Monday, July 22, 2013

ބައިލް ޕިގްމެންޓް

ބައިލް ޕިގްމެންޓް
ބައިލް ޕިގްމެންޓް(Bile pigment) ތަކަކީ ހިމަގްލޯބިން(Haemglobin) މެޓަބޮލިޒަމްގެ އެންމެ ފަހު މަރުޙަލާގައި އުފެދޭ އުފެދުންތަކެކެވެ. ލޭގެ ތެރޭގައި ގިނަދުވަސްވެފައިވާ ލޭގެ ރަތް ސެލްތައް ފަޅައިގެން ދިއުމުން އެއިން ބޭރުވާ ހިމަގްލޯބިން ރެޓިކިޔުލޯއިންޑޯތީލިއަލް ސެލް ތަކުން(މެކްރަފޭޖް) ދިރުވާލައެވެ. މެކްރަފޭޖްގެ ތެރޭގައި ހިމަގްލޯބިން ހީމް(Haem) އަދި ގްލޯބިން(Globin) އަށް ބައިވެގެން ދެއެވެ. އެއަށްފަހު ހީމް ގައި ހިމެނޭ ދަގަނޑުގެ ބައި ވަކިކޮށް މޭގަނޑު، އަދި ކަށީގެ މަދު ގެ ތެރޭގައި ރައްކާކުރެއެވެ. ދަގަނޑު ފިޔަވައި، ހީމް ގައި ދެންހިމެނޭ ބައި ބިލިވާޑިން(Biliverdin) ކިޔާ ފެހި ޕިގްމެންޓް އަކަށް ބަދަލުވެއެވެ.


ދެން ބިލިވާޑިން ބަދަލުވަނީ ބިލިރޫބިން(Bilirubin) ކިޔާ ރީނދޫ ޕިގްމެންޓް އަކަށެވެ. ބިލިރޫބިން ލޭގެ ތެރެއަށް ގޮސް އަލްބިޔޫމިން އާއި އެކުވެ، ހީމަބިލިރޫބިން(Haemabilirubin) އުފެދެއެވެ. ލޭގައި ހިމެނޭ މައި ބިލިރޫބިން އަކީ މިއީއެވެ. މިވައްތަރުގެ ބިލިރޫބިން ގުރުދާގެ ގްލޯމެރިޔޫލަސް ތަކުން ފުރާނައެއް ނުދެއެވެ. އެހެންކަމުން މިވައްތަރުގެ ބިލިރޫބިން ކުޑަކަމުދާ ތަކެތީގެ ތެރޭގައެއް ނުހުންނާނެއެވެ.

މޭގަނޑުގެ ތެރޭގައި ހީމަބިލިރޫބިން އިން އަލްބިޔޫމިން ވަކިކޮށް، ބިލިރޫބިން އެހެން މާއްދާތަކަކާއި އެކުވެއެވެ. މިގޮތުން ބިލިރޫބިން ގެ 80 އިންސައްތަ އެކުވަނީ ގުލޫކިޔުރޮނިކް އެސިޑް(Glucuronic acid) އާއެެވެ. 10 އިންސައްތަ ސަލްފޭޓް އާއި އެކުވާއިރު ބާކީ އިންނަ 10 އިންސައްތަ އެކުވަނީ އެހެނިހެން މާއްދާތަކާއެވެ. އަދި މިގޮތަށް ބިލިރޫބިން މިބުނި މާއްދާތަކާ އެކުވެގެން އުފެދެނީ ކޮލެބިލިރޫބިން(Cholebilirubin) އެވެ. އަދި މިވައްތަރުގެ ބިލިރޫބިން ބައިލް ކެނަލިކިޔުލައި ތަކަށް ގޮސް ބައިލްގެ ތެރޭގައި ހިމެނިގެން ހިމަ ގޮހޮރަށް ވާޞިލް ވެއެވެ. ބައިލްއަށް އޭގެ އެކުލެވޭ ރީނދޫ ކަން ގެނެސްދެނީ މިވައްތަރުގެ ބިލިރޫބިން ގެ ސަބަބުންނެވެ. ނަމަވެސް ކޮލެބިލިރޫބިން ގެ ކުޑަ މިންވަރެއް ލޭގެ ތެރެއަށް ގޮސް، ކުޑަކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ.

ބޮޑު ގޮހޮރުގެ ތެރޭގައި ކޮލެބިލިރޫބިން ގެ މިންވަރެއް ބެކްޓީރިޔާގެ ސަބަބުން ޔޫރޯބިލިނަޖަން(Urobilinogen) ކިޔާ ކުލައެއް ނުހުންނަ މާއްދާއަކަށް ބަދަލުވެއެވެ. ޔޫރޯބިލިނަޖަންގެ ބޮޑުބައި ބޮޑު ކަމުދާ ތަކެއްޗާއެކު ސްޓާކޯބިލިނަޖަން(Stercobilinogen) ގެ ގޮތުގައި ބޭރުވެގެން ދެއެވެ. ސްޓާކޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ސްޓާކޯބިލިން(Stercobilin) އަށް ބަދަލުވެއެވެ. ބޮޑުކަމުދާ ތަކެތި ބޭރުވެ ގިނައިރުވުމުން އޭގައި ޖެހޭ މުށި ކުލައިގެ އަސްލަކީ ސްޓާކޯބިލިން އެވެ. ޔޫރޯބިލިނަޖަން 5 އިންސައްތަ ލޭގެ ތެރެއަށް ގޮސް ގުރުދާއަށް ވާޞިލްވެ، ކުޑަކަމުދާ ތަކެތިއާއެކު ބޭރުވެގެން ދެއެވެ. ޔޫރޯބިލިނަޖަން ވައިގެ ތެރެއަށް ހުށަހެޅުމުން އޮކްސިޑައިޒްވެ، ޔޫރޯބިލިން(Urobilin) އަށް ބަދަލުވެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.


ބައިލް ސޯލްޓް

ބައިލް ސޯލްޓް
ބައިލް ސޯލްޓް(Bile salt) އަކީ ބައިލް އެސިޑް ތަކުގައި ހިމެނޭ ލޮނު ގެ ބައެވެ. އޭގެ ތެރޭގައި ހިމެނެނީ ސޯޑިއަމް އަދި ޕޮޓޭސިއަމް އެވެ. ސޯޑިއަމް އަދި ޕޮޓޭސިއަމް، ގްލައިސީން(Glycine) އަދި ޓޯރީން(Taurine) އާއި އެއްވެއެވެ.

ބައިލް ސޯލްޓް އުފެދިގެން އައުން
އިންސާނާގެ ހަށިގަނޑުގައި ބައިލް އެސިޑް ގެ 4 ވައްތަރު ހުރެއެވެ. އޭގެ ތެރެއިން 2 ވައްތަރު އުފެދެނީ މޭގަނޑުގެ ތެރޭގައި ކޮލެސްޓިރޯލް އިންނެވެ. އެއީ ކޯލިކް އެސިޑް(Cholic acid)  އަދި ކީނަޑިއޮކްސީކޯލިކް އެސިޑް(Cheno dexoy cholic acid) އެވެ. މިއެސިޑްތައް މޭގަނޑުގެ ތެރޭގައި އުފެދޭތީ މިއެސިޑް ތަކަށް ޕްރައިމަރީ ބައިލް އެސިޑް(Primary bile acid) އޭ ކިޔައެވެ.

އަނެއް ދެވައްތަރުގެ ބައިލް އެސިޑް އުފެދެނީ ބޮޑު ގޮހޮރު ގެ ތެރޭގައެވެ. ބޮޑު ގޮހޮރުގެ ތެރޭގައި މި ދެވައްތަރުގެ އެސިޑް އުފެދެނީ ބެކްޓީރިޔަލް އެކްޝަންގެ ސަބަބުން ޕްރައިމަރީ ބައިލް އެސިޑް އިންނެވެ. އެހެން ކަމުން ބޮޑު ގޮހޮރުގެ ތެރޭގައި އުފެދޭ ބައިލް އެސިޑް ތަކަށް ސެކަންޑަރީ ބައިލް އެސިޑް(Secondary bile acid) އޭ ކިޔައެވެ. ބޮޑު ގޮހޮރު ގެ ތެރޭގައި އުފެދޭ ދެއެސިޑަކީ ޑިއޮކްސީކޯލިކް އެސިޑް(Dexoycholic acid) އަދި ލިތޯކޯލިކް އެސިޑް(Lithocholic acid) އެވެ. ޕްރައިމަރީ ބައިލް އެސިޑް ތައް ގްލައިސީން އަދި ޓޯރީން އާއި އެކުވަނީ މޭގަނޑު ގެ ތެރޭގައެވެ. މިއެއްވުމުގެ ސަބަބުން އުފެދެނީ ގްލައިކަކޯލިކް އެސިޑް(Glycocholic acid) އަދި ޓޯރަކޯލިކް އެސިޑް(Taurocholic acid) އެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް ތައް ކަމުގައި ވާ ސޯޑިއަމް ގްލައިކަކޮލޭޓް(Na Glycocholate) އަދި ޕޮޓޭސިއަމް ޓޯރަކޮލޭޓް(K Taurocholate) އުފެދިގެންދެއެވެ.

ފުރަމޭ އާއި ކުޑަ ގޮހޮރު އާއި ދެމެދު ބައިލް ސޯލްޓް ދައުރުވުން
ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. ބާކީ 10-5 އިންސައްތަ ބޮޑު ގޮހޮރަށް ވާޞިލްވެ، ޑިއޮކްސީކޯލިކް އެސިޑް އަދި ލިތޯކޯލިކް އެސިޑް އުފެއްދުމުގައި ބޭނުން ކުރެވިގެން ދެއެވެ.

ހަށިގަނޑުގައި އާއްމު ގޮތެއްގައި 3.5 ގްރާމްގެ ބައިލް ސޯލްޓް ހުރެއެވެ. މިމިންވަރު މޭގަނޑާއި، ހިމަ ގޮހޮރާއި، ދެމެދު ދުވާލަކު 8-6 ފަހަރު ދައުރުވެ ދައުރުވެ ހުރެއެވެ. ބޮޑުކަމުދާ ތަކެތީގެ ތެރެއިން ހަށިގަނޑަށް ބޭރުވަނީ ދުވާލަކު 0.4-0.2 ގްރާމާއި ދެމެދުގެ މިންވަރެކެވެ. އަދި ގެއްލިގެންދާ ބައި މޭގަނޑުގެ ތެރޭގައި އަލުން އުފައްދައެވެ.

މޭގަނޑާއި، ހިމަގޮހޮރާއި، ދެމެދު ބައިލް ސޯލްޓް ދައުރުވާ ދައުރުވުމަށް ބުރުލެއް އަރައިފިނަމަ ބައިލް ސޯލްޓް ގެ ބޮޑު މިންވަރެއް ބޮޑުކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުވެގެން ދެއެވެ. އަދި މިހާލަތުގައި ގެއްލިގެން ދިޔަބައި ފޫބެއްދޭނެ ވަރަށް ބައިލް ސޯލްޓް މޭގަނޑަކުން އުފައްދައެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން ބައިލް ސޯލްޓް މަދުވުމުން ފެންނަ އަލާމާތްތައް ފެންނަށް ފަށައެވެ.

ބައިލް ސޯލްޓްގެ ވަޒީފާ
ސަރުބީ ހަޖަމުކުރުމުގައި އެހީތެރިވުން : މިގޮތުން ސަރުބީ ނުވަތަ ފެޓްގެ ސާރފޭސް ޓެންޝަން ކުޑަކޮށް، ފޮސްޕަލިޕިޑް އަދި މޮނަގްލިސެރައިޑް އާއި ގުޅިގެން ފެޓް އިމަލްސިފިކޭޝަން ކުރިމަތި ކުރުވައެވެ. މީގެ އިތުރުން ހިމަ ގޮހޮރުގެ ތެރޭގައި ލައިޕޭސް ހީވާގިކޮށް މުރާލި ކުރުވައެވެ.

ސަރުބީ ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން : ބައިލް ސޯލްޓް އަކީ ފެޓް ނުވަތަ ސަރުބީ ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. އެގޮތުން ބައިލް ސޯލްޓް ފެޓް އާއި ތަތްވެ ފެނަށް ގިރޭ އެކުވެންޏެއް އުފައްދައެވެ. މިއެކުވެނި އަށް ކިޔަނީ މައިސެލް(Micelle) އެވެ. މައިސެލް އިން ފެޓް ހަށިގަނޑަށް ފަސޭހަ ކަމާއެކު ނަގައެވެ.

ވިޓަމިން ހަށިގަނޑަށް ނެގުމުގައި ބައިވެރިވުން : ބައިލް ސޯލްޓް އަކީ ސަރުބީއަށް ގިރޭ ވިޓަމިން ތައް ހަށިގަނޑަށް ނެގުމަށް ބޭނުންތެރި މާއްދާއެކެވެ. މިވިޓަމިން ތަކުގެ ތެރޭގައި ހިމެނެނީ ވިޓަމިން އޭ، ވިޓަމިން ޑީ، ވިޓަމިން އީ، އަދި ވިޓަމިން ކޭ އެވެ.

ބައިލް ދައުރުވުން އިތުރުކުރުން : ބައިލް ސޯލްޓް އަކީ ބައިލް ދައުރުވުން އިތުރުކޮށްދޭ ވަރުގަދަ މާއްދާއެކެވެ.

ކޮލެސްޓިރޯލް ބައިލްގެ ތެރޭގައި ހިފެހެއްޓުން : ބައިލް ސޯލްޓް އަކީ ކޮލެސްޓިރޯލް ބައިލް ގެތެރޭގައި ހިފަހައްޓައި ބެހެއްޓުމަށް ބޭނުންތެރި މާއްދާއެކެވެ. މިގޮތަށް ވުމުން ކޮލެސްޓިރޯލް ޖަމާވުން ކުޑަކޮށްދީ، ކޮލެސްޓިރޯލް ހިލަ އުފެދުން ހިމާޔަތްކޮށްދެއެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

ބައިލް

ބައިލް
ބައިލް(Bile) އަކީ މޭގައި ނުވަތަ މޭގަނޑުގައި ހުންނަ ހެޕަޓަސައިޓް ތަކުން އުފައްދައި ބޭރުކުރާ އަލްކަލައިން ތަބީޢަތް އެކުލެވޭ ފެހި ނުވަތަ ރީނދޫ ނުވަތަ ރަން ރީނދޫ ކުލައިގައި ހުންނަ ހިތި ދިޔައެކެވެ. އެއްފަހަރު ކެއުމާއި އަނެއް ފަހަރު ކެއުމާއި، ދޭތެރޭގައި ބައިލް ހުންނަނީ ފިތުގައި ރައްކާކޮށް ގުދަން ކުރެވިފައެވެ. ކާވަގުތުގައި ނުވަތަ ކެއުމުން ބައިލް ހިމަގޮހޮރުގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ބިލިއަރީ ނިޒާމްގެ ތެރެއިން ވާޞިލްވެއެވެ. އެއީ ހަޖަމުކުރުމުގެ މަސައްކަތަށް އެހީތެރިވެ ދިނުމަށްޓަކައެވެ.


ބައިލް އުފެއްދުން
ބައިލް އުފައްދަނީ މޭގައި ހުންނަ ހެޕަޓަސައިޓް(Hepatocyte) ތަކުންނެވެ. އެއަށްފަހު ބިލިއަރީ ނިޒާމް ގެ އެހީގައި ބައިލް ހިމަ ގޮހޮރު ގެ ފުރަތަމަ ބައި(Duodenum) ގެ ތެރެއަށް ވާޞިލް ވެއެވެ. މިމަސައްކަތުގެ ތެރޭގައި ހެޕަޓަސައިޓްގެ ފާރުގައި ހުންނަ އެޕިތީލީއަމް ސެލް ތަކުން ބައިކާބޮނޭޓް އިން މުއްސަދިވެފައިވާ ފެން ދިޔައެއް ބައިލްގެ ތެރެއަށް ފޮނުވާލައެވެ. އަދި މިދިޔަ ބައިލްގެ ތެރެއަށް ގިރުމުން ބައިލްގެ އަލްކަލައިން ހުރި މިންވަރު މަތިވެގެން ދެއެވެ.

އެއަށްފަހު ދެން ބައިލް ވާޞިލްވަނީ ކޮމަން ހެޕަޓިކް ޑަކްޓް(Common Hepatic duct)  ގެ ތެރެއަށެވެ. ކޮމަން ހެޕަޓިކް ޑަކްޓް، ފިތުން  އައިސްފައިވާ ސިސްޓިކް ޑަކްޓް(Cystic duct)  އާއި ގުޅުމުން ކޮމަން ބައިލް ޑަކްޓް (Common bile duct)އުފެދެއެވެ. އަދި ކޮމަން ބައިލް ޑަކްޓް އާއި، ޕެންކްރިއެޓިކް ޑަކްޓް(Pancreatic duct) އާއި ގުޅޭ ތަނުގައި އެމްޕިޔުލާ އޮފް ވަޓަރ(Ampulla of vater) އުފެދެއެވެ. މިތަން ހުޅުވިފައި އިންނަނީ ހިމަ ގޮހޮރުގެ ފުރަތަމަބައި ގެ ޕެޕިލާ އަށެވެ. މިހުޅުވުން ކޮންޓްރޯލް ކުރަނީ ސްފިންކްޓަރ އޮފް އޯޑި(Sphincter of Odi) އެވެ. އެހެންކަމުން ބައިލް  ހިމަ ގޮހޮރު ގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ވާޞިލްވަނީ މިބުނި އުޞޫލުން، އެޑަކްޓްތައް ހުރަސްކޮށެވެ.

ބައިލް ހިމަ ގޮހޮރުގެ ފުރަތަމަ ބައި  (Duodenum) ގެ ތެރެއަށް ވަނުމުގެ ކުރިން އެތަނުގައިވާ ސްފިންކްޓަރ އޮފް އޯޑި ބަންދުވެފައި އިންނަމަ ހިމަ ގޮހޮރުގެ ފުރަތަމަ ބައި (Duodenum) ގެ ތެރެއަށް ބައިލް ވަނުމުގެ ބަދަލުގައި އަނބުރާ ފިތުގެ ތެރެއަށް ބައިލް ދެއެވެ. އަދި ފިތުގެ ތެރޭގައި ބައިލް ރައްކާކޮށް ގުދަންކުރެވިފައި ވެއެވެ. އަދި އެތަނުގައި ބައިލް ކޮންސެންޓްރޭޓް ވެސް ވެއެވެ. 

ކައިމް(Chyme) ގެ ގޮތުގައި ކާނާ މައިދާ އިން ހިމަ ގޮހޮރުގެ ފުރަތަމަ ބަޔަށް(Duodenum) ފޮނުވާލުމުން ފިތުގެ ތެރޭގައި ރައްކާކޮށްފައި ހުންނަ ބައިލް ވެސް ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ ތެރެއަށް ފޮނުވާލައެވެ. އެއީ ހިމަ ގޮހޮރުގެ ފުރަތަމަ ބައިގެ(Duodenum) ތެރޭގައި ހިނގާ ހަޖަމުކުރުމުގެ މަސައްކަތުގައި އެހީތެރިވެ، ބައިވެރިވުމަށްޓަކައެވެ.

އިންސާނާގެ މޭގައި ނުވަތަ މޭގަނޑުގައި ދުވާލަކު 1200-600 މިލިލީޓަރާއި ދެމެދުގެ މިންވަރަކަށް ބައިލް އުފައްދައެވެ. ބައިލް އުފައްދާ ގިނަ މަދުމިން ބަރޯސާވެފައި އޮންނަނީ އެމީހެއްގެ ހަށިގަނޑުގެ ސައިޒްގެ މައްޗަށެވެ. ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ.

ބައިލް ދައުރުވުމަށް ބާރުފޯރުވާ ކަންތައްތައް
·         މޭގަނޑު ތެރޭގައި ލޭދައުރުވުން : މޭގަނޑުގެ ލޭދައުރުވުން އިތުރުވާ ވަރަކަށް ބައިލް އުފައްދައި ދޫކުރުން އިތުރުވެގެން ދާނެއެވެ. އެކަމަކު މިއިތުރުވުން ހުންނަނީ ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ.
·         ވޭގަސް ނާރު ހީވާގިކުރުން : ވޭގަސް ނާރު ހީވާގި ކުރުމުން ބައިލް އުފައްދައި ދޫކުރުން އިތުރުކުރުވައެވެ. މިކަން ކުރިމަތިވަނީ ވޭގަސް ނާރު ހީވާގިކުރުމުން އެސީޓައިލްކޯލީން މިނިވަންވެގެންދާތީ އެވެ. މިބުނިގޮތަށް ދިމާވަނީ ދެކަމެއްގެ ސަބަބުންނެވެ.
o       ފުރަތަމަ ކަމަކީ އެސީޓައިލްކޯލީން އިން ވިޓަމިން ޑީ އުފައްދާތީ އެވެ. ވިޓަމިން ޑީ އަކީ މޭގަނޑުގެ ގެ ލޭދައުރުވުން އިތުރުކުރާ މާއްދާއެކެވެ.
o       ދެވަނަ ކަމަކީ ވޭގަސް ނާރު އަކީ ފިތް ހުސްކުރުމުގައި (ފިތުގައި ހުރިތަކެތި) ހިއްސާވާ ނާރަކަށްވުމެވެ.
·         ބައިލް ސޯލްޓް : ބައިލްގެ ތެރެއަށް އަންނަ ލޮނުގެ 95 އިންސައްތަ ހިމަ ގޮހޮރުގެ ފަހުބައި(Ileum) ގެ ތެރެއިން އަނބުރާ ހަށިގަނޑަށް ދަމައެވެ. އަދި ހަށިގަނޑަށް ނެގުނު ލޮނު އަނެއްކާވެސް ބޭނުންކުރެއެވެ. މިލޮނު ބޭނުންކުރެވޭ ގޮތަކީ ހިމަ ގޮހޮރުގެ ފަހުބައިން ލޭ ސީދާ ވާޞިލްވާނީ ޕޯޓަލް ވެއިން(Portal Vein) އަށެވެ. ޕޯޓަލް ވެއިން އިން މޭގަނޑަށް ލޭ ވާޞިލްވުމުން ހެޕަޓަސައިޓް އިން އެލޮނުތައް މޭގަނޑަށް ނަގައި، އަނެއްކާވެސް ބައިލްގެ ތެރެއަށް ފޮނުވާލައެވެ.
·         ހޯރމޯންތައް : ސިކްރީޓީން ބިލިއަރީ ޑަކްޓްތަކުގެ ސެލްތަކުން ފެން އަދި ބައިކާބޮނޭޓް ބޭރުކުރުމަށް ބާރުއަޅައެވެ. ނަތީޖާއެއްގެ ގޮތުން ބައިލް އުފައްދައި ބޭރުކުރުން އިތުރުވެގެން ދެއެވެ.
·         ފިތުގައި ހުރި ތަކެތި ހުސްކުރުން : ފިތުގައި ހުރި ތަކެތި ހިމަ ގޮހޮރުގެ ފުރަތަމަ ބައި ގެ ތެރެއަށް ފޮނުވައި ހުސްކޮށްލުމަކީ ބައިލް އުފައްދައި ދޫކުރުން އިތުރުވެގެންދާ ކަމެކެވެ. މިކަން ކޮންޓްރޯލް ކުރަނީ ތަފާތު ނާރު ތަކާއި، ހޯރމޯންތަކުގެ އެހީގައެވެ.

ބައިލްގެ ވަޒީފާ
·         ބައިލް ގައި ހިމެނޭ އަލްކަލައިން ބައި ހިމަ ގޮހޮރުގެ ފުރަތަމަ ބައިގައި ހިމެނޭ ހައިޑްރޯކްލޮރައިޑް  ނިއުޓްރަލައިޒް ކުރުމުގައި ބައިވެރިވެއެވެ. ހައިޑްރޯކްލޮރައިޑް ނިއުޓްރަލައިޒް ކުރުމުގައި ހިމަ ގޮހޮރުން އުފައްދާ ދިޔަ ނުވަތަ ޖޫސް އަދި ޗިސްމޭ އިން އުފައްދާ ދިޔަ ނުވަތަ ޖޫސް ވެސް ބައިލް އާއެކު ބައިވެރިވެއެވެ.
·         ހުދު ބައިލް ލުބްރިކެންޓް އެއްގެ ގޮތުގައި އަދި ހިމަ ގޮހޮރުގެ ތެރޭގައި ބަފަރ އެއްގެ ގޮތުގައިވެސް ހަރަކާތްތެރި ވެއެވެ.
·         ބައިލް އަކީ އަންނަނިވި މާއްދާތަކަށް ބޭރުކޮށްދޭ މަގެކެވެ. 
o       ބައިލް ޕިގްމެންޓް
o       އަލްކަލައިން ފޮސްފަޓޭސް
o       ތަފާތު ވިހަތަކާއި ބެކްޓީރިޔާ ތައް
o       ކޮލެސްޓިރޯލް އަދި ލެސިތިން

ބައިލް އެކުލިވެގެންވާ ބައިތައް
·         ކޮލެސްޓްރޯލް
·         ލެސިތިން: މިއީ ފޮސްފަލިޕިޑް އެކެވެ.
·         ބައިލް ޕިގްމެންޓް ތައް
·         ބައިލް ސޯލްޓް ތައް
·         ބައިކާބޮނޭޓް

ބައިލްގެ ތަބީޢަތަކީ އަލްކަލައިން އެވެ. ބައިލްގެ ޕީއެޗް ހުންނަނީ 8.6-7.8 އާއި ދެމެދުގައެވެ. ބައިލްގެ 97 އިންސައްތަ އަކީ ފެނެވެ. ބައިލްގައި ހިމެނޭ އޯގެނިކް މާއްދާތަކުގެ ތެރޭގައި ބައިލް ސޯލްޓް، ބައިލް ޕިގްމެންޓް، ކޮލެސްޓިރޯލް، ފެޓީ އެސިޑް، ލެސިތިން، އަދި ފެޓް ހިމެނެއެވެ. މީގެ އިތުރުން އަލްކަލައިން ފޮސްފަޓޭސް ވެސް ހުރެއެވެ. މީގެ އިތުރުން ތަފާތު މަޢުދަންތައް ވެސް ހުރެއެވެ. އޭގެތެރޭގައި ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ކްލޮރައިޑް، އަދި ބައިކާބޮނޭޓް ހިމެނެއެވެ.

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.


ޓޮންސިލް



ޓޮންސިލް
ޓޮންސިލް(tonsil) އަކީ ކަރުތެރެއިން ދެފަރާތުގައި ހުންނަ ލިމްފޮއިޑް ޓިޝޫތަކެކެވެ. އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.

ޓޮންސިލް ގެ ވަޒީފާ
ޓޮންސިލް އަކީ ލިމްފް ދައުރުވާ ނިޒާމްގެ އެހެން ބައިތަކޭ އެއްގޮތަށް ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ޝާމިލްވެ، ބައިވެރިވާ ޓިޝޫ އެކެވެ. އެގޮތުން ތަފާތު އިންފެކްޝަން ތަކުން ހަށިގަނޑު ރައްކާތެރި ކޮށްދިނުމުގައި ބައިވެރި ވެއެވެ. ޚާއްޞަކޮށް، އަރުތެރެ، އަދި ނޭވާލާ ނިޒާމްގެ އިންފެކްޝަން ތަކުން ރައްކާކޮށް ހިމާޔަތް ކުރުމުގައި ޓޮންސިލް ބައިވެރިވެއެވެ.
 
ޓޮންސިލްގެ ވައްތަރުތައް

އަރުގެ ޓޮންސިލް : އަރުގެ ޓޮންސިލް(Pharyngeal tonsil) އަކީ ނޭފަތުގެ ފަހަތުން ނޭފަތާގުޅޭ އަރުތެރޭގެ ފުރާޅުގައި އިންނަ ލިމްފޮއިޑް ޓިޝޫ ބޮޑިއެކެވެ. އަރުގެ ޓޮންސިލް އަކީ ވެސް ދިފާޢީ ނިޒާމްގައި ބައިވެރިވާ ޓިޝޫ އެކެވެ. ހަށިގަނޑަށް ވަންނަ ބެކްޓީރިޔާ، ވައިރަސް ފަދަ ތަކެތި އަތުލައިގަތުމުގެ އިތުރުން އަރުގެ ޓޮންސިލް އިން ހަށިދަމަނަ ވެސް އުފައްދައެވެ. އަރުގެ ޓޮންސިލް އިންނަނީ ނޭފަތުގެ ފަހަތުން ކަމަށްވާތީ ނޭވަޔާއެކު ހަށިގަނޑަށް ވަންނަ ނުރައްކާތެރި މާއްދާތަކުން އަރުގެ ޓޮންސިލް ހަށިގަނޑު ރައްކާތެރި ކޮށްދެއެވެ. އުމުރުން ދުވަސްވާރަކަށް އަރުގެ ޓޮންސިލް އިން މިމަސައްކަތް ކުރާލެއް މަދުވެއެވެ. ސަބަބަކީ ބާލިޣުވާ ތަނާހެން ކަހަލަ ގޮތަކަށް އާންމު ގޮތެއްގައި އަރުގެ ޓޮންސިލް ހިދޭތީއެވެ. އެހެންކަމުން އަރުގެ ޓޮންސިލް ދުޅަވެ ބޮޑުވުން އުމުރުން ދުވަސްވީ ނުވަތަ ފުރާފުރިހަމަވެފައިވާ މީހުންނަށް ކުރިމައްޗެއް ނުވާނެއެވެ.
އަރުގެ ޓޮންސިލް ދުޅަވެއްޖެނަމަ ޕިންޕިން ބޯޅައެއް ވަރަށް ބޮޑުވެގެންދެއެވެ. އަދި ވައި ދައުރުކުރާމަގު އެއްކޮށް ބެދިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ނޭވާލުމުގައި ހުރަސްތަކާއި ކުރިމަތި ލާންޖެހެއެވެ. އަރުގެ ޓޮންސިލްގެ ބަތާނަ ފަށުގައި ގައި ހުންނަނީ ސޫޑޯސްޓްރެޓިފައިޑް ކޮލަމްނާރ އެޕިތީލިއަމް(pseudostratified columnar epithelium) އެވެ. މީގެ އިތުރުން ޓޮންސިލްގެ އެހެން ވައްތަރުތަކާއި ޚިލާފަށް އަރުގެ ޓޮންސިލް ގައި ކްރިޕްޓް(crypt) އެއް ނުހުންނާނެ އެވެ.
 ނޯޓް: އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އަށެވެ .މިއީ ހަގީގަތުގައި ޓޮންސިލްގެ ވައްތަރުތަކުގެ ތެރެއިން ތަލީގެ ޓޮންސިލް އެވެ.

ތަލީގެ ޓޮންސިލް : ތަލީގެ ޓޮންސިލް(palatine tonsil) އަކީ އަނގައިގެ ތެރެއިން ފަހަތުން ފެންނަން އިންނަ ޓޮންސިލް އެވެ.އާންމު ގޮތެއްގައި ޓޮންސިލް އޭ ކިޔައިއުޅެނީ ތަލީގެ ޓޮންސިލް އަށް ނިސްބަތްކޮށެވެ. އަނގައިގެ ފަހަތުން ދެފަރާތުގައި (ދެއަރިމަތީގައި) ވެސް ތަލީގެ ޓޮންސިލް ހުންނާނެއެވެ. ތަލީގެ ޓޮންސިލް އެންމެ ބޮޑުވަނީ ބާލިޣުވާ އުމުރަށް އެޅުމުންނެވެ. އެއަށްފަހު މަޑުމަޑުން ޓޮންސިލް ހިދެން ފަށައެވެ. ޓޮންސިލް ދުޅަވެ، އުދަގޫތަކާއި ކުރިމަތިވުން ތަކުރާރުވާނަމަ ޓޮންސިލް އޮޕަރޭޝަން ކޮށްގެން ނެގުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.
ތަލީގެ ޓޮންސިލް ގައި ހިމެނޭ ބީ ސެލް ތަކުން ތަފާތު ވައްތަރުގެ އިމިއުނޯގްލޯބިއުލިން(immunoglobulins) ތައް އުފައްދައެވެ. އަދި ތަފާތު ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރާނޭ ހަށިދަމަނަ ތައް ވެސް އުފައްދައެވެ. މީގެ އިތުރުން ސައިޓަކީން ގެ މަސައްކަތް ޓޮންސިލް އިން ފުރިހަމަކުރާކަމަށް މިހާރުވަނީ ހޯދިފައެވެ. ސައިޓަކީން އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމްގެ މަސައްކަތުގައި ބައިވެރިވާ ގްލައިކަޕްރޮޓީން އެކެވެ.
ތަލީގެ ޓޮންސިލް ހުންނަނީ އަނގައިގެ ތެރެއިން ފަހަތުގައި ކަމަށްވުމުން، މިތަނަކީ ނޭވާލާ ނިޒާމް އަދި ހަޖަމުކުރާ ނިޒާމްގެ ފެށޭ ހިސާބަށް ވުމުން، ތަފާތު ވައްތަރުގެ ޖަރާސީމްތައް މިބުނި ދެނިޒާމަށް ދިއުމަށް ތަލީގެ ޓޮންސިލްގެ ސަބަބުން ހުރަސް އަޅައެވެ. އަދި މިއީ އަނގަޔާ ގުޅޭ އަރުތެރޭގައި އިންނަ ދިފާޢުކުރުމުގެ ބާރު އެންމެ ގަދަ އެއް ޓިޝޫ އެވެ.
ތަލީގެ ޓޮންސިލް ގައި ގިނައަދަދަކަށް ކްރިޕްޓް ހުރެއެވެ. އަދި މިޓޮންސިލްގެ އެޕިތީލިއަމް ގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(Non-keratinized Stratified squamous epithelium) އެވެ. ތަލީގެ ޓޮންސިލް ގައި 30-10 އާއި ދެމެދުގެ އަދަދަކަށް ކްރިޕްޓް ހުރެއެވެ. މެކްރަފޭޖް ތަކާއި ލޭގެ ހުދު ސެލްތައް މިކްރިޕްޓް ތަކުގައި ހުރެއެވެ.

ދުލުގެ ޓޮންސިލް : ދުލުގެ ޓޮންސިލް (Lingual tonsil)އަކީ ދުލުގެ ފަހަތުބައިން މަތީގައި ވަށްކޮށް އެތުރިފައި ހުންނަ ލިމްފެޓިކް ޓިޝޫ ބޮޑިއެކެވެ.އެހެންކަމުން ދުލުގެ ޓޮންސިލް ހުންނާނީ ދުލުގެ ފެށޭތަނުން ނުވަތަ ދުލުގެ ފަހަތުބައިގައެވެ. ދުލުގެ ޓޮންސިލް ހުންނަނީ ދުލުގެ އަނގަ ތެރޭގައިވާ ބައި އާއި، ދުލުގެ އަރުތެރޭގައިވާ ބައި ވަކިކޮށްދޭ ވީ އަކުރެއްގެ ބައްޓަމަށް އިންނަ އަޑިކޮޅު(sulcus terminalis) ގެ ފަހަތުންނެވެ. ދުލުގެ ޓޮންސިލް ގައި ވެސް ކްރިޕްޓް ހުރެއެވެ.  މި ޓޮންސިލްގައި ހުންނަނީ ނޮން-ކެރަޓިނައިޒްޑް ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަމް(Non-keratinized Stratified squamous epithelium) އެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.