ބޮލަށް އަނިޔާވުން
ބޮލަށް އަނިޔާ(head injury)ވުމަކީ ބޮޑެތި
މީހުންނަށް ނުކުޅެދުންތެރިކަމާއި، ފުރާނަދިއުން ކުރިމަތިކުރުވާ މައިގަނޑު އެއް
ސަބަބެވެ. ބޮލަށް ލިބޭ އަނިޔާގެ ތެރޭގައި އެންމެ އާދައިގެ ގޮތަކަށް ތަނެއްގައި
ބޯޖެހުމުން އުފެދޭ ދުޅަވެ ގޮބުނެގުން، ނޫފައިގަތުން، ކަނޑައިގެން ނޫނީ
ފަޅައިގެންދިއުން، ހިނދުކޮޅަކަށް ވާނުވާނޭނގުން ކުރިމަތިވުން، ބޮލުގެ ނާށިގަނޑުން
ފުންކޮށް ފަޅައިގެންދިއުން، ނޫނީ ބޮލުގައި
ތަނެއް ކަނޑައިގެން ދިއުމުގެތެރެއިން ނޭފަތުގެ ވަސްދަނޑި ފަޅައިގެންދިއުން،
އަދި ސިކުނޑިއަށް ލޭއެޅުން ފަދަ ކަންތައްތައް ހިމެނެއެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ބޮލަށް ލިބޭ އަނިޔާ އަކީ ވަރަށް ފުންކޮށް މާނަ ކުރެވިދާނެ ކަމެކެވެ. އެގޮތުން ބޮލުގެ ހަންގަނޑު، ނާށިގަނޑު، ސިކުނޑި، ބޮލާއި ސިކުނޑީގެ ލޭހޮޅިތައް އަދި ގުޅިފައިވާ ސެލޯށި ތަކަށް ލިބޭ އަނިޔާ އަކީ ބޮލަށް ލިބޭ އަނިޔާގެ ގޮތުގައި މާނަކުރެވެއެވެ. ބޮލަށް ލިބޭ އަނިޔާއަށް ނޫނީ ބޮލަށް އަނިޔާވުމަށް ސިކުނޑިއަށް އަނިޔާވުން ވެސް ކިޔައި އުޅެއެވެ. ނޫނީ އަނިޔާއެއްގައި ސިކުނޑިއަށް ގެއްލުންވުން މިހެން ވެސް ކިޔައި އުޅެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ބޮލަށް އަނިޔާވުމަކީ ސިކުނޑިއާއި ނާށިގަނޑު ހިމެނޭ
ގޮތަށް ބޮލަށް ލިބޭ ކޮންމެ އަނިޔާއެކެވެ. މާނައަކީ ނާށިގަނޑަށް އަނިޔާވިޔަސް، ނޫނީ
ސިކުނޑިއަށް އަނިޔާ ވިޔަސް، ނުވަތަ ނާށިގަނޑާއި ސިކުނޑިއަށް އެއްކޮށް އެއްފަހަރާ
އަނިޔާ ވިޔަސް ބެލެވޭނީ ބޮލަށް ލިބުނު އަނިޔާއެއްގެ ގޮތުގައެވެ. ބޮލަށް ލިބޭ
ބައެއް އަނިޔާތަކަކީ ކުދިކުދި އަނިޔާތައް ކަމުގައި ވިޔަސް، ބައެއް އަނިޔާތަކުގެ
ސަބަބުން ސިކުނޑީގެ ތެރެއަށް ލޭއެޅުން ކުރިމަތި ކުރުވައެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
ބޮލަށް ލިބޭ އަނިޔާ ނިސްބަތުން އަންނަނީ
އިތުރުވަމުންނެވެ. ތަފާސް ހިސާބުތައް ދައްކާގޮތުގައި އަހަރަކު 1.7 މިލިޔަން
މީޙުންނަށް ބޮލަށް އަނިޔާވުން ކުރިމަތި ކުރުވައެވެ (ހޮޕްކިންސްމެޑިސިން.އޯރގް،
2025).
ވައްތަރުތައް
ބޮލަށް ލިބޭ އަނިޔާގެ ތަފާތު ވައްތަރުތައް
ހުރެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ.
(1) ކޮންކަޝަން (concussion): ކޮންކަޝަން އަކީ ބޮލަށް އަނިޔާ
ލިބޭ ހިސާބަކާއި ގުޅިގެން ، ބޮލަށް ލިބޭ އަނިޔާ އަށްފަހު، ދެތިން މިނިޓުން
ފެށިގެން ދެތިން ގަޑިއިރަށް ސަމާލުކަމާއި، އެނގުންވެރިކަން ނުހުރުން ނޫނީ ވާނުވާ
ނޭނގުން ކުރިމަތިކުރުވާ ހާލަތެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(2) ބޮލުގެ ނާށިގަނޑު ގައި ރެނދުލުން
ނޫނީ ބޮލުގެ ނާށިގަނޑު ފަޅައިގެންދިއުން (skull fracture): ބޮލުގެ ނާށިގަނޑު ފަޅައިގެން
ދިއުމަކީ ބޮލުގެ ނާށިގަނޑުގައި ރެނދުލުމެވެ. ނޫނީ ބޮލުގެ ނާށިގަނޑު ބިއްދައިގެން
ދިއުމެވެ. ބޮލުގެ ނާށިގަނޑުގައި ރެނދުލުމުގެ 4 ވައްތަރެއް ހުރެއެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(ހ) ލިނިއަރ ސްކަލް ފްރެކްޗަރ (linear skull
fracture): ބޮލުގެ ނާށިގަނޑު ގައި އުފެދޭ ފްރެކްޗަރ ގެ އެންމެ އާންމު
ވައްތަރަކީ މިއީ އެވެ. މިވައްތަރުގައި ބޮލުގެ ނާށިގަނޑުގައި ނޫނި ކަށިގަނޑުގައި ރެނދެއް
އުފެދިފައި ނޫނީ ރެނދެއް ލާފައި ހުންނާނެ އެވެ. ރެނދުލާފައިވާ ކަށިގަނޑު
ހަރަކާތެއް ނުކުރާނެއެވެ. ނޫނީ ނުގުޑާނެއެވެ. ހަސްފަތާލުގައި ދެތިން ދުވަހު
ބަލިމީހާގެ ކަންކަން ހުންނަ ނުހުންނަގޮތް ބަލާލުމަށް ފަހަރުގައި ބާއްވައިފާނެ
އެވެ. އާންމު ގޮތެއްގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލިމީހާއަށް އެނބުރި
އާންމު ދިރިއުޅުމަށް ރުޖޫޢަވެވޭނެ އެވެ. ބޮލުގެ ނާށިގަނޑުގައި މިގޮތަށް ރޮނގެއްހެން
ލާ ރެނދަށް އާންމު ގޮތެއްގައި ފަރުވާގެ ގޮތުގައި އެއްވެސް ކަމެއް ކުރާކަށް
ނުޖެހޭނެ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(ށ) ޑިޕްރެސްޑް ސްކަލް ފްރެކްޗަރ (depressed
skull fracture): މިވައްތަރުގެ ފްރެކްޗަރ (ރެނދުން/ ބިނދުން/ އަޑިވުން)
ބޮލުގެ ހަމުން ތަނެއް ކަނޑައިގެން ނުގޮސް، ނޫނީ ބޮލުގެ ހަމުން ތަނެއް ކަނޑައިގެން
ދިއުމާއެކު އުފެދިފައި ހުރެދާނެއެވެ. މިވައްތަރުގެ ފްރެކްޗަރ ބޮލަށް ލިބޭ އަނިޔާގެ
ސަބަބުން ބޮލުގެ ނާށިގަނޑުން ތަންކޮޅެއް އެތެރެއަށް ޖެހި، ހިނދިފައި ނޫނީ
އަޑިވެފައި އިނދެފާނެ އެވެ. ލިބޭ އަނިޔާގައި ބޮލުގެ ނާށިގަނޑު އަޑިއަށް ޖެހި
އުފެދޭ އައިބުގެ މިންވަރަށް ރިޢާޔަތްކޮށް ފަހަރުގައި މިވައްތަރުގެ ފްރެކްޗަރ
ރަނގަޅުކުރުމަށް އޮޕަރޭޝަނެއް ކުރަންޖެހިދާނެ އެވެ (ހޮޕްކިންސްމެޑިސިން.އޯރގް،
2025).
(ނ) ޑައަސްޓެޓިކް ސްކަލް ފްރެކްޗަރ (diastatic
skull fracture): ޑައަސްޓެޓިކް ސްކަލް ފްރެކްޗަރ އަކީ ބޮލުގެ ނާށިގަނޑުގައި
ހުންނަ ކަށިގަނޑުތައް އެއްކަށިގަނޑު އަނެއްކަށިގަނޑާއި ވަކިކޮށްދޭ މަގުތަކަށް ނޫނީ
ރޮނގުތަކަށް ވާގޮތަށް ކުރިމަތިވާ ރެނދުލުމެވެ. ނޫނީ ފްރެކްޗަރ އެވެ. މިމަގުތަކަކީ
ދެކަށިގަނޑު ވަކިކޮށްދޭ ރޮނގުތަކެކެވެ. އާންމު ގޮތެއްގައި ކުޑައިރު މިގޮތަށް
ދެކަށިގަނޑު ވަކިކޮށްދޭ ރޮނގުން ދެކަށިގަނޑު އެއްވެ، އެކުވާނެއެވެ. މިވައްތަރުގެ
ފްރެކްޗަރ ނޫނީ ރެނދުލުމުގައި ދެކަށިގަނޑު ވަކިކޮށްދޭ ދޭތެރޭގައި އިންނަ މި ރޮނގު
އިތުރަށް ފޭވާނެ އެވެ. އާންމު ގޮތެއްގައި މިގޮތަށް ރެނދުލުން ކުރިމަތިވަނީ
ކުޑަކުދިންނަށެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(ރ) ބޭސިލަރ ސްކަލް ފްރެކްޗަރ (basilar skull
fracture): މިއީ ބޮލުގެ ނާށިގަނޑުގައި ރެނދުލުން ނޫނީ ބޮލަށް ލިބޭ
އަނިޔާގެ އެންމެ ނުރައްކާތެރި ވައްތަރެވެ. މިވައްތަރުގައި ބޮލުގެ ނާށިގަނޑުގެ
އެންމެ ދަށުގައި ނޫނީ ތިރީގައި އިންނަ ކަށިގަނޑު ބިންދައިގެން ދެއެވެ. އާންމު
ގޮތެއްގައި މިހިސާބުން ބޮލުގެ ނާށިގަނޑު ބިންދައިގެންދިއުމުން ލޯކައިރި އަދި
ކަންފަތު ކައިރިން ލޭއަންނާނެ އެވެ. މީގެ އިތުރުން މިވައްތަރުގެ ސިކުނޑި
ވަށައިގެން ލެވިފައިވާ ދުލިފަށަލަ ވީދައިގެން ދިއުމުން، އެތަނުން ބޭރުވާ ފެން
ނޭފަތުން ނޫނީ ކަންފަތުން ބޭރުވާނެ އެވެ. މިވައްތަރުގެ ފްރެކްޗަރ ކުރިމަތިވާ
މީހުން ހަސްފަތާލުގައި ބާއްވައިގެން ގާތުން ބަލަމުން ގެންދަން ޖެހޭނެ އެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(3) އިންޓްރަކްރެނިއަލް ހީމަޓޯމާ (intracranial
haematoma): އިންޓްރަކްރެނިއަލް
ހީމަޓޯމާގެ މާނައަކީ ބޮލުގެ ނާށިގަނޑު ގެ ތެރޭގައި ލޭ ޖަމާވުމެވެ. ނޫނީ ލޭބޮޑިއެއް
އުފެދުމެވެ. ބައެއް ފަހަރު ގަނޑުލޭކޮޅެއް އުފެދުން ކަމުގައި ވެސް މާނަކުރެވިދާނެ
އެވެ. ސިކުނޑީގެ ތެރޭގައި ނޫނީ ސިކުނޑީގެ ވަށައިގެން ގަނޑުލޭކޮޅު އުފެދުން ނޫނީ އިންޓްރަކްރެނިއަލް
ހީމަޓޯމާގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ސިކުނޑީގައި ގަނޑުލޭކޮޅު ނޫނީ ލޭގެ
ބޮޑިވަރެއް ނުވަތަ ހީމަޓޯމާ އުފެދިފައި ހުންނަ ހިސާބަކަށް ރިޢާޔަތްކޮށް ވައްތަރު
ތަފާތު ވާނެއެވެ. ބޮލަށް ލިބޭ އާދައިގެ އަނިޔާއިން ފެށިގެން ގޮސް، ފުރާނަޔަށް
ނުރައްކާހުރި އަނިޔާތަކާއި ހަމައަށް މީގެ ރާޖީ ބެހިފައިވެއެވެ. ފާހަގަކޮށްލެވޭ
އިންޓްރަކްރެނިއަލް ހީމަޓޯމާގެ ބައެއް ވައްތަރުތައް ތިރީގައި މިވަނީ އެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(ހ) އެޕިޑިއުރަލް ހީމަޓޯމާ (epidural
haematoma): އެޕިޑިއުރަލް ހީމަޓޯމާގެ މާނައަކީ ބޮލުގެ ނާށިގަނޑުގެ
ދަށުން، ސިކުނޑީގެ ވަށައިގެން ބޭރުން ލެވިފައިވާ ޑިއުރާ މޭޓަރ އޭ ކިޔާ ދުލިފަށަލަ
މަތީގައި ގަނޑުލޭކޮޅު ނޫނީ ލޭގެ ބޮޑިވަރެއް އުފެދި ޖަމާވުމެވެ. އާންމު ގޮތެއްގައި
އެޕިޑިއުރަލް ހީމަޓޯމާ އުފެދެނީ ބޮލުގެ ނާށިގަނޑުގެ ދަށުގައި އިންނަ "މިޑްލް
މެނިންޖިއަލް އާޓަރީ" އޭ ކިޔާ ލޭހޮޅި ފަޅައިގެން ދިއުމުންނެވެ. ނޫނީ އެލޭހޮޅި
ކަނޑައިގެން ދިއުމުންނެވެ. އެޕިޑިއުރަލް ހީމަޓޯމާ އާންމުކޮށް ކުރިމަތިވަނީ ބޮލުގެ
ނާށިގަނޑު ފަޅައިގެންދިއުމުންނެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(ށ) ސަބްޑިއުރަލް ހީމަޓޯމާ (subdural
haematoma): ސަބްޑިއުރަލް ހީމަޓޯމާގެ މާނައަކީ ބޮލުގެ ނާށިގަނޑު އަދި
ވަށައިގެން ބޭރުންވާ ދުލިފަށަލަ ޑިއުރާ މޭޓަރ ގެ ދަށުގައި ނަމަވެސް ސިކުނޑިން
ބޭރުގައި ގަނޑުލޭކޮޅު ނޫނީ ލޭގެ ބޮޑިވަރެއް އުފެދި ޖަމާވުމެވެ. ސިކުނޑިން
ތަންކޮޅެއް ކަނޑައިގެން ދިއުމުން ނޫނީ ޑިއުރާ މޭޓަރ އިން ސިކުނޑިއަށް ނުސާފުލޭ
ގެންދާ ލޭހޮޅި ފަޅައިގެން ނޫނީ ކަނޑައިގެން ދިއުމުން ވެސް މިވައްތަރުގެ ހީމަޓޯމާ
އުފެދި ދާނެއެވެ. ބޮލުގެ ނާށިގަނޑު ފަޅައިގެން ދިއުމުން ނޫނީ ބޮލުގެ ނާށިގަނޑު
ފަޅައިގެން ނުގޮސްވެސް މިވައްތަރުގެ ހީމަޓޯމާ އުފެދިދާނެއެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(ނ) ކޮންޓިއުޝަން ނުވަތަ
އިންޓްރަސެރެބްރަލް ހީމަޓޯމާ (contusion or
intracerebral haematoma): ކޮންޓިއުޝަން ގެ މާނައަކީ ސިކުނޑިއަށް ލޭއެރުމެވެ. ނޫނީ
ލޭއެޅުމެވެ. ނޫނީ ނޫފައިގަތުމެވެ. ކޮންޓިއުޝަންގައި ބޯ ތަނެއްގައި އަނިޔާ ލިބޭ
ދިމާލަކުން ސިކުނޑި ދުޅަވެ، ސިކުނޑީގެ ތެރޭގައި ލޭހިލޭނެ އެވެ. ނޫނީ ސިކުނޑިއަށް
ލޭއަރާނެއެވެ. ބޮލުގެ ނާށިގަނޑު ފަޅައިގެން ދިއުމުން ނޫނީ އެޕިޑިއުރަލް އަދި
ސަބްޑިއުރަލް ހީމަޓޯމާގެ ސަބަބުން މިގޮތަށް ސިކުނޑި އަށް ލޭއެޅިދާނެއެވެ.
ސިކުނޑީގެ އެތެރެއަށް ލޭއެޅުން ބައެއް ފަހަރު އޭގެ ޒާތުގައި ވެސް ކުރިމަތިވެދާނެ
އެވެ. ބޮލަށް ލިބޭ އަނިޔާގެ އިތުރުން ސިކުނޑިއަށް ލޭއެޅުން ކުރިމަތިކުރުވައިފާނެ
ހާލަތްތަކުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ ދުވަސްވީ
ލޭމައްޗަށްދިއުން، ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ކުރިމަތިވާ ލޭހިލުވާ
ބަލިތައް، ލޭދިޔާކުރާ ބޭސް ބޭނުންކުރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ
ކަންތައްތައް ހިމެނެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
(ރ) ޑިފިއުޒް އެގްޒޯނަލް އިންޖަރީ (diffuse
axonal injury): ޑިފިއުޒް އެގްޒޯނަލް އިންޖަރީ އަކީ ސިކުނޑިއަށް ލިބޭ
ވަރަށް އާންމު އަނިޔާއެކެވެ. މިކަން ކުރިމަތިވަނީ ބޮލުގެ ނާށިގަނޑުގެ ތެރޭގައި
ސިކުނޑި ކުރިއާއި ފަހަތަށް ހެލި ދައުރުވުމުންނެވެ. ނޫނީ ކުރިޔާއި ފަހަތަށްޖެހި
ހަރަކާތްކުރުމުންނެވެ. އާންމު ގޮތެއްގައި މިގޮތަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި
ކާރު އެކްސިޑެންޓް، ތަނަކުން ވެއްޓުން އަދި ތުއްތު ކުދިން އުރާލުމަށްފަހު،
އެކުދިންގެ ހަށިގަނޑު ބާރަށް ތެޅުވުން ނުވަތަ ބާރަށް ހެލުވުން ފަދަ ކަންކަމުގެ
ސަބަބުންނެވެ. ސިކުނޑިއަށް ކުރިމަތިވާ މިފަދަ ޑިފިއުޒް އިންޖަރީ އާދައިގެ ވަރަކަށް
ވެސް ކުރިމަތިވެދާނެއެވެ. ނުވަތަ ނުރައްކާވެގެން ގޮސް އެގްޒޯނަލް އިންޖަރީ އޭ ބުނާ
މިންވަރަށް ވެސް ކުރިމަތިވެދާނެ އެވެ. އާންމު ގޮތެއްގައި ސިކުނޑީގެ ގިނަ
ހިސާބުތަކަށް އަނިޔާވެ، ޑިފިއުޒް އެގްޒޯނަލް އިންޖަރީ ކުރިމަތިވާ މީހުން
ދިގުމުއްދަތަކަށް ހޭނެތިފައި ނޫނީ ކޯމާ ގައި އޮވެދާނެއެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
މީގެ އިތުރުން ބައެއް ފަހަރު ބޮލަށް ލިބޭ އަނިޔާގެ
ވައްތަރުތައް ދެބަޔަކަށް ބަހާލެވެއެވެ.
(ހ) ބޮލުގެ ނާށިގަނޑު ފަޅައިގެން ނުގޮސް ބޮލަށް
އަނިޔާވުން
(ށ) ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ބޮލަށް
އަނިޔާވުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
ސަބަބު
ބޮޑެތި މީހުންނާއި، ކުޑަކުދިންގެ ވެސް ބޮލަށް
އަނިޔާވެދާނެ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެންމެ އާންމުކޮށް ބޮލަށް
އަނިޔާވަނީ މަގުމަތީގެ ހާދިސާތަކާއި. އެއްގަމު އުޅަނދު ފަހަރުގެ
އެކްސިޑެންޓްތަކުގެ ސަބަބުންނެވެ. މިސާލަކަށް މަގުމަތީގައި ހިނގާ
އެކްސިޑެންޓެއްގައި އަނިޔާވުން ނޫނީ މަގުމަތީގައި ހިނގާފައި ދަނިކޮށް ދުއްވާ
އެއްޗަކުން ޖެހުން ނޫނީ ޖެއްސުން، އުސްތަނަކުން ވެއްޓުން، މާރާމާރީ ތަކާއި،
ތަޅާފޮޅުން، ދެބަސްވުމާއި، ހަމަނުޖެހުންތައް، ގެވެށި އަނިޔާ ނޫނީ ކުޑަކުދިންނަށް
ކުރާ އަނިޔާތައް ފަދަ ކަންކަމުގެ ސަބަބުންނެވެ. ހަމަ އެއާއެކު ބައެއް
ހާލަތްތަކުގައި ބޭރުގެ އެއްވެސް އަނިޔާ އަކާއި ނުލައި، ސިކުނޑީގެ ދުލިފަށަލައިގެ
ދަށަށް ލޭއެޅުން ނުވަތަ ސަބްޑިއުރަލް ހީމަޓޯމާ އަދި ސިކުނޑިއަށް ލޭއެޅުން ފަދަ
ކަންކަން އެމީހެއްގެ ކިބައިގައި ހުންނަ ކަމެއްގެ ސަބަބުން އޭގެ ޒާތުގައި
އަމިއްލައަށް ވެސް ކުރިމަތިވެދާނެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ބޮލަށް އަނިޔާ ލިބޭ އެންމެ އާންމު ސަބަބުތަކުގެ
ތެރޭގައި އުސްތަނަކުން ވެއްޓުން، މަގުމަތީގެ އެކްސިޑެންޓްތަކާއި ހާދިސާތައް،
މާރާމާރީ އާއި ތަޅާފޮޅުން، އަދި ކުޅިވަރުތަކުގައި ލިބޭ އަނިޔާތައް ހިމެނެއެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
ބޮލަށް އަނިޔާވުމަށް މަގުފަހިވާ ހިރާސްތަކުގެ
ތެރޭގައި އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، އުމުރުން 4 އަހަރުން ދަށުގެ
ކުޑަކުދިން، ޖިސްމާނީގޮތުން ބުރަކޮށް މަސައްކަތްކުރަންޖެހޭ ވަޒީފާއެއްގައި
މަސައްކަތްކުރުން، އަދި ވަރުގަދަ ކުޅިވަރުތައް ކުޅޭ މީހުން ފަދަ ފަރާތްތައް
ހިމެނެއެވެ (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
ލޭހިލުމާއި، ސިކުނޑީގެ ތެރެއަށް ލޭއެޅެން
ދިމާވަނީ ކީއްވެ؟
ސީދާ އެއްޗަކުން ބޮލުގައި ޖެހުން، ކުޑަކުދިންނަށް
ކުރާ އަނިޔާގެ ތެރެއިން ކުޑަކުއްޖާގެ ހަށިގަނޑު މާބޮޑަށް ތެޅުވުން ނޫނީ
ތަޅުވައިގަތުން، އަދި މަގުމަތީގެ އެކްސިޑެންޓްތަކުގައި ބޯ ކުރިޔަށް ނޫނީ
މާފަހަތަށް ހޫރިގަތުން، ސިކުނޑީގެ ތެރެއަށް ލޭހިލުމާއި، ސިކުނޑިއަށް ލޭއެޅި،
ސިކުނޑީގެ އެތެރޭގެ ލޭހޮޅިތަކާއި، ސެލޯށިތަކަށް ގެއްލުންވަނީ "ކޫ-ކައުންޓަރ-ކޫ"
ކިޔާ ނިޒާމެއްގެ ތެރެއިންނެވެ. ބޮލަށް ލިބޭ އަނިޔާއަކާއި ގުޅިގެން ސީދާ ބޮލަށް
އަނިޔާ ލިބޭ ހިސާބުގައި ލޭހިލުމަށް ނޫނީ ބޮލުގައި އެއްޗަކުން ޖެހުމުން އެޖެހޭ
ދިމާލުން ސީދާ ސިކުނޑިއަށް ލިބޭ ގެއްލުމަށް ކިޔަނީ "ކޫލީޝަން" އެވެ. ބޯ
ހޫރިގެންދާ ވަގުތު، ބޮލުގެ ނާށިގަނޑުގެ އަނެއް ފަރާތުގައި ސިކުނޑި ބާރަށް ޖެހުމުގެ
ސަބަބުން ލިބޭ ގެއްލުމަށް ކިޔަނީ "ކައުންޓަރކޫ"
(countrecoup) ލީޝަން އެވެ. ބޮލުގެ ނާށިގަނޑުގެ އެކި
ފަރާތްތަކުގައި ސިކުނޑި މިގޮތަށް ބާރަށް ޖެހުމުގެ ސަބަބުން، ސިކުނޑީގެ އެތެރޭގެ
ފަށަލަތަކާއި، ޓިޝޫތަކާއި، ލޭހޮޅިތައް ވީދައިގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން
ސިކުނޑީގެ އެތެރެއަށް ލޭ ފޭބުމާއި، ސިކުނޑި ދުޅަވުން ފަދަ ސިއްހީ ބޮޑެތި
މައްސަލަތައް ކުރިމަތިވެއެވެ(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
އަލާމާތްތައް
ބޮލަށް އަނިޔާވެފައި ހުންނަ މިންވަރަކަށް ނޫނީ
ބޮލަށް ގެއްލުން ވެފައި ހުންނަ މިންވަރަކަށް ނޫނީ ނުރައްކާތެރިކަމުގެ ދަރަޖައަށް
ރިޢާޔަތްކޮށް ކުރިމަތިވާ ނޫނީ ފެނިދާނެ އަލާމާތްތައް ތަފާތުވުމަކީ އެކަށީގެންވާ
ކަމެކެވެ. ބޮލަށް އަނިޔާވުމުން ފެނިދާނެ އާންމު އަލާމާތްތައް ތިރީގައި މިވަނީ އެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
އާދައިގެ މިންވަރަކަށް ބޮލަށް އަނިޔާވުމުން
ފެނިދާނެ އަލާމާތްތައް
·
ބޮލަށް އަނިޔާވި ހިސާބު އުފުލި ދުޅަވެފައިހުރުން
·
ބޮލަށް އަނިޔާވި ހިސާބަށް ލޭއަރާފައި ހުރުން ނޫނީ ނޫފައިގެންފައިހުރުން
·
ބޮލަށް އަނިޔާވި ހިސާބު ކަނޑައިގޮސްފައި ހުރުން
·
ބޮލުގައި ރިހުން
·
އަޑުގަދަވުމުން އުދަނގޫވުން
·
އަލިގަދަވުމުން އުދަނގޫވުން
·
އުދަނގުލެއްވާތީ އުޅުން
·
ވާނުވާ ނޭނގުން
·
ބޯއެނބުރުން
·
ހަށިގަނޑުގެ ހަމަ ނުހިފެހެއްޓުން / ވެއްޓެން އުޅޭހެން ހީވުން/ ހަށިގަނޑު
އަރިއެޅުން
·
މޭނުބައިކުރުން
·
ހަދާންނުހުރުން
·
ސަމާލުކަން ނުދެވުން
·
ނިދުމަށް ބަދަލުއައުން
·
މޫނުމައްޗަށް އަނދިރިވުން
·
ލޯޅަވުން / ލޯވަރުބަލިވުން
·
ކަންފަތުން އަޑުގޮވުން
·
ރަހަޔަށް ބަދަލުއައުން
·
ވަރުބަލިވެ، ވާޅުވެ، ލޮޑުކަން އިހުސާސްވުން (ހޮޕްކިންސްމެޑިސިން.އޯރގް،
2025).
މެދުމިންވަރުން ފެށިގެން ގޮސް
ނުރައްކާތެރި މިންވަރަކަށް ބޮލަށް އަނިޔާވުމުން ފެނިދާނެ އަލާމާތްތައް
މެދުމިންވަރުން ފެށިގެން ގޮސް ނުރައްކާތެރި
މިންވަރަކަށް ބޮލަށް އަނިޔާވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މަތީގައި
ހިމެނޭ އަލާމާތްތަކުގެ ތެރެއިން ބައެއް އަލާމާތްތައް ފެނުމުގެ އިތުރުން އަންނަނިވި
އަލާމާތްތައް ފެނިދާނެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
·
ހޭވެރިކަމަށް ބަދަލުއައުން / ހޭނެތުން / އަނބުރައިގަތުން
·
ވަރަށް ބޮޑަށް ބޮލުގައި ރިހުން
·
ތަކުރާރުކޮށް މޭނުބައިކޮށް ހޮޑުލެވުން / ދޭތެރެ ދޭތެރެއިން ހޮޑުލެވުން
·
މިފަހުން ވީ ކަންކަން ވެސް ހަދާނުގައި ނުހުރުން
·
ވާހަކަ ދައްކަން އުދަނގޫވުން
·
ހިނގަން އުދަނގޫވުން
·
ހަށިގަނޑުގެ އެއްފަޅީގެ ވާގިދިއުން ނޫނީ ބާރުދޫވުން
·
ދާހިއްލުން
·
ހަންގަނޑު ދޮންފޫޑުވުން
·
ފިޓުޖެހުން
·
އުޅުމަށް ބަދަލުއައުން / އުދަނގުލެއް ވާތީ އުޅުން
·
ނޭފަތުން ނޫނީ ކަންފަތުން ސާފު ދިޔައެއް ނޫނީ ލޭއައުން
·
އައްޔަށް ހުށަހެޅުމުން އެއް ލޮލުގެ ކަޅި ބޮޑުވުން އަދި އަނބުރާ ކުޑަނުވުން
·
ބޮލުގެ ނާށިގަނޑު ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ހުރުން
·
ބޮލުން ތަންގަނޑެއް ކަނޑައިގެން ގޮސްފައިހުރުން
·
ބޮލަށް އެއްޗެއް ވަދެފައިވުން ނޫނީ ވަދެފައިހުރުން
·
އަނބުރައިގަނެ، ހޭނެތިފައި އޮތުން
·
ވަށައިގެން ހިނގާ ކަންކަން ދެނެގަނެ، ވާނުވާ ނޭނގޭ ހާލަތަކަށް ދިއުން
·
ހޭހުރެ، ވަށައިގެންވާ ކަންކަން އެނގުނަސް، އެކަން ހާމަކޮށްދީ، ޝުޢޫރު ފާޅުކުރަން ނޭނގޭ
ހާލަތަކަށް ދިއުން (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
·
ނޭފަތުން ލޭއައުން
·
ކަންފަތުން ލޭއައުން
·
ނޭފަތުންނާއި ކަންފަތުން ފެން (ސެރެބްރޯ ސްޕައިނަލް ފުލުއިޑް) އައުން
·
ކަދުރާ ހަރުއެރުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
ދިމާވެދާނެ ނުރައްކާތައް
ބޮލަށް އަނިޔާވުމުން ކުރިމަތިވެދާނެ ނުރައްކާތަކުގެ
ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
·
ބޮލުގެ ނާށިގަނޑުގެ ތެރޭގައި ލޭޖަމާވުން
·
ސިކުނޑީގެ ތެރެއަށް ލޭއެޅުން
·
ހަދާންނެތުން
·
ނަފްސާނީ މައްސަލަތައް ކުރިމަތިވުން
·
ހިނގާބިނގާވެ އުޅެން އުދަނގޫވުން ނޫނީ ދަތިވުން (މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
ދެނެގަތުން
ބޮލަށް ލިބިފައިވާ އަނިޔާގެ މިންވަރު ނޫނީ
ލިބިފައިވާ އަނިޔާތައް އަނިޔާވުމާއެކު އޭގެ އެންމެ ފުރިހަމައަށް ދެނެގަތުމަކީ
ނުވެދާނެ ކަމެކެވެ. ނަމަވެސް ހަދަންޖެހޭ ހުރިހާ ޓެސްޓުތަކަކާއި، ބެލުންތަކާއެކު
ލިބިފައިވާ އަނިޔާ ނޫނީ އަނިޔާތައް ދެނެގަނެވިދާނެ އެވެ. އެހެންކަމުން ބޮލަށް
ލިބިފައިވާ އަނިޔާ ކަނޑައެޅެނީ ޖިސްމާނީ ގޮތުން ބަލާބެލުންތަކާއި، ހެދޭ
ޓެސްޓުތަކުގެ ނަތީޖާއަށް ރިޢާޔަތް ކޮށްގެންނެވެ. އެގޮތުން ބަލާބެލުންތަކުގެ
ތެރެއިން ބަލިމީހާ އާއި އާއިލާގެ ދުޅަހެޔޮކަން ކުރިން ހުރިނެތްގޮތް، އަނިޔާ ލިބެން
މެދުވެރި ގޮތާއި ސަބަބު ދެނެގަންނާނެ އެވެ. ނޫނީ އެކަންކަމުގެ މައުލޫމާތު އޮޅުން
ފިލުވާނެއެވެ. ބޮލަށް އަނިޔާވުމަކީ ނާރުތަކުގެ މައްސަލަތައް ދިމާވެދާނެ
ކަމަކަށްވާތީ، އިތުރަށް ދައްކައި ބަލަމުން ގެންދަން ޖެހޭނެއެވެ
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ބޮލަށް ލިބޭ އަނިޔާ ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ
ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.
·
ލޭގެ ޓެސްޓުތައް
·
ބޮލުގެ އެކްސް ރޭ ނެގުން
·
ބޮލުގެ ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ (ސީޓީ) ސްކޭން ހެދުނ
·
އިލެކްޓްރޯއެންކެފަލޯގްރާމް (އީއީޖީ) ހެދުން
·
ބޮލުގެ މެގްނެޓިކް ރިސޮނަންސް އިމޭޖިންގ (އެމްއާރުއައި) ސްކޭން ހެދުން (ހޮޕްކިންސްމެޑިސިން.އޯރގް،
2025).
ފަރުވާ
ބޮލަށް ލިބޭ އަނިޔާގެ ފަރުވާ ކަނޑައަޅަނީ
އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކޮށް ބޮލަށް ލިބޭ އަނިޔާ އާއި ގުޅިގެން
ފަރުވާދޭ ޚާއްޞަ ޑޮކްޓަރެވެ.
·
ބަލިމީހާގެ އުމުރު، އާންމު ދުޅަހެޔޮކަން، ކުރިން ދުޅަހެޔޮކަން ހުރިނެތްގޮތް
·
ބޮލަށް އަނިޔާ ލިބިފައިވާ މިންވަރު
·
ބޮލަށް ލިބިފައިވާ އަނިޔާގެ ވައްތަރު
·
ކަނޑައެޅޭ ވަކި ބޭހެއް، އިޖުރާއާތެއް، ފަރުވާ އަށް ބަލިމީހާއަށް
ތަހައްމަލުކުރެވޭ މިންވަރު
·
ބޮލަށް ލިބޭ އަނިޔާއަށްފަހު ދެން އައިސްދާނެ ބަދަލުތައް (ރަނގަޅުވުން،
ގޯސްވުން) ލަފާކުރެވޭގޮތް
·
ބަލިމީހާ އިސްކަންދޭގޮތް، ނޫނީ ބަލިމީހާގެ ޚިޔާލު ހުރިނެތްގޮތް
(ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ބޮލަށް ލިބޭ އަނިޔާގެ ބޮޑުމިނަށް ބަލައި އަންނަނިވި
ފަރުވާތައް ދީފާނެއެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
·
އައިސްއެޅުން
·
އަރާމުކުރުން
·
ބޭސްއަޅައި ބެންޑޭޖްކުރުން
·
އޮބްޒަވޭޝަންގައި ބާއްވައި، އަދި ދޫކޮށްލުމަށް ފަހު ވެސް ބަލަމުން ގެންދިއުން
·
އަވަސްފަރުވާ
·
ކެނޑިފައިވާނަމަ ފެހުން
·
ހަސްފަތާލުގައި އެދުމަތިކުރުން
·
ވެންޓިލޭޓަރަށް ލުން
·
އޮޕަރޭޝަންކުރުން (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
އެމީހެއްގެ ހާލަތު ހުރި ނެތް ގޮތަށާއި، ލިބިފައިވާ
އަނިޔާތަކުގެ މައްޗަށް ބިނާކޮށް މި ބައްޔަށް ފަރުވާ ދެނީ ކޮންމެ މީހަކަށްވެސް
ވަކިވަކިންނެވެ. ބޮލަށް ބޮޑު އަނިޔާއެއް ލިބިފައިވާނަމަ، ބޮލުގެ ނާށިގަނޑުގެ
އެތެރޭގެ ޕްރެޝަރު އިތުރުވޭތޯ ވަރަށް ގާތުން ބަލަންޖެހެއެވެ. ބޮލަށް ލިބޭ
އަނިޔާގެ ސަބަބުން ސިކުނޑި ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ. ސިކުނޑި އޮންނަނީ
ނާށިގަނޑުގެ ތެރޭގައި ރައްކާތެރިކުރެވިފައި ކަމަށްވާތީ، ސިކުނޑި ދުޅަވުމުން
އެކަމަށް އޮންނަ ޖާގަ ވަރަށް ކުޑައެވެ. މީގެ ސަބަބުން ނާށިގަނޑުގެ އެތެރޭގެ
ޕްރެޝަރު އިތުރުވެ، ސިކުނޑިއަށް ދާއިމީ ގެއްލުންތަކެއް ލިބުމަކީ އެކަށީގެންވާ
ކަމެކެވެ (ހޮޕްކިންސްމެޑިސިން.އޯރގް، 2025).
ބޮލަށް އަނިޔާވުމުގެ ފަރުވާ މައިގަނޑު ގޮތެއްގައި
އަމާޒުކުރެވޭނީ ސިކުނޑިއަށް ލޭއެޅުމުން ރައްކާތެރިކުރުމާއި، ސިކުނޑީގެ އެތެރޭގެ
ޕްރެޝަރު އިތުރުވުމުން ރައްކާތެރިކޮށްދިނުމަށެވެ. މިއީ ސިކުނޑިއަށް ލިބޭ ގެއްލުން
ކުޑަކޮށްދީ، ބޮލަށް އަނިޔާވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް ކުޑަކޮށްދޭނެ
ކަމެކެވެ. އާދައިގެ ވަރަކަށް ކުރިމަތިވާ ބޮލުގެ އަނިޔާ ގޭގައި އަރާމުކޮށްގެންނާއި،
ބުރަ މަސައްކަތްކުރުމުން ދުރުހެލިވެގެން މެނޭޖުކުރެވިދާނެއެވެ. ޕެނަޑޯލް ކަހަލަ
ބޭހެއް ތަދަށް ބޭނުންކުރެވިދާނެ އެވެ. ބޮލަށް އަނިޔާވުމަށް ފަރުވާ ކުރުމުގައި ގިނަ
މީހުންނަށް ތަދުކަނޑުވާ ބޭސްތައް ބޭނުން ނުކުރެވިދާނެއެވެ. އެއީ ގިނަ މީހުންނަށް މިފަދަ ބޭސްތައް
ބޭނުންކުރުމުން، ސިކުނޑިއަށް ލޭއެޅުމުގެ ހިރާސް އިތުރުވެއެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
މެދު މިންވަރުން ފެށިގެން ގޮސް ވަރަށް ބޮޑަށް
އަނިޔާވެފައިވާނަމަ، އޮޕަރޭޝަން ކުރަން ޖެހިދާނެއެވެ. އަދި އޮޕަރޭޝަނަށްފަހު
ފިޒިއޮތެރަޕީ ވެސް ކުރިޔަށް ގެންދަން ޖެހިދާނެއެވެ
(މައި.ކްލެވެލެންޑްކްލިނިކް.އޯރގް،2024).
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު
·
https://www.hopkinsmedicine.org/health/conditions-and-diseases/head-injury
·
https://my.clevelandclinic.org/health/diseases/head-injury

No comments:
Post a Comment