Wednesday, October 21, 2020

ސިލިއަރީ ބޮޑީ


ސިލިއަރީ ބޮޑީ

ސިލިއަރީ ބޮޑީ(Ciliary body) އަކީ ލޯ ގުދުރަތީ ގޮތުން އުފެދުމުގައި ބެހިފައިވާ 3 ފަށަލައިގެ ތެރެއިން ލޮލުގެ މެދުގައިވާ ލޭނާރީ ފަށަލައިގައި ކޮރޮއިޑް އާއި ކަޅުކަޅިއާއި ދެމެދުގައި ހިމެނޭ ބައެކެވެ. މިފަށަލައިގައި ދެން ހިމެނެނީ ލޮލުގެ ކަޅުކަޅި އާއި، ކޮރޮއިޑް އެވެ. މިއީ އެކޫއިއަސް ހިޔުމަރ އުފައްދާ ތަން ވެސް މެއެވެ. މިއީ ލޮލުގައި ހިމެނޭ "ޔުވެއަލް ޓްރެކްޓް"ގެ ކުރިމަތީ ބައެވެ.

ސިލިއަރީ ބޮޑީ ކްރޮސް-ސެކްޝަން ކޮށްބަލައިފިނަމަ ފެންނާނީ ދިގުމިނުގައި 6 މިލިމީޓަރު ހުންނަ، ތިނެސްކަނެއްގެ ސިފަޔަށެވެ. ތިނެސްކަނުގެ ކޮޅު އިންނާނީ ކޮރޮއިޑް އާއި ގުޅިގެން ކުރިޔަސް ގޮސްފައެވެ. އަދި ތިނެސްކަންގެ ބުޑު ނުވަތަ ބޭސް އިންނާނީ ކަޅުކަޅިއާއިވީ ދިމާލަށެވެ. ނޫނީ ކަޅުކަޅިއާއި ގާތުގައެވެ.

ބޭރުން ސިލިއަރީ ބޮޑީ ތަތްވެފައި އިންނަނީ ސްކެލިރަލް ސްޕަރ ގައެވެ. ސްކެލިރަލް ސްޕަރ ގައި ތަތްވުމުގެ ސަބަބުން ހުދުކަޅި އާއި ސިލިއަރީ ބޮޑީ އާއި ދެމެދު ފުރިހަމަ ހުސްޖާގައެއް އުފެދެއެވެ. މިޖާގައަށް ކިޔަނީ "ސްޕްރަސިލިއަރީ ސްޕޭސް"(supraciliary space) އެވެ. ސިލިއަރީ ބޮޑީ ޚާރިޖީ ސަތަހަ އިން ޔުވެއަލް ޓްރެކްޓް ކުރިމަތިން ހިފެހެއްޓޭ ހިފެހެއްޓުން އުފެދިގެން ދެއެވެ. ސިލިއަރީ ބޮޑީގެ ދާޚިލީ ސަތަހަ ޖެހެނީ ވިޓްރީއަސްގެ ސަތަހައިގައެވެ. އަދި މިގޮތަށް ޖެހިގޮސް ގުޅިފައިވަނީ ލޮލުގެ އަލިދުއްޔާ އެވެ.

ސިލިއަރީ ބޮޑީގެ ކުރިމަތީ ބަޔަކީ ސިލިއަރީ ޕްރޮސެސްތަކުން އުފެދިފައިވާ "ޕާރސް ޕްލިކޭޓާ"(Pars plicata) ނުވަތަ "ކޮރޯނާ ސިލިއާރިސް"(corona ciliaris) އެވެ. ސިލިއަރީ ޕްރޮސެސް ތައް އެކުލެވިގެންވަނީ ގާތްގަނޑަކަށް 70 ރޭޑިއަލް ރިޖް ތަކުގެ މައްޗަށެވެ. މިއީ މައި ސިލިއަރީ ޕްރޮސެސް ތަކެވެ. މިޕްރޮސެސްތަކުގެ ދެމެދުގައި ހަމައެއަދަދަށް ކުދި ރިޖުތައް ހުރެއެވެ. މިއީ ކުދި، އަދި މެދު ސައިޒުގެ ސިލިއަރީ ޕްރޮސެސްތަކެވެ. މިއީ ހަގީގަތުގައި އެކުއިއަސް ހިޔުމަރ އުފައްދާތަނެވެ.

ސިލިއަރީ ބޮޑީގެ ކުރިމަތީ ބައި "ޕާރސް ޕްލިކޭޓާ"ގެ ދިގުމިނުގައި 2 މިލިމީޓަރު، ފުޅާމިނުގައި 0.5 މިލިމީޓަރު އަދި އުސްމިނުގައި 1-0.8 މިލިމީޓަރު ވަރުހުރެއެވެ.

ސިލިއަރީ ޕްރޮސެސްތަކުގައި ބޮޑު ސާރފޭސް އޭރިޔާ އެއް ހުރެއެވެ. އެހެންކަމުން ސިލިއަރީ ބޮޑީގެ ޖުމުލަ ދިގުމިނުގެ ގާތްގަނޑަކަށް %25 އަކީ ޕާރސް ޕްލިކޭޓާ އެވެ.

ސިލިއަރީ ބޮޑީގެ ފަހަތު ބަޔަކީ "ޕާރސް ޕްލޭނާ"(pars planna)، ނުވަތަ "އޯބިކިޔުލަސް ސިލިއާރިސް"(orbiculus ciliaris) އެވެ. މިބައިގައި އިންނަނީ ނިސްބަތުން ފަތާ، ވަރަށް ޕިގްމެންޓެޑްކޮށް ހުންނަ ދާޚިލީ ސަތަހަ އެކެވެ. މިބައި "އޯރާ ސެރޭޓާ" އާއި ހަމައިން ގުޅި ކުރިޔަށް ގޮސްފައިވަނީ "ކޮރޮއިޑް" ގެ ގޮތުގައެވެ.

ބޮޑެތި މީހުންގެ ލޮލުގައި ސިލިއަރީ ބޮޑީގެ ކުރިމަތިން ފަހަތަށްވާގޮތަށް ދިގުމިން ތަފާތު ވެއެވެ. އެގޮތުން ސިލިއަރީ ބޮޑީގައި ނޭފަތާ ކައިރިވީ ފަޅީގައި ކުރިމަތިން –ފަހަތަށްވާގޮތަށް ދިގުމިނުގައި 5.2-4.5 މިލިމީޓަރު ހުރެއެވެ. އަދި ނޭފަތާ ދުރުވީ ނޫނީ ކަންކަށްޓާވީ ފަޅީގައި ކުރިމަތިން-ފަހަތަށްވާގޮތަށް ދިގުމިނުގައި 6.3- 5.6 މިލިމީޓަރު ހުރެއެވެ.

ސިލިއަރީ ބޮޑީ އެކުލެވިގެންވަނީ ސިލިއަރީ މަސްކޮޅު، ލޭހޮޅިތައް، އަދި ބަތާނަފަށުގެ މައްޗަށެވެ.

ސިލިއާރިސް މަސްކޮޅު

ސިލިއާރިސް މަސްކޮޅު އެކުލެވިގެންވަނީ ވަކިވަކި 3 ވައްތަރަކަށް ހުންނަ މަހުގެ ފައިބަރުތަކުގެ މައްޗަށެވެ. އެއީ ދިގަށް އެތުރިފައި ހުންނަ(longitudinal/meridional) ފައިބަރު ތަކާއި، ވަށްކޮށް ހުންނަ(circular) ފައިބަރު ތަކާއި، އަދި ގުދުކޮށް ލެނބޭގޮތަށް(oblique) އެތުރިފައި ހުންނަ ފައިބަރު ތަކެވެ.

ސިލިއާރިސް މަސްކޮޅުގައި ހިމެނޭ މަހުގެ ފައިބަރުގެ ތެރެއިން އެންމެ ބޭރުގައި ހުންނަ ދިގަށް އެތުރިފައިވާ ފައިބަރުތަކަކީ ސިލިއަރީ ބޮޑީ ކުރިމަތިން "ސްކެލިރަލް ސްޕަރ" އަދި ލޮލުގެ ހާމަދުއްޔާއި، ހުދުކަޅި ގުޅުވައިދޭ ހަތަރުއަގޮނޅީގައިވާ "ޓްރެބެކިޔުލަރ މެޝްވޯކް"ގައި ހަރުލާފައިވާ ފައިބަރުތަކެކެވެ. ހަމަ މިފައިބަރުތައް ފަހަތުން ހަރުލާފައިވަނީ ކޮރޮއިޑް އާއި ހުދުކަޅި ގުޅުވައިދޭ "ސްޕްރަކޮރޮއިޑަލް ލެމިނާ" ކިޔާ ފައިބަރުތަކުގައެވެ.

ސިލިއާރިސް މަސްކޮޅުގައި ދިގަށް އެތުރިފައިވާ މަހުގެ ފައިބަރުތައް ކުރުގެޅި ފިތުމުން "ޓްރެބެކިޔުލަރ މެޝްވޯކް" އަދި "ސްކެލިމްސް ކެނަލް" ހުޅުވިގެން ދެއެވެ. ސްކެލިމްސް ކެނަލް އަކީ އެންޓީރިއަރ ޗެމްބަރ އިން އެކޫއިއަސް ހިޔުމަރ ނަގައިދޭ ލިމްފް ހޮޅި ކަހަލަ ހޮޅިއެކެވެ.

ސިލިއާރިސް މަސްކޮޅުގައި ހިމެނޭ ވަށްކޮށް ހުންނަ މަހުގެ ފައިބަރުތައް ހުންނަނީ މާ އެތެރޭގައި ބޮޑަށް ކުރިމައްޗަށްވާ ގޮތަށެވެ. މަހުގެ މިވައްތަރު ފައިބަރުތައް ފަހަތުން ހަރުލާފައިވަނީ ލޮލުގެ ކަޅުކަޅީގައެވެ. މިފައިބަރުތައް ކުރުގެޅި ފިތުމުން، ޒޮނިޔޫލް ފައިބަރުތައް ނުވަތަ ސަސްޕެންސަރީ ލިގަމެންޓް ހަމައަކަށް އެޅިދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލެންސްގެ ވަށަމިން ބޮޑުވެގެންދާނެ އެވެ.

ސިލިއާރިސް މަސްކޮޅުގައި ހިމެނޭ ގުދުކޮށް ލެނބޭގޮތަށް އެތުރިފައިވާ މަހުގެ ފައިބަރުތަކަކީ ދިގަށް އެތުރިފައިވާ މަހުގެ ފައިބަރުތަކާއި، ވަށްކޮށް އެތުރިފައިވާ މަހުގެ ފައިބަރުތައް ގުޅުވައިދޭ މަހުގެ ފައިބަރުތަކެކެވެ.

ސިލިއަރީ ބޮޑީގެ ބަތާނަފަށް

ސިލިއަރީ ބޮޑީގައި ހިމެނޭ ސިލިއަރީ ޕްރޮސެސްތައް (ޕާރސް ޕްލިކޭޓާ) އަދި އޯބިކިޔުލަސް ސިލިއާރިސް (ޕާރސް ޕްލޭނާ)ގެ ދާޚިލީ ސަތަހައިގެ ބަތާނަ ފަށް އުފެދިފައިވަނީ ދެ ފަށަލައަކުންނެވެ. ނުވަތަ "އެޕިތީލިއަމް"ގެ ދެފަށަލަ މިބައިގެ ދާޚިލީ ސަތަހައިގައި ހިމެނެއެވެ.

އެގޮތުން ބޭރު ފަށަލައިގައި ހިމެނެނީ "ޕިގްމެންޓެޑް އެޕިތީލިއަމް" އެވެ. މިބައިގައި ހިމެނެނީ "ކިޔުބޮއިޑަލް ސެލް" ތަކެވެ. މިފަށަލަ އިންނަނީ ސްޓްރޯމާ ޖެހިގެންނެވެ. އަދި މިފަށަލަ ގުޅި ކުރިޔަށް ގޮސްފައިވަނީ ލޮލުގެ އަލިދުލީގެ "ޕިގްމެންޓެޑް އެޕިތީލިއަމް"ގެ ގޮތުގައެވެ.

އެތެރޭ ފަށަލައިގައި ހިމެނެނީ "ނޮން-ޕިގްމެންޓެޑް އެޕިތީލިއަމް" އެވެ. މިބައިގައި ހިމެނެނީ "ކޮލަމްނަރ ސެލް" ތަކެވެ. މިފަށަލަ އިންނަނީ ޕޯސްޓީރިއަރ ޗެމްބަރ ގައި "އެކޫއިއަސް ހިޔުމަރ" ޖެހިގެންނެވެ. އަދި މިފަށަލަ ކުރިޔަށް ގޮސްފައިވަނީ އަލިދުއްޔާއި ގުޅިގެންނެވެ.

ސިލިއަރީ ބޮޑީ އެކުލެވިގެންވާ ބައިތައް

ސިލިއަރީ ބޮޑީ އެކުލެވިގެންވަނީ މައިގަނޑު 3 ބައެއްގެ މައްޗަށެވެ. އެއީ "އޯބިކިޔުލަސް ސިލިއާރިސް"(Orbiculus ciliaris)، "ސިލިއަރީ ޕްރޮސެސް"(Ciliary process)، އަދި "ސިލިއާރިސް މަސްކޮޅު"(Ciliaris muscle) މި 3 ބައެވެ.

އޯބިކިޔުލަސް ސިލިއާރިސް

އޯބިކިޔުލަސް ސިލިއާރިސް އަކީ 4 މިލިމީޓަރުގެ ފުޅާމިން ހުންނަ ސަރަހައްދެކެވެ. މިބައި ސީދާ ގޮތެއްގައި ގުޅި ކުރިޔަށް ގޮސްފައިވަނީ ކޮރޮއިޑްގެ ކުރިމަތީ ބަޔާ އެކުގައެވެ. ދިގަށް އެތުރިފައި ހުންނަ ބައިވަރު "ރިޖްތައް"(ridges) މި ހިސާބުގައި ވެއެވެ.

ސިލިއަރީ ޕްރޮސެސް

ސިލިއަރީ ޕްރޮސެސް ތައް އުފެދިފައިވަނީ ކޮރޮއިޑް ގެ ތަފާތު ފަށަލަތައް (ޚާއްޞަކޮށް ކޮރޮއިޑް ޕްރޮޕަރ، އަދި ލެމިނާ ބޭސާލިސް) އެތެރެއަށްވީ ފަރާތަށް މެޅިގެން(inward folding) ގޮސްގެނެވެ. މިގޮތަށް މެޅިފައިވާ މެޅުން ވަދެފައި ހުންނަނީ ސަސްޕެންސަރީ ލިގަމެންޓްގައިވާ މިފަދަ މެޅުންތަކުގެ ތެރެގައެވެ. ސިލިއަރީ ޕްރޮސެސް ތައް އެތުރިފައި ހުންނަނީ ވަށްބުރެއްގެ ސިފަޔަށެވެ. ސިލިއަރީ ޕްރޮސެސް ތަކުގެ އަދަދު އުޅެނީ 80-60 އާއި ދެމެދުގެ އަދަދެއްގައެވެ. އެތުރިފައި އިންނަނީ އެކަތި އަނެކައްޗާއި ޖެހިޖެހިގެންނެވެ.

ސިލިއަރީ ޕްރޮސެސްތައް އަރިމަތިން ތަތްވެފައި ހުންނަނީ އޯބިކިޔުލާރިސް ސިލިއާރިސް ގެ 4-3 ރިޖް ގައެވެ. އަދި މިޕްރޮސެސްތައް ރިޖުތަކުގައި ޖެހި، ކުރިޔަށް ގޮސްފައިވަނީ (ގުޅިފައިވަނީ) ކޮރޮއިޑްގެ ފަށަލަތަކާ އެވެ. ސިލިއަރީ ޕްރޮސެސް ތަކުގެ އިދިކޮޅު ނިމުންތައް(opposite extremities) ހުންނަނީ ވަށްކޮށެވެ. އަދި މިނިވަންކަމާއެކުގައެވެ. މާނައަކީ އެއްވެސް ތަނަކާ ނޫނީ އެއްޗަކާ ނުގުޅި އެވެ. މިބައި (ސިލިއަރީ ޕްރޮސެސްތަކުގެ އިދިކޮޅު ނިމުންތައް) އަމާޒު ކުރެވިފައި ހުންނަނީ "ޕޯސްޓީރިއަރ ޗެމްބަރ"(posterior chamber) އާއި، ލެންސް އާއި ދިމާވާ ގޮތަށެވެ. ސިލިއަރި ޕްރޮސެސްތައް ކުރިމަތިން ގުޅިފައިވަނީ ލޮލުގެ ކަޅުކަޅީގެ އަރިމައްޗާ އެވެ. އަދި ސިލިއަރީ ޕްރޮސެސް ތަކުގެ ފަހަތު ސަތަހަ ގުޅިފައިވަނީ ލެންސްގެ ސަސްޕެންސަރީ ލިގަމެންޓް އާއެވެ.

ސިލިއަރީ ޕްރޮސެސް ތަކަކީ ކޮރޮއިޑް އާއި އެއްގޮތް އޮނިގަނޑެކެވެ. ނަމަވެސް ސިލިއަރީ ޕްރޮސެސްތަކުގެ ހޮޅިތައް ބޮޑެތި ވެފައި، މައިގަނޑު ގޮތެއްގައި އެތުރިފައި ހުންނަނީ "ލޮންޖިޓިއުޑިނަލް ޑައިރެކްޝަން" އަށް ވާގޮތަށެވެ. ސިލިއަރީ ޕްރޮސެސްތަކުގެ ފަހަތު ސަތަހަ ފޮރުވިފައިވަނީ ކަޅު ޕިގްމެންޓެޑް ސެލްތަކުގެ ދެލެމިނާ އެކުލެވޭ ފަށަލަ(bilaminar layer)  އަކުންނެވެ. ސިލިއަރީ ޕްރޮސެސްތަކުގެ ސްޓްރޯމާގައި "ސްޓެލޭޓް ޕިގްމެންޓެޑް ސެލް"ތައް މަދުން ނަމަވެސް ހުރެއެވެ. ނުވަތަ މިފަދަ ސެލްތައް ހުންނަނީ ކޮރޮއިޑް ގައި ހުންނަހާ ގިނަޔަކުން ނޫނެވެ.

ބުނެވޭ ގޮތުގައި އެކޫއިއަސް ހިޔުމަރ އަކީ ސިލިއަރީ ޕްރޮސެސްތަކުގެ ކޮޅުގެ ބަތާނަ ފަށުގެ ސެލްތަކުން ދޫކުރާ ދިޔައެކެވެ.

ސިލިއާރިސް މަސްކޮޅު

ސިލިއާރިސް މަސްކޮޅަކީ އަޅިކުލައިގައި އެއްބައި އެތެރެ ފެންނަށް ގޮތަށް 3 މިލިމީޓަރުގެ ފުޅާމިން ހުންނަ، މަހުން އުފެދިފައިވާ ވަށް ބޭންޑެކެވެ. މިމަސްކޮޅުގައި ހުންނަނީ "އަންސްޓްރިޕްޑް" ފައިބަރު(unstripped fibers)  ތަކެވެ. މިމަސްކޮޅު އިންނަނީ ކޮރޮއިޑްގެ ކުރީބައިގެ ބޭރު ސަތަހައިގައެވެ. މިމަސްކޮޅު އެންމެ ބޯވަނީ ކުރިމަތިންނެވެ. އެހިސާބުގައި މަސްކޮޅު އެކުލެވިގެންވަނީ 2 ސެޓް މަހުގެފައިބަރު ގެ މައްޗަށެވެ. އެއީ ވަށްކޮށް ހުންނަ(circular fibers) މަހުގެ ފައިބަރުތަކާއި، "މެރީޑިއޯނަލް"ކޮށް(meridional fibers) ހުންނަ މަހުގެ ފައިބަރުތަކެވެ.

އާންމު ގޮތެއްގައި ގިނައިން ހުންނަނީ މެރީޑިއޯނަލް މަހުގެ ފައިބަރުތަކެވެ. މިފައިބަރުތައް ނިކުމެފައި ހުންނަނީ "ސްކެލިރަލް ސްޕަރ"(scleral spur)ގެ ފަހަތު ދާރައިންނެވެ. އެއަށްފަހު ފަހަތަށް ޖެހި ގޮސް، ތަތްލާފައި ނޫނީ ހަރުލާފައި ހުންނަނީ ސިލިއާރިސް ޕްރޮސެސް ތަކާއި، އޯބިކިޔުލާރިސް ސިލިއާރިސް ގައެވެ. ވަށްކޮށް ހުންނަ މަހުގެ ފައިބަރުތައް ހުންނަނީ މެރީޑިއޯނަލް ކޮށް ހުންނަ މަހުގެ ފައިބަރުތަކުގެ އެތެރެއިންނެވެ.

ސިލިއާރިސް މަސްކޮޅަކީ ކައިރީގައި ވާ އެއްޗެއް ބަލާއިރު، ލޯއެއަށް ބެލުމަށް ހާނުވައި ޒިންމާވުމުގައި ހިއްސާވާ މައި އެޖެންޓެވެ. ނޫނީ "އެކޮމޮޑޭޝަން"(accommodation)ގައި ހިއްސާވާ މައި އެޖެންޓެވެ. ސިލިއާރިސް މަސްކޮޅު ކުރުގެޅި ފިތުމުން، ސިލިއަރީ ޕްރޮސެސްތައް ކުރިޔަށްޖެހި، ލެންސްގެ ސަސްޕެންސަރީ ލިގަމެންޓް ހަމައަކަށް އެޅިދެއެވެ. އެހެންކަމުން މިއީ ލެންސްގެ ބައްޓަން ކޮންޓްރޯލް ކުރުމުގައި ބައިވެރިވާ މަސްކޮޅެކެވެ.   

ސިލިއަރީ ބޮޑީގެ ވަޒީފާ ނުވަތަ ސިލިއަރީ ބޮޑީ އިން ފުރިހަމަކޮށްދޭ މަސައްކަތްތައް

ސިލިއަރީ ބޮޑީގައި ސިލިއަރީ މަސްކޮޅު ތަކާއި، ސިލިއަރީ ޕްރޮސެސް ތައް ހިމެނެއެވެ.

1. ސިލިއަރީ މަސްކޮޅު ތަކަކީ ލޮލުން ފުރިހަމަކޮށްދޭ "އެކޮމޮޑޭޝަން" ގެ މަސައްކަތަށް ބޭނުންތެރި މަސްކޮޅު ތަކެކެވެ.

2. ސިލިއަރީ ޕްރޮސެސް ތަކުން "އެކޫއިއަސް ހިޔުމަރ"، ލޮލުގެ ލެންސްގެ ފަހަތުގައިވާ "ޕޯސްޓީރިއަރ ޗެމްބަރ" އަށް ދޫކުރެއެވެ. މީގެ އިތުރުން ލެންސްގެ ސަސްޕެންސަރީ ލިގަމެންޓް ސިލިއަރީ ބޮޑީގައި ހަރުލާފައި ހުންނަނީ ސިލިއަރީ ޕްރޮސެސް ތަކުގެ އެހީގައެވެ.

ހަވާލާ

·         https://www.bartleby.com/107/225.html

·         https://www.intechopen.com/books/glaucoma-basic-and-clinical-aspects/anatomy-of-ciliary-body-ciliary-processes-anterior-chamber-angle-and-collector-vessels

 

  

No comments:

Post a Comment