Saturday, August 24, 2013

ބޮލުގައި ރިހުން

ބޮލުގައި ރިހުން
ބޮލުގައި ރިހުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ މައްސަލަ އެކެވެ. ފުރާވަރުގެ އުމުރުން ފެށިގެން ގޮސް އުމުރުން ދުވަސްވެ، މުސްކުޅިވެފައިވާ މީހުންގެ ވެސް އެންމެ އާންމު އެއް ޝަކުވާއަކީ ބޮލުގައި ރިހުމެވެ.ދިރިއުޅުމުގައި ދިމާވާ ތަފާތު ނަފްސާނީ، އިޖްތިމާއީ، އާއިލީ މައްސަލަތަކާއި، އިންސާނާ އަށް ޖެހޭ ތަފާތު ބަލިތަކާއި، ކެއިންބުއިމުގައި ގެންގުޅެވޭ އާދަތަކާއި، އަދި މިނޫނަސް ތަފާތު އެތައްކަމެއްގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިކުރުވައެވެ. މިލިޔުމުގެ ބަލާލެވިފައިވަނީ އަންނަނިވި މައިގަނޑު ސުރުޚީ ތަކުގެ މައްޗަށެވެ.

ބޮލުގައި ރިހުން މެދުވެރިކުރުވާ އާންމު ބައެއް ސަބަބުތައް
(1) - މޫސުމަށް އަންނަ ބަދަލާއި ބޮލުގައި ރިހުން
ކުއްލިއަކަށް ގަދަ ފިންޏަށް ތިމާގެ ހަށިގަނޑު ހުށަހެޅުމަކީ ބޮލުގެ މަސްތައް އެކަމުގެ ސަބަބުން ކުރުގެޅި، ފިތި ވާންވެ، ބޮލުގައި ރިހުން ކުރިމަތި ކުރުވާނެ ކަމެކެވެ. މިގޮތުން ކުރުގެޅިފައިވަނީ ބޮލުގެ ކުރިމަތީގައިވާ މަސްތައް ކަމުގައިވާ ނަމަ ރިހުން ހުންނާނީ ނިތްކުރި މަތިން ބޮލާއި ކައިރީގައެވެ. އަރިމަތީ މަސްތައް ކަމުގައިވާ ނަމަ ރިހުން ހުންނާނީ ބޮލުގެ އެއްއަރިމަތީގައެވެ. ފަހަތުގައިވާ މަސްތައް ނަމަ ރިހުން ހުންނާނީ ބޮލުގެ ފަހަތުން ތިރީގައެވެ.
މާބޮޑަށް ހޫނުވުމަކީ ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެކެވެ. ބައެއް ފަހަރު މާހައުލުގެ ޕްރެޝަރަށް އަންނަ ބަދަލެއްގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. މިސާލަކަށް މަތިންދާ ބޯޓުން ދަތުރުކުރާ އިރު ބައެއް މީހުންނަށް ބޮލުގައި ރިހެނީ މިދެންނެވި ސަބަބާއި ހުރެއެވެ. ހަމަ މިހެން ގަދަޔަށް ވައި ޖެހުމަކީ ވެސް ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެއްކަމުގައި ބުނެވެއެވެ.
(2) - ކުޅިވަރު ކުޅޭމީހުންނާއި ބޮލުގައި ރިހުން
ހޫނު ވެއްޓެއްގައި ކުޅިވަރު ކުޅުން ފަދަ ކަންތައްތައް ކުރުމަކީ ބޮލުގައި ރިހުން ކުރިމަތިވާ ކަމެކެވެ. މިކަން ދިމާވަނީ ކުޅިވަރުކުޅުން ފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުން ހަކަތަމަދުވުމާއި، ހަށިގަނޑުގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްވެ، ސިކުނޑިއަށް ވަރުބަލިކަން ގެނެސްދޭތީ އެވެ. ބައެއް ފަހަރު މިފަދަ ކުޅިވަރުތަކުގެ ސަބަބުން ސިކުނޑީގެ ސަތަހައިގައިވާ ލޭހޮޅިތައް ދެމި، އެކަމުގެ ސބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.

(3) - ނިދުމާއި ބޮލުގައި ރިހުން
ވަރަށް ގިނަ ފަހަރަށް ނިދުމާއި ބޮލުގައި ރިހުމާއި ގުޅިފައި އޮންނަ ތަން ފެނެއެވެ.މާނިދި މަދުވުމަކީ ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެކެވެ. ހަމަމިހެން މާގިނައިން ނިދުމަކީ ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެއްކަން މިހާރު ވަނީ ހޯދިފައެވެ. އެހެންކަމުން ނިދުމުގައި އެންމެ އެދެވިގެންވަނީ ހަށިގަނޑަށް ބޭނުންވާވަރަށް ނުވަތަ އެކަށޭނަ ވަރަކަށް ނިދުމެވެ. އާންމުކޮށް ދުވާލަކު 8ގަޑި އިރު ނިދުމުން ފުދޭނެއެވެ. ބައެއް މީހުންނަށް 6 ގަޑިއިރު ނިދުމުން ފުދެއެވެ. ނިދަން އޮށޯންނަ ފަހުން އިރުއިރު ކޮޅާ ހޭލެވުމުގެ ސަބަބުން ރަގަޅަށް ނިދިހަމަނުވުމަކީ ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެކެވެ.
(4) - ފްލޮރިސެންޓް އައްޔާއި، ބޮލުގައި ރިހުން
ފްލޮރިސެންޓް ބޮކި ނުވަތަ ހޮޅިބުރި ތަކުގެ ސަބަބުން ވެސް ބޮލުގައި ރިހުން ކުރިމަތިވެދާނެއެވެ. މިގޮތުން ބޮލުގައި ރިއްސާނީ އެފަދަ އަލި ފޮނުވާ އާލައަކުން އިންސާނާގެ ލޮލަށް ފާހަގަނުކުރެވޭ ވަރުގެ ''ގުޑުން'' ނުވަތަ ''ހެލުން''ތައް އުފައްދާ ނަމައެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ބޮލުގައި ރިހުން މެދުވެރިވަނީ އަލީގެ ސަބަބަކުންނޫނެވެ. އެކަމަކު އެބޮއްކެއް ނުވަތަ ހޮޅިބުރިއެއްގެ ފެންވަރު ނުވަތަ ކޮލިޓީގެ ސަބަބުންނެވެ.
(5) - ދަތުރުވެރިންނާއި ބޮލުގައި ރިހުން
ކަނޑުމަތީ ދަތުރެއް ވިޔަސް، އެއްގަމު ދަތުރެއް ވިޔަސް، ނުވަތަ މަތިންކުރާ ދަތުރެއް ކަމުގައި ވިޔަސް ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. ގިނަފަހަރު މިހެން ދިމާވަނީ އެކަށޭނަ ވަރަށް ނިދި ނުލިބި ދަތުރަށް ފެށުމުންނެވެ. އެއްގަމުގައި ދިގުދަތުރެއް ކުރާނަމަ ކަރުގެ މަސްތައް ފިތި ކުރުގެޅުމުގެ ސަބަބުން ބައެއް ފަހަރު ބޮލުގެ ފަހަތު ކޮޅުގައި ރިއްސުން އުފައްދައެވެ. ކަނޑުމަތީ ދަތުރުތައް ކުރާއިރު ދޯނި މާބޮޑަށް ރާޅާ ތެޅުވުމުން ބޮލުގައި ރިހުމާއި، މޭނުބައިކުރުން އަދި ހޮނޑުލެވުން ކުރިމަތިވާ ގޮތްވެއެވެ.
(6) - އަންހެނުންނާއި ބޮލުގައި ރިހުން
އަންހެނުންނަށް ބޮލުގައި ރިހުންކުރިމަތިވާ ތަފާތު ސަބަބުތައް ހުރެއެވެ. އާންމު ގޮތެއްގައި މައްސަރުގެ ކުރިން އޮންނަ ދުވަސްކޮޅު ބޮލުގައި ރިހުން އަންހެނުންނަށް ކުރިމަތި ކުރުވައެވެ. އެއީ މިބުނި މުއްދަތުގައި އެސްޓްރޯޖެން ހޯރމޯން ހަށިގަނޑުގައި އިތުރުވުމުން ކުރިމަތިވާ ކަމެއް ކަމުގައި ބުނެވެއެވެ. އެސްޓްރޯޖެން އިތުރުވުން ފެނާއި ލޮނު ހަށިގަނޑުގައި ޖަމާވުން އިތުރުވެ، ސިކުނޑިއަށް ޕްރެޝަރ އިތުރުވެ، ބޮލުގައި ރިހުން ކުރިމަތި ކުރުވަނީ އެވެ. މީގެ އިތުރުން އުރަމަތިބާރުވުމާއި، އަދި ފައި ފޮއްސިވުން، ފަދަ ކަންތައްތައް ވެސް މިބުނި މުއްދަތުގައި ކުރިމަތި ވެދާނެއެވެ.
އެހެންކަމުން މިކަމުން ސަލާމަތްވުމަށް މައްސަރު ކަންތައް ޖެހުމުގެ ކުރިން އޮންނަ ހަފްތާގައި ލޮނު ބޭނުންކުރުން މަދުކޮށްލުން އެދެވިގެން ވެއެވެ. މީގެ އިތުރުން މިބުނި ދުވަސްވަރު މޭވާ އަދި ތަރުކާރީއާއި، ފަތްޕިލާވެލީގެ ބާވަތްތައް ބޭނުންކުރުމަކީ ރަގަޅު ކަމެކެވެ.
(7) - މާބަނޑުވުމާއި ބޮލުގައި ރިހުން
ބޮލުގައި ރިއްސުމަކީ ބަލިވެއިނުމަށް ފަހު ވިހެއުމާއި ދޭތެރޭގައި ކޮންމެ ދުވަސްވަރެއް ގައިވެސް ކުރިމަތި ވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިއީ ބަލިވެ އިނުމާއި ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ކަމެކެވެ. ވަރުބަލިވުން، ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށް ދިއުން ،ފަދަ ކަންކަމަކީ ވެސް ބޮލުގައި ރިހުމަށް މެދުވެރިކުރުވާ ސަބަބުތަކެކެވެ.
އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެކަށޭނަ ވަރަކަށްއަރާމު ކުރުން، ބަރާބަރަށް ކެއުމާއި، ފެންބުއިން ބޮލުގައި ރިހުން ކުޑަކޮށްދެއެވެ. ހަމަމިހެން އެސްޕިރިން ފަދަ ތަދުކެޑުވުމަށް އުފައްދާފައި ހުންނަ ބޭސްތައް ބޭނުންކޮށްގެން ނުވާނެއެވެ. ބޮލުގައި ރިއްސަން ފެށުމުން ފޮތިގަނޑެއް ތެންމާލުމަށް ފަހު ނިއްކުރިމަތީގައި ބާއްވާށެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުމަށް ލުއިކަމެއް ގެނެސްދޭނެއެވެ. ތާފަނާ ފެނުން ފެންވެރުމާއި، ކަރާއި، ކަދުރާ އަދި ބޯ މަސާޖުކުރުމަކީ ވެސް ބޮލުގައި ރިހުން ކުޑަކޮށްދޭނޭ ކަންކަމެވެ.
ބޮލުގައި ރިއްސުން ހުރުމާއި އެކު މޭނުބައިކުރުން، ލޮލުގެ ކުރިމަތީގައި އެތިކޮޅުތަކެއް އުޅޭހެން ހީވުން، ލޮލުގެ ފެނުން ކޮށިވުން ، މިއިން ކަމެއް ދިމާވެއްޖެނަމަ ޑޮކްޓަރަކާ މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބޮލުގައި ރިހުމަށް ބޭހެއް ނެގުމުގެ ކުރިން ޑޮކްޓަރަކާއި މަޝްވަރާކޮށް ލަފާ ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
(8) - ތަފާތު ވަސްތަކާއި ބޮލުގައި ރިހުން
ތިމާ އުޅޭ މާހައުލުގައި ހުންނަ ވަހެއްގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތިވުމަކީ ގާތްކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމުން އުފެދޭ ވަހުގެ ސަބަބުން ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ވެއެވެ. ގޭގައި ބޭނުންކުރެވޭ އެއަރފްރެޝްނަރ، ޝެލްޓެކްސްގެ ވަސް، ކަރާސީނު ތެލާއި، ޕެޓްރޯލްފަދަ ތަކެތީގެ ވަހުން ވެސް ބައެއް މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ކުރުވުމަކީ ވެދާނެ ގޮތެކެވެ.
(9) - ޖިންސީ ގުޅުން ހިންގުމާއި ބޮލުގައި ރިހުން
ޖިންސީ ހިލިގަތުން މެދުވެރިވުމަކީ ބޮލުގައި ރިހުން ކުރިމަތިވެދާނެ ކަމެއްކަމަށް ބުނެވެއެވެ. އާންމު ގޮތެއްގައި މިހާލަތުގައި ރިހުން ހުންނާނީ ބޮލުގެ ފަހަތުން ތިރީބައި ގައި ނުވަތަ ކަދުރާ ގައެވެ. މިކަން ދިމާވަނީ ބޮލުގެ ފަހަތާއި ކަރުގެ ފަހަތުގެ މަސްތައް ވާންވެ، ކުރުގެޅުމުގެ ސަބަބުންނެވެ. ބައެއް ހާލަތުގައި ޖިންސީ އެދުންވެރިކަމުގެ ކުންނާއި ހަމައަށް ވާސިލްވާ ހިނދު ލޭގެ ޕްރެޝަރ މައްޗަށް ގޮސް ބޮލުގައި ރިހުން ކުރިމަތި ކުރުވާގޮތް ވެއެވެ. ހަމަމިހެން އަނެއްބައި ފަހަރު ޖިންސީ ގުޅުން ހިންގައި ނިމޭތަނާހެން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
(10) - ޓީވީ ބެލުމާއި، ފޮތްކިޔުން އަދި ބޮލުގައި ރިހުން
ސިނަމާ އަކުން ފިލްމެއް ބެލުމަށް ފަހު ނިކުންނަ ތަނުން ބޮލުގައި ރިހުން، ނުވަތަ ރޭގަނޑު ގިނަވަގުތު ތަކެއް ޓީވީ ދޮށުގައި އިދެފައި ތެދުވާތަނުން ބޮލުގައި ރިހުން، ގިނަވަގުތު ތަކެއް ފޮތްކިޔުމުގައި ހޭދަކުރުމަށްފަހު ނިމޭތަނުން ބޮލުގައި ރިހުން، ކޮމްޕިއުޓަރ ކައިރީގައި ގިނަވަގުތު ހޭދަކުރުމުން ބޮލުގައި ރިހުން މިއީ ވަރަށް ގިނަމީހުންނަށް ކުރިމަތިވާ ކަމެކެވެ. މިކަން ކުރިމަތިވަނީ ދިގުމުއްދަތަކަށް ޓީވީ ނުވަތަ ކޮމްޕިއުޓަރގެ ސްކްރީނަށް ނަޒަރު ހުއްޓައިގެން ހުންނަން ޖެހުން، ނުވަތަ ފޮތުގެ ފޮޅުވަތްތަކަށް ބެލުމުން ކަރުގެ މަސްތައް ފިތި، ވާންވެ، ކުރުގެޅޭގޮތް ވުމުންނެވެ.
(11) - ނޭފަތް ހިމެނޭ ހިސާބުގައިވާ ވައިކޮތަޅު ތަކާއި ބޮލުގައި ރިހުން
ބަޔާންކުރެވުނު ވައިކޮތަޅު ތަކަކީ ބޮލުގެ ނާށިގަނޑާއި، މޫނުގެ ސަރަހައްދުގައި ވާ ކަށިގަނޑުގެ ތެރޭގައި އުފެދިފައި ހުންނަ ވައިކޮތަޅު ތަކެކެވެ. މިވައިކޮތަޅުތައް އާންމުކޮށް ހުންނަނީ ނޭފަތުގެ ފަހަތާއި، ނިތްކުރީގެ މެދާއި، އަދި ކޯކަށިގަނޑުގެ އެތެރޭގައެވެ. މިބުނި ވައިކޮތަޅުތައް ހުންނަނީ ކުދިކުދި ލޯވަޅުތަކެއްގެ އެހީގައި އެކަތި އަނެކައްޗާއި ގުޅިފައެވެ. މިވައިކޮތަޅު ތަކުގެ އެތެރެ ހުންނަނީ ތެތްދުލިފަށެއް ލެވިފައެވެ. މިބުނި ދުލިފަށްތަކުން ދަވަ ފާޑުގެ ދިޔައެއް ބޭރުކުރެއެވެ. އެއްވެސް ކަމެއް ސަބަބުން ( މިސާލަކަށް އަރިދަފުސް ރޯގާ ޖެހުން ) މިވައިކޮތަޅުތައް ބެދިއްޖެ ނަމަ އެއިން ބޭރުކުރާ ދަވަ ފާޑުގެ ދިޔަތައް ޖަމާވެ، ތަފާތު އުދަގޫތައް މެދުވެރިކުރުވައެވެ. އެގޮތުން ކުރިމަތިވާ އުދަގޫތަކުގެ ތެރޭގައި ބޮލުގައި ރިހުން، އަދި މޫނުގައި ރިހުން ކުރިމަތި ކުރުވައެވެ. މޫނުގައި ރިހޭ ހިސާބު ގުޅިފައި އޮންނަނީ ބެދިފައިވާ ވައިކޮތަޅު ހުރި ދިމާއަކާއި ނިސްބަތްކޮށެވެ.
(12) - ދަތްތަކާއި ބޮލުގައި ރިހުން
ދަތްތަކާއި ބޮލުގައި ރިހުން ގުޅިފައި ވާކަމަށް ބުނުމުން ވަރަށް ގިނަބަޔަކު ހައިރާންވެއެވެ. އެއްވެސް ކަހަލަ ކަމެއްގެ ސަބަބުން ދަތަށް ގެއްލުން ލިބިއްޖެނަމަ ބޮލުގައި ރިހުން ކުރިމަތި ކުރުވަކީ ވެދާނެ ގޮތެކެވެ. މިގޮތުން ބޮލުގައި ރިހުން ކުރިމަތިވަނީ ދަތުގައި އުފެދޭ އިހްސާސް، އެއާއި ގުޅިފައިވާ ނާރު ތަކުގެ އެހީގައި ސިކުނޑިއަށް ފޯރުމުންނެވެ.
(13) - ބޯ ތަނެއްގައި ނުވަތަ އެއްޗެއްގައި ޖެހުމާއި ބޮލުގައި ރިހުން
މާބާރަށް ތަނެއްގައި ނުވަތަ އެއްޗެއްގައި ބޯ ޖެހުމަކީ ބޮލުގައި ރިހުން ކުރިމަތި ކޮށްދާނެ ކަމެކެވެ. މިފަދަ ހާލަތުގައި ދިގުމުއްދަތަކަށް ބޮލުގައި ރިހުން ދެމިހުންނަ ގޮތްވެއެވެ. މިކަންކުރިމަތިވަނީ މިބުނި އުސޫލުން ތަނެއްގައި ބޯ ޖެހުމުން ސިކުނޑިއަށް ލޮޅުން ނުވަތަ ގުޑުން އަރާތީ އެވެ. ބައެއް ފަހަރު މިގޮތަށް ޖެހުމުން މީހާގެ ހޭވެރިކަން ގެއްލޭގޮތް ވެއެވެ.
(14) - ބައެއް ކަހަލަ ބޭސްތަކާއި ބޮލުގައި ރިހުން
ވަރަށް ގިނަ ވައްތަރުގެ ބޭސްތަކުގެ ސަބަބުން ކުރިމަތިވާ ''ނުރަގަޅު އަސަރު''އެއްގެ ސިފައިގައި ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. މިގޮތުން ލޭގެ ޕްރެޝަރ މައްޗަށްދާ މީހުންނަށް ދީ އުޅޭ އެޓިނަލޯލް، ނިފިޑިޕިން، އަދި ޕްރަޕްރަނަލޯލް،ފަދަ ބޭސްތަކުގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
ދޭތެރެ ދުރުކުރުމަށް ދީ އުޅޭ ބައެއް ބޭސްތަކުގެ ސަބަބުން ބޮލުގައި ރިހުން އުފައްދައެވެ. މިއީ އަންހެނުންގެ މެދުގައި ވަރަށް އާންމު ޝަކުވާއެއް ކަމަށް ވަނީ ފާހަގަވެފައެވެ. އެހެންކަމުން މިފަދަ ބޭސް ބޭނުންކުރުމުން ތަކުރާރުކޮށް ބޮލުގައި ރިހުން ކުރިމަތިވާކަން ފާހަގަވެއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދައިގެން އެހެން ބޭހެއް ނުވަތަ ވަސީލަތެއް ދޭތެރެދުރުކުރުމަށް އިޚްތިޔާރު ކުރެވިދާނެ އެވެ.
މީހާ މައިތިރިކުރުމަށް ދީއުޅޭ ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ގިނަފަހަރު ބޮލުގައި ރިހުން ކުރިމަތި ކުރުވަނީ އެބޭހެއް ބޭނުންކުރުން ހުއްޓާލުން ނުވަތަ މެދުކަނޑާލުމުންނެވެ. އަދި މިނޫނަސް އެކިއެކި ބަލިތަކަށް ފަރުވާގެ ގޮތުގައި ދީ އުޅޭ ތަފާތު އެތައް ބޭހެއްގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
(15) - ލޭގެ ޕްރެޝަރ މައްޗަށް ދިއުމާއި ބޮލުގައި ރިހުން
ލޭގެ ޕްރެޝަރ މައްޗަށް ދިއުމުން ބޮލުގައި ރިއްސުން ކުރިމަތިވަނީ ވަރަށް މަތީ ދަރަޖައަކަށް ޕްރެޝަރ ގޮސްފައި ހުރުމާއި އެކު މޭނުބައިކުރުމާއި، ބޯއެބުރުމާއި، އަދި ނޭފަތުން ލޭއައުން ފަދަ ކަންތައް ކުރިމަތިވުމާއި އެކުގައެވެ. އާދައިގެ ވަރަކަށް ޕްރެޝަރ މައްޗަށް ގޮސްފައިވާނަމަ ބޮލުގައި ރިއްސުން ކުރިމަތިވުމަކީ ވަރަށް މަދުންނޫނީ ނުވާކަމެކެވެ. ލޭގެ ޕްރެޝަރ މައްޗަށް މީހުންގެ މެދުގައި ބޮލުގައި ރިހުން އެންމެ އާންމުކޮށް ދިމާވަނީ ޕްރެޝަރ މަތީ ދަރަޖައަކަށް ގޮސްފައި ހުރުމާއި، އަދި ބައެއް މީހުންނަށް ޕްރެޝަރ މަތިވުމަކީ ބޮލުގައި ރިހުން އުފައްދާ ކަމެއްކަމަށް ހީވެފައި އޮންނާތީއެވެ.
ލޭގެ ޕްރެޝަރ މައްޗަށް ދިއުމުގެ ވައްތަރުތަކުގެ ތެރެއިން އުމުރުން 40އަށް އެޅުމަށް ފަހު ކުރިމަތިވާ ވައްތަރަށް ކިޔަނީ ''ޕްރައިމަރީ ހައިޕަރޓެންޝަން''  (Primary Hypertension)އެވެ. މިއީ ކަނޑައެޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށް މެދުވެރިވި ސަބަބު ނޭގޭ ވައްތަރެވެ. ދެވަނަ ވައްތަރަކީ ބައްޔަކާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދާ ދިއުމެވެ. މިވައްތަރުގެ ލޭގެ ޕްރެޝަރ މައްޗަށް ދިއުމަށް ކިޔަނީ ''ސެކަންޑަރީ ހައިޕަރޓެންޝަން'' (Secondary Hypertension) އެވެ. މިބުނި ދެވަނަ ވައްތަރު ކުރިމަތިވުމުން އާދަޔާ ޚިލާފަށް ލޭގެ ޕްރެޝަރ މަތިވެ، ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
މާބަނޑު އަންހެނުންނަށް ވެސް ލޭގެ ޕްރެޝަރ މައްޗަށް ދިއުމުގެ މައްސަލަ ކުރިމަތިވެއެވެ. މިގޮތަށް ލޭމައްޗަށް ދިއުމަށް ''ބަލިވެއިނުން ވިހަވުން'' އޭ ކިޔައެވެ. މިހާލަތުގައި ވެސް ބޮލުގައި ރިއްސުމާއި، މޭނުބައިކޮށް ހޮނޑުލެވުން ، ފައި ފޮއްސިވުން، އަދި ކުޑަކަމުދާތަކެތީގައި ޕްރޮޓީން އިތުރުވެފައިހުރުން، ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ.
(16) - ލޮލަށް ކުރިމަތިވާ އުދަގޫތަކާއި ބޮލުގައި ރިހުން
ލޮލުގެ ބަލިތަކުގެ ތެރެއިން އެންމެ އާންމުކޮށް ބޮލުގެ ރިހުން ކުރިމަތި ކުރުވަނީ ''ގުލަކޯމާ'' އޭ ކިޔޭ ބައްޔެއް ޖެހުމުންނެވެ. ''ގުލަކޯމާ''(Glaucoma)ގެ މާނައަކީ ލޮލުގެ އެތެރޭގެ ޕްރެޝަރ މަތިވުމެވެ. އާންމުކޮށް 40އަހަރަށް އެޅުމަށް ފަހުން ޖެހޭ މިބަލީގެ އުދަގޫ ކުރިމަތިވަނީ ކޮންމެވެސް އެއްލޮލަކަށެވެ. މިބަލި ޖެހުމުން ބޮލުގައި ރިއްސުމުގެ އިތުރުން ލޮލުގެ ފެނުންކޮށިވުމާއި، ލޮލާއި، ބުމައިގައި ރިއްސުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. އެހެންކަމުން މިފަދަ ކަމެއް ފާހަގަވެއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ލިބިގަތުމަށް ފަސްނުޖެހޭށެވެ.
(17) - އެކިއެކި ޓިއުމަރ އާއި ގުޅިފައިވާ ބޮލުގައި ރިހުން
ދިގުމުއްދަތެއް ވަންދެން އުފެދިފައި ހުންނަ ވޭންގަދަ ބޮލުގައި ރިއްސުން ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު މިފަދަ ރިއްސުމާއި އެކު ހޮނޑުލެވުން ކުރިމަތިކުރުވައެވެ. މިފަދަ ގޮތަކަށް ދިގުމުއްދަތަކަށް ބޮލުގައި ރިހުން ހުރެއްޖެ ނަމަ ޑޮކްޓަރުންގެ އެހީގައި އޭގެ ސަބަބު ދެނެގަތުމަށް ފަސްނުޖެހޭށެވެ. ފަހަރެއްގައި މިފަދަ ގޮތަކަށް ބޮލުގައި ރިއްސުން ކުރިމަތިވަނީ ސިކުނޑީގައި ''ޓިއުމަރ''އެއް އުފެދިގެން ކަމަށް ވެސް ވެދާނެއެވެ.
މިގޮތުން ސިކުނޑީގައި ޓިއުމަރއެއް އުފެދިފައި ހުރެއްޖެނަމަ ފެންނާނެ އެހެން އަލާމާތްތަކުގެ ތެރޭގައި މީހާގެ އުޅުމާއި ސުލޫކަށް ބަދަލުއައުން، ވިސްނުންކޮށިވުން، ދޭތެރެއަކުން ވާގިއެރުން ނުވަތަ ފިޓްޖެހުން، ފެނުންކޮށިވުން، ފަދަ ކަންތައްތައް މެދުވެރިކުރުވައެވެ. މިގޮތުން ކުރިމަތިވާ އަލާމާތްތައް ޓިއުމަރގެ ވައްތަރާއި، ސިކުނޑީގައި ޓިއުމަރ އުފެދިފައި ހުންނަ ހިސާބާއި ގުޅިގެން ތަފާތު ވާނެއެވެ.
(18) - ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތައް ދުޅަވުމާއި، ބޮލުގައި ރިހުން
ހަށިގަނޑުގައިވާ އެހެންހިސާބުތަކުގައިވާ ޓިޝޫތަކުގައި ދުޅަވުން އުފެދޭ ފަދައިން ސިކުނޑީގެ ވަށައިގެން ލެވިފައިވާ ދުލިފަށުގައި ވެސް ދުޅަވުން އުފެދެއެވެ. ކުޑަކުދިންނާއި، އަދި ބޮޑެތި މީހުންނަށް ވެސް ކުރިމަތިވާ މިބަލި''ސިކުނޑި ދުޅަވުން''(Meningitis) ޖެހެނީ ވައިރަސް ނުވަތަ ބެކްޓީރިއާ ފަދަ އޯގަނިޒަމްއެއްގެ ސަބަބުންނެވެ.
ސިކުނޑި ދުޅަވުން ކުރިމަތިވުމުން ފެނިދާނެ އާދައިގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިހުން، ހޮނޑުލެވުން، ވަރުދެރަވުން، ފަދަ ކަންތައްތައް ހިމެނެއެވެ. ބައްޔާއި ގުޅިގެން ކުރިމަތިވާ ފާހަގަކުރެވޭ އަލާމާތްތަކުގެ ތެރޭގައި ކަރުގެ މަސްތައް ގުޅަކައި، ކަރު ހަރަކާތްކުރަން އުދަގޫވުން، އަދި ފިޓްޖެހުން ކުރިމަތިވުން ފަދަ ކަންތައްތައް ހިމެނެއެވެ.
(19) - ބޮލުގެ އެއްފަޅިއެއްގައި ރިހުން ހުރުން
އުމުރުން 55އަހަރަށް ވުރެ މައްޗަށް ގޮސްފައިވުމާއި އެކު ބޮލުގެ އެއްފަޅީގައި ނުވަތަ ދެފަޅީގައި ވިޔަސް ވިންދު ޖަހާހެން ހީވާކަހަލަ ގޮތަކަށް، ނުވަތަ އެއްޗެއް ތެޅޭހެން ހީވާކަހަލަ ގޮތަކަށް ރިއްސުން ހުރި ނަމަ އޭގެ މާނައަކީ މިބުނި ހިސާބުގައިވާ(ބޮލުގެ އަރިމަތީގައިވާ) ލޭހޮޅިއެއް ދުޅަވެފައި ހުރުން ކަމުގައި ވެދާނެއެވެ. މިހާލަތުގައި އަވަސް ފަރުވާއެއް ހޯދުމަކީ މުހިއްމު ކަމެކެވެ. އެއީ މިގޮތަށް އުފެދިފައިވާ ދުޅައިގެ އަސަރު ލޮލާއި ގުޅިފައިވާ ލޭނާރަށް ފޯރައި، ލޮލުގެ ފެނުމަށް ބަދަލުއައުމަކީ ގާތްކަމެއް ކަމަށްވާތީ އެވެ.
(20) - ލޭހިލުން ނުވަތަ ލޭބޭރުވުމާއި ބޮލުގައި ރިހުން
ކުއްލިއަކަށް ގަދަޔަށް ބޮލުގައި ރިއްސުން ކުރިމަތިވާ އެންމެ ނުރައްކާތެރި އެއް ސަބަބަކީ ސިކުނޑިއަށް ލޭހިލުން މެދުވެރިވުމެވެ. މިހާލަތުގައި ބޮލުގައި ރިއްސުމާއި އެކު ކަރުގެ މަސްތައްގުޅަކައި ކަރުގެ ހަރަކާތްކުރަން އުދަގޫވެއެވެ. އެއަށްފަހު އޭނާގެ ހޭވެރިކަން އަވަސް މުއްދަތެއްގައި ގެއްލިދެއެވެ. ސިކުނޑިއަށް ލޭހިލުން ކުރިމަތިވަނީ ސިކުނޑިއާއި ގުޅިފައިވާ ލޭނާރެއް ބައްޔެއްގެ ސަބަބުން ވިޔަސް ނުވަތަ އެހެން ސަބަބަކާއި ހުރެވެސް ފަޅައިގެން ގޮސް ލޭ ލީކުވާގޮތް ވުމުންނެވެ. ލޭގެ ޕްރެޝަރ މައްޗަށް ދިއުމަކީ ސިކުނޑިއަށް ލޭހިލުން މެދުވެރިކުރުވާ ކަމެކެވެ. އާންމުކޮށް 40އަހަރަށް އެޅުމަށް ފަހު ކުރިމަތިވާ މިފަދަ ކަންކަމަށް އަވަސް ފަރުވާ އެއް ލިބިގަތުމަކީ މުހިއްމު ކަމެއް ކަން ހަދާންކުރާށެވެ.
(21) - ހާސްވެ ކަންބޮޑުވުމާއި ބޮލުގައި ރިހުން
ހާސްވެ ކަންބޮޑުވުމަކީ ވަރަށް ގިނަ މީހުންނަށް ބޮލުގައި ރިހުން ކުރިމަތި ކުރުވާ ކަމެކެވެ. ބައެއް މީހުންނަށް އުމުރުން ދުވަސްވެ، އެކަނިވެރި ހަޔާތެއް ހޭދަކުރަން ޖެހުމުން ކަންބޮޑުވެ، ފިކުރުބޮޑުވާގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން އެފަދަ މީހުންނަށް ބޮލުގައި ރިއްސުމުގެ އުދަގުލާއި، ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން ނިދިނައުމާއި، ގައިގެ ވަރުދެރަވެ، ހަރަކާތްމަދުވުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުން، ތިމާއަކީ ކުށްވެރިއެއް ކަމަށް އިހްސާސްވުން ފަދަ ކަންތައްތައް މިބުނި އުމުރުގައި ކަންބޮޑުވުމުގެ މައްސަލަ ކުރިމަތިވުމުން ފާހަގަވާނެ އެވެ.
(22) - ނަފްސާނީ ފިއްތުންތަކާއި ބޮލުގައި ރިހުން
މިއީ އެންމެ އާންމުކޮށް ބޮލުގައި ރިހުން މެދުވެރިކުރުވާ އެއް ސަބަބެވެ. ނަފްސާނީ ފިއްތުންތަކުގެ ސަބަބުން ކުރިމަތިވާ މިވައްތަރުގެ ބޮލުގައި ރިހުން ހުންނާނީ ''ބަރު ތަދެއް''ގެ ސިފައިގައެވެ. ފުރަތަމަ ކޮޅު ލުއިތަދެއް ހުރުމަށް ފަހު މަޑުމަޑުން ރިހުން އިތުރުވެ، ބާރުގަދަ ތަދެއްގެ ސިފަޔަށް ބަދަލުވެއެވެ. ދިގުމުއްދަތަކަށް ދެމިހުންނަ މިތަދުގެ އަސަރު އެންމެ ބޮޑަށް ހުންނަނީ ބޮލާއި ކަދުރާގެ ފަހަތުގައެވެ. ބައެއްފަހަރު ބޮލުގެ ދެފަރާތަށް ވެސް ތަދުގެ އިހްސާސް ދެމިގެން ހިގައިދާނެއެވެ. ކަދުރާގެ ފަހަތަށް ފިތާލުމުން ވެސް މިތަދު އިހްސާސް ކުރެވޭނެ ކަމަށް ބުނެވެއެވެ. އާންމުކޮށް މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތިވަނީ މަސައްކަތްތަކާއި، ވަޒީފާތައް ނިންމާލައި ގެއަށްދާތަނުންނެވެ. މާނައަކީ ހަވީރު ކޮޅު ނުވަތަ އިރާކޮޅު އެވެ. އެއީ ދިރިއުޅުމުގެ އެކިކަންކަމާއި މަސައްކަތުގެ މައިދާނުގައި ކުރިމަތިވާ ނަފްސާނީ ފިއްތުން ތަކުގެ ސަބަބުންނެވެ.
ބޮލުގައި ރިހުން މެދުވެރިވި ސަބަބު ހޯދައި ދެނެގަތުން
ބޮލުގައި ރިހުން ކުރިމަތިވާ މީހުންގެ ތެރެއިން ޑޮކްޓަރެއްގެ ކައިރިއަށް ގޮސް ފަރުވާ އާއި ލަފާ ލިބިގަންނަނީ ނިސްބަތުން ވަރަށް މަދު ބައެކެވެ. ގިނަމީހުން އެސްޕިރިން ފަދަ ބޭހެއް ބޭނުންކޮށްގެން ނުވަތަ އަރާމްކޮށްލައިގެން ނުވަތަ އެހެންވެސް ވަސީލަތެއްގެ އެހީގައި ބޮލުގައި ރިހުމަށް އަމިއްލަ އަށް ފަރުވާ ލިބިގަނެއެވެ.
ސުވާލަކީ މިގޮތަށް ކަންތައް ކުރުމަކީ ރަގަޅު ކަމެއް ހެއްޔެވެ؟ ޖަވާބުގައި ބުނެވޭނީ އެކަން ބިނާވެފައި އޮންނަނީ އެމީހަކަށް ކުރިމަތިވެފައިވާ ބޮލުގައި ރިހުމުގެ ވައްތަރު ނުވަތަ އޭގެ ޚާއްޞިއްޔަތު ގެ މައްޗަށް ކަމެވެ. އަދި ބޮލުގައި ރިހުމާއި އެކު އެހެން ބައެއް އުދަގޫތައް ހުރުމާއި، ނުވަތަ ނެތުމުގެ މައްޗަށެވެ. އަދި އެމީހެއްގެ އާންމު ޞިއްޙަތު ހުރި ގޮތެއްގެ މައްޗަށެވެ.
މިސާލަކަށް އެކަށޭނަ ވަރަށް ނިދިނުލިބުމުން ނުވަތަ ސިގިރޭޓްގެ ދުން ޖަމާވެ، ވައިބަންދުވެފައިވާ ތަނެއްގައި ގިނައިރު ހުރުމުން އުފެދޭ ''ބަރު ރިހުން'' ފަދަ ކަންތައްތައް ކުރިމަތިވުމުން ބޮލުގައި ރިހުން ފަދަ ކަންތައްތަކުން މިންޖުވުމަށް ބޭނުންކުރެވޭ އެސްޕިރިން ފަދަ ބޭސްގުޅައެއް ކެއުމުން ބޮލުގައި ރިހުން ފިލައިދެއެވެ. ނުވަތަ ކުރިން ބުނި ސިގިރޭޓްގެ ދުމުގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތިވި ނަމަ އެކަމާއި ދުރުހެލިވުމުން (ދުން ޖަމާވެފައި ހުރި ތަނެއްގައި ނުހުރުން) ބޮލުގައި ރިހުން ފިލައި ދެއެވެ.
ބޮލުގައި ރިހުމާއި އެކު ހޮނޑުލެވި، ހުންއައުން ކުރިމަތިވެއްޖެނަމަ އެދެވިގެން ވަނީ ޑޮކްޓަރެއްގެ އިރުޝާދު ހޯދުމެވެ. އެއީ ފަހަރެއްގައި ބޮލުގައި ރިހުން އުފެދިފައިވަނީ ޓައިފޮއިޑް ހުން ފަދަ ބައްޔެއްގެ ސަބަބުން ކަމަށް ވެސް ވެދާނެތީ އެވެ. ހަމަމިހެން ބޮލުގައި ރިހުމުގެ ޝަކުވާ ލޭގެ ޕްރެޝަރ މައްޗަށް ގޮސްފައިވާ މީހުންނާއި، އެނޫން މީހުންނާއި، ވެސް ތަފާތުތަކެއް ހުރެއެވެ. އެހެން ކަމުން މިފަދަ ބަލިތައް ހުންނަ މީހުން އެދެވިގެންވަނީ ޑޮކްޓަރުން މަޝްވަރާއާއި، އިރުޝާދު އަދި ލަފާ އެންމެ އެދެވޭގޮތުގައި ހޯދައިގެން ބޮލުގައި ރިހުމަށް ފަރުވާ ލިބިގަތުމެވެ.
ބޮލުގައި ރިހުން އުފެދުނު ސަބަބު އަމިއްލައަށް ދެނެގަންނާނެގޮތް
(1) - ބޮލުގައި ރިހުން ހުރި ހިސާބު
-  ނަފްސާނީ ފިއްތުން ތަކުގެ ސަބަބުން ނުވަތަ މަސްތައް ވަރުބަލިވެ ގުޅަކެއުމުން ދިމާވާ ބޮލުގައި ރިހުން: މިހާލަތުގައި ބޮލުގައި ރިހުން ހުންނާނީ ކަދުރާއާއި، ބޮލުގެ ފަހަތުގައެވެ. ނޫނީ ނިއްކުރީގައި ރިހުން ފުރަތަމަ އުފެދި އެއަށްފަހު ބޮލުގެ ދެފަޅިއަށް އެ ރިހުން ފެތުރި ހިގައިދާނެ އެވެ.
- ނަގުލުވާ ބޮލުގައި ރިހުން: މީގެ މާނައަކީ ވަކި ގުނަވަނެއްގެ ސަބަބުން އުފެދޭ ރިހުން ބޮލަށް ވާސިލްވުމެވެ. މިސާލަކަށް ދަތާއި، ލޮލާއި، ނުވަތަ ކަންފަތުގެ ބައްޔެއް ސަބަބުން ބޮލުގައި ރިހުން މެދުވެރި ވެދާނެ އެވެ. މިހާލަތުގައި ރިހުން ހުންނާނީ ބަލި އުފެދިފައި ހުރި ގުނަވަން ނުވަތަ ހިސާބެއްގައެވެ. އެއަށްފަހު ބޮލުގެ އެކި ހިސާބުތަކަށް އެރިހުން ފެތުރި ހިގައިދާނެއެވެ.
-  ބޮލުގެ އެއްފަޅީގައި ރިހުން: ނަމުން ވެސް އެގޭފަދައިން މިހާލަތުގައި ރިހުން ހުންނާނީ ބޮލުގެ ކޮންމެވެސް އެއްފަޅި އެއް ގައެވެ.
-  ސިކުނޑީގައި ވާ ޓިއުމަރ އެއްގެ ސަބަބުން އުފެދޭ ބޮލުގައި ރިހުން: މިހާލަތުގެ ބޮލުގައި ރިހުން ހުންނާނީ ކަންކަށި އަދި ކަންފަތާއި ދިމާލުން މަތިން ބޮލުގެ ކޮންމެވެސް އެއްފަޅި އެއް ގައެވެ.
(2) - ބޮލުގައި ރިހުމަށް ލިބިފައިވާ ބައެއް ޚާއްޞަ ސިފަތައް
-  ވިންދު ޖަހާހެން ހީވާގޮތަށް ހުންނަ ރިހުން: މިއީ ލޭހޮޅިތައް ފުޅާވުން ފަދަ ކަމެއްގެ ސަބަބުން ކުރިމަތިވާ ރިހުމުގެ ވައްތަރެކެވެ. މިސާލަކަށް ''ނިފިޑިޕިން'' ފަދަ ބޭސް ބޭނުންކުރުމުން އުފެދޭ ބޮލުގައި ރިހުމުގެ ސިފައަކީ މިއީ އެވެ.
-  ބަރު ރިހުން: މިއީ ނަފްސާނީ ފިއްތުން ތަކުގެ ސަބަބުން ނުވަތަ މަސްތައް ގުޅަކެއުމުގެ ސަބަބުން އުފެދޭ ބޮލުގައި ރިހުމުގެ ވައްތަރެކެވެ. މިހާލަތުގައި އެއްޗަކުން ބޮލުގައި އަޅާ އޮބާހެން ނުވަތަ ބޮލުގެ ވަށައިގެން ކަމަރެއް ފަދަ އެއްޗަކުން އޮޅާފައިވާ ހެން ބަލިމީހާ އަށް ހީވާނެއެވެ.
- ފަޅައިގެންދާން އުޅޭހެން ހީވާކަހަލަ ގޮތަށް ހުންނަ ރިހުން: މިއީ ސިކުނޑީގައި ޓިއުމަރ އުފެދުމުގެ ސަބަބުން ސިކުނޑީގެ އެތެރޭގެ ޕްރެޝަރ މަތިވުމުން ދިމާވާ ބޮލުގައި ރިހުމުގެ ވައްތަރެކެވެ.
(3) - ބޮލުގައި ރިހުން ކުރިމަތިވި ވަގުތާއި ދިގުދެމި ހުންނަ މުއްދަތު
-  ބޮލުގެ އެއްފަޅީގައި ރިހުން: މިވައްތަރު ރިހުން ކުރިމަތިވަނީ ވަކިވަކި އެޓޭކް ތަކެއްގެ ސިފައިގައެވެ.
-  ނަފްސާނީ ފިއްތުން ތަކުގެ ސަބަބުން ނުވަތަ ލޮލަށްލިބޭ ވަރުބަލިކަމުގެ ސަބަބުން އުފެދޭ ބޮލުގައި ރިހުން: މިވައްތަރުގެ ރިހުން އާންމުކޮށް ކުރިމަތިވަނީ އިރުއޮއްސޭ ވަގުތާއި ހަވީރުކޮޅުގެ ވަގުތު ތަކުގައެވެ.
-  ސިކުނޑީގައި ވާ ޓިއުމަރއެއްގެ ސަބަބުން އުފެދޭ ބޮލުގައި ރިހުން: ދާއިމީ ގޮތެއް ރިހުން ދެމިހުރެއެވެ. އަދި ރިހުމުގެ މިންވަރު އިތުރުވަމުން އާދެއެވެ. ބައެއްފަހަރު މިވައްތަރުގެ ރިހުމުގެ ސަބަބުން ހެދުނު ގަޑީގައި ބަލިމީހާ ނިދިން ހޭލައްވާލައެވެ.
-  ނޭފަތުގެ ފަހަތުގައިވާ ވައިކޮތަޅުތަކުގައި ބަލިއުފެދުމުން ކުރިމަތިވާ ބޮލުގައި ރިހުން: މިވައްތަރުގެ ބޮލުގައި ރިހުން ބޮޑަށް ހުންނާނީ ހެދުނު ކޮޅުއެވެ. އެއީ މިބުނި ވައިކޮތަޅުތަކުގައި އޭގެ ވަށައިގެން ލެވިފައިވާ ތެތްދުލިފަށްތަކުން ބޭރުކުރާ ތެތް ދަވަ ފާނޑުގެ ދިޔައެއް ޖަމާވެފައި ހުންނާތީ އެވެ.
-  ސިކުނޑިއަށް ލޭހިލުން ކުރިމަތިވުމުން އުފެދޭ ބޮލުގައި ރިހުން: މިވައްތަރުގެ ރިހުން ކުރިމަތިވަނީ ކުއްލިއަކަށެވެ. ވޭނާއި އެކު އުފެދޭ ގަދަ ރިހުމަށް ފަހު ވަގުތީ ގޮތުން މީހާގެ ހޭވެރިކަން ގެއްލި ދެއެވެ.
ބޮލުގައި ރިހުން މެދުވެރިވި ސަބަބު ދެނެގަތުމަށް ހެދޭ ބައެއް ޓެސްޓުތައް
(1) - ސިކުނޑީގެ އެކްސް-ރޭ ހެދުން(Brain X-ray): އެކްސް-ރޭ އިން ބޮލުގެ ނާށިގަނޑުގެ ހާލަތު އެތެރެއާއި ބޭރުން ދެނެގަނެވެއެވެ.
(2) - ބޮލުގެ ސީޓީ-ސްކޭން ހެދުން (Computerized Tomography / CT Scan) : މިވައްތަރުގެ ސްކޭން ހެދުމުން ސިކުނޑީގައި އެއްވެސް ކަހަލަ ޓިއުމަރ އެއް ފަދަ އެއްޗެއް ހުރިތޯއާއި، އަދި ސިކުނޑީގެ ހާލަތު ހުރިގޮތް ތަފްޞީލްކޮށް ހޯދެއެވެ.
(3) - ސިކުނޑީގެ ލޭހޮޅިތައް ކުރަހާލުން(Arteriography) : މީގެ ބޭނުމަކީ ސިކުނޑިއާއި ގުޅިފައިވާ ލޭހޮޅިތަކުގައި ލޭދަރުވުން ސަލާމަތުން ހުރިތޯ ބެލުމެވެ. އެއަށްފަހު ކަދުރާގައިވާ ލޭހޮޅިއަކުން ޚާއްޞަ މާއްދާއެއް ސިކުނޑިއަށް ފޮނުވާލައެވެ. އެއަށްފަހު ސިކުނޑީގެ އެކްސް-ރޭ ނެގެއެވެ.
(4) - ލޭގެ ޕްރެޝަރު ހުރި މިންވަރު ބެލުން : މިއީ އެންމެ އާންމުކޮށް ކުރެވޭ އެއް ޓެސްޓެވެ. އެއީ ލޭގެ ޕްރެޝަރ މަތިވުމުންނާއި، އަދި ދަށްވުމުން ވެސް ބޮލުގައި ރިހުން މެދުވެރިކޮށްދާނެތީ އެވެ.
(5) - ލަމްބަރ ޕަންކްޗަރ (Lumber Puncture) : މިޓެސްޓް ހެދެނީ ސިކުނޑި ދުޅަވުން ފަދަ ބަލިތަކާއި ގުޅިގެން ބޮލުގައި ރިހުން ކުރިމަތިވާ ހާލަތްތަކުގައެވެ. ބޭސްވެރިކަމުގައި ބޭނުންކުރެވޭ ވަކިކަހަލަ ތިނޯހެއް ފަދަ އެއްޗެއްގެ އެހީގައި ސްޕައިނަލްކޯޑް އަށް ޚާއްޞަ މާއްދާއެއް މިޓެސްޓް ހެދުމަށް ފޮނުވާލެވެއެވެ. މިމާއްދާ ފޮނުވާލެވެނީ މައިބަދައިގެ އުނަގަނޑާއި ވީ ހިސާބުންނެވެ.
ކާނާ އާއި ބޮލުގައި ރިހުން
ވަރަށް ގިނަ ފަހަރު ކާނާއާއި ބޮލުގައި ރިހުމާއި ގުޅިފައި ވެއެވެ. ދުވާލުގެ ދަންތަކުގެ ތެރެއިން ފަހަރަކު ނުކައި ހައިބަނޑަށް ހުރުން، ނުވަތަ ކާގަޑި ލަސްކޮށްލުން، ނުވަތަ ރޯދައަށް ހުރިކަމުގައި ވިޔަސް ބޮލުގައި ރިހުން ކުރިމަތި ވެއެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެގޭ ގޮތުގައި ކާނާގެ ބައެއް ބާވަތްތަކުގެ ސަބަބުން ބޮލުގައި ރިހުން އުފައްދައެވެ. ޚާއްޞަކޮށް ބޮލުގައި އެއްފަޅީގައި ރިހުން ނުވަތަ ''މިގްރޭން'' ގެ މައްސަލަ ފެންމަތި ކުރުވައެވެ. މިފަދަ ހާލަތްތަކުގައި އެކާނާއެއް ބޭނުންކުރުމާއި ދުރުހެލިވުމުން ބޮލުގައި ރިއްސުމުގެ އަސަރު ފިލައި ދެއެވެ.
ބޮލުގައި ރިހުމާ ގުޅިފައިވާ ކާނާގެ ބާވަތްތައް
(1) - ލޮނާއި ބޮލުގައި ރިހުން
ވަރަށް ގިނަ ބަޔަކު ހަށިގަނޑަށް ބޭނުންވާވަރަށް އިތުރަށް ލޮނު ބޭނުންކުރާ ކަން ފާހަގަކުރެވެއެވެ. އިންސާނާގެ ހަށިގަނޑަށް ދުވާލެއްގެ މައްޗަށް 5-3ގްރާމްގެ ލޮނު ބޭނުންވެއެވެ. މިލޮނު ހަށިގަނޑަށް ލިބެނީ ބޭނުންކުރާ ކާނާގެ ޒަރީއާއިންނެވެ. މީގެ އިތުރުން ލުއިކާނާގެ ގޮތުގައި ބޭނުންކުރެވޭ ޗިޕްސީ އާއި މިނޫން ވެސް ބައެއް ކަހަލަބާވަތްތަކުގެ ތެރެއިން ހަށިގަނޑަށް އެތެރެވާ ލޮނުގެ މިންވަރު އިތުރުވެއެވެ.
ކުރިން ބަޔާންކުރެވުނު އުސޫލުތަކުގެ ތެރެއިން ގޮތަކުން ކުއްލިއަކަށް ނުވަތަ ކުޑަހިނދު ކޮޅެއްގެ ތެރޭގައި ހަށިގަނޑުގައި ލޮނު ހުންނަށްޖެހޭ މިންވަރަށްވުރެ މަތިވެއްޖެ ނަމަ ބޮލުގައި ރިހުން މެދުވެރި ކުރުވައެވެ. މިފަދަ ހާލަތްތަކުގައި ލޮނު ބޭނުންކުރުން މަދުކުރުން ނުވަތަ މެދުމިނެއްގައި ހިފެހެއްޓުމުން ބޮލުގައި ރިހުން ކުޑަކޮށްދީ އެކަމުން މިންޖުކުރުވައެވެ.
(2) - އައިސްކްރީމްއާއި ބޮލުގައި ރިހުން
އައިސްކްރީމް ފަދަ ފިނި ބުއިންތައް ބޭނުންކުރުމަކީ ބޮލުގައި ރިހުން މެދުވެރިކުރުވާ ކަމެކެވެ. މިހާތަނަށް ހޯދިފައިވާ ގޮތުގައި ކުއްލިއަކަށް އަގައިގެ ތެތްކަން އިތުރުވުމަކީ އަގައިގެ ތެރޭގައި ހުންނަ ބައެއް ނާރުތައް ހީވާގި ކުރުވާ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ބޮލުގައި ރިހުން މެދުވެރި ކުރުވައެވެ. ހަމަމިހެން މިގޮތަށް ތެތްކަން އިތުރުވުމަކީ ނޭފަތާ ކޮލުގެ މަސްތައް ކުރުގެޅިގެންދާ ކަމެކެވެ. އެހެންކަމުން މިފަދަ ފިނި(އައިސް) ބުއިންތައް ބޭނުންކުރުމުގައި އެދެވިގެންވާ ގޮތަކީ އަވަސްކޮށް ބުއިމުގެ ބަދަލުގައި މަދުމަދުން ލަހުން ބުއި ހުސްކުރުމެވެ.
(3) - ޕިއްޒާއާއި ބޮލުގައި ރިހުން
ގިނަ އަދަދަކަށް ޗީޒް ބޭނުންކުރުމަކީ ބޮލުގައި ރިހުން މެދުވެރިވާ ކަމެއްކަމަށް ވަނީ ހޯދިފައެވެ. އެއީ ޗީޒްގައި ހުންނަ ''ޓައިރަމީން'' (Tyramine) އޭ ކިޔޭ މާއްދާއެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. ޓައިރަމީން އަކީ ރާމާ ކޮށްގެން ހަދާފައި ހުންނަ މާއްދާ އެކެވެ. ޕިއްޒާ ކެއުމުން ބޮލުގައި ރިހެނީ ޕިއްޒާ ހެދުމަށް ޓައިރަމީން މަތީ އަދަދަކަށް ހުންނަ ރީދޫ ޗީޒް ބޭނުންކުރެވޭތީ އެވެ. ހުދު ޗީޒް ބޭނުންކުރުމަކީ ވެސް ބޮލުގައި ރިހުމުގެ ފުރުސަތު އިތުރުކުރާ ކަމެއްކަމުގައި ބުނެވެއެވެ.
ޕިއްޒާ ބޭނުންކުރުމުން ބޮލުގައި ރިހުން އުފެދޭކަން ފާހަގަވެއްޖެ ނަމަ އެއާއި ދުރުހެލިވުމަކީ ރަގަޅު ކަމެކެވެ. ނުވަތަ ޕިއްޒާ ބޭނުންކުރާ އިރު ޗީޒްއާއި ނުލައި ތައްޔާރުކޮށްފައި ހުންނަ ޕިއްޒާ އިޚްތިޔާރު ކުރެވިދާނެއެވެ. ކުރިން ބަޔާންކުރެވުނު ޓައިރަމީން، ގެރީގެ މެޔާއި، ކުކުޅު އަދި ޗޮކްލޭޓްގައި ވެސް ހުންނަ ކަން ފާހަގަ ކުރެވިފައި ވެއެވެ.
(4) - ރައްކާކޮށްފައި ގިނަދުވަހަށް ބެހެއްޓިފައި ހުންނަ ކާނާގެބާވަތްތަކާއި ބޮލުގައި ރިހުން
ރައްކާކޮށްފައި ގިނަދުވަހު ބެހެއްޓޭ ކާނާގެ ބާވަތްތަކުގެ ތެރެއިން ގެރިމަސް، ސޮސޭޖް، ހޮޓްޑޯގް، ހަމްބަގަރ ފަދަ ތަކެތި ބޭނުންކުރާ ކުރުމުގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތި ވުމަކީ ވެދާނެ ގޮތެކެވެ. އެއީ މިފަދަ ކާނާތައް ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންކުރެވޭ ކެމިކަލް މާއްދާތަކުގެ ތެރޭގައި ހިމެނޭ ނައިޓްރޭޓް (Nitrate)އަދި ނައިޓްރައިޓް (Nitrite) ފަދަ މާއްދާ ތަކުގެ ސަބަބުން ބޮލުގައިވާ ލޭހޮޅިތައް ފުޅާކޮށްލާތީ އެވެ.
(5) - ސައި އަދި ކޮފީއާއި ބޮލުގައި ރިހުން
ކަޅު ސައި އަދި ކޮފީ އަކީ ބޮލުގައި ރިހުން އޭގެ ޒާތުގައި މެދުވެރިކުރުވާ ބާވަތްތަކެއް ނޫނެވެ. މިފަދަ ބާވަތްތަކާއި ގުޅިގެން ބޮލުގައި ރިހުން އުފެދެނީ އާންމުކޮށް ކޮފީ ނުވަތަ ކަޅުސައި ބުއިމަށް އާދަވެފައިވާ މީހަކު ކުއްލިއަކަށް އެކަމުން ދުރުވެ މަނާވެގަންނަ ހާލަތްތަކުގައެވެ. އެއީ މިބުނި ބާވަތްތަކުގެ ކެފޭއިން އެކުލެވިފައި އަދި ކެފޭއިން އަކީ ލޭހޮޅިތައް ފިއްތާލާ މާއްދާއަކަށް ވާތީ، ކުއްލިއަކަށް މިބުނި ބާވަތްތައް ބޭނުންކުރުން ހުއްޓާލުމުން ލޭހޮޅިތައް ފުޅާވެ، ބޮލުގައި ރިހުމުގެ އިހްސާސް މެދުވެރި ކުރުވަނީ އެވެ.
(6) - ބަނގުރަލާއި ބޮލުގައި ރިހުން
ރާބުއިމުން ބޮލުގައި ރިހުން މެދުވެރި ކުރުވާ ދެސަބަބެއް ވެއެވެ. ފުރަތަމަ ސަބަބަކީ ރަލަކީ ލޭހޮޅިތައް ފުޅާކޮށްލާ މާއްދާ އަކަށް ވުމެވެ. ދެވަނަ ސަބަބަކީ ރާބުއިމަކީ ހަށިގަނޑުގައި އެކުލެވޭ ހަކުރު(ގުލޫކޯޒް)ގެ މިންވަރު ބަދަލުގެނުވާ، ނުވަތަ އޭގެ މިންވަރު ދަށްކުރުވާ މާއްދާއަކަށް ވުމެވެ.
ކާނާއާއި ބޮލުގެ އެއްފަޅީގައި ރިހުން
ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ ''މައިގްރޭން''(migraine)ގެ މައްސަލަ ވަރަށް ގިނަ ފަހަރު ކެވޭ ކާނާއަކާއި ނުގުޅުމުގެ ސަބަބުން ކުރިމަތި ވެއެވެ. މިފަދަ ހާލަތްތަކުގައި ބޮލުގައި ރިހުން މެދުވެރިކުރުވީ ވަކިކާނާއެއް ބޭނުންކުރުމުން ކަން ދެނެގަނެ އެކާނާއެއް ބޭނުންކުރުމާއި ދުރުހެލިވުމުން ބޮލުގައި ރިހުން ފިލައިދެއެވެ.
އެތައް ޒަމާންތަކެއް ކުރިން ވެސް ބޮލުގެ އެއްފަޅީގައި ރިހުމާއި ކާނާއާއި ގުޅުމެއް ވާކަން ވަނީ ހޯދިފައެވެ. ކެއިން ބުއިމުގައި ބޭނުންކުރެވޭ ކާނާގެ ތަފާތު ބާވަތްތަކުގެ ސަބަބުން ބޮލުގެ އެއްފަޅީގައި ރިހޭގޮތް މެދުވެރިކުރުވައެވެ. ވަކިން ޚާއްޞަކޮށް ޗޮކްލޭޓް އަދި ޗީޒްގެ ސަބަބުން މިބުނި ވައްތަރުގެ ބޮލުގައި ރިހުން އުފެދޭ ކަމަށް ވަނީ ހޯދިފައެވެ. މިއަދު ވަނީ ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރިކުރުވާ އެހެން ތަފާތު ބާވަތްތައް ވެސް ހޯދިފައެވެ. ނަމަވެސް އަދިވެސް މިފަދަކާނާތަކުގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިވަނީ ކިހިނެއް ކަމެއް ހޯދިފައެއް ނުވެއެވެ. ''ޑޮޕަމިން''(Dopamine) އަދި ''ޓްރިޕްޓަމީން'' (Tryptamine) ފަދަ މާއްދާތައް އެކުލެވޭތީ ދިމާވާ ކަމެއް ކަމަށެވެ.
މިބުނި މާއްދާތަކަކީ ލޭހޮޅިތައް ފިއްތާލާ(ކޮންޓްރެކްޝަން އުފައްދާ) މާއްދާ ތަކެވެ. އެކަމަކު ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންގެ ހަށިގަނޑު މިބުނި މާއްދާތަކުގެ ސަބަބުން ލޭހޮޅިތައް ކޮންޓްރެޓްއެއް ނުކުރުވައެވެ. އެއީ މިބުނި ލޭހޮޅިތައް ކޮންޓްރެކްޓްކުރުވާ މާއްދާތަކުގެ މަސައްކަތް ފުރިހަމަވުމަށް ބޭނުންވާ''މޮނޯއަމައިން އޮކްސިޑޭޒް''(Monoamine Oxidase) އޭ ކިޔޭ އެންޒައިމް ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންގެ ހަށިގަނޑުގައި މަދުވާތީ އެވެ. އެހެން ކަމުން ލޭހޮޅިތައް ފުޅާވެ، ބޮލުގައި ރިހުން މެދުވެރި ކުރުވަނީ އެވެ.
ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތި ކުރުވަނީ ކެއިން ބުއިމުގައި ބޭނުންކުރެވޭ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއް ބޭނުންކުރެވުން ކަމަށްވުމަކީ ވެދާނެގޮތެކެވެ. މިޓޭބަލްގައި މިވާ ކާނާގެ ބާވަތްތަކަކީ ތަފާތު ބާހިޘުންގެ ހޯދުންތަކުން މިބާވަތްތައް ބޭނުންކުރުމުން ބައެއް މީހުންނަށް ބޮލުގައި ރިހުން އުފެދިދާނެ ކަމަށް ފާހަގަކުރެވިފައިވާ ކާނާގެ ބާވަތްތަކެވެ. އެހެން ކަމުން މިފަދަ ކާނާގެ ބާވަތެއް ކެއުމުން ބޮލުގައި ރިއްސާކަން ފާހަގަވެއްޖެނަމަ އެވައްތަރެއް ދެނެގަނެ އެބޭނުންކުރުމާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.
މޭބިސްކަދުރު
އުއްދަނޑި
ޗީޒް
ކޮފީ
 ދޮންކެޔޮ
ޓޮމާޓޯ
ޗޮކްލެޓް
ސައި
ސްޓޯބެރީ
ކެރެޓް
މަސް
ގެރިކިރު
އާފަލް
އަލުވި
ބިސް
ލޮނު
ޕީޗް
ފިޔާ
ސޯޔާބީންސް
ހަނޑޫ
ކަރާ
ޒުވާރި
ބަނގުރާ
ގޮދަން
އޮރެންޖު
ކުދި ބަދަން
ކިރު
ހަކުރު
ބޮލުގައި ރިހުމުން ރައްކާތެރިވުމަށް ބޭނުންކުރެވިދާނެ ކާނާގެ ބާވަތްތައް
(1) - މަހުގެ ތެޔޮ(ފެޓް) އަދި ބޮލުގައި ރިހުން
ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ މައިގްރޭން ގެ އުދަގޫ ހުންނަ މީހުން ޖަނަވާރުތަކުގެ ފެޓް އެކުލެވޭ ކާނާ މަދުކޮށް މަހުގެ ތެޔޮ އެކުލެވޭ ކާނާ ބޭނުންކުރުން ގިނަކުރުމަކީ މައިގްރޭން ގެ އުދަގޫ ކުޑަކޮށްދޭ ކަމެއްކަމުގައި ބުނެވެއެވެ.
އިގިރޭސި ވިލާތުގެ ޔުނިވަސިޓީއަކުން ހެދި ދިރާސާއެއްގައި މިގްރޭންގެ އުދަގޫ ފޯރަމުން ދިޔަ 7 ބަލިމީހުންނަށް ޕްލާންޓް އޮއިލް ކެޕްސޫލްތަކެއް ހަފްތާއެއް ވަންދެން ދުވާލުގެ މައިގަނޑު ކެއުންކާ ގަޑިތަކުގައި ދެވުނެވެ. ހަފްތާއެއް ފަހުން ބެލިބެލުމުން އެމީހުންނަށް ދިމާވެފައިވާ މައިގްރޭން ގެ މައްސަލައަށް އެއްވެސް ބަދަލެއް އައިކަމެއް ފާހަގަ ކުރެވިފައެއް ނުވެއެވެ. އެއަށްފަހު ފިޝް އޮއިލް ކެޕްސޫލްތަކެއް ( ކުރިން ދިން ޑޯޒްއާއި އެއްވަރަކަށް ) 6 ހަފްތާ ވަންދެން ދެވުނެވެ. އެއަށްފަހު ބެލިބެލުމުން މިގްރޭން ކުރިމަތިވުން 2/1 ކުޑަވެފައިވާ ކަން ފާހަގަވި އެވެ.
އޭގެ ފަހުން އެމެރިކާގެ ކާނާއާއި ބެހޭ މަޖައްލާއަކުން ނެރުނު ރިޕޯޓެއްގައި ވަނީ ނަފްސާނީ ފިއްތުން ތަކުގެ ސަބަބުން ބޮލުގައި ރިހުން ކުރިމަތިވެފައިވާ 6 ބަލިމީހަކަށް ދުވާލަކު 20ގްރާމްގެ މަހުތެޔޮ ދީގެން އެމީހުންގެ ބޮލުގައި ރިހުމަށް ފަރުވާ ދެވި، ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. މިގޮތުން އެންމެ އާންމުކޮށް ބޭނުންކުރެވެނީ ބޮޑުމަހު ތެޔޮ ގުޅަ އެވެ.
(2) - ވިޓަމިން ބީ-ކޮމްޕްލެކްސް އާއި ބޮލުގައި ރިހުން
ވިޓަމިން ބީ ކޮމްޕްލެކްސް ގެ ތެރޭގައި ވިޓަމިން ބީ1، ބީ6، ބީ12، ނިއެސިން، ރައިބޯފްލެވިން، އަދި ފޮލިކް އެސިޑް ފަދަ މާއްދާތައް ހިމެނެއެވެ. ދިރާސާއަކުން އެގިފައިވާގޮތުގައި ބޮލުގައި އެއްފަޅީގައި ރިހުން(މައިގްރޭން)ހުންނަ މީހުންނަށް ނިއެސިން ދިނުމަކީ އެކަމުގެ އުދަގޫ ވަރަށްބޮޑު ތަން ކުޑަކޮށްދޭ ކަމެކެވެ. އެހެން ކަމުން މިގްރޭން ގެ އަސަރު ފެންނަށް ފަށާހިނދު ނިއެސިން ބޭނުންކުރުން ރަގަޅުކަމުގައި ޞިއްޙީ މާހިރުން ވިދާޅުވެއެވެ. ހަމަމިހެން އާދައިގެ ބޮލުގައި ރިހުމުން ސަލާމަތްވުމަށް ވެސް ނިއެސިން ބޭނުންކުރެވެއެވެ.
ވިޓަމިން ބީ އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމުމަހާއި އޭގެމޭ، ކަނޑުމަސް، ކެރެޓް، ހިއްކާފައި ހުންނަ ތޮޅި، ސްޕިނެޗް ފަދަ ތަކެތި ހިމެނެއެވެ.
(3) -  މެގްނީޒިއަމްއާއި ބޮލުގައި ރިހުން
ކާނާގައި މެގްނީޒިއަމް އެކުލެވޭ މިންވަރު މަތިވުމަކީ ބޮލުގައި ރިހުން ކުޑަކޮށްދޭނެ ކަމެކެވެ. އެއީ މެގްނީޒިއަމްގެ ސަބަބުން ފިތިވާންވެ، ކުރުގެޅި، ގުޅަކާފައިވާ މަސްތައް ހަމައަކަށް އެޅިދާތީ އެވެ. މެގްނީޒިއަމް އިން މުއްސަދިވެފައިވާ ކާނާގެ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، ކިރު، ތަފާތުވައްތަރުގެ ބަދަން ނުވަތަ ސީޑްސް، އަލްމަންޑް، ތަފާތު ބާވަތްތަކުގެ ތޮޅިތައް، ފަދަ ބާވަތްތައް ހިމެނެއެވެ.
(4) - ކޮރެސްޓީން އާއި ބޮލުގައި ރިހުން
ކޮރެސްޓީން (Querectin)އަކީ ކާނާއާއި ގުޅިގެން އުފެދޭ ބޮލުގައި ރިހުމުން މިންޖުވުމަށް އެހީތެރިވެދޭ ކެމިކަލް މާއްދާ އެކެވެ. މިމާއްދާގެ އޮނިގަނޑު އުފެދިފައިވާ ގޮތުން ނޭވާ ހިއްލުން ފަދަ ބަލިތަކަށް ދީ އުޅޭ '' ސޯޑިއަމް ކްރޯމޯގްލައިކޭޓް''(Sodium Cromoglycate)އާއި ވަރަށް އެއްގޮތެވެ.
(5) - އާފަލާއި ބޮލުގައި ރިހުން
އެމެރިކާގެ މިޗިގަން ޔުނިވަސިޓީގައި ކިޔަވާދަރިވަރުން ގެ މެދުގައި ހެދުނު ދިރާސާއަކުން އެގިފައިވާ ގޮތުގައި އާފަލް ބޭނުންކުރާ ދަރިވަރުންނަށް ވުރެ އެބޭނުން ނުކުރާ ދަރިވަރުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރު އިތުރެވެ. އާފަލަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ހަމައެއްގައި ހިފަހައްޓައިދީ، އޭގައި އެކުލެވޭ ފައިބަރު ގެ ސަބަބުން ބަނޑުހިކުމުގެ އުދަގުލުން މިންޖުކޮށްދޭ އެއްޗެކެވެ. ބޮލުގައި ރިހުން މެދުވެރިވުމުގެ ސަބަބުތަކުގެ ތެރޭގައި ބަނޑުހިކުން، އަދި ލޭގެ ހަކުރުގެ މިންވަރަށް ބަދަލުއައުން ފަދަ ކަންތައްތައް ހިމެނެއެވެ. އެހެންކަމުން ކުރިން ބުނި ދިރާސާހެދި އިލްމުވެރިން އާފަލް ކެއުމަށް ނަޞޭހަތްތެރިވެފައި ވެއެވެ. މިގޮތުން ހެދުނުގެ ނާސްތާގައި އަދި ރޭގަނޑު ކެއުމުގެ ކުރިން އާފަލެއް ބޭނުންކުރުމަކީ ރަގަޅުކަމެކެވެ.
(6) - އާމަންޑްގެ ބާވަތްތަކާއި ބޮލުގައި ރިހުން
އާމަންޑް ބޭނުންކުރުމުން ބޮލުގައި ރިހުން ކުޑަކޮށްދެއެވެ. އެއީ އޭގައި އެކުލެވޭ ސަލިސައިލިކް އެސިޑްގެ ސަބަބުންނެވެ. އަލްމަންޑްގެ 15އެތިކޮޅުގައި އެންމެ އެސްޕިރިން ގުޅައެއްގައި ހުންނަ މިންވަރަށް ސަލިސައިލިކް އެސިޑް ހުރެއެވެ.އާމަންޑް ބޭނުންކުރުމުން އެއްވެސް ކަހަލަ ނުރަގަޅު އަސަރެއް ހަށިގަނޑަށް ކުރިމަތިވާކަން ހޯދިފައި ނުވާތީ ''ޠަބީޢީ ފަރުވާ'' އެއްގެ ގޮތުގައި އާމަންޑް ބޭނުންކުރެވެއެވެ.
ބޮލުގައި ރިހުމުން މިންޖުވުމަށް ބޭނުންކުރެވިދާނެ ކާނާއާއި ގުޅޭ 5ނަޞޭހަތެއް
(1) -  ކޮންމެ ދުވަހެއްގެ ކާނާގައި އަންނަނިވި ބާވަތްތައް ހިމެނުން ހަދާން ބަހައްޓާށެވެ.
(ހ) - މަހު ތެޔޮ : ދުވާލަކު 2ގްރާމް
(ށ) - ނިއެސިން : ދުވާލަކު 50ގްރާމް
(ނ) - މެގްނީޒިއަމް : ދުވާލަކު 500މިލިގްރާމް
(ރ) - ކޮރެސްޓީން : ދުވާލަކު 500މިލިގްރާމް
(2) - ކޮންމެ ދުވަހެއްގެ ކާގަޑިތަކުގައި ލަސްނުކޮށް ނުވަތަ ފަރުވާކުޑަނުކޮށް ކެއުމަށް ސަމާލުކަން ދޭށެވެ.
(3) - އަންނަނިވި ބާވަތްތަކުގެ ކެއުމާއި ބުއިންތަކުން ދުރުހެލިވާށެވެ. މިގޮތުން ޗޮކްލޭޓް، ޗީޒް، ލޮނުގެ ބާވަތްތައް، ކިރުގެ އުފެއްދުންތައް، ރައްކާކުރެވިފައި ހުންނަ އެއްގަމު މަހުގެ ބާވަތްތައް، ކޮފީ، ކަޅުސައި ފަދަ ބާވަތްތައް ބޭނުންކުރުމާއި ދުރުހެލިވާށެވެ .
(4) - މެގްނީޒިއަމް އިން މުއްސަދިވެފައިވާ ކާނާ ގިނަގިނައިން ބޭނުންކުރާށެވެ. މެގްނީޒިއަމް އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި ކަނޑުބިލަމަހާއި މިނޫން ވެސް ތަފާތު ބާވަތްތަކުގެ މަސްތައް ހިމެނެއެވެ.
(5) - ދުވާލުގެ މައިގަނޑު ކެއުމުގެ ތެރޭގައި ބަދަން، ސީޑްސް، ޗިޕްސީ، ޗޮކްލޭޓް، އަދި ފޮނިކާނާ ބޭނުންކުރުން މަދުކުރާށެވެ.
ބޮލުގެ އެއްފަޅީގައި ރިހުން
ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ ''މައިގްރޭން'' (Migraine) ފުރަތަމަ ހޯދާފައިވަނީ މީލާދީން 80ވަނަ އަހަރު ތުރުކީގެ ޑޮކްޓަރެއްކަމުގައިވާ ''އެރީޓިއޫސް'' އެވެ. އޭރު މިބައްޔަށް ދެވިފައިވާ ނަމަކީ ''ހެޓީރޯކްރޭނިއާ''(Heterocrania)އެވެ. މިބަހުގެ ލަފްޒީ މާނައަކީ ''ތަފާތު ބޯ'' ނުވަތަ ''ތަފާތު ބޮލެވެ''. މިއިން ދޭހަކޮށްދެނީ ''ބޮލުގެ ކަނާތް ނުވަތަ ވާތް ފަރާތުގައި އުފެދޭ ރިހުމެވެ''.
އޭގެ 100 އަހަރު ފަހުން ދުނިޔެއަށް ނަން މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ''ގާލެން'' މިބައްޔަށް ''ހެމިކްރޭނިއާ''(Hemicrani)ގެ ނަންދިނެވެ. މިބަހުގެ ލަފްޒީ މާނައަކީ ''ބޮލުގެ ދެބައިކޮށްފައި އެއްބަޔެވެ''. އިގިރޭސި ބަހަށް ''މައިގްރޭން'' ނެގިފައިވަނީ މިބަހުންނެވެ. ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ ''މައިގްރޭން'' ބައްޔެއްގެ ސިފައިގައި މަޝްހޫރުވެގެން ދިޔައީ މަޝްހޫރު އެތައް އިލްމުވެރިންނާއި، ޒަޢީމުންނަކަށް މިބަލީގެ އުދަގޫފޯރައި އެއަށް ފަރުވާ ހޯދާފައިވާތީ އެވެ.
ބޮލުގެ އެއްފަޅީގައި ރިހުމުގެ ވައްތަރުތައް
(1) - ކްލަސިކް މައިގްރޭން (Classic Migraine)
ވިރާސީ ކަމަކާއި ގުޅިފައިވާ މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތިވާން ފަށަނީ ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރާ އުމުރާއި، ފުރާވަރަށް އަޅާ އުމުރުގެ ދުވަސްވަރުގައެވެ. އުމުރުން ދުވަސްވާވަރަކަށް ރަގަޅުވަމުން އައިސް، އިއްދައިން ކެނޑޭއުމުރަށް އެޅުމުން އަންހެނުންނަށް މިވައްތަރުގެ ބޮލުގެ ރިހުމުގެ އުދަގޫ އެއްކޮށް އާންމުގޮތެއްގައި ފިލައިދެއެވެ. އިއްދައިން ކެނޑުމަށްފަހު ވެސް މިވައްތަރު ބޮލުގެ ރިހުމުގެ އުދަގޫ މަދުން ނަމަވެސް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ.
މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތިވުމުގެ ކުރިން ވިދުވަރެއް ކަހަލަ އައްޔެއް ފެނުން، ހަރަކާތްކުރާ ތިކިތަކެއް ނުވަތަ ކަންކުތި ރޮގުތަކެއް ފެނުން ފަދަ ކަންތައް ދިމާވެއެވެ. މީގެ އިތުރުން ވަކި އޭންގަލް އަކުން ރަގަޅަށް ނުފެނުން، އަދި ހަށިގަނޑުގެ އެއްފަޅީގައި މަތިން ފެށިގެން ތިރިއަށް އައްސިވެފައި ހުންނަ ހެން ހީވާނެއެވެ. މިބުނި ކަންތައްތަކަށް ފަހު ބޮލުގައި ރިހުން ކުރިމަތިވުމުން އެއާއިއެކު މޭނުބައިކުރުން، ހޮނޑުލެވުން، އަދި އައްޔަށް ނުގުޅުން ފަދަ ކަންކަން ދިމާވެއެވެ. މިބުނި ކަންތައްތައް 48-6ގަޑިއިރާއި ދެމެދުގެ ވަގުތަކަށް ދެމިހުރެއެވެ.
ޚާއްޞަކޮށް އަންހެނުންނަށް މައްސަރުކަންތައް ޖެހުމުގެ ކުރިން އޮންނަ ދުވަސްކޮޅު މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތިވުން އިތުރުވެއެވެ. ދޭރެތެރެ ދުރުކުރުމަށް ދީ އުޅޭ ބޭސްތަކުގެ ސަބަބުންވެސް މިވައްތަރުގެ ބޮލުގައި ރިހުން އުފައްދައެވެ.
(2) - ކޮމަން މައިގްރޭން (Common Migraine)
މިއީ މައިގްރޭންގެ އެންމެ އާންމު ވައްތަރެވެ. މިވައްތަރު އާންމުކޮށް ކުރިމަތިވަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިގަނޑަށް ވަރުބަލިކަން ލިބިފައިވަނިކޮށް އަރާމްކުރުމަށް ޖައްސާލާ ހިނދުގައެވެ. ހަފްތާގެ މަސައްކަތްކުރާ އެންމެ ފަހު ދުވަހުގައި ވަރަށް ގިނަމީހުންނަށް މިވައްތަރުގެ ބޮލުގައި ރިހުން ކުރިމަތި ކުރުވައެވެ.
(3) - ކްލަސްޓަރ ހެޑޭކް(Cluster headache)
ވަރަށްމަދުން ފެންނަ މިވައްތަރުގެ ބޮލުގައި ރިހުން ބޮޑަށް މެދުވެރިވަނީ ފިރިހެނުންނަށެވެ. ހަވީރުކޮޅާއި، ރޭގަނޑު ކުރިމަތިވާ މިވައްތަރުގެ ބޮލުގައި ރިހުން 6-3ހަފްތާއާއި ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. އެއަށްފަހު އެތައް މަސްތަކެއް ވަންދެން މިވައްތަރުގެ ބޮލުގައި ރިހުމުގެ އަސަރު ނުފެނި ހިގައިދެއެވެ.
އާންމުގޮތެއްގައި ރިހުން ހުންނަނީ ބޮލާއި މޫނުގެ އެއްފަޅީގައި ޚާއްޞަކޮށް ލޮލުގެ މަތިން ބުމަ އެކުލެވޭ ހިސާބުގައެވެ. ރިހުން މަޑުމަޑުން ގަދަވަމުން އައިސް، 2ގަޑިއިރު ވަރު ވަންދެން އެއްވަރެއް ރިހުން ހިފެހެއްޓިފައި ހުރެއެވެ. އެއަށްފަހު ނިތްކުރި، ކަންކަށި، ބޮލުގެ އެއްފަޅިއަށް ރިހުން ފެތުރިގެން ދެއެވެ. އެއާއިކު ލޮލުން ފެންއައިސް، ރަތްވެ، ލޮލުގެ ބޮނޑީގައި ދޫކަމެއް އުފެދި، ކަޅި ހަނިވާގޮތް ވެއެވެ. މިވައްތަރު ބޮލުގައި ރިހުން އުފެދުމުގެ އެންމެ އާންމު އެއްސަބަބަކީ ބަނގުރާ ބުއިމެވެ.
(4) - ވާޓެބްރޯ ބޭސިލާ މައިގްރޭން (Vertebrobasilar Migraine)
މިވައްތަރު ގެ މައިގްރޭން ކުރިމަތިވަނީ ކަދުރާއާއި ސިކުނޑީގެ ދަށުގައިވާ ''ސެރިބިލަމް''(Cerebellum)އޭ ކިޔޭ ބަޔަށް ކާނާ ފޯރުކޮށްދޭ ލޭހޮޅީގެ ވަޒީފާ އަށް ލޮޅުމެއް ނުވަތަ ބުރުލެއް އަރާފައި ވާނަމަ އެވެ. މިބުނި ދެބަޔަށް ކާނާ ފޯރުކޮށްދޭ ލޭހޮޅިއަށް ކިޔަނީ ''ވާޓެބްރޯ ބޭސިލާ އާރޓަރީ''(Vertebrobasilar Artery)އެވެ. ކުރިން ބުނި ސަރިބިލަމް އަކީ ހަށިގަނޑުގެ ހަމަހިފެހެއްޓުމުގެ ވަޒީފާ ފުރިހަމަކޮށްދޭ ބައި ކަމަށްވުމާއި އެކު، މިވައްތަރުގެ ބޮލުގެ ރިހުމާއި އެކު، ހަށިގަނޑުގެ ހަމަހިފެހެއްޓުން ގެއްލުން، ތަކެތި ޑަބަލްކޮށް ފެނުން، އަދި ވަށައިގެންވާ ވެށި އެބުރޭހެން ހީވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. އާންމުގޮތެއްގައި ރިހުން ހުންނާނީ ބޮލުގެ ފަހަތުން އެއްފަޅިއެއްގައެވެ. މިއީ ވެސް ވަރަށް މަދުންނޫނީ ކުރިމަތިނުވާ މައިގްރޭންގެ ވައްތަރެކެވެ.
(5) - ފޭޝަލް މައިގްރޭން (Facial Migraine): މިވައްތަރުގައި ރިހުން ހުންނަނީ މޫނުގެ އެއްފަރާތަކުން ތިރީގައެވެ. އާންމުކޮށް މޭނުބައިކޮށް ހޮނޑުލެވުން ބޮލުގައި ރިހުމާއި އެކު މިވައްތަރުގެ ސަބަބުން މެދުވެރި ކުރުވައެވެ.
(6) - ހެމިޕްލެޖިކް މައިގްރޭން (Hemiplegic Migraine)
މިއީ ބޮލުގެ އެއްފަޅީގައި ރިހުމުގެ ވަރަށް ނާދިރު ވައްތަރެކެވެ. އާންމުގޮތެއްގައި މިއީ ވާރުތަކުރާ ހާލަތެކެވެ. މިހާލަތުގައި ކޮންމެވެސް އެއްފަރާތެއްގެ އަތާއި މުލައްދަނޑީގައި ކުޑަމިންވަރަކަށް ބާރުދަށްވުން(ވާގިނެތުން / ވާވުން) މެދުވެރިކުރުވައެވެ. ބޮލުގައި ރިހުން ފިލައިދިއުމަށްފަހު ދުވަސްކޮޅެއް ވަންދެން މިބުނި ބާރުދެރަވުން ދެމިހުރެއެވެ. ސިކުނޑިއާއި ގުޅިފައިވާ ލޭހޮޅިއެއްގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ދެނެގަތުމަށް މިވައްތަރުގެ ބޮލުގައި ރިހުން ރަގަޅަށް ހޯދައި ބަލަންޖެހެއެވެ.
(7) - އޮފްތަލްމޯ ޕްލެޖިކް މައިގްރޭން (Ophthalmoplegic Migraine)
މިއީ ވެސް ބޮލުގެ އެއްފަޅީގައި ރިހުމުގެ ވަރަށް ނާދިރު ވައްތަރެކެވެ. މިހާލަތުގައި ލޮލުގެ ވަށައިގެން ރިހުން ހުރެއެވެ. އަދި ލޮލުގެ ގޮބޮޅީގެ ވަށައިގެންވާ މަސްތަކަށް ހަރަކާތްގެނުވައިދޭ ނާރުތަކަށް ކާނާ ލިބިދިނުމަށް ހުރަސްއެޅި އަވަރުވުން ފަދަ ކަންތައްތައް މެދުވެރިކުރުވައެވެ.
(9) - ސްޓެޓަސް މައިގްރެނޯޒިސް (Status Migranosis)
ވަރަށް މަދުން ދިމާވާ މިހާލަތުގައި ބޮލުގެ އެއްފަޅީގައި ރިހި، ދިގުމުއްދަތަކަށް ހޮނޑުލެވުން ކުރިމަތި ކުރުވައެވެ. އަވަސް ފަރުވާ އެއް ނުހޯދައިފިނަމަ ހޮނޑުލެވުމާއި ހަށިގަނޑުން ގިނައަދަދަކަށް ދިޔާތަކެތި ބޭރުވެ، ހަށިގަނޑުން ފެން ހުސްވުން ކުރިމަތި ކުރުވައެވެ. އެހެންކަމުން އެދެވިގެންވަނީ ވީއެންމެ އަވަހަކަށް ހޮސްޕިޓަލަށް ގޮސްގެން ފަރުވާ ލިބިގަތުމެވެ.
ބޮލުގެ އެއްފަޅީގެ ރިހުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު
ކަނޑައެޅިގެން ބޮލުގެ އެއްފަޅީގައި ރިހެނީ ވަކި ސަބަބަކާއި ހެދިކަމެއް އަދި އެގިފައެއް ނުވެއެވެ. މިހާތަނަށް ހޯދިފައިވާ ނަޒަރިއްޔާތަކުން އެންމެ ބޮޑަށް ބުރަވެވެނީ ސިކުނޑީގެ ވަށައިގެންވާ ލޭހޮޅިތަކަށް ބުރުލެއް އެރުމުން ދިމާވާ ކަމެއްކަމަށެވެ. މިނަޒަރިއްޔާ ބުނާގޮތުން ތަފާތު ކެމިކަލް ތަކުގެ ސަބަބުން މިލޭހޮޅިތައް ކޮންޓްރެކްޓް(ހަނިވެ، ފިތުން) ވުމުން ލޮލުގެ ފެނުމަށް ބަދަލު ގެނުވައެވެ. އެއަށްފަހު އެލޭހޮޅިތައް ދެމިފުޅާވެ، ހަމައަކަށް އެޅުމުން ބޮލުގައި ރިހުން މެދުވެރި ވަނީ އެވެ.
ބޮލުގެ އެއްފަޅީގައި ރިހެނީ ކޮންމެ ނަޒަރިއްޔާއެއްގެ ދަށުން ކަމަށް ވިޔަސް މިހާތަނަށް ހޯދިފައިވާ ގޮތުގައި މިބަލީގެ 90-80އިންސައްތަ މެދުވެރި ކުރުވަނީ ބޭނުންކުރެވޭ ކާނާއާއި ނުގުޅުމުގެ ސަބަބުންނެވެ. މިގޮތުން ތަފާތު ބާހިޘުންގެ ދިރާސާތަކުން ކަނޑައެޅިގެން ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރިކުރުވާ ކަމަށް ސާބިތުވެފައިވާ ބާވަތްތަކުގެ ތެރޭގައި ސައި، ކޮފީ، ގޮދަން، ޒުވާރި، ކިރު، ޗީޒް، ޗޮކްލޭޓް، ފަދަ ބާވަތްތައް ހިމެނެއެވެ.
ކާނާއާއި ބޮލުގެ އެއްފަޅީގައި ރިހުން
ބޮލުގެ އެއްފަޅީގައި ރިހުން ނުވަތަ ''މައިގްރޭން''(migraine)ގެ މައްސަލަ ވަރަށް ގިނަ ފަހަރު ކެވޭ ކާނާއަކާއި ނުގުޅުމުގެ ސަބަބުން ކުރިމަތި ވެއެވެ. މިފަދަ ހާލަތްތަކުގައި ބޮލުގައި ރިހުން މެދުވެރިކުރުވީ ވަކިކާނާއެއް ބޭނުންކުރުމުން ކަން ދެނެގަނެ އެކާނާއެއް ބޭނުންކުރުމާއި ދުރުހެލިވުމުން ބޮލުގައި ރިހުން ފިލައިދެއެވެ.
އެތައް ޒަމާންތަކެއް ކުރިން ވެސް ބޮލުގެ އެއްފަޅީގައި ރިހުމާއި ކާނާއާއި ގުޅުމެއް ވާކަން ވަނީ ހޯދިފައެވެ. ކެއިން ބުއިމުގައި ބޭނުންކުރެވޭ ކާނާގެ ތަފާތު ބާވަތްތަކުގެ ސަބަބުން ބޮލުގެ އެއްފަޅީގައި ރިހޭގޮތް މެދުވެރިކުރުވައެވެ. ވަކިން ޚާއްޞަކޮށް ޗޮކްލޭޓް އަދި ޗީޒްގެ ސަބަބުން މިބުނި ވައްތަރުގެ ބޮލުގައި ރިހުން އުފެދޭ ކަމަށް ވަނީ ހޯދިފައެވެ. މިއަދު ވަނީ ބޮލުގެ އެއްފަޅީގައި ރިހުން މެދުވެރިކުރުވާ އެހެން ތަފާތު ބާވަތްތައް ވެސް ހޯދިފައެވެ. ނަމަވެސް އަދިވެސް މިފަދަކާނާތަކުގެ ސަބަބުން ބޮލުގައި ރިހުން މެދުވެރިވަނީ ކިހިނެއް ކަމެއް ހޯދިފައެއް ނުވެއެވެ. ''ޑޮޕަމިން''(Dopamine) އަދި ''ޓްރިޕްޓަމީން'' (Tryptamine) ފަދަ މާއްދާތައް އެކުލެވޭތީ ދިމާވާ ކަމެއް ކަމަށެވެ.
މިބުނި މާއްދާތަކަކީ ލޭހޮޅިތައް ފިއްތާލާ(ކޮންޓްރެކްޝަން އުފައްދާ) މާއްދާ ތަކެވެ. އެކަމަކު ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންގެ ހަށިގަނޑު މިބުނި މާއްދާތަކުގެ ސަބަބުން ލޭހޮޅިތައް ކޮންޓްރެޓްއެއް ނުކުރުވައެވެ. އެއީ މިބުނި ލޭހޮޅިތައް ކޮންޓްރެކްޓްކުރުވާ މާއްދާތަކުގެ މަސައްކަތް ފުރިހަމަވުމަށް ބޭނުންވާ''މޮނޯއަމައިން އޮކްސިޑޭޒް''(Monoamine Oxidase) އޭ ކިޔޭ އެންޒައިމް ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހުންގެ ހަށިގަނޑުގައި މަދުވާތީ އެވެ. އެހެން ކަމުން ލޭހޮޅިތައް ފުޅާވެ، ބޮލުގައި ރިހުން މެދުވެރި ކުރުވަނީ އެވެ.
ބޮލުގެ އެއްފަޅީގައި ރިހުން ކުރިމަތި ކުރުވަނީ ކެއިން ބުއިމުގައި ބޭނުންކުރެވޭ އަންނަނިވި ބާވަތްތަކުގެ ތެރެއިން ބާވަތެއް ބޭނުންކުރެވުން ކަމަށްވުމަކީ ވެދާނެގޮތެކެވެ. މިޓޭބަލްގައި މިވާ ކާނާގެ ބާވަތްތަކަކީ ތަފާތު ބާހިޘުންގެ ހޯދުންތަކުން މިބާވަތްތައް ބޭނުންކުރުމުން ބައެއް މީހުންނަށް ބޮލުގައި ރިހުން އުފެދިދާނެ ކަމަށް ފާހަގަކުރެވިފައިވާ ކާނާގެ ބާވަތްތަކެވެ. އެހެން ކަމުން މިފަދަ ކާނާގެ ބާވަތެއް ކެއުމުން ބޮލުގައި ރިއްސާކަން ފާހަގަވެއްޖެނަމަ އެވައްތަރެއް ދެނެގަނެ އެބޭނުންކުރުމާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ.
މޭބިސްކަދުރު
އުއްދަނޑި
ޗީޒް
ކޮފީ
 ދޮންކެޔޮ
ޓޮމާޓޯ
ޗޮކްލެޓް
ސައި
ސްޓޯބެރީ
ކެރެޓް
މަސް
ގެރިކިރު
އާފަލް
އަލުވި
ބިސް
ލޮނު
ޕީޗް
ފިޔާ
ސޯޔާބީންސް
ހަނޑޫ
ކަރާ
ޒުވާރި
ބަނގުރާ
ގޮދަން
އޮރެންޖު
ކުދި ބަދަން
ކިރު
ހަކުރު
ބޮލުގެ އެއްފަޅީގައި ރިހުމުގެ ފަރުވާ
ބޮލުގެ އެއްފަޅީގައި ރިހުން ހުރުން ނުވަތަ ''މައިގްރޭން''(migraine) ގެ އެންމެ އާންމު ފަރުވާ އަކީ މައިގްރޭން މެދުވެރިވާން ދިމާވި ސަބަބު ދެނެގަނެ އެކަމާއި ދުރުހެލިވުމެވެ. ވަރަށް ގިނަފަހަރު ބޭނުންކުރެވޭ ކާނާއާއި މައިގްރޭން ކުރިމަތިވުމާއި ގުޅުން ހުރެއެވެ.
ބޮލުގެ އެއްފަޅީގެ ރިހުމުގެ ފަރުވާއެއްގެ ގޮތުގައި ތަފާތު ވައްތަރުގެ ބޭސްތައް ބޭނުންކޮށް އުޅެއެވެ. މިގޮތުން ތަފާތު ގުރޫޕްގެ ބޭސްތައް ދެވެއެވެ. މިސާލަކަށް އެންޓިޑިޕްރެޝެންޓްސް، ބީތާ ބްލޮކާރޒް، ޓްރަންކްއިލައިޒާ، ފަދަ ގުރޫޕުތަކުގެ ބޭހުގެ އިތުރުން ފެނައިޓޮއިން، ކާރބަމަޒީޕިން، އާރގޮޓަމިން، އަދި ސްޓީރޮއިޑްސް ފަދަ ބޭސްތައް ދީ އުޅެއެވެ.
ނޯޓް: މިއީ ހަމައެކަނި މައުލޫމާތެއްގެ ގޮތުގައި ލިޔެވިފައިވާ އެއްޗެކެވެ. އެއްވެސް މީހަކު ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިއިން ބޭހެއް ބޭނުން ނުކުރުމަށް ނަޞޭޙަތް ތެރިވަމެވެ.
ބޮލުގެ އެއްފަޅީގައި ރިހެން ފެށުމުން އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދޭށެވެ.
- މަސައްކަތެއް ކުރަމުން ދާނަމަ އެކަމެއް ހުއްޓާލުން
- އަދިރި ކޮޓަރިއެއް ފަދަ ތަނެއްގައި އަރާމްކޮށްލުމަށް ނުވަތަ ނިދާލުމަށް ޖައްސާލުން
- ބޮލުގައި ރިހުން ހުރި ހިސާބަށް ފިތުމާއި އެކު ތާފަނާ ފެނުން މަސާޖުކުރުން
- އެސްޕިރިން، ޕަރަސިޓަމޯލް ފަދަ ބޭހެއް ވީއެންމެ އަވަހަކަށް ބޭނުންކުރުން
ބޮލުގައި ރިހުމަށް ދެވޭ ފަރުވާގެ ބައެއް ވައްތަރުތައް
(1) - ބޮލުގައި ރިހުމަށް ވަހުން ދެވޭ ފަރުވާ(Aromatherapy)
ތަފާތު ވަސްތައް ބޭނުންކޮށްގެން ދެވޭ ފަރުވާ އަކީ އެންމެ ކުރީ ޒަމާނުއްސުރެ، އަދިއަދާއި ހަމައަށް ދެމިއޮތް ފަރުވާގެ ވައްތަރެކެވެ. ޚާއްޞަކޮށް މިއަދުވެސް ހުޅަގާއި، ޔޫރަޕުގެ ގައުމުތަކުގައި މިފަރުވާ ތަފާތު އުދަގޫތަކަށް ދީ އުޅޭ ކަމުގައި ބުނެވެއެވެ. މިފަރުވާގެ ތާރީޚަށް ބަލާއިރު، ފުރަތަމަ މިވައްތަރުގެ ފަރުވާ ފެށިގެން އައިސްފައިވަނީ ގަދީމީ މިޞްރު މީހުންގެ ކިބައިން ކަމުގައި ބުނެވެއެވެ. ގަދީމީ މިޞްރު މީހުންނާއި، ރޯމަނުން ވެސް އެރޮމެޓިކް އޮއިލް ތަފާތު އުދަގޫތަކަށް ފަރުވާކުރުމަށް ބޭނުންކުރި ކަމަށް ބުނެވެއެވެ.
އެރޮމެޓިކް އޮއިލް އުފައްދަނީ ނުވަތަ ނެރެނީ ތަފާތު ބާވަތްތަކުގެ ފަތްޕިލާވެލީގެ ވައްތަރުތަކުންނެވެ. މިސާލަކަށް ހުވަނދުމާ، ލެވެންޑަރ، ޗަމޯމައިލް، ރޯޒްމޭރީ، އަދި ލެމަން ގްރާސް ފަދަ ބާވަތްތައް ބޭނުންކުރެއެވެ. ކެމިސްޓްރީގެ އިލްމު ކުރިއަރައިގެން އައިސް މިއަދު މިވަނީ ތަބީއީ ގޮތެއްގައި ގަސްތަކުން މިބާވަތްތައް އުފެއްދުމުގެ ބަދަލުގައި ހަމަ އެއާގޮތް ވަސް ހުންނަ މާއްދާތައް އުފައްދަން ފަށާފައެވެ. މިހެން ހަދަން ޖެހުނީ ބައެއް ކަހަލަ އެރޮމެޓިކް އޮއިލް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުކަމުންނެވެ. މިސާލަކަށް 1ލިޓަރުގެ ފިނިފެންމާ ތެޔޮ އުފެއްދުމަށް 100ކިލޯގެ މަލުގެ ފިޔަ ބޭނުންވާ ކަމުގައި ބުނެވެއެވެ. އެކަމަކު މިއަދު ސިނާއީގޮތެއްގައި އުފައްދާ މިފަދަ އެރޮމެޓިކް އޮއިލްގެ ވަސް ތަބީއީ ގޮތެއްގައި އުފައްދާ އެރޮމެޓިކް އޮއިލް ވަހާއި، ދާދި އެއްގޮތްވެފައި، އަދި ލިބިދޭ ފައިދާ ވެސް ހަމައެހާމެ، އެއްގޮތް ކަމުގައި ބުނެވެއެވެ.
ބޭސްފަރުވާގެ ގޮތުގައި ފުރަތަމަ ވަސް ބޭނުންކުރަން ފެށިކަމުގައި ބުނެވެނީ ފްރާންސްގެ ޑޮކްޓަރެއް ކަމުގައިވާ ''ރީނޭ ޖޭޓިވޯސް'' އެވެ. ފްރާންސްގެ ޑޮކްޓަރެއްކަމުގައިވާ ''ޖީން ވެލިންޓް'' ވެސް ވަސް ބޭނުން ކޮށްގެން ދެވޭ ފަރުވާ ކުރުމުގައި މަޝްހޫރު ކަންހޯދި އެވެ. ހޮސްޕިޓަލްތަކުގައި ބޭނުންކުރެވޭ އެކިއެކި އަދަވާތްތައް، ސްޓެރައިލްކޮށް، ސާފުކުރުމަށް ކަރަންފޫ، ޗަމޯމައިލް، އަދި ލުނބޯ ތެޔޮ މިޑޮކްޓަރ ބޭނުން ކޮށްފައި ވެއެވެ. އެރޮމެޓިކް އޮއިލް ބޭނުންކޮށްގެން ފުރަތަމަ މަސާޖްކުރުމުގެ ޚިޔާލު އައިސް އެކަން ތައާރަފުވެފައިވަނީ ފްރާންސް އަންހެނެއް ކަމުގައިވާ ''މާގްރޭޓް މޯރީ'' ގެ ފަރާތުންނެވެ.
އެރޮމެޓިކް އޮއިލްގެ ފާހަގަކުރެވޭ ބައެއް ކަންތައްތައް
އެރޮމެޓިކް އޮއިލް އަކީ ހީވެސް ނުކުރާ މިންވަރަށް އިންސާނުންނަށް އޭގެ އަސަރު ފޯރުވާ އެއްޗެކެވެ. އޭގެ އަސަރު ފޯރުވަނީ ހަމައެކަނި ޖިސްމު ނުވަތަ ހަށިގަނޑަކަށް ނޫނެވެ. އަދި ކިއެއްތަ ނަފްސާނީ، ބުއްދި، ހިއްސުތަކާއި ވިސްނުމާއި، ކުޅެލުމުގެ ބާރު ވެސް އެއަށް ލިބިފައި ވެއެވެ. އެރޮމެޓިކް އޮއިލްގެ ބާވަތް ތަކަށް ލިބިފައިވާ ޚާއްޞިއްޔަތު ތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެ އެވެ.
-  ބަލިތަކާއި ދެކޮޅަށް ހަށިގަނޑު މަސައްކަތްކުރާ މިންވަރު އިތުރުކުރުން: ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތް ވަރުގަދަ ކުރުމުގައި އެހީތެރިވެދެއެވެ.  
- ވަރަށް ގިނަ ވައްތަރު ގެ ވައިރަސް އާއި، ބެކްޓީރިއާ ނައްތާލުން: އެއީ ސާފުކުރުމާއި، އަދި ބެކްޓީރިއާ ފަދަ ތަކެތި ފަނާކުރުމުގެ ބާރެއް އެރޮމެޓިކް އޮއިލް އަށް ލިބިފައިވާތީ އެވެ.
- ބޮލުގައި ރިހުން، ހުޅުގައި ރިހުން، ދަތުގައި ރިހުން، އަދި ދިރޭ އެއްޗެއް ދަތްއެޅުމުން އުފެދޭ ތަދު ކުޑަކޮށް ތިރިކޮށް ދިނުން: އެއީ ބައެއް އެރޮމެޓިކް އޮއިލް ތަދާއި ދެކޮޅަށް ހަށިގަނޑުން ތަބީއީ ގޮތެއްގައި ބޭރުކުރާ މާއްދާތައް ބޭރުކުރުމަށް އެހީވެދޭތީ އެވެ
-  ބައެއް އެރޮމެޓިކް އޮއިލް އަކީ ހަށިގަނޑަށް ހީވާގިކަމާއި، މުރާލިކަން ގެނެސްދޭ ތަކެއްޗެވެ. އަނެއްބައި އެރޮމެޓިކް އޮއިލް އަކީ ހަށިގަނޑަށް މައިތިރިކަމާއި، ހަމަޖެހުން ގެނެސްދޭ ތަކެއްޗެވެ.
- ނަފްސާނީ ފިއްތުންތަކާއި، އަދި އެހެނިހެން ބައެއް އިޖްތިމާއީ މައްސަލަތަކާއި، ބައެއް ބަލިތަކުގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ކުޑަކުރުމަށް އެރޮމެޓިކް އޮއިލް ބޭނުންކުރެވެއެވެ. މިސާލަކަށް ބޮލުގައި ރިހުން، ބޮލުގެ އެއްފަޅީގައި ރިހުން، ހަޖަމުކުރާ ނިޒާމަށް ކުރިމަތިވާ ބައެއް އުދަގޫތައް، މައްސަރު ދުވަސްވަރު އުފެދޭ ބަނޑުގައި ރިހުން، އަދި މޫނުގައި ނަގާ އޮށާޅަ އިން ހިމާޔަތްވުމަށް ވުމަށް ވެސް ވަހުން ދެވޭ ފަރުވާ ބޭނުން ކުރެއެވެ.
ބޮލުގައި ރިހުމަށް ވަހުން ފަރުވާދޭގޮތް
ބޮލުގައި ރިހުން
ü      ނަފްސާނީ ފިއްތުންތަކާއި، ނުވަތަ ޓެންޝަން އާއި ގުޅިފައިވާ ބޮލުގައި ރިހުން ކުޑަކުރުމަށް އެރޮމެޓިކް އޮއިލް ބޮލުގެ ދެފަޅިއާއި، އަދި ލޮލުގެ ވަށައިގެންނާއި، ބޮލުގެ ފަހަތުން ތިރިން ކަދުރާގައި އުގުޅާށެވެ. މިގޮތުން ޗަމޯމައިލް، ކުދީނާ، ގަދަކޯޅި، ލެވެންޑަރ، ރޯޒްމޭރީ، ފަދަ ބާވަތަކުން އުފައްދާ ފައި ހުންނަ ތެޔޮ ބޭނުންކުރެވިދާނެ އެވެ.
ü      ލޮލުގެ ވަށައިގެން އުފެދިފައި ހުންނަ ރިހުން ކުޑަކުރުމަށް ރޯޒްމޭރީ، ޗަމޯމައިލް ނުވަތަ ޕާރސްލީ ފަދަ ބާވަތަކުން އުފައްދާފައި، ހުރި ތެޔޮ ލޯމެރުމަށްފަހު ލޯމަތީ ގައި އުގުޅާށެވެ.
ü      އަރިދަފުސް ރޯގާ، އަދި ސައިނަސް ފަދަ ބަލިތަކާއި ގުޅިގެން އުފެދޭ ބޮލުގައި ރިހުން ކުޑަކުރުމަށް ޖީރޯނިއަމް، ކުދީނާ، ނިރޯލީ، އަދި ސައިގަހުގެ ފަތުން އުފައްދާ ފައި ހުރި ތެލުގެ ވަސް ބެލުން ފަރުވާގެ ގޮތުގައި ބޭނުންކުރެ އެވެ.
ü      އާދައިގެ ބޮލުގައި ރިހުންތަކަށް ކުދީނާ ނުވަތަ ގަދަކޯޅިން އުފައްދާފައި ހުރި އެރޮމެޓިކް ތެލުގެ ވަސް ބަލައިގެން ފަރުވާ ލިބިގަނެވިދާނެ އެވެ. ހަމަމިހެން މުޅި ބޮލަށް ފެތުރިފައި ބޮލުގައި ރިހުން ހުރިނަމަ ތާފަނާ ފެން ޓަބަކަށް އެރިގެން ފެންވަރާލާށެވެ. މިގޮތުން ފެންވަރައިގެން ފަރުވާ ހޯދާއިރު ކޮންމެ ވެސް ކަހަލަ އެރޮމެޓިކް ޝޭމްޕޫ އެއް، ތެލެއް ފަދަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ.
ބޮލުގެ އެއްފަޅީގައި ރިހުން
ü      ބޮލުގެ އެއްފަޅިއާއި ކަދުރާގައި ދަވިއްގަދު، ޗަމޯމައިލް، އަދި ލުނބޯ ބޭނުންކޮށްގެން ހަދާފައިހުރި އެރޮމެޓިކް ތެޔޮ އުގުޅާށެވެ.
ü      ބަނޑުގައި ރިހުމާއި އެކު، ބޮލުގެ އެއްފަޅީގައި ރިހުން ހުރިނަމަ ގަދަކޯޅި ނުވަތަ ކުދީނާ އިން ހަދާފައި ހުރި އެރޮމެޓިކް ތެޔޮ ބޭނުންކުރާށެވެ.
ü      މޭނުބައިކުރުމާއި އެކު ބޮލުގެ އެއްފަޅީގައި ރިހުން ހުރިނަމަ އެނިސީޑް، ލެވެންޑަރ އަދި ޗަމޯމައިލް ފަދަ އެރޮމެޓިކް ތެލެއް ބޭނުންކުރެވިދާނެ އެވެ.
(2) - ސީނު ތިނޯސް ބޭނުންކޮށްގެން ބޮލުގައި ރިހުން ފިލުވާލުން (Acupuncture)
ސީނު ތިނޯސް ބޭނުންކޮށްގެން ފަރުވާ ކުރުމުގެ ޚިޔާލު އުފަންވެގެން އައީ ހަގުރާމައިގެ ތެރެއިންނެވެ. މީގެ 4000 އަހަރު ކުރިން އިލްމްވެރިން ވަނީ ހަގުރާމައިގައި އުއްޑައާއި، ތީރުން ލިބޭ އަނިޔާތައް، ދިގު ދުވަސްތަކެއް ނެގި ނަމަވެސް އޭގެ ޒާތުގައި ރަގަޅުވެދާކަމަށް ފާހަގަކޮށްފައެވެ. އަދި ހަށިގަނޑުގެ ވަކި ހިސާބަކަށް ތީރު ނުވަތަ އުންޑަހެރުމުން ވަކި ގުނަވަނަކަށް ޝިފާ ލިބުމާއި، ގުޅުން ވާކަމަށް ވެސް ވަނީ ދެނެގެންފައެވެ.
ސީނު ތިނޯސް ބޭނުންކޮށްގެން ފަރުވާކުރުން މިއަދު ވެސް އެކިހިސާބުތަކުގައި ފެތުރިފައި ވެއެވެ. މިއަދު މިފަރުވާ ދިނުމަށް ބޭނުންކުރެވެނީ މައުދަން އިން ހަދާފައިވާ ކުޑަކުޑަ ތިނޯހެކެވެ. އެއިން ހަށިގަނޑަށް ގޯޅާލުމުން ކުޑަކުޑަ އާދައިގެ ތަދެއް މެނުވީ އިހްސާސެއް ނުވެއެވެ. މިތިނޯސް ގޯޅަނީ ހަށިގަނޑާއި އެއްގޮތަށް ކުރެހިފައިވާ ޗާޓަކަށް ބަލައިގެން އެއާއި، އެއްގޮތަކަށެވެ. މިޗާޓްގައި 800ތަން ނުވަތަ ޕޮއިންޓް ފާހަގަކުރެވިފައިއެވެ. މިޕޮއިންޓްތައް ހުންނަނީ ދިގުރޮގުން ގުޅިފައިވާ ތަފާތު 12 ވަށް ބުރު ނުވަތަ ''މެރީޑިއަން''އުފެދޭ ގޮތަށް ގުޅިފައެވެ. މިމެރީޑިއަންތައް ގުޅިފައިވާ މައިގަނޑު ގުނަވަންތަކަކީ ކުޑަގޮހޮރު، ބޮޑުގޮހޮރު، މައިދާ، ފުރަމޭ، ފުއްޕާމޭ، ގުރުދާ، މަސާނާ، ހިތް، ހުންކޮށި، ޗިސްމޭ، އަދި ލޭދައުރުވާ ނިޒާމް އެވެ.
ހުޅަގުގެ އިލްމުވެރިން ވެސް ސީނު ތިނޯހުން ތަފާތު ބަލިތަކަށް ފަރުވާ ކުރެވޭ ކަމަށް އެއްބަސްވެއެވެ. ނަމަވެސް އަދިވެސް ސީނު ތިނޯހުން ފަރުވާ ދިނުމުން ރަގަޅުވަނީ ކަނޑައެޅިގެން ވަކިކަމެއްވެގެން ކަމެއް ތަފްސީލްކޮށް ދެވިފައެއް ނުވެއެވެ. މިކަން ތަފްސީރު ކުރުމަށް ތަފާތު ނަޒަރިއްޔާތައް އުފެދިފައި ވެއެވެ.
އެއް ނަޒަރިއްޔާގައި ބުނަނީ ސީނު ތިނޯހުން ފަރުވާ ކުރާއިރު ތިނޯސް ހެރުމުން ހަށިގަނޑުން ތަދާއި އިދިކޮޅަށް ތަބީއީ ގޮތެއްގައި ބޭރުކުރާ މާއްދާތައް ( އެންޑޯފީން، އެންކެފަލިން ) ބޭރުވުމަށް ބާރުއަޅާ ކަމަށެވެ. މިފަރުވާ ދިނުމުން ރަގަޅުވަނީ ކިހިނެއްވެގެން ކަން ހޯދިފައި ނެތަސް މިއަދުވެސް ފުޅާދާއިރާ އެއްގައި މިފަރުވާ ހުޅަގާއި، ދުނިޔޭގެ ބައެއް އެހެން ހިސާބުތަކުގައި ވެސް ބޭނުންކުރެވެއެވެ. މިގޮތުން ވާވުން ކުރިމަތި ކުރުވާ ހާލަތްތައް، މާބޮޑަށް ފަލަވުން، މަސްތުވާ ތަކެއްޗާއި، ދުންފަތަށް ދެވި ހިފުން، އަދި ބައެއް ގުނަވަންތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ކުރުމުގައި ވެސް ސީނު ތިނޯސް ބޭނުންކުރެވެއެވެ.
މީގެ އިތުރުން އައްސިކުރުމުގެ ވަސީލަތެއްގެ ގޮތުގައި އޮޕަރޭޝަން ކުރާ ކޮޓަރިތަކުގައި ވެސް ސީނު ތިނޯސް ބޭނުންކުރެވެއެވެ. ބޮލުގެ އެއްފަޅީގައި ރިހުމާއި، ތަކުރާރުކޮށް ކުރިމަތިވާ ބޮލުގެ ރިހުމަށް ހަށިގަނޑުގެ ކަނޑައެޅިފައިވާ ވަކި ހިސާބަކަށް ތިނޯސް ހަރައިގެން ފަރުވާ ދެއެވެ.
(3) - ދެފައިތިލަ މަސާޖްކޮށްގެން ބޮލުގައި ރިހުން ފިލުވާލުން
ބޭސްވެރިކަމުގައި ''ރިފްލެކްސް''(Reflex)ގެ މާނައަކީ ހަށިގަނޑުގެ ވަކިތަނެއް ނުވަތަ ވަކި ހިސާބެއް ހީވާގިކުރުމުން (ސްޓިމިއުލޭޓްކުރުމުން) ހަށިގަނޑު އެހެންތަނެއް ނުވަތަ ހިސާބެއްގައި ރައްދު ފިއުލެއް (ރިއެކްޝަނެއް) އުފެދުމެވެ.ހީވާގިކުރެވުނު ތަނާއި، ރިއެކްޝަން އުފެދުނުތަން ދުރުވި ނަމަވެސް މައްސަލައެއް ނެތެވެ. އޭގެ ސަބަބެއް ކަމުގައި ބުނެވެނީ ބަޔާންކުރެވުނު ދެތަނުގައި ނާރުގެ ގުޅުން ހުރުމެވެ. މިސާލަކަށް ފައިގެ ދަށްފުން ގަޔާދުރު ފަރާތުގައި ތަޅުދަނޑިއެއް ފަދަ އެއްޗަކުން ކާތައިލައިފި ނަމަ އިގިލިތައް ފައިގެ ދަށްފުށާއި ދިމާއަށް ލެބިގެންދާނެއެވެ.
''ރިފްލެކްސް'' ބޭނުން ހިފުމުގެ މައްޗަށް ބިނާވެފައިވާ މިފަރުވާ ގަދީމީ ޞީނުން(ޗައިނާމީހުން) ވަނީ ބޭނުންކޮށްފައެވެ. އެމީހުން ދެނެގަތް ގޮތުގައި އިންސާނާގެ ފައިތިލައިގެ ދަށްފުށުގައި ''ރިފްލެކްސް'' އުފައްދައިދޭ ބައިވަރު މަރުކަޒުތައް ވެއެވެ. މިމަރުކަޒުތައް ހީވާގިކުރުމުން އެމަރުކަޒަކާއި ގުޅޭ ހިސާބުގައި އުފެދިފައިވާ ތަދު ނުވަތަ ރިހުން ފިލައިދާ ކަމުގައި ބުނެވެއެވެ.
ގަދީމީ ޞީނުން ގަބޫލުކުރާ ގޮތުގައި އިންސާނާގެ ފައިތިލަ އަކީ އޭނާގެ ހަށިގަނޑު ސިފަކޮށްދޭ މުމައްސިލެކެވެ. ފައިތިލައިގައި ހަށިގަނޑުގެ އެކިގުނަވަންތައް އެތުރިފައިވާ ގޮތް އެންގުމަށް ޗާޓެއް ނުވަތަ ކުރެހުމެއް ހެދިފައިވެއެވެ. މިސާލަކަށް ފައިތިލައިގެ ދަށްފުށުގައިވާ އަޑިގަނޑު ތަމްސީލު ކޮށްދެނީ ބޮލާއި، ކަރު، އަދި އެއާއި ގުޅިފައިވާ ބައިތަކެވެ. މިޗާޓްގައި އުނަގަނޑު ތަމްސީލްކޮށްދޭ ޚިޔާލީ ރޮގެއް ވެއެވެ. މިރޮގުން މަތީގައި(އިގިލިތަކާއި ދިމާލަށް)ވާ ބައި ތަމްސީލްކޮށްދެނީ އުނަގަނޑުން މަތީގައި ހަށިގަނޑުގައި ހުންނަ ގުނަވަންތަކެވެ. އަދި ރޮގުން ތިރި ތަމްސީލްކޮށްދެނީ އުނަގަނޑުން ތިރީގައި ހަށިގަނޑުގައިވާ ގުނަވަންތަކެވެ.
ގަދީމީ ޞީނުން ގަބޫލުކުރާ ގޮތުގައި ހަށިގަނޑުގެ ކޮންމެ ގުނަވަނަކަށް ވަކިބާރެއް ލިބިފައިވެއެވެ. މިބާރު ދަތުރުކުރަނީ ޚާއްޞަ މަގުތަކަކުންނެވެ. އަދި މިމަގުތައް ބައްދަލުވަނީ ނުވަތަ ގުޅެނީ އަތް ނުވަތަ ފައިތިލައިގައިވާ މަރުކަޒުތަކަކާއި އެވެ. އެހެންކަމުން މިމަރުކަޒުތައް ހީވާގިކުރުމުން އެމަރުކަޒަކަށް ބާރު ފޮނުވި ގުނަވަނެއްގައި ހުރި އުދަގުލާއި، ރިހުން ފިލައިދާ ކަމުގައި ދެކެއެވެ. އެއާއެކު ހަށިގަނޑަށް ބާރު ލިބި، އުދަގުލާއި ރިހުން ހަށިގަނޑުން ފިލައިދާ ކަމަށް ވެއެވެ.
މިފަރުވާގެ ތަފްސީރުގައި ބުނެފައިވަނީ ބަޔާންކުރެވިފައިވާ ފައިތިލައިގައިވާ މަރުކަޒުތައް މަސާޖުކުރުމުން ހަށިގަނޑުން ތަދާއި އިދިކޮޅަށް ތަބީއީ ގޮތެއްގައި ބޭރުކުރާ މާއްދާއެއް ކަމަށްވާ ''އެންޑޯމޯރފީން'' ބޭރުކުރުމަށް ބާރު އަޅާ ކަމާށެވެ. މިއާއި ގުޅިގެން ތަދާއި ރިހުން މައިތިރިކޮށް، އުދަގޫތައް ކުޑަކޮށްދެ އެވެ.
މަސާޖުގެ ފަރުވާ އަށް ޚާއްޞަ އިލްމުވެރިންނާއި، ޑޮކްޓަރުން ވިދާޅުވާގޮތުގައި މިވައްތަރުގެ ފަރުވާ ހުރިހާ ބައްޔަކާއި، އުދަގޫތަކަށް ދީގެން ރަގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ދިނުން އެދެވިގެންވަނީ ކަނޑައެޅިފައިވާ ވަކި ބަލިތަކަކާއި ވަކި ހާލަތްތަކަކަށެވެ. ޚާއްޞަކޮށް އަރިދަފުސް ރޯގާ، ބަނޑުހިކުން، ބޮލުގައި ރިހުން، ބޮލުގެ އެއްފަޅީގައި ރިހުން، އަދި މިނޫނަސް ބައެއް ހާލަތްތަކުގައެވެ.
މިފަރުވާ އަމިއްލަ އަށް ވެސް ލިބިގަނެވިދާނެއެވެ. އެކަމަކު ބޮޑަށް އެދެވިގެންވަނީ މަސާޖުކުރާނޭ ގޮތް ރަގަޅަށް ދެނެގަތުމަށްޓަކައި އެކަމަށް ޚާއްޞަ ޑޮކްޓަރެއްގެ މަޝްވަރާއާއި، ލަފަޔާއި، އިރުޝާދު ލިބިގަތުމަށްފަހު އެގޮތަށް ކަންތައްކުރުމެވެ.
ދެފައިތިލަ މަސާޖްކޮށްގެން ބޮލުގައި ރިހުން ފިލުވާލަނީ ކިހެނެއް؟
ބޮލުގައި ރިހުމާއި ގުޅޭ ނުވަތަ އެކަމަށް އަސަރު ފޯރުވާ މަރުކަޒުތައް ހުންނަނީ ފައިތިލައިގެ އިގިލިތަކުގެ ދަށްފުށުގައެވެ. އަދި ފައިތިލައިގެ ދަށްފުށުގައިވާ އަޑިގަނޑުގައެވެ. ހަމަމިހެން ބޮލުގައި ރިހުން ކުރިމަތިވުން ކުރިމަތިކުރުވާ އެހެންބައެއް ގުނަވަންތަކާއި ގުޅޭ މަރުކަޒުތައް ވެސް ހީވާގި ކުރުވަން ޖެހެއެވެ. މިސާލަކަށް ކަރާއި، ލޯ، ނޭފަތް، އަދި މައިދާ ފަދަ ގުނަވަންތަކަށް ޚާއްޞަ މަރުކަޒުތައް މީގެ ތެރޭގައި ހިމެނެއެވެ. މައްސަރުކަންތަކާއި ގުޅިގެން އަންހެނުންނަށް ކުރިމަތިވާ ބޮލުގެ ރިހުން ފިލުވާލުމަށް ޖިންސީ ގުނަވަނާއި ގުޅޭ މަރުކަޒު ހީވާގިކުރުވަން ޖެހެއެވެ.
ތަފާތު ގޮތްގޮތައް މަސާޖު ކުރެއެވެ. ބޮލުގައި ރިހުން ފިލުވުމަށް ފައިތިލަ މަސާޖު ކުރާއިރު ކޮންމެ އަތެއްގެ ބޮޑުވާއިގިލިން ކޮންމެ ފަޔެއްގެ އިގިލިތަކުގެ ވަކިވަކިން ހިފައި، މަތިން ތިރިއަށްވާގޮތަށް ހަރަކާތްކޮށްގެން މަސާޖުކުރާނީ އެވެ. އެއީ ބޮލާއި، ކަރާއި ގުޅޭ މަރުކަޒުތައް ހުންނަނީ މިބުނި ހިސާބުކަމުގައި ވާތީ އެވެ.
(4) - ބޮލުގައި ރިހުމަށް ފެނުން ދެވޭ ފަރުވާ(Hydrotherapy)
ފެން ބޭނުންކޮށް ދެވޭ ފަރުވާ އަކީ ތަފާތު ބަލިތަކާއި، އުދަގޫތައް ކުޑަކުރުމަށް ވަރަށް ކުރިއްސުރެ ދީ އުޅޭ ފަރުވާ ގެ ވައްތަރެކެވެ. މިގޮތުން މުޅިހަށިގަނޑު ފެނަށް ލައިގެން، ނުވަތަ ހަށިގަނޑުގެ ވަކި ހިސާބެއް، ތަނެއް ފެނަށް ލައިގެން، ފަރުވާ ކުރެއެވެ. ފަތްޕިލާވެލި ފެނަށް އަޅައިގެން ކުރެވޭ ފަރުވާއާއި، ހޫނު ފެނުން އަރާ އާވި ބޭނުންކޮށްގެން ވެސް ފަރުވާ ކުރެއެވެ. ފެންބޭނުންކުރާ އިރު، ފިނިކޮށް، ހޫނުކޮށް، ތާފަނާކޮށް، ގަނޑުކޮށް، އަދި އާވި އަރުވައިގެން ވެސް ފަރުވާ ގެ ގޮތުގައި ބޭނުންކުރެއެވެ.
ތާފަނާ ނުވަތަ ހޫނު ފެން ޓަބު
ތާފަނާ ފެން ޓަބަށް އަޅައިގެން އެއަށް އެރި އޮވެލުމަކީ ވެސް ވަރަށް ގިނަފައިދާ ތައް ލިއްބައިދޭ ކަމެކެވެ. މިގޮތުން ހަށިގަނޑަށް އަންނަނިވި ފައިދާތައް ލިއްބައިދޭ ކަން ފާހަގަކުރެވިފައި ވެއެވެ.
ü      މުޅިހަށިގަނޑުގައި ހުންނަ ރިހުންތަކާއި، ތަދުތައް ކުޑަކުރުން: ޚާއްޞަކޮށް ބޮލުގައި ރިހުން އަދި ހުޅުގައި ރިހުން ކުޑަކޮށް ދެއެވެ.
ü      ގުޅަކައި، ކުރުގެޅިފައިވާ މަސްތައް ހަމައަކަށް އެޅުމަށް އެހީތެރިވުން
ü      ފުރަގަސްފަރާތު ބަލީގެ ތަދު ކުޑަކޮށްދީ، ބަނޑުހިކުން މެދުވެރިވުން ކުޑަކޮށް ދިނުން
ü      ވައިނޮޅީގައި އުފެދޭ ދުޅަވުން(އިންފްލެމޭޝަން) ތައް ލުއިކޮށްދިނުން
މިގޮތުން ދެވޭ ފަރުވާ އެންމެ އެދެވޭގޮތުގައި ހާސިލްކުރުމަށްޓަކައި ޓަބުގައި ހުރި ފެނުގެ ހޫނުމިން ތަހައްމަލު ކުރެވޭ އެންމެ މައްޗަށް ބެހެއްޓުން އެދެވިގެން ވެއެވެ. އަދި ފެނުގެ ފިނިހޫނުމިން ދަށްވުން ފެން އާކުރުން އެދެވިގެން ވެއެވެ. ބޮލުގައި ރިހުން ފިލުވާލުމަށް މިފަދަ ގޮތަކަށް ފަރުވާ ކުރާ އިރު އަންނަނިވި ކަސްރަތު ލިބިގަތުން އެދެވިގެން ވެއެވެ.
ޓަބުގައި އޮށޯވެ، ރަގަޅަށް ހަމަޖެހިލާށެވެ. އެއަށްފަހު ކަރު 4 ފަރާތަށް ( ކުރިމަތި، ފަހަތް، ކަނާތްފަޅި، ވާތްފަޅި ) ލުއި ހަރަކާތާއި އެކު 10ފަހަރު އަބުރާށެވެ. އެއަށްފަހު ދެލޯމަރާލައިގެން އެހެން ޚިޔާލުތަކާއި، ދުރުވެ، އިރުކޮޅެއް ވަންދެން އޮވެލާށެވެ. އެހިނދު ބޮލުގައި އުފެދިފައިވާ ރިހުން ފިލައިގެން ދާހެން އިހްސާސް ކުރެވޭނެ އެވެ. މިފަރުވާ ލިބިގަންނަ އިރު ފެންގަނޑަށް ވަސްމީރު ކުރާ ކޮންމެ ވެސް ބާވަތެއް (ވަހުން ދެވޭ ފަރުވާ ގައި ބޭނުންކުރާ) އެޅިދާނެ އެވެ.
ދެފައިތިލަ ފެނުގެ ތެރެއަށް ލައިގެން އިނުން
މިއީ އާންމު ގޮތެއްގައި މުޅި ހަށިގަނޑަށް އެކަމުން އަސަރުކުރުވާ ކަމެކެވެ. ފިނި ނުވަތަ ގަނޑު ފެން އެކުލެވޭ ފެން އެއްޗަކަށް ދެފައިތިލަ ލައިފިނަމަ މުޅިހަށިގަނޑު ހަރަކާތްތައް އިތުރުވެ، ހީވާގިކަން ގެނުވައެވެ. ހޫނު ނުވަތަ ތާފަނާ ފެން އެއްޗަކަށް ދެފައިތިލަ ލައިފިނަމަ ހަށިގަނޑު މައިތިރިވެ، ހަމައަކަށް އެޅުމަށް އެހީތެރިވެ، ދެއެވެ. ބޮލުގައި ރިހުން ކުޑަކުރުމަށް އާންމު ގޮތެއްގައި ރަގަޅީ ހޫނު ފެން އެއްޗަކަށް ދެފައިތިލަ ލުމެވެ. އެއީ ހޫނު ފެނުގެ ސަބަބުން ދެފައިތިލަ އަށް ލޭ ފޮނުވާދޭ މިންވަރު އިތުރުވެ، ލޭހޮޅިތައް ފުޅާވުމުން ބޮލުގައި އުފެދިފައި ހުންނަ ފިތުން ނުވަތަ ޕްރެޝަރ ދަށްކޮށްދޭތީ އެވެ.
ތާފަނާ ފެނަށް ފައިތިލަ ލައިގެން ފަރުވާ ހޯދުމަކީ ބޭނުންތެރި ގޮތެކެވެ. މިފަރުވާ ކުރާ އިރު ކުދީނާ ފަތެއް ފެންގަނޑަށް ވަސްހިފުމަށް އެޅިދާނެއެވެ. ދުވާލުގެ މަސައްކަތްތައް ނިމިގެން ހަވީރު ގެއަށް އައިސް ހަމައަކަށް އެޅުމަށް މިފަދަ ގޮތަކަށް 15މިނިޓްވަންދެން ފަރުވާ ލިބިގަނެވިދާނެއެވެ. މިފަރުވާ ލިބިގަންނަ އިރު ވެސް ފެންފިނިވުމުން އަނެއްކާ ވެސް ތާފަނާ ފެން އަޅައި ފެންގަނޑު އާކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެކަށޭނަ ވަރަކަށް ވަގުތު ހޭދަވުމުން ފައިތިލަ ދެފަރާތުން ރަގަޅަށް ފިއްތައިގެން މަސާޖު ކުރާށެވެ. މިހެން ހެދުމުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ހުންނަ ތަދުތަކާއި، ރިހުންތައް ކުޑަކޮށް ދެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment