ބްރޮންކީއޯލައިޓިސް
އޮބްލިޓެރެންސް
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް (Bronchiolitis obliterans) އަކީ ވަރަށް މަދުން ކުރިމަތިވާ، ގިނަ ދުވަސްވާ ވަރަކަށް ބަލީގެ ހާލަތު ގޯސްވާ ފުއްޕާމޭގެ ދާއިމީ ބައްޔެކެވެ. އެންމެ ފުރަތަމަ މިބަލި ދެނެގަނެވުނީ ޕޮޕްކޯން މައިކްރޭވް ޕްލާންޓެއްގައި މަސައްކަތްކުރި ބަޔަކަށެވެ. އެޢީ އެމީހުންނަށް ރަހަޖައްސާ ވިހަ ކެމިކަލް އެއް ކަމުގައިވާ "ޑައިއެސީޓައިލް"(diacetyl) ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވެގެންނެވެ. މިސަބަބާހުރެ މިބައްޔަށް "ޕޮޕްކޯން ލަންގ ޑިޒީޒް"(popcorn lung disease) އޭ ކިޔައެވެ (ލަންގް.އޯރގް، 2025). މިބައްޔަށް "އޮބްލިޓެރޭޓިވް ބްރޮންކީއޯލައިޓިސް"(obliterative bronchiolitis) އަދި ބައެއް ފަހަރު "ކޮންސްޓްރިކްޓިވް ބްރޮންކީއޯލައިޓިސް"(constrictive bronchiolitis) އޭ ވެސް ކިޔައެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
ކުރިމަތިވަނީ ކިހިނެއް؟
ފުއްޕާމޭގެ ތެރޭގައި ވައިހިނގާ
ހަނިމަގުތަކަށް ކިޔަނީ " ވައިނޮޅީގެ ކުދިކަފި"(bronchioles) ތަކެވެ.
ނޭވާލުމުގެ ތެރެއިން ވިހަ ކެމިކަލްތައް އެތެރެވުން، ތަފާތު އިންފެކްޝަންތައް
ޖެހުން، ދިފާޢީ ނިޒާމު އަމިއްލަ ހަށިގަނޑާ ދެކޮޅަށް މަސައްކަތްކުރުން އަދި
ފުއްޕާމޭ ބަދަލުކުރުމުން ދިމާވާ ނުރައްކަލެއްގެ ގޮތުގައި ވައިނޮޅީގެ
ކުދިކަފިތަކަށް ގެއްލުންވެދާނެ އެވެ. އާންމު ގޮތެއްގައި މިގޮތަށް ވައިނޮޅީގެ
ކުދިކަފިތަކަށް ލިބޭ އަނިޔާތައް ފަސޭހަވެ ދެއެވެ. ނަމަވެސް ބައެއް ފަހަރު
ހަށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތް މާބޮޑަށް ހީވާގިވެ، ލަކުނުގެ ސެލޯށި
އުފެދޭގޮތް ވެއެވެ. ބޯވެފައިވާ ލަކުނުގެ ސެލޯށީގެ ސަބަބުން ވައިނޮޅީގެ
ކުދިކަފިތައް ބައްދާލައި، ވައިކޮތަޅުތަކުގެ ތެރޭގައި ވައިދައުރުވުމަށް
ހުރަސްއަޅައެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް އޮކްސިޖަން ނެގުމަށް
ހުރަސްއަޅައެވެ. ވައިނޮޅީގެ ކުދިކަފީގައި އުފެދުނު ލަކުނުގެ ސެލޯށި، އަދި
ވައިނޮޅީގެ ކުދިކަފިތަކުގައި ވައިދައުރުވުން ގިނަ ދުވަސްވާވަރަކަށް ގޯސްވަމުން
ދެއެވެ. ފަރުވާނުކޮށް ދޫކޮށްލައިފިނަމަ، ފުއްޕާމެޔަށް އިއާދަނުކުރެވޭވަރުގެ
ގެއްލުންވެ، ނޭވާލުން ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެކެވެ (ލަންގް.އޯރގް،
2025).
ސަބަބު
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް
އެންމެ އާންމުކޮށް ކުރިމަތިވަނީ ނޭވާލުމުގެ ތެރެއިން ވިހަ ކެމިކަލްތަކަށް ގިނަ
ދުވަސްތަކެއް ވަންދެން ހުށަހެޅުމުންނެވެ. މިގޮތުން އެންމެ އާންމުކޮށް ހުށަހެޅޭ
އެއް ކެމިކަލް އަކީ ރަހަޖައްސަނިވި މާއްދާއެއްގެ ގޮތުގައި ކޭކްމިކްސް، ޕޮޕްކޯން
އަދި ކޭންޑީ ފަދަ ތަކެތީގައި ބޭނުންކޮށްފައި ހުންނަ މަޞްނޫއީ ބަޓަރުގެ
އުފެއްދުމުގައި ހުންނަ ޑައިއެސީޓައިލް(diacetyl) އެވެ. މީގެ އިތުރުން ދުންފަތުގެ ދުން،
ރަހަލެއްވި ދުންފަތުގެ އުފެއްދުންތައް އަދި ވޭޕްގެ އުފެއްދުންތައް ނޫނީ
ވައްތަރުތައް ހިމެނެއެވެ. މީގެ އިތުރުން ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް އާއި
ގުޅުން އޮވެދާނެ ކަމަށް ބެލެވޭ ކެމިކަލްތައް ތިރީގައި މިވަނީ އެވެ(ލަންގް.އޯރގް،
2025).
·
އަސީޓައިލްޑެހައިޑް : މިއީ ކެނަބިސް އަދި ވޭޕްގެ ދުމުގައި
ހިމެނޭ މާއްދާ އެކެވެ.
·
ފޯމަލްޑެހައިޑް
·
މެޓަލް އޮކްސައިޑްގެ ދުން
·
ސަލްފަރޑައި އޮކްސައިޑް:
·
އެމޯނިޔާ
·
ކްލޮރިން
·
ނައިޓްރޯޖަން އޮކްސައިޑް
·
ހައިޑްރޯކްލޮރިކް އެސިޑް
·
ރެވި ގޭސް ނޫނީ ސަލްފަރ މަސްޓަޑް
ތަފާތު ވިހަތަކަށް ހުށަހެޅުމުގެ އިތުރުން
ނޭވާލާ ނިޒާމަށް ކުރިމަތިވާ ނުރައްކާތެރި ތަފާތު އިންފެކްޝަން ތަކުގެ ސަބަބުން
ވެސް ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ކުރިމަތި ކުރުވައެވެ. މިފަދަ އިންފެކްޝަން
ތަކުގެ ތެރޭގައި ވައިނޮޅީގެ ކަފިދުޅަވުން، ރެސްޕިރޭޓަރީ ސިންސިޝިއަލް ވައިރަސް
އިންފެކްޝަން އަދި ބައެއް ވައްތަރުގެ ނިއުމޯނިޔާ ނޫނީ ފުއްޕާމޭގައި ޖަރާސީމު
އެޅުން ފަދަ އިންފެކްޝަންތައް ހިމެނެއެވެ. ރާއްޖެ ބަލި ފަދަ އުޓޯއިމިޔޫން ބައްޔެއް
ހުރިނަމަ، ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ
(ލަންގް.އޯރގް، 2025). މީގެ އިތުރުން ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސިސް، އަދި
އިންފްލެމޭޓަރި ބަވަލް ޑިޒީޒް އަކީ ވެސް ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް އަށް
މަގުފަހިކުރާ ބަލިތަކެކެވެ. ކުޑަކުދިންނަށް އެޑީނޯ ވައިރަސް އަދި ރެސްޕިރޭޓަރީ
ސިންޝިއަލް ވައިރަސް އިންފެކްޝަން އަށްފަހު ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް
ކުރިމަތިވުމުގެ ހިރާސް އިތުރުކުރުވައެވެ. އޭޑްސް ބަލި، އަދި ހާރޕީޒް ވައިރަސް
އިންފެކްޝަން ޖެހުމާއި ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ކުރިމަތިވުމާއި ގުޅުމެއް
އޮންނަކަމަށް ބެލެވިފައި ވެއެވެ (ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން، އެމެރިކާ،
2023).
ބްރޮންކީއޯލައިޓިސް
އޮބްލިޓެރެންސް ސިންޑްރޯމް
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް
ސިންޑްރޯމް(bronchiolitis
obliterans syndrome) އާންމު
ގޮތެއްގައި ކުރިމަތިވަނީ ފުއްޕާމޭގެ ވައިހިނގާ ކުދި މަގުތައް ނުވަތަ ވައިނޮޅީގެ
ކުދިކަފިތަކުގައި ލަކުނުލައި، ވައިހިނގުމަށް ހުރަސްއަޅައި ފުއްޕާމޭގެ
މަސައްކަތްތައް ދަށްކޮށްލުމުންނެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022). ފުއްޕާމޭ
ބަދަލުކުރެވި، ހަށިގަނޑަށް ލެއްވުނު ފުއްޕާމޭ ހަށިގަނޑުން ގަބޫލުނުކޮށް ދެކޮޅު
ހަދާ ހާލަތުގައި ވެސް ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ކުރިމަތިވުމުގެ ހިރާސް
އިތުރުވެއެވެ. ފުއްޕާމޭ ބަދަލުކުރާ %50 މީހުންނަށް ފުއްޕާމޭ ބަދަލުކުރާތާ 5
އަހަރުގެ ތެރޭގައި ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ކުރިމަތިވުމުގެ ފުރުޞަތު
ބޮޑުކަމަށް ހެކި ލިބިފައި ވެއެވެ. މިހާލަތަށް ކިޔަނީ " ބްރޮންކީއޯލައިޓިސް
އޮބްލިޓެރެންސް ސިންޑްރޯމް" އެވެ. ކަށީގެ މަދު ބަދަލުކުރާ ބައެއް މީހުންނަށް
ވެސް މިހާލަތު ކުރިމަތިވެއެވެ. އެގޮތުން ކަށީގެމަދު ބަދަލުކުރާ %10 މީހުންނަށް
ކަށީގެމަދު ބަދަލުކުރާތާ 5 އަހަރުގެ ތެރޭގައި ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް
ކުރިމަތިވާކަން ފާހަގަ ކުރެވިފައި ވެއެވެ (ލަންގް.އޯރގް، 2025).
އަލާމާތްތައް
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް
ކުރިމަތިވާ އެންމެންގެ ފުށުން އަލާމާތްތަކެއް ނުފެނެއެވެ. ނޫނީ ކުރީކޮޅު
އަލާމާތްތައް ނުފެނިދާނެއެވެ. އަލާމާތްތައް ފެންނައިރު އެންމެ އާންމުކޮށް ފެންނަ
އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ލަންގް.އޯރގް،
2025).
·
ނޭވާކުރުވުން
·
ހިކި ކެއްސުމެއްހުރުން
·
ނޭވާލާއިރު ތޫލިއަޑުހުރުން
·
ވަރުބަލިވެ ވާޅުވުން (ލަންގް.އޯރގް،
2025).
·
ހުންއައުން
·
ރޭގަނޑަށް ދާހިއްލުން
·
ގައިގައި ބިހިނެގުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2022).
އާންމު ގޮތެއްގައި އަލާމާތްތައް
ފެންމަތިވަމުން އަންނަނީ ދެތިން ހަފްތާއިން ފެށިގެން ގޮސް ދެތިން މަހުގެ
މުއްދަތެއްގެ ތެރޭގައެވެ. އެއަށްފަހު މަސައްކަތެއް ކޮށްލުމުން ނޫނީ ކަސްރަތުކުރުން
ފަދަ ކަމެއްކުރުމުން އަލާމާތްތައް ފެނިދެއެވެ. ބައެއް ފަހަރު ހަންގަނޑުގައި
ބިހިނެގުން ކަހަލަ ކަންތައްތައް ވެސް ފާހަގަވެދާނެ އެވެ. އަދި ދުވަސްވާވަރަކަށް
އަލާމާތްތައް ކުރިމަތިވުން އިތުރަށް ގޯސްވަމުން ދެއެވެ (ލަންގް.އޯރގް، 2025).
ދެނެގަތުން
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ގެ
އަލާމާތްތައް ފުއްޕާމޭގެ އެހެން ބަލިތަކުގެ އަލާމާތްތަކާއި އެއްގޮތްކަމުން، ބަލި
ދެނެގަތުމަށްޓަކައި ، ބަލިމީހާގެ މައުލޫމާތުތައް ވަރަށް ތަފްޞިލްކޮށް ޑޮކްޓަރުން
އަހައި އޮޅުން ފިލުވާނެއެވެ. އެގޮތުން ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް
ކުރިމަތިވުމަށް މަގުފަހިވާ އެއްވެސް ބާވަތެއްގެ ވިހައަކަށް ދިރިއުޅޭ މާހައުލުން
ނޫނީ މަސައްކަތުގެ މާހައުލުން ހުށަހެޅޭތޯ އަހައި އޮޅުން ފިލުވާނެ އެވެ. މީގެ
އިތުރުން ބަލިމީހާގެ ހަށިގަނޑު ބަލައި ޗެކުކުރުމާއި، ކަށިގަނޑު އަޅައިގެން
ފުއްޕާމޭގެ އަޑުތައް އަޑުއަހައި ހަދާނެއެވެ. މީގެ އިތުރުން ހަދަން ލަފާދީފާނެ
ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ (ލަންގް.އޯރގް، 2025).
·
ފުއްޕާމޭގެ އެކްސްރޭ ނެގުން
·
ފުއްޕާމޭގެ ސީޓީ ސްކޭން ހެދުން
·
ފުއްޕާމޭގެ މަސައްކަތް ހުންނަ ނުހުންނަ ގޮތް ބެލުން
·
ބްރޮންކަސްކަޕީ ހެދުން
·
ފުއްޕާމެއިން އެތިކޮޅެއް ނަގައިގެން ބަޔޮޕްސީ ހެދުން
(ލަންގް.އޯރގް، 2025).
ފަރުވާ
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް އަކީ
އަނބުރާ ރަނގަޅުނުކުރެވޭ ދާއިމީ ހާލަތެކެވެ. އެހެންކަމުން ބްރޮންކީއޯލައިޓިސް
އޮބްލިޓެރެންސް އަށް ދެވޭ ފަރުވާގެ މައިގަނޑު ބޭނުމަކީ ބަލި ކުރިއަރައި
ތަރައްގީވުން ލަސްކުރުމާއި، ބަލީގެ ނުރައްކާތެރިކަން ކުޑަކުރުމެވެ. ނޫނީ
އުދަނގޫތަކަށް ލުއިކަން ހޯދައިދިނުމެވެ. ފަރުވާގެ ބޭނުމަކީ ބަލި އިތުރަށް ގޯސްވެ،
ނުރައްކާވުން ކުޑަކުރުން ކަމަށްވާތީ، ދުރާލާ ބަލި ދެނެގަނެވުމަކީ މުހިއްމު
ކަމެކެވެ. ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ކުރިމަތިވީ ވިހަ ކެމިކަލްތަކަށް
ހުށަހެޅިގެން ކަމުގައިވާނަމަ، އެ ކެމިކަލްތަކަށް އިތުރަށް ހުށަހެޅުން މަދުކުރުމަކީ
ވަރަށް މުހިއްމު ކަމެކެވެ (ލަންގް.އޯރގް، 2025).
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް ގެ
ފަރުވާގައި އަންނަނިވި އިޚްތިޔާރު ތައް ނޫނީ ކަންކަން ހުރެދާނެއެވެ.
·
ކޯޓިކޯސްޓީރޮއިޑް (ޕްރެޑްނިސޯން) ގެ ފަރުވާ : މިއީ ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް އަށް ދޭ އެންމެ
އާންމު ފަރުވާ އެވެ. ސްޓީރޮއިޑްގެ ބޭނުމަކީ ދުޅަތައް ތިރިކުރުމެވެ. ދުޅަތައް
ތިރިކުރަނީ ދިފާޢީ ބާރު ދަށްކޮށްގެންނެވެ. އާންމު ގޮތެއްގައި ސްޓީރޮއިޑް
ބޭނުންކުރަނީ ބަލީގެ އުދަނގޫތައް މާބޮޑުވަރުމުންނެވެ (ލަންގް.އޯރގް، 2025).
·
ބްރޮންކޯޑައިލޭޓަރސް : މިއީ ނޭވާހިނގާ މަގުގެ ވަށައިގެން ހުންނަ މަސްތައް
ހަމައަކަށް އަޅުވައިދޭ ބޭސް ތަކެކެވެ. ނޫނީ ވައިހިނގާ މަގުގެ ވަށައިގެން ހުންނަ
މަސްތައް ހަމައަކަށް އަޅުވައި، ވައިހިނގާ މަގު ފުޅާކޮށްދޭ ބޭސްތަކެކެވެ. މީގެ
ސަބަބުން ހަނިވެ ހިމަވެފައިވާ ވައިހިނގާ މަގު ފުޅާވެ، ހުޅުވިގެންދެއެވެ. މިކަމުގެ
ސަބަބުން ފަސޭޙައިން ނޭވާލެވޭ ގޮތްވެއެވެ (ލަންގް.އޯރގް، 2025).
·
އޮކްސިޖަން ތެރަޕީ : ލޭގައި ދަށްވެފައި ހުންނަ އޮކްސިޖަން ގެ މިންވަރު
މަތިކުރުމަށްޓަކައި ބައެއް ފަހަރު އޮކްސިޖަން ގެ ފަރުވާ ކުރިޔަށް ގެންދަން
ޖެހެއެވެ (ލަންގް.އޯރގް، 2025).
·
ފުއްޕާމޭ ބަދަލުކުރުން : މިއީ އެންމެ ފަހު މަރުހަލާގައި ކުރަންޖެހިދާނެ ކަމެކެވެ.
ނޫނީ އެންމެ ފަހުން ކުރެވޭ ކަމެއްގެ ގޮތުގައި ކުރުމަށް ލަފާދީފާނެ ކަމެކެވެ.
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
ރައްކާތެރިވުން
ބްރޮންކީއޯލައިޓިސް އޮބްލިޓެރެންސް އިން
ރައްކާތެރިވެ ހުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
·
ވިހަ މާއްދާތަކަށް ހުށަހެޅުމުން ރައްކާތެރިވުން
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ދުންފަތުގެ ދުމުން ރައްކާތެރިވުން
·
ބަލިވެއުޅޭއިރު އެހެން މީހުންނާއި ގައިގޯޅިވުން ކުޑަކުރުން
·
ކޮންމެހެން ޖަހަން ޖެހޭ ވެކްސިންތައް މިސާލަކަށް
އިންފުލުއެންޒާ ވެކްސިން، ނިއުމޯކޯކަލް ވެކްސިން ފަދަ ވެކްސިންތައް ފުރިހަމަކުރުން
(ލަންގް.އޯރގް، 2025).
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
·
https://www.lung.org/lung-health-diseases/lung-disease-lookup/popcorn-lung/learn-about-popcorn-lung
·
https://my.clevelandclinic.org/health/diseases/22590-popcorn-lung-bronchiolitis-obliterans
·
https://www.ncbi.nlm.nih.gov/books/NBK441865/

No comments:
Post a Comment