Wednesday, February 15, 2012

ވައިރަލް ހެޕަޓައިޓިސް




ވައިރަސްގެ ސަބަބުން ފުރަމޭ ދުޅަވުން = ހެޕަޓައިޓިސް ޑީ،އީ، ޖީ

ހެޕަޓައިޓިސް(Hepatitis) އަކީ ފުރަމޭ ދުޅަވުމެވެ. ވައިރަލް ހެޕަޓައިޓިސް (Viral Hepatitis) އަކީ ވައިރަހެއްގެ ސަބަބުން މޭގަނޑު ނުވަތަ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން ފުރަމޭ ދުޅަވަނީ ވައިރަސްތަކުގެ ސަބަބުންނެވެ. ވައިރަސްގެ ސަބަބުން މޭގަނޑު ދުޅަވުން(Viral Hepatitis) އަކީ ދުނިޔޭގެ ނިސްބަތުން ކުރިމަތިލާންޖެހިފައިވާ ވަރަށް ބޮޑު ޞިއްޙީ މައްސަލައެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ. ބައިނަލް އަގްވާމީ ފެންވަރުގައި މިމައްސަލައަށް ސަމާލުކަން ހޯދުމަށްޓަކައި 2010 ވަނަ އަހަރުގެ މެއި މަހުގައި ބޭއްވުނު ވޯލްޑް ހެލްތު އެސެމްބްލީ ގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 28 ވަނަ ދުވަސް "ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް"(World Hepatitis Day) ގެ ގޮތުގައި ފާހަކުރުމަށް ކަނޑައަޅާފައި ވެއެވެ. އެގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް ފާހަގަކޮށްފައިވަނީ 28 ޖުލައި 2011 ގައެވެ.

ލޯރީނދޫވެފައި
ހެޕަޓައިޓިސް އަކީ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން މޭގަނޑު ދުޅަވާން ދިމާވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. މޭގަނޑު ދުޅަކުރާ ނުވަތަ ހެޕަޓައިޓިސް ޖައްސާ މައިގަނޑު 5 ވައްތަރެއްގެ ވައިރަސް ހުރެއެވެ. އެއީ:-
·         ހެޕަޓައިޓިސް ވައިރަސް ޑީ
·         ހެޕަޓައިޓިސް ވައިރަސް އީ
·         ހެޕަޓައިޓިސް ވައިރަސް ޖީ

ނޯޓް : ހެޕަޓައިޓިސްގެ ވައްތަރު ތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު ވައްތަރު ތަކަކީ ހެޕަޓައިޓިސް ބީ ، އަދި ހެޕަޓައިޓިސް ސީ އެވެ. އެއަށްފަހު ހެޕަޓައިޓިސް އޭ އެވެ. އެހެންކަމުން މި 3 ވައްތަރުން ޖެހޭ ހެޕަޓައިޓިސް އާއި ބެހޭގޮތުން މި ބްލޮގްގައި ވަކިން ލިޔުންތައް ހިމަނާފައި ވާނެއެވެ. މިލިޔުމުގައި ބަލާލާނީ  ދެންހުރި ވައިރަސްތަކުގެ މައްޗަށެވެ.

ހެޕަޓައިޓިސް ޑީ
ތަޢާރަފް : ހެޕަޓައިޓިސް ޑީ (Hepatitis D) އަކީ މޭގަނޑަށްޖެހޭ ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް ޑީ ވައިރަސް(Hepatitis virus D) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ.

ވައިރަސް : ހެޕަޓައިޓިސް ޑީ ވައިރަސް(Hepatitis virus D) ފުރަތަމަ ފަހަރަށް ހޯދާފައިވަނީ 1977 ވަނަ އަހަރު މާރިއޯ ރިޒެއްޓޯ އެވެ. މިވައިރަސް އަށް ޑެލްޓާ ވައިރަސް(Delta virus) މިހެން ވެސް ކިޔައެވެ. މިއީ އާރުއެންއޭ ވައިރަހެކެވެ. މާނައަކީ މިވައިރަހުގެ ވިރާސީ ބަހާގެ ގޮތުގައި ހިމެނެނީ "ރައިބޯނިއުކްލިކް އެސިޑް"(Ribonucleic acid) އެވެ. ވައިރަހުގެ ބޮޑުމިނުގައި 36 ނެނޯމީޓަރު ހުރެއެވެ. މީގައި ހެޕަޓައިޓިސް ޑީ އެންޓިޖެން، އަދި އާރުއެންއޭ ސްޓްރޭންޑް އެކުލެވިގެން ވެއެވެ. ހެޕަޓައިޓިސް ޑީ ވައިރަހުގެ ބޭރު ތޮށީގައި ހުންނަ ޕްރޮޓީންގެ ގޮތުގައި ބޭނުންކުރަނީ ހެޕަޓައިޓިސް ބީ ވައިރަސްގެ ސަތަހައިގައި ހުންނަ އެންޓިޖަން އެވެ. އެހެންކަމުން ވައިރަސް އާއި ތަޣައްޔަރުވެފައިވާ މޭގަނޑުގެ ސެލް ތަކުން ހެޕަޓައިޓިސް ޑީ ވައިރަސް ދޫކުރުމަށް ނުވަތަ ބޭރުކުރުމަށް އެމީހަކަށް ހެޕަޓައިޓިސް ބީ ޖެހިފައިހުރުން މުހިއްމެވެ. މާނައަކީ ހެޕަޓައިޓިސް ޑީ ކުރިމަތިވާނީ ހެޕަޓައިޓިސް ބީ އާއެކުގައި "ކޯއިންފެކްޝަން"(Coinfection) އެއްގެ ގޮތުގައެވެ. ހެޕަޓައިޓިސް ބީ ވައިރަސް އުފުލާ ކެރިއަރުންގެ ތެރެއިން 5 އިންސައްތަ މީހުންނަށް ހެޕަޓައިޓިސް ޑީ ޖެހޭކަމަށް ލަފާކުރެވެއެވެ.

ފެތުރޭގޮތް : ހެޕަޓައިޓިސް ޑީ ޖެހޭ އެންމެ އާންމު ގޮތެއް ކަމުގައި ބެލެވިފައިވަނީ  ވައިރަސް އާއި ތަޣައްޔަރުވެފައިވާ ސިރިންޖާއި ކަށި ފަދަ ތަކެތި އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ނެގުމަށް، ބޭނުންކުރުމެވެ. މީގެ އިތުރުން ބަލިޖެހިފައިވާ މީހަކާއެކު ޖިންސީގުޅުން ހިންގުމާއި، ބަލިޖެހިފައިވާ މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ވެސް މިބަލިޖެހެއެވެ. ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ލޭގެ ސަބަބުން ވެސް ހެޕަޓައިޓިސް ޑީ ފެތުރެއެވެ.

އަލާމާތްތައް : ހެޕަޓައިޓިސް ބީ އާއި ހެޕަޓައިޓިސް ޑީ އެއް ފަހަރާ ޖެހުމުން ބަލީގެ ކުރީކޮޅުގައި ފެންނަ އަލާމާތްތައް ހެޕަޓައިޓިސް ބީ އެކަނި ޖެހުމުން ބަލީގެ ކުރީކޮޅުގައި ފެންނަ އަލާމާތްތަކާއި ދާދި އެއްގޮތްވާނެ އެވެ. ބަލީގެ ކުރީކޮޅުގައި ފެންނަ އަލާމާތްތައް ބައެއް ފަހަރު ވަރަށް އާދައިގެ މިންވަރަކަށް ފެނިފައި ހިގައިދާނެއެވެ. އަނެއްބައި ފަހަރު ތަންކޮޅެއް ބޮޑަށް އެއުދަގޫތައް ކުރިމަތިވެދާނެ އެވެ. ވަކިން ހެޕަޓައިޓިސް ބީ ޖެހުނަސް ނުވަތަ ދެބަލި އެއްކޮށް ޖެހުމުން ވެސް ދާއިމީ ބައްޔަކަށް ބަދަލުވުމުގެ ފުރުޞަތު އޮންނަނީ ދާދި އެއްވަރަކަށެވެ. ދާއިމީ ބައްޔެއްގެ ގޮތަށް ހެޕަޓައިޓިސް ބަދަލުވަނީ ބަލިޖެހޭ މީހުންގެ ގާތްގަނޑަކަށް 5 އިންސައްތަ މީހުންނެވެ. ނަމަވެސް ހެޕަޓައިޓިސް ބީ އެކަނި ޖެހުމަށްވުރެ މިދެބަލި އެއްކޮށްޖެހިއްޖެނަމަ، އެކަމުގެ ސަބަބުން މޭގަނޑުގައި ލަކުލުން މެދުވެރިވާލެއް މާއަވަހެވެ.
ހެޕަޓައިޓިސް ބީ ޖެހިފައިވަނިކޮށް އޭގެ ފަހުން ހެޕަޓައިޓިސް ޑީ ވައިރަސް އަށް ހުށަހެޅިއްޖެނަމަ، ހެޕަޓައިޓިސް ބީގެ ސަބަބުން ކުރިމަތިވާ ބަލީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން މޭގަނޑުގައި ލަކުނުލުން، މޭގަނޑު ގުރުޑުވެ ހުލިވުން، އަދި މޭގަނޑުގެ މަސައްކަތް ހުއްޓުން ފަދަ ކަންތައްތައް މެދުވެރިވެގެން ދެއެވެ.

ދެނެގަތުން: ބަލިޖެހުމުން ހަށިގަނޑުގައި ހެޕަޓައިޓިސް ވައިރަސް ޑީ އާއި، ދެކޮޅަށް ދިފާޢި ނިޒާމުން ހަށިދަމަނަ އުފެދިފައިވޭތޯ ބަލާނެ އެވެ. ކޯއިންފެކްޝަން އަދި ސްޕަރއިންފެކްޝަން ވަކިކުރުމަށް ހެޕަޓައިޓިސްބީ ކޯރ އެންޓިޖެން އިމިޔުނޯގްލޯބިޔުލިން އެމް(HBcAg IgM) ހުރިނެތްވަރު ބެލެ އެވެ. ކޯއިންފެކްޝަން ގައި މިއެންޓިޖެން ޕޮޓިޒިވްވާއިރު، ސްޕަރއިންފެކްޝަން ގައި ނެގެޓިވް ވާނެއެވެ.
 
ފަރުވާ : ބައެއް ދިރާސާތައް ބުނާގޮތުގައި ހެޕަޓައިޓިސް ބީ އެކަނި ޖެހުމުން އެންޓިވައިރަލް ބޭނުންކުރުމުން ހަށިގަނޑަށް ކުރާ އަސަރަށްވުރެ، މިދެބަލި އެއްކޮށް ޖެހިއްޖެނަމަ، ބައްޔާއި ގުޅިގެންދޭ އެންޓިވައިރަލް ބޭސްތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރު ކުޑައެވެ. އަދި ބައެއް އެންޓިވައިރަލް ބޭސްތަކުން މިދެބަލި އެއްކޮށްޖެހުމުން މާބޮޑު ފައިދާއެއް ނުކުރެއެވެ.

ހެޕަޓައިޓިސް އީ
ތަޢާރަފް : ހެޕަޓައިޓިސް އީ (Hepatitis E) އަކީ މޭގަނޑަށްޖެހޭ ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް އީ ވައިރަސް(Hepatitis virus E) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ.

ވައިރަސް : ހެޕަޓައިޓިސް އީ ވައިރަސް(Hepatitis virus E) ފުރަތަމަ ހޯދާފައިވަނީ 1983 ވަނަ އަހަރުގެ އުޒުބެކިސްތާނުގެ މީހެއްގެ ބޮޑުކަމު ނަޖިހުންނެވެ. މިއީ ކެލްސިވައިރަސް އެކެވެ. މިއީ އާރުއެންއޭ ވައިރަހެކެވެ. މާނައަކީ މިވައިރަހުގެ ވިރާސީ ބަހާގެ ގޮތުގައި ހިމެނެނީ "ރައިބޯނިއުކްލިކް އެސިޑް"(Ribonucleic acid) އެވެ. ވައިރަހުގެ ބޮޑުމިނުގައި 34-32 ނެނޯމީޓަރު ހުރެއެވެ. 

ފެތުރޭގޮތް : ހެޕަޓައިޓިސް އީ ވައިރަސް މައިގަނޑު ގޮތެއްގައި ފެންނަނީ ބަލިޖެހިފައިވަ މީހާގެ ބޮޑުކަމު ނަޖިހުންނެވެ. ބަލިގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހާގެ ބޮޑުކަމު ނަޖިހާއި ތަޣައްޔަރުވެފައިވާ އަތް، ނުވަތަ އިގިލި ސަލާމަތުންހުރި މީހާގެ އަނގަޔަށްލުމުންނެވެ.މިގޮތަށް ބަލިފެތުރުމަށް ކިޔަނީ"ބޮޑުކަމުން ނަޖިހުން-އަގަޔަށް ބަލިފެތުރުން"(Faeco-oral transmission) މިހެންނެވެ. ބަލީގެ ވައިރަސް އެކުލެވޭ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެންބުއިމަކީ ވެސް ބަލިޖެހިދާނެ ކަމެކެވެ. ބަލިޖެހިފައިވާ މާބަނޑު މައިމީހާގެ ފުށުން ތުއްތު ދަރިފުޅަށް ވެސް މިބަލި ޖެހިދާނެއެވެ. ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ބަލީގެ އަލާމާތްތައް ފެނުމަށް 9-2 ހަފްތާގެ މުއްދަތެއް ހޭދަވެއެވެ.

އަލާމާތްތައް : ހެޕަޓައިޓިސް އީ އާންމުކޮށް ޖެހެނީ ޒުވާނުންނަށެވެ. ހެޕަޓައިޓިސް އީ ޖެހުމުން ބަލީގެ ކުރީކޮޅުގައި ދިމާވާ އުދަގޫތައް ހެޕަޓައިޓިސް ބީ ޖެހުމުން ދިމާވާ އުދަގޫތަކަށް ވުރެ ކުޑައެވެ. އަދި މިދުވަސްވަރު މޭގަނޑުގެ މަސައްކަތް ހުންނަ ނުހުންނަގޮތް ޓެސްޓުކޮށް ބަލާއިރު މޭގަނޑުގައި "އަމައިނޯޓްރާންފެރޭސް" ހުންނަ މިންގަނޑަށް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. މާބަނޑުމީހަކަށް ފަހު ތިންމަހުގެ  ތެރޭގައި ހެޕަޓައިޓިސް އީ ޖެހިއްޖެނަމަ، ފުރާނައަށް ނުރައްކާވުމަކީ ވެސް ވެދާނެ ގޮތެކެވެ. ހެޕަޓައިޓިސް އީގެ ސަބަބުން މޭގަނޑުގެ މަސައްކަތްހުއްޓިި، މަސައްކަތް ފޭލްވުމުގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ފަހަރު ފަރުވާގެ ގޮތުގައި އާމޭގަނޑެއް އިންދަން ޖެހެއެވެ.

ދެނެގަތުން: ބަލިޖެހުމުން ހަށިގަނޑުގައި ހެޕަޓައިޓިސް ވައިރަސް އީ އާއި، ދެކޮޅަށް ދިފާޢި ނިޒާމުން ހަށިދަމަނަ އުފެދިފައިވޭތޯ ބަލާނެ އެވެ.

ފަރުވާ : ހެޕަޓައިޓިސް އީ ގެ ފަރުވާ އާންމުކޮށް ބިނާކުރެވިފައި އޮންނަނީ ދިމާވާ އުދަގޫތަކުގެ މައްޗަށެވެ.

ހެޕަޓައިޓިސް ޖީ
ހެޕަޓައިޓިސް ޖީ (Hepatitis G) އަކީ މޭގަނޑަށްޖެހޭ ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް ޖީ ވައިރަސް(Hepatitis Virus G) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ. މިވައިރަސް ނިސްބަތްވަނީ "ފްލެވިވިރިޑޭ"(Flaviviridae)ކިޔާ ވައިރަސްގެ އާއިލާއަކަށެވެ. ހެޕަޓައިޓިސް ސީ ވައިރަސް އަދި ޑެންގޫ ވައިރަސް ވެސް ނިސްބަތްވަނީ މިއާއިލާއަށެވެ.

ހެޕަޓައިޓިސް ޖީ ފެތުރެނީ ލޭއެޅުމުގެ ޒަރީޢާއިންނެވެ. ބައެއް ފަހަރު ހެޕަޓައިޓިސް ބީ އާއެކު ހެޕަޓައިޓިސް ޖީ ކޯއިންފެކްޝަން އެއްގެ ގޮތުގައި ޖެހޭއިރު އަނެއްބައި ފަހަރު ހެޕަޓައިޓިސް ސީ އާއެކު ކޯއިންފެކްޝަން އެއްގެ ގޮތުގައި ހެޕަޓައިޓިސް ޖީ ޖެހެއެވެ.

މައުލޫމާތު :-
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް




ހެޕަޓައިޓިސް ސީ



ވައިރަސްގެ ސަބަބުން ފުރަމޭ ދުޅަވުން = ހެޕަޓައިޓިސް ސީ
ހެޕަޓައިޓިސް(Hepatitis) އަކީ ފުރަމޭ ދުޅަވުމެވެ. ވައިރަލް ހެޕަޓައިޓިސް (Viral Hepatitis) އަކީ ވައިރަހެއްގެ ސަބަބުން މޭގަނޑު ނުވަތަ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން ފުރަމޭ ދުޅަވަނީ ވައިރަސްތަކުގެ ސަބަބުންނެވެ. ވައިރަސްގެ ސަބަބުން މޭގަނޑު ދުޅަވުން(Viral Hepatitis) އަކީ ދުނިޔޭގެ ނިސްބަތުން ކުރިމަތިލާންޖެހިފައިވާ ވަރަށް ބޮޑު ޞިއްޙީ މައްސަލައެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އިން ވަނީ ފާހަގަކޮށްފައެވެ. ބައިނަލް އަގްވާމީ ފެންވަރުގައި މިމައްސަލައަށް ސަމާލުކަން ހޯދުމަށްޓަކައި 2010 ވަނަ އަހަރުގެ މެއި މަހުގައި ބޭއްވުނު ވޯލްޑް ހެލްތު އެސެމްބްލީ ގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 28 ވަނަ ދުވަސް "ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް"(World Hepatitis Day) ގެ ގޮތުގައި ފާހަކުރުމަށް ކަނޑައަޅާފައި ވެއެވެ. އެގޮތުން ދުނިޔޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް ފާހަގަކޮށްފައިވަނީ 28 ޖުލައި 2011 ގައެވެ.

ހެޕަޓައިޓިސް އަކީ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން މޭގަނޑު ދުޅަވާން ދިމާވަނީ ވައިރަސް އެއްގެ ސަބަބުންނެވެ. މޭގަނޑު ދުޅަކުރާ ނުވަތަ ހެޕަޓައިޓިސް ޖައްސާ މައިގަނޑު 5 ވައްތަރެއްގެ ވައިރަސް ހުރެއެވެ. އެއީ:-
·         ހެޕަޓައިޓިސް ވައިރަސް ސީ

ނޯޓް : ހެޕަޓައިޓިސްގެ ވައްތަރު ތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު ވައްތަރު ތަކަކީ ހެޕަޓައިޓިސް ބީ ، އަދި ހެޕަޓައިޓިސް ސީ އެވެ. އެއަށްފަހު ހެޕަޓައިޓިސް އޭ އެވެ. އެހެންކަމުން މި 3 ވައްތަރުން ޖެހޭ ހެޕަޓައިޓިސް އާއި ބެހޭގޮތުން މި ބްލޮގްގައި ވަކިން ލިޔުންތައް ހިމަނާފައި ވާނެއެވެ. މިލިޔުމުގައި ބަލާލާނީ  ދެންހުރި ވައިރަސްތަކުގެ މައްޗަށެވެ.

ހެޕަޓައިޓިސް ސީ
ތަޢާރަފް
ހެޕަޓައިޓިސް ސީ (Hepatitis C) އަކީ ފުރަމޭ ނުވަތަ މޭގަނޑަށް ޖެހޭ ގައިންގަޔަށްއަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިއީ މޭގަނޑު ދުޅަކުރާ ވައިރަސް ތަކުގެ ތެރެއިން ހެޕަޓައިޓިސް ސީ ވައިރަސް(Hepatitis virus C) ގެ ސަބަބުން މޭގަނޑު ދުޅަވުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާތު ހިސާބުތައް ދައްކާގޮތުން އަހަރަކު 4-3 މިލިޔަން މީހުންނަށް މިބަލި ޖެހެއެވެ. އަދި މިބަލީގެ ޝިކާރައަކަށްވެ ދިގުމުއްދަތަކަށް ހަށިގަނޑުގައި ބަލި އަށަގެންފައިވާ މީހުންގެ އަދަދު 170-130 މިލިޔަނަށް އަރާނެކަމަށް ލަފާކުރެވިފައި ވެއެވެ. މިފަދަ މީހުންނަކީ ފުރަމޭގެ ބަލިތައް ކަމުގައިވާ މޭގަނޑުގުރުޑުވެހުލިވުން(Liver Atrophy) އަދި އޭގެ ސަބަބުން މޭގަނޑު މަސައްކަތް ހުއްޓުން(Liver failure) އަދި ފުރަމޭގެ ކެންސަރު(Hepatoma) ޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ ބައެކެވެ. ހެޕަޓައިޓިސް ސީގެ ސަބަބުން ފުރަމެޔަށް ޖެހޭ ބަލިތަކުގައި އަހަރަކު 350 ހާސް މީހުން މަރުވާކަމަށް ހިސާބުތަކުން ދައްކައެވެ. ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ހެޕަޓައިޓިސް ސީ ޖެހޭމީހުންގެ ތެރެއިން 85-75 އިންސައްތަ މީހުންނަށް ބަލި ދިގުލައި ދިއުމުގެ މައްސަލަ ކުރިމަތި ވެއެވެ. ހެޕަޓައިޓިސް ސީގެ ސަބަބުން މޭގަނޑުގެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެނަމަ އޭގެ ފަރުވާ އަކީ އާ މޭގަނޑެއް އިންދުމެވެ.

ހެޕަޓައިޓިސް ސީ ޖެހޭ ސަބަބު
ހެޕަޓައިޓިސް ސީ ވައިރަސް(Hepatitis C virus) އަކީ ހެޕަޓައިޓިސް ސީ ޖައްސާ ޖަރާސީމެވެ. މިއީ އާރުއެންއޭ ވައިރަހެކެވެ. މާނައަކީ މިވައިރަހުގެ ވިރާސީ ބަހާގެ ގޮތުގައި ހިމެނެނީ "ރައިބޯނިއުކްލިކް އެސިޑް"(Ribonucleic acid) އެވެ. މިވައިރަސް ނިސްބަތްވަނީ "ފްލެވިވިރިޑޭ"(Flaviviridae)ކިޔާ ވައިރަސްގެ އާއިލާއަކަށެވެ. ޑެންގޫ ވައިރަސް އަކީ މިއާއިލާއަށް ނިސްބަތްވާ ވައިރަހެކެވެ. މިއީ ސައިޒުގައި އެންމެ 60 ނެނޯމީޓަރު ހުންނަ ކުޑަކުޑަ ވައިރަހެކެވެ. ހަށިގަނޑުގެ ތެރޭގައި މިވައިރަސް ގިނަވެ އިތުރުވަނީ މައިގަނޑު ގޮތެއްގައި މޭގަނޑުގެ ތެރޭގައެވެ.
 
ހެޕަޓައިޓިސް ސީ ވައިރަސް ތަކުގައި ބޭރު ފަށަލަ އެއް ވެއެވެ. މިފަށަލައިގައި ހަށިގަނޑުގެ ސެލްތަކުގެ ތެރޭގައި (ޚާއްޞަކޮށް މޭގަނޑުގެ ސެލްތަކުގެ ތެރޭގައި) ވައިރަސް ގިނަވެ އިތުރުވުމަށް އެހީތެރިވާ ޕްރޮޓީންތަކާއި އެންޒައިމްތައް ހުރެއެވެ. ވައިރަސްގެ ހިމެނޭ ވިރާސީ ބަހާތައް ތަފާތު 6 ސްޓްރެއިން ނުވަތަ 6 ޖީނަޓައިޕް ހެޕަޓައިޓިސް ސީ ވައިރަސްގެ ހުރެއެވެ.

ހެޕަޓައިޓިސް ސީ ޖެހޭގޮތްތައް
ހެޕަޓައިޓިސް ސީ ވައިރަސްގެ ސަބަބުން ބަލިޖެހެން ދިމާވާ ގޮތްތަކުގެ ތެރޭގައި :-
·         ބަލިޖެހިފައިވާ މީހެއްގެ ލޭ ސަލާމަތުންހުރި މީހެއްގެ ލޭގެތެރެއަށް ދިއުން (ލޭގެ ޒަރީޢާއިން) : އޭގެ ތެރޭގައި ލޭއެޅުމާއި، ގުނަވަންތައް އިންދުމާއި، ރައްކާތެރި ނޫން ގޮތުގައި އިންޖެކްޝަން ، އިންޖެކްޝަން ކަށި ބޭނުންކުރުމާއި، އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ބޭނުންކުރާއިރު އެކަކު ބޭނުންކޮށްފައިވާ ކައްޓާއި ސިރިންޖު އަނެކަކު ބޭނުންކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ލޭއަޅާއިރު ރަގަޅަށް ސްކްރީންކުރެވިފައި ނެތުމުން، ބަލީގެ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ލޭއެޅުމަކީ ވެސް ބަލިޖެހޭ ކަމެކެވެ.
·         ހެޕަޓައިޓިސް ސީ ޖެހިފައިވާ މައިމީހާގެ ފުށުން ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅަށް : މިއީ ކުޑަކުދިންނަށް ވަރަށް ނުރައްކާތެރި ބައްޔެކެވެ.
·         ހެޕަޓައިޓިސް ސީ ޖެހިފައިވާ މީހަކާއެކު ރައްކާތެރި ނޫން ގޮތަކަށް ޖިންސީގުޅުން ހިންގުމުން ނުވަތަ އަނބިފިރިވަންތަކަމުގެ ގުޅުންހިންގުން : ބަލިޖެހިފައިވާ މީހަކާއެކު (ހުރަސް ބޭނުންކުރުމެއްނެތި) ޖިންސީގުޅުން ހިންގުމަކީ މިބަލިޖެހޭނެ ކަމެކެވެ. މީގެ އިތުރުން ބައިވަރު މީހުންނާއެކު ޖިންސީގުޅުން ހިންގަމުން ދިއުމަކީ ވެސް ބަލި ޖެހިދާނެ ކަމެކެވެ.
·         ބަލިޖެހިފައިވާ މީހާގެ ލޭ އުގުޅިފައިވާ ތަކެތި ނަގައިގެންގުޅުމުގެ ތެރޭގައި ދިމާވާ ހާދިސާ އަކުން ބަލިޖެހުން : މިސާލަކަށް : ޞިއްޙީ މަސައްކަތްތެރިންގެ ތެރެއިން އޮޕަރޭޝަންކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީގައި މަސައްކަތްކުރާ މުއައްޒަފުންނަށް، މަސައްކަތުގެ ތެރޭގައި ދިމާވާ ހާދިސާ ތަކުގައި މިބަލިޖެހެއެވެ. މިސާލަކަށް ނޭގުމެއްގެ ތެރޭގައި ހެޕަޓައިޓިސް ސީ ޖެހިފައިވާ މީހަކަށް ފަރުވާކުރުމުގައި ބޭނުންކުރެވުނު ކަށްޓެއް ގަޔަށްހެރުމުގެ ސަބަބުންވެސް ބަލިޖެހިދާނެ އެވެ. އަދި އެފަދަ މީހެއްގެ އޮޕަރޭޝަނެއް ކުރުމުގެ ތެރޭގައި ބުރައިގެންދާ ލޭ ސަލާމަތުންހުރި މީހާގެ ލޮލަށް ވާޞިލްވި ނަމަވެސް ބަލިޖެހިދާނެއެވެ.
·         ބަލިމީހާ ބޭނުންކުރާ ތަކެތި އެހެންމީހަކު ބޭނުންކުރުން : މަދުން ނަމަވެސް ބަލިމީހާ ބޭނުންކުރާ ރޭޒަރު، ނިޔަފަތި ކަނޑާ ދަތި، އަދި ދަތް އުގުޅާ ބުރުސް ފަދަ ތަކެތި އެހެން މީހަކު ބޭނުންކޮށްފިނަމަ އެމީހަކަށް ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ.

ހެޕަޓައިޓިސް ސީ ވައިރަސް އަކީ ، ގާތުންކިރުދިނުމާއި، ކާބޯތަކެތީގެ ޒަރީޢާއިންނާއި، އެކުގައި މަސައްކަތްކޮށް، ނުވަތަ އެއްގެއެއްގައި އުޅުމުގެ ސަބަބުން ގައިންގަޔަށް އަރާނެ ވައިރަހެއް ނޫނެވެ. ވުމާއެކު މިބަލި ޖެހިފައިވާ މީހަކާއި އެއްތަނެއްގައި މަސައްކަތްކުރުމާއި، އެއްތަނެއްގައި ކައިބޮއި ހެދުމަކީ ނުރައްކާތެރި ކަމެއް ނޫނެވެ.

ހެޕަޓައިޓިސް ސީ ޖެހުމުގެ ފުރުޞަތު ބޮޑު ފަރާތްތައް
·         އިންޖެކްޝަންގެ ޒަރީޢާއިން މަސްތުވާތަކެތި ނެގުމުގައި އެއްކަށްޓެއް ހިއްސާކުރާ ފަރާތްތައް
·         ހެޕަޓައިޓިސް ބީ ޖެހިފައިވާ މައިންނަށް ލިބޭ ތުއްތުކުދިން
·         ގިނަގިނައިން ލޭއަޅަންޖެހޭ ފަރާތްތައް
·         މޭގަނޑުން އުފައްދާ އެންޒައިމްތައް ލޭގައި ގިނަވެފައިވާ ފަރާތްތައް
·         ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން

ހެޕަޓައިޓިސް ސީގެ އަލާމާތްތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ހެޕަޓައިޓިސް ސީ ވައިރަސް ބަލިމީހާގެ ހަށިގަނޑަށް ވަނުމާއި، އަލާމާތްތައް ފާޅުވުމާއި ދެމެދު 12-4 ހަފްތާ އާއި ދެމެދުގެ (އެވްރެޖް 9 ހަފްތާ)  މުއްދަތެއް ނަގައެވެ.

ބަލީގެ ކުރީކޮޅު
ހެޕަޓައިޓިސް ސީ ޖެހުމުން ފުރަތަމަ ދުވަސްކޮޅު އެއްވެސް އަލާމާތެއް ނުފެނުމަކީ ވެދާނެ ގޮތެކެވެ. ދިރާސާތަކުން ދައްކާގޮތުގައި މިބަލިޖެހޭ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ މިބަލީގެ އުދަނގޫ އެއްވެސް ވަރަކަށް ފާޅުނުވާ މީހުންނެވެ. ހެޕަޓައިޓިސް ސީ ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:-
·         ހުންއައުން
·         ހަށިގަނޑުގެ ވަރުދެރަވުން އަދި ވަރުބަލިވުން
·         ކާހިތްނުވުން
·         މޭނުބައިކުރުން އަދި ހޮނޑުލެވުން
·         ބަނޑުގައި ރިހުން
·         ކުޑަކަމުދާއިރު ގަދަ ރީނދޫ ކުލައިގައި ހުރުން ނުވަތަ ކުޑަކަމުދާ އެއްޗެތީގެ ކުލަ ގަދަވެފައިހުރުން
·         ބޮޑުކަމުދާ ތަކެތީގެ ކުލަ ފަނޑުވުން
·         މީހާ ރީނދޫވުން : ގައިގެ ހަމުގެ ކުލަޔާއި ލޯ ހުންނާނީ ރީނދޫ ކުލައިގައެވެ. މިއީ ހަށިގަނޑުގައި ބިލިރޫބިން ޖަމާވުމުން ދިމާވާ ކަމެކެވެ.
·         ހުޅުހުޅުގައި ރިހުން
 
ބަލި ދިގުލައިދިއުން
ގިނަ ފަަހަރު ދިފާޢީ ނިޒާމުން ކުރާ މަސައްކަތުން ހަށިގަނޑުން ވައިރަސްތައް އެއްކޮށް ހުސްކޮށެއް ނުލެވެއެވެ. އަދި ބަލިޖެހޭ މީހުންގެ ތެރެއިން 80-75 އިންސައްތަ މީހުންނަށް މިބުނި އުސޫލުން ވައިރަސްތައް ހަށިގަނޑުން އެއްކޮށް ބޭރުކޮށް ހުސްކޮށްލުމަށް ނުކުޅެދުމުން އެމީހުންގެ ހަށިގަނޑުގައި ދާއިމީގޮތެއްގައި ހެޕަޓައިޓިސް ސީ ދިގުލައި ދާގޮތް ވެއެވެ. މިފަދަ މީހުންނަށް ވެސް ގިނަ ފަހަރު އެއްވެސް އަލާމާތެއް ނުފެންނައިރު، ބައެއް މީހުންނަށް މަދުމަދުން ވަރުބަލިވެ، ވާޅުވުން ފަދަ އުދަނގޫތައް ކުރިމަތި ވެއެވެ. ހަދާންބަހައްޓަންވީ އަލާމާތްތައް ނުފެނުނު ނަމަވެސް ވައިރަސްގެ ސަބަބުން މަޑުމަޑުން މޭގަނޑަށް ގެއްލުންވަމުންދާނެ ކަމެވެ.

ހެޕަޓައިޓިސް ސީ ދިގުލައި ދިއުމުން މޭގަނޑުގައި ލަކުނުލާގޮތް ވެއެވެ. މިކަމުގެ ސަބަބުން ފުއްޕާމޭގެ މަސައްކަތަށް ބުރޫއަރައި މަސައްކަތްތައް ހުއްޓޭގޮތް ވެއެވެ. މޭގަނޑުގައި ލަކުނުލުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި:-
o       ހަށިގަނޑުގައި ފެންޖަމާވެ ބަނޑުފުއްޕުން އަދި ފައި ފޮއްސިވުން
o       ބަނޑުގައި ފެންހަރުލުން
o       މުޅިމީހާ ރީނދޫވުން
o       ވަރުބަލިވުން
o       ގައިކެހުން
o       ކާހިތްނުވުމުގެ ސަބަބުން ހަށިގަނޑު އަނަރޫފަވެ، ހިކި، ބަރުދަން ލުއިވުން
o       ހޮނޑުލާއިރު ލޭހުރުން
o       ސިކުނޑިއަށް އަސަރުކުރުމުން :- ވާނުވާނޭގުން، އަނބުރައިގަތުން،ހިމޭނުން އޮތުން، ނިދިބުރަކައިފައި އޮތުން، ހޭނެތުން
ނުރައްކާތައް
އާންމުކޮށް ގިނަމީހުންނަށް ބަލީގެ ނުރައްކާތަކާ ކުރިމައްޗެއް ނުވާނެއެވެ. ހިސާބުތަކުން ދައްކާގޮތުގައި ހެޕަޓައިޓިސް ސީ ޖެހި ގިނަދުވަހު ނުފިލާ ހުންނަ ބައްޔަކަށް ބަދަލުވާ މީހުންގެ ތެރެއިން 70-60 އިންސައްތަ މީހުންނަކީ ފުރަމޭގެ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑު ބައެކެވެ. އެގޮތުން 20-5 އިންސައްތަ މީހުންނަށް މޭގަނޑު ގުރުޑުވެ ހުލިވެ، މޭގަނޑުގެ ކުޑަވެ، މޭގަނޑުގެ މަސައްކަތަށް ހުއްޓުން އަރައެވެ. އަދި 5-1 އިންސައްތަ މީހުންނަށް ފުރަމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު އޮވެއެވެ.

ހެޕަޓައިޓިސްގެ ސަބަބުން މޭގަނޑުގައި ލަކުނުލުން
ދާއިމީ ސިފައެއްގައި ހެޕަޓައިޓިސް ސީ ކުރިމަތިވުމުން ނުވަތަ ބަލި ދިގުލައި ދިއުމުން މޭގަނޑުގައި ލަކުނު ލުމަކީ ވެދާނެ ގޮތެކެވެ. މޭގަނޑުގައި ލަކުނު ލުމަކީ މޭގަނޑުގެ މަސައްކަތްތަކަށް ބުރޫއަރާނެ ކަމެކެވެ. އެގޮތުން ފެނިދާނެ އުދަގޫތަކުގެ ތެރޭގައި، ވަރުބަލިވުން، ވާޅުވުން، ކާހިތްނުވުން، ބަރުދަން ލުއިވުން، ފިރިހެނުންގެ އުރަމަތި ބޮޑުވުން، އަތްތިލައިގައި ބިހިތަކެއް ނެގުން، ލޭމަނާވުމަށް އުދަނގޫވުން، ހަމުގެ ތެރޭގައި ކުދިކުދި ލޭހޮޅިތަކެއް (އަށްފައިމަކުނުގެ ސިފަޔަށް) ފެންނަން ހުރުން ފަދަ ކަންތައްތައް ހިމެނެއެވެ.

ވިޓަމިން އޭ އަދި ވިޓަމިން ޑީ ހަށިގަނޑަށް ނަގާ މިންވަރު މަދުވުމުގެ ސަބަބުން، ރޭގަނޑު ރޯނާވުން، ކަށިތައް ތުނިވެ ފީވުން ފަދަ މައްސަލަތައް ކުރިމަތި ވެއެވެ. މޭގަނޑުގައި ލަކުނުލުމަކީ ދިފާޢީ ނިޒާމުގެ ބާރު ދަށްކޮށްދޭ ކަމަކަށްވާތީ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބަލިތަކަށް ހުށަހެޅޭގޮތް ވެއެވެ.

މޭގަނޑުގައި ލަކުނުލުމުގެ ކަންތައް އިތުރަށް ގޯސްވެގެން ދިއުމަކީ މޭގަނޑުގެ މަސައްކަތް ހުއްޓި، ފުރާނައަށް ނުރައްކާވާނެ ކަމެކެވެ. އަދި ފުރާނައަށް ނުރައްކާހުރި އެތައް ކަމެއް ފެންމަތިވެގެން އާދެއެވެ. އެގޮތުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި:-
-          ވާނުވާނޭގުން އަދި ޚަބަރުހުސްވުން : މިއީ އެމޯނިޔާ ފަދަ ވިހަތައް ފުރަމޭއިން ސާފުކުރަން ދަތިވުމުގެ ސަބަބުން ދިމާވާ މައްސަލަ އެކެވެ.
-          މޭގަނޑުގެ ތެރޭގައިވާ ލޭހޮޅިތަކުގެ ޕްރެޝަރު މަތިވެ، ބަނޑުގައި ފެންހެދޭގޮތް ވެއެވެ. އަދި ކާތަކެތި ހިގާހޮޅީގެ އެތެރެއިން ފުއްޕައި ފަޅައިގެންގޮސް އެތެރެއިން ލޭހިލުން ކުރިމަތި ކުރުވައެވެ. ގުރުދާގެ މަސައްކަތްތައް ފޭލްވެ، ހުންކޮށި ބޮޑުވެ، ލޭމަދުވުން އަދި ލޭމަނާވުމަށް ބޭނުންވާ މާއްދާތައް މަދުވެގެން ދެއެވެ.
-          މޭގަނޑުގައި ލަކުނުލައި، ފުރަމޭގެ މަސައްކަތް ހުއްޓުމުގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު ލޭމަނާކުރާ މާއްދާތައް އުފެއްދުން ދަށްކުރެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމަނާނުވެ، ތަނެއް ކެނޑުމުން، އޮޕަރޭޝަނެއް ކުރުން ފަދަ ކަމެއްގައި ލޭމަނާނުވެ، ހުއްޓިނެތި ލޭއަންނަގޮތް ވެއެވެ.
-          މީހާވަރަށް ބޮޑަށް ރީނދޫވާގޮތް ވެއެވެ. މިއީ މޭގަނޑުން "ބިލިރޫބިން" ބޭރުކޮށް ހުސްކުރުމަށް ނުކުޅެދުމުން ދިމާވާ ކަމެކެވެ.

ހެޕަޓައިޓިސް ސީ ޖެހުމުން ހަށިގަނޑުގެ އެހެންބައިތަކަށް ކުރާ އަސަރު
ހެޕަޓައިޓިސް ސީ ޖެހުމުން މަދުން ނަމަވެސް މޭގަނޑާއި ގުޅުމެއްނެތް އުދަނގޫތައް ފެންމަތިކުރުވައެވެ. އެގޮތުން ދިމާވެދާނެ ކަންތައްތަކުގެ ތެރޭގައި:-
-          ހެޕަޓައިޓިސް ސީ ގެ ސަބަބުން ހަށިގަނޑުގައި އާދަޔާ ޚިލާފު ހަށިދަމަނަ ތަކެއް އުފައްދައެވެ. މިހަށިދަމަނަތަކަށް ކިޔަނީ "ކްރިޔޯގްލޯބިޔުލިން" އެވެ. މިހަށިދަމަނަ ތަކުގެ ސަބަބުން ލޭހޮޅިތައް ދުޅަވުން މެދުވެރިވެ، ހަމާއި، ހުޅުތަކާއި، ގުރުދާ އަށް ގެއްލުންވުމަކީ ވެދާނެ ގޮތެކެވެ. އަދި ލޭގައި މިމާއްދާ ގިނަވުމުން ހުޅުތައް ދުޅަވެ، ރިއްސައި، ފައިން ބިހިތަކެއް ނެގުމަކީ ވެދާނެ ގޮތެކެވެ. މީގެ އިތުރުން މިފަދަ މީހުން ފިނީގެ ތެރެއަށް ދިއުމުން، އަތްފައިގެ އިގިލިތަކުގެ ކުލަ ފަނޑުވެ، އިގިލިތަކުގައި ވަރަށް ބޮޑަށް ރިއްސައި ތަދުވާނެ އެވެ.
-          ހެޕަޓައިޓިސް ސީގެ ސަބަބުން ބައެއް ފަހަރު ލައިކެން ޕްލޭނަސް ފަދަ ހަމުގެ ބަލިތައް ފެށިގެން އާދެއެވެ.
-          ހަށިގަނޑުން އުފައްދާ ހަށިދަމަނަތަކުގެ ސަބަބުން ލޭމަނާކުރާ މާއްދާތައް ހަލާކުވެ، އެމާއްދާތަކުގެ މިންވަރު ދަށްވެގެން ދެއެވެ.
-          ބައެއް ފަހަރު ހެޕަޓައިޓިސް ސީ ގެ ސަބަބުން ކެންސަރުގެ ބައެއް ބާވަތްތަކަށް މަގުފަހިކުރުވައެވެ.

ހެޕަޓައިޓިސް ސީ ޖެހިފައިވާ މީހަކު ކޮންމެހެން ޑޮކްޓަރަށް ދައްކަންޖެހޭ ބައެއް ޙާލަތްތައް
·         2-1 ދުވަހަށް ދިގުމުއްދަތަކަށް މޭނުބައިކޮށް ހޮނޑުލެވުން ދެމިހުރުން
·         ދިޔާތަކެތި ބުއިމަށް ނުކުޅެދުން ، އެކަށޭނަވަރަށް ދިޔާތަކެތި ނުބުއިން
·         ހަމާއި ލޯރީނދޫވެ، މުޅިމީހާ ރީނދޫވުން
·         ދަށްބަނޑުގައި ރިހުން
·         ކުޑަކަމުދާ ތަކެތީގެ ކުލަގަދަވުން
·         ހެޕަޓައިޓިސް ސީ ޖެހޭފަދަ ކަމަކަށް ހުށަހެޅުން
·         ހެޕަޓައިޓިސް ކުރިމަތިކުރުވާ އެހެންކަމެއް ކަމެއް ކުރިމަތިވުން

ހެޕަޓައިޓިސް ސީ ޖެހިފައިވާކަން ދެނެގަތުން
ހެޕަޓައިޓިސް ސީ ޖެހިފައިހުރިކަން ދެނެގަތުމަށް އެންމެ އާންމުކޮށް ކުރެވޭ ބައްޔާއި ދެކޮޅަށް ދިފާޢީ މާއްދާތައް ހަށިގަނޑުގައި އުފެދިފައިވާކަން ނުވަތަ ނޫންކަން ދެނެގަތުމަށް ލޭގެ ޓެސްޓެއް ހެދުމެވެ. ބައެއް ފަހަރު މާއަވަހަށް (ވައިރަސް އަށް ހުށަހެޅޭތާ 10-4 ހަފްތާގެ ކުރިން) ޓެސްޓު ހަދައިފިނަމަ އެދެވޭ ނަތީޖާއެއް ނުދައްކައިފާނެ އެވެ. މީގެ އިތުރުން ލޭގައި ހެޕަޓައިޓިސް ވައިރަސް ހުރި މިންވަރު ބެލުމަށް "ޕޮލިމަރޭޒް ޗެއިން ރިއެކްޝަން" ކިޔާ ޓެސްޓެއް ހަދަންޖެހިދާނެ އެވެ. މިޓެސްޓު ޕޮޒިޓިވް ނަމަ އޭގެ މާނައަކީ އެކްޓިވް އިންފެކްޝަން ހުރުމެވެ. ބައެއް ފަހަރު ވައިރަސް އަށް ހުށަހެޅޭތާ އެންމެ ދެ ހަފްތާގެ ތެރޭގައި ވެސް މިޓެސްޓު ޕޮޒިޓިވް ވެދާނެ އެވެ. މިޓެސްޓު ނެގެޓިވް ނަމަ އޭގެ މާނައަކީ ބަލި ރަގަޅުވެފައިވުން ނުވަތަ އެކްޓިވް އިންފެކްޝަން ހުރި ނަމަވެސް ޓެސްޓު ހެދި ދުވަސްވަރު ލޭގެ ތެރެއަށް މޭގަނޑުން ވައިރަސްތައް ބޭރުނުކުރުމެވެ. ލޭގެ ޓެސްޓުން ބައްޔާއި ދެކޮޅަށް ދިފާއީ މާއްދާތައް އުފެދިފައިވާ ކަމަށް ދައްކައިފިނަމަ، ބަލިޖެހުނީ ހެޕަޓައިޓިސް ސީގެ ކޮން ޖީނަޓައިޕަކުން ކަން ދެނެގަތުމަށް ޓެސްޓު ހެދިދާނެ އެވެ. ބަލި ޖެއްސި ޖީނަޓައިޕް އެގުމުން ބައްޔަށް ފަރުވާކުރަން ފަސޭހަވާނެ އެވެ.

މީގެ އިތުރުން ހެޕަޓައިޓިސް ސީ ޖެހުމުން ފުރަމޭގެ މަސައްކަތްހުރިނެތްގޮތް ބެލުމަށް ވެސް ލޭގެ ޓެސްޓު ކުރެއެވެ. އަދި ހަށިގަނޑުގައި ލޮނުގެ ބައި ހުރިނެތްގޮތް ވެސް ބެލެއެވެ. ބައެއް ފަހަރު މޭގަނޑުން ތަންކޮޅެއް ނަގައިގެން ވެސް ޓެސްޓު ކުރެވެއެވެ.

ހެޕަޓައިޓިސް ސީގެ ފަރުވާ
ހެޕަޓައިޓިސް ސީ ޖެހުމުން ބަލީގެ ކުރީކޮޅު ގިނައިން އަރާމުކުރުމާއި ދިޔާތަކެތި ގިނައިން ބުއިން މުހިއްމެވެ. ކަސްރަތު ކުރުމާއި، ފުރިހަމައަށް ނިދުމާއި، ރަގަޅުކާނާ ބޭނުންކުރުމަކީ ވެސް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. ގިނައިން ދިޔާތަކެތި ބުއިމަކީ ހަށިގަނޑުން ފެސްހުސްވުމަށް ހުރަސްއަޅާނެ ކަމެކެވެ. މޭގަނޑަށް ގެއްލުން ދެނިވި ކަންތައްތަކާއި ދުރުހެލިވާން ޖެހެއެވެ. އެގޮތުން ބަނގުރާ ބުއިން މަސްތުވާތަކެތި ބޭނުންކުރުން ފަދަ އަމަލުތަކާ ދުރުހެލިވާން ޖެހެއެވެ. ޕެނަޑޯލް ފަދަ ބޭސްތައް ހެޕަޓައިޓިސް ޖެހިފައި ތިބޭ މީހުން ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ހޮނޑުލެވި ބޭރަށްހިންގާނަމަ ބައެއް ފަހަރު އެދުމަތިކޮށްގެން ފަރުވާދޭން ޖެހެއެވެ. އަދި ކުރިމަތިވާ އުދަނގޫތައް ކުޑަކުރުމަށް ބޭސް ދެވެއެވެ.

ހެޕަޓައިޓިސް ބީ އާއި ޚިލާފަށް ހެޕަޓައިޓިސް ސީ އަކީ ވެކްސިނެއް އުފެއްދިފައިވާ ބައްޔެއް ނޫނެވެ. ވުމާއެކު ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް އެންމެން ވެސް ރައްކާތެރިވާންޖެހެއެވެ. ހެޕަޓައިޓިސް ސީ ޖެހިފައިވާ މީހުންނަށް ފަރުވާގެ ގޮތުގައި އެންޓިވައިރަލް ބޭސް ތަޢާރަފްކުރެވިފައި ވެއެވެ. ނަމަވެސް މިފަދަ ބޭސްތަކަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ލިބުން ދަތި އަގުބޮޑު ބޭސްތަކަކަށް ވުމަކީ ބޭނުންޖެހިފައިވާ މީހުންނަށް އެކަމުން މާޔޫސްކަން ލިބޭކަމެކެވެ. ހެޕަޓައިޓިސް ސީ ގެ ސަބަބުން މޭގަނޑު ފޭލްވެ، މޭގަނޑުގެ މަސައްކަތް ހުއްޓިއްޖެނަމަ އޭގެ ފަރުވާ އަކީ އާ މޭގަނޑެއް އިންދުމެވެ.

ހެޕަޓައިޓިސް ސީ އިން ރައްކާތެރިވުން
ހެޕަޓައިޓިސް ސީ އިން ރައްކާތެރިވުމަށް ވެކުސިނެއް އަދި އުފައްދާފައެއް ނުވެއެވެ.
·         ކޮންމެހެން ޖަހަންނުޖެހޭ އަދި ރައްކާތެރި ނޫން އިންޖެކްޝަން ނުޖެހުން
·         ލޭއެޅުމުގެ ކުރިން އަބަދުވެސް ހެޕަޓައިޓިސް ސީއަށް ޓެސްޓުކޮށްފައިވާ ލޭއެޅުން : ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ ހުރިހާ މަރުކަޒުތަކުން ވެސް ލޭއަޅަނީ ޓެސްޓުކޮށްފައެވެ. ދިވެހިރާއްޖެއިން ބޭރުން ބޭސްފަރުވާއާއި އޮޕަރޭޝަން ކުރަން ދާނަމަ، މިފަދަ ވަޞީލަތްތައް ލިބެންހުންނަ ތަންތަނުން ނޫނީ ލޭއެޅުމަކީ ރަގަޅު ކަމެއް ނޫނެވެ.
·         ޖަރާސީމުން އެއްކިބާ ކުރެވިފައިވާ އާލާތްތައް ބޭނުންކުރުން : ބޭސްފަރުވާއަށްދާ ހޮސްޕިޓަލް ތަކުގަޔާއި، ލެބޯޓްރީ ތަކުގައި ބޭނުންކުރެވޭ އިންޖެކްޝަނާއި، ސިރިންޖާއި، ކަށި، ތިލަ ފަދަ ތޫނު ތަކެތި، އެކަށީގެންވާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަދި ރައްކާތެރިކަމާއެކު ނައްތާލުން އަދި ބޭސްފަރުވާއަށް ދާ ހޮސްޕިޓަލް ތަކަކީ އެތަނުގައި ގެންގުޅޭ ސާމާނުން، މިފަދަ ބަލިތައް މީހުންގެ ގައިންގަޔަށްނާރާ ފަދަ ފެންވަރު ރަގަޅު ތަންތަނަށްވުން މުހިއްމެވެ.
·         މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން: ޚާއްޞަކޮށް އިންޖެކްޝަން ގޮތުގަޔާއި، އެނޫން ގޮތުގައި ބޭނުންކުރާ މަސްތުވާ ތަކެތި ބޭނުން ނުކުރުމާއި، އެކަކު ބޭނުންކޮށްފައިވާ އިންޖެކްޝަން ކަށި ފަދަ އަނެކަކު ބޭނުންނުކުރުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ފިޔަވަޅެކެވެ.
·         ބަލިޖެހިފައިވާ މީހުންނާއެކު ރައްކާތެރި ގޮތުގައި އަނބިފިރިކަމުގެ ގުޅުންހިންގުން : ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުންކުރުމުން އެކަކު ގައިން އަނެކަކު ގަޔަށް ބަލިއެރުން ކުޑަކުރެވެއެވެ. އަދި ތިމާގެ ޖިންސީ ޢަމަލުތައް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ބެހެއްޓުމަށް ސަމާލުވުން މުހިއްމެވެ. މިސާލަކަށް ބައިވަރު މީހުންނާއެކު ޖިންސީ ގުޅުން ނުހިންގުމާއި، ފުރަގަސް ފަރާތުން ޖިންސީ ގުޅުން ނުހިންގުމާއި، އަދި އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަމާއި ދުރުހެލިވުން މުހިއްމެވެ.

ހެޕަޓައިޓިސް ސީ ޖެހިފައިވާ މީހުންނަށް އެބައްޔާއި ބެހޭ މަޢުލޫމާތު އޮޅުންފިލުވައިދީ، އަދި ބަލިފެތުރޭގޮތްތައް އޮޅުންފިލުވައި ދިނުމަކީ ބަލި ފެތުރުނަ ނުދިނުމަށްޓަކައި އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ. އެގޮތުން ސަމާލުވާންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ :-
-          ބަލިޖެހުމުން އެއަށްކުރާނެ ފަރުވާއާއި، މުހިއްމުކަން ދޭންވީ ކަންތައްތައް އޮޅުންފިލުވައި ދަސްކޮށްދޭން ޖެހެއެވެ.
-          ހެޕަޓައިޓިސް ޖައްސާ ވައިރަސްތަކުގެ ތެރެއިން އެއާއި ދެކޮޅަށް ވެކްސިން އުފައްދާފައިވާ ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް އޭ ވެކްސިން ޖަހައި، އެވައިރަސްތަކުން މޭގަނޑު ސަލާމަތް ކުރުމަކީ މުހިއްމު ކަމެކެވެ.
-          ބަލިޔަގީންކުރުމުގެ ގޮތުން ޓެސްޓުހެދުމާއި، ބައްޔަށް ފަރުވާގެ ގޮތުގައި ކަނޑައަޅާފައިވާ ބޭހާއި، އެންޓިވައިރަލް ބޭސްތައް، ފަރުވާތެރިކަމާއެކު ބަލީގެ ކުރީކޮޅުގައި ބޭނުންކުރުމަށް ބާރުއެޅުން
-          ބަލީގެ ސަބަބުން ފުރަމެޔާއި، އޭގެ މަސައްކަތްތަކަށް އަސަރުކޮށްފައިވޭތޯ ބެލުމަށް ގަވާޢިދުން ޓެސްޓުހަދައި ބަލަމުން ދިއުން
-          ބަނގުރަލާއި ދުރުވާށެވެ. މޭގަނޑަށް ގެއްލުންދެނިވި ބޭސްތަކާ ވެސް ދުރުވާށެވެ. މިދެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރިގެންދިއުން ކުޑަކުރުމަށް އެހީތެރިވެދީފާނެ އެވެ.
ހެޕަޓައިޓިސް ޖެހި އޭގެ ސަބަބުން ފުރަމޭގެ މަސައްކަތަށް ބުރޫއަރައި، ކެންސަރާއި ހަމައަށް ދިއުމުން ކުރެވޭނެ މާބޮޑު ފަރުވާއެއް ނޯންނާނެއެވެ. ނަމަވެސް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކުރެވިދާނެ އަދި ބޭނުންތެރި ކަމެކެވެ.

މައުލޫމާތު :-
·         ހެޕަޓައިޓިސް ސީ– ޑރ ޢަބުދުﷲ ޢުބައިދު – ހަވީރު ނޫސް – 26 ޖުލައި 2011
·         އިންޓަނެޓްގެ ބައެއް ވެބްސައިޓްތައް