Sunday, February 12, 2012

ދޫނި ރޯގާ



ދޫނި ރޯގާ
ތަޢާރަފް
ދޫނި ރޯގާ(Avian Influenza)  އަކީ ދޫނި ތަކާއި އިންސާނުންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ. ދޫނި ރޯގާ ކިޔެނީ މިވައިރަސްގެ ސަބަބުން ޖެހޭ ރޯގާ ވަލު ދޫނި ތަކާއި، ހިޖުރަކުރާ ދޫނިތަކުގެ މެދުގައި އާންމުކަމުންނެވެ. މިބަލީގެ ޖަރާސީމު ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގަޔާއި، ލޭގައި ހުރެއެވެ. ފުރަތަމަ ފުރަތަމަ ފަހަރަށް އިންސާނުންނަށް ޖެހޭކަން ފާހަގަވެފައިވަނީ 1997 ވަނަ އަހަރު ހޮންކޮންގ އިންނެވެ. މިހާތަނަށް މިބަލި ޖެހުނު މީހުންގެ ނިސްބަތަށް ބަލާއިރު ބަލީގައި މަރުވި ނިސްބަތް އިތުރެވެ. އަދި މިއީ މުސްތަގުބަލްގައި ވަބާއެއްގެ ސިފައިގައި ހަލުކަމާއެކު ފެތުރިގެން ދިއުމުގެ ނުރައްކާތެރިކަން އޮތް ބައްޔެއް ވެސް މެއެވެ. އާދައިގެ އަރިދަފުސް ރޯގާއެއްގެ ސިފައިގައި ބަލީގެ އުދަނގޫތައް ފެނުމަށްފަހު، ބަލީގެ ފަހުކޮޅުގައި ނުރައްކާތެރި ނިއުމޯނިޔާ އަށް ބަދަލުވެ، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ. އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކާގެ ގަޔަށް ދޫނި ރޯގާ ފެތުރޭކަން އަދި އެނގިފައެއް ނުވެއެވެ.

ދޫނި ރޯގާގެ ތާރީޚް
1997 ހޮންކޮންގ: އޭވިއަން އިންފުލުއެންޒާ އޭ (H5N1 ) ވައިރަސް ކުކުޅާއި، އިންސާނުންނަށް އިންފެކްޓްވެފައިވަނިކޮށް ފެނުނެވެ. މިއީ ދޫނިތަކުން އޭވިއަން އިންފުލުއެންޒާ ވައިރަސް އިންސާނުންގެ ހަށިގަޑަށް ވާސިލްވާކަމަށް ފާހަގަވި ފުރަތަމަ ފަހަރެވެ. އެފަހަރު މިވައިރަސްގެ ސަބަބުން 18މީހުން އެޑްމިޓްކޮށް 6 މީހުން މަރުވިއެވެ. އެފަހަރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކުން 1.5 މިލިއަންގެ ކުކުޅު ނައްތާލިއެވެ.

1999 ހޮންކޮންގ:އޭވިއަން އިންފުލުއެންޒާ އޭ H9N2 ވައިރަސް ކުޑަދެކުދިންގައިން ފެނުނެވެ. ނަމަވެސް މިދެކުދިން މާބޮޑުވަރު ނުވެ ވަނީ ރަގަޅުވެފައެވެ. އެފަހަރު މިދެކުދިން ފިޔަވައި އިތުރު ހާލަތެއް ފާހަގައެއް ނުކުރެވެއެވެ.އެފަހަރު ފެނުނު ހެކިތަކުން އެގުނުގޮތުގައި އިންފެކްޝަންގެ މަސްދަރަކީ ކުކުޅު ފަދަ އޮޅު ޖަނަވާރުތަކެވެ. އަދި އިންސާނުންނަށް ބަލި ވާސިލްވަނީ ދޫނިތަކުގެ ޒަރީއާ އިންނެވެ.

2003: ޗައިނާއަށް ހޮންކޮންގ އިން އައި އާއިލާއެއްގެ ދެމެމްބަރުންގެ ގައިން އިންފުލުއެންޒާ އޭ (H5N1) ވައިރަސްގެ އިންފެކްޝަން ފެނުނެވެ. އޭގެތެރެއިން އެކަކު ރަގަޅުވެ އަނެކަކު ވަނީ މަރުވެފައެވެ. އެފަހަރު މިދެމީހުންނަށް ބަލިޖެހުނީ ކިހިނެއްކޮންތާކުން ކަމެއް ބެލިފައެއް ނުވެއެވެ. ހަމަ އެފަހަރު އެއާއިލާގެ އެހެން މެމްބަރަކު ނޭވާލާނިޒާމުގެ ބައްޔެއްގައި މަރުވެދިޔައެވެ. ނަމަވެސް ޓެސްޓެއް ހެދިބެލިފައި ނެތުމުން މަރުވި ސަބަބު އެގިފައެއް ނުވެއެވެ.

2003: ނެދަރލޭންޑްސްގައި ކުކުޅުތަކަށް އޭވިއެން އިންފުލުއެންޒާ ފެތުރިގެން އުޅުނު ދުވަސްވަރު ކުކުޅު ގެންގުޅެބޮޑުކުރާ ތަނެއްގައި މަސައްކަތް ކުރާ މީހުންތަކެއްގެ ހަށިގަނޑުން އިންފުލުއެންޒާ އޭ (H7N7) އިންފެކްޝަންގެ އަސަރު ވަނީ ފެނިފައެވެ. އެފަހަރުގެ ހާދިސާގައި 80 މީހުންނަށް މިއިންފެކްޝަން ޖެހި އެކަކު ވަނީ މަރުވެފައެވެ. ގިނަބަޔަކަށް އެފަހަރުގެ އިންފެކްޝަންގެ އަސަރުކޮށްފައިވަނީ ލޮލަށާއި، ނޭވާލާ ނިޒާމަށެވެ. މިހާދިސާއަށް ފަހު މިއިންފެކްޝަން އިންސާނުންގެ ގައިންގަޔަށް ފެތުރޭ ކަމަށް ވެސް ބެލެވިފައި ވެއެވެ. އަދި ހަމަ 2003ގައި ހޮންކޮންގެ ކުޑަކުއްޖެއްގެ ހަށިގަނޑުންވެސް ވަނީ މިއިންފެކްޝަންގެ އަސަރު ފެނިފައެވެ. ނަމަވެސް ހޮސްޕިޓަލުގައި ބޭއްވުމަށްފަހު އެކުއްޖާ ވަނީ މުޅިން ރަގަޅުވެފައެވެ.
2004 :ތައިލޭންޑާއި ވިއެޓްނާމުގައި، މިބަލި ޖެހިގެން މިހާތަނަށް، 12 މީހުން މަރުވެފައިވާކަމަށް އިޢްލާނު ކުރެވިފައިވެއެވެ. އަދި ސަރަޙައްދުގެ އެހެން ޤައުމުތަކަށް ބަލިދަނީ ފެތުރެމުންނެވެ.



އަހަރު
ބަލިޖެހުނު
މަރުވި
2003
4
4
2004
46
32
2005
98
43
2006
115
79
2007
88
59
2008
44
33
2009
73
32
2010
48
24
2011
62
34
2012
6
5
ޖުމުލަ
584
345

ސަބަބު
ދޫނި ރޯގަ ޖެހެނީ އިންފުލުއެންޒާ އޭ ވައިރަސް (Influenza A Virus) ގެ ސަބަބުންނެވެ. އިންފުލުއެންޒާ އޭ ވައިރަސް ގެ ތަފާތު ވައްތަރު(Strain) ތައް ހުރެއެވެ. މިވައްތަރުތައް ކަނޑައަޅަނީ ވައިރަހުގެ ބޭރު ސަތަހައިގައި ހުންނަ ދެއެންޓިޖެން ނުވަތަ ދެ ޕްރޮޓީން އިންނެވެ. މިގޮތުން ހިމެނޭ ދެ އެންޓިޖެން އަކީ ''ހީމްއެގުލޫޓިނިން''(HA=Haemagglutinin) އަދި ''ނިއުރަމިނިޑޭސް''(NA=Neuraminidase) އެވެ. މިގޮތުން މިވައިރަސްގެ އެޗްފައިވްއެންވަން ސްޓްރެއިން H5N1 އަކީ ދޫނި ރޯގާ ޖައްސާ ވައިރަސް އެވެ. އަދި އޫރު ރޯގާ ޖައްސާ ސްޓްރެއިން އަކީ ''H1N1އެވެ.
އިންފުލުއެންޒާ އޭ ވައިރަސްގެ ސަތަހައިގައި ހިމެނޭ މިދެންނެވި ދެ ޕްރޮޓީން އަށް ބަލާއިރު ތަފާތު 16 ވައްތަރެއްގެ ހީމްއެގުލޫޓިނިން ހުންނަ ކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި 9 ވައްތަރެއްގެ ނިއުރަމިނިޑޭސް ހުންނަކަން ފާހަގަ ކުރެވިފައެވެ. އެހެން ކަމުން ސްޓްރެއިން އަށް ނަންދެވިފައިވަނީ މި ހީމްއެގުލޫޓިނިން އަދި ނިއުރަމިނިޑޭސްގެ ނަންބަރާއި ގުޅުވައިގެންނެވެ.
އިންފުލުއެންޒާ އޭ ވައިރަސްތައް ބަހާލެވިފައިވާ އެއްގޮތަކީ ބަލި ޖައްސާ މަޚުލޫޤަށް ރިޢާޔަތްކޮށް ބަހާލާފައިވާ ބަހާލުމެވެ. އެގޮތުން ހިމެނޭ ބައެއް ވައްތަރުތަކަށް ބަލާއިރު އޫރަށް ނިސްބަތްކޮށް، އޫރު ރޯގާ، ދޫންޏަށް ނިސްބަތް ދޫނި ރޯގާ ، އަދި މީގެ އިތުރުން އިންސާނުންނަށް ޖެހޭ މޫސުމީ އަރިދަފުސް ރޯގާ ހިމެނެއެވެ. އިންފުލުއެންޒާ ވައިރަސް އޭގެ ސްޓްރެއިން އަށް ނިސްބަތްކޮށް ބަހާލެވިފައިވަނީ H1N1 / H5N1 / H3N2 / H2N2 މިގޮތަށެވެ.

އިންފްލުއެންޒާ އޭ ވައްތަރުގެ ވައިރަހަކީ ވަރަށް ގިނަ ވައްތަރުގެ ޖަނަވާރުތަކަށް ބަލިޖައްސުވާ ވައިރަހެކެވެ. އޭގެ ތެރޭގައި ދޫނި، އަސް، ކަނޑުގެރި، ބޮޑުމަސް، ފަދަ ދިރޭތަކެތި ހިމެނެއެވެ. ދޫނިތަކަށް ޖެހޭ މިވައްތަރުގެ ވައިރަސް އަށް ބައެއްފަހަރު ''އޭވިއަން އިންފުލުއެންޒާ ވައިރަސް ''(Avian Influenza virus) އެވެ. މިވައިރަސްގެ މިހާތަނަށް ހާމަވެފައިވާ ހުރިހާވައްތަރެއް ދޫނީގައި ހުރެއެވެ.އެހެން ކަމުން ދޫނި ކަނޑައެޅިފައިވަނީ އިންފުލުއެންޒާ އޭ ވައިރަސްތަކުގެ ތަބީއީ މެހުމާނު ކަމުގައެވެ.

އިންފުލުއެންޒާ ވައިރަސް އޭ ގެ ތަފާތު ސްޓްރެއިން ތަކުން ޖެހިފައިވާ ދޫނިރޯގާގެ ބާވަތްތައް
އަހަރު
ގައުމު
ދޫނި
ސްޓްރެއިން
އަހަރު
ގައުމު
ދޫނި
ސްޓްރެއިން
1959
ސްކޮޓްލޭންޑް
ކުކުޅު
H5N1
1994
އޮސްޓްރޭލިޔާ
ކުކުޅު
H7N3
1963
އިންގްލޭންޑް
ޓާރކީ
H7N3
1994
މެކްސިކޯ
ކުކުޅު
H5N2
1966
ކެނެޑާ
ޓާރކީ
H5N9
1994
ޕާކިސްތާން
ކުކުޅު
H7N3
1976
އޮސްޓްރޭލިޔާ
ކުކުޅު
H7N7
1997
އޮސްޓްރޭލިޔާ
ކުކުޅު
H7N4
1979
ޖާރމަނީ
ކުކުޅު
H7N7
1997
ޗައިނާ
ކުކުޅު
H7N3
1979
އިންގްލޭންޑް
ޓާރކީ
H7N3
1997
އިޓަލީ
ކުކުޅު
H5N2
1983
އެމެރިކާ
ކުކުޅު/ޓާރކީ 
H5N2
1999
އިޓަލީ
ޓާރކީ
H7N1
1983
އަޔަލޭންޑް
ޓާރކީ
H5N8
2002
ޗައިނާ
ކުކުޅު
H5N1
1985
އޮސްޓްރޭލިޔާ
ކުކުޅު
H5N7
2002
ޗިލީ
ކުކުޅު
H7N3
1991
އިންގްލޭންޑް
ޓާރކީ
H5N1
2003
ނެދަލޭންޑް
ކުކުޅު
H7N1
1992
އޮސްޓްރޭލިޔާ
ކުކުޅު
H7N3






ބަލިފެތުރުން ނުވަތަ ބަލިޖެހޭގޮތް
އިންސާނުންނަށް މިބަލި ޖެހެނީ މިތަކެއްޗާއި ގައިގޯޅިވެ އުޅުމުގެ ސަބަބުން ނޭގުމުގެ ތެރޭގައެވެ. ބޮޑެތި މީހުންނަށް މިބަލި ޖެހެނީ މިތަކެތި ކަތިލުމަށް ނުވަތަ މިތަކެތީގެ ފަތްނޮޅުމަށް އުޅޭ އުޅުމުގެ ތެރޭގައެވެ. ނުވަތަ ކަތިލާފައިވާ ބަލިޖެހިފައިވާ ދޫނިންނެވެ. އަދި ކުޑަކުދިންނަށް މިބަލިޖެހެނީ ބަލިޖެހިފައި ހުންނަ ދިރޭ ކުކުޅާއި، މަރުވާ ކުކުޅާއެކު ކުޅެއުޅުމުގެ ތެރޭގައެވެ.

ދޫނި ރޯގާ ޖެހެނީ ބަލީގެ ވައިރަސް އާއި ތަޣައްޔަރު ވެފައިވާ މާޙައުލަކަށް ހުށަހެޅުމުންނެވެ. މިސާލަކަށް ބަލިޖެހިފައިވާ ދޫނިތަކާއި ގައިގޯޅިވުމަކީ ދޫނި ރޯގާ ޖެހިދާނެ ކަމެކެވެ. އަދި އެފަދަ ދޫނިތައް ގެންގުޅެ ބަލަހައްޓާ މީހުންނަށް ދޫނި ރޯގާ ޖެހުމުގެ ފުރުޞަތު ބޮޑެވެ. އިންސާނުންގެ އެކަކު ގައިން އަނެކަކުގެ ގަޔަށް އަދި ބަލިފެތުރޭކަން ފާހަގަވެފައެއް ނެތެވެ. (ނޯޓް: މަދު ހާލަތެއްގައި މާބޮޑަށް (މިސާލަކަށް ތުންފަތުން ބޮސްދިނުން) ގައިގޯޅިވެ އުޅުމުގެ ސަބަބުން ފަހަރުގައި އެކަކު ގައިން އަނެކާގަޔަށް އަރައިފާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ ޔަގީންކަމެއް ނޫނެވެ. )

އަލާމާތްތައް އަދި ނުރައްކާތައް
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސާމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ދޫނި ރޯގާ ޖައްސާ ވައިރަސް ފުރަތަމަ ފަހަރަށް މީހާގެ ހަށިގަނޑަށް ވަނުމަށް ފަހު އޭގެ އަލާމާތްތައް ފެނުމަށް 8-2 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގައެވެ. މިމުއްދަތު ދިގުވެގެން ގޮސް 17 ދުވަހަށް ދެމިދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.

އަލާމާތްތައް : ދޫނި ރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ހުންއައުން، އިންފުލުއެންޒާ ޖެހުމުން ފެންނަކަހަލަ އުދަގޫތަކެއް އިހްސާސްވުން (ހުންއައުން، ކެއްސުން، ކަރުތެރެ ހަލާކުވުން ގައިގައި ރިހުން ފަދަ) ، ބޮލުގައިރިހުން، ފަދަ ކަންތައްތައް ހިމެނެއެވެ. ބައެއް މީހުންނަށް މޭގައި ރިހުން، ބަނޑުގައި ރިހުން، މޭނުބައިކޮށް، ހޮނޑުލައި، ބޭރަށްހިންގުން، ލޯރަތްވެ ދުޅަވުން، އަދި ނޭފަތުންނާއި ހިރުގަނޑުން ލޭއައުން ފަދަ ކަންތައްތައް މެދުވެރިވެއެވެ.

ދޫނި ރޯގާ ޖެހޭތާ 5 ވަނަ ދުވަހު ބައެއް މީހުންގެ ފުށުން އަޑުކުރަކިވުން، ނޭވާލާން އުދަނގޫވެ، ނޭވާލާއިރު ތޫލިއަޑެއްހުރުން ފަދަ އުދަނގޫތައް ފެންނަނަކަން މިފަހަކަށް އައިސް ފާހަގަ ވެފައި ވެއެވެ. ދޫނި ރޯގާ ޖެހި ގިނަ ދުވަސްވުމުން ބައެއް ފަހަރު ފުއްޕާމޭގައި ޖަރާސީމު އަޅައި ނިއުމޯނިޔާގެ މައްސަލަ ކުރިމަތިވެއެވެ. ބައެއް ފަހަރު ނިއުމޯނިޔާ ޖެހުމުގެ ސަބަބުން ފުއްޕާމޭ ފޭލްވެ، ނޭވާލުމުގެ މަސައްކަތް ހުއްޓުމަކަށް އައިސް ފުރާނަ އަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ.

ދެނެގަތުން
ޓެސްޓެއް ހެދުމަކާ ނުލައި ކުރިމަތިވެފައިވަނީ އިންފުލުއެންޒާގެ ކޮން ވައްތަރެއްކަން އެނގޭނެ ގޮތެއް ނޯވެއެވެ. ގިނަ ފަހަރު ދިމާވާ އުދަގޫތަކަށް ރިޢާޔަތްކޮށް (އިންފުލުއެންޒާ ކުރިމަތިވާ ދުވަސްވަރު) އެއީ އިންފުލުއެންޒާ ކަން ކަނޑައަޅަނީ އެވެ. ބައެއް ފަހަރު އިންފުލުއެންޒާކަން ޔަގީންކުރުމަށް ޓެސްޓް ހަދަންޖެހެއެވެ.

ހަށިގަނޑުގައި އިންފުލުއެންޒާގެ ވައިރަސް ހުރިތޯ އާއި، ކުރިމަތިވެފައިވަނީ އިންފުލުއެންޒާގެ ކޮންވައްތަރެއްތޯ ބެލުމަށް ނޭފަތުން ނުވަތަަ ކަރުގެ އެތެރެއިން ޓެސްޓުކުރުމަށްޓަކައި ދަވަކޮޅެއް ނެގެއެވެ. ބައެއް ފަހަރު ރެޕިޑް ޓެސްޓް(Rapid test) ކިޔާ ޓެސްޓެއްގެ އެހީގައި އިންފުލުއެންޒާ ވައިރަސް އޭ ހުރިތޯ ދެނެގަނެވެއެވެ. ރެޕިޓް ޓެސްޓުން ދެނެގަނެވޭނީ އެއީ އިންފުލުއެންޒާ ވައިރަސް އޭ ކަމެވެ. މިޓެސްޓުން ބަލިޖެހިފައިވަނީ އިންފުލުއެންޒާ ވައިރަސް އޭގެ ކޮން ސްޓްރެއިން އަކުންކަމެއް ދެނެއެއް ނުގަނެވޭނެ އެވެ. ވިމާ މިޓެސްޓު ހަދައިގެން އަދި ދޫނި ރޯގާ އެއް ޔަގީންކަމާއެކު ދެނެގަތުމަކީ ވާނެކަމެއް ނޫނެވެ.
 
ފަރުވާ
އިންފުލުއެންޒާ އަކީ އަރިދަފުސް ރޯގާ ފަދައިން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. މިއީ އަރިދަފުސް ރޯގާ އެކޭ އެއްފަދަ ބައްޔެކެވެ. އެހެންކަމުން ފަރުވާކުރުމުގައި އަމަލުކުރެވެނީ ވެސް އަރިދަފުސް ރޯގާ އެކޭ އެއްބީދައިންނެވެ. އަދި އެއް އުސޫލެއްގެ މަތީންނެވެ. ދޫނި ރޯގާ އަކީ އިންފުލުއެންޒާގެ ވައްތަރެއްކަމުން ދޫނި ރޯގާގެ ފަރުވާ ވެސް ކުރިޔަށް ގެންދަނީ މިގޮތުގެ މަތީންނެވެ. އެހެންކަމުން ދޫނި ރޯގާ އަށްވެސް، މައިގަނޑު ގޮތެއްގައި ފަރުވާ ދެވެނީ ކުރިމަތިވެފައިވާ އުދަނގޫތަކަށް ރިޢާޔަތްކޮށްގެންނެވެ.

ގޭގައި ދެވިދާނެ ފަރުވާ
-          ވީވަރަކުން އަރާމުކުރާށެވެ. ބުރަ މަސައްކަތްތައް ނުކުރާށެވެ. ދުންފަތާއި ބަނގުއާތްވާއި ދުރުހެލިވާށެވެ.
-          ގިނައިން ދިޔާތަކެތި ބޯށެވެ. އެގޮތުން ފެން، ލޮނުފެން، ކުރުނބާ ފަނި، މޭވާ ޖޫސް، ބަތްޕެން، ސުރުވާ ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. ހަމައެކަނި ސާދާ ފެން ބުއިން މާގިނައިން (އެހެން އެއްޗެއް ބުއިމެއްނެތި) ރަގަޅެއް ނޫނެވެ. ސަބަބަކީ ހަށިގަނޑަށް ބޭނުންވާ ލޮނުގެ ބައި ފެނުގައި ނުހިމެނޭތީ އެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ދިޔާތަކެތީގެ ގޮތުގައި ލޮނުފެނަކީ ވަރަށް ރަގަޅު އެއްޗެކެވެ.
-          ހުންތިރިކުރުމާއި ތަދު ކެނޑުވުމަށް، ޕެނަޑޯލް އާއި ބުރޫފަން ފަދަ ބޭސްތައް ބޭނުންކުރެވިދާނެ އެވެ. 20 އަހަރުން ދަށުގެ ކުދިންނަށް އެސްޕިރިން ދިނުން ރަގަޅެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން، ނުރައްކާތެރި މައްސަލައެއް ދިމާވެދާނެ ތީއެވެ.
-          ނޭފަތްބެނދި ނޭވާލާން އުދަނގޫވާނަމަ ގޭގައި ހޫނުފެން ބޭނުންކޮށްގެން އާވި އަރުވައި ހެދިދާނެއެވެ. މިއީ ބެނދިފައިވާ ނޭފަތް ސާފުކޮށްދީ، ނޭވާހިނގާމަގު ހުޅުވައިދޭނެ ކަމެކެވެ.

އެންޓިވައިރަލް ބޭހުގެ ފަރުވާ
ދޫނި ރޯގާގެ ފަރުވާގެ ގޮތުގައި ބަލިޖެހޭ ބައެއް މީހުންނަށް އެންޓިވައިރަލް ބޭސްތައް ދީއުޅެއެވެ. މިގޮތުން ދީއުޅޭ ބޭސްތަކުގެ ތެރޭގައި، "އޮސެލްޓެމިވިރް"(Oseltamivir) އަދި "ޒެނެމިވިރް"(Zanamivir) ފަދަ ބޭސްތައް ހިމެނެއެވެ. މިބޭސްތައް ދެވެނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން ވަކި މުއްދަތަކަށެވެ. މިދެބޭހަކީ ވެސް "ނިއުރަމިނިޑޭސް އިންހިބިޓަރސް"(Neuraminidase inhibitors) ގެ ގޮތުގައި އުފައްދައިފައިވާ ބޭސް ތަކެކެވެ. ބައެއް ފަހަރު އެންޓިވައިރަލް ބޭސް ތަކުގެ ތެރޭގައި "ރިބެވިރިން"(Ribavirin) އަދި "އެމެންޓަޑިން"(Amantadine) ވެސް ބޭނުންކުރެވެއެވެ. ބަލީގެ އުދަނގޫ ތައް ފެންނަން ފަށާތާ ކުރީކޮޅު (ފުރަތަމަ 48 ގަޑިއިރުގެ ތެރޭގައި) ބޭސް ދެވިއްޖެނަމަ، ދިމާވާ ނުރައްކާތަކުން ބަލިމީހާ ސަލާމަތްކުރެވިދާނެ އެވެ.

ދޫނި ރޯގާއިން ރައްކާތެރިވުން
·         ކުއްލިއަކަށް މަރުވާ ނުވަތަ ބަލިޖެހިފައިވާ ކުކުޅާއި، ދޫނީގައި އަތްނުލުން
·         ބަލިވެފައިވާ ކުކުޅާއި، ދޫނި ކަތިލާ އޭގެ ފަތްނޮޅާ އަތްލާ ހެދުން
·         ކުކުޅު ނުވަތަ ދޫނި ފަދަ ތަކެތީގައި ބަލީގެ ޖަރާސީމު ހުރެދާނެ ކަމަށްޓަކައި، ކުޑަކުދިން އޭގައި އަތްލާ އުފުލާ، އަދި ކުޅެ އުޅުނަ ނުދިނުން
·         ކުކުޅާއި ދޫނި ފަދަ ތަކެތީގައި އަތްލުމަށްފަހު، އަބަދުވެސް ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން
·         ކުކުޅު ނުވަތަ ދޫނި ފަދަ ތަކެއްޗާއި ކައިރިވެ އުޅުމުގައި، އަނގަޔާއި ނޭފަތް މާސްކަކުން ނިވާކުރުން
·         ކުކުޅާއި ދޫނި ފަދަ ތަކެތީގައި އަތްލައި ހެދުމަށް ފަހު ސައިބޯނިލައިގެން އަތޮދޮވެގެން މެނުވީ، އަނގަ،ނޭފަތް، އަދި ލޮލުގައި އަތްލައިނުހެދުން
·         ކުކުޅު މަހާއި ބިސް ކެއުމުގެ ކުރިން ރަގަޅަށް ރޯފިލަންދެން ކެއްކުން
·         ރޯކުކުޅާއި، ބިސް (ކެއްކުމާއި ނުލައި) ބޭނުން ނުކުރުން
·         މީހުންއުޅޭ ރަށެއްގައި ދޫނި ރޯގާގެ އަސަރު ފެނިފައިވާނަމަ، އެހިސާބަކަށް ނުދިއުން
·         ކުކުޅުގެ ނަޖިސް ގަސްކާނާގެ ގޮތުގައި ބޭނުންނުކުރުން
·         އާދަޔާ ޚިލާފަށް ދޫންޏާއި ކުކުޅު މަރުވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ލަސްނުކޮށް އެންގުން
·         މަރުވާ ދޫންޏާއި ކުކުޅު ނައްތާލުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން
·         ކުކުޅު ނުވަތަ ދޫނި ގެންގުޅޭ، އުޅޭ ސަރަހައްދަކާއި، ތަނަކާއި ކައިރިވެ އުޅުމަށްފަހު، އަރިދަފުސް ރޯގާ އާއި ވައްތަރު އަލާމާތްތަކެއް ހުރެ ބަލިވެއުޅޭނަމަ، އަވަހަށް ޑޮކްޓަރަކާއި، ނުވަތަ ޞިއްޙީ ޚިދުމަތްތެރިއަކާއި ވާހަކަދެއްކުން
ނޯޓް: ދޫނި ރޯގާއިން ރައްކާތެރިވުމަށް އަދި ވެކްސިނެއް އުފައްދާފައެއް ނުވެއެވެ.

މައުލޫމާތު:-
·         ދޫނިރޯގާ – ކޮންމެހެން އެނގެން ބޭނުންވާ ކަންތައްތަކާއި، ކުރަންޖެހޭނެ ކަންތައްތައް – ލީފްލެޓް – މާރޗް 2006 ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު – މާލެ، ދިވެހިރާއްޖެ
·         އިންޓަނެޓްގެ ބައެއް މެޑިކަލް ވެބްސައިޓްތައް
·         ބައެއް މެޑިކަލް ފޮތްތައް

No comments:

Post a Comment