Saturday, December 24, 2022

ކެލްސިއަމް

 ކެލްސިއަމް                

ކެލްސިއަމް އަކީ ހަށިގަނޑުގައި އެންމެ ގިނަ އަދަދަކަށް ހިމެނޭ މައުދަން އެވެ. ކެލްސިއަމް އަކީ ފަނޑު އަޅިކުލައިގެ މައުދަނެކެވެ. މިއީ ހަށިގަނޑަށް ބޭނުންވާ މަހާ މައުދަންތަކުގެ ތެރޭގައި ހިމެނޭ މާ މުހިއްމު 3 މައުދަނުގެ ތެރެއިން ހަށިގަނޑުގައި އެންމެ ގިނަ އަދަދަކަށް ހުންނަ މައުދަނެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ކެލްސިއަމް ކެވޭލެން މަދުވިޔަސް ނުވަތަ ގިނަވިޔަސް ލޭގައި ކެލްސިއަމް ހުންނަ މިންވަރު އަބަދުވެސް ހަށިގަނޑުން ކޮންޓްރޯލް ކުރެއެވެ. އެއީ ހަށިގަނޑު (އިންޖީނެއްހެން) ހިންގުމުގައި ލޭގައި ހުންނަ ކެލްސިއަމްގެ މުހިއްމުކަން ބޮޑުކަމުންނެވެ. ކެލްސިއަމް ކާނާގައި މަދުވެއްޖެނަމަ ކަށިގަނޑުގައި ހުންނަ  ކެލްސިއަމް ކަށިގަނޑުން ވަކިކޮށްލާ، ލޭގެ ތެރެއަށް ގިރުވާލާ މިންގަނޑު ހަމަކޮށްލައެވެ. ކެލްސިއަމް މަދުވުމުން ކަށިތައް ކަމީނާވާ ސަބަބަކީ މިއީ އެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).


ކެލްސިއަމް އަކީ ބައެއް ބަލިތަކަށް ފަރުވާއަކަށް ވެސް ދީއުޅޭ މައުދަނެކެވެ. އޭގެތެރޭގައި ބައެއް ނޭސަރު ނުވަތަ އެލާޖީގެ މައްސަލަތައް ހިމެނެއެވެ. ހަޖަމުނުބައިވެގެން މޭދަށުން ދިލަނަގާތީ ދޭ ގިނަ ބޭހުގައި ކެލްސިއަމް ކާބޮނޭޓް ހުރެއެވެ. އަދި ގުރުދާގެ ބަލިތައް ހުންނަ މީހުންގެ ފޮސްފޭޓް ލެވެލް ދަށްކުރަން ވެސް ކެލްސިއަމް ބޭހެއްގެ ގޮތުގައި ދެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ކެލްސިއަމް އަކީ ކަށިތަކާއި، ދަތްތަކުގައި ހިމެނޭ އަސާސީ ކަނިޒެކެވެ. މިއީ ލޭގަނޑުކުރުމާއި، މަސްތަކުގެ ހަރަކާތްތަކާއި، ނާރުތަކުގެ މަސައްކަތުގައި އަދި ހިތުގެ ވިންދުގެ ރާގު ތަންޒީމުކޮށް ފުރިހަމަކުރުމަށް ބޭނުންތެރި މައުދަނެކެވެ. މިމަސައްކަތްތައް އެކަށޭނަ ގޮތުގައި ހިންގުމަށްޓަކައި ލެޔާއި، ސެލޯށިތަކުގައި އެކަށޭނަ ވަރަކަށް ކެލްސިއަމް ހިފެހެއްޓުމަށް ހަށިގަނޑު މަސައްކަތް ކުރެއެވެ. ލޭގައި ކެލްސިއަމްގެ މިންވަރު މާބޮޑަށް ދަށްވެއްޖެނަމަ، ކަށިތަކުން ކެލްސިއަމް ލޭގެ ތެރެއަށް ދޫކުރުމަށް ޕެރަތައިރޮއިޑް ހޯރމޯން އިން ކަށިތަކަށް ސިގުނަލް ދޭނެއެވެ. މީގެ އިތުރުން ކުޑަގޮހޮރުން ހަށިގަނޑަށް ކެލްސިއަމް ނެގުން ރަނގަޅުކުރުމަށް ފަހަރުގައި މިހޯރމޯން އިން ވިޓަމިން ޑީ ހަރަކާތްތެރިކުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަމަމިގޮތަށް ޕެރަތައިރޮއިޑް ހޯރމޯން އިން ގުރުދާއަށް ސިގުނަލް ދޭނީ ކުޑަކަމުނަޖިހާއެކު ކެލްސިއަމް ބޭރުކުރުން މަދުކުރުމަށެވެ. ހަށިގަނޑުގައި ކެލްސިއަމް އެކަށޭނަ ވަރަކަށް ހުރެއްޖެނަމަ، ކެލްސިޓޯނިން ހޯރމޯން އިން މިބަޔާންކުރެވުނު މަސައްކަތްތަކުގެ އިދިކޮޅަށް މަސައްކަތް ކުރެއެވެ. އޭގެ މާނައަކީ ހަށިގަނޑުގައި އެކަށޭނަ ވަރަށް ކެލްސިއަމް ހުރެއްޖެނަމަ، ކެލްސިޓޯނިން ހޯރމޯން އިން ކަށިން ކެލްސިއަމް ލޭގެ ތެރެއަށް ދޫކުރުވުން ހުއްޓުވައި، ގުރުދާއިން ކެލްސިއަމް ކުޑަކަމުނަޖިހާއެކު ބޭރުކުރުން އިތުރުކުރުމަށް ސިގުނަލްދީ ބާރުއަޅައެވެ (ހާވަރޑް. އެޑިޔު، 2022).   

މަސްދަރު

ކެލްސިއަމް ލިބޭ ކާނާގެ ތެރޭގައި، ކިރު، ކިރުގެ ބާވަތްތައް، ކަށްޓާއެކު ކާންގެންގުޅޭ ނުވަތަ ހުންނަ ކުދިމަސް، މަދު، ބަދަން، ސަންފްލާވަރ އޮށް، ކޮލި ފްލާވަރު ނުވަތަ ކޯޅިމާ، ބުރޮކޯޅި، ސަންފުލާވަރު އޮށް، އަދި ފެހިކުލަގަދަ ފަތް ހިމެނެއެވެ. މިތަކެތީގެ ތެރެއިން ހަށިގަނޑަށް ކެލްސިއަމް އެންމެ ފަސޭހައިން ނެގެނީ ކިރާއި ކިރުގެ ބާވަތްތަކުންނެވެ. އަދި މެދުމިންވަރެއްގެ ކަސްރަތެއް އާދަކޮށް ކުރާނަމަ ކާނާއިން ކެލްސިއަމް ހަށިގަނޑަށް ނެގޭވަރު އިތުރުވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ދިވެހިރާއްޖެއިން ލިބޭ ބައެއް ކާބޯތަކެތީގައި ކެލްސިއަމް ހުންނަ މިންވަރު

100ގ ގައި

މިލިގްރާމް

100ގ ގައި

މިލިގްރާމް

ހިކިކިރު

1231

ދަނޑިއަލުވި

50

މައްސާގުފަތް

667

ކައްޓަލަ

46

މުރަނގަފަތް

440

އަލަ

35

ކޮޕީފަތް

145

ހަނޑޫ

33

ލުނބޯ

70

ގޮދަން ފުށް

7

ހާވަރޑް ޔުނިވަސިޓީގެ ވެބްސައިޓްގައި ބަޔާންކޮށްފައިވާގޮތުގައި ކެލްސިއަމް ލިބޭ ކާބޯތަކެތީގެ ތެރޭގައި ޗީޒް، ޔޯގަޓް، ކެލްސިއަމް ފޯޓިފައިޑް އޮރެންޖު ޖޫސް، ބަރަބޯ، ސޯޔާ ބީންސް، ދަޅުގައި ބަންދުކޮށްފައި ހުންނަ ސާރޑިން، ސެލްމަން، އާމަންޑް މަދު، ފެހިކަން ގަދަ ފަތްޕިލާވެލީގެ (ކޮޕީފަތް، ބޯވެލި، ލެޓިޔުސް ފަތް) ބާވަތްތައް އަދި ކިރާއި، ކިރުގެ އުފެއްދުންތައް ހިމެނެއެވެ (ހާވަރޑް. އެޑިޔު، 2022).

އިންސާނާގެ ހަށިގަނޑުގައި ކެލްސިއަމް

އާދައިގެ ފިރިހެނެއްގެ ހަށިގަނޑުގައި 1.5 ކިލޯގްރާމްގެ ކެލްސިއަމް ހުރެއެވެ. އަންހެނެއްގެ ހަށިގަނޑުގައި 1 ކިލޯގްރާމްގެ ކެލްސިއަމް ހުރެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ހަށިގަނޑުގައި ހުންނަ ކެލްސިއަމް ގެ 99 އިންސައްތަ ހުންނަނީ ކަށިތަކާއި ދަތްތަކުގައެވެ. އެހެންކަމުން ހަށިގަނޑުގެ އޮނިގަނޑު ހިފެހެއްޓުމުގައި ކެލްސިއަމްގެ ރޯލް ވަރަށް ބޮޑެވެ. އަނެއް %1 ހުންނަނީ ލޭ، މަސް އަދި އެހެން ސެލޯށި ތަކުގައެވެ. (ހާވަރޑް. އެޑިޔު، 2022).

ހަށިގަނޑުގައި ހުންނަ ކެލްސިއަމް ހަމަ ޖެހުނު ތަނެއްގައި ހަރުލާ ހުންނަ އެއްޗެއް ނޫނެވެ. ބައުވުމުން ކަށިތަކުން ބޭރުކޮށްލާ އައު ކެލްސިއަމް (އޭގެ ބަދަލުގައި) ހަރުކޮށްލައެވެ. މިގޮތުން ޅަފަތުގެ ފުރަތަމަ އަހަރުގައި %100 އެއަށްވުރެ ދޮށިވުމުން އަހަރަކު %10 ރޯލްކުރަމުން ގެންދެއެވެ. ހަށިގަނޑުގައި ކެލްސިއަމް ޖަމާވެ، އެންމެ ބޮޑުވާން ފަށަނީ އުމުރުން 25 އަހަރުވުމުންނެވެ. އަދި އުމުރުން 40 އަހަރާއި 50 އަހަރާއި ދެމެދުން ފެށިގެން ހަށިގަނޑުގައި ޖަމާކުރެވޭ ވަރަށްވުރެ ހަށިގަނޑުން ކެލްސިއަމް ބޭރުވާ ވަރު ގިނައެވެ. އުމުރުން ދުވަސްވުމުންނާއި، އަންހެނުން އިއްދައިން ކެނޑުމުން ކަށިމުގުރޭލެން ފަސޭހަވަނީ މިހެންވެގެންނެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).  

ކާނާގައި ހުންނަ ބައެއް އެހެން މާއްދާތައް ކެލްސިއަމް ގިރިބިން ވިޔަކަ ނުދެއެވެ. ނޫނީ ހަށިގަނޑަށް ބޭނުންހިފޭގޮތް ވިޔަކަ ނުދެއެވެ. އޭގެތެރޭގައި ބޮކިއަރާ ބުއިންތަކާއި، ކޮކޯ ނޫނީ ޗޮކްލެޓް ހުންނަ ކާތަކެއްޗާއި، ސޯޔާތޮޅި އޮށް ފަދަ ތަކެތި ހިމެނެއެވެ. މީގެ އަނެއްކޮޅަށް ބަލާއިރު ވިޓަމިން ޑީ އާއި، ޕްރޮޓީން ކާނާގައި ގިނަވި ވަރަކަށް އޭގައި ހުންނަ ކެލްސިއަމް ގިރިބިން ކޮށްދޭލެން އިތުރެވެ.

އެކަމަކު ކެލްސިއަމް، މެގްނީޒިއަމް، ކޮޕަރ، އަދި ދަގަނޑާއި، ޒިންކް ހަށިގަނޑަށް ބޭނުންކުރެވޭގޮތް (ގިރިބިންކުރުން) ހެދުމަށްޓަކައި ގޮހޮރުގެ ތެރޭގައި އެއްމާއްދާ އަނެއް މާއްދާއާއި ވާދަކުރެއެވެ. އެހެންކަމުން މީގެ ތެރެއިން އެއް ކެއުމެއްގައި މާގިނަވެއްޖެނަމަ ނޫނީ އެކައްޗެއް ހަށިގަނޑުގައި ގިނަވެއްޖެނަމަ އެހެން މާއްދާތައް ހަށިގަނޑަށް ލިބުން މަދުވެދެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

އިންސާނާގެ ހަށިގަނޑަށް ކެލްސިއަމް ލިބެނީ ދެގޮތަކަށެވެ. އެއްގޮތަކީ ކެލްސިއަމް އެކުލެވޭ ކާނާ ، ނޫނީ ސަޕްލިމެންޓް ނުވަތަ ބޭސް ބޭނުންކުރުމެވެ. އަނެއްގޮތަކީ ހަށިގަނޑުގައި (ކަށިތަކުގައި) ރައްކާކުރެވިފައި ހުންނަ ކެލްސިއަމް އެވެ. މީހަކު އެކަށޭނަ ވަރަށް ކެލްސިއަމް އެކުލެވޭ ކާނާ ބޭނުންނުކުރާނަމަ، ކަށީގައި ހުންނަ ކެލްސިއަމްތައް ހަށިގަނޑުގެ އެކި މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންކުރެއެވެ (ހާވަރޑް. އެޑިޔު، 2022).

ކެލްސިއަމްގެ ވަޒީފާ

ކެލްސިއަމް އަކީ ވަރުގަދަ ކަށްޓާއި، ފުރިހަމަ ދަތްޕިލައެއް އުފައްދާ ގިރިބިންމަތީ ދެމެހެއްޓުމަށް ނުވަތަ މަދަނަކޮށް (ދުޅަހެޔޮކޮށް) ދެމެހެއްޓުމަށް އެންމެ މުހިއްމު އެއް މާއްދާ އެވެ. ކެލްސިއަމް އަކީ މަސްތައް ދެމިކުރުވުށާއި، ހިތުގެ ހިނގުން ދެމެހެއްޓުމަށް އެހީވެދޭ އެއްޗެކެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައްޔާއި، ހަށިގަނޑުގެ ދިރުތައް އުފައްދައި ދެމެހެއްޓުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރެއެވެ. ހަޖަމުކުރުމުގެ ނިޒާމް ބެލެހެއްޓުމާއި، ދިފާޢީ ނިޒާމް ހަރުދަނާކުރުމާއި، ހަށިގަނޑަށް ބޭނުންވާ ތަފާތު އެންޒައިމް ނުވަތަ ޅިންތާ  ތަކާއި ހޯރމޯންތައް އުފެއްދުމުގައި ވެސް ކެލްސިއަމް އަކީ ވަރަށް ބޭނުންތެރި މާއްދާ އެކެވެ. އަދި ލޭއަންނަށް ފެށުމުން ލޭގަނޑުކޮށްދީ ހަދައެވެ. އެހެންކަމުން ހަށިގަނޑު ހެދިބޮޑުވެ، ފުރާ ފުރިހަމަވުމުގައި ކެލްސިއަމް ގެ ރޯލް ވަރަށް ބޮޑެވެ. ޚާއްޞަކޮށް މާގަމައިންނާއި ނުވަތަ މާބަނޑު މީހުންނާއި، ގާތުންކިރުދޭ މައިންނާއި، ހެދި ބޮޑުވަމުން އަންނަ ޅަފުރާގެ ކުދީން ކެލްސިއަމް އެކުލެވޭ ކާނާ ގިނަގިނައިން ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެއީ ޅައިރުއްސުރެ ފުދޭވަރަކަށް ކެލްސިއަމް ކާނަމަ، ކަށިގިރޭބަލި ޖެހުމުން ދުރުވާނެތީ އެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).  

ކެލްސިއަމް އަކީ ބައެއް ބަލިން ރައްކާތެރިކޮށްދީ، އަނެއްބައި ބަލިން ދިފާއުކޮށްދީ ހަދާ އެއްޗެކެވެ. އެފަދަ ބަލިތަކުގެ ތެރޭގައި ގޮހޮރުކޮޅުގެ ކެންސަރު، ލޭމައްޗަށްދިއުން، ކޮލެސްޓްރޯލް ގިނަވުން، މައިގްރޭން އޭ ކިޔޭ ބޮލުގެ ރިހުން އަދި ކަށިގިރޭ ބައްޔާއި، ރާއްޖެބަލި ހިމެނެއެވެ.

ކެލްސިއަމް އާއި ވިޓަމިން ޑީ އަކީ ދުޅަހެޔޮ ކަށި އުފެދުމަށް އެންމެ މުހިއްމު ދެމާއްދާ އެވެ. ދެން ކަށި އުފެދުމަށް ބޭނުންވަނީ ޕްރޮޓީން، ވިޓަމިން އޭ، ވިޓަމިން ކޭ، އަދި މެގްނީޒިއަމް އެވެ. މީގެ އިތުރުން ފައިޓޮއެސްޓްރަޖަންގެ ރޯލެއް ވެސް ދުޅަހެޔޮ ކަށި އުފެދުމުގައި އޮވެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރު

ކެލްސިއަމް ގެ ކެލަމިން (ދުވަހެއްގެ ކެއުމުގައި ކެއުމަށް ލަފާދޭ މިން) ބިނާވެފައިވަނީ އުމުރު ފުރާގެ މައްޗަށެވެ. އުމުރުން 13-9 އަހަރާއި ދެޖިންސުގެ ކުދިންނަށް ކެލްސިއަމްގެ ކެލަމިން އަކީ 1300 މިލިގްރާމް އެވެ. ބޮޑެތި މީހުންނަށް 1000 މިލިގްރާމް އެވެ. އަދި އިއްދައިން ކެނޑިފައިވާ އަންހެނުން ދުވަހަކު 1500 މިލިގްރާމްގެ ކެލްސިއަމް ކާންޖެހެއެވެ. ކެލްސިއަމް ކާނާގެ އިތުރަށް ނަގާނަމަ، ވިޓަމިން ޑީ އާއި އެކު ހުންނަ ކެލްސިއަމް ގުޅަ ކާން ހަދާންކުރަން ޖެހެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ހާވަރޑް ޔުނިވަސިޓީ އިން ހިންގާ ވެބްސައިޓްގައި ބަޔާންކުރައްވާފައިވާގޮތުގައި ދުވަހެއް ކެއުމުގައި ކެލްސިއަމް ހިމަނަންޖެހޭ މިންވަރު ނުވަތަ ކެލަމިން އެކި ޖިންސާއި އެކި އުމުރުފުރާއަށް ތަފާތެވެ. އެގޮތުން އުމުރުން 50-19 އަހަރާ ދެމެދުގެ އަންހެނުންނަށް ދުވާލަކަށް 1000މިލިގްރާމްގެ ކެލްސިއަމް ބޭނުންވެއެވެ. އަދި 50 އަހަރުން މަތީގެ އަންހެނުންނަށް 1200 މިލިގްރާމްގެ ކެލްސިއަމް ބޭނުން ވެއެވެ. ނަމަވެސް މާބަނޑު އަންހެނުންނާއި، ގާތުންދޭ އަންހެނުންނަށް ބޭނުންވާނީ ދުވާލަކަށް 1000 މިލިގްރާމް އެވެ. އުމުރުން 70-19 އަހަރާއި ދެމެދުގެ ފިރިހެނުންނަށް ދުވާލަކަށް 1000 މިލިގްރާމް ބޭނުންވާއިރު، އުމުރުން 70 އަހަރުން މަތީގެ ފިރިހެނުންނަށް ދުވާލަކަށް 1200 މިލިގްރާމްގެ ކެލްސިއަމް ބޭނުންވާނެ އެވެ (ހާވަރޑް. އެޑިޔު، 2022).

ކެލްސިއަމް ހަށިގަނޑުން ބޭރުވުން

ހަށިގަނޑަށް އެތެރެވާ ކެލްސިއަމްގެ ތެރެއިން ބޮޑުބައި ބޭރުވެގެންދަނީ ނަޖިހާއެކުގައެވެ. ކާބޯތަކެތިން ހަށިގަނޑަށް އެތެރެވާ ކެލްސިއަމްގެ ތެރެއިން ހަށިގަނޑަށް ބޭނުންކުރެވެނީ ހަމައެކަނި 40-10 އިންސައްތައާއި ދޭތެރޭގެ އަދަދަކަށެވެ. އަދި މިއަދަދު އަންހެނުން އިއްދައިން ކެނޑުމުން އެންމެ 7 އިންސައްތަ އަށް ދަށްވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).   

ކެލްސިއަމް މަދުވުން

ކެލްސިއަމް މަދުވުމުން ދިމާވާ ގޮތްތަކުގެ ތެރޭގައި ނާރުތަކާއި، ކަށީގެ މައްސަލަތަކާއި، ކަށި ގިރޭ ބަލީގެ އުދަނގޫތަކާއި، ގޮހޮރަށް ކެންސަރު ޖެހުން، ލޭމައްޗަށްދިއުން، އަދި މާބަނޑުވުމުން ދިމާވާ އުދަގޫތައް ބޮޑުވުން ހިމެނެއެވެ. މީގެ އިތުރުން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން ދެފަރާތަށް ކިރިކިރިހުރުމާއި، ކަންބޮޑުވުން އަދި އަވަސްއަރައިގަނެގެން އުޅުން މިއީ ވެސް ދިމާވެދާނެ ކަންކަމެވެ. ޖިސްމާނީ ގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ނިޔަފަތި މުރަނަވުން، ވަކިތަންތަންކޮޅު ހީލިކެރުވުން، އަދި އަކުނިވަޔަށްދެމުން ފަދަ ކަންތައްތައް ހިމެނެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ލޭގައި ކެލްސިއަމް މަދުވުން ދިމާވެދާނެ ހާލަތްތައް

·         ގުރުދާގެ ބަލިތައް

·         ގެސްޓްރިކް ބައިޕާސް ފަދަ ބަނޑުގެ ސާޖަރީއެއް ހެދުން

·         ޑަޔުރެޓިކްސް ފަދަ ހަށިގަނޑަށް ކެލްސިއަމް ނެގުމަށް ހުރަސްއެޅޭފަދަ ބޭހެއް ބޭނުންކުރުން

ފެނިދާނެ އަލާމާތައް

·         އަކުނިވަޔަށްދެމުން ، މަސްތަކުގެ ބާރުދޫވުން

·         އިގިލިތަކުގެ ކޮޅު ހީލިކެރުވުން ނޫނީ އައްސިވުން

·         ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން

·         ކާހިތްނުވުން

ބައެއް މީހުންނަށް މަޑުމަޑުން މަޑުމަޑުން ގޮސް ކެލްސިއަމް މަދުވުމަކީ ދިމާވެދާނެ ގޮތެކެވެ.މިގޮތަށް ދިމާވަނީ ގިނަ ދުވަސްތަކަކަށް ކެއުމުގެ ތެރެއިން އެކަށޭނަ ވަރަށް ކެލްސިއަމް ނުލިބުމާއި، ނޫނީ ކެލްސިއަމް ހަށިގަނޑަށް ނެގުމަށް ހުރަސްއެޅޭނެ ފަދަ ކަމެއް ހުރުމުގެ ސަބަބުންނެވެ. މިފަދަ ގޮތަކަށް ކެލްސިއަމް މަދުވުމުގެ ހިރާސް އޮންނަ ހާލަތްތަކުގެ ތެރޭގައި އިއްދައިން ކެނޑުން، ކިރަށް އެލާޖިކްވުން ، ނޫނީ ލެކްޓޯސް އަށް ތަހައްމަލުނުކުރެވުން އަދި މައްސަރުކަންތައް އެއްވެސް ގޮތަކަށް ނުޖެހިހުރުން ފަދަ ކަންތައްތައް ހިމެނެއެވެ. (ހާވަރޑް. އެޑިޔު، 2022).

ކެލްސިއަމް ގިނަވުން

ކެލްސިއަމް ގިނައިން ކެއުމުން ވިހަވާ މިންވަރެއް ނޯވެއެވެ. ހަށިގަނޑަށް ކެލްސިއަމް ތަހައްމަލުކުރެވޭ ގިނަމިނަކީ ނުވަތަ ރައްކާތެރި މަމިން އަކީ ދުވަހަކު 2500 މިލިގްރާމް ނުވަތަ 2.5 ގުރާމް އެވެ. މިއަށްވުރެ ގިނައިން ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. މާގިނައިން ކެލްސިއަމް ކެއުމުން ބަނޑުހިކުން، އަދި ފިރިހެނުންގެ ކުޑަކަމުދާ ނިޒާމުގައި ހިލައުފެދޭގޮތް ދިމާވެއެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014). ހާވަރޑް ޔުނިވަސިޓީ ވެބްސައިޓްގައި ބަޔާންކޮށްފައިވާ ގޮތުގައި ދުވާލަކު 2000 މިލިގްރާމަށްވުރެ ގިނައިން ކެލްސިއަމް ގުޅަބޭހުގެ ގޮތުގައި ކާނަމަ، ގުރުދާގައި ހިލައުފެދުން، ޕްރޮސްޓޭޓް ކެންސަރު އަދި ބަނޑުހިކުން ފަދަ ކަންތައްތައް ކުރިމަތިވުމުގެ ހިރާސް އިތުރުވެއެވެ (ހާވަރޑް އެޑިޔު، 2022). ބައެއް ފަހަރު ގިނަ ދުވަސްތަކަކަށް ކެލްސިއަމް ބޭނުންކުރުމުން ލޭހޮޅިތަކުގެ އެތެރޭގައި ކެލްސިއަމް ޖަމާވެ، ހިތުގެ މައްސަލަތަކަށް މަގުފަހިކުރުވައެވެ. ކެލްސިއަމް އަކީ ދަގަނޑު އަދި ޒިންކު ފަދަ ކަނީޒުތައް ހަށިގަނޑަށް ނެގުމަށް ހުރަސްއަޅާ މައުދަނެކެވެ (ހާވަރޑް އެޑިޔު، 2022).

ކެލްސިއަމް ގިނަވުމަކީ ވަރަށް މަދުންނޫނީ ދިމާވާ ކަމެއް ނޫނެވެ. މިހެން ވެއްޖެނަމަ ބޮލުގައި ރިހުން އަދި ހޮނޑުލުން މެދުވެރިވާގޮތް ބައެއް ފަހަރު ވެއެވެ. އަދި އެއްދިމާއަކަށް ހިނގަން އުދަނގޫވުމާއި، ބައެއް ފަހަރު ވާހަކަ ދައްކަން ދަތިވެދާނެ އެވެ. ލޭގައި ކެލްސިއަމް ގިނަވުމަކީ ބައްޔެކެވެ (ސާލިހު އަދި ވަހީދު، 2003، ސާލިހު އަދި ވަހީދު، 2014).

ފެނިދާނެ އަލާމާތައް

·         ވަރުބަލިވެ ވާޅުވުން

·         މޭނުބައިކޮށް ހޮޑުލެވުން

·         ހިތުގެ ވިންދުގެ ތަރުތީބު ގެއްލުން

·         ނޭވާލާން ދަތިވުން

·         މޭގައި ރިހުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ. މިލިޔުމުގެ މައިގަނޑު ބިނާވަނީ 2003 ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތު އިން ނެރެފައިވާ "ކާނާގެ ފައިދާ" އަދި 2014 ވަނަ އަހަރު ނެރެފައިވާ "މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟" މިދެފޮތަށެވެ. އެދެފޮތުން ނެގުނު މައުލޫމާތަށް އިންޓަނެޓް އިން ހޯދައި އިތުރުކޮށްފައިވާ މައުލޫމާތުތައް ލިޔުމުގައި ހިމެނޭނެ އެވެ.

ހަވާލާ

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. ކާނާގެ ފައިދާ. 2003. މިނިސްޓްރީ އޮފް ހެލްތު

·         އަހުމަދު ޞާލިހް، ޑރ ޢަބުދުﷲ ވަހީދު. މުއްތިކުރުން ކާންވީ: ކޮންއެއްޗެއް؟ ކިހާވަރަކަށް؟ ކީއްވެ؟. 2014. މިނިސްޓްރީ އޮފް ހެލްތު

·         https://www.nutrition.org.uk/nutritionscience/nutrients-food-and-ingredients/minerals-and-trace-elements.html?limit=1&start=3

·         https://www.hsph.harvard.edu/nutritionsource/calcium/

 

No comments:

Post a Comment