Monday, March 26, 2012

ފަނިވުން

ފަނިވުން
ފަނިވުން (Worm infestations) ނުވަތަ ފަނިވުމަކީ ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައި ބަލިމަޑުކަން ފަތުރާ އެންމެ އާންމު އެއްކަމެވެ. މިއީ ދިވެހިރާއްޖެއިން ވަރަށް ޢާންމުކޮށް ފެންނަ މައްސަލަ އެކެވެ. "ފަނިވުން" އެންމެ ގިނައިން ފެންނަނީ 14-3 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިންނެވެ. ފަނިވުމަށް އެތައް ވައްތަރެއްގެ ފަނި މެދުވެރިވެއެވެ.ނުވަތަ ފަނީގެ އެތައް ވައްތަރެއް އުޅެއެވެ. މިގޮތުން އެންމެ އާންމުކޮށް ފެންނަނީ ދިގުފަނި، އަދި ބުޅިފަނި އެވެ. ކުއްޖާ ފަނިވަނީ ފަނި، ނުވަތަ ފަނީގެ ބިސް ހަށިގަނޑުގެ ތެރެއަށްވަދެ، ބޮޑުވެ، ބިސްއަޅާ ކުއްޖާގެ ހަށިގަނޑުން އެފަނީގެ ކާނާ ހޯދަން ފެށުމުންނެވެ.

އާންމުކޮށް ހަށިގަނޑަށް ފަނި ވަންނަނީ ފަންޏެއްގެ ސިފައިގައެއް ނޫނެވެ. ނަމަވެސް ފަންޏަށްވުމުގެ ކުރިން ހަމަލޮލަށް ނުފެންނަ ކުޑަކުޑަ ބިހެއްގެ ސިފައިގައެވެ. ފަންޏާއި ފަނީގެ ބިސް މާހައުލަށް ފެތުރެނީ ބިންމައްޗަށާއި، ވަޅުފަދަ ތަންތަނަށް ފަނިވެފައި ތިބޭ މީހުންގެ ނުވަތަ ކުދިންގެ ނަޖިސް އެޅުމުންނެވެ.

ފަނީގެ ވައްތަރުތަކުން ކުރާ އަސަރުތައް
ފަނިވުމުން ވަރަށްގިނަ ނޭދެވޭ އަސަރު ކުއްޖާއަށް ފޯރައެވެ.
ދިގުފަނި
ü      ކުއްޖާބޮޑުނުވުން
ü      ގޮހޮރުގެ މައްސަލަތައް ދިމާވުން
ü      ނިއުމޯނިޔާ ޖެހުން
ü      ފަނިތައް ގިނަވެގެން ގޮސް ގޮހޮރު ބެދުން
ü      ގޮހޮރު ފޫދުއްވާލުމަށްފަހު، ނޭވާލާހޮޅި،ފުއްޕާމޭ، މޭގަނޑު، ޗިސްމޭ، ހިތް ފަދަ ގުނަވަންތަކަށް ފަނިދިއުން
ބުޅިފަނި : ބުޅިފަނި އަށަގަތުމުގެ ސަބަބުން ހަށިގަނޑުން ފޯލިކް އެސިޑް މަދުވެ، ލޭމަދުވުމަށް ދިމާވުން ފަދަ ކަންތައްތައް ހިމެނެއެވެ.

މިކަންތައްތަކުގެ އިތުރުން ފަނިވުމުގެ ސަބަބުން ކުއްޖާ ކާހިތްނުވުމާއި، ކެވޭލެން މަދުވުން ހިމެނެއެވެ. މިހެން ދިމާވުމުން ކުއްޖާއަށް އެދެވޭ ވަރަށް ކާނާ ނުލިބި، ލޭމަދުވެ، އެހެން ބަލިތައް ފަސޭހައިން ޖެހެއެވެ. އަދި ކިޔެވުމާއި އުގެނުމަށް ހުރަސް އަޅައެވެ.

ފަނިވުމުން އާންމުކޮށް ފެންނަ އަލާމާތްތައް
ü      ބަނޑުގައި ރިހުން
ü      ކާހިތްނުވުން
ü      ބޭރަށްހިންގުން / ބަނޑުހިކުން
ü      ގައިގެ ވަރުދެރަވުން
ü      އެދެވޭ ވަރަށް ކާނާ ނުލިބުން
ü      ލޭމަދުވުން
ü      ހެދިބޮޑުވުމަށް ހުރަސްއެޅުން
ü      އެހެން ބަލިތައް ވެސް ފަސޭހައިން ޖެހުން

ފަނިވާން މެދުވެރިވާ ސަބަބުތައް
ފަނިވުމަކީ ގެންގުޅެވޭ ބައެއް ސާފުތާހިރު ނޫން އާދަކާދަ ތަކެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ.
v     މާޙައުލަށް ފަންޏާއި، ފަނީގެ ބިސް ފެތުރުމަށް ދިމާވާ ސަބަބުތައް
-          ހާމަ ތަންތަނާއި، ވަޅުކައިރިއަށް ބޮޑުކަމާއި ކުޑަކަމުދިއުން
-          ބޮޑުކަމުދާ އެއްޗެހި ރަގަޅަށް ނެތިގެން ނުދަނީސް ގަހުކާނާގެ ގޮތުގައި ބޭނުންކުރުން

v     ކާބޯތަކެތީގެ ޒަރީޢާއިން ފަންޏާއި ފަނީގެ ބިސް އަގަޔަށް ލެވުމަށް ދިމާވާ ސަބަބުތައް
-          ރޯތަރުކާރީ އާއި މޭވާ ރަގަޅަށް ނުދޮވެ ކެއުން
-          މެހި ޖައްސާފައި ހުރި ކާބޯތަކެތި ކެއުން
-          ރަގަޅަށް ރޯނުފިލާހުރި ކަޑުމަހާއި، އެއްގަމުމަސް ކެއުން
-          ނުސާފު ބޯފެންބުއިން

v     އަތާއި އިގިލިތަކުގެ ޒަރީޢާއިން ފަނީގެ ބިސް އަނގަޔަށް ވަނުމަށް ދިމާވާ ސަބަބުތައް
-          ކެއުމުގެ ކުރިން އަތްނުދޮވުން، ނުވަތަ އަތްނުދޮވެ ކެއުން
-          ބޮޑުކަމުދިއުމަށްފަހު އަތްނުދޮވުން
-          ބިންމަތީގައި ކުޅެން އުޅުމަށްފަހު ނުވަތަ ބިންމައްޗަށް އަތްލައިގެން ކުޅެން އުޅުމަށްފަހު އަތްނުދޮވުން
-          ނިޔަފަތި ދަށުގައި ހަޑިއެއްޗެހި ހަރުލާފައި ހުރުން
-          އިގިލިބުއިން

v     ހަމުގެ ތެރެއިން ހަށިގަނޑަށް ފަނިވަނުމަށް ދިމާވާ ސަބަބުތައް
-          ފައިވާނަށް ނާރާ ބިންމައްޗާއި، ދަނޑުދަނޑުގައި ހިނގުން، ނުވަތަ ހުސްފައިގައި ބިންމަތީގައި އުޅުން
-          ކުޅެހެދުމާ، ގަސް އިންދާ ދަނޑުހައްދާ، އަދި މިނޫން ވެސް މަސައްކަތްކުރުމަށް ބިންމައްޗަށް އަތްލައިގެން އުޅުން

ކުޑަކުދިން ފަނިވުމުން ރައްކާތެރި ކުރުމަށް ކުރެވިދާނެ ކަންތައްތައް
ü      ތަންދޮރު އެނގޭވަރު ކުޑަކުދިންނަށް ފަނިވުމަކީ ކިހިނެއްޖެހޭ ބައްޔެއްކަން އަންގައިދިނުން
ü      ކަނޑުމަހާއި އެއްގަމުމަސް ރަގަޅަށް ރޯފިލަންދެން ކެއްކުން ނުވަތަ ރަގަޅަށް ކެއްކުމަށްފަހު ކެއުން
ü      ރޯތަރުކާރީއާއި މޭވާ ރަގަޅަށް ދޮވުމަށްފަހު ކެއުން
ü      ކާބޯތަކެތި މެހިން ރައްކާތެރިކުރުން
ü      ކެއުމުގެ ކުރީގަޔާއި، ބޮޑުކަމުދިއުމަށްފަހު ގަޔާއި، ބިންމައްޗަށް އަތްލައިގެން (ކުޅެން) އުޅުމަށްފަހު ރަގަޅަށް ސައިބޯނި ލައިގެން އަތްދޮވުން
ü      ސާފު ބޯފެން ބުއިން ( ކެއްކިފެން، ކްލޮރިންކުރި ފެން )
ü      ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަގަޅަށް ސައިބޯނި ލައިގެން އަތްދޮވުން
ü      ނިޔަފަތި ކަނޑާ ސާފުކޮށް ބެހެއްޓުން

ފަނީގެ ބޭސް
މެބެންޑަޒޯލް (Mebendazole): މިއީ ފަނީގެ ބޭހެކެވެ. މިބޭސް ދެވެނީ:-
ü      ރޮނދި ފަނި     (Thread worm)
ü      ދިގު ފަނި       (Round worm)
ü      ޗާބޫކު ފަނި        (Whip worm)
ü      ބުޅި ފަނި     (Hook worm)
ü      ޑޯޒް : 2 އަހަރުން މަތީގެ ކުދިންނަށް 2 އިރުއިރަކު 100 މިލިގްރާމް 3 ދުވަސް ވަންދެން
ü      ބޭސް ނެރެފައިވާގޮތް
o       ގުޅަ 100 މގ
o       ސަސްޕެންޝަން 100މގ / 5އެމްއެލް
ü      ސަމާލުކަން ދޭންވީ ކަންތައްތައް
o       ލޭމަދުވާ މީހުންނާއި، ވަރުބަލިވެ ނޭވާ ހާސްވާގޮތްވާ މީހުންނަށާއި، ފޮއްސިވެފައިވާ މީހުންނަށް މިބޭސް ދޭންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތީންނެވެ.
o       މާބަނޑުމީހުންނާއި ކިރުދޭ މައިންނަށް މިބޭސް ދީގެން ނުވާނެއެވެ.
o       މާބޮޑަށް ފަނިވެފައި ތިބޭ ކުދިންގެ އަނގަޔާއި ނޭފަތުން ވެސް ފަނި ނިކުމެދާނެ އެވެ.
ü      ބޭސް ބޭނުންކުރުމުން ދިމާވެދާނެ ކަންތައްތައް : ފަނިތައް ލެވުމުގެ ކުރިން ބަނޑުގައި ރިހުން، އަދި ބޭރަށްހިންގުން އެކަށީގެން ވެއެވެ.
ü      ބަލިމީހާއަށް އަންގައިދޭންޖެހޭ މަޢުލޫމާތު : މިބޭސް ކާންވާނީ ހުސްބަނޑާހުރެ އެވެ. އަދި ބޭސްގުޅަ ރަގަޅަށް ހަފައިގެން ބައިޖޯޑު ފެނާއެކުގައެވެ. ބޭރަށްހިންގުމާއި، ބަނޑުގައި ިރހުން ވެސް މިބޭސް ކެއުމުން ހުރެދާނެ އެވެ.

އަލްބެންޑަޒޯލް (Albendazole): މިއީ ފަނީގެ ބޭހެކެވެ. މިބޭސް ދެވެނީ:-
ü      ރޮނދި ފަނި     (Thread worm)
ü      ދިގު ފަނި      (Round worm)
ü      ޗާބޫކު ފަނި        (Whip worm)
ü      ބުޅި ފަނި     (Hook worm)
ü      ޑޯޒް : 2 އަހަރުން : 400މިލިގްރާމް ނިދާ ގަޑީގައި
ü      ބޭސް ނެރެފައިވާގޮތް :
o       ދިޔާ ބޭސް 100މގ / 5 މލ ނުވަތަ 200މގ / 5 މލ
o       ގުޅަ ބޭސް 100 މގ / 200 މގ
ü      ސަމާލުކަން ދޭންވީ ކަންތައްތައް
o       ވިހާއުމުރުގެ އަންހެނުންނަށް މިބޭސް ދޭންވާނީ މައްސަރު ކަންތަކުގެ 7 ދުވަހުގެ ތެރޭގައެވެ.
o       މާބަނޑުމީހުންނަށް 16 ހަފްތާވުމުގެ ކުރިން ދީގެން ނުވާނެއެވެ.
o       މިބޭސް 2 އަހަރުން ދަށުގެ ކުދިންނަށް ދީގެން ނުވާނެއެވެ.
ü      ބަލިމީހާއަށް އަންގައިދޭންޖެހޭ މަޢުލޫމާތު : މިބޭސް ކާންވާނީ ހުސްބަނޑާހުރެ އެވެ. އަދި ބޭސްގުޅަ ރަގަޅަށް ހަފައިގެން ބައިޖޯޑު ފެނާއެކުގައެވެ.

ޕައިރެންޓަލް (Pyrental): މިއީ ފަނީގެ ބޭހެކެވެ. މިބޭސް ދެވެނީ:-
ü      ރޮނދި ފަނި     (Thread worm)
ü      ދިގު ފަނި      (Round worm)
ü      ބުޅި ފަނި     (Hook worm)



ü      ޑޯޒް
ބަލިމީހާގެ ޢުމުރު
މިލިގްރާމްގެ ޢަދަދު
ސިރަޕް އެމްއެލް އިން ދޭންވާވަރު
12 އަހަރުން މަތި
750މގ
30
12-6 އަހަރާއި ދެމެދު
625މގ
25
6-3 އަހަރާއި ދެމެދު
375މގ
15
3-1 އަހަރާއި ދެމެދު
250މގ
10
1 އަހަރާއި 3 މަހާއި ދެމެދު
125މގ
5

ü      ބޭސް ނެރެފައިވާގޮތް :
o       ދިޔާ ބޭސް 125މގ / 5 މލ
o       ގުޅަ ބޭސް 125 މގ / 200 މގ
ü      ބޭސް ދިނުމުގައި ވިސްނަންޖެހޭ ކަންތައްތައް : ފުރަމޭގެ ބަލި ހުންނަ މީހުންނަށް މިބޭސް ދޭންވާނީ ޑޮކްޓަރެއްގެ ލަފާގެ މަތީންނެވެ.
ü      ބޭސް ދިނުމުން ދިމާވެދާނެ ކަންތައްތައް : ކުޑަކޮށް ހޮނޑުލެވުން، ހޮނޑުލުމާއި ބޭރަށްހިންގުން، ބޮލުގައި ރިހުން، އަދި ކުދިކުދި ބިހި ވެސް ގައިގައި ނަގައިފާނެ އެވެ.

ފަނިވުމުގެ ވައްތަރުތަކުގެ މިސާލުތައް
ރޮނދި ފަނި - އެންޓިރޯބިއޭސިސް
އެންމެ އާންމުކޮށް ފެންނަ ރޮނދި ފަންޏަކީ "އެންޓިރޯބިއަސް ވާރމިކިޔުލަރިސް"(Enterobius vermicularis) އެވެ. މިފަނީގެ ސަބަބުން ޖެހޭ ފަނިވުމަށް ކިޔަނީ "އެންޓިރޯބިއޭސިސް"(Enterobiasis) އެވެ.
ފެތުރޭގޮތް : ރޮނދި ފަނީގެ ސަބަބުން ބަލި ފެތުރެނީ ފަންޏާއި ތަޣައްޔަރުވެފައިވާ އަތް، ނުދޮވެ އަނގަޔަށްލުމުންނާއި، ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ރަގަޅަށް ނުދޮވެ ބޭނުންކުރުމުންނެވެ.
އަލާމާތްތައް : ރޮނދި ފަންޏާއި ގުޅިގެން ފަނިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ރޭގަނޑު ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހިރުވައި ކެހުން،(ބައެއް ފަހަރު އެއްޗެއް ތޮރުފާހެން ހީވުން، އެއްޗެއް ހަރާހެން ހީވުން، އެއްޗެއް ދުވާހެން ހީވުން) ނިދިނައުން، ކާހިތްނުވުން، ބަރުދަން ލުއިވުން، ހިމޭނުން ހުންނަން އުދަނގޫވުން، ރޭގަނޑު ގަޔަށް ފަހަރުވާލެވުން، ފަދަ އުދަނގޫތައް ހިމެނެއެވެ. އަންހެންކުދިންނަށް ބައެއް ފަހަރު ކުރިމަތި ފަރާތް ރަތްވެ ދުޅަވުމަކީ ވެދާނެ ގޮތެކެވެ.
ފަރުވާ : ފަނިވެފައިވާކަން އެނގޭ ހިސާބުން ފަނީގެ ބޭސް ދޭންވާނެ އެވެ. ބައެއް ފަހަރު އާއިލާގެ އެހެން މެންބަރުންނަށް ވެސް ފަނީގެ ބޭސް ދޭން ޖެހިދާނެ އެވެ. ފަރުވާގެ ގޮތުގައި މިބެންޑަޒޯލް އަދި ޕިޕެރެޒިން ދީއުޅެއެވެ. އާންމު ގޮތެއްގައި މިއިން ކޮންމެ ބޭހެއް ވެސް އެންމެ ފަހަރަކު ބޭނުންކުރުމުން ފުދޭނެ އެވެ. އެގޮތުން އާންމުކޮށް ދެވެނީ މިބެންޑަޒޯލް 100 މިލިގްރާމް އެންމެ ފަހަރަކު އެވެ.
ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތައް
v     ކޮންމެ ދުވަހަކު ހެދުނު ހޭލައިގެން ފެންވެރުން : މިގޮތަށް ހެދުމުން ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ފަނިތައް ސާފުވާނެ އެވެ.
v     ފާޚާނާކޮށް ނިމިގެންނާއި ކެއުމުގެ ކުރިން ރަގަޅަށް އަތް ދޮވުން
v     ކޮންމެ ދުވަހަކު ޖަނގިޔާ ބަދަލުކުރުން ނުވަތަ ބަދަލުކުރުވުން
v     ނިދާ އެނދުގެ ބެޑުޝީޓް ގިނަގިނައިން ބަދަލުކުރުން
v     ބަލިޖެހިފައިވާ މީހުންނާއި ކުދިންގެ ނިޔަފަތި ކަނޑައި ކުރުކޮށްފައި ބެހެއްޓުން
v     ބަލިޖެހިފައިވާ ކުދިން ނިދާއިރު ދޫ ހެދުމެއް ޚިޔާރުކުރުން
v     ބަލިޖެހިފައިވާ މީހާ ބޭނުންކުރާ ކޮޓަރި ރަގަޅަށް ސާފުކުރުން
v     ގޭގެ ގިނަބަޔަކު ފަނިވެފައިވާނަމަ އެންމެން އެއްފަހަރާ ފަރުވާކުރުން
v     ކާބޯތަކެތި ރަގަޅަށް ދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުން

ދިގު ފަނި - އެސްކަރިއޭސިސް
އެންމެ އާންމުކޮށް ފެންނަ ދިގު ފަންޏަކީ "އެސްކަރިސް ލުމްބްރިކޮއިޑްސް"(Ascaris lumbricoides) އެވެ. މިފަނީގެ ސަބަބުން ޖެހޭ ފަނިވުމަށް ކިޔަނީ "އެސްކަރިއޭސިސް"(Ascariasis) އެވެ.
ފެތުރޭގޮތް : ދިގުފަނީގެ ސަބަބުން ބަލި ފެތުރެނީ ފަންޏާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރުމާއި، ފެން ބޭނުންކޮށް ހެދުމުގެ ތެރޭގައެވެ. ނުވަތަ ބަލީގެ ފަންޏާއި އަތް ތަޣައްޔަރުވެފައިވަނިކޮށް ނުދޮވެ އަނގަޔަށް އަތްލައިހެދުމުންނެވެ.
އަލާމާތްތައް : ދިގު ފަންޏާއި ގުޅިގެން ފަނިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިހުން، ކާހިތްނުވުން، ބަރުދަން ލުއިވުން، އަދި ވިޓަމިން މަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ފުއްޕާމެޔަށް ފަނިތައް ދަތުރުކޮށްފިނަމަ، ނޭވާކުރުވެ، ނޭވާލާއިރު އަޑުހުރެފައި، ކެއްސާފައި ހޮނޑުލާއިރު ބައެއް ފަހަރު ފަނި އަނގައިން ބޭރުވެއެވެ. ބޮޑުކަމުދާ ތަކެއްޗާއެކު ވެސް ފަނިތައް ބޭރުވެއެވެ. ބައެއް ފަހަރު ނޭވާލާން އުދަނގޫވެ، ބަނޑުގައި ރިހި، ބަނޑު ފުއްޕާގޮތް ވެއެވެ. މިހެންވަނީ ފަނީގެ ސަބަބުން ގޮހޮރު ބެދޭގޮތް ވުމުންނެވެ.
ފަރުވާ : ފަރުވާގެ ގޮތުގައި އަލްބެންޑަޒޯލް އަދި މިބެންޑަޒޯލް ފަދަ ބޭސްތައް ބޭނުންކުރެވެއެވެ. ގޮހޮރު ބެދިއްޖެނަމަ އޮޕަރޭޝަން ކުރަން ޖެހެއެވެ. އެގޮތުން ބަރުދަނުގެ ކޮންމެ ކިލޯއަކަށް 100 މިލިގްރާމްގެ މަގުން މިބެންޑަޒޯލް 3 ދުވަހުގެ މުއްދަތަށް ދެވިދާނެ އެވެ.

ރައްކާތެރިވުން : ދިގު ފަނީގެ ސަބަބުން ފަނިވުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން އަތްދޮވުމާއި، ތަރުކާރީއާއި މޭވާފަދަ ތަކެތި ރަގަޅަށް ދޮވެގެން ބޭނުންކުރުން، ފަސްމައްޗަށް ބޮޑުކަމު ނުދިއުން، މާހައުލު ސާފުތާހިރުކޮށް ބޭއްވުން ފަދަ ކަންކަން ހިމެނެއެވެ.

ޗާބޫކު ފަނި - ޓްރައިކިއުރިއޭސިސް
އެންމެ އާންމުކޮށް ފެންނަ ޗާބޫކު ފަންޏަކީ "ޓްރައިކިއުރިސް ޓްރައިކިއުރާ"(Trichuris trichura) އެވެ. މިފަނީގެ ސަބަބުން ޖެހޭ ފަނިވުމަށް ކިޔަނީ "ޓްރައިކިއުރިއޭސިސް"(Trichuriasis) އެވެ.
ފެތުރޭގޮތް : ޗާބޫކު ފަނީގެ ސަބަބުން ބަލިފެތުރެނީ ބަލީގެ ފަންޏާއި އަތް ތަޣައްޔަރުވެފައިވަނިކޮށް ނުދޮވެ އަނގަޔަށް އަތްލައިހެދުމުންނެވެ. އަދި ފަންޏާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކައި ބޮއި ހެދުމުގެ ތެރޭގައެވެ.
އަލާމާތްތައް : ޗާބޫކު ފަންޏާއި ގުޅިގެން ފަނިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ދަށްބަނޑުގައި ރިހުން، ވައިބޭރުވުން، ބޭރަށްހިންގުން ނުވަތަ ބަނޑުހިކުން ފަދަ އުދަގޫތައް ހިމެނެއެވެ. މީގެ އިތުރުން ހޮނޑުލުން، ބަނޑުފުއްޕުން، ކާހިތްނުވުން، ބަރުދަން ލުއިވުން، ލޭމަދުވުން، ބޮޑުކަމުދާއިރު ތަދުވުން، ފަދަ އުދަނގޫތައް ބައެއް ފަހަރު ފެންނަގޮތް ވެއެވެ.
ފަރުވާ : ފަރުވާގެ ގޮތުގައި އަލްބެންޑަޒޯލް އަދި މިބެންޑަޒޯލް ފަދަ ބޭސްތައް ބޭނުންކުރެވެއެވެ.
ރައްކާތެރިވުން : ޗާބޫކު ފަނީގެ ސަބަބުން ފަނިވުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން އަތްދޮވުމާއި، ތަރުކާރީއާއި މޭވާފަދަ ތަކެތި ރަގަޅަށް ދޮވެގެން ބޭނުންކުރުން ހިމެނެއެވެ.

ބުޅިފަނި - އެންކައިލޮސްޓޯމިއޭސިސް
އެންމެ އާންމުކޮށް ފެންނަ ބުޅި ފަންޏަކީ "އެންކައިލަސްޓޯމާ ޑުއަޑިނޭލް"(Ancylostoma duodenale) އަދި "ނިކޭޓަރ އެމެރިކާނަސް"(Necater Americanus) އެވެ. ބުޅިފަނީގެ ސަބަބުން ޖެހޭ ފަނިވުމުގެ ވައްތަރަށް ކިޔަނީ " އެންކައިލަސްޓޯމިއޭސިސް"(Ancylostomiasis) އެވެ.
ފެތުރޭގޮތް : ބުޅި ފަނީގެ ސަބަބުން ބަލި ފެތުރެނީ ބަލީގެ ފަންޏާއި ތަޣައްޔަރުވެފައިވާ ބިންގަނޑުގެ މަތީގައި ހުސްފަޔާއި ހިނގުމުން، ހަން،ތެތްދުލިފަށް، އަދި މަށައިގެންގޮސްފައިވާ ތަންތަން  ހުރަސްކޮށް ހަށިގަނޑަށް ފަނި ވަނުމުންނެވެ.
އަލާމާތްތައް : ބުޅި ފަންޏާއި ގުޅިގެން ފަނިވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ބަނޑުގައި ރިހުން، ބޮޑުކަމުދާ ތަކެތީގައި ލޭހުރުން، ހުންއައުން، ކެއްސުން، ބޭރަށްހިންގުން، ވަރުބަލިވުން، ވައިބޭރުވުން، ހިރުވައި ކެހުން، މޭނުބައިކޮށް ހޮނޑުލެވުން އަދި ލޭމަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ފަރުވާ : ފަރުވާގެ ގޮތުގައި އަލްބެންޑަޒޯލް، މިބެންޑަޒޯލް އަދި ޕައިރެންޓަލް ފަދަ ބޭސްތައް ބޭނުންކުރެވެއެވެ. އެގޮތުން ބަރުދަނުގެ ކޮންމެ ކިލޯއަކަށް 100 މިލިގްރާމްގެ މަގުން މިބެންޑަޒޯލް 3 ދުވަހުގެ މުއްދަތަށް ދެވިދާނެ އެވެ.
ރައްކާތެރިވުން : ބުޅި ފަނީގެ ސަބަބުން ފަނިވުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، ނަރުދަމާގެ ޚިދުމަތް ގާއިމުކުރުމާއި، ފަސްމައްޗަށް ބޮޑުކަމު ނުދިއުމާއި، އަދި ހުސްފަޔާއި ބިންމަތީގައި ނުހިގުން ފަދަ ކަންތައްތައް ހިމެނެއެވެ.

މައުލޫމާތު :-
·         ޞިއްޙަތާއި ހޭލުންތެރިކަން – ފަނިވުން – މަޢުލޫމާތު ގަނޑު – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު
·         ޞިއްޙަތާއި ހޭލުންތެރިކަން – ފަނިވުން – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު
·         އާއިލާ އެހީތެރިންގެ ޑްރަގް ފޯރމިޔުލަރީ – މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރ – 1994
·         އިންޓަނެޓްގެ ބައެއް ވެބްސައިޓްތައް

No comments:

Post a Comment