Sunday, January 10, 2016

ދަރިން ތަރުބިއްޔަތުކުރުން : ފުރަތަމަ އަހަރުގެ ތެރޭގައި

ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު : ފުރަތަމަ އަހަރުގެ ތެރޭގައި
ހެދިބޮޑުވަމުން އަންނަގޮތް
ފުރަތަމަ ފިޔަވަޅު އެޅުން، ހިނިތުންވުން، "ބައިބައި" ކިޔަމުން އަތް ހޫރާލުން ފަދަ ހުނަރުތަކަކީ ކުއްޖެއްގެ "ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު"(developmental milestone) ތަކެކެވެ. ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑު ތަކަކީ އެކުއްޖެއްގެ އުމުރާ ގުޅޭގޮތުން ގިނަ ކުދިންނަށް އެއުމުރުގައި ޙާޞިލްކުރެވޭނެ (ކުރެވެންޖެހޭނެ) ކަންތައްތަކެކެވެ. ކުޑަކުދިން ހެދިބޮޑުވުން ދެނެގަތުމަށް ބޭނުންކުރާ މިންގަނޑުތައް ޙާޞިލްކުރަނީ ކުޅިވަރާއި، އުގެނުމާއި، ވާހަކަ ދެއްކުމާއި، އެހެންމީހުންނާއި އެކުވެ އުޅުމާއި، ފިރުކުމާއި، ހިނގުމާއި، ފުންމުން ފަދަ ހަރަކާތްތަކުގެ ތެރެއިންނެވެ. 

ތުއްތު ކުއްޖާގެ އުމުރުން ފުރަތަމަ އަހަރުގެ ތެރޭގައި އެކުއްޖެއްގެ ހެދިބޮޑުވުމުގައި ވަށައިގެންވާ މާހައުލުގައި ހުންނަ ތަކެތި ހޯދައި، ބަލައި، ދަސްކުރަން މަސައްކަތްކުރާނެ އެވެ. ސިކުނޑީގެ ހެދިބޮޑުވުމުގައި ހިމެނެނީ ހަދާންކުރުމާއި، ވާހަކަ ދެއްކުމާއި، ވިސްނުމާއި، އުގެނެން ދަސްކުރުން ފަދަ ކަންތައްތަކެވެ. ވާހަކަ ދެއްކުމުގެ ހުނަރުގެ ތެރެއިން ފުރަތަމަ އަހަރުގައި އަޑުތައް ލެއްވުމާއި، މަންމަ، ބައްޕަ، ކިޔުން ފަދަ ކަންކަން ހިމެނެއެވެ. އަޑުއެހުމާއި، ނަގައިގަތުން، އަދި މީހުންގެ ނަން އެގުން ފަދަ ހުރިހާ ކަމެއް ހިމެނެނީ ވާހަކަ ދެއްކުމުގެ ހުނަރުގެ ތެރެއިން އެނގިގެންދާ ކަންކަމުގެ ތެރޭގައެވެ. ހެދިބޮޑުވުމުގެ މިމަރުހަލާގައި މައިންބަފައިންނާއި، އޮންނަ ގުޅުމާއި، އިތުބާރު ދަރިންނާއި މައިންބަފައިންގެ މެދުގައި އުފެދިގެންދިއުން ހިމެނެނީ އިޖުތިމާޢީ އަދި އާތިފީ ގޮތުން ތުއްތު ދަރިފުޅު ހެދިބޮޑުވުމުގެ ތެރޭގައެވެ. ތުއްތު ދަރިފުޅު އުރާލުމާއި، ބައްދާލުމާއި، އަތުގައި ހިފުމާއި، ހިފައިގެންގުޅުމުގައި މައިންބަފައިން ގެންގުޅޭ އުސޫލްތަކާއި އާދަތަކަކީ އެކުއްޖެއްގެ މުސްތަގުބަލްގައި އެހެންމީހުންނާއި އެކު ބިނާވެގެންދާ އިޖުތިމާޢީ ގުޅުންތަކުގެ އަސާސަށް އޮންނާނީ ވެފައެވެ. 

ތަރުބިއްޔަތު ކުރުމުގައި ބެލިދާނެ ކަންތައްތައް
·         ދަރިފުޅާ ގިނަގިނައިން ވާހަކަ ދައްކާށެވެ. ތުއްތު ދަރިފުޅަށް މައިންބަފައިންގެ އަޑަކީ މަޑުމައިތިރި އެއްޗެއްގެ ގޮތުގައި ފާހަގަ ކުރެވޭނެ އެވެ.
·         ތުއްތު ދަރިފުޅު އަޑުތައް ލައްވައި ހެދުމުން، އެއަށް އިޖާބަ ދިނުމުގެ ގޮތުން އެއަޑު ތަކުރާރުކުރުމާއެކު، ޖަވާބު ދޭށެވެ. މިއީ ބަސް ދަސްކުރަން ދަރިފުޅަށް ފަސޭހަވާނެ ކަމެކެވެ.
·         ފޮތް ނޫނީ ވާހަކަ ކިޔައިދޭށެވެ. މިއީ ދަރިފުޅަށް އަޑުތައް ނަގައިގަތުމާއި، ވާހަކަ ދެއްކުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ލަވަކިޔައިދީ، މިއުޒިކް ކުޅެދޭށެވެ، މިއީ ދަރިފުޅުގެ ސިކުނޑި ހެދިބޮޑުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
·         ތުއްތު ދަރިފުޅަށް އަބަދުވެސް އޯގާތެރިވެ، ލޯތްބާއި ސަމާލުކަން ދޭށެވެ.
·         ތުއްތު ދަރިފުޅު އުރާހަދާށެވެ. ކައިރީގައި ގިނަ ވަގުތު ހޭދަކުރާށެވެ. މިއީ ތުއްތު ދަރިފުޅަށް އަލާޅުމާއި، ރައްކާތެރިކަން ލިބޭކަން އިހުސާސް ކޮށްދޭނެ ކަމެކެވެ.
·         ތުއްތު ދަރިފުޅު ހަމަޖެހިފައި އިންނަ ގަޑީގައި ތުއްތު ދަރިފުޅާއެކު ކުޅެހަދާށެވެ. ކުޅެމުންދާއިރު ތުއްތު ދަރިފުޅުގެ ފުށުން ވަރުބަލިކަމުގެ ނިޝާނެއް ފެނޭތޯ ބަލާށެވެ. އެފަދަ ނިޝާނެއް ފެނިއްޖެނަމަ އެކުޅިވަރަކުން ދުރުކުރެވިދާނެ އެވެ.
·         ތުއްތު ދަރިފުޅަށް ގެއްލުމެއްވެދާނެ ފަދަ އެއްޗެއްގައި އަތްލައި ހަދާނަމަ އެކަމެއް ހުއްޓުވާށެވެ. ގޭތެރޭގައި އެފަދަ އެއްޗެއް ހުރީ އަތްލެވޭ ފަދަ ގޮތަކަށްނަމަ، އެއެއްޗެއް އަތްނުލެވޭނެ ފަދަ ތަނަކަށް ބަދަލުކުރާށެވެ. ނުވަތަ އެއެއްޗެއްގައި އަތްނުލެވޭނެ ގޮތެއް ހަދާފައި ބަހައްޓާށެވެ.
ދަރިފުޅުގެ ރައްކާތެރިކަން
·         އެއްގޮތަކަށްވެސް ތުއްތު ދަރިފުޅު ހަލުވައި ތަޅުވައި ހަދައިގެން ނުވާނެ އެވެ. ތުއްތު ކުދިންގެ ކަރުގެ މަސްތަކަކީ މިއުމުރުގައި ބާރުދެރަ މަސްތަކަކަށް ވުމުން މިއުމުރުގައި ކަދުރާއަށް ލިބެންޖެހޭ ހިފެހެއްޓުންތެރިކަން އެންމެ ރަގަޅަކަށް ލިއްބައެއް ނުދޭނެ އެވެ. އެހެންކަމުން ތުއްތު ދަރިފުޅު ހަލުވައި ތަޅުވައި ހެދުމަކީ ސިކުނޑިއަށް ގެއްލުން ލިބި، ފުރާނައަށް ގެއްލުންވެދާނެ ކަމެކެވެ.
·         ތުއްތު ދަރިފުޅު ބަންޑުންއޮވެ ނިދިޔަ ދީގެންނުވާނެ އެވެ. އެހެނީ މިއީ ތުއްތު ދަރިފުޅު ކުއްލިއަކަށް މަރުވެދާނެ ކަމެކެވެ.
·         ތުއްތު ދަރިފުޅާއި، އާއިލާގެ އެހެން މެންބަރުން ދުންފަތުގެ ދުމުން ރައްކާތެރިކުރާށެވެ. ގޭގައި އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލު ކުރިޔަނުދޭށެވެ.
·         ކާތަކެތި ތުއްތު ދަރިފުޅަށް ދިރުވޭވަރަށް ޗަސްކޮށް ކުދިކޮށްފައި ދޭށެވެ. ދަރިފުޅަށް ދިރުވާލެވޭ ވަރުގެ ކުދިކުދި ކުޅޭތަކެތި އަތަށް ނުދޭށެވެ. އެހެނީ މިއިން ކޮންމެ ކަމަކީ ދަރިފުޅުގެ ކަރުގައި އެއްޗެއް ތާށިވެ، ނޭވާހާސްވުން ކުރިމަތިވެދާނެ ކަންކަމެވެ.
·         ތުއްތު ދަރިފުޅުގެ މޫނު ފޮރުވޭފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްގެން ކުޅުނަނުދޭށެވެ.
·         ތުއްތު ދަރިފުޅު އުރައިގެން އުޅޭއިރު އެއްވެސް ކަހަލަ ހޫނު އެއްޗެއް އުފުލައި ނަހަދާށެވެ.
·         ގަވާއިދުން ވެކްސިން ދެމުން ގެންދާށެވެ. ވެކްސިން އަކީ ތުއްތު ދަރިފުޅު ބަލިތަކުން ދިފާޢުކޮށްދޭ އައްޑަނަ އެކެވެ.
·         ތުއްތު ދަރިފުޅު ގޮވައިގެން ސައިކަލް ދުއްވަންވާނީ ދަރިފުޅު އުފުލުމަށް ޚާއްޞަ ކެރިއަރ އެއް ބޭނުންކޮށްގެންނެވެ. އަދި މިކެރިއަރ ހަށިގަނޑާއެކު ރަގަޅަށް ބެލްޓް އަޅުވާފައި ހުންނަންވާނެ އެވެ. ދަރިފުޅު ގޮވައިގެން ބާރު ދުވެއްޔެއްގައި ސައިކަލް ދުއްވުމަކީ ރައްކާތެރިކަމެއް ނޫނެވެ.
ދުޅަހެޔޮ ހަށިގަނޑު
·         ތުއްތު ދަރިފުޅުގެ އުމުރުން ފުރަތަމަ 6 މަހުގެ ތެރޭގައި ދަރިފުޅަށް ބޭނުންވާ ހުރިހާ ކާނާއެއް ގާތުންދޭ ކިރުގައި ހުންނާނެ އެވެ. 6 މަސްވުމުން އޮށްޓަރު ހުރި ކާތަކެތި ދޭން ފަށަންވާނެ އެވެ. ނަމަވެސް ގާތުންދިނުން ހުއްޓާނުލާ ކުރިޔަށް ގެންދަންޖެހޭނެ އެވެ.
·         ތުއްތު ދަރިފުޅަށް މަޑުމަޑުން ކެތްތެރިކަމާއެކު ކާންދެމުން ގެންދާށެވެ. އާ ރަހަތައް ބެލުމުގެ ފުރުޞަތު ފަހިކޮށްދޭށެވެ. ގަދަކަމުން ކާންނުދޭށެވެ.
·         ގާތުންދިނުމަކީ ތުއްތު ދަރިފުޅަށްދެވޭ އެންމެ ރަގަޅު ކާނާ އެވެ. ނަމަވެސް މިއީ ގޮށްޖެހުންތައް ދިމާވެދާނެ ކަމެއްކަން ހަދާންކުރަންޖެހޭނެ އެވެ.
·         ތުއްތު ދަރިފުޅު ހަރަކާތްތެރިވެ އުޅުނަ ދޭށެވެ. ބޮޑެތި ކުދިންހެން ދުވެ ނުހެދުނަސް، ފިރުކުމާއި، ތަންތަނުގައި ހިފައިގެން ހިނގުމާއި، ކޮޅަށްހުރުން ފަދަ ކަންތައްތައް ކުރުމަށް އެހީތެރިވެދޭށެވެ.
·         އުނދޯލި، ރެކްސާ، ގޮނޑި ފަދަ ތަކެތީގައި ގިނައިރު ދަރިފުޅު ނުބައިންދާށެވެ.
·         ގިނައިރު ޓީވީ، ކޮމްޕިއުޓަރު، ޓެބްލެޓް، އައިޕެޑް، ފޯން ފަދަ ތަކެއްޗަށް ބެލިޔަނުދޭށެވެ. 2 އަހަރުން ދަށުގެ ކުދިން އެއްވެސް ކަހަލަ ސްކްރީން މީޑިޔާއެއް ބަލައި ބޭނުންކޮށް ހެދުމަކީ ރަގަޅު ކަމެއް ނޫނެވެ.
މައުލޫމާތު :

No comments:

Post a Comment