Saturday, July 20, 2013

ކަށިތަކުގެ ނިޒާމް

ކަށިތަކުގެ ނިޒާމް
އިންސާނާގެ ކަށިގަނޑު(Human Skeleton) ބިނާވެގެންވަނީ ގުޅިފައިވާ ކަށިތަކާއި، ވަކިވަކި ކަށިތަކުގެ މައްޗަށެވެ. މިކަށިތައް އެކަތި އަނެކައްޗާއި ގުޅުވައިދީ، ހިފަހައްޓައިދީ، ބާރުގަދަ ކޮށްދެނީ ލިގަމެންޓް ތަކާއި، ޓެންޑަންތައް، އަދި މަސްތަކާއި، މަޑު ކަށިތަކުގެ އެހީގައެވެ.


ލިގަމެންޓް(Ligament):އަކީ އެއްކަށިގަނޑާއި އަނެއް ކަށިގަނޑު ގުޅުވައިދީ، ހުޅުތައް ދުރުވިޔަ ނުދީ، ސާބިތުކަންމަތީ،ހިފަހައްޓައިދީ، ބާރުގަދަ ކުރުމަށް ހުންނަ އެއްސުން ތަކެކެވެ.

ޓެންޑަން (Tendon) :އަކީ މަސްތަކާއި ކަށިތައް ގުޅުވައިދޭ ބައެވެ. ހުދު ކުލައަކަށް ހުންނަ މިބަޔަކީ ފައިބަރަސް ކަނެކްޓިވް ޓިޝޫ އިން އުފެދިފައި ހުންނަ އެއްޗެކެވެ. އުސޫލަކުން ބަލާއިރު ޓެންޑަން އަދި ލިގަމެންޓްތަކަކީ ވަރަށް އެއްގޮތް ދޭއްޗެވެ. މަސްތަކާއި ޓެންޑަންތައް ގުޅިގެން މަސައްކަތް ކުރާއިރު ލިގަމެންޓްތަކާއި ހުޅުތައް އަދި ކަށިތައް ވެސް މަސައްކަތްކުރަނީ ގުޅިގެންނެވެ.

ކާޓިލޭޖް (Cartilage) :އަކީ މަޑު ކައްޓެވެ. މަޑު ކަށި ހިމެނޭ ހިސާބު ތަކުގެ ތެރޭގައި ދެހުޅު ދޭތެރެ، މައިބަދައިގެ ދެކަށިކޮޅު ދޭތެރެ، ކަންފަތް، ނޭފަތް އަދި ވައި ނޮޅި ފަދަ ތަންތަން ހިމެނެއެވެ.

ގުޅިފައިވާ ކަށިތަކުގެ ތެރޭގައި ބޮލުގެ ނާށިގަނޑު އަދި އުކުޅު ކަށިގަނޑު ހިމެނެއެވެ. ބޮޑެތި ކަށިތަކުގެ ތެރޭގައި ކަށީގެ މަދު(Bone marrow) ހުރެއެވެ. ލޭގެ ސެލްތައް އުފެދެނީ ކަށީގެ މަދުގެ ތެރޭގައެވެ. ކަށިތައް ފުރަތަމަ ހުންނަނީ މަޑުކަށީގެ ގޮތުގައެވެ. އެއަށްފަހު ދުވަސްވަމުންދާ ވަރަކަށް މަޑުމަޑުން ކަށީގެ ތެރެއަށް ކެލްސިއަމް ފޭދެމުން ފޭދެމުން ގޮސް ކައްޓަށް ބަދަލުވެގެން ދެއެވެ.

ތުއްތު ދަރިފުޅު އުފަންވާއިރު ގާތްގަނޑަކަށް 300 ކަށިކޮޅު ހުރެއެވެ. ނަމަވެސް ބޮޑުވަމުން އަންނަވަރަކަށް އެއް ކަށިކޮޅު އަނެއް ކަށިކޮޅާއި ގުޅެމުން ގޮސް ބޮޑުވެ ފުރިހަމަވާއިރު ހުންނަނީ 206 ކަށި ކޮޅެވެ. މިގޮތުން ކަށިކޮޅު ހުންނަވަރު ކޮންމެވެސް މިންވަރަކަށް އެކަކު އަނެކަކާއި ތަފާތު ވެދާނެއެވެ. ބައެއް މީހުންގެ 208 ކަށިކޮޅު ހުންނަކަމަށް ވެސް ވެއެވެ.

މައިބަދައިގެ އެންމެ ތިރީގައި އިންނަ މައި ކަށިގަނޑަށް ކިޔަނީ ''ފޫކޮޅުގެ ކަށިގަނޑު''(Sacrum) އެވެ. މިކަށިގަނޑުގެ ނިމޭކޮޅު އިންނަ ކުޑަކަށިކޮޅަށް ކިޔަނީ ''ކޮކްސިކްސް'' (Coccyx)އެވެ. ދިވެހި ބަހުގެ ރަދީފްގައި މިކަށިކޮޅަށް "ރުއްކަށި" މިނަމުން ނަންދީފައިވާކަން ފާހަގަ ކުރެވެއެވެ.  އާއްމު ގޮތެއްގައި ގިނަކަށިތައް ގުޅި ލާމެހިދަނީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައެވެ. އެންމެ ފަހު ކަށިކޮޅު ގުޅިލާމެހެނީ ގާތްގަނޑަކަށް އުމުރުން 24-21 އަހަރާ ދެމެދުގައެވެ.

ހަށިގަނޑުގައިވާ އެންމެ ދިގު އަދި އެންމެ ބަރު ކަށިގަނޑަކީ މާކަޅުވާކަށިގަނޑު (Femur)އެވެ. އެންމެ ކުޑަ ކަށިގަނޑަކީ ''ސްޓިރަޕް''(Stirrup) އެވެ. ނުވަތަ "ސްޓެޕީސް" އެވެ. މިއީ ކަންފަތުގެ މެދުބައިގައިވާ ކަށިކޮޅެކެވެ.

ކަށިތަކުގެ މަސައްކަތް ނުވަތަ ވަޒީފާ
ކަށިގަނޑުން މައިގަނޑު 6 ވަޒީފާއެއް އަދާކުރެއެވެ.

(ހ) - ހަށިގަނޑަށް ބައްޓަމާއި ބާރު ގެނެސްދިނުން :އިންސާނާގެ ހަށިގަނޑަށް ބައްޓަށް ގެނެސްދެނީ ހަށިގަނޑުގެ ކަށިތަކުންނެވެ. ކަށިތައް ގުޅިގެން އުފެދިފައިވާ ފްރޭމް ވޯރކްގެ ސަބަބުން އިންސާނާ އަށް ސާބިތުވެ ހުރުމުގެ ގާބިލިއްޔަތު ލިއްބައިދެއެވެ.

(ށ) - ހިފެހެއްޓުން :މަސްތަކާއި، ލިގަމެންޓްތައް، އަދި ޓެންޑަންތައް ގުޅި، ތަތްވެ، ހިފެހެއްޓިފައި ހުންނަނީ ކަށިތަކުގައެވެ. ނަތީޖާއެއްގެ ގޮތުން އިންސާނާ ހަރަކާތްތެރިވެ އުޅުމަށް އެހީއަކަށް މިކަން ވެއެވެ. ދެހުޅު ދޭތެރެ ގުޅުވާދެނީ އެހިސާބުތަކުގައި ހުންނަ ލިގަމެންޓް ތަކުގެ އެހީގައެވެ. ނަތީޖާއަކީ ކޮންމެ ހުޅެއްމެ ސާބިތުކަންމަތީ ހުރުމަށް ލިގަމެންޓްތައް އެހީތެރިވެދޭ ކަމެވެ.

(ނ) - ހަރަކާތްކުރުން :މައިބަދަ ހުންނަ ދިރޭ ސޫފާ ސޫފީގެ ހަރަކާތްކުރުން ބިނާވެފައި އޮންނަނީ ހަށިގަނޑުގައި ހުންނަ މަސް ތަކުގެ މައްޗަށެވެ. މިބުނި މަސްތައް ހުންނަނީ ޓެންޑަން ތަކުގެ އެހީގައި ކަށިގަނޑާއި ތަތްވެ ހަރުލާފައެވެ.

(ރ) - ރައްކާތެރިކަން ހޯދައި ދިނުން : އިންސާނާގެ ކަށިގަނޑަކީ ހަށިގަނޑުގައިވާ ވަރަށް ގިނަ ގުނަވަންތައް ރައްކާތެރިކޮށްދޭ އައްޑަނަ އެއް ފަދަ އެއްޗެކެވެ. އެގޮތުން:-
·         ބޮލުގެ ނާށިގަނޑު : ސިކުނޑި، ލޯ އަދި ކަންފަތުގެ އެތެރޭ ބައިތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދެއެވެ.
·         މައިބަދައިގެ ކަށިތައް : މައިބަދައިގެ މެދުގައިވާ ''ސްޕައިނަލް ކޯޑް'' ހިމާޔަތްކޮށް ރައްކާތެރިކޮށް ދެއެވެ.
·         މައިބަދައިގެ ކަށިތައް، މޭމަތީގެ ކަށިތައް، އަދި އުރަމަތީ ކަށިގަނޑު : މިކަށިތައް ގުޅިގެން ފުއްޕާމޭ، ހިތް، އަދި ބޮޑެތި ލޭހޮޅިތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދެއެވެ.
·         އުކުޅު (ޅިނދު) ކަށިގަނޑުގެ މަތީބައި(Ilium)  އަދި މައިބަދައިގެ ކަށިތައް : މިކަށިތައް ގުޅިގެން ކުޑަކަމުދާ ނިޒާމް، އަދި ހަޖަމުކުރާ ނިޒާމްގެ ބައިތައް ހިމާޔަތްކޮށް ރައްކާތެރި ކޮށްދެއެވެ.

(ބ) - ލޭގެ ސެލްތައް އުފެއްދުން :ބައެއް ވައްތަރުގެ ކަށިތައް ޚާއްޞަކޮށް ބޮޑެތި ކަށިތަކުގެ ތެރޭގައި ހުންނަ ކަށީގެ ރަތްމަދުގެ ތެރޭގައި ލޭގެ ސެލްތައް އުފެދެއެވެ.

(ޅ) - މައުދަންތައް ރައްކާކުރުން :ބައެއް ކަހަލަ މައުދަންތައް ކަށީގެ ތެރޭގައި ރައްކާކުރެވިފައި ހުރެއެވެ. އަދި ހަށިގަނޑަށް ބޭނުން ޖެހިއްޖެ ހިނދެއްގައި އެފަދަ މާއްދާތައް ކަށިން ބޭރުކުރެއެވެ. މިސާލަކަށް ކެލްސިއަމް ހަށިގަނޑަށް ކާނާއިން އެކަށޭނަ ވަރަށް ނުލިބިއްޖެނަމަ ކަށީގެ ތެރޭގައި ރައްކާކުރެވިފައި ހުންނަ ކެލްސިއަމް ބައެއް ފަހަރު ބޭރުކުރާގޮތްވެއެވެ.

އިންސާނާގެ ހަށިގަނޑުގައިވާ ކަށިތައް ބެހިފައިވާ ގޮތް
އިންސާނާގެ ކަށިގަނޑު މައިގަނޑު ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ އެކްސިއަލް ސްކެލިޓަން އަދި އެޕެންޑިކިޔުލަރ ސްކެލިޓަން އެވެ.

އެކްސިއަލް ސްކެލިޓަން (Axial Skeleton):މިބައިގައި 5 ބަޔަކުން 80 ކަށިގަނޑު އެކުލެވިގެން ވެއެވެ. އެއީ :-
o  ބޮލުގެ ނާށިގަނޑާއި މޫނުމަތި - 22 ކަށިގަނޑު
o  ކަންފަތުގެ އެތެރޭ ކަށިކޮޅުތައް - 6 ކަށިކޮޅު
o  ހައިއޮއިޑް ކަށިގަނޑު - ކަރު ހިމެނޭ ހިސާބުގައި އިންނަ ކަށިގަނޑެއް
o  މައިބަދަ - 26 ކަށިގަނޑު
o  މޭމަތި - 25 ކަށިގަނޑު

ބޮލުގެ ނާށިގަނޑު
ބޮލުގެ ނާށިގަނޑަކީ އިންސާނާގެ ބޮލުގެ ބޭރުން ލެވިފައިވާ ހަރު ތޮށިގަނޑެވެ. މިއީ މާހައުލުން ދިމާވާ ކަމަކުން ސިކުނޑިއަށް ލޮޅުން އެރުން ކުޑަކޮށްދީ، ސިކުނޑި ރައްކާތެރިކޮށްދޭ އައްޑަނަ އެކެވެ. ބޮލުގެ ނާށިގަނޑާއި މޫނުމަތި ހިމެނޭ ހިސާބުގައި ޖުމުލަ 22 ކަށިގަނޑު ހިމެނެއެވެ. އެއީ:-
·         ބޮލުގެ ކަށިތައް : މިބައިގައި ޖުމުލަ 8 ކަށިގަނޑު ހިމެނެއެވެ. އެއީ:-
o  އެތުމޮއިޑް ކަށިގަނޑު (Ethmoid bone)
o  ނިތްކުރީގެ ކަށިގަނޑު (Frontal bone)
o  ބޮލުގެ ފުއްކިބައިގެ ކަށިގަނޑު (Occipital bone)
o  ބޮލުގެ މެދު ކަށިގަނޑު (Parietal bone) : ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.
o  ސްފިނޮއިޑް ކަށިގަނޑު (Sphenoid bone)
o  ޓެމްޕޯރަލް ކަށިގަނޑު (Temporal bone) : ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.

·         މޫނުމަތީގެ ކަށިތައް : މިބައިގައި ޖުމުލަ 14 ކަށިގަނޑު ހިމެނެއެވެ. އެއީ:-
o އިންފީރިއާ ނޭޒަލް ކޮންކާ (Inferior nasal concha) :ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.
o  ލެކްރިމަލް ކަށިގަނޑު (Lacrimal bone) : ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.
o  ކަތުރު ކަށިގަނޑު (Mandible )
o  މެގްޒިއްލާ ކަށިގަނޑު (Maxilla) : ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.
o  ވަސްކަށި (Nasal bone) : ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.
o  ޕެލޭޓިން ކަށިގަނޑު (Palatine bone) : ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.
o ވޯމަރ ކަށިގަނޑު (Vomer)
o  ކޯތާފަތު ކަށިގަނޑު (Zygomatic bone): ކޮންމެ ފަރާތެއްގައި މީގެ ކަށިގަނޑެއް ހުރެއެވެ.

ކަންފަތު އެތެރޭގެ ކަށިކޮޅުތައް
ކަންފަތުގެ އެތެރޭގައި ހުންނަ ކަށިކޮޅު(Ossicles) ތަކަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ކުދި ކަށިކޮޅު ތަކެވެ. ކޮންމެ ކަންފަތެއްގައި މިފަދަ 3 ކަށިކޮޅު ވެއެވެ. މިކަށިކޮޅުތަކަށް ބައެއް ފަހަރު "ތުރު ކަށިކޮޅުތައް" ވެސް ކިޔައެވެ.މިގޮތުން ކަންފަތުގެ އެތެރޭގައި ހިމެނޭ ކަށިކޮޅު ތަކަކީ :-
·         މެލިއަސް ކަށިކޮޅު (Malleus)
·         އިންކަސް ކަށިކޮޅު (Incus)
·         ސްޓެޕީސް ކަށިކޮޅު (Stapes)

މައިބަދަ
މައިބަދަ(Vertebral column) ނުވަތަ މައިކައްޓަކީ ޅިނދު ކަށިގަނޑުގެ ކޮޅުން ފެށިގެން ގޮސް ބޮލާއި ހަމައަށް ބުރަކަށީގެ މެދުގައި ހުންނަ ބަދަ ތަކަކުން އެކުލެވިފައިވާ ބައެކެވެ. މައިބަދައިގައި ޖުމުލަ 24 ބަދަ ހިމެނެއެވެ. މައިބަދަ ނިމިގެން އިންނަނީ ޅިނދު ކަށިގަނޑު، ފޫކޮޅުގެ ކަށިގަނޑު، އަދި އެންމެ ތިރިއަށް އިންނަނީ ކޮކްސިކްސް އެވެ.
މައިބަދައިގެ ކަށިތައް ބެހިފައިވާގޮތް
·         ކަރު ހިމެނޭ ހިސާބުގެ މައިބަދައިގެ ބަދަތައް (Cervical vertebra): މިހިސާބުގައި 7 ބަދަ ހުރެއެވެ.
·         މޭމަތި ހިމެނޭ ހިސާބުގެ މައިބަދައިގެ ބަދަތައް (Thoracic vertebra): މިހިސާބުގައި 12 ބަދަ ހުރެއެވެ.
·         ބަނޑު ހިމެނޭ ހިސާބުގެ މައިބަދައިގެ ބަދަތައް (Lumbar vertebra): މިހިސާބުގައި 5 ބަދަ ހުރެއެވެ.
·         ފޫކޮޅުގެ ކަށިގަނޑު (Sacrum)
·         ކޮކްސިކްސް(ރުއްކަށި) (Coccyx)

މޭމަތި
މޭމަތި(chest) ހިމެނޭ ހިސާބުގައި އަރިކަށިތައް އަދި ތިނަ ކަށިގަނޑު ހިމެނެއެވެ. މޭމަތީގައި އަރިކަށިތަކުން އުފެދިފައިވާ ކޮށި(Rib cage) އެކުލެވިގެންވަނީ މޭމަތި ހިމެނޭ ހިސާބު މައިބަދައިގެ ބަދަތަކައި، ތިނަކަށިގަނޑު އަދި ބަޔާންކުރެވުނު ކަށީގެ ބައިތައް ގުޅުވައިދޭ އަރިކަށި ތަކުގެ މައްޗަށެވެ. އެހެންކަމުން މިބައިގައި ހިމެނޭ ކަށިތަކަކީ:-
·         ތިނަ ކަށިގަނޑު / އުރަމަތީ ކަށިގަނޑު (Sternum)
·         އަރިކަށިތައް  (Ribs): ކޮންމެ ފަރާތަކުން 12 ކަށިގަނޑު ނިކުމެފައި ވެއެވެ. ނަމަވެސް މީގެ ތެރެއިން 7 ކަށިގަނޑުވަނީ ފަހަތުން މައިބަދައިގެ ބަދަތަކުން ނިކުމެ، ކުރިމަތިން ތިނަ ކަށިގަނޑާއި ގުޅިފައި ވެއެވެ. މި 7 ކަށިގަނޑު ތިނަ ކަށިގަނޑާއި ގުޅެނީ މަޑުކަށީގެ ބައެއް ހުރުމަށްފަހު ގައެވެ. މާނައަކީ މައިބަދައިން ނިކުމެގެން އަންނަ، އަރިކަށިތައް ތިނަކަށިގަނޑާއި ގުޅޭއިރު، ކޮންމެ ކަށިގަނޑެއްގެ ކޮޅުން ތިނަ ކަށިގަނޑާއި ގުޅޭއިރު މަޑުކަށިގަނޑެއް ހުރުމެވެ. ޖެހިގެން އިންނަ 5 ކަށިގަނޑުގެ ތެރެއިން ފުރަތަމަ 3 ކަށިގަނޑުގެ މަޑުކަށި ހިމެނޭ ބައި ގުޅިފައި އިންނަނީ 7 ވަނަ ކަށިގަނޑުގައި ހިމެނޭ މަޑުކަށިގަނޑާއެވެ. އަދި އެންމެ ފަހު 2 ކަށިގަނޑު އިންނަނީ އެއްވެސް އެހެން ކަށިގަނޑަކާއި ނުގުޅިގެން ހުސްކޮށެވެ.
·         މޭމަތި ހިމެނޭ ހިސާބުގެ މައިބަދައިގެ ބަދަތައް  (Thoracic vertebrae)

އެޕެންޑިކިޔުލަރ ސްކެލިޓަން (Appendicular Skeleton): މިބައިގައި 6 ބަޔަކުން 126 ކަށިގަނޑު އެކުލެވިގެން ވެއެވެ. އެއީ :-
o  ދެކޮނޑު - 4 ކަށިގަނޑު
o  ދެއަތް - 6 ކަށިގަނޑު
o  ދެއަތްތިލަ - 54 ކަށިގަނޑު
o  އުނަގަނޑު - 2 ކަށިގަނޑު
o  ދެފައި - 8 ކަށިގަނޑު
o  ދެފައިތިލަ އަދި ތަބިކަށި - 52 ކަށިގަނޑު
ކޮނޑު
ކޮނޑަކީ  ދެއަތް ހަށިގަނޑާ ގުޅުވާދޭ މަގާމެވެ. ކޮނޑު އުފެދުމުގައި ކަށިތަކާއި ގުޅިފައިވާ ލިގަމެންޓް ތަކާއި، ޓެންޑަން ތަކާއި، އަދި މަސްތައް ޝާމިލް ވެއެވެ. ކޮނޑު އުފެދިފައިވަނީ މައިގަނޑު 3 ކަށި ގަނޑެއް ގުޅިގެންނެވެ. އެހެން ނަމަވެސް އެއިން އެއްކަށިގަނޑަކީ އަތުގެ ކަށިގަނޑަކަށް ވުމުން ހަގީގަތުގައި ކޮންމެ ކޮނޑެއް އުފެދުމުގައި ބައިވެރިވަނީ 2 ކަށިގަނޑޭ ވެސް ބުނެވިދާނެ އެވެ.ކޮނޑު އުފެދުމުގައި ބައިވެރިވާ 3 ކަށިގަނޑަކީ:-
·         ކޮނޑު ކަށިގަނޑު(Clavicle)
·         ބޮބިފަޅި (Scapula)
·         މުލައްދަނޑި ކަށިގަނޑު (Humerus)

ކޮނޑު ހުޅު : ކޮނޑު ހުޅަ(shoulder joint)ކީ އަތުގެ މުލައްދަނޑި ކަށިގަނޑާއި، ބުރަކަށީގެ މަތިން އިންނަ ބޮބިފަޅި ކަށިގަނޑާއި، އަދި ކޮނޑުމަތީގައި އިންނަ ކޮނޑު ކަށިގަނޑު ގުޅިގެން އުފެދިފައިވާ ހުޅެކެވެ. އަތުގެ ހަރަކާތްތަކުގައި މިހުޅު ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ.

އަތް
އަތް ކަމުގައި ބެލެވެނީ ކޮނޑުން ފެށިގެން ގޮސް އަތްތިލައާއި، ހަމައަށްވާ ބައެވެ. އަތުގެ ކޮނޑުހުޅުން ފެށިގެން އުޅަބޮށްޓާއި، ހަމައަށްވާ ބަޔަށް ކިޔަނީ ''މުލައްދަނޑި''(arm) އެވެ. އަދި އުޅަބޮށިން ފެށިގެން ކުޑަހުޅާއި، ދެމެދުގައިވާ ބަޔަށް ކިޔަނީ "އަތްދަނޑި''(Forearm) އެވެ. ކޮންމެ އަތެއްގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ 3 ކަށިގަނޑެވެ. އެއީ:-
·         މުލައްދަނޑި ކަށިގަނޑު(Humerus)
·         އަތްދަނޑި ކަށިގަނޑު (Radius)
·         އުޅަބޮށި ކަށިގަނޑު (Ulna)

އުޅަބޮށި ހުޅު
އުޅަބޮއްޓަކީ އަތުގެ މުލައްދަނޑި އާއި، އަތްދަނޑި ގުޅުވައިދޭ ތަނެވެ. މިހިސާބުގައިވާ އުފެދިފައިވާ ހުޅަށް ކިޔަނީ "އުޅަބޮށި ހުޅު"(elbow joint) މިހެންނެވެ. މިހުޅު އުފެދިފައިވަނީ މައިގަނޑު 3 ކަށިގަނޑެއް ގުޅޭ ތަނުގައެވެ. އެއީ އަތުގެ މުލައްދަނޑީގައިވާ މުލައްދަނޑި ކަށިގަނޑު އާއި އަތްދަނޑީގައި ހިމެނޭ މައި ދެކަށިގަނޑު ކަމުގައިވާ އަތްދަނޑި ކަށިގަނޑު، އަދި އުޅަބޮށި ކަށިގަނޑު ގުޅޭ ތަނުގައެވެ.

ކުޑަ ހުޅު (އަތުގެ ކުޑަހުޅު)
އަތުގެކުޑަ ހުޅަ(wrist joint)ކީ އަތްތިލަ އާއި އަތްދަނޑި ގުޅުވައިދޭ ހުޅެވެ. އަތުގެ ކުޑަހުޅު އުފެދެނީ އަތްދަނޑީގައި ހިމެނޭ އަތްދަނޑި ކަށިގަނޑު އަދި އުޅަބޮށި ކަށިގަނޑު އަތްތިލައިގެ ފެށޭ ހިސާބުގައި ހިމެނޭ ކަށިކޮޅު ތަކާއި ގުޅިގެންނެވެ. މިހުޅު ހިމެނޭ ހިސާބަށް ''އަތުކުރި''(wrist) އޭ ވެސް ކިޔައި އުޅެއެވެ. އަތުކުރީގައި ދެ ސަފަކަށް އެތުރިފައި ހުންނަ ޖުމްލަ 8 ކަށިކޮޅު ވެއެވެ. މިކަށިކޮޅު ތަކަށް ކިޔަނީ ''ކާޕަލް''(Carpals) އެވެ.

އަތްތިލަ
އަތްތިލަ(hand) އަކީ ކޮންމެ އަތެއްގެ ނިމޭތާގައި އިގިލިތައް އެއިން ނިކުމެފައިވާ ބައެވެ. އަތްތިލަ އާއި އަތް ގުޅޭ ހިސާބު ގައިވާ ހުޅަށް ކިޔަނީ ކުޑަ ހުޅު އެވެ. ހަމަމިހެން އަތްތިލަ އާއި އަތް ގުޅޭ ހިސާބަށް ''އަތުކުރި'' އޭ ވެސް ކިޔައެވެ. ނަމަވެސް އާންމު ގޮތެއްގައި އަތުކުރި ކިޔަނީ އަތްތިލަ އާއި އުޅަބޮށި އާއި ދެމެދުގައިވާ ބަޔަށެވެ. އަތުގެ އިގިލިތަކަކީ ވެސް އަތްތިލައިގެ ބައެކެވެ.

ކޮންމެ އަތް ތިލައެއްގައި ހިމެނޭ 27 ކަށިކޮޅު ބެހިފައިވާ ގޮތް މިވަނީއެވެ.
·         އަތުގެ އިގިލީގެ ކަށިކޮޅުތައް(Phalanges): 14 ކަށިކޮޅު
·         އަތްތިލައިގެ ކުރީގައި އިގިލިތަކާ ކައިރީގައި ހުންނަ ދިގު ކަށިކޮޅުތައް(Metacarpals): 5 ކަށިކޮޅު
·         އަތުގެ ފެށޭ ހިސާބު ނުވަތަ އަތުކުރި ކިޔާ ހިސާބު ހިމެނޭ ކަށިކޮޅުތައް(Carpals): 8 ކަށިކޮޅު : އޭގެތެރޭގައި:- 
o ސްކެފޮއިޑް ކަށިކޮޅު (Scaphoid)
o ލޫނޭޓް ކަށިކޮޅު (Lunate)
o  ޓްރައިކްއީޓްރަމް ކަށިކޮޅު (Triquetrum)
o  ޕީސިފޯމް ކަށިކޮޅު (Pisiform)
o ޓްރެޕީޒިއަމް ކަށިކޮޅު (Trapezium)
o ޓްރެޕީޒޮއިޑް ކަށިކޮޅު (Trapezoid)
o ކެޕިޓޭޓް ކަށިކޮޅު (Capitate)
o  ހެމޭޓް ކަށިކޮޅު (Hamate)

އުނަގަނޑު
އުނަގަނޑު(waist) އުފެދިފައިވަނީ ތަފާތު ކަށިތަކެއް ގުޅިގެންނެވެ. އެގޮތުން ކޮންމެ ފަރާތެއްގައި ޅިނދު ކަށިގަނޑެއް ވެއެވެ. މިއީ އެޕެންޑިކިޔުލަރ ސްކެލިޓަންގެ ކަށިތަކެއްގެ ގޮތުގައި ބެލެވޭ ކަށިތަކެކެވެ. މީގެ އިތުރުން އެކްސިއަލް ސްކެލިޓަންގެ ބައެއްގެ ގޮތުގައި ބެލެވޭ، މައިބަދައިގެ އެންމެ ތިރީގައި އިންނަ މައި ކަށިގަނޑަށް ކިޔަނީ "ފޫކޮޅުގެ ކަށިގަނޑު''(Sacrum) އެވެ. މިކަށިގަނޑުގެ ނިމޭކޮޅު އިންނަ ކުޑަކަށިކޮޅަށް ކިޔަނީ ''ކޮކްސިކްސް'' (Coccyx)އެވެ. ދިވެހި ބަހުގެ ރަދީފްގައި މިކަށިކޮޅަށް "ރުއްކަށި" މިނަމުން ނަންދީފައިވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އުނަގަނޑު އުފެދުމުގައި ކޮންމެ ފަރާތަކުން ފޫކޮޅުގެ ކަށިގަނޑާއި ގުޅިފައިވަނީ ޅިނދު ކަށިގަނޑެވެ.
އުނަގަނޑުގައި ހިމެނޭ ކަށިތައް ތިރީގައި މިވަނީ އެވެ.
·         ޅިނދު ކަށިގަނޑު(Pelvic bone)
·         ފޫކޮޅުގެ ކަށިގަނޑު (Sacrum)
·         ކޮކްސިކްސް (ރުއްކަށި) (Coccyx)
·         ފަލަމަސް ކަށިގަނޑު / މާކަޅުވާ ކަށިގަނޑު(Femur)
ނޯޓް: މަތީގައިވާ ކަށިތަކުގެ ތެރެއިން ކޮކްސިކްސް އަދި ސެކްރަމް އަކީ އެކްސިއަލް ސްކެލިޓަންގައި ހިމެނޭ ކަށިގަނޑު ތަކެކެވެ.

އުކުޅުވަޅުގެ ހުޅު
އުކުޅުވަޅުގެ ހުޅަކީ (Hip joint)އުކުޅުވަޅާއި އުނަގަނޑު ހިމެނޭ ހިސާބުން ޅިނދު ކަށިގަނޑާއި، މާކަޅުވާ ކަށިގަނޑު ގުޅިގެން އުފެދިފައިވާ ހުޅެކެވެ. މިއީ ހިނގާ ބިނގާވެ އުޅުމާއި، ފައިގެ ހަރަކާތްތަކަށް ވަރަށް މުހިއްމު ހުޅެކެވެ. އެހެންކަމުން މިހުޅު އުފެދިފައިވާނީ މައިގަނޑު 2 ކަށިގަނޑެއް ގުޅި ލާމެހިގެންނެވެ.

ނޯޓް :- ދިވެހި ބަހުގެ ރަދީފުން ނެގިފައި:-
އުނަގަނޑު : ބުރިކައްޓާއި ޅިނދުމައްޗާއި ބެދުނު ތަން
އުކުޅު : އަރިކައްޓާއި ފައިގެ މަތީހުޅާއި ބެދުނު ތަން
އުކުޅުވަޅު : ފަޔާއި ބަނޑާއި ބެދުނު ތަން
ކަކޫ : މާކަޅުވާ މަހާއި، ކުޑަކަޅުވާ މަހާއި ގުޅުނުތާގެ ހުޅުމަތި

ފައި
ފަޔަކީ އިންސާނާގެ ހަށިގަނޑުގައި އުކުޅު ވަޅުން ފެށިގެން ނުވަތަ އުނަގަނޑުން ފެށިގެން ތިރިއަށް ގޮސް ފައިތިލަ އާއި ހަމައަށް ވާ ބައެވެ. ފަލަމަސްގަނޑު، ކަކޫ، އަދި ކުޑަ ކަޅުވާ، އާއި މާކަޅުވާ ވެސް ހިމެނެނީ ފައިގައެވެ. ފައިގައި ހިމެނެނީ މައިގަނޑު 4 ކަށިގަނޑެކެވެ. އެއީ:-
·         ފަލަމަސް ކަށިގަނޑު، ނުވަތަ މާކަޅުވާ ކަށިގަނޑު(Femur)
·         ކުޑަކަޅުވާ ކަށިގަނޑު (Fibula)
·         ކަށިމަތީގެ ކަށިގަނޑު(Tibia)
·         ފިޔަން ކަށިގަނޑު (Patella)

ކަކޫ ހުޅު
ކަކޫ ހުޅަ(knee joint)ކީ މާކަޅުވާ މަހާއި، ކުޑަކަޅުވާ މަހާއި ގުޅުނު ހިސާބުގައިވާ ހުޅެވެ. މިހުޅު އުފެދިފައިވަނީ މައިގަނޑު 4 ކަށިގަނޑެއް ގުޅިގެންނެވެ. އެއީ ފައިގެ މާކަޅުވާ މަސް ނުވަތަ ފަލަމަސްގަނޑު ހިމެނޭ ހިސާބުގައިވާ މާކަޅުވާ ކަށިގަނޑު، އަދި ކުޑަކަޅުވާ މަސް ހިމެނޭ ހިސާބުގައިވާ ކުޑަކަޅުވާ ކަށިގަނޑާއި، ކަށިމަތީގައިވާ ކަށިމަތީގެ ކަށިގަނޑުގެ އިތުރުން ކަކޫ ހުޅު މަތީގައި ސާބޯންޏެއް ފަދައިން ދުވާ ކަށިގަނޑެއް ކަމުގައިވާ ފިޔަން ކަށިގަނޑެވެ.

ފައިގެ ކުޑަހުޅު
ފައިގެ ކުޑަ ހުޅަކީ (Ankle joint)ފައިތިލައާއި ފައިދަނޑި ނުވަތަ ފައި ގުޅުވައިދޭ ހުޅެވެ. ފައިގެ ކުޑަހުޅު އުފެދެނީ ފައިދަނޑީގައި ހިމެނޭ ކަށިމަތީގެ ކަށިގަނޑު އަދި ކުޑަކަޅުވާ ކަށިގަނޑު، ފައިތިލައިގެ ފެށޭ ހިސާބުގައި ހިމެނޭ ކަށިކޮޅު ތަކުގެ ތެރެއިން ތަނބިކަށިގަނޑު ގުޅިގެންނެވެ. މިހުޅު ހިމެނޭ ހިސާބަށް "ތަނބި" ވެސް ކިޔައި އުޅެއެވެ. ފައި ތިލައިގެ ފެށޭ ހިސާބު ދެ ސަފަކަށް އެތުރިފައި ހުންނަ ޖުމްލަ 7 ކަށިކޮޅު ވެއެވެ. މިކަށިކޮޅު ތަކަށް ކިޔަނީ ''ޓާސަލް''(Tarsals) އެވެ. ކުރިންބުނި ތަނބިކަށިގަނޑާއި، ފުންނާބު ކަށިގަނޑު ވެސް މިކަށިކޮޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ފައިތިލަ
ފައިތިލަ(foot) އަކީ އިންސާނުން ހިގާބިގާވެ އުޅުމަށް ބޭނުންވާ މުހިއްމު ގުނަނެކެވެ. ފައިތިލައިގައި ޖުމްލަ 26 ކަށިކޮޅު ވެއެވެ. ފައިގެ އިގިލިތަކުގެ ތެރެއިން އެންމެ ދިގުކަމަށް ބުނެވެނީ ބޮޑުވައިއިގިލި އެވެ. ނަމަވެސް ބައެއް މީހުންގެ އެންމެ ދިގު އިގިއްޔަކީ ދެވަނަ އިގިލި ކަމުގައި ބުނެވެއެވެ.

ފައި ތިލައިގައި ހިމެނޭ 26 ކަށިކޮޅު ބެހިފައިވާ ގޮތް މިވަނީއެވެ.
·         ފައިގެ އިގިލީގެ ކަށިކޮޅުތައް(Phalanges): 14 ކަށިކޮޅު
·         ފައިތިލައިގެ ކުރީގައި  އިގިލިތަކާއި ކައިރީގައި ހުންނަ ދިގު ކަށިކޮޅުތައް(Metatarsals): 5 ކަށިކޮޅު
·         ފައިތިލައިގެ ފެށޭ ހިސާބު ނުވަތަ ފުންނާބާއި ތަބިކަށި ހިމެނޭ ހިސާބުގައިވާ ކަށިކޮޅުތައް(Tarsals):7ކަށިކޮޅު : އޭގެތެރޭގައި:-
o ފުންނާބު ކަށިގަނޑު(Calcaneus)
o ތަނބި ކަށިގަނޑު(Talus)
o ކިއުނިފޯރމް ގެ 3 ކަށިކޮޅު (Cuneiform)
o ކިއުބޮއިޑް ކަށިކޮޅު (Cuboid bone)
o ނެވިކިޔުލަރ ކަށިކޮޅު (Navicular bone)

ޢާންމު ތަފާތުތައް
އަންހެނުންނާއި ފިރިހެނުންގެ ކަށިގަނޑުގައި ވަރަށް ބައިވަރު ތަފާތު ތައް ހުރެއެވެ. މިސާލަކަށް ޅިނދު ކަށިގަނޑު ނަގަމާ ހިގާށެވެ. އަންހެނުންގެ ޅިނދު ކަށިގަނޑަކީ ފަތި ބޮޑު އަދި ފިރިހެނުންނަށް ވުރެ ވަށްކޮށް އިންނަން ކަށިގަނޑެކެވެ. މިއީ ވިހެއުމުގެ ތެރޭގައި ކުޑަ ދަރިފުޅުގެ ބޯ ފަސޭހަ ކަމާއެކު ޅިނދު ކަށިގަނޑު ހުރަސްކޮށް ދިއުމަށްޓަކައި އުފެދުމުގައި އަންހެނުންގެ ޅިނދު ކަށިގަނޑަށް ލިބިފައިވާ ސިފައެކެވެ. ފިރިހެނުންގެ އަތްފައި ދިގުވެފައި އިގިލިތައް ވެސް އަންހެނުންނަށްވުރެ ދިގުކަން ފާހަގަ ކުރެވެއެވެ. އަންހެނުންގެ މޭމަތީ ކަށިތައް ހިމަވެފައި، ދަތްތައް ކުދިކަން ފާހަގަ ކުރެވެއެވެ. އަދި މިނޫން ބައެއް ތަފާތު ތައް ވެސް އެކިއެކި ކަށިތަކުގައި ހުރެއެވެ.

ބަލިތައް
ކަށިތަކަށް ޖެހޭ ތަފާތު ބަލިތައް ވެއެވެ. އަތްފައިގެ އަގުނެއް ބިނދުމާއި، ރެނދު އެޅުމުން ފެށިގެން ގޮސް ކެންސަރު ފަދަ ބަލިތައް ވެސް ކައްޓަށް ޖެހޭކަން ފާހަގަކުރެވެއެވެ. ކަށީގެ ބައެއް ބަލިތަކަކީ އުފެދުމުގައި ހުންނަ ބަލިތަކަށް ވާއިރު އަނެއް ބައި ބަލިތަކަކީ ކޮންމެވެސް ސަބަބަކާއި ގުޅިގެން ކުރިމަތިވާ ބަލިތަކެވެ.

ކަށީގެ ކެންސަރަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ބައެއް ފަހަރު މީގެ ސަބަބުން ކެންސަރު ޖެހިފައިވާ އަތް ނުވަތަ ފައި ބުރިކޮށްލަން ޖެހުމަކީ ވެސް ވެދާނެގޮތެކެވެ. ހުޅުތަކަށް ޖެހޭ ރާއްޖެ ބަލި ފަދަ ބަލިތަކާއި ހުޅުހުޅު ދުޅަވުން ފަދަ ބަލިތަކުގެ ސަބަބުން، ހުޅުގައި ރިއްސުން، ހުޅު ދުޅަވުން، ހުޅު ހަރުއެރުން، ހުޅު ހަރަކާތް ނުކުރެވުން ފަދަ އުދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ. މީގެ އިތުރުން ކަށި ގަނޑު ބިއްދައިގެން ދިއުން، ހުޅު ނެއްޓުން އަދި ކަށި ފީވުން ފަދަ ބަލިތަކަކީ ވެސް ކައްޓަށް ޖެހޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ޢާންމު ބަލިތަކެވެ.

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. 

No comments:

Post a Comment