Thursday, September 5, 2013

ޑިސަންޓެރީ

ޑިސަންޓެރީ
ޑިސަންޓެރީ(Dysentery) އަކީ ލޭބޭރަށްހިންގުމުގެ ވައްތަރެކެވެ. މިއީ ގޮހޮރަށްޖެހޭ ބައްޔެކެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކުގައި އުޅޭ ބައްޔެކެވެ. މިއީ ގިނަފަހަރު ފަރުވާއެއް ނުކުރި ނަމަވެސް އޭގެ ޒާތުގައި ރަގަޅުވާ ބައްޔެކެވެ.


ވައްތަރުތައް
ޑިސަންޓެރީ ގެ 2 ވައްތަރެއް ހުރެއެވެ.
(ހ) – ބެކްޓީރިޔާ އިން ޖެހޭ ޑިސަންޓެރީ (bacillary dysentery): މިވައްތަރުގެ ޑިސަންޓެރީ ޖެހެނީ ޝިގެއްލާ ބެކްޓީރިއާގެ ތަފާތު ވައްތަރު ތަކުގެ ސަބަބުންވެ. މިއީ ދިވެހިން އާންމުކޮށް ކިޔާއުޅޭ "ޝިގެއްލާ"(shigellosis)  ނުވަތަ "ޝިގެލޯސިސް" އެވެ.
(ށ) – ޕެރަސައިޓް އިން ޖެހޭ ޑިސަންޓެރީ (Amoebic dysentery):މިވައްތަރުގެ ޑިސަންޓެރީ ޖެހެނީ "އެންޓަމީބާ ހިސްޓޮލިޓިކާ"(entamoebahistolytica) ކިޔާ ޕެރަސައިޓެއްގެ ސަބަބުންނެވެ. މިބައްޔަށް "އެމަބައިއަސިސް"(Amoebiasis) މިހެން ވެސް ކިޔައި އުޅެއެވެ.

ސަބަބު

ޝިގެއްލާ : ޝިގެއްލާ ޖެހެނީ ޝިގެއްލާ ކިޔާ ބެކްޓީރިޔާ ގެ ގުރޫޕެއްގެ ސަބަބުންނެވެ. ޝިގެއްލާ ބެކްޓީރިޔާގެ ތަފާތު ވައްތަރުތައް ހުރެއެވެ. އެގޮތުން ޝިގެއްލާ ޖެހޭކަމަށް ފާހަ ކުރެވިފައިވަނީ:-
·         ޝިގެއްލާ ފްލެކްސްނެރީ
·         ޝިގެއްލާ ބޮއިޑީ
·         ޝިގެއްލާ ސޮނޭއި
·         ޝިގެއްލާ ޑިސެންޓްރިއާ
ނޯޓް : ޝިގެއްލާ ޖަރާސީމުގެ މިނޫން އެހެން ވައްތަރުތައް ވެސް ހުރެއެވެ. އެވައްތަރުތަކުން ވެސް މަދުން ނަމަވެސް ޝިގެއްލާ ޖެހުމަކީ ވެދާނެ ގޮތެކެވެ.

ޝިގެއްލާ ފެތުރޭ ބައެއް ގޮތްތަކުގެ ތެރޭގައި:-
·         ޝިގެއްލާ ޖައްސާ ޖަރާސީމާތަޣައްޔަރުވެފައިވާ އަތް ނުވަތަ އިގިލި އަނގަޔަށްލުން
·         ޝިގެއްލާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ ފެނާއި،ކިރު ކިރުން އުފައްދާފައި ހުންނަ ބާވަތްތައް ބޭނުންކުރުން
·         ޝިގެއްލާ ޖައްސާ ޖަރާސީމާއި ތަޣައްޔަރުވެފައިވާ މޭވާ ތަރުކާރީ ފަދަ ތަކެތި ބޭނުންކުރުން

އެމަބައިއަސިސް : އެމަބައިއަސިސް ފެތުރެނީ "އެންޓަމީބާ ހިސްޓޮލިޓިކާ"(entamoebahistolytica) ކިޔާ ޕެރަސައިޓެއްގެ ސަބަބުންނެވެ. މިޖަރާސީމު އާންމުކޮށް އުޅެނީ ހޫނު ހިސާބު ތަކުގައެވެ. ބަލިޖެހެނީ ބަލީގެ ޖަރާސީމާ ތަޣައްޔަރުވެފައި ހުރި ކާބޯތަކެތި ބޭނުންކުރުމުންނެވެ.

ބަލިޖެހިފައިވާ މީހާގެ ގޮހޮރުގެ ތެރޭގައި ހުންނަ ފަނި ތައް ބޭރުވާން ވުމުން އެތައް ފަނިތަކެއް އެއްވެ، އޭގެ ބޭރުން ތޮއްޓެއް ލައްވައެވެ. މިގޮތަށް ވަށައިގެން ތޮށިލެވި، ބައިވަރު ފަނިތައް އެއްވުމުން ކިޔަނީ "ސިސްޓް"(cyst) އެވެ. މިގޮތަށް ސިސްޓް އުފެދުމަށްފަހު، ބޮޑުކަމު ނަޖިހާއެކު ބޭރުވެއެވެ. އިންސާނާގެ ހަށިގަނޑުން ބޭރުގައި މިފަދަ ސިސްޓް ރައްކާތެރިކަމާއެކު ދިރިހުރެއެވެ. އާންމު ޞިއްޙަތު ދަށް، ސާފުތާހިރު ނޫން މާހައުލެއްގައި ބަލިމީހާގެ ބޮޑުކަމުނަޖިހާއެކު ބޭރުވާ ސިސްޓް އިން ފެނާ، ކާބޯތަކެތި ތަޣައްޔަރުވުމަކީ ކައިރި ކަމެކެވެ.

ބަލީގެ ޖަރާސީމުގެ ސިސްޓް ހުރި ބޮޑުކަމު ނަޖިހުން ތަޣައްޔަރުވެފައިވާ ރޯމޭވާ ތަރުކާރީ ކައިފިނަމަ، ބަލިޖެހުމަކީ ވެދާނެ ގޮތެކެވެ. އާންމުގޮތެއްގައި ގަސްކާނާގެ ގޮތުގައި އިންސާނުންގެ ބޮޑުކަމުނަޖިސް ބޭނުންކުރާ ހިސާބުތަކުގައި އެމަބައިއަސިސް އާންމުކަން ވަނީ ފާހަގަ ކުރެވިފައެވެ.

އިންސާނާގެ ހަށިގަނޑަށް ސިސްޓް ވަނުމަށްފަހު ގޮހޮރަށް ވާޞިލް ވެއެވެ. އަދި ގޮހޮރުގެ ތެރޭގައި ސިސްޓް ފަޅައިގެން ގޮސް ފަނިތައް ގޮހޮރުގެ ތެރެއަށް ދޫކޮށްލައެވެ. މިފަނިތައް ގޮހޮރުގެ ބަތާނަ ފަށުގެ ތެރެއަށް ވަދެ، ފާރު، އަދި މުލިހި އުފެއްދުމަކީ ވެސް ކައިރި ކަމެކެވެ. އެކަކުގެ އަނގައިން އަނެކާގެ ފުރަގަސް ޖިންސީ ގުޅުން ހިންގުމަށް ބޭނުންކޮށްފިނަމަ، ބަލިޖެހުމަކީ ވެސް ކައިރި ކަމެކެވެ.

އަލާމާތްތައް

ޝިގެއްލާ : ޝިގެއްލާ ޖެހުމުން ބައެއް މީހުންގެ ފުށުން އެއްވެސް އަލާމާތެއް ނުފެނި ހިގައިދާނެ އެވެ. ނަމަވެސް މިފަދަ މީހުންގެ ފުށުން އެހެންމީހުންނަށް ބަލި ފަތުރަމުންގެންދާނެ އެވެ. ޝިގެއްލާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
v     ހުންއައުން
v     ލޭބޭރަށްހިންގުން
v     ބަނޑުގައި ރިހުން
v     ބޮޑުކަމުދާއިރު ތަދުވުން
v     ބޮޑުކަމުދާ ތަކެތީގައި ދަވަ ހުރުން
v     މޭނުބައިކުރުން
v     ހޮނޑުލެވުން
ޝިގެއްލާގެ އުދަނގޫތައް ފެށެނީ ޖަރާސީމަށް ހުށަހެޅޭތާ 2-1 ދުވަހުގެ ތެރޭގައެވެ. އާންމުގޮތެއްގައި ޝިގެއްލާގެ އުދަނގޫތައް 7-5 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ރަގަޅުވެއެވެ. ބައެއް މީހުންނަށް އާދަޔާ ޚިލާފަށް ބޮޑަށް ނުވަތަ ގިނައިން ބޭރަށްހިންގައި ހޮސްޕިޓަލުގައި ބާއްވަންޖެހޭ ފަހަރު ވެސް އާދެއެވެ. ޝިގެއްލާ ޖެހުމާއި ގުޅިގެން 2 އަހަރުން ދަށުގެ ކުދިންނަށް މާބޮޑަށް ބޭރަށްހިންގައި، ހުންއައުމާއެކު ފިޓުޖެހުމަކީ ވެދާނެ ގޮތެކެވެ.

އެމަބައިއަސިސް : އެމަބައިއަސިސް އާންމުކޮށް ފެތުރެނީ ހޫނު ހިސާބު ތަކުގައެވެ. އެމަބައިއަސިސް ޖައްސާ ޕެރަސައިޓް ހަށިގަނޑަށް ވަނަސް އޭގެ އަލާމަތްތައް ނުފެނި 4-2 ހަފްތާ ހޭދަވެދާނެ އެވެ. ބައެއް ފަހަރު އަލާމާތެއް ނުފެނި ދެތިން މަސް ހޭދަވުމަކީ ވެސް ވެދާނެ ގޮތެކެވެ. ނަމަވެސް މިމުއްދަތުގައި ވެސް އެމީހާގެ ފުށުން އެހެން މީހުންނަށް ބަލި ފަތުރަމުންގެންދާނެ އެވެ. އެމަބައިއަސިސް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި:-
v     ވަރަށް ފެންކޮށް ބޭރަށްހިނގުން
v     ބޮޑުކަމުދާ ތަކެތީގައި ލޭހުރުން (ލޭބޭރަށްހިންގުން)
v     ބޮޑުކަމުދާ ތަކެތީގައި ދަވަ ހުރުން
v     ބޮޑުކަމުދާއިރު ތަދުވުން
v     މޭނުބައިކުރުން
v     ހޮނޑުލެވުން
v     ބަނޑުގައި ރިހުން
v     ހުންއައުން
v     ހީކެރުވުން
އެމަބައިއަސިސް ޖެހުމުން ލޭބޭރަށްހިންގުމުގެ ފުރުޞަތު ބޮޑެވެ. އެއީ ބަލިޖައްސާ ޕެރަސައިޓް ގޮހޮރުގެ ފާރަށް ހަމަލާދީ ފާރު އުފައްދާތީ އެވެ. އަދި އެފާރުކޮޅުތަކުން ލޭފާއްދާތީ އެވެ. ބޮޑުކަމުދާއިރު ތަދުވަނީ ވެސް މިސަބަބާ ހުރެއެވެ. އެމަބައިއަސިސް ގެ އުދަނގޫތައް ދެތިން ދުވަހުން ފެށިގެން ގޮސް ދެތިން ހަފްތާއަށް ވެސް ދެމިހުރެދާނެ އެވެ. ފަރުވާއެއް ނުކުރި ނަމަވެސް އުދަނގޫތައް ހިގައިދާނެއެވެ. އުދަނގޫތައް ފިލާދިޔަސް ފަރުވާއަށް ބޭސް ނުނަގައިފިނަމަ، ބަލީގެ ޖަރާސީމު ގޮހޮރުގެ ތެރޭގައި އެތައް ދުވަހެއް ވަންދެން ހުރެފާނެ އެވެ. އަދި މިހާލަތުގައި އެހެންމީހުންނަށް އެމީހެއްގެ ފުށުން ބަލި ފަތުރަމުން ގެންދާނެ އެވެ.

ނުރައްކާ
ތުއްތު ކުދިންނާ، ކުޑަކުދިންނަށް ޑިސަންޓެރީ ޖެހިއްޖެނަމަ ވަރަށް ފަސޭހައިން ހަށިގަނޑުން ފެންހުސްވާގޮތް ވެއެވެ. އެހެންކަމުން ހަށިގަނޑުން ފެން ހުސްވިޔަނުދިނުމަށް ބީވެގެންދާ ދިޔާތަކެތީގެ ބައި އަނބުރާ ހޯދައިދިނުމަށް ވީހާ ވެސް ގިނައިން ދިޔާތަކެތި ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
ބެކްޓީރިޔާ އިން ޖެހޭ ޑިސަންޓެރީ ގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުގެ ތެރޭގައި ހަށިގަނޑުން ފެންމަދުވުން، ރެއިޓާރސް ސިންޑްރޯމް ކިޔާ ބައްޔެއް ޖެހުން، ލޭގައި ޖަރާސީމު އެޅުން، ލޭގައި ސޯޑިއަމް މަދުވުން، ހިމޮލިޓިކް ޔުރިމިކް ސިންޑްރޯމް ކިޔާ ހާލަތެއް މެދުވެރިވުން، ފަދަ ކަންތައްތައް ހިމެނެއެވެ.
ޕެރަސައިޓްގެ ސަބަބުން ޖެހޭ ޑިސަންޓެރީގެ ސަބަބުން ބަލިޖައްސާ ޕެރަސައިޓް ގޮހޮރު ފަހަނައަޅައި ލޭގެ ތެރެއިން މޭގަނޑަށް ވާޞިލްވާގޮތް ވެއެވެ. އަދި މޭގަނޑުގައި މުލިހި(liver abscess) ފަދަ ތަކެތި އުފެދުމަކީ ވެދާނެ ގޮތެކެވެ. މޭގަނޑުގައި މުލިހި އުފެދުމުން ދިމާވެދާނެ އުދަނގޫތަކުގެ ތެރޭގައި ހުންއައުން، ވަރުދެރަވުން، ބަނޑުގައި ދުޅައެއް އުފެދުން، ބަނޑުގެ ކަނާތް ފަރާތުން މައްޗަށް ތަދުވުން، ކެއްސުން، މޭނުބައިކުރުން، ރީނދޫވުން، ކާހިތްނުވުން، އަދި ބަރުދަން ލުއިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ދެނެގަތުން
ޑިސަންޓެރީ ހުރިކަން ދެނެގަނެވެނީ ކުރިމަތިވެފައިވާ އުދަނގޫތަކާ، ބަލާބެލުންތަކަށް ރިއާޔަތްކޮށްގެންނެވެ. ޑިސަންޓެރީ ހުރިތޯ ޔަގީންކުރުމަށް ބޮޑުކަމު ނަޖިސް ޓެސްޓުކޮށް އޭގައި ބެކްޓީރިޔާ، ނުވަތަ ޕެރަސައިޓް ހުރިތޯ ބެލެއެވެ. މީގެ އިތުރުން ބައެއް ފަހަރު ޚާއްޞަ ހާލަތްތަކާ ގުޅިގެން މިސާލަކަށް މޭގަނޑުގައި މުލިހި ހެދުން(liver abscess) ފަދަ ހާލަތްތަކުގައި އަލްޓްރާ ސައުންޑް ސްކޭން، ލޭގެ ޓެސްޓުތައް، އަދި އިންޑޮސްކަޕީ ވެސް ހަދަން ޖެހިދާނެ އެވެ.

ފަރުވާ
ޑިސަންޓެރީ އާންމު ގޮތެއްގައި ފަރުވާ ނުކުރިނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަގަޅުވެދެއެވެ. ނަމަވެސް ޑިސަންޓެރީ އާ ގުޅިގެން ކުރިމަތިވާ ބޭރަށްހިންގުމާ ހޮނޑުލެވުމުގެ ސަބަބުން ހަށިގަނޑުން ބީވެގެންދާ ފެނުގެ ބައި އަނބުރާ ހަށިގަނޑަށް ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން ހަށިގަނޑުން ފެން ހުސްވިޔަ ނުދިނުމަށްޓަކައި ވީހާ ވެސް ގިނައިން ދިޔާތަކެތި ބުއިމަކީ ބޭނުންތެރި ކަމެކެވެ. އެގޮތުން އާދައިގެ ފެން، ކުރުނބާ ފެން، މޭވާ ޖޫސް ފަދަ ތަކެތި ބޭނުންކުރެވިދާނެ އެވެ. އެއީ މިބުނި ބާވަތްތަކުގެ ސަބަބުން ހަށިގަނޑުން ބީވެދާ ، ލޮނުގެ ބައި އަދި މައުދަންތައް އަނބުރާ ހަށިގަނޑަށް ހޯދައިދޭތީ އެވެ. ނުރައްކާތެރި ހާލަތުގައި ހޮސްޕިޓަލްގައި އެދުމަތިކޮށް، އައިވީގުޅައިގެން ހަށިގަނޑަށް ފެންފޯރުކޮށްދޭން ޖެހިދާނެ އެވެ.
ޕެރަސައިޓުން ޖެހޭ ޑިސަންޓެރީ ކުރިމަތިވެފައިވާނަމަ އެންޓިބަޔޮޓިކް ލިޔެދޭނެ އެވެ. އަދި ބޭނުންކުރަންޖެހޭ މުއްދަތާ ގޮތް ޑޮކްޓަރު ކައިރީގައި އަހައި އޮޅުން ފިލުވުން މުހިއްމެވެ. އެންޓިބަޔޮޓިކް ބޭނުންކޮށް ނިމުމުން ބާކީ އިތުރު ފަންޏެއް ހަށިގަނޑުގައި ހުރެއްޖެނަމަ އެފަނިތައް މަރާލުމަށް ވެސް ބޭސް ދޭނެއެވެ. ބެކްޓީރިޔާގެ ސަބަބުން ޖެހޭ ޑިސަންޓެރީ އަށް ވެސް އެންޓިބަޔޮޓިކް ދީ އުޅެއެވެ. އެހެން މީހުންނަށް ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ވެސް ބަލިޖެހިފައިވާ މީހާ އަށް އެންޓިބަޔޮޓިކް ދީއުޅެއެވެ.

ރައްކާތެރިވުން
ޑިސަންޓެރީ އިން ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.
ü      ފާޚާނާކޮށް ނިމިގެން ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން
ü      ބަލިޖެހިފައިވާ މީހަކާ ގައިގޯޅިވުމަށްފަހު ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން
ü      ކާނާ ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން
ü      ކެއުމުގެ ކުރިން ސައިބޯނިލައިގެން ރަގަޅަށް އަތްދޮވުން
ü      ކުޑަ ދަރިފުޅު އުރާ ހެދުމުގެ ކުރިން ރަގަޅަށް އަތްދޮވުން
ü      ބަލިޖެހިފައިވާ މީހުންނާ މާބޮޑަށް ގައިގޯޅިވެ ނޫޅުން
ü      ބަލިޖެހިފައިވާ މީހާ ބޭނުންކުރާ ތުވާލި ފަދަ ތަކެތި ބޭނުންނުކުރުން
ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.
މައުލޫމާތު :


No comments:

Post a Comment