Friday, May 15, 2026

ހަންޓަވައިރަސް

 

ހަންޓަވައިރަސް

ހަންޓަ ވައިރަސް (Hantavirus) ތަކަކީ މީދާ، ހިކަނދި ފަދަ "ރޯޑަންޓް" އާއިލާ ގެ ގޮތުގައި ބެލެވޭ ޖަނަވާރުންގެ މެދުގައި އާންމު ކޮށް ފެތުރޭ ވައިރަސް އެކެވެ. ޚާއްޞަކޮށް މީދަލާއި، ހިކަނދި ފަދަ ޖަނަވާރުންގެ މެދުގައި މިވައިރަސްގެ ސަބަބުން އިންފެކްޝަން ފެތުރެއެވެ. ބައެއް ފަހަރު މިވައިރަސްގެ ސަބަބުން އިންސާނުންނަށް ވެސް ބަލިޖެހެއެވެ. މިއީ އިންސާނުންނަށް ވެސް ތަފާތު ޞިއްޙީ މައްސަލަތައް ފެންމަތިކުރުވާ ވައިރަސް ތަކެކެވެ. ހަންޓަ ވައިރަސްގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތައް ހަންޓަ ވައިރަސްގެ ވައްތަރާއި، އެބަލި ދުނިޔޭގައި ފެތުރޭ ނޫނީ ފެތުރުނު ހިސާބަށް ނިސްބަތްކޮށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ހަންޓަ ވައިރަސްގެ ސަބަބުން އެންމެ ބޮޑަށް ދިމާވާ ޞިއްޙީ މައްސަލައަކީ ހަންޓަ ވައިރަސް ކާޑިއޯޕަލްމަނަރީ ސިންޑްރޯމް އެވެ. މިއީ އެބަލީގެ ސަބަބުން ހިތާއި ފުއްޕާމޭ ފަދަ ގުނަވަންތަކަށް ވަރަށް އަވަހަށް އަސަރުފޯރުވާ ބައްޔެކެވެ. ޔޫރަޕް އަދި އޭޝިޔާ ސަރަހައްދުގައި ހަންޓާ ވައިރަސްގެ ސަބަބުން އެންމެ ބޮޑަށް ދިމާވާ ޞިއްޙީ މައްސަލައަކީ ހަންޓަ ވައިރަސް ހީމޮރޭޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް އެވެ. މިއީ މައިގަނޑު ގޮތެއްގައި ލޭހޮޅިތަކާއި ގުރުދާއަށް އަސަރުފޯރުވާ ބައްޔެކެވެ(ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).  


ހަންޓަ ވައިރަސްގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ހޯދިފައި ނުވެއެވެ. މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ބަލިޖެހޭ މީހުން ކައިރިން މޮނީޓަރކޮށް، ފުއްޕާމޭ، ހިތް އަދި ގުރުދާ އަށް ދިމާވާ ޞިއްޙީ މައްސަލަތައް ކުޑަކޮށް، ހައްލުކޮށް މެނޭޖުކުރެވޭތޯ އެވެ. ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ހަންޓަ ވައިރަސް ގެ ސަބަބުން އިންފެކްޝަން ޖެހިފައިވާ ޖަނަވާރުތަކާއި ގައިގޯޅިވިޔަ ނުދިނުމެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).

ހަންޓަވައިރަސް އަކީ 1990 ގެ އަހަރުތަކުގައި ފުރަތަމަ ފާހަނގަ ކުރެވުނު ވައިރަސް ޢާއިލާއެކެވެ. މި ވައިރަސް ފެތުރެނީ މީދަލުގެ ނުވަތަ "ރޯޑަންޓް" ޢާއިލާގެ ޖަނަވާރު ތަކުގެ ނަޖިހުންނެވެ. ރޯޑަންޓް ޢާއިލާގައި ހިމެނެނީ މީދަލާއި ހިކަނދީގެ އިތުރުން ސްކިއުރަލް، ހެމްސްޓަރ، ގިނީ ޕިގް، ބީވާ، ޕޯކިއުޕައިން އަދި ކެޕިބާރާ ފަދަ ޖަނަވާރުތަކެވެ. ބުޅަލާއި މުސަޅު ފަދަ ތަކެތި މީގެ ތެރޭގައި ނުހިމެނެއެވެ. މިހާރު ފެނިގެން މިއުޅޭ ހަންޓަވައިރަހުގެ ވައްތަރެއް ކަމުގައިވާ އެންޑީޒް ވައިރަހުގެ ޚާއްޞަ ސިފައަކީ، މިއީ އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮތް ވައިރަހަކަށް ވުމެވެ (ޑރ މައުރޫފު ޙުސައިންގެ ފޭސްބުކް ޕޯސްޓަކުން ނަގާފައި، 9ޑރ މައުރޫފު ހުސައިން، މެއި، 2025).

ހަންޓަ ވައިރަސް ނިސްބަތް ވަނީ ބުންޔާ ވައިރަސް(Bunyavirus) ގެ އާއިލާގައި ހިމެނޭ ހަންޓަވިރިޑޭ(hantaviridae) ވައިރަސްގެ ގޮތްޕަށެވެ. ކޮންމެ ހަންޓަ ވައިރަސް އަކަށް ވެސް ޖަނަވާރުންގެ ތެރޭގައި އެވައިރަސް އުފުލާ ހިމެނޭ ޚާއްޞަ ރިސާވަޔަރ އެއް ވެއެވެ. މިގޮތުން ހަންޓަ ވައިރަސްގެ ރިސާވަޔަރ ގެ ގޮތުގައި ބެލެވޭ ޖަނަވާރުގެ ހަށިގަނޑުގައި ދިގުމުއްދަތަކަށް ހަންޓަ ވައިރަސްގެ އިންފެކްޝަން ދެމިހުރެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ހަންޓަ ވައިރަސްގެ ތަފާތު ވައްތަރުތައް ހޯދިފައިވީ ނަމަވެސް، އިންސާނުންނަށް ބަލިޖެހެނީ ވަރަށް މަދު ވައިރަސް ތަކުގެ ސަބަބުންނެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).  

·         އުތުރު ، މެދު އަދި ދެކުނު އެމެރިކާގެ ގައުމުތަކުން ފެންނަ ހަންޓަ ވައިރަސް ގެ ސަބަބުން ހަންޓަ ވައިރަސް ކާޑިއޯޕަލްމަނަރީ ސިންޑްރޯމް(hantavirus cardiopulmonary syndrome) ކުރިމަތި ކުރުވައެވެ. އެންޑީޒް ވައިރަސް އަކީ ވެސް މިއާއިލާގެ ބައެކެވެ. ނޫނީ އެންޑީޒް ވައިރަސް އަކީ ހަންޓަވައިރަސްގެ ވައްތަރެކެވެ. އެންޑީޒް ވައިރަސް އަކީ އެވައިރަސްގެ ސަބަބުން ޖެހޭ އިންފެކްޝަން އިންސާނުންގެ މެދުގައި މަދުން ނަމަވެސް ގާތުން އެއްތާވި މީހުންނާއި، ދިގުމުއްދަތަކަށް ގާތުން އެއްތާވި މީހުންނަށް  (ޚާއްޞަކޮށް ޗިލީ އަދި އާޖެންޓީނާ ފަދަ ގައުމުތަކުގައި) ކުރިމަތި ކުރުވާ ވައިރަސް އެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). މިހާލަތަށް ހަންޓަ ވައިރަސް ޕަލްމޮނަރީ ސިންޑްރޯމް(hantavirus pulmonary syndrome) ވެސް ކިޔައި އުޅެއެވެ (ސީޑީސީ،2026).     

·         އޭޝިޔާ އަދި ޔޫރަޕްގެ ހިސާބުތަކުން ފެންނަ ހަންޓަ ވައިރަސްގެ ސަބަބުން ހީމޮރޭޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް(hemorrhagic fever with renal syndrome) ކުރިމަތި ކުރުވައެވެ. މިހިސާބުތަކުގައި އިންސާނުންގެ މެދުގައި ހަންޓަ ވައިރަސްގެ ސަބަބުން ބަލިފެތުރޭކަން އަދި ހޯދިފައެއް ނުވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). މީގެ އިތުރުން ހަންޓަ ވައިރަސް ގެ ސަބަބުން ހިމޮރޭޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް ކުރިމަތިކުރުވާ ހަންޓަ ވައިރަސްގެ ވައްތަރެއް ކަމަށްވާ ސޯލް ވައިރަސް(Seoul virus)  ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަކަން ފާހަގަ ކުރެވެއެވެ (ސީޑީސީ،2026).

ބަލި ފެތުރުން

އިންސާނުންނަށް ހަންޓަ ވައިރަސް ތަކުގެ ސަބަބުން އިންފެކްޝަން ނޫނީ ބަލިޖެހެނީ ހަންޓަ ވައިރަސް އިންފެކްޝަން ޖެހިފައިވާ ޖަނަވާރެއްގެ ޚާއްޞަކޮށް މީދާ، ނޫނީ ހިކަނދި ފަދަ ޖަނަވާރެއްގެ ކުޑަކަމު ނަޖިސް، ބޮޑުކަމު ނަޖިސް ނޫނީ ކުޅުގައި ޖެހި، ނޫނީ ހޭކިގެންނެވެ. ނޫނީ އެފަދަ އެއްޗަކަށް ހުށަހެޅިގެންނެވެ. މަދުން ނަމަވެސް ހަންޓަ ވައިރަސް އިންފެކްޝަން ޖެހިފައިވާ ޖަނަވާރެއް ދަތްއަޅައިގެން ނޫނީ ޖެހި ކޫރުން އެޅިގެން ވެސް ބަލިޖެހިދާނެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). ނޫނީ ވައިރަސް އާއި ތަޣައްޔަރުވެފައ ހުރި ކާބޯތަކެތި ކައިގެން ވެސް ވަރަށް މަދުން ނަމަވެސް ބަލިޖެހިދާނެއެވެ (އެމިލީ އެޓް އަލް، 2025).ބަލިޖެހިފައިވާ ޖަނަވާރުތަކާއި ގާތުންއެއްތާވުން ކުރިމަތިވާނެ ހަރަކާތްތަކުގެ (ކަންކަމުގެ) ތެރޭގައި މިފަދަ ޖަނަވާރުތައް ހުރި ރަނގަޅަށް ވައިދައުރުނުވާ ނުވަތަ ބެދިފައި ހުރި ތަނެއް ސާފުކުރުން، މިފަދަ ޖަނަވާރު ދިރުވައި ބޮޑުކުރުމުގެ ގޮތުން ގެންގުޅުން، އަދި މިފަދަ ޖަނަވާރު ދިރިއުޅޭ ތަނެއްގައި ނިދުން ފަދަ ކަންތައްތައް ހިމެނެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).

އިންސާނުންގެ މެދުގައި އެކަކު ގައިން އަނެކާގެ ގަޔަށް ފެތުރެނީ ހަންޓަ ވައިރަސްގެ ވައްތަރުތަކުގެ ތެރެއިން ހަމައެކަނި އެންޑީޒް ވައިރަސް އެވެ. ބަލިޖެހެނީ ބަލިޖެހިފައިވާ މާކައިރިކޮށް ނޫނީ ގައިގޯޅިކޮށް އުޅޭ މީހުންނަށެވެ. ނޫނީ ގާތުންއެއްތާކުވި މީހުންނަށެވެ (ސީޑީސީ، 2025).   

ބަލިޖެހިދާނެ ގޮތްތައް ތިރީގައި މިވަނީ އެވެ.

·         ބަލިޖެހިފައިވާ މީހަކާއި ސީދާކޮށް ގާތުންއެއްތާކުވުން

·         ބަލިޖެހިފައިވާ މީހަކާއެކު ގިނައިރުތަކެއް ވަންދެން އެކުގައި ހޭދަކުރުން ނޫނީ އެކުގައި އުޅުން

·         ބަލިޖެހިފައިވާ މީހާގެ ކުޅު، ނޭވާލާ ނިޒާމުން ބޭރުވާ އަރިދަފުސް، ކުޅު ދަވަ ފަދަ ތަކެތި ނޫނީ ހަށިގަނޑުން ބޭރުވި އެހެނިހެން ދިޔައެއްގައި ޖެހުން ނޫނީ އެފަދަ އެއްޗަކަށް ހުށަހެޅުން. މިސާލަކަށް ބޮސްދިނުން، ކެއުންބުއިމަށް ބޭނުންކުރާ ތަށި ފަދަ ތަކެތި ހިއްސާކުރުން އަދި ވައިރަސް އާއި ތަޣައްޔަރުވެފައިވާ ބެޑްޝީޓް ރަޖާގަނޑު ފަދަ ތަކެތި އުފުލައިހެދުން ކަމެއްގެ ތެރެއިން ހަށިގަނޑަށް ވައިރަސް އެތެރެވުން (ސީޑީސީ، 2025).  

މިއަދާއި ހަމައަށް އިންސާނުންގެ މެދުގައި އެކަކު ގައިން އަނެކާގެ ގަޔަށް ބަލިޖެހިފައިވާކަން ފާހަގަކުރެވިފައިވަނީ ހަމައެކަނި އެންޑީޒް ވައިރަސްގެ ސަބަބުން އެމެރިކާ ބައްރުގެ ގައުމުތަކުގައެވެ. މިބަލި ޖެހުނު އިރު، ބަލިޖެހިފައިވަނީ ބަލިޖެހިފައިވާ މީހުންނާއި ގާތުން ދިގުމުއްދަތަކަށް އެއްތާކުވި މީހުންނަށެވެ. ޚާއްޞަކޮށް ބަލިޖެހިފައިވާ މީހުންނާއި އެއް ގޭބިސީއެއްގައި ދިރިއުޅުނު މީހުންނާއި، ބަލި ޖެހުނު މީހުންގެ ހަޔާތުގެ ބައިވެރިންނަށެވެ. އަދި ބަލިޖެހުނުކަން ފާހަގަކުރެވިފައިވަނީ ވެސް ބަލިޖެހޭތާ ކުރީކޮޅު ބަލީގެ ވައިރަސް ފެތުރުމުގެ ފުރުޞަތު އެންމެ ބޮޑު ދުވަސްވަރު ގައެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).

 

އަލާމާތްތައް

އިންސާނުންގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަށް ފަށަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ 8-1 ހަފްތާއާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).  

·         ހުންއައުން

·         ބޮލުގައި ރިހުން

·         މަސްތަކުގައި ރިހުން

·         ބަނޑުގައި ރިހުން

·         މޭނުބައިކުރުން

·         ހޮޑުލެވުން

ހަންޓަ ވައިރަސްގެ ސަބަބުން މެދުވެރިވާ ހަންޓަ ވައިރަސް ކާޑިއޯޕަލްމަނަރީ ސިންޑްރޯމްގައި ބަލި އިތުރަށް ކުރިއަރައި، ނޫނީ ގޯސްވެ، ކެއްސުން، ނޭވާކުރުވެ، ނޭވާލާން ދަތިވުން އަދި ފުއްޕާމޭގައި ފެން ޖަމާވެ، ޝޮކުޖެހޭގޮތް މެދުވެރިވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).  

ހަންޓަ ވައިރަސް އާއި ގުޅިގެން ކުރިމަތިވާ ހީމޮރެޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް ގައި ފަހު މަރުހަލާގައި ލޭގެ ޕްރެޝަރު ދަށްވުން، ހަށިގަނޑުގެ އެކި ހިސާބުތަކުން ލޭހިލުން އަދި ގުރުދާ ފޭލްވުން ފަދަ ކަންތައްތައް މެދުވެރިވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).

މި ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. ހިސާބު ތަކުން ދައްކާގޮތުގައި މިބަލި ޖެހޭ މީހަކު މަރުވުމުގެ ފުރުސަތު %40 އާއި %60 އާ ދެމެދު އޮވެއެވެ.ބަލީގެ ކުރީކޮޅު ފެންނަ ޢަލާމާތްތަކަކީ އާދައިގެ ރޯގާގައި ވެސް ފެންނަފަދަ ކަންތަކެވެ. އޭގެ ތެރޭގައި ހުން އައުން، ހީކެރުވުން، ގައިގައި ރިއްސުން ފަދަ ކަންތައް ހިމެނެއެވެ. ބަލި ޖެހިފައިވާ މީހާގެ ބަލި ކޮންޓްރޯލު ނުވެ ކުރިޔަށް ދާނަމަ ވަރަށް އަވަހަށް ނޭވާލާ ނިޒާމަށް މައްސަލަ ދިމާވެ ފުރާނައަށް ނުރައްކާވެއެވެ. ބަލީގެ އެންމެ އުނދަގޫ އެއް ކަމަކީ އޭގެ "އިންކިއުބޭޝަން ޕީރިއަޑް" ނުވަތަ ބަލި ޖެހުމަށްފަހު ބަލީގެ ޢަލާމާތްތައް ފެންނަން 6 ހަފުތާ ނަގާތީއެވެ. މިއީ ބަލި ކޮންޓްރޯލް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ (ޑރ މައުރޫފު ޙުސައިންގެ ފޭސްބުކް ޕޯސްޓަކުން ނަގާފައި، 9ޑރ މައުރޫފު ހުސައިން، މެއި، 2025).  

ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ޢާންމު މީހުނަށް މި ބަލި ޖެހުމުގެ ނުރައްކާ އެހާ ބޮޑެއް ނޫނެވެ. މި ބަލި ފެތުރެނީ އިންތިހާއަށް ގާތްކޮށް އުޅޭ މީހުންގެ މެދުގައެވެ. މިސާލަކަށް އެއް އެނދެއްގައި ނިދާ ދެމަފިރިން، އެތައް ގަޑިއިރެއްގެ ފްލައިޓެއްގައި ބަލިޖެހިފައިވާ މީހަކާއި ޖެހިގެން އިންނަ ގޮނޑީގައި އިންނަ މީހާ ފަދަ ގިނަ ވަގުތު ކައިރީގައި ތިބޭ މީހުންނެވެ. މިއީ ޢާންމު ރޯގާ ނުވަތަ ކޮވިޑް ފަދައިން ވައިގެ ތެރޭގައި އެހާ ފަސޭހައިން ދައުރުވެ ފެތުރިގެންދާ ބައްޔެއް ނޫނެވެ. (ޑރ މައުރޫފު ޙުސައިންގެ ފޭސްބުކް ޕޯސްޓަކުން ނަގާފައި، 9ޑރ މައުރޫފު ހުސައިން، މެއި، 2025).  

ހަންޓާ ވައިރަސް ޕަލްމޮނަރީ ސިންޑްރޯމް

ހަންޓަ ވައިރަސް ޕަލްމޮނަރީ ސިންޑްރޯމް(hantavirus pulmonary syndrome)  އަކީ ހަންޓަ ވައިރަސްގެ ސަބަބުން ނޭވާލާ ނިޒާމާއި ފުއްޕާމެޔަށް އަސަރުކުރުވާ ފުރާނައަށް ނުރައްކާވެދާނެ ނުވަތަ މަރުވެދާނެ(deadly) ނުރައްކާތެރި ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލީގެ އަލާމާތްތައް ފެންނަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވާޞިލްވާތާ ނޫނީ ބަލިޖެހިފައިވާ ޖަނަވާރަކީ ގައިގޯޅިވާތާ (ގާތުންއެއްތާކުވިތާ) 8-1 ހަފްތާގެ މުއްދަތެއް ހޭދަވާ ފަހުންނެވެ (ސީޑީސީ،2026).   

ބަލީގެ ކުރީކޮޅުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ސީޑީސީ،2026).   

·         ވަރުބަލިވެ ވާޅުވުން

·         ހުންއައުން

·         މަސްތަކުގައި ރިހުން : ޚާއްޞަކޮށް ހަށިގަނޑުގައި ބޮޑެތި މަސްގަނޑުތައް ހިމެނޭ ހިސާބުގައި މިސާލަކަށް ފައިގެ ފަލަމަސްގަނޑު، ބުރަކަށި، އުކުޅު އަދި ކޮނޑުމަތި ފަދަ ހިސާބުތަކުގައި ރިހުން ހުރެއެވެ (ސީޑީސީ،2026).   

ހަންޓަ ވައިރަސް ޕަލްމޮނަރީ ސިންޑްރޯމް ކުރިމަތިވާ ½ މީހުންނަށް އަންނަނިވި ކަންތައްތައް ތަޖުރިބާ ކުރެވެއެވެ، ނޫނީ ދިމާވެއެވެ.

·         ބޮލުގައި ރިހުން

·         ބޯއެނބުރުން

·         ހީކެރުވުން

·         މޭނުބައިކުރުން

·         ހޮޑުލެވުން

·         ބޭރަށްހިންގުން

·         ބަނޑުގައި ރިހުން (ސީޑީސީ،2026). 

ބަލީގައި ފުރަތަމަ ފެންނަ އަލާމާތްތައް ފެންނަށް ފަށާތާ 10-4 ދުވަހުގެ މުއްދަތެއް ހޭދަވުމަށްފަހު ބަލީގެ ފަހުކޮޅު ގެ އަލާމާތްތައް ފެނެއެވެ. އެގޮތުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކެއްސުން، ނޭވާކުރުވުން، މެޔަށް ވާންވެ ބާރުވެ ފިތުން، އަދި ފުއްޕާމޭގައި ފެން ހަރުލުން ހިމެނެއެވެ (ސީޑީސީ،2026). އާޚިރު ނަތީޖާއެއް ގޮތުން ނޭވާލުމުގެ މަސައްކަތް ފޭލްވެ، ފުރާނައަށް ނުރައްކާވުމަކީ ވެދާނެ ގޮތެކެވެ (އެމިލީ އެޓް އަލް، 2025).  

ހަންޓަ ވައިރަސް ޕަލްމޮނަރީ ސިންޑްރޯމް އަކީ ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިބަލިކުރުވާ %38 މީހުން މަރުވާ ކަން ފާހަގަ ކުރެވިފައި ވެއެވެ (ސީޑީސީ،2026).

ހީމޮރޭޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް

ހީމޮރޭޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް(Hemorrhagic fever with renal syndrome)  އަކީ ހަންޓަ ވައިރަސްގެ ސަބަބުން ގުރުދާއަށް އަސަރުފޯރުވާ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ބައްޔެކެވެ. މިބަލީގެ އަލާމާތްތައް ފެންނަނީ ބަލީގެ ވައިރަސް ހަށިގަނޑަށް ވަންނަތާ 2-1 ހަފްތާގެ މުއްދަތަކަށް ފަހުގައެވެ. ބައެއް ފަހަރު ބަލީގެ އަލާމާތްތައް ފެންނަށް 8 ހަފްތާ ވަރު ވެސް ނަގައިފާނެއެވެ. އެންމެ ފުރަތަމަ ފެންނަ އަލާމާތްތައް ފެންނަށް ފަށަނީ ކުއްލިއަކަށެވެ (ސީޑީސީ،2026).   

އެގޮތުން ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ވަރަށް ބޮޑަށް ބޮލުގައި ރިހުން

·         ބުރަކަށީގައި ރިހުން

·         ބަނޑުގައި ރިހުން

·         ހުންއައުން އަދި ހީކެރުވުން

·         ލޮލުގެ ފެނުން ފުސްވުން (ސީޑީސީ،2026). 

ބައެއް މީހުންގެ މޫނު ރަތްވެދާނެ އެވެ. ނޫނީ ބިހި ނަގައިފާނެއެވެ. ނޫނީ ލޯ ރަތްވެދާނެ އެވެ. ބަލީގެ ފަހުކޮޅު ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (ސީޑީސީ،2026). 

·         ލޭގެ ޕްރެޝަރު ދަށްވުން

·         ހަށިގަނޑުގައި ލޭ ރަނގަޅަށް ދައުރުނުވުން (ޝޮކުޖެހުން)

·         އެތެރެ ހަށްޓަށް ލޭއެޅުން

·         ގުރުދާ ފޭލްވުން (ސީޑީސީ،2026). 

ބަލި ކުރިމަތިވާ ހަންޓަ ވައިރަސްގެ ވައްތަރާއި ގުޅިގެން ބަލީގެ ނުރައްކާތެރިކަމުގެ މިންވަރު ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ. ހަންޓަ ވައިރަސް ގެ ވައްތަރު ތަކުގެ ތެރެއިން ހަންޓާން ވައިރަސް(Hantaan virus) އަދި ޑޮބްރަވާ ވައިރަސް(Dobrava virus)ގެ ސަބަބުން ނުރައްކާތެރި ވުމުން ފެންނަ އަލާމާތްތައް ފެނެއެވެ. އަދި މިފަދަ ވައިރަސްތަކުގެ ސަބަބުން ކުރިމަތިވާ އިންފެކްޝަންގެ ސަބަބުން ބަލިޖެހޭ %15-5 މީހުންގެ ފުރާނައަށް ނުރައްކާ ވެއެވެ. މިއާއި ޚިލާފަށް ހަންޓަ ވައިރަސްގެ ވައްތަރު ތަކުގެ ތެރެއިން ސޯލް ވައިރަސް(Seoul virus) ، ސާރެމާ ވައިރަސް(Saaremaa virus)  އަދި ޕޫމަލާ(Puumala virus)  ވައިރަސްގެ ސަބަބުން ބަލީގެ އުދަނގޫތައް ކުރިމަތިވަނީ އާދައިގެ ނޫނީ މެދު މިންވަރަކަށެވެ. އަދި މިފަދަ އިންފެކްޝަން ޖެހުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާވަނީ %1 އަށްވުރެ ވެސް މަދު މީހުންނަށެވެ. ބަލިން އެއްކޮށް ރަނގަޅުވާން ދެތިން ހަފްތާއިން ފެށިގެން ގޮސް ދެތިން މަސް ދުވަހުގެ މުއްދަތެއް ނެގުމަކީ ވެސް އެކަށީގެންވާ ކަމެކެވެ (ސީޑީސީ،2026).   

ދެނެގަތުން

ހަންޓަ ވައިރަސް އިންފެކްޝަން ކުރީކޮޅުގައި ދެނެގަތުމަކީ ގޮށްޖެހުން ހުރި ކަމެކެވެ. ނޫނީ އުދަނގޫ ކަމެކެވެ. ސަބަބަކީ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ އެހެން ހުންތަކާއި. ނޭވާލާ ނިޒާމަށް ކުރިމަތިވާ އިންފެކްޝަންތަކުގެ މިސާލަކަށް ކޯވިޑް 19، ލެޕްޓޯސްޕައިރޯސިސް، ޑެންގޫ ހުން، ނުވަތަ ލޭވިހަވުން ފަދަ އިންފެކްޝަންތަކުގެ އަލާމާތްތަކާއި އެއްގޮތް އަލާމާތްތަކަކަށް ވުމެވެ. އެހެންކަމުން ބަލިޖެހިފައިވާ މީހުންގެ ކިބައިން ރަނގަޅަށް މައުލޫމާތުތައް އަހައި އޮޅުން ފިލުވުން މުހިއްމެވެ. ޚާއްޞަކޮށް ބަލިޖެހިފައިވާ ޖަނަވާރަކާއި ގާތުން އެއްތާކުވިތޯ ބެލުން މުހިއްމެވެ. މަސައްކަތުގެ މާހައުލުންނާއި، ދިރިއުޅޭ މާހައުލުން ބަލިޖެހުމުގެ ހިރާސް އޮތް މިންވަރު، ބަލި ފެތުރޭ ހިސާބަކަށް ދަތުރުކޮށްފައިވުން އަދި ބަލި ފެތުރޭ ހިސާބުގައި ބަލިޖެހިފައިވާ މީހަކާ ގާތުން އެއްތާކުވިތޯ ބެލުން ފަދަ ކަންތައްތައް ކުރުމަކީ ބަލި ދެނެގަތުމަށް ބޭނުންތެރި ކަމެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). ހަންޓަ ވައިރަސް އިންފެކްޝަން ޖެހޭތާ 72 ގަޑިއިރު ނުވަނީސް އެބަލިހުރިކަން ދެނެގަތުމަކީ އުދަނގޫ ކަމެކެވެ. އެހެންކަމުން ބަލިހުރިތޯ ބެލުމަށް ފުރަތަމަ ފަހަރަށް ޓެސްޓުކުރުން އެދެވިގެންވަނީ ބަލީގެ އަލާމާތްތައް ފެންނަތާ 72 ގަޑިއިރު ފަހުންނެވެ. ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ބޮލުގައި ރިހުން، މަސްތަކުގައި ރިހުން، މޭނުބައިކުރުން އަދި ވަރުބަލިވުން ހިމެނޭތީ ކުރީކޮޅު ވަރަށް ގިނަ ފަހަރު މިބައްޔާއި އިންފުލުއެންޒާ އާއި ދެބަލި އޮޅޭގޮތް ވެއެވެ (ސީޑީސީ،2026).      

ހަންޓަ ވައިރަސް އިންފެކްޝަން ދެނެގަތުމަށް ހެދޭ ޓެސްޓުތަކުގެ ތެރޭގައި އަންނަނިވި ޓެސްޓުތައް ހިމެނެއެވެ.

·         ހަންޓާ ވައިރަސްއަށް ޚާއްޞަ އައިޖީއެމް އެންޓިބޮޑީ ހުރިތޯބެލުން

·         ހަންޓާ ވައިރަސް އަށް ޚާއްޞަ އައިޖީޖީ އެންޓިބޮޑީ ގެ މިންވަރު އިތުރުވޭތޯ ބެލުން

·         ރިވާރސް ޓްރާންސްކްރިޕްޝަން ޕޮލިމެރޭޒް ޗެއިން ރިއެކްޝަން ޓެސްޓު ހެދުން (ބަލީގެ ކުރީކޮޅުގައި)

ބަލިމީހުންގެ ކިބައިން ނެގޭ ސާމްޕަލް އަކީ ބަޔޯހެޒާރޑް ރިސްކެއްގެ ގޮތުގައި ބެލެވެއެވެ. އެހެންކަމުން ސާމްޕަލް ނަގައި ހެދުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، މިންގަނޑުތަކާއި އެއްގޮތަށް ކަންކަން ކުރިޔަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).  

ފަރުވާ

ހަންޓަ ވައިރަސް އިންފެކްޝަން އަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. ނޫނީ ވައިރަސް އާއި ދެކޮޅަށްދޭ ވަކި ޚާއްޞަ ބޭހެއް ނޫނީ ބަލިން ރައްކާތެރިކޮށްދޭ ވެކްސިނެއް ނުހުރެއެވެ. ބައްޔަށްދޭ ފަރުވާ އަކީ އެހުންނަ އުދަނގޫތައް ރިޢާޔަތްކޮށް، ބަލީގައި ދިމާވާ ނުރައްކާތައް (ހިތުގެ، ފުއްޕާމޭގެ އަދި ގުރުދާގެ މައްސަލަތައް) ކުޑަކޮށް، އެކަންކަން ކުރިމަތިވުމުން ރައްކާތެރިކޮށްދިނުމަށް ދެވޭ ފަރުވާ އެކެވެ. ނުވަތަ ސަޕޯޓިވް ކެއަރ އެވެ(ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). ސަޕޯޓިވް ކެއަރގެ ތެރޭގައި ކުރިމަތިވެފައިވާ އުދަނގޫތަކަށް ލުއިކަން ހޯދުމަށް ފަރުވާކުރުން، އޮކްސިޖަން ދަށްދަނަމަ އޮކްސިޖަން ދިނުން، ލޭގެ ޕްރެޝަރު ދަށްނަމަ އެކަމަށް ފަރުވާކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ހަންޓަ ވައިރަސް ޕަލްމަނަރީ ސިންޑްރޯމް ކުރިމަތިވެގެން އެދުމަތިކުރާ މީހުންނަށް ، އޮކްސިޖަން ގެ އިތުރުން ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދޭންޖެހެއެވެ. އަދި އަދި ހީމޮރޭޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް ހުންނަ މީހުންގެ ގުރުދާގެ މަސައްކަތް ގާތުން ބަލަމުން ގެންދިއުމާއެކު ޑަޔަލިސިސް ހަދަން ޖެހިދާނެއެވެ (އެމިލީ އެޓް އަލް، 2025).

ބަލީގެ ކުރީކޮޅު ބޭނުންވާ ހާލަތުގައި އައިސީޔޫ ފަދަ ތަންތަނުގައި ބާއްވައިގެން ފަރުވާ ދީފިނަމަ، ހަންޓަ ވައިރަސް ކާޑިއޯޕަލްމަނަރީ ސިންޑްރޯމް ފަދަ މައްސަލަތައް ހުންނަ މީހުންގެ ހާލަތު ރަނގަޅުވެ، ބަލި ރަނގަޅުވުމުގެ ފުރުޞަތު ބޮޑުކަން ފާހަގަ ކުރެވެއެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026). ހަންޓަ ވައިރަސް ޕަލްމަނަރީ ސިންޑްރޯމް ހުންނަ މީހުންނަށް ނޭވާކުރުވެ، ނޭވާލާން ދަތިވާތީ، ނޭވާލުމަށް އެހީތެރިވުމަށް ވެންޓީލޭޓަރަށް ލާންޖެހިދާނެ އެވެ. އަދި ހީމޮރޭޖިކް ފީވަރ ވިތު ރީނަލް ސިންޑްރޯމް ހުންނަ މީހުން ޑަޔަލިސިސް ހަދަން ޖެހިދާނެއެވެ (ސީޑީސީ، 2025).

މި ބައްޔަށް މިހާތަނަށް ވަކި ޚާއްޞަ ބޭހެއް ނުވަތަ ވެކްސިނެއް ހޯދިފައެއް ނުވެއެވެ. ދެވެނީ ބަލީގެ ޢަލާމާތްތަކަށް ދެވޭ "ސަޕޯޓިވް ކެއަރ" އެކެވެ. އެއީ ނޭވާލާން އުނދަގޫވާ މީހުން ވެންޓިލޭޓަރަށް ލުންފަދަ ކަންކަމެވެ (ޑރ މައުރޫފު ޙުސައިންގެ ފޭސްބުކް ޕޯސްޓަކުން ނަގާފައި، 9ޑރ މައުރޫފު ހުސައިން، މެއި، 2025).    

ރައްކާތެރިވުން

ހަންޓަ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް ކުރެވޭ މައިގަނޑު މަސައްކަތް ބިނާވަނީ އިންސާނުންނާއި ބަލިޖެހިފައިވާ ޖަނަވާރުންނާއި ބައްދަލުވެ، ގާތުން އެއްތާކުވުމުން ދުރުކޮށް ރައްކާތެރިކޮށްދިނުމަށެވެ. އެގޮތުން ހަންޓަ ވައިރަސް އިންފެކްޝަން އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).  

 

·         ގެޔާއި ގޯތިގެދޮރު އަދި މަސައްކަތުގެ މާހައުލު ސާފުތާހިރުކޮށް ބޭއްވުން

·         އިމާރާތްތަކަށް މީދާ ހިކަނދި ފަދަ ޖަނަވާރުތައް ވަނުމަށް ހުންނަ ލޯވަޅު، ހޮއި، އާނގަ ފަދަ ތަންތަން ބެއްދުން

·         ކާބޯތަކެތި ރައްކާކޮށް ކޮށާރުކުރުމުގައި ފަރުވާތެރިވުން

·         ޖަނަވާރުންގެ މެދުގައި ހަންޓާ ވައިރަސް ފެތުރޭ ހިސާބުތަކުގައި ސާފުތާހިރުކަން ދޭ ސަމާލުކަން އިތުރުކުރުން

·         ޖަނަވާރުންގެ މެދުގައި ހަންޓާ ވައިރަސް ފެތުރޭ ހިސާބުތަކުގައި އެފަދަ ޖަނަވާރުތަކުގެ ނަޖިސް (ބިންގަނޑު ތެތްކުރުމެއް ނެތި ހިކިކޮށް އޮއްވައި) ކުނިކަހައި ހަދައިގެން ނުނެގުން

·         ޖަނަވާރުންގެ މެދުގައި ހަންޓާ ވައިރަސް ފެތުރޭ ހިސާބުތައް ސާފުކުރުމުގެ ކުރިން ފެންޖެހުން

·         އަތުގެ ސާފުތާހިރުކަމަށް ސަމާލުކަން ދިނުން (ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، 2026).  

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.who.int/news-room/fact-sheets/detail/hantavirus

·         https://www.cdc.gov/hantavirus/about/index.html

·         https://jamanetwork.com/journals/jama/fullarticle/2834395

 

 

 

No comments:

Post a Comment