އެމްފަސީމާ
އެމްފަސީމާ (Emphysema) އަކީ
ނޭވާކުރުވުން މެދުވެރިކުރުވާ ފުއްޕާމޭގެ ދާއިމީ ބައްޔެކެވެ. މިބަލީގައި ގިނަ
ދުވަސްވާވަރަކަށް ފުއްޕާމޭގެ އެތެރޭގައި ހުންނަ ވައިކޮތަޅުތަކުގެ ތުނި ފާރަށް
ގެއްލުންވެއެވެ. އާންމު ގޮތެއްގައި އިންސާނާ އެތެރެއަށް ނޭވާލާއިރު
މިވައިކޮތަޅުތައް ދެމި ވައިކޮތަޅުތަކުގެ އެތެރެ ވައިން ފުރާލާނެއެވެ. އަދި
އިންސާނާ ބޭރަށް ނޭވާލާއިރު ރަބަރުކަމެއް ނޫނީ އިލާސްޓިކް ކަމެއް ހުންނަ
މިވައިކޮތަޅުތަކުން ވައި ބޭރުވާނެ އެވެ. ނަމަވެސް އެމްފަސީމާ ގައި
މިވައިކޮތަޅުތަކަށް ގެއްލުންވުމުން މިވައިކޮތަޅުތަކުން ވައިބޭރުކުރުމަށް
އުދަނގޫވެއެވެ. މިހެންވުމުން އޮކްސިޖަން އިން މުއްސަދި ވައި ފުއްޕާމޭގެ ތެރެއަށް
އައުމަށް ނޫނީ ވަނުމަށް ދަތިތަކާ ކުރިމަތި ވެއެވެ (މެޔޯކްލިނިކް،
2024).
ފުއްޕާމޭގައި ހުންނަ ކުދި ވައިކޮތަޅު ތަކަކީ ވަރަށް ތުނި ފާރެއް ހުންނަ ނާޒުކު އެއްޗެކެވެ. މިވައިކޮތަޅުތައް ހުންނަނީ ފުއްޕާމޭގެ ނޭވާހިނގާ މަގުގެ އެންމެ އެތެރޭގައި ހުންނަ ވައިހިނގާ މަގުތައް ނުވަތަ ވައިނޮޅީގެ ކުދި ކަފިތަކުގެ ކޮޅުގައި ނޫނީ ނިމޭ ހިސާބުގައި ބައިގަނޑު ބައިގަނޑަށް އެތުރިފައެވެ. އާންމު ގޮތެއްގައި ފުއްޕާމޭގައި މިފަދަ 300 މިލިޔަނެއްހާ ވައިކޮތަޅު ހުރެއެވެ. އެތެރެއަށް ނޭވާލާއިރު ވަންނަ ވައި (އޮކްސިޖަން) ވައިހިނގާ މަގުން ދަތުރުކޮށް ވައިކޮތަޅުތަކަށް ވާޞިލްވާނެއެވެ. ވައިކޮތަޅުތަކަށް ވައި ވާޞިލްވުމުން ވައިކޮތަޅުތައް ދެމި، އެއަށް އޮކްސިޖަން ނަގައި، އެތަނުން ލެޔަށް އޮކްސިޖަން ފޮނުވާނެއެވެ. ނޫނީ ލޭގެ ތެރެއަށް އޮކްސިޖަން އެއްކުރުވާނެއެވެ. ބޭރަށް ނޭވާލާއިރު ވައިކޮތަޅުތައް ހިނދި، އުފެދޭ ބާރުމިނުގައި ފުއްޕާމެއިން ކާބަންޑައިއޮކްސައިޑް ހަށިގަނޑުން ބޭރުކުރާނެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
އެމްފަސީމާ ބަހާލެވިފައިވާ
ދަރަޖަތައް
ގްލޯބަލް އިނިޝިއޭޓިވް ފޮރ ކްރޯނިކް އޮބްސްޓްރަކްޓިވް
ލަންގް ޑިޒީޒް ސީއޯޕީޑީ ބަހާލާފައިވަނީ 4 ދަރަޖަ އަކަށެވެ. އެމްފަސީމާ އަކީ
ސީއޯޕީޑީ ގެ ސަބަބެއް ކަމުގައިވިޔަސް އެމްފަސީމާ ހުންނަ ހުރިހާ އެންމެންގެ
ސީއޯޕީޑީ އެއް ނުހުރެއެވެ. ސިއްހީ މާހިރުން އެމްފަސީމާ ސިފަކުރުމަށް ބޭނުންކުރަނީ
ސީއޯޕީޑީ ބަހާލާފައިވާ ދަރަޖަތަކަށެވެ. އެގޮތުން ސީއޯޕީޑީ ނޫނީ އެމްފަސީމާ
ބަހާލެވިފައިވާ ދަރަޖަތައް ތިރީގައި މިވަނީ އެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
·
ދަރަޖަ1: މިއީ އާދައިގެ މިންވަރަކަށް އެމްފަސީމާ ހުންނަ ދަރަޖަ
އެވެ. ނޫނީ އެމްފަސީމާގެ އާދައިގެ ދަރަޖަ އެވެ. މިދަރަޖައިގައި ފުއްޕާމޭގެ 80%
ރަނގަޅަށް މަސައްކަތްކުރާނެއެވެ. ނުވަތަ މިއުމުރުގެ މީހެއްގެ އުމުރާ އެއްވަރަށް
މަސައްކަތް ކުރާނެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
·
ދަރަޖަ2: މިއީ މެދު މިންވަރަކަށް އެމްފަސީމާ ހުންނަ ދަރަޖަ އެވެ.
މިހާލަތުގައި ފުއްޕާމޭގެ %79-%50 ދެމެދުގެ މިންވަރަށް މަސައްކަތް ކުރާނެ އެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
·
ދަރަޖަ3: މިއީ ނުރައްކާތެރި ދަރަޖައަކަށް އެމްފަސީމާ ހުންނަ ދަރަޖަ
އެވެ. މިހާލަތުގައި މިހާލަތުގައި ފުއްޕާމޭގެ %49-%30 ދެމެދުގެ މިންވަރަށް
މަސައްކަތް ކުރާނެ އެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
·
ދަރަޖަ4: މިއީ ވަރަށް ނުރައްކާތެރި މިންވަރަކަށް ނޫނީ ދަރަޖައަކަށް
އެމްފަސީމާ ހުންނަ ދަރަޖަ އެވެ. ނޫނީ ވަރަށް ނުރައްކާތެރި މިންވަރަކަށް އެމްފަސީމާ
ހުރުމެވެ. މިހާލަތުގައި ފުއްޕާމޭ މަސައްކަތް ކުރާނީ %30 އަށްވުރެ ކުޑަކޮށެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
ސަބަބު
އެމްފަސީމާ ކުރިމަތިވަނީ ދިގު
މުއްދަތަކަށް ވައިގެ ތެރެއިން ވިހަތަކަށް ނޫނީ "ނޭވާލާ ނިޒާމު ހިލިގަންނުވާ
މާއްދާ ތަކަށް ހުށަހެޅުމުންނެވެ. މިފަދަ މާއްދާތަކުގެ ތެރޭގައި:-
·
ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ
ދުން : ދުންފަތުގެ ދުމަކީ
އެމްފައިސީމާ ކުރިމަތިކުރުވާ އެންމެ އާންމު ވިހަ އެވެ. ނޫނީ އެންމެ އާންމު
ސަބަބެވެ.
·
ކެމިކަލް އެކުލެވޭ ވިހަ ދުންތައް : މިފަދަ ވިހަތަކަށް އާންމުކޮށް ހުށަހެޅެނީ މަސައްކަތުގެ
މާހައުލުންނެވެ.
·
ވިހަ އެކުލެވޭ އާވި އަދި ހިރަފުސް ތައް : މިފަދަ ވިހަތަކަށް އާންމުކޮށް ހުށަހެޅެނީ މަސައްކަތުގެ
މާހައުލުންނެވެ (މެޔޯކްލިނިކް، 2024).
·
ނޭވާލާ ނިޒާމަށް ކުރިމަތިވާ އިންފެކްޝަންތައް
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް، 2022).
އާއިލާގެ ތެރޭގައި ދައުރުވަމުން އަންނަ
ވިރާސީ ބަހާއަކުން ވަރަށް މަދުން ނަމަވެސް އެމްފަސީމާ ކުރިމަތިވެދާނެއެވެ.
މިވިރާސީ ބަހާގެ ސަބަބުން ހަށިގަނޑުގައި ނޫނީ ލޭގައި ހުންނަ
"އަލްފާ-1-އެންޓިޓްރައިޕްސިން"(AAT) ކިޔާ
ޕްރޮޓީންގެ މިންވަރު ދަށްކުރުވައެވެ. "އަލްފާ-1-އެންޓިޓްރައިޕްސިން"(AAT) އަކީ ފުރަމޭގައި އުފައްދައި ލޭގެތެރެއަށް ދޫކުރާ ޕްރޮޓީން
އެކެވެ. މިއީ ފުއްޕާމޭ ދުންފަތުގެ ދުން، ވިހަދުންތައް، އަދި ހިރަފުހުން
ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ (މެޔޯކްލިނިކް،
2024).
މަގުފަހިކުރާ ކަންތައްތައް
އެމްފަސީމާ އާއި ގުޅިގެން ފުއްޕާމެޔަށް
ގެއްލުންވަމުން ދާނީ މަޑުމަޑުންނެވެ. މިހާލަތު ހުންނަ ގިނަ މީހުންނަށް
އަލާމާތްތައް ފެންނަށް ފަށާނީ އުމުރުން 40 އަހަރު ވާ ފަހުންނެވެ. އެމްފަސީމާ
ކުރިމަތިވުމުގެ ހިރާސް އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި އަންނަނިވި
ކަންތައްތައް ހިމެނެއެވެ.
·
ދުންފަތުގެ އިސްތިއުމާލުކުރުން : ދުންފަތުގެ އިސްތިއުމާލުކުރުން ނޫނީ ކުރިން ދުންފަތުގެ
އިސްތިއުމާލުކޮށްފައިވުމަކީ އެމްފަސީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވާނެ
ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުގައި ހޭދަކޮށްފައިވާ މުއްދަތާއި ،
ބޭނުންކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް އެމްފަސީމާ ކުރިމަތިވުމުގެ ހިރާސް
އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް، 2024).
·
ދުންފަތުގެ ދުމަށް ހުށަހެޅުން : ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅުމަކީ އެމްފަސީމާ
ކުރިމަތިވުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ.
·
މަސައްކަތުގެ މާހައުލުގެ ތެރެއިން ވިހަ ދުމަށް،
އާތްވަށް ނޫނީ ހިރަފުހަށް ހުށަހެޅުން: މަސައްކަތުގެ
މާހައުލުން ބައެއް ކަހަލަ ކެމިކަލް އިން ބޭރުވާ ދުމަށް ނޫނީ އާތްވަށް ހުށަހެޅުން،
ނޫނީ ގޮވާން، ކަފަ، ލަކުޑި، ނޫނީ މައިން އިން އުފެދޭ ހިރަފުހަށް ހުށަހެޅުމަކީ
އެމްފަސީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ. ދުންފަތުގެ
އިސްތިއުމާލުކުރާނަމަ މިހިރާސް އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް،
2024).
·
ގޭތެރެ އާއި ބޭރުން ވައި ނުސާފުވުމުގެ ސަބަބުން
ވިހަތަކަށް ހުށަހެޅުން : ގޭތެރޭގެ
ނޫނީ އެތެރޭގެ ވައި ނުސާވެ ވިހަ ދުމަށް ހުށަހެޅުން މިސާލަކަށް ތެޔޮއެންދުމުން
ބޭރުވާ ދުމަށް ހުށަހެޅުން ، އަދި ބޭރުތެރޭގެ ވައި ނުސާވެ ވިހަ ދުމަށް ހުށަހެޅުން
މިސާލަކަށް ކާރު ފަދަ އުޅަނދުތަކުގެ ދުންހޮޅިން ބޭރުވާ ދުމަށް ހުށަހެޅުން ފަދަ
ކަންކަމަކީ އެމްފަސީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަންކަމެވެ (މެޔޯކްލިނިކް،
2024).
·
ވާރުތަވުން: ވިރާސީ ބަހާއެއްގެ ސަބަބުން ވިޔަސް ވަރަށް މަދުން ދިމާވާ
ހާލަތެއް ކަމުގައިވާ ލޭގައި "އަލްފާ-1-އެންޓިޓްރައިޕްސިން" ގެ މިންވަރު
ދަށްވުމަކީ އެމްފަސީމާ ކުރިމަތިވުމުގެ ހިރާސް އިތުރުވާ ކަމެކެވެ. ބައެއް އެހެން
ވިރާސީ ބަހާތަކުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އެމްފަސީމާ
ކުރިމަތިވުމުގެ ހިރާސް އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް،
2024).
އަލާމާތްތައް
އެމްފަސީމާ ހުރެ އޭގެ އަލާމާތްތައް
ނުފެނި އެތައް އަހަރެއް ވެސް ފާއިތުވެގެން ހިނގައިދާނެއެވެ. މިބަލީގެ އަލާމާތްތައް
ފެންނަމުން ދަނީ މަޑުމަޑުންނެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި
މިވަނީ އެވެ (މެޔޯކްލިނިކް، 2024).
·
ނޭވާކުރުވުން : މިއީ އެމްފަސީމާގެ މައިގަނޑު އަލާމާތެވެ.
އާންމު ގޮތެއްގައި ނޭވާކުރުވާނީ ކަމެއްކޮށްލުމުންނެވެ.
·
ނޭވާލާއިރު ތޫލިއަޑެއް ހުރުން
·
ކެއްސުން
·
މެޔަށްވާންވެބާރުވުން
·
ވަރުބަލިކަން އިހުސާސްވުން
·
ބަރުދަން ލުއިވުން
·
ތަނބިކަށި ދުޅަވުން
ގިނަ މީހުންނަށް އެމްފަސީމާ ގެ
އަލާމާތްތައް ފެންނާނީ ފުއްޕާމޭގެ %50 ހަލާކުވާ ފަހުންނެވެ. އެހާ ހިސާބާ
ޖެހެންދެން ފާހަގަވާނީ ނޭވާކުރުވުން އަދި ވަރުބަލިވެ ވާޅުވުމުވެ. އެހެންކަމުން
އެމްފަސީމާ އެހެން އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2022).
·
ދިގުމުއްދަތަކަށް ކެއްސުން
·
ނޭވާލާއިރު ތޫލިއަޑުހުރުން
·
ކުޑަކަމެއް ކޮށްލުމުން ވެސް ނޭވާކުރުވުން
·
އެކަށޭނަ ވަރަށް އޮކްސިޖަން ނުލިބޭހެން އިހުސާސްވުން
·
މެޔަށް ވާންވެ ބާރުވުން
·
ދަވަ ނުވަތަ އަރިދަފުސް އުފެއްދުން އިތުރުވުން
·
އަރިދަފުސް ނޫނީ ދަވަ ރީނދޫ ނުވަތަ ފެހިކުލައިގައި ހުރުން
·
މެދުނުކެނޑި ވާޅުވެ ވަރުބަލިވުން
·
ހިތުގެ މައްސަލަތައް ދިމާވުން
·
ނިދަން އުދަނގޫވުން
·
ހާސްވެ ކަންބޮޑުވުން
·
މޮޅިވެރިވެ މާޔޫސްވުން
·
ބަރުދަން ލުއިވުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،
2022).
އެމްފަސީމާ ހުންނަ މީހަކު އެކަން ނޭނގި
ހުރެ، ކުރީކޮޅުގައި ކަމެއް ކުރުމުން ނޭވާކުރުވާނަމަ، އެކަމާ ދުރުހެލިވެއެވެ.
މިހެންވުމުން އެއީ މާބޮޑު މައްސަލައެއް ގޮތަށް ނުދެކި ދޫކޮށްލެވެއެވެ. ނަމަވެސް
ދުވަހުގެ ދިރިއުޅުމުގައި ފުރިހަމަކުރަންޖެހޭ އެކި ކަންކަމަށް ބުރޫއަރާ ހިސާބުން
މިކަމާ މެދު ވިސްނާލަން ފަށައެވެ. ނޫނީ ވިސްނާލަންޖެހެއެވެ. މާނައަކީ އެމްފަސީމާ
ގައި ގިނަ ދުވަސްވުމުން އެއްވެސް ކަމެއް ނުކޮށް މީހާ ހުންނަ އިރު ވެސް (އަރާމުކުރާ
އިރު ވެސް) އެމީހަކަށް ނޭވާކުރުވުން ކުރިމަތި ވެއެވެ (މެޔޯކްލިނިކް،
2024).
އެމްފަސީމާ އަކީ ކްރޯނިކް
އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް(COPD) ގެ އެއް ބައެވެ.
ނޫނީ އާންމު ދެވައްތަރުން އެއް ވައްތަރެވެ. އަނެއް ވައްތަރަކީ ދާއިމީ ސިފައެއްގައި
ވައިނޮޅީގެކަފި ދުޅަވުން ނުވަތަ ކްރޯނިކް ބްރޮންކައިޓިސް އެވެ. އެމްފަސީމާ އާއި
ކްރޯނިކް ބްރޮންކައިޓިސް ކުރިމަތިވަނީ އެކުއެކީ ކަމަށްވުމާއެކު މިދެހާލަތު
އެއްވުމުން ކިޔަނީ "ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް"(COPD) ނުވަތަ ސީއޯޕީޑީ އެވެ. އެހެންކަމުން އާންމު ގޮތެއްގައި
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް(COPD) ފެންމަތިވަނީ ދެބައްޔެއް
އެކުވެގެންނެވެ. ނޫނީ ކްރޮނިކްސް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް އަށް
މަގުފަހިކުރަނީ ދެހާލަތެއް އެކުވެގެން އައުމުންނެވެ (މެޔޯކްލިނިކް،
2024).
އެއީ:-
(ހ)
ކްރޯނިކް ބްރޮންކައިޓިސް (chronic bronchitis): މީގެ މާނައަކީ ދާއިމީ ގޮތަކަށް ވައިނޮޅީގެ
ކަފި ދުޅަވުމެވެ. ނުވަތަ ވައިހިނގާ މަގުތަކުގެ ނޫނީ ހޮޅިތަކުގެ އެތެރޭ ބަތާނަ ފަށަލަ
ދުޅަވުމެވެ. ވައިނޮޅީގެ ކަފިތައް ދުޅަވެ، މިކަފިތަކަށް ގެއްލުންވުމުން ނުފިލާ ކެއްސުމެއް
ހުރެ، ފުއްޕާމޭގައި ވަރަށް ބައިވަރު ދަވަ (އަރިދަފުސް) އުފެދި ހަރުލާގޮތް ވެއެވެ.
މިހެންވުމުން ވައިހިނގާ މަގު ހަނިކޮށް ހިމަކޮށްލާ ނޫނީ ބައްދާލައެވެ. ނަތީޖާއެއްގެ
ގޮތުން ނޭވާލާން އުނދަގޫވެއެވެ.
(ށ)
އެމްފަސީމާ (Emphysema): ދުޅަހެޔޮ މީހެއްގެ ހަށިގަނޑުގައި
ފުއްޕާމޭގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކަކީ ފުއްޕާ ހަމެއް ފުފި، ހިނދޭހެން،
ނޭވާލާއިރު، ކުޑަވެ، ބޮޑުވާ އެއްޗެކެވެ. އެމްފަޒީމާ ގައި ވާގޮތަކީ ކުދިކުދި ވައިކޮތަޅުތައް
ހަލާކުވެ، އެއަށް ލިބިފައިވާ ދެމުމުގެ ކުޅަދާނަކަން ގެއްލިގެންދަނީ އެވެ.
މިހެންވުމުން ނޭވާލާއިރު، ވައި އެތެރެވެ، ބޭރުވާ މިންވަރު ދަށްވެ، ނޭވާކުރުވުން ކުރިމަތިވެގެން ދަނީ އެވެ
ދިމާވެދާނެ ނުރައްކާތައް
އެމްފަސީމާ ހުންނަ މީހުންނަށް އަންނަނިވި
ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.
(ހ) ފުއްޕާމޭގެ އެތެރޭގެ
ޕްރެޝަރު މަތިވުން : މިވައްތަރުގައި ލޭގެ
ޕްރެޝަރު މަތިވަނީ ފުއްޕާމޭގެ ތެރޭގައި ހުންނަ އާޓަރީ ތަކުގެ ތެރޭގައެވެ. ހަރުވެ
ބޯވެފައިވާ މިފަދަ ލޭހޮޅިތަކުގެ ސަބަބުން ފުއްޕާމޭގައި ދައުރުވުމަށް ހުރަސް
އަޅައިފާނެ އެވެ. ނޫނީ ފުއްޕާމޭގައި ލޭދައުރުވުން ދަށްކުރެއެވެ. މިކަމުގެ ސަބަބުން
ފުއްޕާމޭގެ ތެރޭގައި ހުންނަ އާޓަރީ ތަކުގެ ތެރޭގައި ޕްރެޝަރު މަތިވެއެވެ (މެޔޯކްލިނިކް،
2024).
(ށ) ހިތުގެ ކަނާތްފަޅީގެ
މަސައްކަތްތައް ފޭލްވުން : މިކަން
ކުރިމަތިވަނީ ފުއްޕާމެޔަށް ލޭ އުފުލައިދޭ ހޮޅި ޕަލްމޮނަރީ އާޓަރީ ކޮންމެވެސް
ވަރަކަށް ބެނދި ލޭ ދައުރުވުމަށް ހުރަސްއެޅުމުން ހިތުގެ ކަނާތް ފަޅިން އާންމުކޮށް
ލޭފޮނުވުމަށް ކުރަންޖެހޭ މަސައްކަތަށް ދަތިވެ، ބާރު ބޮޑުވުމުންނެވެ (މެޔޯކްލިނިކް،
2024).
(ނ)
ހިތުގެ އެހެނިހެން މައްސަލަތައް : އެމްފަސީމާގެ
ސަބަބުން ހާޓް އެޓޭކް ޖެހުން ފަދަ ހިތުގެ ބަލިތައް ޖެހުމުގެ ހިރާސް އިތުރުވެއެވެ.
(ރ) ފުއްޕާމޭގެ ތެރޭގައި
"ވައިހުރި ހުސްތަނެއް ނުވަތަ ބޮޑެތި އެއަރ ސްޕޭސް(large air space) އުފެދުން : ފުއްޕާމޭގައި އުފެދޭ "ވައިހުރި ބޮޑެތި ހުސްތަން"
އަށް ކިޔަނީ "ބުލައި"(bullae) ، ނުވަތަ "ބުލޭ"(bullae) އެވެ. ފުއްޕާމޭގެ ތެރޭގައި މިގޮތަށް މިފަދަ ބޮޑެތި "އެއަރ
ސްޕޭސް"(air
space) އުފެދެނީ
ފުއްޕާމޭގެ ތެރޭގައި ހުންނަ ވައިކޮތަޅު(alveoli)ތަކުގެ އެތެރޭ ފާރަށް ގެއްލުންވުމުންނެވެ. އާންމު
ގޮތެއްގައި މިހެންވުމުން ކުދިކުދި ވަކިވަކި ވައިކޮތަޅު ތަކުގެ ބަދަލުގައި
ފުއްޕާމޭގައި ބޮޑު އެއް ވައިކޮތަޅު އުފެދެއެވެ. މިގޮތަށް ފުއްޕާމޭގައި އުފެދޭ
ވައިހުރި ހުސްތަންތަން ވަރަށް ބޮޑުވެއެވެ. އަދި ބޮޑުވެގެން ގޮސް އޭގެ ސައިޒު
ފުއްޕާމޭގެ ½ ބައި
ވަރުވާ ފަހަރު ވެސް އާދެއެވެ. މިގޮތަށް އުފެދޭ ބޮޑު އެއަރ ސްޕޭސް ގެ ސަބަބުން
ފުއްޕާމޭ ނޭވާލުމުގެ ތެރޭގައި ފުފެން އޮންނަ ޖާގަ ކުޑަވެގެން ދެއެވެ. މިގޮތަށް
އުފެދޭ ބޮޑެތި ބުލޭ ގެ ސަބަބުން ފުއްޕާމޭ ފިތި ހިނދިގެން ދިއުމުގެ ހިރާސް ވެސް
އިތުރުވެއެވެ (މެޔޯކްލިނިކް، 2024).
(ބ) ފުއްޕާމޭ ފިތި ހިނދުން (collapsed
lung): ފުއްޕާމޭ ފިތި ހިނދުމަށް "ނިއުމޯތޮރަކްސް"(pneumothorax) ނޫނީ
ފުއްޕާމޭގެ ތެރެއަށް ވައިވަނުން މިހެން ވެސް ކިޔައި އުޅެއެވެ. އެމްފަސީމާ ހުންނަ
މީހުންގެ ފުއްޕާމެއަށް އެބަލީގެ ސަބަބުން ގެއްލުންވެފައި ހުންނާތީ، މިފަދަ
މީހުންނަށް ނިއުމޯތޮރަކްސް ކުރިމަތިވުމަކީ ފުރާނައަށް ގެއްލުންވެދާނެ އަދި އަވަސް
ފަރުވާ ބޭނުންވާނެ ހާލަތެކެވެ. މިއީ އެހާ އާންމު ކަމެއް ނޫނެވެ. ނަމަވެސް
ކުރިމަތިވެއްޖެނަމަ އޭގެ ސަބަބުން ފުރާނައަށް އަސަރުކުރާނެ ކަމެކެވެ (މެޔޯކްލިނިކް،
2024).
(ޅ) ފުއްޕާމޭގެ ކެންސަރުޖެހުން
: އެމްފަސީމާ ހުރުމަކީ އެކަމުގެ ސަބަބުން
ފުއްޕާމޭގެ ކެންސަރަށް މަގުފަހިކުރާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާނަމަ
މިހިރާސް ވަކިން ބޮޑަށް އިތުރުވެގެން ދެއެވެ (މެޔޯކްލިނިކް، 2024).
(ކ) ހާސްވެ ކަންބޮޑުވުމާއި
މާޔޫސްވެ މޮޅިވެރިވުން : އެމްފަސީމާ
ގެ ސަބަބުން ނޭވާކުރުވުމަކީ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމަށް ހުރަސްއެޅޭނެ
ކަމެކެވެ. ދިރިއުޅުމުގެ ކަންކަން އެންމެ އެދެވޭގޮތުގައި ފުރިހަމަ ނުކުރެވުމަކީ
އެކަމުގެ ސަބަބުން މާޔޫސްވެ މޮޅިވެރިވުމާއި، ހިތްދަތި ކަމާއި، ހާސްވެ ކަންބޮޑުވުން
ކުރިމަތި ކުރުވާނެ ކަމެކެވެ (މެޔޯކްލިނިކް، 2024).
ދެނެގަތުން
އެމްފަސީމާ ހުރިކަން ދެނެގަތުމަށްޓަކައި
ބަލިމީހާ އަދި އާއިލާގެ މައުލޫމާތުތައް އޮޅުން ފިލުވައި ސާފުކުރާނެއެވެ. އަދި މީގެ
އިތުރުން ބަލިމީހާގެ ހަށިގަނޑު ބަލައި ޗެކުކުރާނެ އެވެ. ދުންފަތުގެ
އިސްތިއުމާލުކުރޭތޯ އާއި، ފުއްޕާމެޔަށް ގެއްލުންދޭ އެއްވެސް ކަހަލަ ވިހަ
މާއްދާއަކަށް މަސައްކަތުގެ މާހައުލުން ނޫނީ ދިރިއުޅޭ މާހައުލުން ހުށަހެޅޭތޯ ވެސް
އަހައި އޮޅުން ފިލުވާނެއެވެ. ޖިސްމާނީ ގޮތުން ހަށިގަނޑު ބަލާއިރު ކަށިގަނޑު
އަޅައިގެން ފުއްޕާމޭގެ އަޑުތައް އަހައި ހަދާނެއެވެ. އާންމުގޮތެއްގައި ހަދައިފާނެ
ޓެސްޓުތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް، 2024).
އިމޭޖިންގ ޓެސްޓުތައް
(ހ) މޭގެ އެކްސްރޭ ނެގުން : ފުއްޕާމޭގެ އެކްސްރޭ އިން އާންމު ގޮތެއްގައި އެމްފަސީމާ
އާއި ގުޅިގެން ފުއްޕާމެޔަށް އަންނަ ބަދަލުތައް ފެންނަށް ހުރުމަކީ އެކަށީގެންވާ
ކަމެކެވެ. މީގެ އިތުރުން އެކްސްރޭގެ އެހީގައި ނޭވާކުރުވުން ކުރިމަތިކުރުވާ އެހެން
ސަބަބުތައް ވެސް ދެނެގަތުމަށް އެހީތެރިކަން ލިބެއެވެ. ނަމަވެސް އެމްފަސީމާ
ހުއްޓަސް ބައެއް ފަހަރު ފުއްޕާމެއިން އެއްވެސް ކަމެއް ފާހަގަ ނުވެދާނެ އެވެ
(މެޔޯކްލިނިކް، 2024).
(ށ) ސީޓީ ސްކޭން ހެދުން : ސީޓީ ސްކޭންގެ އެހީގައި އެމްފަސީމާ އާއި ގުޅިގެން
ފުއްޕާމެޔަށް އަންނަ ބަދަލުތައް ދެނެގަނެވިދާނެ އެވެ. އެމްފަސީމާ އާއި ވިދިގެން
ފުއްޕާމެޔަށް އަންނަ ބަދަލުތައް އެކްސްރޭއަށް ވުރެ މާ ތަފްޞީލްކޮށް ސީޓީ ސްކޭން ގެ
އެހީގައި ދެނެގަނެވޭނެ އެވެ. ސީޓީ ސްކޭންގެ އެހީގައި އެމްފަސީމާގެ އިތުރުން
ފުއްޕާމޭގެ ކެންސަރު ވެސް ދެނެގަނެވޭނެ އެވެ (މެޔޯކްލިނިކް، 2024).
ފުއްޕާމޭގެ މަސައްކަތް
ހުންނަގޮތް ބެލުން
ފުއްޕާމޭގެ މަސައްކަތް ހުންނަގޮތް
ބެލުމަށް ހެދޭ ބައެއް ޓެސްޓުތަކަށް ކިޔަނީ " ލަންގް ފަންކްޝަން ޓެސްޓު(lung function test) ނުވަތަ ޕަލްމޮނަރީ ފަންކްޝަން ޓެސްޓް(pulmonary function test) އެވެ. މިޓެސްޓުގެ އެހީގައި ފުއްޕާމެއިން
ވައި ނޫނީ އޮކްސިޖަން ހިފަހައްޓައިދޭ މިންވަރު އަދި ފުއްޕާމެޔަށް ވައި ވަދެ ބޭރުވާ
މިންވަރު ބެލޭނެ އެވެ. އަދި ލެޔަށް އޮކްސިޖަން އެކަށޭނަ ވަރަށް ފޯރުކޮށްދޭތޯ ވެސް
ބެލޭނެއެވެ.
އެމްފަސީމާ ދެނެގަތުމަށް ހެދޭ މިފަދަ
އެންމެ އާންމު ޓެސްޓަކީ ސްޕައިރޯމެޓްރީ(spirometry) އެވެ. ސްޕައިރޯމެޓްރީ ހަދާއިރު މެޝިނަކާއި
ގުޅިފައި އިންނަ ހޮޅިއެއް އަނގަޖަހައި ލެވޭ އެންމެ ފުންކޮށް ނޭވާލައި، ނޭވާ
ހިފަހައްޓާލަން ބުނެއެވެ. މިޓެސްޓުގެ އެހީގައި ފުއްޕާމެއިން ވައި ނޫނީ އޮކްސިޖަން
ހިފަހައްޓައިދޭ މިންވަރު އަދި ފުއްޕާމެޔަށް ވައި ވަދެ ބޭރުވާ މިންވަރު ބެލޭނެ
އެވެ. އަދި ވައިދައުރުވުން ހިފެހެއްޓިފައި ހުންނަ މިންވަރު ވެސް ބެލޭނެއެވެ.
ފުއްޕާމޭގެ މަސައްކަތް ހުންނަ ގޮތް ބެލުމަށް ހެދޭ އެހެން ޓެސްޓުތަކުގެ ތެރޭގައި
ލަންގް ވޮލިޔުމް ޓެސްޓު، ލަންގް ޑިފިއުޝަން ޓެސްޓު، ޕަލްސް އޮކްސިމެޓްރީ އަދި
ސިކްސް މިނިޓް ވޯކް ޓެސްޓު ފަދަ ޓެސްޓުތައް ހިމެނެއެވެ.
އިމޭޖިންގ ޓެސްޓުތަކާއި ފުއްޕާމޭ
މަސައްކަތްކުރާގޮތް ބެލުމަށް ހެދޭ ޓެސްޓުތަކުގެ އެހީގައި އެމްފަސީމާ ހުރިކަން
ނުވަތަ ނޫންކަން ބެލޭނެ އެވެ. މީގެ އިތުރުން ބަލީގައި ދުވަސްވާ ވަރަކަށް އަންނަ ބަދަލުތައް
އަދި ބަލީގެ ފަރުވާ އެދެވޭ ގޮތެއްގައި މަސައްކަތް ކުރޭތޯ ވެސް ބެލޭނެއެވެ.
ލެބޯޓަރީ ޓެސްޓުތައް
ލޭގެ ޓެސްޓުތަކުން އެމްފަސީމާ ކަމެއް
ޔަގީނެއް ނުކުރެވޭނެ އެވެ. ނަމަވެސް އެމްފަސީމާ ފަދައިން ނޭވާކުރުވާ އެހެން
ހާލަތްތައް ދެނެގަތުމުގައި އެހީތެރިކަން ހޯދިދާނެ އެވެ. ފަހަރުގައި ހަދައިފާނެ
ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
(ހ) އާޓަރިއަލް ބްލަޑް ގޭސް : މިޓެސްޓުގެ އެހީގައި ފުއްޕާމެއިން ލެޔަށް އޮކްސިޖަން
އަންނަ މިންވަރު އަދި ފުއްޕާމެއިން ހަށިގަނޑުން ބޭރަށް ކާބަންޑައިއޮކްސައިޑް
ބޭރުކުރާ މިންވަރު ދެނެގަނެވޭނެ އެވެ.
(ށ)
އަލްފާ-1-އެންޓިޓްރައިޕްސިން މަދުވުން ހުރިކަން ބެލުމަށް ޓެސްޓުކުރުން : އަލްފާ-1-އެންޓިޓްރައިޕްސިން މަދުވުން ކުރިމަތިވުމަށް
މެދުވެރިވާ ވިރާސީ ބަހާއަށް އަންނަ ބަދަލު ލޭގެ ޓެސްޓުގެ އެހީގައި ދެނެގަނެވިދާނެ
އެވެ.
ފަރުވާ
އެމްފަސީމާގެ ފަރުވާ ބިނާވަނީ ބަލީގެ
އުދަނގޫތައް ކުރިމަތިވެފައިވާ މިންވަރު އަދި ކުއްލިއަކަށް ބަލީގެ ހާލަތު ގޯސްވުން ކުރިމަތިވާ
ކައިރި ދުރުމިނެއްގެ މައްޗަށެވެ. އެކަށޭނަ ފަރުވާ ދެވިއްޖެނަމަ ބަލީގެ އުދަނގޫތައް
ލުއިކޮށްދީ، ބަލި އިތުރަށް ގޯސްވުން ކުޑަކޮށްދީ، ނުރައްކާތައް ކުރިމަތިވުމުގެ
ހިރާސް ދަށްކޮށްދީ ، ދޭތެރެ ދޭތެރެއިން ބަލި ގޯސްވުން ވެސް މަދުކޮށް
ކުޑަކޮށްދެއެވެ. އަދި ހަރަކާތްތެރި ހީވާގި ދިރިއުޅުމަކަށް މަގުފަހިކޮށްދެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން
ހުއްޓާލުން
އެމްފަސީމާގެ ފަރުވާގެ އެންމެ މުހިއްމު
އެއް ފިޔަވަޅަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމެވެ. ދުންފަތުގެ
އިސްތިއުމާލުކުރުން ހުއްޓާލުމަކީ އެމްފަސީމާ އިތުރަށް ގޯސްވެގެން ދިއުން ކުޑަވެ،
ނޭވާލުން ފަސޭހަވާނެ ކަމެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން
އެކަމުން ދުރުހެލިވުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.
ބޭސް ބޭނުންކުރުން
އެމްފަސީމާގެ އުދަނގޫތަކާއި،
ނުރައްކާތަކަށް ފަރުވާކުރުމަށް ތަފާތު ވައްތަރުގެ ބޭސްތައް ބޭނުންކުރެވެއެވެ.
ބައެއް ބޭސްތައް ގަވާޢިދުން ނަގަންޖެހޭ އިރު އަނެއް ބައި ބޭސްތައް ބޭނުން ޖެހުމުން
ނަގަން ޖެހިދާނެ އެވެ. އެމްފަސީމާގެ ފަރުވާގައި ދޭ ގިނަ ބޭސްތައް ދެނީ
"ނޭވާހީ" ގެ ސިފައިގައެވެ. ނޫނީ ގޮތުގައެވެ. ނޭވާހި އަކީ ކުނޑި، ނޫނީ
އާވީގެ ސިފައިގައި ނޭވާލުމުގެ ތެރެއިން ސީދާ ފުއްޕާމެޔަށް ބޭސް ފޮނުވާ
އަދަވާތެކެވެ. ނޭވާހި ފަދަ އަދަވާތްތައް ބޭނުންކުރާ ގޮތް ފަރުވާކުރާ ޑޮކްޓަރުންގެ
ކިބައިން އަހައި އޮޅުން ފިލުވުމަކީ މުހިއްމު ކަމެކެވެ(މެޔޯކްލިނިކް،2024).
އެމްފަސީމާގެ ފަރުވާގައި ދީއުޅޭ
ބޭސްތަކުގެ ތެރޭގައި އަންނަނިވި ބޭސްތައް ހިމެނެއެވެ(މެޔޯކްލިނިކް،2024).
·
ބްރޮންކޯޑައިލޭޓަރސް (bronchodilators): އާންމު ގޮތެއްގައި
ބްރޮންކޯޑައިލޭޓަރސް އަކީ ނޭވާހީގެ ސިފައިގައި ހުންނަ ބޭހެކެވެ.
ބްރޮންކޯޑައިލޭޓަރސް އަކީ ހަނިވެ، ހިމަވެފައިވާ ނޭވާހިނގާ މަގު ފުޅާވެ، ހަމައަކަށް
އަޅުވައިދޭ ބޭސް ތަކެކެވެ. މިބޭސްތަކުގެ ސަބަބުން ކެއްސުން ލުއިކޮށްދީ، ނޭވާލުން
ފަސޭހަކޮށް ދެއެވެ. އެމްފަސީމާގެ އުދަނގޫތައް ހުންނަ މިންވަރަކަށް ބަލައި، ބައެއް
ނޭވާހި ކަމެއް ކުރަން ފެށުމުން (ނޭވާކުރުވެދާނެތީ) އޭގެ ކުރިން
ބޭނުންކުރަންޖެހިދާނެ އެވެ މިއީ ކުރު މުއްދަތަކަށް އޭގެ އަސަރު ދެމިހުންނަ ބޭސް
ތަކެވެ.. އަނެއްބައި ނޭވާހި ގަވާއިދުން ކޮންމެ ދުވަހަކު (ދިގު މުއްދަތަކަށް އޭގެ
އަސަރު ދެމިހުންނަ) ބޭނުންކުރަން ޖެހިދާނެއެވެ(މެޔޯކްލިނިކް،2024).
·
އިންހޭލްޑް ސްޓީރޮއިޑްސް(inhaled steroids): ނޭވާލުމުގެ ތެރެއިން
ނޭވާހީގެ ސިފައިގައި އެތެރެކުރެވޭ ނޫނީ ބޭނުންކުރެވޭ ސްޓީރޮއިޑްގެ ސަބަބުން
ނޭވާހިނގާ މަގުގެ ދުޅަ ތިރިކޮށްދީ، ދޭތެރެ ދޭތެރެއިން ބަލި ގޯސްވުމުގެ ފުރުޞަތު
ކުޑަކޮށް ދެއެވެ. މިބޭސް ތަކަކީ ދޭތެރެ ދޭތެރެއިން ބަލި ގޯސްވާނަމަ،
ބޭނުންކުރެވިދާނެ ބޭސް ތަކެކެވެ. މިފަދަ ބޭސްތަކުގެ ސަބަބުން ދިމާވެދާނެ ނޭދެވޭ
އަސަރު ތަކުގެ ތެރޭގައި އަނގައިން ލޭހިލުން، އަނގައިގެ އިންފެކްޝަން އުފެދުން އަދި
އަޑުކުރަކިވުން ފަދަ ކަންތައްތައް ހިމެނެއެވެ(މެޔޯކްލިނިކް،2024).
·
ކޮމްބިނޭޝަން އިންހޭލަރސް(combination inhalers): މިއީ
ބްރޮންކޯޑައިލޭޓަރސް އާއި އިންހޭލްޑް ސްޓީރޮއިޑް އެއްކޮށް ތައްޔާރުކޮށްފައި ހުންނަ
ނޭވާހި ތަކެކެވެ. ބައެއް ނޭވާހި ތަކުގައި އެއްވައްތަރަށްވުރެ ގިނަ ވައްތަރުގެ
ބްރޮންކޯޑައިލޭޓަރސް އެއްކޮށް ބޭނުންކޮށްފައި ހުރެއެވެ(މެޔޯކްލިނިކް،2024).
·
އެންޓިބަޔޮޓިކްތައް : އެމްފަސީމާ އާއެކުގައި ބެކްޓީރިޔަލް އިންފެކްޝަން
މިސާލަކަށް އެކިއުޓް ބްރޮންކައިޓިސް ނުވަތަ ވައިނޮޅީގެ ކަފިދުޅަވުން، ނިއުމޯނިޔާ ފަދަ
ފުއްޕާމޭގެ އިންފެކްޝަނެއް ހުރިނަމަ، އެންޓިބަޔޮޓިކް ނަގަން ޖެހިދާނެއެވެ(މެޔޯކްލިނިކް،2024).
·
އޯރަލް ސްޓީރޮއިޑް (oral steroids): ކުއްލިއަކަށް ބަލީގެ
ހާލަތު ގޯސްވެއްޖެނަމަ، ކުރުމުއްދަތަކަށް ގުޅަ ބޭހުގެ ގޮތުގައި ސްޓީރޮއިޑް ދީފާނެ
އެވެ. މީގެ ސަބަބުން ބަލީގެ އުދަނގޫތައް އިތުރަށް ބޮޑުވަރުވެގެން ދިއުމުން
ދުރުކޮށްދެއެވެ. ދިގުމުއްދަތަކަށް ގުޅަ ބޭހުގެ ގޮތުގައި ސްޓީރޮއިޑް ނެގުމުން
ދިމާވެދާނެ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ބަރުދަން އިތުރުވުން، ހަކުރުބަލިޖެހުން،
ކަށިފީވުން، ލޯފުސްވުން އަދި އިންފެކްޝަން ގާތްގާތުގައި އުފެދުން ފަދަ
ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް،2024).
ފުއްޕާމެޔަށްދޭ ފަރުވާތައް
(ހ) ޕަލްމޮނަރީ ރިހެބިލިޓޭޝަން
(Pulmonary
rehabilitation): ޕަލްމޮނަރީ ރިހިބެލިޓޭޝަންގެ ބޭނުމަކީ އެމްފަސީމާ ހުންނަ މީހުންނަށް
ހިތްހަމަޖެހޭ ފަދަ ދިރިއުޅުމެއް ހޯދައި ދިނުމެވެ. މިޕްރޮގްރާމްގައި މައިގަނޑު
ގޮތެއްގައި ހިމެނެނީ ކިޔާދީ އޮޅުން ފިލުވައިދިނުން، ތަމްރީނުކޮށް ހޭނުވުން،
ކެއުމުގެ ލަފާދިނުން، އަދި ކައުންސެލިންގ ދިނުމެވެ. އެހެންކަމުން ޕަލްމޮނަރީ
ރިހިބެލިޓޭޝަން މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ އަންނަނިވި ކަންކަމަށެވެ
(މެޔޯކްލިނިކް،2024).
o އެމީހެއްގެ ކިބައިގައި ހުރި ފުއްޕާމޭގެ ބައްޔާއި
ބެހޭގޮތުން އިތުރަށް ހޯދުން
o ކަސްރަތުކުރުން ނޫނީ ކަސްރަތުކުރުވުން
o ބްރޭތިންގ ޓެކްނީކް އިތުރަށް ހަރުދަނާކޮށް
ރަނގަޅުކުރުން
o އިމޯޝަނަލް ސަޕޯޓް ފޯރުކޮށްދިނުން
o ނިއުޓްރިޝަނަލް ކައުންސެލިންގ ފޯރުކޮށްދިނުން (މެޔޯކްލިނިކް،2024).
ޕަލްމޮނަރީ ރިހެބިލިޓޭޝަންގެ ސަބަބުން
ނޭވާލުން ފަސޭހަކޮށްދީ، ފަސޭހަ ކަމާއެކު ކަސްރަތުކުރެވި، ހަރަކާތްތެރި
ދިރިއުޅުމެއް ހޭދަކުރުމަށް މަގުފަހިކޮށްދެއެވެ (މެޔޯކްލިނިކް،2024).
(ށ) ނިއުޓްރިޝަން
ތެރަޕީ(Nutrition
therapy) : އެމްފަސީމާ ހުންނަ މީހުންނަށް ކެއުން ބަހައްޓާނެގޮތް
ކިޔައިދީ އޮޅުން ފިލުވައިދިނުމަކީ ނޫނީ އޮޅުން ފިލުވުމަކީ މުހިއްމު ކަމެކެވެ.
އެމްފަސީމާގެ ކުރީކޮޅު ގިނަ މީހުން ބަރުދަން ލުއިކުރަން ޖެހޭއިރު، ފަހުކޮޅަށް
ދިއުމުން ބައެއް މީހުންނަށް ބަރުދަން އިތުރުކުރަން މަސައްކަތް ކުރަންޖެހެއެވެ.
އެހެންކަމުން މިކަމުގެ ލަފަޔާ އިރުޝާދު ޑައެޓީޝަނެއްގެ ފުށުން ހޯދުމަކީ ބޭނުންތެރި
ކަމެކެވެ (މެޔޯކްލިނިކް،2024).
(ނ) އޮކްސިޖަން
ތެރަޕީ(Oxygen
therapy): ނުރައްކާތެރި މިންވަރަކަށް އެމްފަސީމާ ހުރެފައި ، ލޭގެ އޮކްސިޖަންގެ
މިންވަރު ދަށްނަމަ، ގޭގައި އޮކްސިޖަން ތެރަޕީ ނަގަން ޖެހިދާނެއެވެ. އެގޮތުން
އޮކްސިޖަން ކޮންސެންޓްރޭޓަރ ފަދަ އަދަވާތެއްގެ އެހީގައި އޮކްސިޖަންގެ ފަރުވާ
ލިބިގަނެވިދާނެ އެވެ. ގޭގައި ވެސް މިގޮތަށް އޮކްސިޖަން ފޯރުކޮށްދެވެނީ މާސްކް ނޫނީ
ނޭސަލް ޕްރޮންޖް އެއް ފަދަ އެއްޗެއް މެދުވެރިކޮށެވެ. އޮކްސިޖަން ތެރަޕީގައި
ބޭނުންކުރެވޭ އެއްތަނުން އަނެއްތަނަށް އުފުލައިހެދޭ ކުދި އޮކްސިޖަން ޓޭންކް ނޫނީ
ކޮންސެންޓްރޭޓަރ މިފަރުވާ ނެގުމަށް ބޭނުންކުރެވެއެވެ. އޮކްސިޖަން ތެރަޕީ
މަސައްކަތުގައި އުޅޭއިރު، އަދި ނިދާއިރު ވެސް ބޭނުންކުރެވިދާނެ އެވެ. ބައެއް
މީހުން ދުވާލުދާ ހަތަރު ދަމު ނުވަތަ 24 ގަޑިއިރު ވެސް އޮކްސިޖަން ތެރަޕީ ކުރިޔަށް
ގެންދަން ޖެހިދާނެ އެވެ (މެޔޯކްލިނިކް،2024).
އޮކްސިޖަންގެ ފަރުވާ އިން ފުއްޕާމޭ އަށް ލިބޭ ގެއްލުން
ނުހުއްޓުވޭނެ އެވެ. ނަމަވެސް އޮކްސިޖަން ފަރުވާއިން އަންނަނިވި ކަންކަން ހާޞިލް
ކުރެވިދާނެ އެވެ.
·
ކަސްރަތުކުރުމާއި، ނޭވާލުން ފަސޭހަކޮށްދިނުން
·
އޮކްސިޖަން މަދުވެގެން ކުރިމަތިވާ އެއްވެސް ނުރައްކަލެއް ކުރިމަތިވުން
ކުޑަކުރުން ނޫނީ އެކަމުން ރައްކާތެރިކޮށްދިނުން
·
ހިތުގެ ކަނާތް ފަރާތުގެ ލޭގެ ޕްރެޝަރު ދަށްކޮށްދިނުން
·
ނިދި ރަނގަޅުކުރުވުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުން (މެޔޯކްލިނިކް،2024).
ދޭތެރެ ދޭތެރެއިން ބަލީގެ
ހާލަތު ގޯސްވުން މެނޭޖުކުރުން
ކުއްލިއަކަށް ބަލީގެ ހާލަތު
ގޯސްވެއްޖެނަމަ، އެންޓިބަޔޮޓިކް އަދި ސްޓީރޮއިޑް ގުޅަބޭހުގެ ގޮތުގައި ބޭނުންކުރަންޖެހިދާނެ
އެވެ. އަދި ހަސްފަތާލުގައި އެދުމަތިވެގެން ފަރުވާ ހޯދަން ޖެހިދާނެއެވެ. އަދި
ގޭގައި ވެސް އޮކްސިޖަން ތެރަޕީ ކުރިޔަށް ގެންދަން ޖެހިދާނެ އެވެ. ކުއްލިއަކަށް
ބަލީގެ ހާލަތު ގޯސްވެގެން ދިއުން ފަރުވާކޮށް ރަނގަޅުވުމުން މުސްތަގުބަލްގައި
އެގޮތަށް އެކަންވިޔަނުދިމަށް ފަހަރުގައި ބޭސް ބޭނުންކުރުމަށް ލަފާދީފާނެ އެވެ (މެޔޯކްލިނިކް،2024).
އޮޕަރޭޝަންކުރުން
ބަލިމީހާގެ ކިބައިގައި އެމްފަސީ ހުރި
މިންވަރަކަށް ރިއާޔަތްކޮށް އަންނަނިވި އޮޕަރޭޝަންތަކުން އޮޕަރޭޝަނެއް ކުރަން
ބުނުމަކީ އެކަށީގެންވާ ކަމެކެވެ.
(ހ) ލަންގް
ވޮލިޔުމް ރިޑަކްޝަން ސާޖަރީ (Lung
volume reduction surgery): މި ސާޖަރީގައި ހަލާކުވެފައިވާ ފުއްޕާމޭގެ މަތީބައިން ކުޑަ
ތަންކޮޅެއް(wedges) ނެގެއެވެ. މިހެން ހެދުމުން ފުއްޕާމޭގެ
ރަނގަޅަށް ހުރި ބަޔަށް މޭގެ ތެރޭގައި ފުފުމަށް ޖާގަ ހެދިގެން ނޫނީ ލިބިގެން
ދެއެވެ. އަދި ނޭވާލުމުގެ މަސައްކަތުގައި ބައިވެރިވާ މަސްތަކަށް ރަނގަޅަށް
މަސައްކަތްކުރަން ފުރުޞަތު ލިބިގެން ދެއެވެ. މިއޮޕަރޭޝަންގެ ސަބަބުން ބައެއް
މީހުންގެ ދިރިއުޅުމުގެ ހާލަތު (އެމްފަސީމާގެ ސަބަބުން އައިސްފައިވާ ބަދަލުތަކަށް
ލުއިކަން ލިބުން) ރަނގަޅުވެގެން ދެއެވެ (މެޔޯކްލިނިކް،2024).
(ށ) އެންޑޯސްކަޕިކް
ލަންގް ވޮލިޔުމް ރިޑަކްޝަން (Endoscopic
lung volume reduction): މިއީ އެމްފަސީމާ ހުންނަ މީހުންނަށް ފަރުވާކުރުމަށް ހެދޭ
އިޖުރާއާތެކެވެ. މިއިޖުރާއާތަށް އެންޑޯބްރޮންކިއަލް ވޭލް ސާޖަރީ(endobronchial valve surgery) އޭ ވެސް ކިޔައެވެ. މިއިޖުރާއާތުގައި
އެއްކޮޅަށް ވައި ދައުރުވާގޮތަށް އިންނަ ކުޑަ އެންޑޯބްރޮންކިއަލް ވޭލް އެއް
ފުއްޕާމޭގެ ތެރޭގައި ހަރުކުރެވެއެވެ. ހަލާކުވެފައިވާ ފުއްޕާމޭގެ ބައިން ވައި ވޭލް
މެދުވެރިކޮށް ބޭރުވެއެވެ. ނަމަވެސް އާ ވައި ނުވަތަ ވައެއް ފުއްޕާމޭގެ ތެރެއަކަށް
ނުވަންނާނެ އެވެ. މިހެންވުމުން ފުއްޕާމެއިން އެންމެ ހަލާކުވެފައިވާ ހިސާބު ހިނދި،
ރަނގަޅަށް ހުރި ހިސާބަށް ފުފި ދެމުމަށް ޖާގަ ލިބިގެންދެއެވެ (މެޔޯކްލިނިކް،2024).
(ނ) ބުލެކްޓަމީ
(Bullectomy): އޮޕަރޭޝަންކޮށްގެން
ފުއްޕާމޭގައި އުފެދޭ "ވައިހުރި ބޮޑެތި ހުސްތަން"(large air space) ، ނުވަތަ
"ބުލޭ"(bullae) ނަގައެވެ. ނޫނީ ނައްތާލައެވެ. ފުއްޕާމޭގެ
ތެރޭގައި މިގޮތަށް މިފަދަ ބޮޑެތި "އެއަރ ސްޕޭސް"(air space) އުފެދެނީ
ފުއްޕާމޭގެ ތެރޭގައި ހުންނަ ވައިކޮތަޅު(alveoli)ތަކުގެ އެތެރޭ ފާރަށް ގެއްލުންވުމުންނެވެ. އާންމު
ގޮތެއްގައި މިހެންވުމުން ކުދިކުދި ވަކިވަކި ވައިކޮތަޅު ތަކުގެ ބަދަލުގައި
ފުއްޕާމޭގައި ބޮޑު އެއް ވައިކޮތަޅު އުފެދެއެވެ.މިގޮތަށް އުފެދޭ ބޮޑު އެއަރ ސްޕޭސް
ގެ ސަބަބުން ފުއްޕާމޭ ނޭވާލުމުގެ ތެރޭގައި ފުފެން އޮންނަ ޖާގަ ކުޑަވެގެން ދެއެވެ(މެޔޯކްލިނިކް،2024).
(ރ) ފުއްޕާމޭ
ބަދަލުކުރުން (Lung
transplant): ވަކި ޚާއްޞަ ކަންތައްތަކެއް ފުރިހަމަވާނަމަ ފުއްޕާމޭ
ބަދަލުކުރުމަކީ އެމްފަސީމާ ހުންނަ ބައެއް މީހުންނަށް ފޯރުކޮށްދެވޭ އިޚްތިޔާރެކެވެ.
ފުއްޕާމޭ ބަދަލުކުރުމަކީ ނޭވާލުން ފަސޭހަވެ، ހަރަކާތްތެރި ދިރިއުޅުމެއް
ހޭދަކުރެވޭނެ ކަމެކެވެ. ނަމަވެސް ގުނަވަނެއް ބަދަލުކުރުމަކީ ހަށިގަނޑަށް ލެއްވުނު
ގުނަވަނަށް ހަށިގަނޑު ދެކޮޅު ހެދުން ފަދަ ނުރައްކާތައް އޮންނާނެ ކަމެކެވެ (މެޔޯކްލިނިކް،2024).
ދިރިއުޅުމަށް ގެނެވިދާނެ
ބަދަލުތަކާ އަމިއްލައަށް ކުރެވިދާނެ ކަންތައްތައް
އެމްފަސީމާ ހުރިނަމަ ބަލި އިތުރަށް
ގޯސްވުމުން ދުރުކޮށް، ބަލީގެ ނުރައްކާތައް މެދުވެރިވިޔަ ނުދިމަށް އަންނަނިވި
ކަންތައްތައް ކުރެވިދާނެއެވެ.
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ބައްޔަށް މަގުފަހިވާ ވިހަތަކަށް ހުށަހެޅުމުން ދުރުހެލިވުން
·
ނޭވާލުން ރަނގަޅުކުރުމަށް މަސައްކަތްކުރުން
·
ގަވާޢިދުން ކަސްރަތުކުރުން
·
ފައިދާހުރި ކާނާ ބޭނުންކުރުން
·
ޞިއްޙީ އެހީތެރިންގެ އިރުޝާދާ ލަފާ ހޯދުން
·
ނޭވާލާ ނިޒާމަށް ޖެހޭ ރޯގާތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުން
·
ފިނިވައިގެ ތެރޭގައި ގިނައިރު ނުއުޅުން (މެޔޯކްލިނިކް،2024).
ރައްކާތެރިވުން
އެމްފަސީމާ އިން ރައްކާތެރިވުމަށް ނޫނީ
ބަލި އިތުރަށް ގޯސްވިޔަ ނުދިނުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·
ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން
·
ދުންފަތުގެ ދުމުން ރައްކާތެރިވުން
·
އާންމުކޮށް ބޭރުތެރޭގައި އުޅޭއިރު މާސްކުއެޅުން
·
މަސައްކަތުގެ މާހައުލުގައި ރައްކާތެރިވުމުގެ ގޮތުން
އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
·
ވައިނުސާފުވުމުން ރައްކާތެރިވުމަށް މަސައްކަތްކުރުން (މެޔޯކްލިނިކް،2024).
ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ
ލިޔުމެކެވެ.
މައުލޫމާތު
· https://my.clevelandclinic.org/health/diseases/9370-emphysema

No comments:
Post a Comment