Friday, October 16, 2015

ކާބޯތަކެތީގެ ޒަރީޢާޢިން ފެތުރޭ ބަލިތައް

ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް
ބޭރަށްހިންގުން ކުރިމަތިވާ ބަލިތަކުގައި އަހަރަކު 2 މިލިޔަން މީހުން ދުނިޔެ ދޫކުރެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މީގެ ތެރެއިން ގިނަ ބަލި (ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ވެސް ހިމެނޭގޮތަށް) ތަކަކީ ކާނާ އާއި ބޯފެން، ތަފާތު ޖަރާސީމުތަކާއި، ތަޣައްޔަރުވުމުގެ ސަބަބުން ފެތުރޭ ބަލިތަކެވެ. އަތުގެ ސާފުތާހިރުކަން ދެމެހެއްޓިއްޖެނަމަ، މީގެ ތެރެއިން ½ ބަލިތަކަކީ ނައްތާލެވި، ރައްކާތެރިވެވޭނެ ބަލިތަކެކެވެ.


ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ކޮބާ؟
ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ބަލިޖައްސަނިވި ތަފާތު ޖަރާސީމުތަކާއި، ކާބޯތަކެތި ތަޣައްޔަރުވެފައިވަނި އެފަދަ ތަކެތި ކައިބޮއި ހެދުމުން ޖެހޭ ބަލިތަކެވެ. މިފަދަ ބަލިތަކަށް ބައެއް ފަހަރު "ކާނާ ވިހަވުމޭ" ކިޔައެވެ. ޖަރާސީމާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ބޭރުފުށުން ފެންނަ ގޮތާއި، އޭގެ ރަހައާއި، ވަސް ބައެއް ފަހަރު ކާން ކަމުދާ ރައްކާތެރި ކާތަކެއްޗާއި ތަފާތު ކުރަން އުދަނގޫވެދާނެ އެވެ. ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކުރިމަތިކުރުވާ އެންމެ އާންމު ބެކްޓީރިޔާ ތަކުގެ ތެރޭގައި ސެލްމަނެއްލާ، ކެމްޕައިލޮބެކްޓަރ، ލިސްޓީރިއާ، އަދި އީކޮލައި ފަދަ ޖަރާސީމުތައް ހިމެނެއެވެ. ކާބޯތަކެތިން އުފަންވެގެން އަންނަ ބައެއް ކަހަލަ ބެކްޓީރިޔާ މިސާލަކަށް ބެސިލަސް ސިރިއަސް(bacillus cereus) ފަދަ ބެކްޓީރިޔާ ތަކަކީ ހޫނަށްނުގުޑާ، ކެއްކިޔަސް މަރުނުވާ ޖަރާސީމު ތަކެކެވެ. އަލުން ކުޑަކޮށް ކައްކާލިޔަސް، ނުވަތަ ހޫނުކުރިޔަސް މިޖަރާސީމު މަރެއް ނުވެއެވެ. ބޭރަށްހިންގުން ޖައްސާ އެންމެ އާންމު ވައިރަސް "ނޯރޯވައިރަސް" އަކީ ވައިރަސް އާއި ތަޣައްޔަރުވެފައިވާ ކާނާ އާއި، ފެނުން، އަދި ވައިރަސް އާއި، ތަޣައްޔަރުވެފައިވާ ސިންކު، މޭޒު، އަދި ހިފާގެންގުޅޭ ތަކެތީގައި ހޭކިގެން ވެސް ގައިންގަޔަށް އަރައިފާނެ ވައިރަސް ތަކެކެވެ. ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކަކީ ބައެއްފަހަރު އޭގެ އުދަނގޫތައް ފެނިލުމަށްފަހު ދެތިން ދުވަހުގެ ތެރޭގައި ރަގަޅުވާ ބަލިތައް ކަމަށްވިޔަސް އަނެއްބައި ފަހަރު ފުރާނައަށް ވެސް ނުރައްކާވެދާނެ ބަލިތަކެކެވެ.


ކާބޯތަކެތިން އުފަންވާ ބެކްޓީރިޔާ ހެދިބޮޑުވަނީ ކިހިނެއް؟
ކާބޯތަކެތިން އުފަންވާ ބެކްޓީރިޔާ ތަކަކީ އާންމުގޮތެއްގައި ތަބީޢީ ގޮތުން ވެސް ކާތަކެތީގައި ހުރެދާނެ ޖަރާސީމު ތަކެކެވެ. އަދި އެކަށޭނަ ވަގުތާއި، ހާލަތާއި ދިމާކޮށް، އެންމެ ބެކްޓީރިޔާ އަކުން ވެސް ގާތްގަނޑަކަށް 7 ގަޑިއިރުގެ ތެރޭގައި 2 މިލިޔަނަށްވުރެ ގިނަ ބެކްޓީރިޔާ އުފަންވެގެން އައުމަކީ ވެދާނެ ގޮތެކެވެ. ކާބޯތަކެތީގެ ތެރެއިން ކާބޯހައިޑްރޭޓް އަދި ޕްރޮޓީން އެކުލެވޭ ކާނާގެ ބާވަތްތަކުގައި ފިނިހޫނުމިން 60-5 ޑިގްރީ ސެލްޒިއަސް އާއި ދެމެދުގައި ހުންނައިރު މިފަދަ ބެކްޓީރިޔާތައް ވަރަށް ފަސޭހަ ކަމާއެކު ހެދިބޮޑުވެ، އާލާވާގޮތް ވެއެވެ. ހޫނު މޫސުމުގައި ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ރިޕޯޓްކުރާ ނިސްބަތް އިތުރުވާ ސަބަބަކީ މިއީ އެވެ. ބައެއް ކަހަލަ ބެކްޓީރިޔާ މިސާލަކަށް "ލިސްޓީރިއާ މޮނޯސައިޓޯޖެން" ފަދަ ބެކްޓީރިޔާ ތަކަކީ އައިސް އަލަމާރީގައި ކާން ތައްޔާރުކޮށްފައި ހުންނަ ކާތަކެތީގައި ވެސް އާލާވެދާނެ ބެކްޓީރިޔާ ތަކެކެވެ. ސްޓެފައިލޮކޯކަސް ބެކްޓީރިޔާ އާންމު ގޮތެއްގައި ހެދިބޮޑުވަނީ "ވިހަ" އުފެއްދޭފަދަ ކާނާގެ ބާވަތްތަކުގައެވެ. އެހެންކަމުން ސްޓެފައިލޮކޯކަސްގެ ސަބަބުން ދިމާވާ ކާނާ ވިހަވުން ކުރިމަތިވަނީ ކާބޯތަކެއްޗާއި އެކު ސްޓެފައިލޮކޯކަސް ޖަރާސީމު އެތެރެއަށް ދިއުމުގެ ބަދަލުގައި، އެޖަރާސީމުން އުފައްދާ ވިހަ، ތަޣައްޔަރުވި ކާނާއާއި އެކު ކެއުމުގެ ސަބަބުންނެވެ.


ކާބޯތަކެތިން އުފަންވެގެން އަންނަ ބެކްޓީރިޔާ ފަދަ ޖަރާސީމުތައް ގަޔާވާ ކާނާގެ ބާވަތްތަކަކީ ކޮބާ؟
ބައެއް ކަހަލަ ކާނާގެ ބާވަތްތަކުގައި ބެކްޓީރިޔާތައް ވަރަށް ފަސޭހައިން ހެދިބޮޑުވެ، އިތުރުވެ، އާލާވާގޮތް ވެއެވެ. އެގޮތުން ބެކްޓީރިޔާ ފަސޭހައިން ހެދިބޮޑުވެ އާލާވާ ކާނާގެ ބާވަތްތަކުގެ ތެރޭގައި އަންނަނިވި ބާވަތްތައް ހިމެނެއެވެ.
·         އެއްގަމު މަސް
·         ކުކުޅު މަހާއި، ދޫނި މަސް
·         ކިރުގެ އުފެއްދުންތައް
·         ކުކުޅު ބިސް
·         ކަނޑުކާނާ
·         ބަތް
·         ތައްޔާރީ މޭވާގެ ބާވަތްތައް
·         އަލުވި ސަޓަނި

ބަޔާންކުރެވުނު ކާބޯތަކެތީގެ ބާވަތްތަކަކީ ފަސޭހަކަމާއެކު ބެކްޓީރިޔާތައް އަށަގަންނަ ބާވަތްތައް ކަމުގައި ވިޔަސް އެހެން ކާބޯތަކެތީގައި ވެސް ޖަރާސީމު އަށަގަތުމަކީ ވެދާނެ ގޮތެކެވެ. ކާބޯތަކެތި އުފުލައި،ގުދަންކޮށް، ތައްޔާރުކޮށް، ގެންގުޅުމުގައި ހިފަހައްޓަންޖެހޭ ރައްކާތެރިވުމުގެ މިންތަކާއި، އުސޫލްތަކާއި އެއްގޮތަށް އަމަލުނުކުރެވިއްޖެނަމަ، ކާބޯތަކެތީގެ އެއްބާވަތުގައި ހުންނަ ޖަރާސީމު އަނެއް ބާވަތަށް ނަގުލުވުމަކީ ވެސް ގާތް ކަމެކެވެ.

ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑީ ކޮންބަޔަކަށް؟
ބައެއް މީހުންނަކީ ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑުމީހުންނެވެ. މިފަދަ މީހުންގެ ތެރޭގައި ހިމެނެނީ:-
·         މާބަނޑު އަންހެނުން
·         ކުޑަކުދިން
·         އުމުރުން ދުވަސްވީ މީހުން
·         ދިފާޢީ ބާރު ދަށްމީހުން
ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކުރިމަތިވަނީ ކިހިނެއް؟
ހަފްލާ، ނުވަތަ މުނާސަބަތެއް ފަދަ ތަނަކުން ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ބޭނުންކުރާތާ 3-1 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ބަލީގެ އަލާމާތްތައް ފެންނާނެ އެވެ. ގިނަ ފަހަރު ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކުރިމަތިވަނީ ގިނަބަޔަކަށް އެއްފަހަރާ ކަހަލަ ގޮތަކަށެވެ.

ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކުރިމަތިވަނީ އަންނަނިވި ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވުމުންނެވެ.

·         ކާތަކެތި ރަގަޅަށް ރޯފިލަންދެން ނުކެއްކުން (ޚާއްޞަކޮށް އެއްގަމުމަހާ، ސޮސެޖުފަދަ ތަކެތި)
·         5 ޑިގްރީ ސެލްޒިއަސް އަށްވުރެ ދަށުގައި ހުންނަންޖެހޭ ކާބޯތަކެތި އެމިންގަނޑުގައި ރައްކާކޮށްފައި ނުބެހެއްޓުން
·         ކައްކާފައި ހުރި ކާބޯތަކެތި އައިސް އަލަމާރިއަށް ނުލާ ގަޑިއިރަކަށްވުރެ ގިނައިރު ހުރުން
·         ބޭރަންހިންގުން ޖެހިފައިވާ މީހަކު (ފާޚާނާކޮށްއަތްނުދޮވެ) އަތްލާފައި ހުރި ކާބޯތަކެތި ކެއުން
·         އެކަތިން އަނެކައްޗަށް ޖަރާސީމު ނަގުލުވުން :މިސާލަކަށް ރޯއެއްގަމުމަސް ހުރި، ތައްޓެއްގައި ކައްކާފައި ހުރި ތަކެތި ބެހެއްޓުން
ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ސަބަބުން ފެނިދާނެ އަލާމާތްތަކަކީ ކޮބާ؟
ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ސަބަބުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، އަދި ބޭރަށްހިންގުން، ބަނޑުގައި ރިހުން، ބަނޑަށް އުދަނގޫވުން، ފަދަ އަލާމާތްތައް ހިމެނެއެވެ. ބޭރަށްހިންގުމާއެކު ލޭ އައުމަކީ ބައެއް ފަހަރު ވެދާނެ ގޮތެކެވެ. މީގެ އިތުރުން ބައެއް ފަހަރު އެހެން އުދަނގޫތައް ކުރިމަތިވުމަކީ ވެސް ވެދާނެ ގޮތެކެވެ. ޖަރާސީމާއި ތަޣައްޔަރުވެފައިވާ ކާބޯތަކެތި ކެއުމަށްފަހު، އެއްގަޑިއިރުން ފެށިގެން – 3 ދުވަހާއި ދެމެދުގެ ( އަލާމާތްތައް ފެންނަން ނަގާ މުއްދަތު ބަރޯސާވަނީ ހަށިގަނޑަށް އެތެރެކުރެވުނު ކާބޯތަކެތި ތަޣައްޔަރުވެފައިވާ ޖަރާސީމް، ތަޣައްޔަރުވެފައިވާ ޖަރާސީމުން އުފައްދާ ވިހަ، އަދި ތަޣައްޔަރުވެފައިވާ ނިސްބަތެއްގެ މައްޗަށް ) މުއްދަތެއްގެ ތެރޭގައި ބަނޑުގައި ރިހުމާއި، ބޭރަށްހިންގުން ކުރިމަތި ކުރުވައެވެ. ހުންއައުމާއި، ބޮޑު ކަމު ނަޖިހުގައި، ލޭ ނުވަތަ ދަވަ ހުރުމަކީ ބެކްޓީރިޔާގެ ސަބަބުން ކުރިމަތިވާ އިންފެކްޝަންގެ އަލާމާތެކެވެ.

ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު ބައްޔަކީ "ސެލްމަނެލާ" ކިޔާ ބެކްޓީރިޔާ އިންޖެހޭ "ސެލްމަނެލޯސިސް" އެވެ. ސެލްމަނެލާ ބެކްޓީރިޔާ އެންމެ ގިނައިން ހުންނަނީ އެއްގަމު މަސް، ކުކުޅު ބިސް، އަދި ކަނޑުކާނާ ގެ ބާވަތްތަކުގައެވެ

ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމަކީ ކޮބާ؟
ވަރަށް އާދައިގެ ކަންތައްތަކަކަށް އަމަލުކޮށްގެން ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވެވިދާނެ އެވެ. އެގޮތުން ކާބޯތަކެތި ރައްކާތެރިކޮށް ގެންގުޅުމުގައި އަމަލުކުރަންޖެހޭ މައިގަނޑު 5 ކަމެއް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅައި، ބޭނުންކުރަމުން ގެންދެއެވެ. އެކަންތައްތައް ތަކާއި އޭގެ ތަފްޞީލްތައް ތިރީގައި މިވަނީ އެވެ.

(1)   – ސާފުތާހިރުކަން ދެމެހެއްޓުން : އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         މޭވާއާއި، ތަރުކާރީ ބޭނުން ކުރެއްވުމުގެ ކުރިން ރަގަޅަށް ދޮވެ ސާފުކޮށްގެން ބޭނުންކުރެއްވުން
·         ކާނާ ގެންގުޅޭ މާހައުލާއި، ތަންތަނާއި، އަތް ރަނގަޅަށް ދޮވެ ސާފުކުރެއްވުން
·         ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، ތަކެތި ރަގަޅަށް ދޮވެ ސާފުކުރެއްވުން
·         ކާބޯތަކެތީގައި އަތްލުމުގެ ކުރިންނާއި، ތައްޔާރުކުރުމުގެ ކުރިން ރަގަޅަށް އަތްދޮންނަން އާދަކުރެއްވުން
·         ކާބޯތަކެތި ދިރޭ ސޫފާ ސޫތްޕަށް ވާޞިލްވެވޭނެ ގޮތަށް ހާމައަށް ނުބެހެއްޓެވުން
·         ވަޅި، ކަޓިންބޯޑު ފަދަ ތަކެތި ރަގަޅަށް ދޮވެ ސާފުކުރުމަށްފަހު ބޭނުންކުރުން 
·         ފާޚާނާކޮށް ނިމިގެން ސާބޯނިލައިގެން ރަގަޅަށް އަތް ދޮވުން
·         ކާނާ ގެންގުޅެ ތައްޔާރުކުރާ މާހައުލާއި، ތަންތަން ދިރޭ ސޫފާ ސޫތްޕާއި ފަނިފަކުސައަށް (ބުޅާ، މީދާ، ހިކަނދި، މެހި، ހޯނު ފަދަ ތަކެތި) ނުވަދެވޭނެހެން ބެހެއްޓުން


(2)   ވަކިކުރުން : އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ރޯއެއްގަމުމަހާއި، ރޯކަނޑުމަހާއި، ރޯ ތަރުކާރީ ވަކިން ބެހެއްޓުން (އެއްކޮށްފައި ނުބެހެއްޓުން)
·         ރޯކާނާ އާއި، ކާން ތައްޔާރުކޮށްފައި ހުރި ކާނާ ވަކިން ބެހެއްޓުން
·         ތައްޔާރީ ކާނާ އާއި ތާޒާ ކާނާ ވަކިކޮށްފައި ބެހެއްޓުން
·         ރޯ އެއްގަމުމަހާއި، ކަނޑުމަސް، އެހެން ކާބޯތަކެއްޗާއި ވަކިކޮށްފައި ބެހެއްޓުން
·         އެއްގަމުމަހާއި، ކަނޑުމަސް، ކޮށުމަށާއި، އަދި ތަރުކާރީ ފަދަ ތަކެތި ކޮށުމަށް ތަފާތު ދެކަޓިންބޯޑު ބޭނުންކުރެއްވުން
·         ކާބޯތަކެތި ރައްކާކުރާއިރު އެކަތި އަނެކައްޗާއި، އެކުނުވާގޮތަށް ވަކިކޮށްފައި ބެހެއްޓުން

(3)   – ކެއްކުން : އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         އެއްގަމުމަސް، ކުކުޅުމަސް،ކުކުޅު ބިސް، ކަނޑުމަސް، އަދި އެހެނިހެން ކަނޑުކާނާ (ޚާއްޞަކޮށް ބޮލިމަސް) ފަދަ ކާނާގެ ބާވަތްތައް ބޭނުންކުރުމުގެ ކުރިން ރަގަޅަށް ރޯފިލާވަރަށް ކެއްކުން
·         ކެއުމަށްފަހު ބާކީ ހުންނަ އެއްޗެހި ފަހުން ބޭނުން ކުރައްވާނަމަ ރަގަޅަށް ހޫނުކޮށްލައިގެން ތާޒާކަންމަތީ ބޭނުންކުރުން
·         އެއްގަމުމަސް، ކުކުޅު މަސް ފަދަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރާ ސުރުވާ ފަދަ ތަކެތި ރަގަޅަށް ކައްކައިގެން ބޭނުންކުރުން

(4)   - ފިނިކުރުން : އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ފިނިކޮށްފައި ބަހައްޓަންޖެހޭ ކާނާ ވީހާވެސް އަވަހަކަށް އައިސްއަލަމާރިއަށްލުން
·         ކައްކާފައި ހުންނަ ކާނާ ކައްކާތާ 2 ގަޑިއިރުތެރޭ އައިސްއަލަމާރިއަށްލުން
·         ގަނޑުކޮށްފައި ބަހައްޓަންޖެހޭ މަސްފަދަ ތަކެތި ބޭނުންކުރަން ނެގުމަށްފަހު ފިނިކަންދިއުމުން އަނބުރާ ގަނޑުނުކުރުން
·         އައިސްއަލަމާރީގައި ކައްކާފައި ހުންނަ ތަކެތި ދިގުމުއްދަތަކަށް ރައްކާކޮށްފައި ނުބެހެއްޓުން
·         ކައްކާފައި ހުންނަ އަލުން ބޭނުންކުރާނަމަ ރަގަޅަށް ހޫނުވަންދެން (60 ޑިގްރީ ސެލްޒިއަސް) ކެއްކުމަށްފަހު ބޭނުންކުރުން

(5)   - ސާފު (ރައްކާތެރި) ފެން، އަދި ތާޒާ ތަކެތި ބޭނުންކުރުން : އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
·         ކާބޯތަކެތި ތައްޔާރުކުރުމުގައި ސާފު، ރައްކާތެރި ބޯފެން ބޭނުންކުރުން
·         ކާބޯތަކެތި ތައްޔާރުކުރާ ފެން ރަގަޅަށް ކައްކައިގެން (އޭގައި ހިމެނޭ ޖަރާސީމުތައް ނައްތާލުމަށް) ބޭނުންކުރުން
·         ތާޒާ ކާބޯތަކެތި ގަތުމަށާއި، ބޭނުންކުރުމަށް އިސްކަންދިނުން
·         ކާބޯތަކެތި ގަތުމުގެ ކުރިން ލޭބަލްގައި ޖަހާފައިވާ ތާރީކުތައް (އުފެއްދި ތާރީކް، މުއްދަތުހަމަވާ ތާރީޚް) ޗެކުކުރުން
·         ރައްކާތެރިގޮތުގައި ބަންދުކުރެވިފައިވާ ތަކެތި ބޭނުންކުރުން
·         މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ބޭނުން ނުކުރުން
ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭބަލިތައް
·         ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ އެންމެ އާންމު ބަލިތައް 
o       ޝިގެއްލާ


o       ކޮލެރާ
·         އެހެނިހެން ބަލިތައް
o       ވާބަލި
·         ފަނިވުން
o       ރޮނދިފަނީގެ ސަބަބުން ފަނިވުން : އެންޓީރޯބިއޭސިސް
o       ދިގުފަނީގެ ސަބަބުން ފަނިވުން : އެސްކަރީއޭސިސް
o       ޗާބޫކު ފަނީގެ ސަބަބުން ފަނިވުން : ޓްރައިކިއޫރިއޭސިސް
o       ބުޅި ފަނީގެ ސަބަބުން ފަނިވުން : އެންކައިލޮސްޓޯމިއޭސިސް
މައުލޫމާތު :
·         ދުނިޔޭގެ ޞިއްޙަތު ދުވަސް 2015 ގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ނެރެފައިވާ މައުލޫމާތު ޕެކޭޖް ފައިލްގައިވާ "ކާބޯތަކެތީގެ ޒަރީޢާއިން ފެތުރޭ ބަލިތައް" މިނަމުގައިވާ މައުލޫމާތު ކަރުދާސް

No comments:

Post a Comment