުންވެރިކަން ކުރިމަތިކުރުވާ ނަފްސާނީ ސަބަބުތައް ވަރަށް ގިނަ އެވެ. އެގޮތުން އަންހެނުންގެ ޖިންސީ އެދުންވެރިކަން ދަށްވުމަށް މެދުވެރިވާ ނަފްސާނީ ސަބަބުތަކުގެތެރޭގައި:-
·         ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް : މާލީގޮތުން، އަދި މަސައްކަތުގެ މާހައުލުން ދިމާވާ ފިއްތުންތައް
·         ހާސްވެކަންބޮޑުވެ ފިކުރުބޮޑުވުން
·         ހިތާމަކުރުމުގެ ބަލި (ޑިޕްރެޝަން)
·         ބަލިވެއިދެފާނެ ކަމަށް ބިރުގަތުން
·         ކުރިން ޖިންސީ ގޯނާއެއް ކޮށްފައިވުން
·         ކުރިން ތަފާތު ސަލަބީ ޖިންސީ ތަޖުރިބާ އެއް ކޮށްފައިވުން : މިސާލަކަށް އެއްޖިންސުން ގުޅުންހިންގުން
·         އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުން
·         ސިފަ ހުތުރުވުން
·         ޖިންސީގުޅުމުންއަރާ ބައްޔެއް ޖެހިދާނެ ކަމުގެ ބިރު ހީވުން
·         ޖިންސީ ގުޅުން ހިންގަން ޝައުގުވެރިކަމެއް ނެތުން
ދެމަފިރިން ދެމެދުގައި އުފެދޭ މައްސަލަތައް
ގިނަ އަންހެނުންނަށް ޖިންސީއެދުންވެރިކަން ހިލިގަތުމުގައި އެމީހުންގެ ޖަޒުބާތީ ޝުޢޫރުތައް ހިއްސާވެއެވެ. އެގޮތުން ދެމަފިރިންގެ ދެމެދުގައި ކުރިމަތިވާ ހިތްހަމަނުޖެހުމާއި، ނުތަނަވަސްކަމުގެ ސަބަބުން ދެމަފިރިންދެމެދުގައި މައްސަލަޖެހި، އެފަދަ ކަމެއްގެ ސަބަބުން ހިތްހަމަނުޖެހުން ކުރިމަތިވެފައިވާ ދުވަސްވަރަކު ޖިންސީ އެދުންވެރިކަން ކުޑަވުމަކީ ވެދާނެ ގޮތެކެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ މައްސަލަތަކުގެ ސަބަބުން ޖިންސީ ޝައުގުވެރިކަން ކުޑަކުރުވާ ކަންތައްތަކުގެ ތެރޭގައި:-
·         ބައިވެރިޔާއާއި އޮންނަންޖެހޭ ގުޅުން ނެތުން
·         ދެބަސްވުމާއި އަރައިރުން، ތަޅާފޮޅުން، ހައްލުނުވުން
·         ޖިންސީ ބޭނުންތަކާމެދު ދެމަފިރިންގެ ދެމެދުގައި ވާހަކަ ނުދެއްކުން
·         ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރުން
އެހެނިހެން ސަބަބުތައް
·         ކުރިމަތި ފަރާތް މާބޮޑަށް ހިކުން
·         ޖިންސީ ގުޅުން ހިންގަން ބޭނުންނުވަނީސް ޖިންސީގުޅުންހިންގަން ފިރިމީހާ ބުނުން (undesirability of partner)
·         ޖިންސީގުޅުން ހިންގާ މާހައުލާ ވަގުތު އެކަމަށް އެކަށީގެން ނުވުން : މިސާލަކަށް ގޭތެރޭގައި (ސިޓިންގ ރޫމް، ޖެހިގެން އިންކޮޓަރީގައި) ގޭގައި ދިރިއުޅޭ އެކި އުމުރު ފުރައިގެ މީހުން ހޭލަމޭލަވެ އުޅެނިކޮށް ޖިންސީގުޅުން ހިންގަން ފިރިމީހާ ބޭނުންވުން (undesirability of setting)
ދެނެގަތުން
އަންހެނުންނަށް ޖިންސީ އެދުންވެރިކަން ދަށްވުން ކުރިމަތިވެފައިވޭތޯ ބެލުން ދެނެގަތުން ބަރޯސާވަނީ ބަލިމީހާގެ ފުށުން ލިބޭ މައުލޫމާތުތަކާއި، ހަދާ ޓެސްޓުތަކާއި، ހަށިގަނޑު ފާސްކޮށް ބަލާ ބެލުންތަކުގެ މައްޗަށެވެ. އެގޮތުން ކުރެވޭ ކަންތައްތަކުގެ ތެރޭގައި:-
·         ހަށިގަނޑު ބަލައި ޗެކުކުރުން : އާންމު ގޮތެއްގައި ހަށިގަނޑުން ބަލައި ޗެކުކުރަނީ ކުރިމަތި ފަރާތް ހިމެނޭ ހިސާބެވެ. އޭގެ ބޭނުމަކީ އެހިސާބުގެ ގުނަވަންތަކާއި ، ޓިޝޫތައް ހުރީ އެންމެ ރަގަޅަށްތޯ ބެލުމެވެ.
·         ޕެޕް ސްމިއަރ ހެދުން : މީގެ ބޭނުމަކީ ރަހިމުގެ ދޮރުގެ ސެލްތަކަށް ބަދަލެއް އައިސްފައިވޭތޯ ބެލުމެވެ.
·         ލޭގެ ޓެސްޓުހެދުން : މައިގަނޑު ގޮތެއްގައި ލޭގެ ޓެސްޓުތައް ހަދަނީ ޖިންސީ އެދުންވެރިކަން ދަށްކުރުވާފަދަ ޞިއްޙީ މައްސަލައެއް ހުރިތޯ ބެލުމަށެވެ.
ފަރުވާ
ޖިންސީ އެދުންވެރިކަން ދަށްވުމުގެ ފަރުވާ ފެށުމުގެ ކުރިން އެކަން ކުރިމަތިވި ސަބަބު ހޯދައި ދެނެގަނެވޭތޯ ބެލުން މުހިއްމެވެ. ޖިންސީ އެދުންވެރިކަން ދަށްވުމުގެ ފަރުވާގައި ހަމައެކަނި ފޯރުކޮށްދޭންޖެހޭނީ ކުރިމަތިވެފައިވާ މައްސަލައަށް ބޭނުންވާ ނަފްސާނީ ނުވަތަ ބޭހުގެ ފަރުވާއެއް ނޫނެވެ. އެހެނެއްކަމަކު ދެމަފިރިންނަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދެވިދާނެ އެވެ. މިސާލަކަށް ޖިންސީ ގުނަވަން ހިމެނޭ ހިސާބު އުފެދިފައިވާގޮތް، އެހިސާބުގެ ގުނަވަންތައް މަސައްކަތްކުރާގޮތް، ޖިންސީ އެދުންވެރިކަން ފެށިގެން އަންނަގޮތް، ޖިންސީ އެދުންވެރިކަން އިތުރުކުރެވިދާނެ ގޮތްތައް ފަދަ މުހިއްމު މައުލޫމާތުތައް އެނގިފައި އޮތުމަކީ ބޭނުންތެރި ކަމެކެވެ. 

ބޭހުގެ ފަރުވާ
އަންހެނުންނަށް ދިމާވާ ޖިންސީ ބަލިކަށިކަމަށް ފަރުވާ ކުރުމަށް ވަރަށް ގިނަ ބޭސްތައް އުފައްދާފައި ހުރެއެވެ. މިގޮތުން ބޭނުންކުރެވޭ ބޭސްތަކުގެ ތެރޭގައި:-
(ހ) ސިލެޑިނަފިލް (Viagra) : ފިރިހެނުންނެކޭ އެއްގޮތަށް އަންހެނުންނަށް ވެސް ވިއަގްރާ ފަދަ ބޭސްތައް އުފައްދާފައި ހުރެއެވެ. ނަމަވެސް މިފަދަ ބޭސްތަކުން މާބޮޑު ނަތީޖާއެއް ފެނިފައިނުވާކަން ފާހަގަ ކުރެވެއެވެ.

(ށ) ޓެސްޓޮސްޓަރޯން ފަރުވާ : ރަހިމު ނަގާފައިވާ އަންހެނުންނަށް ފިރިހެނުންގެ ޖިންސީ ހޯރމޯން ޓެސްޓޮސްޓަރޯން ބޭނުންކޮށްގެން ފަރުވާކުރުމުން އީޖާބީ ނަތީޖާއެއް ދައްކާފައިވާވެއެވެ. ނަމަވެސް މާގިނައިން މި ހޯރމޯން އަންހެނުން ބޭނުންކޮށްފިނަމަ މޫނުމަތީގައި އިސްތަށިފެޅުން، އަޑުކުރަކިވުން ފަދަ ކަންތައްތައް ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. 

(ނ) އެސްޓްރަޖަން ގެ ފަރުވާ : އެސްޓްރަޖަން ހޯރމޯން އަކީ ޖިންސީ އެދުންވެރިކަން އިތުރުކޮށްދީ، ކުރިމަތިފަރާތުގެ ތެތްކަމާއި ތެޔޮކަން އިތުރުކޮށްދޭ ހޯރމޯން އެކެވެ. މިހޯރމޯން ގުޅަ ބޭސް، ސްޕްރޭ، ސަޕޮޒިޓަރީ، ކްރީމް، ޖެލް، އަދި ޕެޗްގެ ގޮތުގައި ލިބެން ހުރެއެވެ.

ނަފްސާނީ ފަރުވާ
އަންހެނުންގެ ޖިންސީބަލިކަން ކުރިމަތިވެފައިވަނީ ނަފްސާނީ ސަބަބަކާ ހެދިނަމަ، ފުރަތަމަ ދެމަފިރިން ވާހަކަ ދައްކައިގެން ވެސް މައްސަލަ ހައްލުކުރެވިދާނެ އެވެ. އެގޮތަށް ހައްލެއް ނުލިބެއްޖެނަމަ، ނުވަތަ ލިބޭހެން ހީނުވާނަމަ ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދެއްކުމަށްފަހު އެކަމަށް ކައުންސެލިންގ ނަގަން ޖެހިދާނެ އެވެ. ބައެއް ފަހަރު ގޭގައި ބޭނުންކުރެވޭ ފަތްފިލާވެލީގެ ފަރުވާ އިން ވެސް އެދެވޭ ނަތީޖާއެއް ލިބުމަކީ ގާތް ކަމެކެވެ. 

ގޭގައި ދެވިދާނެ ފަރުވާ
އަންހެނުންނަށް ކުރިމަތިވާ ޖިންސީ ބަލިކަމަށް ފަރުވާކުރުމަށް ފަތްޕިލާވެލިން ތައްޔާރުކޮށްފައި ހުންނަ ތަފާތު ބާވަތްތައް ހުރެއެވެ. އެގޮތުން ހުންނަ ބާވަތްތައް ބޭނުންކުރުމުން ކުރިމަތިވެފައިވާ މައްސަލައަށް ހައްލު ލިބިދާނެ އެވެ. ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކްރީމް، ޖެލް، ތެޔޮ ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން، ޑޮކްޓަރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ. ފަތްޕިލާވެލިން ތައްޔާރުކޮށްފައިވާ ބާވަތްތައް ބޭނުންކުރުމުން ހައްލެއް ނުލިބިއްޖެނަމަ، ބޭހުގެ ފަރުވާ ޚިޔާރު ކުރަންޖެހިދާނެ އެވެ.
ޖިންސީ އެދުންވެރިކަން އިތުރުކުރުމަށް ކެއުމުގައި އެކަމަށް އެހީތެރިވެދޭ ބާވަތްތައް ހިމެނިދާނެ އެވެ. މިސާލަކަށް ސްޕްރޫޓް، ބަރަބޯ އޮށް، ޗޮކްލެޓް، ބިސް ފަދަ ތަކެއްޗަކީ ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ ބާވަތްތަކެވެ. އަދި އިގުރަކީ ވެސް ޖިންސީ އެދުންވެރިކަން އުފައްދައިދޭ، އެދުންވެރިކަން އިތުރުކޮށް، ދިގު ދެއްމުމުގައި އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުން އޯބަތަކީ ވެސް ޖިންސީ އެދުންވެރިކަން އިތުރުކޮށްދޭ އެއްޗެކެވެ. 

ގޭގައި ކުރެވިދާނެ ކަންތައްތައް
ޖިންސީ އެދުންވެރިކަން ދަށްވެފައިވާ އަންހެނުން ދިރިއުޅުމުގެ ބައެއް ކަހަލަ އާދަތައް ބަދަލުކޮށްލުމުން ވެސް އެމީހުންގެ ޖިންސީ އެދުންވެރިކަން އިތުރުވެގެން ދިއުމަކީ ގާތްކަމެކެވެ. އެގޮތުން ގެންގުޅެވިދާނެ އާދަތަކުގެ ތެރޭގައި:-
·         ގަވާޢިދުން ކަސްރަތުކުރުން
·         ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއެކު ދިރިއުޅުން ކުރިޔަށް ގެންދިއުމަށް ދަސްކުރުން
·         ދެމަފިރިން ދެމެދުގައި ޖެހޭ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުން
·         ދުންފަތުގެ އިސްތިއުމާލު ކުރުން، މަސްތުވާތަކެތި ބޭނުންކުރުން، އަދި ބަނގުރާބުއިން ފަދަ އާދަތަކާ ދުރުހެލިވުން
·         އާންމު އުސޫލް ބަދަލުކޮށްލުން : " ޖިންސީ އެދުންވެރިކަން އިތުރުކުރުމަށް ތަފާތު ގޮތަކަށް މަސައްކަތް ކުރެވިދާނެ އެވެ. މިސާލަކަށް ޖިންސީ ގުޅުން ހިންގާ މާހައުލު ބަދަލުކޮށްލެވިދާނެ އެވެ. ބޭނުންވާކަހަލަ އައްޔެއް ކޮޓަރީގައި ހުރުމާއެކު، އެވަގުތު ކޮޓަރި ތެރޭގައި މީރު ވަސް ހިފާކަހަލަ އެރޮމެޓިކް ބާރނަރ އެއް ފަދަ އެއްޗެއް ބެހެއްޓިދާނެ އެވެ. ތަންމަތި ހިތްހަމަޖެހޭ ގޮތަކަށް ތަރުތީބުކޮށްލައި، ގައިގައި އުގުޅުމަށް މީރު ވަސްދުވާ އެރޯމެޓިކް ތެލެއް ޚިޔާރު ކުރެވިދާނެ އެވެ. ދެމަފިރިން ޖިމާއުވުމުގެ ކުރިން އެކަކު އަނެކަކަށް ބޮސްދީ ލޯބިކުރުމަށް ހޭދަކުރާ ވަގުތު އިތުރު ކޮށްލެވިދާނެ އެވެ. ތަފާތު ތަނެއް ޖިމާއުވުމަށް ޚިޔާރު ކުރެވިދާނެ އެވެ. ޖިމާޢުވާއިރު ތިބޭގޮތްތައް ތަފާތު ކޮށްލެވިދާނެ އެވެ. އެހެނީ އަބަދު އެއްގޮތަކަށް ތިބެ ޖިމާޢުވުމަކީ އެކަމުގެ ސަބަބުން ދެފަރާތަށް ވެސް ފޫހިކަން ގެނެސްދޭނެ ކަމެކެވެ. އެހެނަސް، މާހައުލު މިދެންނެވި ގޮތަށް ބަދަލުކޮށްލައި، ޖިމާޢުވާއިރު ތިބޭގޮތް ބަދަލުކޮށްލުން ވެސް ބައެއް ފަހަރު ޖިންސީ އެދުންވެރިކަން ކުޑަވުމުގެ ފަރުވާއަކަށް ފުދޭނެ އެވެ. "
ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :





No comments:

Post a Comment