Thursday, October 27, 2011

ހަޖަމުކުރާ ނިޒާމް

   
ހަޖަމުކުރާ ނިޒާމް
ހަޖަމުކުރާ ނިޒާމް (Gastrointestinal tract) އަކީ އިންސާނާގެ ހަށިގަނޑުގައި އިންސާނާ ކެއުމުގައި ބޭނުންކުރާ ކާނާގެ ބާވަތްތައް ހަޖަމުކޮށްދޭ ނުވަތަ ހަޖަމުކުރުވާ ނިޒާމެވެހަޖަމުކުރާ ނިޒާމްގެ މައިގަނޑު މަސައްކަތަކީ ކާތަކެތި ހަޖަމުކުރުމާއި، ހަށިގަނޑަށް ބޭނުންނުވާ ބައި ހަށިގަނޑުން ބޮޑު ކަމުދާ ތަކެތީގެ ސިފައިގައި ބޭރު ކުރުމެވެ.

އާދައިގެ ފިރިހެނެއްގެ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ބައިތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 6.5 މީޓަރު (20ފޫޓް) އެވެ. އަދި ހަޖަމުކުރާ ނިޒާމް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ހަޖަމުކުރާ ނިޒާމްގެ މަތީބައި(Upper gastrointestinal tract)،އަދި ހަޖަމުކުރާ ނިޒާމްގެ ތިރީބައި( Lower gastrointestinal tract)އެވެ. އެމްބްރިޔޮލޮޖިކަލް ގޮތަށް ބަލާއިރު ހަޖަމުކުރާ ނިޒާމް 3 ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ކުރީބައި(Foregut)، މެދުބައި(Midgut)، އަދި ފަހަތު ބައި( Hindgut) އެވެ.

ހަޖަމުކުރާ ނިޒާމްގެ މަތީބައި
ހަޖަމުކުރާ ނިޒާމްގެ މަތީބައި ނުވަތަ (Upper Gastrointestinal tract) އެކުލެވިގެންވަނީ އަނގަ،އަރުތެރެ ، ކާތަކެތި ހިގާ ހޮޅި،އަދި މައިދާ، ނުވަތަ ބަނޑު ގެ މައްޗަށެވެ.
 އަނގަ
އަނގަ (Mouthލެއްޕިފައި އިންނަނީ ދެތުންފަތުގެ އެހީގައެވެ. ހަޖަމުކުރުމުގެ މަސައްކަތް ފެށިގެން އަންނަނީ އަނގައިގެ ތެރޭގައި ކާތަކެތި ހަފަން ފަށާ ހިސާބުންނެވެ. އަނގައިގެ ތެރޭގައިވާ ތެތް ދުލިފަށަލައިގައި ކުޅުބޭރުކުރާ ގޮށް (Salivary glands)ވެއެވެ. މީގެ އިތުރުން ދޫ އަދި ދަތްތައް ހުރެއެވެ.

އަރުތެރެ
އަރުތެރެ (Pharynxއަކީ އަނގަ، އަދި ނޭފަތުގެ ހޮއިގެ ފަހަތުން ކާތަކެތި ހިގާ ހޮޅި، ލަގޮނޑި(އަޑުފޮށި)، އަދި ވައި ނޮޅީގެ މަތިން އިންނަ ބައެކެވެ. އަރަކީ ކަރު އަދި ކަރުތެރޭގެ ބައެއްގެ ގޮތުގައި ބެލެވޭ ތަނެކެވެ. މިއީ އަނގައިގެ ފަހަތުގައި ކާތަކެތި ހިގާހޮޅިއާއި އަނގަޔާއި ދެމެދުގައި ވާބައެވެ. ނުވަތަ މިދެބައި ގުޅުވާލަދޭ ބައެވެ. ދިވެހި ބަހުން އަރު ވެސް ކިޔަނީ މިހިސާބަށް ކަމަށް ލަފާކުރެވެއެވެ.

އަރުތެރެ އަކީ ހަޖަމުކުރާ ނިޒާމް، އަދި ނޭވާލާ ނިޒާމްގައި ވެސް ޝާމިލްވާ ޓިޝޫއެކެވެ. ކާނާ އަދި ވައި އަރުތެރެ ހުރަސްކޮށް ދައުރުވާތީ ކާތަކެތި ކާއިރު ވައި ނޮޅި ނިވާކޮށް ފޮރުވާލުމަށްޓަކައި ''އެޕިގްލޮޓިސް'' އޭ ކިޔޭ ކަނެކްޓިވް ޓިޝޫ ފޮއްޗެއް ވައި ނޮޅީގެ މަތިން އިދެއެވެ. މިގޮތަށް ނިވާކޮށް ފޮރުވާލުމުން ކާތަކެތި ނޭވާލާ ނިޒާމް އަަށް ދިއުން މަނާކޮށް ދެއެވެ. އަދި މީގެ އިތުރުން ވާހަކަ ދެއްކުމުގައި ތަފާތު އަޑުތައް ލެއްވުމުގައި އަރުތެރެ މުހިއްމު ދައުރެއް އަދާކުރެއެވެ.

ކާތަކެތި ހިގާ ހޮޅި
ކާތަކެތި ހިގާ ހޮޅި ނުވަތަ (Esophagus) އަކީ އަރުތެރެއިން މައިދާއަށް ކާތަކެތި ގެންގޮސްދޭ ހޮޅިއެވެ. ކާތަކެތިހިގާހޮޅި ފެށިފައިއިންނަނީ''ލަގޮނޑިޔާގުޅޭ އަރުތެރެ''(Laryngopharynx) ނިމޭ ހިސާބުންނެވެ. ނުވަތަ އަރުތެރޭގެ މިބުނިބައިން ދެމިފައިވާ ހޮޅިއެއްގެ ސިފައިގައެވެ. ކާތަކެތި ހިގާ ހޮޅި އިންނަނީ ކަރު ހިމެނޭ ހިސާބުގައި ހުންނަ މައިބަދައިގެ 6 ވަނަ ކަށިކޮޅާ ނުވަތަ ބަދަޔާ ހިސާބުންނެވެ. ކާތަކެތި ހިގާ ހޮޅިިން ފެށިގެން މައިދާ،ނުވަތަ ބަނޑާއި ހަމައަށް ކާތަކެތި ފޯރަނީ ''ޕެރިސްޓަލްސިސް''(Peristalsis) އޭ ކިޔޭ ހަރަކާތެއްގެ އެހީގައެވެ.

މައިދާ
މައިދާ (Stomach) އަކީ ތޮޅިއެއްގެ   ބައްޓަމަށް އެތެރެ ހުސްކޮށްއޮންނަ މަޑު މަސް ނުވަތަ ހޮޅި މަހުން (Smooth Muscle) އުފެދިފައިވާ ގުނަވަނެކެވެ. ކާތަކެތި ހަފައި ދިރުވުމަށްފަހު، އަންނަ ހަޖަމުކުރުމުގެ ދެވަނަ މަރުޙަލާ ފުރިހަމަ ކުރަނީ މައިދާގެ ތެރޭގައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރާ ގެސްޓްރިކް، ގެސްޓްރޯ(Gastric/Gastro)މިބަސްތަކުން ދޭހަކޮށްދެނީ ''ބަނޑާއި ގުޅުންހުރި''، ނުވަތަ ''މައިދާއާ ގުޅުންހުރި'' މިހެންނެވެ.
ނޯޓް:- މައިދާ، ނުވަތަ ބަނޑު  ނިމޭ ހިސާބުން ދެން ފެށެނީ ކުޑަ ގޮހޮރު އެވެ. މިހިސާބުން ތިރީގައިވަނީ ހަޖަމުކުރާ ނިޒާމްގެ ތިރީބައިގެ ބައިތަކެވެ.

 ހަޖަމުކުރާ ނިޒާމްގެ ތިރީބައި
ހަޖަމުކުރާ ނިޒާމްގެ ތިރީބައި  (Lower Gastrointestinal tract) އެކުލެވިގެންވަނީ ހިމަގޮހޮރު ނުވަތަ ކުޑަގޮހޮރު (Small intestine)،ބޮޑު ގޮހޮރު (Large intestine)، ފުރަގަސްފަރާތް(Rectum) އަދި ފުރަގަސް ފަރާތު ދޮރު (Anus)ގެ މައްޗަށެވެ.

ހިމަގޮހޮރު
ހިމަގޮހޮރު (Small intestine) އަކީ ހަޖަމުކުރާ ނިޒާމް ގައި މައިދާ،އަދި ބޮޑު ގޮހޮރާ ދެމެދުގައިވާ ގުނަވަނެކެވެ. ހިމަގޮހޮރަށް ބައެއް ފަހަރު "ކުޑަގޮހޮރު" މިހެން ވެސް ކިޔައެވެ.
ހިމަގޮހޮރު އެކުލެވިގެންވަނީ 3 ބައެއްގެ މައްޗަށެވެ. އެއީ:-
·       ހިމަ ގޮހޮރު ގެ ފުރަތަމަ ބައި ނުވަތަ ޑޫއަޑިނަމް
·       ހިމަ ގޮހޮރު ގެ މެދުބައި ނުވަތަ ޖެޖޫނަމް
·       ހިމަ ގޮހޮރު ގެ ފަހުބައި ނުވަތަ އިލިއަމް

ހިމަގޮހޮރު ގެ ފުރަތަމަ ބައި
ހިމަގޮހޮރުގެ ފުރަތަމަ ބައި (Duodenum) އަކީ  މައިދާ އާއި، ހިމަގޮހޮރުގެ މެދުބައި ގުޅުވައިދޭ ހޮޅިއެވެ. މިއީ ހިމަގޮހޮރުގެ އެންމެ ކުރު އަދި އެންމެ ފުރަތަމަ ބައި ވެސް މެއެވެ. އިގިރޭސި ''ސީ'' (C) އަކުރުގެ ބައްޓަމަން އިންނަ މިބަޔަކީ ގިނަ ކެމިކަލް މާއްދާތައް ހަޖަމުކޮށް ހަށިގަނޑަށް ބޭނުން ބައި ނަގައިދޭ ތަނެވެ. މިބަޔަށް ކުޑަގޮހޮރުގެ ފުރަތަމަ ބައި މިހެން ވެސް ކިޔައެވެ.

 ހިމަގޮހޮރު ގެ މެދުބައި
ހިމަގޮހޮރުގެ މެދުބައި (Jejunum) އަކީ  ހިމަގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން މެދަށް އިންނަ ބައެވެ. ނުވަތަ ހިމަގޮހޮރުގެ ފުރަތަމަ ބަޔާއި، ހިމަގޮހޮރުގެ ފަހުބަޔާއި، ގުޅުވައިދިނުމަށް، އެދެމެދުގައިވާ ބައެވެ. ފުރާ ފުރިހަމަ އިންސާނެއްގެ ހިމަގޮހޮރުގެ ދިގުމިނަކީ 7-4 މީޓަރު ވަރެވެ. އޭގެތެރެއިން 2.5 މީޓަރު ހުންނަނީ ހިމަގޮހޮރުގެ މެދުބައި ގައެވެ. ހިމަގޮހޮރުގެ މެދުބައިގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. ކާތަކެތި މިބައިގެ ތެރޭގައި ދައުރުވުން ފަސޭހަކުރުމަށްޓަކައި ގުދުރަތީ ގޮތުން މިބައިގެ ފާރުގައި މަސްފަށަލައެއް ލެވިފައި ވެއެެވެ. މިބަޔަށް ކުޑަގޮހޮރުގެ މެދުބައި މިހެން ވެސް ކިޔައެވެ.

 ހިމަގޮހޮރު ގެ ފަހުބައި
ހިމަގޮހޮރު ގެ ފަހުބައި (Ileum) އަކީ  ހިމަ ގޮހޮރު ބެހިފައިވާ 3 ބައިގެ ތެރެއިން އެންމެ ފަހު ބައެވެ.. އިންސާނުންގެ ހިމަގޮހޮރުގެ ފަހުބައިގެ ދިގުމިނުގައި 4-2މީޓަރު ވަރު ހުރެއެވެ.ބޮޑު ގޮހޮރު ގެ ބައެއް ކަމުގައިވާ ސީކަމް އާއި، އިލިއަމް ވަކިކޮށްދެނީ ''އިލިއޯސީކަލް ވޭލް''(Ileocecal valve) އިންނެވެ. ހިމަގޮހޮރުގެ ފަހުބައިގެ ޕީއެޗް ހުންނަނީ 8-7 އާއި ދެމެދުގައެވެ. މިބަޔަށް ކުޑަގޮހޮރުގެ ފަހުބައި މިހެން ވެސް ކިޔައެވެ.

ބޮޑު ގޮހޮރު
ބޮޑު ގޮހޮރު (Large intestine) އަކީ  ހަޖަމުކުރާ ނިޒާމްގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު (Colon)އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ބޮޑު ގޮހޮރު ގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.

ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ ''އިލިއެކް ސަރަހައްދު''(Iliac region) އިންނެވެ. ބޮޑު ގޮހޮރުގައި ހިމެނޭ މައިގަނޑު ދެބަޔަކީ ސީކަމް އަދި ފަލަ ގޮހޮރެވެ. ބޮޑު ގޮހޮރުގެ ދިގުމިނުގައި 1.5 މީޓަރު ހުރެއެވެ. ބޮޑު ގޮހޮރުގެ އެތެރޭގެ ހުރަސް ދިގު ވަށަމިން ކުޑަ ގޮހޮރަށްވުރެ އެތަކެއް ގުނައެއް ފުޅާވާނެއެވެ.

ބޮޑު ގޮހޮރު ގައި ސީކަމް އިން ފެށިގެން ހުރަސް ފަލަ ގޮހޮރުގެ މެދާއި ހަމައަށް އިންނަ ބަޔަށް ކަނާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. އަދި ހުރަސް ފަލަ ގޮހޮރުގެ މެދުން ފެށިގެން ގޮސް ސިގްމޮއިޑް ގޮހޮރުގެ ނިޔަލަށް އިންނަ ބަޔަށް ވާތު ގޮހޮރު މިހެން ކިޔައި އުޅެއެވެ. ބޮޑު ގޮހޮރުގެ ޕީއެޗް ހުންނަނީ 7-5.5 އާއި ދެމެދުގެ މިންވަރެއްގައެވެ.

 ބޮޑު ގޮހޮރު އެކުލެވިގެންވަނީ 2 ބައެއްގެ މައްޗަށެވެ. އެއީ:-
·       ސީކަމް : ބޮޑުގޮހޮރުގެ ފެށޭބައި ނުވަތަ ފަލަގޮހޮރުގެ ފުރަތަމަ ބައި
·       ފަލަގޮހޮރު : މައިގަނޑު 4 ބަޔަކަށް ބެހިގެންދެއެވެ. އެއީ:-
-         ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި
-         ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި
-         ފަލަގޮހޮރުން މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި
-         ސިގްމޮއިޑް ގޮހޮރު : ފަލަގޮހޮރުގެ ފަހުބައި

ސީކަމް
ބޮޑު ގޮހޮރުގެ ފެށޭބައި ނުވަތަ ފަލަގޮހޮރުގެ ފުރަތަމަ ބައި ނުވަތަ ސީކަމް (Cecum) އަކީ ކުޑަ ގޮހޮރުގެ ފަހުބައި "އިލިއަމް" އާއި ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި ގުޅުވައިދޭ ކޮތަޅެއް ފަދަ ގުނަވަނެކެވެ. ބޮޑު ގޮހޮރު ގެ ފެށޭބައި ކަމުގައި ބެލެވިފައިވާ ސީކަމް އާއި އިލިއަމް ވަކިކޮށްދެނީ ''އިލިއޯސީކަލް ވޭލް''(Ileocecal valve) އިންނެވެ.

އެޕެންޑިކްސް
އެޕެންޑިކްސް(Appendix)  އަކީ ސީކަމްގެ ފަހަތުން ހަށިގަނޑުގެ މެދާ ކައިރިވީ ފަރާތުގައި އިލިއޯސީކަލް ވޭލް އަށްވުރެ 1 އިންޗި ތިރިން ސީކަމްގެ ތެރެއަށް ހުޅުވިފައި އިންނަ ވަރަށް ހަނި ފަންޏެއް ފަދަ ހޮޅި އެކެވެ. އާންމު ގޮތެއްގައި މިބުނި ގޮތަށް ސީކަމްގެ ފަހަތުން ސީކަމްގެ ތެރެއަށް އެޕެންޑިކްސް ހުޅުވިފައި އިންނަނީ 74 އިންސައްތަ މީހުން ގެއެވެ. 21 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ޅިނދުގެ ތެރޭގައެވެ. 3.5 އިންސައްތަ މީހުންގެ އެޕެންޑިކްސް އިންނަނީ ސީކަމްގެ ދަށުގައެވެ.

ފަލަގޮހޮރު
ފަލަގޮހޮރު (Colon) އަކީ  ބޮޑު ގޮހޮރުގެ ބައެކެވެ. މިޒަމާނުގައި ފަލަ ގޮހޮރު( Colon) އަށް ބޮޑު ގޮހޮރު އޭ ވެސް ކިޔައެވެ. އެއީ ބޮޑު ގޮހޮރު ގެ މައިގަނޑު ބަޔަކީ ފަލަ ގޮހޮރު ކަމަށްވާތީ އެވެ. ފަލަ ގޮހޮރުގެ މައިގަނޑު މަސައްކަތަކީ ހަޖަމުނުކުރެވި ހުންނަ ބައިގައިހުރި ފެން އަބުރާ ހަށިގަނޑަށް ދެމުމާއި، ހަޖަމު ނުކުރެވި ހުރި ތަކެތި ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބެހެއްޓުމެވެ.

ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި
ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބައި(Ascending colon) އަކީ  ފަލަ ގޮހޮރު ގައި ސީކަމް އިން ފެށިގެން މައްޗަށް އަރަމުން ގޮސް ''ހެޕަޓިކް ފްލެކްޝަރ''(Hepatic flexure) އާއި ދެމެދުގައިވާ ބައެވެ. މިބައިގެ ގެ ދިގުމިނުގައި 12.5 ސެންޓިމީޓަރު ހުރެއެވެ. ބޮޑު ގޮހޮރު ފެށެނީ ކަނާތު އުނަގަނޑުގެ ތިރީބައިގައި ޅިނދުގެ ''އިލިއެކް ސަރަހައްދު''(Iliac Region)އިން ކަމަށްވުމާއި، އަދި ސީކަމް އަކީ ބޮޑު ގޮހޮރު ފެށޭ ބައި ކަމަށްވުމާއި ފަލަ ގޮހޮރު އޮންނަނީ ސީކަމް އާއި ޖެހިގެންކަމަށްވާތީ ފަލަގޮހޮރުން ތިރިން މައްޗަށް ގޮސްފައި އޮންނަ ބަޔަކީ،ފަލަ ގޮހޮރުގެ ބަޔަކަށްވާތީ ، މިބައި އޮންނާނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. ފަލަގޮހޮރުގެ މިބައިގެ މަސައްކަތް ކޮންޓްރޯލްކުރަނީ ''ވޭގަސް ނާރު''(en|Vagus Nerve) ގެ ''ސިމްޕަތެޓިކް ނާރު ފައިބަރު" ތަކުންނެވެ.

ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި
ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި (Transverse colon) އަކީ  ފަލަ ގޮހޮރުގައި ''ހެޕަޓިކް ފްލެކްޝަރ''(Hepatic flexure)އާއި، ''ސްޕްލެނިކް ފްލެކްޝަރ''(Splenic flexure) އާއި ދެމެދުގައިވާ ބައެވެ. އެހެންކަމުން ފަލަގޮހޮރުގެ މިބައި އޮންނަނީ ހަށިގަނޑުގެ ކަނާތް ފަރާތުން ވާތް ފަރާތަށް ވާގޮތަށެވެ. ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބައި ގެ ކުރިމަތިން މައިދާއާއި ފަލަގޮހޮރުގެ މިބައި ވަނީ ''ގްރޭޓަރ އޮމެންޓަމް''(Greater Omentum)ކިޔާ ''ޕެރިޓޯނިއަލް ފޯލްޑް'' އަކުން ގުޅިފައެވެ. ފަލަގޮހޮރުން ހުރަހަށް ވާގޮތަށް އޮންނަ ބަޔަކީ ފަލަ ގޮހޮރުގައި ހިމެނޭ އެންމެ ދިގު އަދި އެންމެ ހަރަކާތްކުރާ ބައެވެ

ފަލަގޮހޮރުން މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި
ފަލަގޮހޮރުން މަތިން ތިރިއަށް ގޮސްފައި އޮންނަ ބައި (Descending colon) އަކީ  ފަލަ ގޮހޮރު ގައި ''ސްޕްލެނިކް ފްލެކްޝަރ''(Splenic flexureއިން ފެށިގެން ތިރިއަށް ފައިބަމުން ގޮސް  ސިގްމޮއިޑް ގޮހޮރު ގެ ފެށުމާއި ހަމައަށްވާ ބައެވެ. ފަލަގޮހޮރުގެ މިބައި އޮންނަނީ ހަށިގަނޑުގެ ވާތް ފަރާތުގައެވެ.

ސިގްމޮއިޑް ގޮހޮރު
ސިގްމޮއިޑް ގޮހޮރު (Sigmoid colon) އަކީ  ފަލަ ގޮހޮރުގެ ފަހު ބައެވެ. ނުވަތަ ފަލަ ގޮހޮރު ގައި  ތިރިއަށްފައިބާ ގޮހޮރުގެ  ނިމޭ ހިސާބުން ފެށިގެން ފުރަގަސް ފަރާތާއި، ދެމެދުގައިވާ ބައެވެ. ސިގްމޮއިޑް ގޮހޮރު އިންނަނީ އިގިރޭސި އަކުރު ''އެސް''(S) ގެ ބައްޓަމަށެވެ. ސިގްމޮއިޑް ގޮހޮރު ގެ ފާރުގައި މަޑު މަސް ނުވަތަ ހޮޅިމަހުގެ ފަށަލައެއް ވެއެވެ. މި މަސް ފަށަލަ ކުރުގެޅި ވާންވުމުން،ފަލަ ގޮހޮރުގެ އެތެރޭގެ ޕްރެޝަރު މަތިވެ، ބޮޑުކަމުދާ ތަކެތި ފުރަގަސް ފަރާތަށް އެޅޭގޮތް ވެއެވެ.

ފުރަގަސް ފަރާތް
ފުރަގަސް ފަރާތް (Rectum) އަކީ ފަލަގޮހޮރު ނިމިގެން ހަޖަމުކުރާ ނިޒާމްގައި ފުރަގަސް ފަރާތު ދޮރާާއި ދޭތެރޭގައި އިންނަ ބައެކެވެ. ބޮޑުކަމުދާ ތަކެތި ބޭރުކުރަން ޖެހެންދެން އެތަކެތި ޖަމާވެފައި ހުންނަނީ ފުރަގަސް ފަރާތު ގައެވެ. އިންސާނުންގެ ފުރަގަސް ފަރާތުގެ ދިގުމިނަކީ 12 ސެންޓިމީޓަރު އެވެ.

ފުރަގަސް ފަރާތު މަގު
ފުރަގަސް ފަރާތު މަގު( Anal canal) އަކީ ހަޖަމުކުރާ ނިޒާމްގެ އެންމެ ފަހަތަށް އިންނަ ބައެވެ. ފުރަގަސް ފަރާތު މަގު އިންނަނީ ޕެލްވިކް ޑައިއަފްރަމްގެ ތިރިން، ފުރަގަސް ފަރާތާއި، ފުރަގަސް ފަރާތު ދޮރާއި، ދެމެދުގައެވެ. ފުރަގަސް ފަރާތު މަގުގެ ދިގުމިނަކީ ގާތްގަނޑަކަށް 4-2.5 ސެންޓި މީޓަރާއި ދެމެދުގެ ދިގުމިނެކެވެ. އެހެންކަމުން މިބައި ފެށިފައި އިންނާނީ ފުރަގަސް ފަރާތު މަގާއި، ފުރަގަސް ފަރާތް ގުޅޭ ކަނުން ނުވަތަ ހިސާބުންނެވެ. ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރަށެވެ. އަދި މިބައިގެ މަތިން އިންނާނީ ފުރަގަސް ފަރާތެވެ. އަދި ތިރިން ގޮސް ނިމިފައި އިންނާނީ ފުރަގަސް ފަރާތު ދޮރަށެވެ.

ފުރަގަސް ފަރާތު ދޮރު
ފުރަގަސް ފަރާތު ދޮރު (Anus) އަކީ ފުރަގަސް ފަރާތް (Rectumއިން ބޭރަށް ހުޅުވިފައި އިންނަ ދޮރެވެ. ނުވަތަ ބޮޑުކަމުދާ ތަކެތި ބޭރުވާ ލޯ ވަޅުއެވެ. ފުރަގަސް ފަރާތު ދޮރު ހުޅުވިި ފޭވެ، ކައިރިވެ، ދިއުން ކޮންޓްރޯލް ކުރަނީ ފުރަގަސް ފަރާތު ދޮރުގެ ވަށައިގެން ހުންނަ ''އޭނަލް ސްފިންކްޓަރ" އޭކިޔޭ މަސްކޮޅު ތަކުންނެވެ. ފުރަގަސް ފަރާތު ދޮރުގެ މައިގަނޑު ވަޒީފާ އަކީ ބޮޑު ކަމުދިއުމުގެ ތެރޭގައި ބޮޑު ކަމުދާ ތަކެތި ފުރަގަސް ފަރާތު ދޮރު ހުރަސް ކޮށް ހަށިގަނޑުން ބޭރު ކުރުމެވެ.

ހަޖަމުކުރާ ނިޒާމްގައި ހިމެނޭ އެހެން ގުނަވަންތައް
މޭ
މޭ ނުވަތަ މޭގަނޑު (Liver) އަކީ  އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް(Metabolism)   ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(Glycogenރައްކާކުރުން، ''ޕްލާޒްމާ ޕްރޮޓީން''(Plasma proteinއުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.

މޭގަނޑުގެ ބޮޑުބައި އޮންނަނީ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭ ގުޅޭ ހިސާބުގައެވެ. ފުރަމޭ އިން "ބައިލް'' ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ''ހެޕަޓިކް، ހެޕަޓޯ''(Hepatic/Hepato) ފަދަ ބަސްތަކުން ދޭހަކޮށްދެނީ މެޔާއި ނުވަތަ މޭގަނޑާ ގުޅުންހުރި މިހެންނެވެ.

ފިތް
ފިތް (Gall bladder) އަކީ އިންސާނާގެ ފުރަމޭގެ ތެރޭއަށް ފެތި، ނާސްޕާތީ ބައްޓަމަށް އިންނަ ގުނަވަނެކެވެ. މި ގުވަނުވަނުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ''ބައިލް'' ރައްކާކޮށްފައި ހުރެއެވެެ.10-7 ސެންޓިމީޓަރުގެ ދިގުމިން އެވްރެޖްގޮތެއްގައި ހުންނަ ފިތް އިންނަނީ ގަދަ ފެހި ކުލައިގައެވެ. ތަފާތު ދެމަގަކުން ފިތް އިންނަނީ މޭ، އަދި ހިމަ ގޮހޮރުގެ ފުރަތަމަ ބަޔާއި ގުޅިފައެވެ.

 ޗިސްމޭ
ޗިސްމޭ (Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެއް ވެސް މެއެވެ. އެންޑަކްރިން ގްލޭންޑް (Endocrine gland) އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް (Exocrine gland) އެއްގެ ގޮތުގައި ބެލެވެނީ ހަޖަމުކުރާ އެންޒައިމްތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ.  

ހަޖަމުކުރާ ނިޒާމްގެ ބައިތައް މައިކްރޮސްކޯޕުން ބެލުމުން ފެންނާނެ ބައިތައް
ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު ހަޖަމުކުރާ ނިޒާމްގެ ބައިތައް އުފެދިފައިވަނީ ޖެހިޖެހިގެން އިންނަ 4 ފަށަލަ އެއް ގުޅިގެންނެވެ. މިގޮތުން އެކުލެވިގެންވާ ފަށަލަތައް ތިރީގައި މިވަނީ އެވެ.
·       ތެތް ދުލިފަށް : ތެތް ދުލިފަށް  (Mucosa) އަކީ  އެންމެ އެތެރެއިން ލެވިފައިވާ ފަށަލަ އެވެ. ހަޖަމުކުރާ ނިޒާމްގެ ގުނަވަނެއް ހުރަހަށް ކަނޑާ ލުމަށްފަހު ނުވަތަ ބުރިކޮށްލުމަށްފަހު ހިސްޓޮލޮޖިކަލް ގޮތުން މައިކްރޮސްކޯޕެއްގެ އެހީގައި ހުރަހަށް ކަނޑާލެވުނު ބައި ބަލާނަމަ އެންމެ އެތެރެއިން ފެންނަ ފަށަލަ( މިސާލަކަށް ކާތަކެތި ހިގާހޮޅި ނަމަ ކާތަކެތި ހިގާ މަގާ އެންމެ ކައިރިއަށް ) އަކަށް ވާނީ މިފަށަލައެވެ. އިންސާނުންގެ ހަށިގަނޑަށް އެތެކުރާ ކާތަކެތި ހަޖަމުކުރާ ނިޒާމްގެ ތެރެއިން ދައުރުވާއިރު އެކާތަކެތި ބީހޭނީ އެންމެ މައްޗަށް އިންނަ މިފަށަލައިގައެވެ. ހަށިގަނޑަށް ބޭނުންވާ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުން ނުވަތަ ދެމުން އަދި ހަޖަމުކުރާ ނިޒާމްގެ ބައިތަކުން ތަފާތު މާއްދާތައް ހަޖަމުކުރާ ނިޒާމްގެ މަގުގެ ތެރެއަށް ( ބަނޑު ތެރެއަށް، ގޮހޮރުގެ ތެރެއަށް ) ދޫކުރުން ފަދަ މަސައްކަތްތައް ކުރަނީ މިފަށަލައިންނެވެ.
ތެތް ދުލިފަށުގެ ފަށަލަ ވެސް އަދި އިތުރު 3 ބަޔަކަށް ބެހެއެވެ. އެއީ އެފިތީލިއަމް، ލެމިނާ ޕްރޮޕްރިއާ، އަދި މަސްކިއުލާރިސް މިއުކޯސާ އެވެ. ނުވަތަ ތެތް ދުލިފަށުގައި ހިމެނޭ މަސްފަށަލަ އެވެ.

·        ތެތްދުލިފަށުގެ ދަށުގައިވާ ފަށަލަ: ތެތް ދުލިފަށުގެ ދަށުގައިވާ ފަށަލަ (Submucosa) އެކުލެވިގެންވަނީ ތުނޑުތުނޑު ލާފައި ހުންނަ ''ކަނެޓިކްޓިވް ޓިޝޫ''ގެ ފަށަލަ އަކުންނެވެ. މިބުނި ފަށަލައިގެ ތެރޭގައި ބޮޑެތި ލޭހޮޅިތަކާއި، ލިމްފް ހޮޅިތައް، އަދި ތެތް ދުލިފަށާއި މަސް ފަށަލަ އަށް ކަފިވެގެން ގޮސްފައިވާ ނާރު ތައް ވެއެވެ. މިފަށަލައިގެ ތެރޭގައި ''މެއިސްނާރސް ޕްލެކްސަސް'' އަދި ''އިންޓީރިކް ނާރވަސް ޕްލެކްސަސް" އޭ ކިޔާ ނާރު ފުނި ތަކެއް ހިމެނެއެވެ.

·       ބޭރު މަސް ފަށަލަ: ބޭރު މަސް ފަށަލަ (Muscularis externa) އަކީ މަޑު މަހުން އުފެދި އޭގެ ތެރޭގައި ދެބަޔަކަށް މަސްތައް އެތުރިފައިވާ ފަށަލައެކެވެ. މިގޮތުން އެތެރޭގެ މަސް ފަށަލަ އެތުރިފައި ހުންނަނީ ވަށްބުރުގެ ސިފަޔަށެވެ. ބޭރަށް ހުންނަ މަސްފަށަލަ އެތުރިފައި ހުންނަނީ ދިގަށެވެ. ކުރިން ބުނެވުނު ކާތަކެތި ހަޖަމުކުރާ ނިޒާމްގެ މަތީބައިތަކުން ތިރިއަށް ފޮނުވުމަށް ހިންގާ ހަރަކާތް ''ޕެރިސްޓަލްސިސް'' ފުރިހަމަ ކުރުމުގައި މިމަސްފަށަލަ ބައިވެރި ވެއެވެ. އަދި މުހިއްމު ދައުރެއް އަދާކުރެއެވެ.

·       އެންމެ ބޭރު ފަށަލަ : އެންމެ ބޭރުފަށަލަ (Serosa) ނުވަތަ އެޑްވެންޓިޝާ ނުވަތަ ސިރޯސާ އެކުލެވިގެންވަނީ އެޕިތީލިއަމް ގެ ބައިވަރު ފަށަލަ ތަކުންނެވެ.

ހަޖަމުކުރާ ނިޒާމްގެ ވަޒީފާ
ހަޖަމުކުރާ ނިޒާމުން ފުރިހަމަކުރާ ބައެއް މަސައްކަތްތައް ތިރީގައި މިވަނީ އެވެ.
·       ކާތަކެތި ހަފައި ހިމުންކުރުން : ކާތަކެތި ހަފައި ހިމުންކުރަނީ އަނގައިގެ ތެރޭގައެވެ. މިމަސައްކަތަށް އަނގައިގެ ތެރޭގައިވާ ކުޅުބޭރުކުރާ ގޮށްތަކުން ދޫކުރާ ކުޅު އެހީތެރިވެއެވެ.
·       ކާތަކެތި ދިރުވުން : އަނގައިގެ ތެރޭގައި ހަފައި ހިމުންކުރި ކާތަކެތި ދިރުވާލެވެނީ އަނގަޔާއި، އަރުތެރެ އަދި ކާތަކެތި ހިނގާ ހޮޅީގެ ތެރެއިންނެވެ. އެއަށްފަހު ވާޞިލްވަނީ މައިދާއަށެވެ.
·       ކާތަކެތި ހަޖަމުކުރުން : މައިގަނޑު ގޮތެއްގައި ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތް ހިންގަނީ މައިދާ އަދި ގޮހޮރުގެ ބައިތަކުގައެވެ.
·       ކާނާގައި ހިމެނޭ މުހިއްމު ބައިތައް ހަށިގަނޑަށް ނެގުން: މިސާލަކަށް ކާތަކެތީގައި ހިމެނޭ ކާނާގެ ބައިތައް ހަށިގަނޑަށް ބޭނުންހިފާނެގޮތަށް ބަދަލުކޮށް ހަށިގަނޑަށް އެބައިތައް ނަގަނީ ހަޖަމުކުރާ ނިޒާމްގެ ބައިތަކުންނެވެ.
·       ހަޖަމުކުރުމަށް ބޭނުންވާ އެކި މާއްދާތައް ދޫކުރުން : މިސާލަކަށް ހަޖަމުކުރާ ނިޒާމްގެ އެކި ބައިތަކުން ދޫކުރާ ހަޖަމުކުރުމަށް އެހީވެދޭ ދިޔަތައް ( ހަޖަމުކުރުމަށް އެހީވެދޭ ޖޫސް)
·       ހަށިގަނޑުގެ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ހޯރމޯންތައް ދޫކުރުން : މިސާލަކަށް ހަޖަމުކުރާ ނިޒާމްގެ ބައިތަކުން ދޫކުރާ ގެސްޓްރިން، ޣްރެލިން، ކޯލިސިސްޓަކައިނިން، އަދި ވެސް އިތުރު ހޯރމޯންތަކަކީ ހަށިގަނޑުގެ އެކިއެކި މަސައްކަތްތައް ފުރިހަމަކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
·       ހަށިގަނޑަށް ނަގާފައި ބޭނުންނުވާ ބޭކާރު ބައި އަދި ވިހަ މާއްދާތައް ބޮޑު ކަމުދާ ތަކެއްޗާއެކު ހަށިގަނޑުން ބޭރުކުރުން
·       ބޮޑުކަމުދާ ތަކެތި ބޭރުވާން ޖެހެންދެން ފުރަގަސް ފަރާތުގައި ބެހެއްޓުން
·       ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުކުރުން

No comments:

Post a Comment