Wednesday, June 6, 2012

ކިހުނުވުން

ކިހުނުވުން
ކިހުނުވުން(Gonorrhea) ނުވަތަ ކިހުނުވުމަކީ ބެކްޓީރިޔާ އަކުން ޖެހޭ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މިއީ ވެސް ވަރަށް ނުރައްކާތެރި ބައްޔެކެވެ. ފިރިހެނުންނަށް ކިހުނުވުމުގެ އަސަރު ބޮޑަށް ފެންނަނީ ކުޑަކަމުދާ ހޮޅި ންނެވެ. އަންހެނުންނަށް ކިހުނުވުން ބޮޑަށް ކުރިމަތިވަނީ ކުޑަކަމުދާ ހޮޅި ނުވަތަ ރަހިމުގެ ކަރަށެވެ. އަންހެނުންނަށް މިދެބައިން އެއްކޮށް އެއްފަހަރާ ކިހުނުވުމުގެ އަސަރު ފެނުމަކީ ވެސް ވެދާނެ ގޮތެކެވެ. މީގެ އިތުރުން ދެޖިންސުގެ މީހުންނަށް ވެސް ފުރަގަސްފަރާތް، ފުރަގަސްފަރާތު ދޮރު، އަނގަ، ކަރުތެރެ، އަދި ނަސްލުއުފައްދާ ނިޒާމްގެ ބައިތަކަށް ކިހުނުގެ އަސަރު ފޯރުމަކީ ވެދާނެ ކަމެކެވެ. ވަރަށް މަދު ފަހަރަކު ލޮލަށް ވެސް ކިހުނުގެ އަސަރު ފޯރާގޮތް ވެއެވެ.
ކިހުނަށް އިގިރޭސިން ނަންދެވިފައިވާގޮތް
ބޭސްވެރިކަމުގެ ދުނިޔޭގައި ''ގޮނޯރިއާ''(Gonorrhea) ގެ މިބަހުގެ ލަފްޒީ މާނައަކީ ''ދަރިފަނިތައް ބޭރުވުން'' މިއެވެ. ''ގޮނޯ''(Gono) މިބަސް ނެގިފައިވަނީ ''ގޮނޮސައިޓްސް''(Gonocytes) މިބަހުންނެވެ. މާނައަކީ ''ދަރިފަނި'' އެވެ. ''ރިއާ''(Rrhea) މިބަހުގެ މާނައަކީ ''އެއްޗެއް ބޭރުވުން'' މިއެވެ. މިބަލީގެ ޖަރާސީމް ހޯދުމުގެ ކުރިން ގަބޫލު ކުރެވޭ ގޮތުގައި މިބައްޔާއި ގުޅިގެން ކުރިމަތި ފަރާތުން ނިކުންނަ ދޮސް އެކުލެވިގެންވަނީ ''ދަރިފަނި'' ނުވަތަ މަނިންނެވެ. އެހެން ކަމުން މިނަމަކީ އެއާއި އެންމެ ގުޅޭގޮތަށް ދެވިފައިވާ ނަމެއް ނޫނެވެ. ކިހުނުވުމޭ ކިޔަނީ މިޖަރާސީމްގެ ސަބަބުން ޖެހޭ އިންފެކްޝަން ހަށިގަނޑުގައި އަށަގަތުމަށެވެ. ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ އެންމެ އާންމު އެއް ބައްޔަކީ ކިހުނުވުމެވެ.
ސަބަބު
ކިހުނުވުމަކީ ބެކްޓީރިއާގެ ވައްތަރެއް ކަމުގައިވާ ''ނައިސީރިއާ ގޮނޯކޯކަސް''(Neisseria gonnococcus) އޭ ކިޔޭ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ބަލިތަކުގެ ތެރޭގައި ހިމެނޭ ބައްޔެކެވެ.
ކިހުނުވުން ޖެހޭގޮތް
·        ބަލިޖެހިފައިވާ މީހަކާ އެކު އެއްވެސް ސިފައެއްގައި(ކުރިމަތިފަރާތް، ފުރަގަސްފަރާތް ނުވަތަ އަނގައިގެ ޒަރިއްޔާއިން) ޖިންސީ ގުޅުން ހިންގުން
·        ބަލިޖެހިފައިވާ މައިމީހާގެ ފަރާތުން ކުޑަދަރިފުޅަށް ކިހުނުވުން ޖެހުން
·        ބަލިޖެހިފައިވާ މީހަކު ބޭނުންކުރާ ތުވާލި ފަދަ އެއްޗެއް ބޭނުންކުރުން
·        ޢާންމު ފާޚާނާ ބަރިތަކުން ފާޚާނާ ކުރުން ފަދަ ކަމެއްގެ ތެރޭގައި ބަލި ޖައްސާ ޖަރާސީމް ހަށިގަނޑަށް ވާޞިލްވުން
·        ބަލި ޖެހިފައިވާ މީހަކު ކުޑަކުއްޖަކު ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ އެކުއްޖަކަށް ކިހުނުވުން މެދުވެރި ވެދާނެއެވެ.
ކިހުނުވުން ޖައްސާ ޖަރާސީމް ހަށިގަނޑަށްވަދެ އާލާވުން
ކިހުނުވުން މެދުވެރިކުރުވާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ. އޭގެ ސަބަބުން އަންހެނުންނާއި ފިރިހެނުންނަށް ވެސް ކިހުނުވުން މެދުވެރި ކުރުވައެވެ.  މިޖަރާސީމް ނަސްލު އުފެއްދުމާ ބެހޭ ނިޒާމްގެ ތެތް ހޫނު ހިސާބުތަކުގައި ފަސޭހަ ކަމާއެކު ބޮޑުވެ އިތުރުވެއެވެ. ރަހިމުގެ ކަރު، ރަހިމް، ބިސް ދަތުރުކުރާ ހޮޅި، އަދި ހީސްހޮޅި،ނުވަތަ ކުޑަކަމުދާ ހޮޅި، ފުރަގަސް ފަރާތް، ކަރުތެރެ، އަނގަ، އަދި ލޮލުގައި މިޖަރާސީމް ހެދި ބޮޑުވެއެވެ.
ބަލީގެ އުދަނގޫތައް ފެންނަން ހޭދަވާ މުއްދަތު (Incubation period): ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަނުމަށްފަހު، ހަށިގަނޑުގައި ގިނަވެ، އިތުރުވެ، އޭގެ ސަބަބުން ބަލީގެ އުދަނގޫތައް ބަލިމީހާ އަށް ކުރިމަތިކުރުވުމަށް ވަކި މުއްދަތެއް ބޭނުން ވެއެވެ. އެގޮތުން ކިހުނުވުން ކުރިމަތިކުރުވާ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އޭގެ އަލާމާތްތައް ފެނުމާއި ދެމެދު، 5-2 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވެއެވެ. ބައެއް ފަހަރު(14-7) 21-7 ދުވަހާއި ދެމެދުގެ މުއްދަތަކަށް ނުވަތަ ގިނަވަގެން ގޮސް 30 ދުވަހުގެ މުއްދަތަކަށް ދިގުވެގެންދިއުމަކީ ވެދާނެ ގޮތެކެވެ.

ކިހުނުވުން މެދުވެރިކުރުވާ ޖަރާސީމު ހަށިގަނޑަށް ވަނުމަށްފަހު އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެ އެވެ. އަދި އެމީހާ ބައްޔަށް ފަރުވާ ނުކުރާހާ ހިނދަކު އެމީހެއްގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރުވާނެ އެވެ. އެއްފަހަރު ކިހުނުވުމަކީ ދެވަނަ ފަހަރު ކިހުވުމުން ރައްކާތެރިކޮށްދޭނޭ ކަމެއް ނޫނެވެ.

ކިހުނުވުމުން ފެނިދާނެ އަލާމާތްތައް
ވަރަށް ގިނަ މީހުންނަށް ކިހުނުވުން ކުރިމަތިވި ނަމަވެސް އެއްވެސް އަލާމާތެއް ނުފެނި ދިއުމަކީ ވެދާނެ ގޮތެކެވެ. މިހާލަތުގައި ޖަރާސީމު ހަށިގަނޑުގައި ހުރެމެ، އެކަން ނޭނގޭތީ އެހެން މީހުންނަށް އެމީހާގެ ފުށުން ބަލި ފަތުރަމުން ގެންދާނެ އެވެ. އަލާމާތްތައް ފެންނައިރު ފުރަތަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، ކުޑަކަމުދާއިރު ތަދުވެ، ދިލަނެގުން، ފުރަގަސް ފަރާތު ދޮރު ކައިރި ހިރުވުން، ނުވަތަ ފުރަގަސް ފަރާތު ދޮރުން ލޭއައުން، ފިރިހެންހަށި ނުވަތަ އަންހެނާގެ ކުރިމަތި ފަރާތުން ރީނދޫ ކުލައަށް ހުންނަ ދޮސްފާނޑުގެ ދިޔައެއް އައުން ހިމެނެއެވެ.
ފިރިހެނުންނާއި ކިހުނުވުން
މިޖަރާސީމްގެ ސަބަބުން އިންފެކްޝަން އަށަގަންނަތާ 14-2 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ބަލީގެ އަލާމާތްތައް ފާޅުވާން ފަށައެވެ. މިގޮތުން ކުޑަކަމުދާ ހޮޅީގައި އިންފްލެމޭޝަން އުފެދި، ކުރިމަތި ފަރާތުން ދޮސް ފާނޑުގެ ދިޔައެއް އާދެއެވެ. މިގޮތުން އަންނަ ދިޔަ ފުރަތަމަ ހުންނަނީ ސާފު ކިރު ކުލައިގައެވެ. އޭގެ ފަހުން ރީނދޫ ކްރީމް ކުލައިގައެވެ. ދޮސްފާނޑުގެ މިދިޔަ އަންނަ މިންވަރު ދުވަސްވާވަރަކަށް ގިނަވެ، އިތުރުވެއެވެ. އަދި މިދިޔައިގައި ލޭކުލައެއް ބައެއް ފަހަރު ހުރުން އެކަށީގެން ވެއެވެ.  އާދަޔާ ޚިލާފަށް ގިނައިން ކުޑަކަމުދެވި، ކުޑަކަމުދާއިރު ދިލަނަގައި ތަނދުވުން، އަދި ކުރިމަތި ފަރާތް ފާރުވެފައި ހުރުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ.
ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ބަލި ކުޑަކަމުދާ ހޮޅީގެ ފަހަތުބައި، އަދި މަސާނާގެ ތިރީބަޔާއި ހަމައަށް ފެތުރޭގޮތް ވެއެވެ. މިހެން ދިމާވެއްޖެނަމަ އަވަސް އަވަހަށް ގިނަގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދާއިރު ދިލަނަގައި ރިއްސުން، އަދި ކުރިން ބުނިހެން ދޮސްފާނޑުގެ ދިޔައެއް ބޭރުވާގޮތް ވެއެވެ. ބައެއް ފަހަރު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ ފުރަގަސް ފަރާތަށް ވެސް ކިހުނު ބަލީގެ އަސަރު ފޯރާގޮތް ވެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ދާއިމީ ބައްޔަކަށް ބަދަލުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ހެދުނުގެ ތިކި(Morning drop) ނުވަތަ ހެދުނު ހޭލާއިރު ކުރިމަތި ފަރާތުން ގިނައަދަދަކަށް ދޮސް އައުން ފަދަ ކަންތައް މެދުވެރި ވެއެވެ. ކުޑަކަމުދާ ހޮޅި ބެދުން، އެހޮޅީގެ ވަށައިގެން ދޮސްއެކުލެވޭ އެބްސެސް އުފެދުންް، އޮށާއި ދަރިފަނި ދަތުރުކުރާ ހޮޅި ބެދި ހަލާކުވުން، ދަރިފަނި ރައްކާކުރާ ތަން ހަލާކުވުން، ޖިންސީ ގުނަވަނުގައިވާ ކައުޕަރ ގްލޭންޑް ހަލާކުވުން، ކުޑަކަމުދާ ހޮޅީގައިވާ ލިޓްރީ ގްލޭންޑް ހަލާކުވުން، ޖިންސީ ގުނަވަނުގެ ބޯ ނިވައިކޮށްދޭ ހަންގަނޑު (ޚިތާނު ނުކުރާ މީހުންގެ) ގެ ދަށުގައިވާ ޓައިސަން ގްލޭންޑް ހަލާކުވުން، މަސާނާ ހަލާކުވުން، އަދި ޕްރޮސްޓޭޓް ދުޅަވުން ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. އެންމެ އާޚިރު ނަތީޖާއެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރި ވުމަކީ ވެސް ވެދާނެ ގޮތެކެވެ.
ލޭގެ ތެރެއަށް މިބަލީގެ ޖަރާސީމް ވާޞިލްވުމަކީ މަދުން ނަމަވެސް ވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވެއްޖެ ނަމަ ހުންއައުން، އަތްފައިގެ ހަންގަނޑުގައި ބިހިތަކެއް ނެގުން، ހުޅުތައް ދުޅަވެ ރިއްސުން، ސިކުނޑީގެ ވަށައިގެންވާ ދުލިފަށްތައް ދުޅަވުން، ފުރަމޭ ދުޅަވުން، އަދި ހިތުގެ ބޭރުން ލެވިފައިވާ ދުލިފަށަލަ ހަލާކުވުން ފަދަ ކަންތައްތައް މެދުވެރި ކުރުވައެވެ. ފިރިހެނުން ކިހުނުވުމުން ފަރުވާނުކޮށްފިނަމަ، މަސާނާއަށް ކެންސަރު ޖެހުން ފަދަ ނުރައްކަލެއް މެދުވެރިވުމުގެ ފުރުޞަތު ވެސް ބޮޑުވެއެވެ.
އަންހެނުންނާއި ކިހުނުވުން
ކިހުނުވުން ކުރިމަތިވި ނަމަވެސް އެކަން ނޭގި ހުރުމަކީ އަންހެނުންނަށް ވެދާނެ ގޮތެކެވެ. ޢާންމު ގޮތެއްގައި ކިހުނުވުން ކުރިމަތިވާ އަންހެނުންގެ 60 އިންސައްތަ މީހުންނަށް މިކަމުގެ ޢަލާމާތްތައް ނުފެނިދެއެވެ. އެފަދަ މީހުން ކިހުނުވެފައިވާކަން އެގެނީ އޭނާގެ ފިރިމީހާ ނުވަތަ އޭނާއާއެކު ޖިންސީ ގުޅުން ހިންގައިފައިވާ މީހާއަށް ކިހުނުވުން ޖެހިފައިވާ ކަން އެގޭހިނދުއެވެ. މިފަަދަ މީހުންނަށް ބައެއް ފަަހަރު ކުޑަކަމުދާން އުދަގޫވުން ފަދަ ކަންތަކާއި ކުރިމަތި ލާންޖެހެއެވެ. އަންހެނުންނަށް ކިހުނުގެ އުދަނގޫތައް ފެށިގެން އަންނަނީ ވަރަށް އާދައިގެ ކަންތައްތަކެއްގެ ގޮތުގައި ކަމަށްވުމުން ބައެއް ފަހަރު ކުރިމަތި ފަރާތް ނުވަތަ ކުޑަކަމުދާ ނިޒާމުގެ މައްސަލައެއް ކަމަށް ހީވެ، އޮޅޭގޮތް ވެއެވެ.
ކުޑަކަމުދާ ހޮޅި އަދި ރަހިމުގެ ކަރުތެރޭގައި އިންފްލެމޭޝަން އުފެދެއެވެ. ކުރިމަތި ފަރާތުން އާންމުކޮށް އަންނަ ދިޔަ ފިޔަވައި، ހުދު، ރީދޫ، ނުވަަތަ ފެހިކުލައިގެ އެއްޗެއް އައުން،ކުރިމަތި ފަރާތް ހިރުވައި ކަހައި، ކުޑަކަމުދާއިރު ދިލަނަގައި ތަދުވެ ރިއްސުން، ފަދަ ކަންތައްތައް ވެސް މެދުވެރި ކުރުވައެވެ. މީގެ އިތުރުން ދަށްބަނޑުގައި ރިހުން ، ވަރުބަލިވުން، އަދި ހުންއައުން މެދުވެރި ކުރުވައެވެ.
ޙައިޟުގެ މުއްދަތު ދެމިގެން ދިއުން، އަދި މާގިނައިން ލޭއައުމަކީ ވެސް ކިހުނުވުމުން ވެދާނެގޮތެކެވެ. ދެމައްސަރު ދޭތެރޭގައި ލޭފޭބުން، ޖިމާޢުވުމުގެ ތެރޭގައި، އަދި ޖިމާޢުވުމަށްފަހު ވެސް ކުރިމަތި ފަރާތުން ލޭއައުމަކީ ވެސް ވެދާނެ ގޮތެކެވެ.
ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ބައެއް ފަހަރު ކިހުނުގެ އަސަރު ރަހިމު، ބިސް ދަތުރުކުރާ ހޮޅި، އަދި ބިސް އުފައްދާ ތަނާއި ހަަމައަށް ފެތުރި ބިސް ދަތުރުކުރާ ހޮޅި ބެދޭގޮތް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިން ނުލިބޭގޮތް މެދުވެރިވުމަކީ ވެދާނެ ކަމެކެވެ. މިކަމުގެ ސަބަބުން "ޕެލްވިކް އިންފްލެމޭޓަރީ ޑިޒީސް"(PID) އޭ ކިޔޭ ބަލީގެ ޙާލަތު މެދުވެރި ކުރުވައެވެ. އެކަމުގެ ސަބަބުން ދަރިންނުލިބުން، އަދި ރަހިމުން ބޭރުގައި ގަރުބަގަތުން ފަދަ މައްސަލަތައް ފެންމަތިވެއެވެ.
ޕެރަޔުރެތުރަލް އަދި ބާރތޮލީން ގްލޭންޑްތައް ދުޅަވެ ހަލާކުވުން، ރަހިމުގެ ވަށައިގެން ލެވިފައިވާ ތެތްދުލިފަށް ހަލާކުވުން، އަދި ޖިންސީ ގުނަވަން ހަލާކުވުން ފަދަ ކަންތައް މެދުވެރި ކުރުވައެވެ. ބިސް ދަތުރުކުރާ ހޮޅީގައި ފެން ނުވަތަ ދޮސް ފަދަ އެއްޗެއް ޖަމާވުމަކީ ވެސް ނުރައްކާތެރި ޙާލަތަކަށް ބަލި ވާޞިލްވެއްޖެ ނަމަ ވެދާނެ ގޮތެކެވެ.
ބައެއް ފަހަރު ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވީ ހިސާބު ކަހައި ހިރުވައި، ތަދުވެ، ލޭ ނުވަތަ ދޮސް ފުރަގަސްފަރާތުން އައުމަކީ ވެސް ވެދާނެ ގޮތެކެވެ. ކަރުތެރެ ހަލާކުވުމާއި ލޯރަތްވުމަކީ ވެސް މަދުން ނަމަވެސް ދިމާވެދާނެ ކަންތައްތަކެވެ.
ކިހުނުވުމުން ކުރިމަތިވެދާނެ ނުރައްކާތައް
ކިހުނުވުމަކީ ފަރުވާނުކޮށް ދޫކޮށްލައިފިނަމަ އޭގެ ސަބަބުން ތަފާތު ނުރައްކާތަކާއި ގެއްލުންތައް ބަލިމީހާ އަށް ކުރިމަތިކުރުވާ ބައްޔެކެވެ. އެގޮތުން ކުރިމަތިވެދާނެ ނުރައްކާތައް ވަކިވަކިން ތިރީގައި ބަޔާންކުރެވިފައި މިވަނީ އެވެ.
ފިރިހެނުންނަށް ކުރިމަތިވެދާނެ ނުރައްކާތައް
·        ކުޑަކަމުދާ ހޮޅި ދުޅަވުން
·        ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން
·        މަސާނާގެ ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުވުން
·        މަނި ރައްކާކުރާ ތަން ދުޅަވުން
އަންހެނުންނަށް ކުރިމަތިވެދާނެ ނުރައްކާތައް
·        ޕެލްވިކް އިންފްލެމޭޓަރީ ޑިޒީސް ކުރިމަތިވުން
·        ދަރިމައިނުވުން : މިގޮތަށް ދިމާވަނީ ކިހުނުވުމުގެ ސަބަބުން ބިސްދަތުރުކުރާ ހޮޅީގެ ތެރޭގައި ފައިބަރަސް ޓިޝޫ އުފެދި، ހޮޅީގެ ދެފުށް ތަތްލުމުގެ ސަބަބުން ބިސް ދަތުރުކުރާ ހޮޅި ބެދި، ބިސް ރަހިމާއި ދިމާލަށް ދައުރުވުމަށް ހުރަސްއެޅުމުންނެވެ.
·        ރަހިމުން ބޭރުގައި ގަރުބަގަތުން
·        ބާރތޮލިން ގްލޭންޑްތައް ދުޅަވުން
·        ދަންބަނޑުގައި ދާއިމީ ރިހުމެއް ހުރުން
·        ފިޓްޒ ހޫގ ކާރޓިސް ސިންޑްރޯމް ކިޔާ ބައްޔެއް ފެންމަތިވުން
މާބަނޑު އަންހެނުންނަށް ކިހުނުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް
މާބަނޑު ދުވަސްވަރު ކިހުނުވެ ފަރުވާނުކުރެވިއްޖެނަމަ ތަފާތު ނުރައްކާތައް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އެގޮތުން ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
·        ބައިގެންދިއުމުގެ ފުރުޞަތު އޮތުން
·        ދުވަސްނުފުރާ ވިހެއުން : ދުވަސްނުފުރާ ވިހެއުމުގެ ފުރުޞަތު ކުޑަކުރުމަށް ބައެއް ފަހަރު ހޮސްޕިޓަލުގައި އެދުމަތިކޮށްގެން އެކަމަށް ޚާއްޞަ ބޭހުގެ އެހީގައި ފަރުވާންދޭ ޖެހެއެވެ. ދުވަސްނުފުރާ އުފަންވާ ތުއްތު ކުދިންނަށް ޞިއްޙީ ތަފާތު މައްސަލަތައް ދިމާވާކަން ފާހަގަ ކުރެވެއެވެ.
·        ފެންދުލި މާއަވަހަށް ފަޅައިގެންދިއުން : އެގޮތުން ވިހެއުމުގެ ވޭންވަރު ފެށުމުގެ ކުރިން ފެންދުލި ފަޅައިގެންދާގޮތް ވެއެވެ.
·        ރަހިމުގެ ފާރުގެ އެތެރެ ފަށަލަ ދުޅަވުން
ތުއްތު ދަރިފުޅަށް ދިމާވެދާނެ ނުރައްކާތައް
މާބަނޑު ދުވަސްވަރު މައިމީހާއަށް ކިހުނުވުން ކުރިމަތިވެ، އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ ބަނޑުގައިވާ ތުއްތު ދަރިފުޅަށް ނުރައްކާތަކާއި ކުރިމަތިވާގޮތް ވެއެވެ. އެގޮތުން ދިމާވެދާނެ ނުރައްކާތަކުގެ ތެރޭގައި:-
·        ލޯރަތްވުން ނުވަތަ ލޮލުރޯގާ ޖެހުން : ކިހުނުވުން ދިމާވާ މައިންނަށް ލިބޭ ވަރަށް ގިނަ ކުދިން އުފަންވާއިރު ލޮލަށް ޖަރާސީމުގެ އަސަރުކޮށް ލޮލުގެ ރޯގާ ކަހަލަ ލޯރަތްވެ، ދޮސްލާ ބައްޔެއް ޖެހެއެވެ.
·        ލޭގައި ޖަރާސީމު އެޅުން ނުވަތަ ލޭވިހަވުން
·        ހުޅުތައް ދުޅަވުން
·        ސިކުނޑިއާއި ސްޕައިނަލް ކޯޑުގެ ވަށައިގެންވާ ދުލިފަށަލަ ދުޅަވުން
ޖިންސީ ގުނަވަން ހިމެނޭ ހިސާބު ނޫން އެހެން ހިސާބުތަކަށް ކިހުނުބަލި ފެތުރުން
ކިހުނުބަލި ހަށިގަނޑުގެ ތެރެއަށް ފެތުރުމަކީ (Disseminated gonococcal infection)ޖިންސީ ގުނަވަން ހިމެނޭ ހިސާބުތައް ނޫން އެހެން ހިސާބުތަކަށް ކިހުނުގެ އަސަރު ފޯރުމެވެ. އެގޮތުން ކިހުނުގެ އަސަރު ފޯރައިދާނެ ހިސާބުތަކުގެ ތެރޭގައި ހަން،ހިތް، ހުޅުތައް، ނުވަތަ ލޭ ހިމެނެއެވެ. ހަށިގަނޑުގެ ޖިންސީގުނަވަން ހިމެނޭ ހިސާބުތައް ނޫން އެހެން ހިސާބުތަކަށް ޖަރާސީމުގެ އަސަރު ފޯރަނީ ވަރަށް މަދުންނެވެ. އަދި މިމައްސަލަ އަންހެނުންނަށް ކުރިމަތިވާ ފުރުޞަތު ބޮޑެވެ. މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި، މިހާލަތުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
·        ހުންއައުން
·        ހަމުގައި ޖަރާސީމުއެޅުން
·        ހުޅުތައް ދުޅަވުން
·        ހިތުގެ ބޭރުދުލިފަށަލަ ދުޅަވުން
·        ސިކުނޑިއާއި ދުލިފަށަލަ ދުޅަވުން
ބައެއް މުހިއްމު ނުކުތާތައް
ކުޑަ ދަރިފުޅު އުފަންވާއިރު ލޯ އަދިރިވެފައި ހުރުމަކީ ވެދާނެ ކަމެކެވެ. މިއީ ކިހުނު ވެފައިވާ މައިމީހާގެ ފަރާތުން ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ލޮލަށް ވިހެއުމުގެ ތެރޭގައި އިންފެކްޝަން ވާޞިލްވުމުން ކުރިމަތިވާ ކަމެކެވެ.
އަނގަ އަދި ކަރުތެރެ ފާރުވެ ހަލާކުވުމަކީ ވެދާނެ ގޮތެކެވެ. މިކަން ކުރިމަތިވަނީ ކިހުނުވެފައިވާ މީހަކާއެކު އަނގައިގެ ޒަރީޢާއިން ޖިންސީ ގުޅުން ހިންގައިފިނަމަ އެވެ.
ފުރަގަސް ފަރާތު ދޮރާއި، ވަށައިގެންވާ ހިސާބު ފާރުވެ ހަލާކުވުން، ފުރަގަސް ފަރާތުން ދޮސްފަދަ އެއްޗެއް އައުން، ބޮޑުކަމުދާއިރު ލޭއައިސް ރިއްސުމަކީ ވެސް ވެދާނެ ގޮތެކެވެ. މިކަން ދިމާވަނީ ކިހުނުވެފައިވާ މީހާގެ ފުރަގަސް ފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގުން، ނުވަަތަ ކިހުނުވެފައިވާ އަންހެނާގެ ފަރުޖުން ބޭރުވާ ދިޔަ ފުރަގަސް ފަރާތާއި ހަމައަށް ވާޞިލްވުމުންނެވެ.
ކިހުނުވެފައިވާކަން ދެނެގަތުން
ތިބާއަށް ކިހުނުވުން ކުރިމަތިވެފައިވާކަން އެނގޭ ހިސާބުން ފެށިގެން އެކަން ތިބާގެ ޙަޔާތުގެ ބައިވެރިޔާ އަށް އަންގަންޖެހޭނެ އެވެ. މީގެ އިތުރުން ގިނަ މީހުންނާއެކު ޖިންސީގުޅުން ހިންގައި އުޅޭ މީހެއްނަމަ، އޭނާ އާއި އެކު ޖިންސީގުޅުން ހިންގާފައިވާ މީހުންނަށް އެކަން އަންގައި އެމީހުން ޓެސްޓުކުރަން އިރުޝާދު ދިނުމަކީ ބޭނުންތެރި ކަމެކެވެ.
ކިހުނުވުން ދެނެގަތުމަށް ބަލިމީހާ ދޭ މައުލޫމާތާއި، ބަލިމީހާގެ ހަށިގަނޑުން ބަލައި ހޯދާ ހޯދުންތައް މުހިއްމު ދައުރެއް އަދާކުރެއެވެ. ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދު ޑޮކްޓަރުން ބަލައި ހަދާނެއެވެ. އެއީ ޖިންސީގުޅުމުން ޖެހޭ ބަލިތަކުގައި ފެންނަ އަލާމާތްތަކުގެ ތެރެއިން އަލާމާތެއް ފެންނަށް ހުރިތޯ ބެލުމަށެވެ. ކުޑަކަމުދާ ތަކެތި ނުވަތަ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ ދޮސް ފަދަ ތަކެތި ކިހުނުވުން ދެނެގަތުމަށް ޓެސްޓުކުރެވެއެވެ. އާންމު ގޮތެއްގައި ކިހުނުވުން ކުރިމަތިވުމުން ޑޮކްޓަރަށް ދެއްކުމުން އަންނަނިވި ސުވާލުތައް ޑޮކްޓަރުން އަހައި އޮޅުން ފިލުވާނެ އެވެ.
·        ޖިންސީގުޅުމުން އަރާ އެއްވެސް ބައްޔެއް ޖެހިފައިވާހެން ހީވޭތޯ؟ އެކަން އެނގުނީ ކިހިނަކުން؟ ބައިވެރިޔާ ބުނީތޯ؟
·        ކުރިމަތިވެފައިވާ އުދަނގޫތަކަކީކޮބާ؟
o       ކުރިމަތި ފަރާތުން ހަޑިއެއްޗެތި އާދޭތަ؟ އަންނަނަމަ އޭގެ ކުލަޔާއި ވަހަކީ ކޮބާ؟
o       ޖިންސީ ގުނަވަން ހިމެނޭ ހިސާބުގައި ފާރުކޮޅެއް ހުރިތޯ؟
o       މާގިނައިން ކުޑަކަމުދެވުން، މާގިނައިން ކުޑަކަމުދެވުން، ކުޑަކަމުދާއިރު ރިއްސައި ދިލަނަގާތޯ؟
o       އާދަޔާ ޚިލާފަށް ދަށްބަނޑުގައި ރިހޭތަ؟
·        ދޭތެރެ ދުރުކުރުމަށް ބޭނުންކުރަނީ ކޮން ކަހަލަ ވަޞީލަތެއް؟ ޖިންސީގުޅުން ހިންގާއިރު ހުރަސް ބޭނުންކުރަންތޯ؟
·        ތިބާ ނުވަތަ ތިބާގެ ހަޔާތުގެ ބައިވެރިޔާ އަކީ ޖިންސީގުޅުމުން އަރާ ބަލިތަކަށް މަގުފަހިވާ ފަދަ ޢަމަލުތައް ހިންގާ ފަރާތެއްތަ؟
·        ކުރިން ޖިންސީ ގުޅުމުން އަރާ ބައްޔެއް ޖެހި ފަރުވާކޮށްފައިވޭތަ؟
ވަރަށް ގިނަ ފަހަރު ކިހުނުވުމާއެކު ޖިންސީގުޅުމުން އަރާ އެހެން ބަލިތައް ޖެހޭގޮތް ވެއެވެ. މިސަބަބާހުރެ ކިހުނުވުމަށް ޓެސްޓުކުރާ އިރު އަންނަނިވި ޖިންސީގުޅުމުން އަރާ ބަލިތަކަށް ޓެސްޓުކުރެވެއެވެ.
·        ކްލަމީޑިޔާ އިންފެކްޝަން
·        ސިފިލިސް
·        ހެޕަޓައިޓިސް ބީ
·        އޭޑްސް
ކިހުނަށް ފަރުވާކުރުން
އެކަށޭނަ ގޮތުގައި ބަލީގެ ކުރީކޮޅު ފަރުވާ ކުރެއްވިއްޖެނަމަ ކިހުނުވުމަކީ އިތުރު ނުރައްކާތަކެއް ބަލީގެ ސަބަބުން ކުރިމަތިވުމަކާ ނުލައި ރަގަޅު ކުރެވޭނެ ބައްޔެކެވެ. ކިހުނުވުން ފަރުވާ ބޭނުންވާނީ އަންނަނިވި ފަރާތްތަކަށެވެ.
·        ކިހުނުވުން ދެނެގަތުމަށް ހެދޭ "ގޮނޯރިއާ ޓެސްޓް"(Gonnorrhea test) އަށް ޕޮޒިޓިވްވުން
·        ކިހުނުޖެހިފައިވާ މީހަކާއެކު ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ޖިންސީގުޅުން ހިންގާފައިވާ މީހުން
·        ކިހުނުވެފައިވާ މާބަނޑުމީހުންނަށް ލިބޭ ތުއްތުކުދިން
ކިހުނުވުމުން ފަރުވާ ކުރެވެނީ އެންޓިބަޔޮޓިކްގެ އެހީގައެވެ. އެގޮތުން ޑޮކްޓަރުން ލިޔެދެއްވާ ބޭސް ގަވާޢިދުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އެއްޑޯޒަށްވުރެ ގިނައިން ދީފައިވަނިކޮށް، އެއްބައި ފަހަރު ބޭސް ބޭނުންކޮށްފައި، އަނެއްބައި ފަހަރު ބޭސް ބޭނުން ނުކުރާނަމަ، ބަލި ފަސޭހަނުވެ ހިގައިދާނެކަން ހަދާންކުރަން ޖެހެއެވެ. އަދި ކިހުނަށް ފަރުވާ ކުރުމުގައި ދެމަފިރިންނަށް އެއްކޮށް އެއްވަގުތެއްގައި ފަރުވާކުރުން މުހިއްމެވެ. އެއީ އެކަކަށް ފަރުވާކުރާއިރު އަނެކަކުގެ ގައިގައި ބަލި ހުރުމުގެ ސަބަބުން ބޭސް ބޭނުންކުރަމުންދާ މީހާގެ ގަޔަށް ބަލި އެރިޔަ ނުދިނުމަށްޓަކައެވެ. ބައްޔަށް އަވަހަށް ފަރުވާކުރަން ފެށުމަކީ ބަލި ފަސޭހަވުން އަވަސްވެ، ބަލީގެ ސަބަބުން ކުރިމަތިވާ އުދަނގޫތައް މެދުވެރިވުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
ކިހުނުވުން ކުރިމަތިވާ ވަރަށް ގިނަ މީހުންނަށް އެއާއެކު ކްލަމީޑިޔާ އިންފެކްޝަން ނުވަތަ އެހެން ވެސް ޖިންސީގުޅުމުގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ޖެހިފައި ހުރުމަކީ ވަރަށް ގާތްކަމެކެވެ. އެގޮތުން ކިހުނުވުމާއި ކްލަމީޑިޔާ އިންފެކްޝަން އެއްފަހަރާ ޖެހިފައިވާނަމަ، އެދެކަމަށް އެއްކޮށް ފަރުވާ ކުރެވެއެވެ. ބަލިޖެހިގެން ފަރުވާކުރާ ދުވަސްވަރު ޖިންސީގުޅުން ހިންގުމާއި ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ. ފަރުވާގައި ބޭނުންކުރަނީ ބޭހުގެ އެންމެ ޑޯޒެއް ކަމުގައިވާނަމަ، އެބޭސް ބޭނުންކުރުމަށްފަހު 7 ދުވަސް ވަންދެން ޖިންސީގުޅުން ހިންގުމާއި ދުރުހެލިވާން ޖެހެއެވެ. ކިހުނުވުން އެއްފަހަރު ޖެހުމަކީ ދެވަނަ ފަހަރު އެބަލި ޖެހުމުން މިންޖުކޮށްދޭނެ ކަމެއް ނޫނެވެ.
ކިހުނުވުން ޖައްސާ ޖަރާސީމުގެ ބައެއް ވައްތަރުތައް ކުރީގައި އާންމުކޮށްދޭ އެންޓިބަޔޮޓިކް ތަކުގެ ތެރޭގައި ހިމެނޭ ކިނޯލޯން، ޕެނިސިލިން، ޓެޓްރަސައިކްލިން، ފަދަ ބޭސްތަކަށް ނުގުޑުމަކީ ވެދާނެ ގޮތެކެވެ. މިހާލަތުގައި އެހެން އެންޓިބަޔޮޓިކެއް ޚިޔާކުރަން ޖެހިދާނެ އެވެ. މީގެ އިތުރުން ކުރީގައި ސިޕްރޯފްލޮކްސަސިން، އޮފްލޮކްސަސިން، އަދި ލީވޯފްލޮކްސަސިން ފަދަ އެންޓިބަޔޮޓީކް ތައް ދީފައި ވެއެވެ. މިހާރު ދީއުޅެނީ ސެފަލޯސްޕޯރިން ގުރޫޕުގައި ހިމެނޭ އެންޓިބަޔޮޓިކް ތަކެވެ. އެގޮތުން ސެފްޓްރިއެކްސޯން އަދި ސެފިކްޒައިމް ފަދަ އެންޓިބަޔޮޓިކްތައް ދީއުޅެއެވެ. އެންޓިބަޔޮޓިކް ޑޯޒު ދީފައިވާ ގޮތަށް ފުރިހަމަ ނުކުރުމަކީ ވެސް ބަލި ރަގަޅުވުމަށް ހުރަސްއެޅޭނެ ކަމެއްކަން ހަދާން ކުރަން ޖެހެއެވެ. މިގޮތުން އެންޓިބަޔޮޓިކް ދިނުމުން ވެސް ބަލިމީހާގެ ޙާލަތު ރަގަޅުނުވާނަމަ، އަނެއްކާވެސް ކަލްޗަރއެއް ހަދަން ޖެހިދާނެ އެވެ.
ކިހުނުވުމުން ރައްކާތެރިވުން
ކިހުނުވުމުން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ.
·        އިސްލާމީ ހަމަތަކާއި އުޞޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޖިންސީ ގުޅުން ހިންގުން
o       އެއްޖިންސުން ގުޅުން ނުހިންގުން
o       ފުރަގަސްފަރާތުން ޖިންސީގުޅުން ނުހިންގުން
o       ވަފާތެރި އެކަކު ޚިޔާރުކުރުން
o       ހަށިނުވިއްކުން
·        ޙަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު ޚިޔާރުކުރުން : ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގުމަކީ ޖިންސީ ގުޅުމުން ފެތުރޭ ތަފާތު ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުކޮށް އެކަމަށް މަގުފަހިކުރާނެ ކަމެކެވެ.
·        ޖިންސީ ގުޅުން ހިންގާއިރު ހުރަސް ފަދަ ތަކެތި ބޭނުންކުރުން : ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުންކުރުމަކީ ޖިންސީގުޅުމުން ފެތުރޭ ބަލިތައް ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ. ހުރަސް ޚިޔާރު ކުރުމުގައި އަންހެނުންނަށް ޚާއްޞަ ހުރަސް އަދި ފިރިހެނުންނަށް ޚާއްޞަ ހުރަސް ވެސް ބޭނުންކުރެވިދާނެ އެވެ.
·        ބަލި ޖެހިފައިވާނަމަ ރަގަޅުވަންދެން ޖިންސީ ގުޅުން ހިންގުމާއި ދުރުހެލިވުން
·        ރާބުއިން އަދި މަސްތުވާ ތަކެތި ބޭނުންކުރުން ފަދަ ކަންތަކާއި ދުރުހެލިވުން: އެއީ މިފަދަ ކަންތައްތަކުގެ ސަބަބުން ޣައިރު ޝަރުޢީ ގުޅުންތަކަށް މަގުފަހިކުރުވާތީއެވެ.
·        މާބަނޑު ދުވަސްވަރު ކިހުނުވުން ޖެހިފައިވޭތޯ ބަލައި ދެނެގަނެ ފަރުވާކުރުން
·        ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑަކްޓަރެއްގެ އިރުޝާދާއި ލަފާހޯދުން
·        ހަޔާތުގެ ބައިވެރިއެއް ހޯދާއިރު އެމީހަކީ ޖިންސީ ގުޅުމުން ޖެހޭ ބައްޔެއް ހުރި މީހެއްތޯ ބެލުން
މަޢުލޫމާތު:
·        ޖިންސީ ގުޅުން ހިންގުމުން ޖެހޭ ބަލިތައް – ދުނިޔޭގެ އޭޑްސް ދުވަސް 2004– ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2004
·        ޖިންސީ ގުޅުމުން އަރާ ބަލިތައް - – ލީފްލެޓް – ޑިޕާޓްމަންޓް އޮފް ޕަބުލިކް ހެލްތު – 2002
·        ކަވާސާ.ކޮމް
·        އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް


No comments:

Post a Comment