Wednesday, November 18, 2015

މާބަނޑުދުވަސްވަރު ވަރުބަލިވުން



މާބަނޑު ދުވަސްވަރު - ވަރުބަލިވުން
މިއީ އެންމެ އާންމުކޮށް ދިމާވާ އެއް މައްސަލައެވެ. ބައެއް އަންހެނުންނަށް މާބަނޑުވާ ހިސާބުން ފެށިގެން ގޮސް، ވިހަންދެން ވެސް ވަރުބަލިކަން އިހުސާސްވުމަކީ ވެދާނެގޮތެކެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް ފުރަތަމަ ތިންމަހާއި، ފަހުތިންމަހުގައި ވަރުބަލިކަން މާބޮޑަށް އިހްސާސްވެއެވެ. އެކި މީހުންނަށް ވަރުބަލިކަން އިހުސާސްވާވަރު ތަފާތުވުމަކީ ވެދާނެ ގޮތެކެވެ. ފުރަތަމަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ހުރުމަށްފަހު، ދެވަނަ 3 މަހުގެ ތެރޭގައި ވަރުބަލިކަން ކުޑަވެ، ފިލައިދާގޮތްވެއެވެ. ނަމަވެސް އަނެއްކާވެސް ފަހު 3 މަހުގެ ތެރޭގައި ވަރުބަލިކަން އިތުރުވާގޮތް ވެއެވެ.
ސަބަބު
ފުރަތަމަ 3 މަހުގައި ވަރުބަލިވުން
މާބަނޑުވުމަށްފަހު، ފުރަތަމަ 3 މަހުގައި ވަރުބަލިކަން އިހުސާސްވަނީ ހަގީގަތުގައި ކީއްވެގެންކަން އެންމެ ރަގަޅަށް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބޮޑަށް ބުރަވެވެނީ ވަރުބަލިކަން އިހުސާސްވަނީ ބަލިވެއިނުމާއި ވިދިގެން، ހަށިގަނޑުގައި ހުންނަ ހޯރމޯން މިންވަރަށް ބަދަލުއައުމާއި ގުޅިގެންނެވެ. ޚާއްޞަކޮސް ޕްރޯޖެސްޓަރޯން ހޯރމޯންގެ މިންވަރު މަތިވުމުންނެވެ. މާބަނޑުވުމުން ބަނޑުގައިވާ ދަރިފުޅަށް ކާނާއާއި އޮކްސިޖަން ފޯރުކޮށްދިނުމަށްޓަކައި، ހަށިގަނޑުން ލޭއުފެއްދުން އިތުރުކުރާނެ އެވެ. ލޭގައި ހަކުރުގެ މިންވަރު، އަދި ލޭގެ ޕްރެޝަރު އާންމުކޮށް ހުންނަވަރަށްވުރެ، ދަށަށްދާގޮތް ވެއެވެ. މާބަނޑުވުމުން ހަށިގަނޑަށް އަންނަ ޖިސްމާނީ، އާތިފީ ބަދަލުތަކުގެ ސަބަބުން، ހަށިގަނޑުގެ ހަކަތަ ދަށްވެ، ވަރުބަލިވާގޮތް ވެއެވެ. 

ފަހު 3 މަހުގައި ވަރުބަލިވުން
މާބަނޑުވުމަށްފަހު، ފަހު 3 މަހުގައި ވަރުބަލިކަން އިހުސާސްވަނީ ބަނޑުގައި ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް ބަރުދަން އިތުރުވެ، ނިދަން އުދަނގޫވުމާއި، ގިނަގިނައިން ކުޑަކަމުދާންޖެހުން ފަދަ އުދަނގޫތައް ކުރިމަތިވާތީ އެވެ. 

މާބަނޑު ދުވަސްވަރު ވަރުބަލިވުމަށް މެދުވެރިވާ އެހެން ސަބަބުތައް
އުފެދެމުން އަންނަ ދަރިފުޅަށް މައިމީހާގެ ހަށިގަނޑު ތައްޔާރުވަމުން އަންނައިރު އިތުރު ހަކަތަ މައިމީހާގެ ހަށިގަނޑަށް ބޭނުންވުމަކީ ވެސް ވަރުބަލިކަން އިހުސާސްވެދާނެ ކަމެކެވެ. މާބަނޑުދުވަސްވަރު ކުރިމަތިވާ މޭނުބައިކުރުމާއި، ހޮނޑުލުން ފަދަ ކަންކަމަކީ ވެސް ވަރުބަލިވުމަށް މަގުފަހިކުރާ ކަންތައްތަކެވެ. މާބަނޑުވުމުން ކުރިމަތިވާ މާޔޫސްވުމާއި، މޮޅިވެރިކަން ފަދަ އިހުސާސްތަކުގެ ސަބަބުން ވެސް ބައެއް މީހުންނަށް ވަރުބަލިކަން ކުރިމަތިވެދާނެ އެވެ. 

ލޭމަދުވުމަކީ ވެސް ވަރުބަލިކަން މެދުވެރިވުމަށް އެހީވެދޭ ކަމެކެވެ. އެހެންކަމުން ފުރަތަމަ ތިންމަހާއި،ފަހުތިންމަހުގެ ތެރޭގައި ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެފައިވޭތޯ ބެލިދާނެއެވެ. އަދި މިގޮތަށް ލޭމަދުވުމުގެ މައްސަލަ ކުރިމަތިވެއްޖެނަމަ ދަނގަޑު ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.

ވަރުބަލިކަން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް
(ހ) - އަރާމުކުރުން : ވަރުބަލިވާނަމަ، ގިނައިން އަރާމުކުރުން މުހިއްމެވެ. އެގޮތުން އަވަހަށް ނިދުމާއި، ނިދިފުރިހަމަކުރުމާއި، މެންދުރު ފަހު ބައިގަޑިއެއް ހާއިރު ނިދާލުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. ނިދުމުގެ ދެތިން ގަޑިއިރު ކުރިން މާގިނައިން ދިޔާތަކެތި ބޭނުންކުރުން ހުއްޓާލުން ފަދަ ކަންކަމަކީ ރޭގަނޑުގެ ވަގުތުތަކުގައި ކުޑަކަމުދިއުމަށް ހޭލަންޖެހުން މަދުކޮށްދޭނެ ކަމެކެވެ. މާނައަކީ ފުރިހަމައަށް ނިދުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

(ށ) ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުން : ފައިދާހުރި ކާނާ ބޭނުންކުރުމަކީ ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދީ، ގައިގައި ވަރުޖައްސައިދީ، ވަރުބަލިކަން ކުޑަކޮށްދޭނެ ކަމެކެވެ. ދުވާލަކަށް ގާތްގަނޑަކަށް 300 ކިލޯ ކެލޮރީ އިތުރަށް ބޭނުންވާނެއެވެ. ދަގަނޑުގެ ބައި، ޕްރޮޓީން، އަދި ހަކަތަ ގިނައިން ލިއްބައިދޭ ކާނާގެ ބާވަތްތައް ކެއުން މުހިއްމެވެ. އެގޮތުން ތަރުކާރީ އާއި، މޭވާގެ ބާވަތްތަކާއި، އެއްގަމުމަހާއި، ކަނޑުމަހާއި، ކުކުޅު ބިހާއި، ގޮދަނުގެ ބާވަތްތައް ކެއުމުގައި ހިމެނިދާނެ އެވެ. ކުޅިތެޔޮ، ހަވާދުލީ، އަދި ޖަންކު ފުޑްގެ ބާވަތްތައް މާގިނައިން ކެއުމަކީ ރަގަޅު ކަމެއް ނޫނެވެ.  ކެއުމުގައި ބޮޑަށް އެދެވިގެންވަނީ އެއްފަހަރާ ބައިވަރު ކެއުމުގެ ބަދަލުގައި، ކުދިއެތިކޮޅުން އިރުއިރުކޮޅާ ކަމުން ގެންދިއުމެވެ.  

(ނ) - އެކަށޭނަ ވަރަށް ދިޔާތަކެތި ބުއިން : ގިނައިން ދިޔާތަކެތި ބުއިމަކީ ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް ގިނައިން ފެންބުއިމަކީ ރަގަޅު ކަމެކެވެ. ކޮފީ، ކޯލާ ފަދަ ކެފެއިން ހުންނަ ބުއިންތަކާ ދުރުހެލިވުން ރަގަޅެވެ. ހަވީރާއި، އިރާކޮޅުގެ ވަގުތުތަކުގައި (ނިދުމުގެ ކުރިން) މާގިނައިން ފެންބުއިން ރަގަޅެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ނިދުމަށްފަހު، ކުޑަކަމުދިއުމަށް އިރުއިރުކޮޅާ ހޭލާންޖެހިދާނެތީ އެވެ. 

(ރ) - ނިދި ފުރިހަމަކުރުން : ރޭގަނޑުގެ ނިދި ބަރާބަރަށް ލިބުނަސް ދުވާލުމުން ވަރުބަލިކަން އިހްސާސްވުމަކީ އެކަށީގެންވާ ކަމެކެވެ. ރަގަޅަށް ނިދާލާ އަރާމުކޮށްލުމުން ހިތްހަމަޖެހުމާއި ބާރު ހަށިގަނޑަށް ގެނުވައިދެއެވެ. ރޭގަނޑުމަދުވެގެން 8ގަޑި އިރުގެ ނިދި ހަމަކުރުމާއި، ދުވާލުވެސް ½ ގަޑިއެއްހާއިރު ނިދާލުމަކީ ރަގަޅުކަމެކެވެ. ނިދާއިރު ނުވަތަ އޮށޯވެއޮންނައިރު ވާތްފަރާތަށް ބުރަވެ އޮތުމަކީ ރަގަޅުކަމެކެވެ. އެއީ މިކަމުގެ ސަބަބުން އުފެދެމުން އަންނަ ދަރިފުޅަށް ބޭނުންވާ ކާނާއާއި، އޮކްސިޖަން ފޯރުކޮށްދޭ ލޭހޮޅިތަކުގެ ޕްރެޝަރ ދަށްކޮށްދޭތީއެވެ. ހަމަމިހެން ބަލިވެއިނުމަށްފަހު ލޭގެ ޕްރެޝަރ މަތިނަމަ މިގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެކެވެ.

(ބ) ކަސްރަތުކުރުން : އާދައިގެ ފަސޭހައިން ކޮށްލެވޭ ކަހަލަ ކަސްރަތުތައް ކޮށްލެވިދާނެ އެވެ. ވަރުބަލިވެފައި ހުރި ނަމަވެސް ކެތްތެރިކަމާއެކު ދުވާލަކު ½ ހާއިރު، ހިނގާލުން ފަދަ ކަމެއް ކޮށްލެވިދާނެ އެވެ. ހުރަހެއްނެތް ކަމުގައިވާނަމަ، ޑޮކްޓަރުގެ ލަފާގެ ދަށުން މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ ފައިދާހުރި ކަމެކެވެ.
މައުލޫމާތު :

No comments:

Post a Comment