Monday, August 15, 2022

މާބަނޑު ދުވަސްވަރު : ބަނޑަށްމަރުވުން

 

މާބަނޑު ދުވަސްވަރު : ބަނޑަށްމަރުވުން

ތުއްތު ދަރިފުޅު ބަނޑަށް މަރުވުން(stillbirth)  މާނަކުރެވެނީ މާބަނޑުމީހާގެ ބަނޑަށް 20 ހަފްތާވުމަށްފަހު ތުއްތު ދަރިފުޅު ބަނޑުގައި އޮއްވައި ނިޔާވުމަށެވެ. އެހެންކަމުން ބަނޑަށް 20 ހަފްތާވުމަށްފަހު، ވިހެއުމުގެ ކުރިން ނޫނީ ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅު ދުނިޔެ ދޫކުރިޔަސް ބެލެވޭނީ ހަމަ ބަނޑަށް މަރުވުން ކަމުގައެވެ. ފަހަރުގައި ވިހެއުމުގެ ދެތިން ހަފްތާކުރިން ނޫނީ ދެތިން ގަޑިއިރު ކުރިން ވެސް ތުއްތު ދަރިފުޅު ބަނޑަށް މަރުވެދާނެއެވެ. ބަނޑަށް 20 ހަފްތާވުމުގެ ކުރިން މާބަނޑު ނިމުން ނޫނީ މާބަނޑު ބީވުމުގެ މާނައަކީ ބައިގެންދިއު(miscarriage)މެވެ. އެހެންކަމުން ބައިގެންދިއުމާއި، ބަނޑަށް މަރުވުން މިއީ މުޅިން ތަފާތު ދެހާލަތެކެވެ.

ބަނޑަށްމަރުވުން ގިންތިކުރެވޭގޮތް

ބަނޑަށް މަރުވުން މައިގަނޑު 3 ގިންތި އަކަށް ބަހާލެވެއެވެ. މިގިންތިތަކަށް ބަހާލެވެނީ ބަނޑަށްވީ ހަފްތާއަކަށް ނިސްބަތްކޮށެވެ.

(ހ) ކުރީކޮޅު ބަނޑަށް މަރުވުން (early stillbirth): މިއީ ބަނޑަށް 27-20 ހަފްތާއާއި ދެމެދު ބަނޑަށް މަރުވުމެވެ.

(ށ) ފަހުކޮޅު ބަނޑަށް މަރުވުން (late stillbirth): މިއީ ބަނޑަށް 36-28 ހަފްތާއާއި ދެމެދު ބަނޑަށް މަރުވުމެވެ.

(ނ) ދުވަސް ހަމަކޮށް ބަނޑަށް މަރުވުން (term stillbirth): މިއީ ބަނޑަށް 37 ހަފްތާ ފުރުނު ފަހުން ބަނޑަށް މަރުވުމެވެ


ސަބަބުތައް 

މާބަނޑުވުމަށްފަހު ތުއްތު ދަރިފުޅު ބަނޑަށް މަރުވާން ދިމާވާ 3/1 ހާލަތްތަކުގައި ސީދާ ބަނޑަށް މަރުވާން ދިމާވަނީ ކީއްވެގެންކަން ނުހޯދެއެވެ. ނޫނީ ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް މާބަނޑުއިރު ބަނޑުގައިވާ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމަށް މެދުވެރިވާ ކަމަށް ގަބޫލުކުރެވޭ ބައެއް ސަބަބުތައް ހުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ސަބަބުތައް ތިރީގައި މިވަނީ އެވެ.

·         މާބަނޑު ދުވަސްވަރު މަހަށް ދިމާވާ މައްސަލަތައް : މިސާލަކަށް ރަހިމުން މަސްވަކިވުމަކީ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

·         މާބަނޑު ދުވަސްވަރު ފޫލުދަނޑިއަށް ދިމާވާ މައްސަލަތައް : މިސާލަކަށް މާބަނޑު ދުވަސްވަރު ފޫޅުދަނޑި ފިތި ގޮށްޖެހުމަކީ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ.

·         މާބަނޑު ދުވަސްވަރު ޕްރީއެކްލެމްސިއާގެ މައްސަލަ ކުރިމަތިވުން : ޕްރީއެކްލެމްސިއާ އަކީ މާބަނޑު ދުވަސްވަރު ލޭމަތިވެ، އަތްފައި ފޮއްސިވެ ،ކުޑަކަމު ނަޖިހުގައި ޕްރޮޓީން އިތުރުވާ ހާލަތެކެވެ. ޕްރީއެކްލެމްސިއާ ހުރެ ރަނގަޅު ނުކުރެވިއްޖެނަމަ ފަހަރުގައި ބަނޑުގައިވާ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

·         މައިމީހާގެ ކިބައިގައި ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސިސް : މައިމީހާގެ ކިބައިގައި ލޫޕަސް އެރިތުމަޓޯސިސް ހުރި ކަމުގައިވާނަމަ އެމީހަކަށް މާބަނޑުއިރު ބަނޑަށް މަރުވުމުގެ ހިރާސް އިތުރުވެއެވެ.

·         ލޭގަނޑުވުމާއި ގުޅުންހުރި ބައްޔެއްހުރުން : މައިމީހާގެ ކިބައިގައި ލޭގަނޑުވުމާއި ގުޅުންހުރި ބައްޔެއް މިސާލަކަށް ހީމޮފިލިއާ ފަދަ ބައްޔެއް ހުރިނަމަ މާބަނޑުއިރު ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ ހިރާސް އިތުރުވެއެވެ.

·         ބަލިވެއިންއިރު ނޫނީ މާބަނޑު ދުވަސްވަރު ބައެއް ކަހަލަ ބަލިތައް ހުރުން : މިސާލަކަށް ހަކުރުބަލި، ލޭމައްޗަށްދިއުން، މާބޮޑަށް ހިތުގެ ބަލި، ތައިރޮއިޑްގެ ބަލިތައް، ބައެއް ކަހަލަ އިންފެކްޝަންތައް އަދި ގުރުދާގެ ބަލިތައް ހުރުމަކީ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. 

·         މައިމީހާގެ ކިބައިގައި ހުންނަ ނޭދެވޭ އާދަތައް : މާބަނޑު ދުވަސްވަރު މައިމީހާ ގެންގުޅޭ ނޭދެވޭ އާދަތަކުގެ ސަބަބުން ވެސް ބަނޑަށް މަރުވުމުގެ ހިރާސް އިތުރުވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން މައިމީހާ ގެންގުޅެފާނެ ނޭދެވޭ އާދަތަކުގެ ތެރޭގައި:-

o       މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުން

o       މާބަނޑު ދުވަސްވަރު މަސްތުވާތަކެތި ބޭނުންކުރުން

o       މާބަނޑު ދުވަސްވަރު ބަނގުރާ ބުއިން

·         އުފެދުމުގައި ޢައިބުހުރުން : ޚާއްޞަކޮށް ރަހިމުގައި ތުއްތު ދަރިފުޅު ހެދިބޮޑުވަމުން އަންނައިރު، ތުއްތު ދަރިފުޅުގެ ހަށިގަނޑުގެ އޮނިގަނޑާއި މަސައްކަތްތަކަށް ބުރޫއަރުވައިފާނެ ޢައިބެއްހުރުމަކީ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ ހިރާސް އިތުރުކުރާ ކަމެކެވެ. ހޯދިފައިވާގޮތުގައި ބަނޑަށްމަރުވުން ކުރިމަތިވާ ހާލަތްތަކުގެ ތެރެއިން %25 އަކީ މިފަދަ ޢައިބުތަކުގެ ސަބަބުން ކުރިމަތިވާ ހާލަތްތަކެވެ.

·         މާބަނޑު ދުވަސްވަރު މައިމީހާގެ ކިބައިގައި އިންފެކްޝަންތައް ހެދުން : އާންމު ގޮތެއްގައި ބަނޑަށް 27-24 ހަފްތާއާއި ދެމެދު މައިމީހާގެ ކުރިމަތި ފަރާތުގައި އުފެދޭ އިންފެކްޝަން ރަހިމަށް ވާޞިލްވެއްޖެނަމަ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ތުއްތު ދަރިފުޅު ބަނޑަށް މަރުވުން ކުރިމަތިކޮށްފާނެ އިންފެކްޝަންތަކުގެ ތެރޭގައި ނުވަތަ ޖަރާސީމުތަކުގެ ތެރޭގައި އަންނަނިވި  ޖަރާސީމުތަކާއި އިންފެކްޝަންތައް ހިމެނެއެވެ.

o       ގުރޫޕް ބީ ސްޓްރެޕްކޯކޯކަސް، އީކޮލައި، ކްލެބްސިއެއްލާ، އެންޓީރޯކޯކަސް، ހީމޮފިލަސް އިންފުލުއެންޒާ، މައިކޮޕްލާސްމާ އަދި ޔޫރިއާޕްލާސްމާ ފަދަ ބެކްޓީރިޔާތަކުން ޖެހޭ އިންފެކްޝަންތައް

o       ޓޮކްސޯޕްލާޒްމޯސިސް އަދި މެލޭރިޔާ ފަދަ ޕެރަސައިޓް އިންޖެހޭ އިންފެކްޝަންތައް ޖެހުން

o       ޖިންސީގުޅުން ހިންގުމުން ޖެހޭ ބަލިތައް މިސާލަކަށް : ކްލަމީޑިއާ އިންފެކްޝަން ، ޖެނިޓަލް ހާރޕީޒް

o       ޖަރުމަނު ހިމަބިހި، އިންފުލުއެންޒާ ފަދަ ވައިރަސް އިން ޖެހޭ ބަލިތައް

·         ބަނޑަށް އަނިޔާވުން : އެގޮތުން މާބަނޑު ދުވަސްވަރު ބަނޑުމަތީގައި ޖެހުން ނޫނީ ޖެހުމުގެ ސަބަބުން އަނިޔާއެއްވުން އަދި ގެވެށި އަނިޔާއެއްގެ ތެރެއިން ނަމަވަސް މާބަނޑު ދުވަސްވަރު ބަނޑަށް ލިބޭ އަނިޔާއެއްގެ ސަބަބުން ތުއްތު ދަރިފުޅު ބަނޑަށް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މަގުފަހިކުރާ ކަންތައްތައް   

ކޮންމެ އުމުރެއްގެ ކޮންމެ ނަސްލެއްގެ، ކޮންމެ ދަރިކޮޅެއްގެ، ކޮންމެ މިއްލަތެއްގެ، ކޮންމެ އުމުރެއްގެ، އަދި ކޮންމެ ފެންވަރެއްގެ މީހަކަށް ވެސް މާބަނޑު ދުވަސްވަރު ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ މައްސަލައާއި ކުރިމަތިލާން ޖެހިދާނެ އެވެ. އަންނަނިވި ފަރާތްތަކަށް ބަނޑަށް މަރުވުމުގެ ހިރާސް އިތުރުކަން ފާހަގަ ކުރެވެއެވެ.

·         ކަޅު ނަސްލުގެ މީހަކަށް ވުން

·         މާބަނޑުވިއިރު އުމުރުން 35 އަހަރަށްވުރެ ދޮށިވުން

·         މާބަނޑު ދުވަސްވަރު ރަނގަޅުކާނާ ބޭނުންނުކުރުން

·         މާބަނޑު ދުވަސްވަރު އެކަށޭނަ ޞިއްޙީ ފަރުވާ ނުހޯދުން ނޫނީ ނުލިބުން

·         މައިމީހާގެ ކިބައިގައި ހުންނަ ނޭދެވޭ އާދަތައް : މާބަނޑު ދުވަސްވަރު މައިމީހާ ގެންގުޅޭ ނޭދެވޭ އާދަތަކުގެ ސަބަބުން ވެސް ބަނޑަށް މަރުވުމުގެ ހިރާސް އިތުރުވުމަކީ ވެދާނެ ގޮތެކެވެ. އެގޮތުން މައިމީހާ ގެންގުޅެފާނެ ނޭދެވޭ އާދަތަކުގެ ތެރޭގައި:-

o       މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުން

o       މާބަނޑު ދުވަސްވަރު މަސްތުވާތަކެތި ބޭނުންކުރުން

o       މާބަނޑު ދުވަސްވަރު ބަނގުރާ ބުއިން

·         ހަށިގަނޑު ބުރަހެލިވެ، ފަލަވުން : ހަށިގަނޑު މާބޮޑަށް ބުރަހެލިވެ ފަލަވުން ޚާއްޞަކޮށް ބޮޑީ މާސް އިންޑެކްސް 30 އަށްވުރެ މަތީގައި ބަލިވެ އިން އިރު ވެސް ހުރިކަމުގައިވާނަމަ އެމީހަކަށް މާބަނޑު ދުވަސްވަރު ބަނޑުގައިވާ ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ ހިރާސް އިތުރުވެގެން ދެއެވެ.

·         ކުރިން ތަފާތު ޞިއްޙީ މައްސަލަތައް ހުރުން

·         ދެކުދިންނަށްވުރެ ގިނަ ކުދިންނަށް އެއްފަހަރާ ބަލިވެއިނުން

·         ކުރިން ބައިގެންގޮސްފައިވުން ، ނޫނީ ބަނޑަށް މަރުވުން ކުރިމަތިވެފައިވުން

·         ރަހިމުގައި ތުއްތު ދަރިފުޅު ރަނގަޅަށް ހެދިބޮޑުނުވުން ނޫނީ ތުއްތު ދަރިފުޅު ހެދިބޮޑުވުން ހުއްޓުން

·         ވިހެއުމުގެ ތެރޭގައި ދިމާވާ މައްސަލަތައް

·         ދިރިއުޅުމުގެ ޢާންމު އިޖުތިމާޢީ ހާލަތު ދަށްވުން : މިފަދަ މީހުން ގިނަފަހަރު މާބަނޑުވުމުން ލިބެންޖެހޭ ޞިއްޙީ ޚިދުމަތް އެކަށޭނަ ގޮތުގައި ނުލިބުން، ނޫނީ މާބަނޑުވުމުން ވެސް ގަވާއިދުން ޑޮކްޓަރަށް ނުދެއްކުމާއި، އާންމުކޮށް ބޭނުންކުރަންދޭ ބޭސްތައް ބޭނުން އެކަށޭނަ ގޮތުގައި ނުކުރުމުގެ ފުރުޞަތު އިތުރުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާބަނޑުވުމުން ތަފާތު މައްސަލަތައް ދިމާވުމުގެ ފުރުޞަތު ބޮޑުވެ، އާޚިރު ނަތީޖާއެއްގެ ގޮތުން ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ ހިރާސް ވެސް އިތުރުވެގެން ދެއެވެ.

މީގެ މާނައަކީ ބަލިވެ އިންނަ ކަޅު ނަސްލުގެ ކޮންމެ މީހަކީ ނޫނީ އުމުރުން ދޮށި ކޮންމެ މީހަކަށް ތުއްތު ދަރިފުޅު ބަނޑަށް މަރުވުމުގެ މައްސަލަ ކުރިމަތިވުމެއް ނޫނެވެ. ނަމަވެސް މިފަދަ މީހުންނަށް އެފުރުޞަތު ބޮޑުވުމެވެ. ނޫނީ އެފަދަ ހިރާސް އިތުރުވުމެވެ.

ބަނޑަށް މަރުވެފައިވާނަމަ ފާހަގަކުރެވިދާނެ އިންޒާރުގެ ނިޝާންތައް

·         ތުއްތު ދަރިފުޅު ނުތޮޅޭހެން ހީވުން، ނޫނީ ކުރިއަށްވުރެ ތޮޅުން ތަފާތުހެން ހީވުން ނޫނީ މަދުހެން ހީވުން

·         ބަނޑުގައި އަދި އުނަގަނޑުގައި ވަރަށް ބޮޑަށް ރިހުން

·         އާދަޔާ ޚިލާފަށް ކުރިމަތި ފަރާތުން ލޭފޭބުން ، އާދަޔާ ޚިލާފަށް ކުރިމަތި ފަރާތުން ހަޑިއެއްޗެހި އައުން

·         ބޯއެނބުރުން، މޫނުމައްޗަށް އަނދިރިވުން، ނުފިލާ ބޮލުގައި ރިހުން

·         އަތްފައި، މޫނު ކުއްލިއަކަށް ދުޅަވެ ފޮއްސިވުން

·         ވަރަށް ބޮޑަށް (އެއްޗެއް ކައިބޮއި އުޅުމަށް ނުކުޅެދޭ މިންވަރަށް) މޭނުބައިކޮށް ހޮޑުލެވުން

·         ހީކެރުވުން، ހުންއައުން

·         ކަމެއް ގޯސްކޮށް އުޅޭކަމުގެ އިހުސާސް ކުރެވުން

ދެނެގަތުން

ދަރިފުޅުގެ ހަރަކާތް މަދުވެ، ތޮޅޭހެން ހީނުވާނަމަ ތުއްތު ދަރިފުޅު ބަނޑަށް މަރުވެފައިވާކަން ޔަގީންކުރުމަށްޓަކައި ސްކޭން އެއް ހެދޭނެ އެވެ. މީގެ އިތުރުން ބަނޑަށް މަރުވާން ދިމާވި ސަބަބު ދެނެގަތުމަށްޓަކައި އަންނަނިވި ޓެސްޓުތައް ހެދުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ލޭގެ ޓެސްޓުތައް : ލޭގެ ޓެސްޓުތަކުގެ އެހީގައި ޕްރީއެކްލެމްސިއާ، އަދި ހަކުރު ބަލި ފަދަ މައްސަލަތައް ހުރިނަމަ އެކަން ދެނެގަނެވޭނެ އެވެ.

(ށ) ފޫޅުދަނޑި، ފެންދުލި އަދި ވާމަސް ބަލައި ޗެކުކުރުން : ފޫޅުދަނޑި، މަސް އަދި ފެންދުއްޔަކީ ތުއްތު ދަރިފުޅާއި ތަތްވެފައިވާ ސިލޯށި ތަކެކެވެ. މިއިން ބައެއްގައި ހުންނަ އާދަޔާ ޚިލާފު ކަމަކުން ތުއްތު ދަރިފުޅަށް އޮކްސިޖަން، ލޭ، އަދި ކާނާ ލިބުމަށް ހުރަސްއެޅުމަކީ ވެދާނެ ގޮތެކެވެ.

(ނ) އިންފެކްޝަން ހުރިތޯ ބެލުނެ : އިންފެކްޝަނެއް ހުރިކަން ޔަގީންކުރުމުގެ ގޮތުން ކުޑަކަމުނަޖިސް، ލޭ، އަދި ކުރިމަތި ފަރާތުން ދޫވާ ސެލްތައް ޓެސްޓު ކުރުމަކީ އެަކށީގެންވާ ކަމެކެވެ.

(ރ) ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ހުރިނެތްގޮތް ބެލުން : ލޭގެ ޓެސްޓެއްގެ އެހީގައި ތައިރޮއިޑް ގްލޭންޑްގައި އެއްވެސް ކަހަލަ މައްސަލައެއް އުޅޭތޯ ޔަގީން ކުރެވިދާނެ އެވެ.

(ބ) ވާރުތި ޓެސްޓުތައް ހެދުން : ވާރުތަވާ އެއްވެސް ކަހަލަ ބައްޔެއް ހުރިތޯ (މިސާލަކަށް ޑައުން ސިންޑްރޯމް ފަދަ ބައްޔެއް) ޔަގީންކުރުމުގެ ގޮތުން ފޫލު ދަނޑިން ސާމްޕަލް ނަގައިގެން ޓެސްޓު ކުރެވެއެވެ.

މީގެ އިތުރުން ބަލިމީހާގެ ހުރިހާ މެޑިކަލް ރިކޯޑްތަކާއި، މާޒީގެ ހާލަތާއި، ދިރިއުޅުމުގެ ހާލަތު، ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅޭގޮތް ފަދަ ކަންތައްތައް ވެސް އަހައި އޮޅުން ފިލުވާނެއެވެ. މީގެ ބޭނުމަކީ ޓެސްޓުތަކުގެ އިތުރުން މިދެންނެވި ކަންތައްތަކުގެ ތެރެއިން ވެސް ބަނޑަށް މަރުވުމަށް މަގުފަހިވާ ފަދަ ކަމެއް ހުރިކަން ނުވަތަ ނެތްކަން ދެނެގަތުމެވެ. މީގެ އިތުރުން ބައެއް ފަހަރު ބަނޑަށް މަރުވި ސަބަބު ދެނެގަތުމަށްޓަކައި ތުއްތު ދަރިފުޅުގެ އޮޓޯޕްސީ އެއް ވެސް ހަދަންޖެހިދާނެ އެވެ.

 

ބަނޑަށް މަރުވެފައިވާ ދަރިފުޅު ނެގުމަށް އަމަލުކުރާނެގޮތް

އާންމު ގޮތެއްގައި ބަނޑަށް މަރުވެފައިވާ ދަރިފުޅު ނެގުމަށް ޑޮކްޓަރުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމާނެ އެވެ. ތަބީއީ ގޮތުން ވިހަންދެން މަޑުކުރާނީ ތޯ، ވިއްސުވާނީތޯ ނުވަތަ ސިޒޭރިއަން ހަދާނީތޯ ނިންމާނީ ބަލިމީހާގެ ހާލަތާއި ވަގުތަށް ރިޢާޔަތްކުރުމަށްފަހު ގައެވެ. ސިޒޭރިއަން ހަދައިގެން މަރުވެފައިވާ ދަރިފުޅު ނެގުމަށްވުރެ ބޮޑަށް ގިނަ ފަހަރު އިސްކަން ދެނީ ވިއްސުވުމަށެވެ. ނޫނީ ވިއްސައިގެން ދަރިފުޅު ބޭލުމަށެވެ. ނަމަވެސް ޢާންމުކޮށް ރަނގަޅުކުއްޖަކު ވިއްސުވުމަށް މަސައްކަތްކޮށްގެން ވިހެއުމަށް ނަގާ މުއްދަތަށްވުރެ ، ބަނޑުގައި ތުއްތު ކުއްޖަކު މަރުވެފައިވަނިކޮށް ވިއްސުވުމަށް މަސައްކަތްކޮށްގެން ވިހަން ހޭދަވާ ވަގުތު ނޫނީ ނަގާ ވަގުތު ގިނަކަން ފާހަގަކުރެވެއެވެ.

ވިއްސުވުން

ބަނޑަށް މަރުވެފައިވާ ކުއްޖަކު ނެގުމަށް އެންމެ ރަނގަޅު ޚިޔާރެއްގެ ގޮތުގައި ޑޮކްޓަރުން ކަނޑައަޅާ ޚިޔާރަކީ ވިއްސުވުމެވެ. އެގޮތުން އަންނަނިވި ހާލަތްތަކުގައި ވީ އެންމެ އަވަހަކަށް މާބަނޑު މީހާ ވިއްސުވައިގެން ދަރިފުޅު ބޭރުކުރުމަށް ބާރުއަޅައެވެ.

·         ނުރައްކާތެރި ދަރަޖައަކަށް ޕްރީއެކްލެމްސިއާ ހުރުން

·         ނުރައްކާތެރި ދަރަޖައަކަށް އިންފެކްޝަން ހުރުން

·         ފެންދުލި ފަޅައިގެން ގޮސްފައިވުން

·         ލޭގަނޑުވުމާއި ގުޅުންހުރި ބައްޔެއް ހުރުން

އާންމު ގޮތެއްގައި ވިއްސުވެނީ އަންނަނިވި ގޮތްތަކުންކުރެ ގޮތެއް ބޭނުންކޮށްގެންނެވެ.

·         ކުރިމަތި ފަރާތަށް ބޭސް ގުޅައެއް ލެއްވުން

·         ކުރިމަތި ފަރާތަށް ޖެލް ލެއްވުން

·         ގުޅަ ބޭހެއް ކެއުން

·         ލޭހޮޅިއަށް އައިވީގެ ޒަރީޢާއިން ފޮނުވުން

·         ރަހިމުގެ ދޮރު ފުޅާކުރުމަށް މެކޭނިކަލް ބަލްބް (ފޮލޭ ބަލްބް) އެއް ބޭނުންކުރުން

ތަބީޢީ ގޮތުން ވިހެއުން

މާބަނޑު މީހާ ދުވަސްފުރެން ކައިރިވެފައިވަނިކޮށް ބަނޑުގައި ތުއްތު ދަރިފުޅު މަރުވެއްޖެނަމަ ތަބީޢީ ގޮތުން ވިހަންދެން މަޑުކުރުމަށް ބައެއް ފަހަރު ލަފާދެއެވެ. ނަމަވެސް މިއީ ފަހަރުގައި ވަރަށް ވަގުތު ހޭދަވާނެ ކަމަކަށް ވެދާނެ އެވެ. މަރުވެފައިވާ ކުއްޖަކު ބަނޑުގައި ގިނަ ދުވަސްތަކެއް ކޮށްފައި އޮތުމަށްފަހު ވިހާއިރު ފަހަރުގައި ކުއްޖާގެ ސިފަޔަށް ވެސް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއްކަން ވިސްނުމުގައި ބަހައްޓަން ވާނެއެވެ. މިގޮތަށް ކުއްޖާގެ ސިފަޔަށް ބަދަލު އައުމުން ބައެއް ފަހަރު ބަނޑަށް މަރުވާން ދިމާވި ސަބަބު ދެނެގަތުމަށް ވެސް ދަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުން

ސިޒޭރިއަން ހެދުމަކީ ތަބީޢީ ގޮތުން ވިހެއުމާއި، ވިއްސުވުމަށްވުރެ ރައްކާތެރި ނޫން ގޮތަކަށް ވާތީ ގިނަ ފަހަރު ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގުމަށް އެހާ ލަފާއެއް ނުދެއެވެ. އަދި އެގޮތަށް މިހާރު މަސައްކަތެއް ވެސް ނުކުރެއެވެ.

ރައްކާތެރިވުން

ތުއްތު ދަރިފުޅު ބަނޑުގައި މަރުވުން ނޫނީ ބަނޑަށް މަރުވުމަކީ އޭގެ ޒާތުގައި ރައްކާތެރިވެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބަނޑަށް މަރުވުމުގެ ހިރާސް ކުޑަކުރުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

·         ދުޅަހެޔޮކަންމަތީ ހުރުމަށް އަބަދުވެސް މަސައްކަތްކުރުން

·         މާބަނޑުވުމުގެ ކުރިން ފެށިގެން ފޮލިކް އެސިޑް ބޭނުންކުރަމުން ގެންދިއުން

·         ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން

·         މަސްތުވާތަކެތި ބޭނުންކުރުމުން ދުރުހެލިވުން

·         ބަނގުރާ ބުއިމުން ދުރުހެލިވުން

·         ގަވާއިދުން ޑޮކްޓަރަށް ދައްކައި، ސްކޭންތައް ކުރަމުން ގެންދިއުން

·         ލޭގެ ޕްރެޝަރު މައްޗަށްދިއުން ، ހަކުރުބަލި ފަދަ ކަމެއްހުރި އެކަންކަން ކޮންޓްރޯލްގައި ބެހެއްޓުމަށް މަސައްކަތްކުރުން

·         ތުއްތު ދަރިފުޅުގެ ހަރަކާތްތައް ނުވަތަ ތޮޅުން މަދުހެން ނޫނީ ބަދަލުއަންނަހެން ހީވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން

·         ބަނޑަށް 28 ހަފްތާ ހަމަވުމަށްފަހު އަރިއަކަށް ވާގޮތަށް ނިދަން އޮތުން ، އުއްޑުން ނޫނީ ބަންޑުން ނިދަން ނުއޮތުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.cdc.gov/ncbddd/stillbirth/facts.html  

·         https://www.pregnancybirthbaby.org.au/what-is-a-stillbirth

·         https://www.nhs.uk/conditions/stillbirth/causes/

·         https://my.clevelandclinic.org/health/diseases/9685-stillbirth

 

No comments:

Post a Comment