Thursday, September 5, 2013

ސެލްމަނެލޯސިސް

ސެލްމަނެލޯސިސް
ސެލްމަނެލޯސިސް(salmonellosis)އަކީ ސެލްމަނެލާ (Salmonella)ކިޔާ ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ  ބޭރަށްހިންގުމުގެ (ކާނާ ވިހަވުމުގެ) ވައްތަރެކެވެ. ސެލްމަނެލާ ބެކްޓީރިޔާގެ ތަފާތު ވައްތަރު ތައް ހުރެއެވެ. ނަމަވެސް އެންމެ އާންމުކޮށް ކާނާ ވިހަވުން ކުރިމަތިވާކަމަށް ފާހަގަ ކުރެވިފައިވަނީ "ސެލްމަނެލާ ޓައިފިމިޔުރިއަމް"(salmonella typhimurium) އަދި "ސެލްމަނެލާ އެންޓިރިޑިސް"(salmonella enteridis) ގެ ސަބަބުންނެވެ. ބައެއް މީހުންނަށް ސެލްމަނެލޯސިސް އަކީ ދާއިމީކޮށް ހުންނަ ކަމަކަށް ވެދާނެ އެވެ. މިފަދަ މީހުންގެ ކިބައިން އަލާމާތްތައް ނުފެނިދިޔަސް އެހެންމީހުންނަށް އެމީހެއްގެ ފުށުން ބަލިފަތުރައިފާނެކަން ހަދާންކުރަން ޖެހެއެވެ. ސެލްމަނެލޯސިސް ބޮޑަށް ފެތުރެނީ ފިނި ދުވަސްވަރަށްވުރެ، ހޫނު ދުވަސްވަރު ގައެވެ. ކުޑަކުދިންނަށް ސެލްމަނެލޯސިސް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ހަމަމިހެން ޅަކުދިންނާ، މުސްކުޅިން، އަދި ދިފާއީބާރު ދަށްމީހުންނަށް ބަލިޖެހުމުގެ ފުރުޞަތު ބޮޑެވެ.


ސަބަބު
ސެލްމަނެލޯސިސް ޖެހެނީ ސެލްމަނެލާ ބެކްޓީރިޔާ އާ ތަޣައްޔަރުވެފައި ހުރި ކާތަކެތި ބޭނުންކުރުމުންނެވެ. ކާބޯތަކެތި ސެލްމަނެލާ ބެކްޓީރިޔާ އާ ތަޣައްޔަރު ކުރުވަފާނެ ގޮތްތައް ތިރީގައި މިވަނީ އެވެ.
ü      ކާތަކެތި ބަންދުކުރުމާ، އުފުލާ ހެދުމުގެ ތެރޭގައި ސެލްމަނެލާ ބެކްޓީރިޔާ އާ ތަޣައްޔަރުވެދާނެ އެވެ.
ü      އަތުގައި ޖަރާސީމު ހުރެ، އަތްނުދޮވެ ކާތަކެތީގައި އަތްލައި، އުފުލައި ހަދާނަމަ އެކާތަކެތި ބެކްޓީރިޔާ އާ ތަޣައްޔަރުވެދާނެ އެވެ. ގިނަ ފަހަރު ސެލްމަނެލޯސިސް ފެތުރެނީ ކާތަކެތި އުފުލައި ހެދުމުގައި އުޅޭ މީހަކު ފާޚާނާކޮށް ނިމިގެން އަތް ސައިބޯނިލައިގެން ނުދޮވެ، ކާތަކެތީގައި އަތްލައި ހެދުމުން، އެކާތަކެތި ޖަރާސީމާ ތަޣައްޔަރުވެ، ގިނަބަޔަކު އެކާތަކެތި ކެއުމުންކަން ފާހަގަ ކުރެވެއެވެ.
ü      އޮޅުކޮށްގެން ގެންގުޅޭ ދޫންޏާ، ޖަނަވާރުގެ ބޮޑުކަމު ނަޖިހުގައި ސެލްމަނެލާ ބެކްޓީރިޔާ ހުރެދާނެ އެވެ. އެހެން މިފަދަ ޖަނަވާރު ބޮޑުކަމު ނަޖިހުގައި ބީހިއްޖެނަމަ އަތް ޖަރާސީމާ ތަޣައްޔަރުވެދާނެ އެވެ.
ü      ފިރުކޭ ޖަނަވާރު، ފިޔޮއް، އަސްދޫނި ފިޔޮއް، ފަދަ ތަކެތީގައި ވެސް ސެލްމަނެލާ ބެކްޓީރިޔާ ހުރެއެވެ. އެހެންކަމުން މިފަދަ އެއްޗެތީގައި އަތްލައި ހަދާނަމަ ބަލިޖެހުމުގެ ފުރުޞަތު އޮވެއެވެ. ކުޑަކުދިން މިފަދަ ތަކެތި އުރައި، އުފުލައި ހެދުމަކީ އެކުދިންނަށް ވެސް ބަލިޖެހިދާނެ ކަމެކެވެ.
ü      ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ އެއްގަމު މަސް، ކިރު، ބިސް، އަދި އެހެނިހެން ކާތަކެތި ކެއުން:  އެހެންކަމުން ރަގަޅަށް ނުކައްކައި އެއްގަމު މަސް، ބިސް ފަދަ ތަކެތި ބޭނުންކުރުމަކީ މިބަލިޖެހިދާނެ ކަމެކެވެ.
ü      ބަލީގެ ޖަރާސީމު ހުރި، ރޯކުކުޅު، ދޫނި  ފަދަ ތަކެތި ކޮށާފައިވާ ސަތަހައެއް (ކަޓިންގ ބޯޑެއް) ފަދަ ތަނެއްގައި އެހެން ކާނާގެ ބާވަތެއް ކޮށައި ހަދައިފިނަމަ، އެއެއްޗެއް ސެލްމަނެލާ ބެކްޓީރިޔާ އާ ތަޣައްޔަރުވުމަކީ ވެދާނެ ގޮތެކެވެ.
އަލާމާތްތައް
ސެލްމަނެލޯސިސްގެ އަސަރު ހަށިގަނޑުން ފެންނަން ފަށަނީ ބަލީގެ ޖަރާސީމު ހަށިގަނޑަށް ވަންނަތާ ގާތްގަނޑަކަށް 12 ގަޑިއިރާ 72 ގަޑިއިރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. އާންމު ގޮތެއްގައި ބަލީގެ އަސަރު 7-4 ދުވަހާ ދެމެދުގެ މުއްދަތަކަށް ދެމިހުރެއެވެ. ގިނަ މީހުން ބޭހެއް ބޭނުން ނުކުރި ނަމަވެސް ރަގަޅު ވެއެވެ. ސެލްމަނެލޯސިސް ޖެހުމުން (ކާނާ ވިހަވުމުން) ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ހުންއައުން، ކާހިތްނުވުން، އަދި އެންމެ ފަހުން ޝޮކުޖެހުން ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ. ބައެއް ފަހަރު މާބޮޑަށް ބޭރަށްހިންގައި، ހަށިގަނޑުން ފެންހުސްވުމަކީ ވެސް ވެދާނެ ގޮތެކެވެ. މިގޮތަށް ފެންހުސްވުމުގެ ފުރުޞަތު ބޮޑީ ކުޑަކުދިންނާ، މުސްކުޅިން، އަދި ހަށިގަނޑުގެ ދިފާއީ ބާރު ދަށް މީހުންނަށެވެ.

ނުރައްކާ
ސެލްމަނެލޯސިސް ޖެހޭ ގިނަ މީހުން އެއްކޮށް ރަގަޅުވި ކަމުގައި ވިޔަސް (ބައެއް މީހުން ރަގަޅުވުމަށް އެތައް މަހެއް ނެގިޔަސް) މަދު އަދަދެއްގެ މީހުންނަށް މި ބައްޔާ ވިދިގެން "ރެއިޓަރސް ސިންޑްރޯމް"(Reiter’s syndrome) ކިޔާ ބައްޔެއް ޖެހޭގޮތް ވެއެވެ. އެތައް ދުވަހަކަށް ދެމިގެން ގޮސްދާނެ ރެއިޓަރސް ސިންޑްރޯމް ގެ އަލާމާތްތަކުގެ ތެރޭގައި ހުޅުތަކުގައި ރިހުން، ލޯހިރުވައި އުދަނގޫވުން، އަދި ކުޑަކަމުދާއިރު ތަދުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ރެއިޓަރސް ސިންޑްރޯމް އާ ގުޅިގެން ކުރިމަތިވާ ހުޅުތަކުގައި ރިހުން ދާއިމަށް ދެމިދާ "ހުޅު ދުޅަވުމަކަށް" ބަދަލުވުމަކީ ވެދާނެ ގޮތެކެވެ.

ސެލްމަނެލާ އިންފެކްޝަންގެ ސަބަބުން ދުނިޔެ ދޫކޮށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ގިނަ ފަހަރު ދުނިޔެ ދޫކޮށްދަނީ ބަލިޖެހޭ މީހުންގެ ތެރެއިން ކުޑަކުދިންނާ، މުސްކުޅިން، އަދި ހަށިގަނޑުގެ ދިފާޢީ ބާރު ދަށްވެފައިވާ މީހުންނެވެ.

ދެނެގަތުން
ސެލްމަނެލޯސިސް އަށް ހުށަހެޅިއްޖެހެން ހީވާނަމަ ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. މިބަލި ހުރިކަން ދެނެގަނެވެނީ ބަލިމީހާގެ ކިބައިން އޮޅުންފިލުވޭ މައުލޫމާތު ތަކާ، ބަލާ ބެލުންތަކުން އެނގޭ އެނގުންތަކަށް ރިއާޔަތްކޮށްގެންނެވެ. އެންމެ ފަހުން ކެއި ތަކެއްޗާ، ގޭތެރެ، މަސައްކަތުގެ މާހައުލު ހުންނަ ގޮތާމެދު އަދި ކުރިމަތިވެފައިވާ އުދަނގޫތަކާ ބެހޭ ގޮތުން ޑޮކްޓަރު ސުވާލުކޮށް މައުލޫމާތު ތައް އޮޅުން ފިލުވާނެއެވެ. ލޭގެ ޓެސްޓު ހެދުމުގެ އިތުރުން ބޮޑުކަމު ނަޖިސް ޓެސްޓުކޮށްގެން އޭގައި ސެލްމަނެލާ ޖަރާސީމު ހުރިތޯ ޔަގީންކުރެވޭނެ އެވެ.

ފަރުވާ
އާންމު ގޮތެއްގައި 7-5 ދުވަހާ ދޭތެރޭގައި ފަރުވާ ނުކުރިޔަސް ރަގަޅުވެދެއެވެ. ފަރުވާކުރަންޖެހޭނީ ވަރަށް ބޮޑަށް ހަށިގަނޑުގައި ފެންމަދުވުން، ނުވަތަ ގޮހޮރު ނޫން ހިސާބުތަކަށް ޖަރާސީމު ފެތުރުން ފަދަ ކަމެއް ކުރިމަތިވެފައި ވާނަމަ އެވެ. ފަރުވާގެ ގޮތުގައި އާންމު ގޮތެއްގައި އެންޓިބަޔޮޓިކް ދީއުޅެއެވެ.
ބޭރަށްހިންގުމުގެ ފަރުވާ އަމާޒުކުރެވެނީ ބޭރަށްހިންގުމާ ހޮނޑުލެވުމުގެ ސަބަބުން ހަށިގަނޑުން ބީވެދިޔަ ފެނާ ލޮނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދާ ދިނުމަށެވެ. ބޭރަށްހިންގާ ކޮންމެ ފަހަރަކު، ލޮނު ފެން، ނުވަތަ އާދައިގެ ފެން ބޭނުންކުރަން އާދަކުރާށެވެ. ސޮޑާ އަދި މޭވާ ޖޫހުގައި ހަކުރު އެކުލެވޭތީ ހަށިގަނޑުގައި ފެން ގިނަކުރުމަށް މާގިނައިން އެފަދަ ތަކެތި ބޭނުންކުރުން ރަގަޅެއް ނޫނެވެ. އާންމުކޮށް ވެސް ކައިއުޅޭ ކާތަކެތި ކާން އާދަކުރެވިދާނެ އެވެ. ނަމަވެސް މާގިނައިން ތެލާ، ސަރުބީ ހުންނަ ކާނާ، މާގިނައިން ހަކުރު ހުންނަ ފޮނި ކާތަކެތި، ކޮފީ،ބަނގުރާ، އަދި މާކުޅި ކާނާ ބޭނުންކުރުމަކީ ވެސް ރަގަޅު ކަމެއް ނޫނެވެ.

ރައްކާތެރިވުން
ސެލްމަނެލޯސިސް އިން އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
(ހ) - ރޯބިސް ނުބުއިން
(ށ) - ރަގަޅަށް ކައްކާފައި ހުރި ބިސްކެއުން
(ނ) - އެއްގަމުމަސް، ކުކުޅު، ކަނޑުމަސް ރަގަޅަށް ރޯފިލަންދެން ކައްކައިގެން ކެއުން
(ރ) - ޖަރާސީމުގެ އަސަރު ނުފިލުވައި ކިރުން ހަދާ ސޮފުޓް ޗީޒު ބޭނުންނުކުރުން
(ބ) - ޖަރާސީމުގެ އަސަރު ނުފިލުވައި ހުންނަ، ރޯކިރު ނުބުއިން
(ޅ) - ތަރުކާރީ އާ މޭވާ ކެއުމުން ދޮވުން ނުވަތަ ތޮށިދެމުން
(ކ) - ރޯމަސް ފަދަ ތަކެއްޗާ އެހެނިހެން ކާނާ ބާވަތްތައް އެކުގައި ފްރިޖުގައި ނުބެހެއްޓުން
(އ) - ސެލްމަނެލޯސިސް ޖެހުމުން އެހެންމީހުންނަށް ކާތަކެތި ތައްޔާރުކޮށް، ގެންގޮސްދިނުމުގައި ބައިވެރިވެ ނޫޅުން
(ވ) - ޖަނަވާރު ފަދަ ތަކެތި އުފުލައި ހެދުމަށްފަހު ރަގަޅަށް އަތްދޮވުން
(މ) - ކާތަކެތީގައި އަތްލައި ހެދުމުގެ ކުރިންނާ ފަހުން ރަގަޅަށް އަތްދޮވުން
(ފ) - ފާޚާނާކޮށް ނިމިގެން އަދި ކުޑަ ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށްފަހު ރަގަޅަށް އަތްދޮވުން
(ދ) - ރޯމަސް ކޮށުމަށާ، އެހެން ބާވަތުގެ ކާތަކެތި ކޮށުމަށް ވަކި ދެ ކަޓިންބޯޑު ގެންގުޅުން
(ތ) - ވަޅި، ކަޓިންބޯޑު ފަދަ ތަކެތި ބޭނުންކުރުމަށްފަހު ހޫނު ފެނުން ރަގަޅަށް ދޮވުން

ނޯޓް : މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :

No comments:

Post a Comment