Friday, December 27, 2024

ކްރޫޕް

 

ކްރޫޕް

ކްރޫޕް (croup) އަކީ ތުއްތު ކުދިންނާއި، ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ޖެހޭ އިންފެކްޝަނެކެވެ. ނޫނީ ގައިންގަޔަށް އަރާ ބައްޔެކެވެ. ކްރޫޕް އަށް ބައެއް ފަހަރު "ލެރިންގޯޓްރެކިއޯބްރޮންކައިޓިސް"(laryngotracheobronchitis)  މިހެން ވެސް ކިޔައެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023). މީގެ މާނައަކީ ލެރިންކްސް (އަޑުފޮށި)، ޓްރެކިއާ (ވައިނޮޅި) އަދި ބްރޮންކަސް (ވައިނޮޅީގެކަފި) ދުޅަވުމެވެ. މާނައަކީ އަޑުފޮއްޓާއި، ވައިނޮޅި އަދި ވައިނޮޅީގެ ކަފި ދުޅަވުމެވެ. މިއީ ބަލީގެ ސަބަބުން ވައިހިނގާމަގު ގެ މަތީބައި ހިމަކޮށް ހަނިކޮށްލާ، އެކަމުގެ ސަބަބުން ނޭވާކުރުވެ، ނޫނީ ނޭވާލާން ދަތިވެއެވެ. ކްރޫޕް އިންފެކްޝަން ޖެހުމުން ވަރަށް ގަދަޔަށް ނޫނީ ވަރަށް ބާރަށް ކެއްސާނެއެވެ. މިކެއްސުމުގެ އަޑު ބާރުވެފައި ވަރުގަދަކަމުން އެއަޑު ވައްތަރުވާނީ ކުއްތާ، ސީލް ފަދަ ޖަނަވާރުތަކުގެ ގޮވުމާ އެވެ (މެޔޯކްލިނިކް، 2022).   

ކްރޫޕް ގައި ކުރިމަތިވާ ކެއްސުމާއި، އެހެނިހެން އަލާމާތްތައް ކުރިމަތިވަނީ އަޑުފޮށި، ވައިނޮޅި އަދި ވައިނޮޅީގެ ކަތްޕާއި، ވަށައިގެންވާ ހިސާބު ދުޅަވެ(swelling)، އެހިސާބުތައް ހިލިގަތުމުން(irritation) ނެވެ. ބާރުއަޑާޢެކު އުފެދޭ ކެއްސުމުގެ ބާރުގައި ވައި ހިމަވެ ހަނިވެފައިވާ މަގުން ދައުރުކުރާއިރު، ދުޅަވެފައިވާ އަޑުފޮށިން "ސީލް ގޮވު"(seal barking)މާއި ވައްތަރު އަޑެއް އުފައްދައެވެ. މިހާލަތުގައި ނޭވާލާއިރު ތޫލިއަޑެއް މިސާލަކަށް "ކަށިގަނޑު ފުމޭކަހަލަ އަޑެއް"(whistling sound) އުފެދިގެންދާނެއެވެ. ނޫނީ އުފައްދާނެ އެވެ. މިއަޑަށް ކިޔަނީ "ސްޓްރައިޑަރ"(stridor) އެވެ (މެޔޯކްލިނިކް، 2022).


ކްރޫޕް ކުރިމަތިވުމުން އަޑުފޮށި އަދި ވައިނޮޅި ދުޅަކޮށްލައެވެ. މިދުޅައިގެ ސަބަބުން ވައިހިނގާމަގު، އަޑުފޮށީގެ ތިރިން ހިމަކޮށްލައެވެ. އޭގެ ސަބަބުން ނޭވާލާން ދަތިވެ، ނޭވާލާއިރު ކަށިގަނޑު ފުމޭ ކަހަލަ ތޫލިއަޑެއް ހުރެއެވެ. ނޫނީ ނިކުމެއެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

ކްރޫޕް އިންފެކްޝަން އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ. ނޫނީ ތުއްތު ކުދިންނަށެވެ. މިއީ އެހާ ސީރިއަސް އިންފެކްޝަން އެއް ނޫނެވެ. ގިނަ ކުދިންނަށް ގޭގައި ފަރުވާދީގެން ރަނގަޅު ކުރެވެއެވެ. ނޫނީ ރަނގަޅުވެއެވެ (މެޔޯކްލިނިކް، 2022). 

ސަބަބު

ކްރޫޕް އާންމު ގޮތެއްގައި ޖެހެނީ ވައިރަސް އެއްގެ ސަބަބުންނެވެ. އެންމެ އާންމުކޮށް ކްރޫޕް ޖެހެނީ "ޕެރައިންފުލުއެންޒާ ވައިރަސް"(parainfluenza virus) ގެ ސަބަބުންނެވެ. ކުރޫޕް އެންމެ އާންމުކޮށް ޖެހެނީ ވައިރަސް އިން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023). އެގޮތުން ކްރޫޕް ކުރިމަތިކުރުވާ އެހެން ވައިރަސްތަކުގެ ތެރޭގައި އިންފުލުއެންޒާ ވައިރަސް، ރެސްޕިރޭޓަރީ ސިންޝަލް ވައިރަސް، ހިމަބިހީގެ ވައިރަސް، އަދި އެޑީނޯ ވައިރަސް ފަދަ ވައިރަސްތައް ހިމެނެއެވެ.  

ކްރޫޕް ޖެހެނީ ކިހެނެއް؟

އާންމު ގޮތެއްގައި ނޭވާލާ ނިޒާމަށް ވައިރަސްތަކުގެ ސަބަބުން ޖެހޭ ރޯގާތައް ފެތުރެނީ ބަލިޖެހިފައިވާ މީހާ ކެއްސާ، ކިނބިހިއެޅުމުގެ ތެރޭގައި ބޭރުވާ ކުޅާއި އަރިދަފުސް ފަދަ ތަކެތި ވައިގެ ޒަރީޢާއިން ސަލާމަތުން ހުންނަ މީހާގެ ނޭވާލާ ނިޒާމަށް ވާޞިލްވުމުންނެވެ. މީގެ އިތުރުން މިފަދަ ވައިރަސް އާއި ތަޣައްޔަރުވެފައި ހުންނަ އެއްޗެއް ތަނެއް (މިސާލަކަށް ކުޅޭ އެއްޗެހި، މޭޒު، އަތްގަނޑު، ދޮރުގެ ގޮބު ފަދަ ތަކެތި) ގައި އަތްލުމަށްފަހު، އެއަތް ނުދޮވެ، ސަލާމަތުން ހުންނަ މީހާގެ އަނގަޔަށް، ނޭފަތަށް ނޫނީ ލޮލަށް ލައިފިނަމަ ވެސް ރޯގާ ޖެހިދާނެއެވެ (މެޔޯކްލިނިކް، 2022).

ކްރޫޕް ޖައްސާ ވައިރަސް ތަކަކީ އާންމުކޮށް ވައިގެ ޒަރީޢާއިން ނޫނީ ނޭވާލާ ނިޒާމުގެ ޒަރީޢާއިން ފެތުރޭ ވައިރަސް ތަކެކެވެ. އެގޮތުން ކްރޫޕް ކުރިމަތިކުރުވައިފާނެ ވައިރަލް ނޫނީ ބެކްޓީރިޔަލް އިންފެކްޝަން އެއް ހުންނަ މީހަކު ކެއްސާ ކިނބިހިއަޅާ ހެދުމުގެ ތެރޭގައި ބޭރުވާ ޖަރާސީމު ވައިގެ ތެރެއަށް ގޮސް، ވައިގެ ޒަރީއާޢިން ނޫނީ ނޭވާލާ ނިޒާމުގެ ތެރެއިން ސަލާމަތުން ހުންނަ ކުއްޖެއްގެ ހަށިގަނޑަށް އެތެރެވެއްޖެނަމަ، އެކުއްޖަކަށް ކުރޫޕް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. މީގެ އިތުރުން ކުރޫޕް ކުރިމަތިކުރުވާ ވައިރަސް އަކާއި ތަޣައްޔަރުވެފައިވާ ތަނެއްގައި ނޫނީ އެއްޗެއްގައި އަތްލުމަށްފަހު އެއަތްނުދޮވެ، އަނގަޔަށް ނޭފަތަށް ނޫނީ ލޮލަށް ލައިފިނަމަވެސް ކުރޫޕް ޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

ކްރޫޕް އެކަކު ގައިން އަނެކާގެ ގަޔަށް އަރަނީ ނޫނީ ފަތުރަނީ ބަލީގެ އަލާމާތްތައް ފުރަތަމަ ފެންނަށް ފަށާތާ 3 ދުވަސް ތެރޭގައެވެ. ނޫނީ ބައްޔާއި ގުޅިގެން އަންނަ ހުން ފިލައި ދަންދެނެވެ. ބައްޔާއި ގުޅިގެން އަންނަ ހުން ވިހެލުމަށްފަހު ހުން ނެތި 24 ގަޑިއިރު ވަންދެން ނުވަތަ ހުން ބޭސް ބޭނުންނުކުރާތާ 1 ދުވަސް ވަންދެން ސުކޫލަށް ނުފޮނުވައި ގޭގައި ބަހައްޓަންޖެހޭނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

މަގުފަހިކުރާ ކަންތައްތައް

ކުރޫޕް ޖެހުން ނޫނީ ކުރިމަތިވުމުގެ ހިރާސް އެންމެ ބޮޑީ އުމުރުން 6 މަހާއި 3 އަހަރާއި ދެމެދުގެ ތުއްތު ކުދިންނަށެވެ. މިހެން ދިމާވަނީ އުފެދުމުގައި މި އުމުރުގެ ކުދިންގެ ވައިހިނގާމަގު އަދި ކުޑަވާނެތީ އެވެ. މިއުމުރުގެ ކުދިންގެ ފުށުން ކްރޫޕް އާއި ގުޅިގެން ފެންނަ އަލާމާތްތައް ފާހަގަވާލެއް ބޮޑުވާނެއެވެ. އުމުރުން 6 އަހަރުން މަތީގެ ކުދިންގެ ފުށުން ކްރޫޕް ފާހަގަވުމަކީ ވަރަށް ނާދިރު ކަމެކެވެ (މެޔޯކްލިނިކް، 2022). ސަބަބަކީ ކުޑަކުދިން ބޮޑުވާވަރަކަށް އެކުދިންގެ ވައިނޮޅިއާއި ވައިހިނގާމަގު ވެސް ބޮޑުވެ، ވައިހިނގާމަގުގައި ދުޅަ އުފެދުމުގެ ފުރުޞަތު ކުޑަކުރާތީ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).    

އަލާމާތްތައް

ކްރޫޕް ފެށިގެން އަންނަނީ އާދައިގެ ރޯގާއެއްގެ ގޮތުގައެވެ (މެޔޯކްލިނިކް، 2022). ގިނަ ފަހަރު ދެމިހުންނަނީ ހަފްތާއަކަށްވުރެ މަދު މުއްދަތަކަށެވެ. ނަމަވެސް އަލާމާތްތައް އިތުރަށް ގޯސްވެގެން ހިނގައިދާނެއެވެ. އުދަނގޫތައް ނޫނީ އަލާމާތްތައް ފެންނަށް ފަށަނީ ވަރަށް ލަސްލަހުންނެވެ. އެގޮތުން ފުރަތަމަ ނޭފަތުން ފެންއައުން ކުރިމަތިވެދާނެ އެވެ. އެއަށްފަހު ޖެހިގެން އަންނަ 48-12 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި އުދަނގޫތައް ގޯސްވެ، ބާރުއަޑާއެކު ކެއްސަން ފަށާނެ އެވެ. އާންމު ގޮތެއްގައި ބަލީގެ އުދަނގޫތައް ރޭގަނޑަށް ގޯސްވާގޮތް ވެއެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).ބަލިޖެހިފައިވާ ކުއްޖާގެ ވައިހިނގާމަގުގެ މަތީބައިގެ ހިސާބުތައް އެކަށޭނަ ވަރަށް ދުޅަވެ، ހިލިގަނެ، ކެއްސުން ކުރިމަތިވެފައިވާނަމަ، އެކުއްޖެއްގެ ފުށުން އަންނަނިވި އަލާމާތްތައް ފާހަގަވާނެ އެވެ (މެޔޯކްލިނިކް، 2022). އެގޮތުން އާދައިގެ ވަރަކަށް ކްރޫޕް ހުރިނަމަ ތިރީގައި މިވާ އަލާމާތްތައް ފެނިދާނެއެވެ.

·         ބާރުއަޑާއެކު ކެއްސުން : މިކެއްސުން ރުއިން، ހާސްވެ ނުތަނަވަސްވެ، ކަންބޮޑުވުން ފަދަ ކަންކަމާއި ގުޅިގެން އިތުރަށް ގޯސްވާގޮތް ވެއެވެ.

·         ހުންއައުން

·         އަޑުކުރަކިވުން

·         ގައިން ބިހިނެގުން

·         ލޯރަތްވުން

·         ގޮށްލުން

ކްރޫޕްގެ އަލާމާތްތައް އާންމު ގޮތެއްގައި ރޭގަނޑަށް ގޯސްވެއެވެ. އަދި އާންމު ގޮތެއްގައި މިއުދަނގޫތައް 5-3 ދުވަހުގެ މުއްދަތަކަށް ދެމިހުރެއެވެ (މެޔޯކްލިނިކް، 2022).

ނަމަވެސް މެދުމިންވަރަކުން ފެށިގެން ގޮސް ނުރައްކާތެރި މިންވަރަކަށް ކްރޫޕް ކުރިމަތިވެފައިވާނަމަ އަންނަނިވި އަލާމާތްތައް ފާހަގަވާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

·         ނޭވާލާން އުދަނގޫވުން ނޫނީ ނޭވާކުރުވުން

·         ނޭވާލާއިރު ކަށިގަނޑު ފުމޭއިރު އިވޭ ކަހަލަ ތޫލިއަޑެއް ހުރުން

·         އުދަނގުލެއްވާތީ އުޅުން / ނުތަނަވަސްވުން

·         ނޭވާލާއިރު މޭގެ ތަންތަންކޮޅު (ވަކި ހިސާބެއް މިސާލަކަށް ދެކަށިގަނޑު ދޭތެރެ، މޭމަތިން ކަރާއި ނޫނީ ލަގޮޑިވަޅާއި ކައިރިން ވީ ހިސާބު) މައްޗަށްޖެހި ތިރިއަށްދާގޮތަށް އަޑިކޮޅެއް ފާހަގަވުން

·         ހަންގަނޑު ނޫވުން (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

ދިމާވެދާނެ ނުރައްކާތައް

ކުރޫޕްގެ ގިނަ ވޭދަނަ ތަކަކީ ވަރަށް އާދައިގެ ވޭދަނަ ތަކެވެ. މާނައަކީ ކްރޫޕް އާއި ގުޅިގެން ގިނަ ކުދިންނަށް މާބޮޑު ވަރެއް ނުވެއެވެ. ބައެއް ކުދިންނަށް ވައިހިނގާމަގު ދުޅަވެ މަގުހަނިވުމުން ނޭވާލާން އުދަނގޫވެއެވެ. ވަރަށް މަދު ފަހަރަކު ވައިރަސް އިންފެކްޝަންގެ އިތުރުން ބެކްޓީރިޔަލް އިންފެކްޝަން ވައިނޮޅީގައި އަދި ވައިހިނގާމަގުގައި އުފެދިދާނެއެވެ. މިހާލަތުގައި އަވަސް ފަރުވާ ހޯދަންޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ހަސްފަތާލަށް ދައްކާ ކުދިންގެ ތެރެއިން އެދުމަތި ކުރަންޖެހެނީ ވަރަށް މަދު ކުދިންނެވެ (މެޔޯކްލިނިކް، 2022). ކްރޫޕް ޖެހޭ ކުދިންގެ ތެރެއިން ހަސްފަތާލުގައި އެދުމަތި ކުރަން ޖެހެނީ އެންމެ %5 އަށްވުރެ މަދު ކުދިންނަށެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023). 

ކްރޫޕް ޖެހިގެން އަންނަނިވި ހާލަތްތައް ހުރިނަމަ ނޫނީ ކުރިމަތިވެއްޖަނަމަ ހަސްފަތާލުގައި އެދުމަތިކުރަންޖެހިދާނެ އެވެ.

·         އޮކްސިޖަންގެ ފަރުވާ ކުރިޔަށް ގެންދަންޖެހުން

·         މާބޮޑަށް ހަށިގަނޑުގެ ފެން މަދުވެ، އައިވީގެ ގޮތުގައި ފެންދޭންޖެހުން

·         އާވިއެރުވުން ކުރިޔަށް ގެންދަންޖެހުން

·         ބަލީގައި ވަރަށް ބޮޑުވަރުވުން (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

ދެނެގަތުން

އާންމުކޮށް ކްރޫޕް ހުރިކަން ދެނެގަންނަނީ ޖިސްމާނީ ގޮތުން ޑޮކްޓަރުން ބަލިޖެހިފައިވާ ކުދިންގެ ހަށިގަނޑު ބަލާ ބެލުންތަކުންނެވެ. އެގޮތުން ޑޮކްޓަރުން ބަލައިފާނެ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ (މެޔޯކްލިނިކް، 2022). 

·         ބަލިޖެހިފައިވާ ކުއްޖާގެ ނޭވާލުން ހުރިގޮތް ބެލުން

·         ކަށިގަނޑު އަޅައިގެން ކުއްޖާގެ ފުއްޕާމޭގެ އަޑުތައް އަޑުއެހުން

·         ބަލިޖެހިފައިވާ ކުއްޖާއި ކަރު ނޫނީ އަރުތެރެ ބަލައިހެދުން

ބައެއް ފަހަރު އެކްސްރޭ އަދި އެހެނިހެން ބައެއް ޓެސްޓުތައް ވެސް ހަދައިފާނެއެވެ (މެޔޯކްލިނިކް، 2022). 

ފަރުވާ

ކުރޫޕް ޖެހޭ ގިނަކުދިންނަށް ގޭގައި ފަރުވާ ކުރެވިދާނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ހަސްފަތާލުގައި އެދުމަތިކޮށް ގެން ވެސް ފަރުވާ ދޭންޖެހިދާނެ އެވެ. ފަރުވާ ބަރޯސާވަނީ ބަލިޖެހިފައިވާ ކުއްޖާއަށް ކުރިމަތިވެފައިވާ އަލާމާތްތަކާއި އަދި ނުރައްކާތެރިކަން އޮތް މިންވަރެއްގެ މައްޗަށެވެ (މެޔޯކްލިނިކް، 2022).  

ބަލިޖެހިފައިވާ ކުއްޖާ ހަމައަކަށް އެޅުވުމަށް ކުރެވިދާނެ ކަންތައްތައް

ބަލިޖެހިފައިވާ ކުއްޖާ ރުޔަނުދީ ހަމައަކަށް އެޅުވުމަކީ މުހިއްމު ކަމެކެވެ. ސަބަބަކީ ރުއިމާއި އުދަނގުލެއް ވާތީ އުޅުމަކީ ވައިހިނގާމަގުގައި ހުންނަ ދުޅަ އިތުރަށް ގޯސްވާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ނޭވާލާން ދަތިވާނެ ކަމެކެވެ. ދަރިފުޅު ހަމައަކަށް އެޅުވުމަށް ލަވައެއް ކިޔާދިނުން، ލަވައެއް ޖެހުން، އުރާލުން، ގާތުގައި ވަގުތު ހޭދަކުރުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. މީގެ އިތުރުން ކުޅޭއެއްޗެއް ދިނުން، އެކުގައި ކުޅެ ހަދާލުން ފަދަ ކަންތައްތައް ވެސް ކުރެވިދާނެ އެވެ. މީގެ އިތުރުން ބަލިޖެހިފައިވާ ކުއްޖާއަށް އެކަށޭނަ ވަރަށް ދިޔާތަކެތި ދެވޭތޯ ބެލުމަކީ ވެސް މުހިއްމު ކަމެކެވެ (މެޔޯކްލިނިކް، 2022). 

ބޭހުގެ ފަރުވާ

ކްރޫޕް ޖެހިގެން ޑޮކްޓަރަށް ދެއްކުމުން ފަރުވާގެ ގޮތުގައި ފަހަރުގައި އަންނަނިވި ބޭސްތައް ބޭނުންކުރުމަށް ލަފާދީފާނެ އެވެ.

·         ކޯޓިކޯސްޓީރޮއިޑް(Corticosteroid): ވައިހިނގާމަގު ގައި އުފެދިފައިވާ ދުޅަ ތިރިކުރުމަށް ކޯޓިކޯސްޓީރޮއިޑް މިސާލަކަށް ޑެކްސަމެތަސޯން ފަދަ ބޭހެއް ދެވިދާނެ އެވެ. ނޫނީ ދީފާނެ އެވެ. އާންމު ގޮތެއްގައި ސްޓީރޮއިޑް ދޭން ފަށާތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އުދަނގޫތަކަށް ލުއިކަން ލިބެން ފަށާނެ އެވެ. ފަހަރުގައި ދުވަސްކޮޅެއް ވަންދެން ޑެކްސަމެތަސޯން ބޭސް ބޭނުންކުރަން ޖެހިދާނެއެވެ. ނޫނީ އެންމެ އިންޖެކްޝަނެއްގެ ގޮތުގައި ވެސް ބޭނުންކުރަން ޖެހިދާނެއެވެ (މެޔޯކްލިނިކް، 2022). 

·         އެޕިނެފްރިން (Epinephrine): ވަރަށް ބޮޑަށް އުދަނގޫތަކާއި އެކު ވައިހިނގާމަގުގައި ދުޅަވުން ކުރިމަތިވެފައިވާނަމަ އެޕިނެފްރިން އަކީ ބޭނުންކުރެވިދާނެ ފައިދާހުރި ބޭހެކެވެ. މިއީ އާވިއަރުވާ މެޝިންގެ އެހީގައި އާވި އަރުވައިގެން ވެސް ދެވިދާނެ ބޭހެކެވެ. މިއީ ވަރަށް އަވަހަށް އޭގެ އަސަރުކުރާ އަދި އޭގެ އަސަރު އެހާމެ އަވަހަށް ފިލައިގެން ވެސް ގޮސްދާނެ ބޭހެކެވެ. ފުރަތަމަ ޑޯޒް ދިނުމަށްފަހު ދެވަނަ ޑޯޒް ބޭނުންވޭތޯ ކަށަވަރުކުރުމަށް އަވަސްފަރުވާގެ ޚިދުމަތް ދޭ ތަނުގައި ދެތިން ގަޑިއިރެއް މަޑުކޮށްލަން ވެސް ޖެހިދާނެއެވެ (މެޔޯކްލިނިކް، 2022). 

ބައެއް ރިފަރެންސް ތަކުގައި ފަރުވާ ބަޔާންކޮށްފައިވަނީ ބަލީގެ ނުރައްކާތެރިކަމަށް ރިޢާޔަތްކޮށްގެންނެވެ. އެގޮތުން ފަރުވާ ކުރިޔަށް ގެންދެވޭ ގޮތް ތިރީގައި މިވަނީ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

އާދައިގެ ވަރަކަށް ކުރިމަތިވާ ކްރޫޕް

އާދައިގެ މިންވަރަކަށް ކްރޫޕް ކުރިމަތިވުމުން އާންމު ގޮތެއްގައި ގޭގައި ފަރުވާކުރެވިދާނެ އެވެ. އެގޮތުން ގޭގައި ހިޔުމިޑިފަޔަރ ބޭނުން ކުރެވިދާނެ އެވެ. މީގެ އިތުރުން ހޫނުފެނުން އާވިއެރުވުން ފަދަ ކަންތައްތައް ކުރެވިދާނެ އެވެ. ގޭގައި މިކަންކަން ކޮށްގެން ލުއިނުވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އާދައިގެ ވަރަކަށް ކްރޫޕް ކުރިމަތިވުމުން އަންނަނިވި ކަންތައްތައް ގޭގައި ކުރެވިދާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

·         ސާފުވައިލިބޭނެ ގޮތަށް ހެދުން (ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުން)

·         ހުމަށް ޕެނަޑޯލް ފަދަ ބޭސްތައް ބޭނުންކުރުން

·         ތާފަނާކޮށް ހުންނަ ދިޔާތަކެތި ބޯންދިނުން

·         ގޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުން އަދި ގެޔާއި ގޯތި ގެދޮރަކީ ދުންފަތުގެ ދުމުން ރައްކާތެރި ތަނަކަށް ހެދުން

·         ބޯދަށަށް ބާލީހެއް ލައި އުފުލާލާފައި ބޭއްވުން : ނަމަވެސް 1 އަހަރުން ދަށުގެ ކުދިންގެ ބޯދަށަށް ބާލީސް ލައްވައިގެން ނުވާނެއެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).     

މެދު މިންވަރަކުން ފެށިގެން ނުރައްކާތެރި މިންވަރަކަށް ހުންނަ ކްރޫޕް

މެދު މިންވަރަކުން ފެށިގެން ނުރައްކާތެރި މިންވަރަކަށް ހުންނަ ކްރޫޕް ކުރިމަތިވެފައިވާނަމަ ލަސްނުކޮށް ޞިއްޙީ ޚިދުމަތް ދޭތަނަކަށް ގެންދިއުމަކީ މުހިއްމު ކަމެކެވެ. ނުރައްކާތެރި މިންވަރަކަށް ކްރޫޕް ކުރިމަތިވުމަކީ ފުރާނަޔަށް ނުރައްކާވެދާނެ ކަމެކެވެ. މިހާލަތުގައި ކްރޫޕް އަށް ފަރުވާ ކުރުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

·         ހިޔުމިޑިފަޔަރ ބޭނުންކުރުން ނޫނީ އޮކްސިޖަން ގެ ފަރުވާ ދިނުން

·         ފެންމަދުވުމުން ސަލާމާތްކުރުމަށް އައިވީ ފުލުއިޑް ދިނުން

·         އޮކްސިޖަންގެ މިންވަރު، ހިތުގެ ވިންދު އަދި ނޭވާލާ މިންވަރު ބަލަމުން ގެންދިއުން

·         ގްލޫކޯކޯޓިކޮއިޑްސް އަދި އެޕިނެފްރިން ފަދަ ބޭސްތައް އާވިއަރުވައިގެން ނެގުން

·         ވެންޓިލޭޓަރަށްލުން  (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).

ކްރޫޕްގެ ފަރުވާގައި ބޭނުންކުރާ ޅާއްޞަ ބޭސްތައް

ގްލޫކޯކޯޓިކޮއިޑްސް

ގްލޫކޯކޯޓިކޮއިޑްސް(glucocorticoids)  އަކީ ކްރޫޕް އާއި ގުޅިގެން އަޑުފޮށީގައި އުފެދޭ ދުޅަ ތިރިކުރުމަށް ދެވޭ ސްޓީރޮއިޑް ގެ ވައްތަރެކެވެ. އާންމު ގޮތެއްގައި ސްޓީރޮއިޑްގެ ފުރަތަމަ ޑޯޒް ދޭތާ 6 ގަޑިއިރުގެ ތެރޭގައި ދުޅަ ތިރިވާން ފަށަޢެވެ. އާދައިގެ ވަރަކަށް ކްރޫޕް ކުރިމަތިވާ ކުދިންނަށް ސްޓީރޮއިޑް ދިނުމުން ތަކުރާރުކޮށް ހޮސްޕިޓަލަށް ދާންޖެހުމުން ދުރުކޮށްދެއެވެ. އެންމެ އާންމުކޮށް ބޭނުންކޮށްއުޅޭ ގްލޫކޯކޯޓިކޮއިޑްސް ގެ ތެރޭގައި ޑެކްސަމެތަސޯން، އަދި ޕްރެޑްނިސޯލޯން ފަދަ ބޭސްތައް ހިމެނެއެވެ. އާންމު ގޮތެއްގައި ދެވެނީ އަނގައިން ދޭންޖެހޭ ނޫނީ ނަގަންޖެހޭ އެންމެ ޑޯޒެކެވެ. އަނގައިން ނުނެގޭނަމަ، އައިވީކޮށް ނޫނީ މަސްގަނޑަށް ޖަހާ އިންޖެކްޝަނެއްގެ ސިފައިގައި ވެސް ގްލޫކޯކޯޓިކޮއިޑްސް ދީފާނެއެވެ. (ކްލަވެލެންޑްކްލިނިކް.އޯރގް، 2023).   

 

ނެބިއުލައިޒްޑް އިންހޭލްޑް ޓްރީޓްމަންޓް (އެޕިނެފްރިން) 

މިގޮތުން އާވިއަރުވައިގެން ނެބިއުލައިޒަރ މެދުވެރިކޮށް އެޕިނެފްރިން(epinephrine)  ދެވެއެވެ. މިބޭސް ދިނުމުން ވެސް ނޫނީ ދޭތާ 10 މިނިޓްގެ ތެރޭގައި ވައިހިނގާ މަގުގެ ދުޅަކަން ތިރިކޮށް ދަށް ކުރަން ފަށައެވެ. އާންމު ގޮތެއްގައި އެޕިނެފްރިންގެ އަސަރު ހުންނަނީ ކޮންމެ 2 ގަޑިއިރަކަށް ނޫނީ އެއަށްވުރެ މަދުވަގުތަކަށެވެ. ނުރައްކާތެރި ހާލަތުގައި ކޮންމެ 20-15 މިނިޓަކުން ވެސް އެޕިނެފްރިން ބޭނުންކުރަން ޖެހިދާނެ އެވެ(ކްލަވެލެންޑްކްލިނިކް.އޯރގް، 2023).     

ރައްކާތެރިވުން

ކުރޫޕް އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ.

ކްރޫޕް އިން ރައްކާތެރިވުމަށް ކުރަންޖެހެނީ ނޭވާލާ ނިޒާމަށް ޖެހޭ ރޯގާތަކުން ވެސް ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ތަކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތައް ތިރީގައި މިވަނީ އެވެ (މެޔޯކްލިނިކް، 2022).   

·         ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން

·         ބަލިޖެހިފައިވާ މީހުންނާއި ކުޑަކުދިން ގާތްނުކުރުން ނުވަތަ ބަލިޖެހިފައިވާ މީހާ ސަލާމަތުން ތިބޭ ތުއްތު ކުދިން ކުޑަކުދިން އުރާ ނުހެދުން (މެޔޯކްލިނިކް، 2022). 

·         ތުއްތު ކުދިންނަށް ކުޑަކުދިންނަށް ކެއްސާ ކިނބިހިއަޅާއިރު މުލައްދަނޑިއަށް ދިމާކޮށް ކެއްސުން ނޫނީ ކިނބިހިއެޅުމަށް ބާރުއެޅުން ނޫނީ ދަސްކޮށްދިނުން  (މެޔޯކްލިނިކް، 2022). 

·         ކުޑަކުދިން އަތްލައިފާނެ ހެން ހީވާ ތަންތަން (ޖަރާސީމު ހަރުލާފައި ހުރުމުގެ ފުރުޞަތު ބޮޑުތަންތަނާއި ތަކެތި) ވީހާ ވެސް ގިނައިން ސާފުކޮށް ހެދުން (މެޔޯކްލިނިކް، 2022). 

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު

·         https://www.mayoclinic.org/diseases-conditions/croup/symptoms-causes/syc-20350348

·         https://my.clevelandclinic.org/health/diseases/8277-croup

 

 

 

 

No comments:

Post a Comment