Saturday, October 31, 2020

ފަރުޖު

 

ފަރުޖު

ފަރުޖަ(vulva)ކީ އަންހެނާގެ ކުރިމަތި ފަރާތުގެ ދޮރެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ފެންނަން އިންނަ ބައެވެ. ނުވަތަ މިއީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ހުޅުވިފައިވާ ތަނެވެ. އާންމު ގޮތެއްގައި ފަރުޖޭ ބުނުމުން މީހުން މާނަ ކުރަނީ އަންހެނާގެ ޖިންސީ ގުނަވަން(vagina) ކަމަށެވެ. ނަމަވެސް ހަގީގަތަކީ އަންހެނާގެ ޖިންސީ ގުނަވަނަކީ އެތެރެއިން ލެވިފައިވާ ނުވަތަ އެތެރޭގައިވާ ބައެކެވެ. އަދި ފަރުޖަކީ ހަށިގަނޑުން ބޭރުގައި ފެންނަ އިންނަ ޖިންސީ ގުނަވަނުގެ ނުވަތަ ނަސްލު އުފައްދާ ނިޒާމްގެ ބައެކެވެ.

 


ފަރުޖުގެ ވަޒީފާ

·         ފަރުޖަކީ ޖިންސީ ގުޅުން ހިންގުމުގައި ޝާމިލްވާ ހައްސާސީ ސެލޯށި އެކެވެ.

·         ކުޑަކަމުދާ ލޯވަޅު ހުޅުވިފައި އިންނަނީ ފަރުޖުގައެވެ. އެހެންކަމުން ކުޑަކަމު ނަޖިސް ހަށިގަނޑުން ބޭރުކުރުމުގައި ފަރުޖު އެހީތެރިވެދެއެވެ.

·         ދަރިމައިވުމުގެ ނިޒާމުގެ އެތެރޭގެ ބައިތަކުގައި އިންފެކްޝަން ހެދުމުން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުން

 

ފަރުޖުގައި ހިމެނޭ ބައިތައް

ފަރުޖު ގައި ހިމެނޭ ބައިތަކުގެ ތެރޭގައި ފަރުޖު ހިމެނޭ ހިސާބުގައި ޖަމާވެފައިވާ ފެޓް އެކުލެވޭ ޓިޝޫތައް (ސަރުބީ ބޮޑިވަރު)، ބޮޑު ދެތުންފަތް، ކުޑަ ދެތުންފަތް، ކުޑަކަމުދާ ހޮޅީގެ ލޯވަޅު(external urethral orifice)، ޖިންސީ ގުޅުން ހިންގާ ލޯވަޅު(vagina orifice)، ބިކުރުގެ ދުލިފަށް(hymen) ،ބާރތޮލީން ގްލޭންޑް (bartholin’s gland)،އަދި ފަރުޖާއި ފުރަގަސް ފަރާތު ދޮރާއި ދެމެދުގައިވާ ހިސާބު(perineum) ހިމެނެއެވެ. މީގެ އިތުރުން ކުޅަނދިލި ހިމެނެއެވެ. ފޫޅުގެ ތިރީގައި ފަރުޖުގެ މަތީކައިރީގައި ބޮނޑިމަސްކޮށް އޮންނަ ހިސާބަށް ކިޔަނީ "އިސްމަތި"(mons pubis) އެވެ.

 

(ހ) - އިސްމަތި (mon pubis): މިއީ ފޫޅުގެ ތިރީގައި ފަރުޖުގެ މަތީ ކައިރީގައި ބޮޑިމަސްކޮށް އޮންނަ ހިސާބެވެ. ނުވަތަ ސަރުބީ ސެލޯށިތައް ޖަމާވެފައިވާ ސަރުބީ ބޮޑިވަރެވެ. އާންމު ގޮތެއްގައި ބާލިޣުވުމަށްފަހު މި ސަރުބީ ބޮޑިވަރުގެ މަތީގައި އިސްތަށި ފަޅާފައި ހުންނާނެ އެވެ.

 

(ށ) - ބޮޑު ދެތުންފަތް (Labia major): ފަރުޖުގެ ތުންފަތްތަކުގެ ތެރެއިން ބޮޑު ދެތުންފަތަކީ ބޭރަށްވާ ގޮތަށް އިންނަ ދެތުންފަތެވެ. ބޮޑު ދެތުންފަތް އެކުލެވިގެންވަނީ ހަން އަދި ސަރުބީ އެކުލެވޭ ޓިޝޫ އިންނެވެ. ބާލިޣުވުމަށްފަހު ބޮޑު ތުންފަތުގެ ހަންގަނޑުގައި އާންމުކޮށް އިސްތަށި ފަޅައެވެ. އަންހެނަކު ކޮޅަށް ހުންނައިރު ފަރުޖުގެ ބޮޑު ބައެއް ބޮޑު ތުންފަތުން ނިވާކޮށްދެއެވެ. ޢާންމު ގޮތެއްގައި ބޮޑު ތުންފަތުގެ ހަމުގެ ކުލަ އާދައިގެ ހަމުކުލަ އާއި އެއްގޮތެވެ. ނަމަވެސް ބައެއް މީހުންގެ މިބައިގެ ހަމުގެ ކުލަ ފިޔާތޮށި ނުވަތަ މުށި ކުލައަކަށްވެސް ހުރެދާނެއެވެ.

 

(ނ) - ކުޑަ ދެތުންފަތް (Labia minor): ފަރުޖުގެ ތުންފަތްތަކުގެ ތެރެއިން ކުޑަ ދެތުންފަތަކީ ފަރުޖުގެ އެތެރެ ފަރާތަށްވާ ގޮތަށް އިންނަ ދެތުންފަތެވެ. ކުޑަ ދެތުންފަތަ ކީ ބޮޑު ދެތުންފަތުގެ އެތެރެއިން ޖިންސީ ގުނަވަނުގެ ދޮރުގެ ވަށައިގެން ލެވިފައިވާ އެއްޗެކެވެ. ކުޑަ ދެތުންފަތް ދެފަރާތުން މައްޗަށް އައިސް ގުޅޭ ހިސާބުގެ މަތީގައި ވަނީ ކުޅަދިއްޔެވެ. ކުޅަދިނލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ވަށައިގެން ހަންކޮޅެއް ލެވިފައި ވެއެވެ. ފަރުޖުގެ ތުންފަތުގެ ދެބައިގައި ވެސް އާދަޔާ ޚިލާފަށް ގިނައިން ތެޔޮ ބޭރުކުރާ ގްލޭންޑް ތައް(sebaceous gland) ހުންނަކަން ފާހަގަ ކުރެވެއެވެ.

 

(ރ) - ކުޅަނދިލި (clitoris) : ކުޅަދިއްޔަކީ ވެސް ފަރުޖު ހިމެނޭ ހިސާބުގައިވާ ބައެކެވެ. ކުޅަދިނލި އިންނަނީ ކުޑަ ދެތުންފަތް މަތިން ގުޅިފައިވާ ހިސާބާއި ކައިރީގައެވެ. ކުޑަކަމުދާ ހޮޅީގެ ލޯވަޅަށްވުރެ މަތީގައެވެ. ބުނެވޭގޮތުގައި ފިރިހެނާގެ ހަށިގަނޑުގައިވާ ފިރިހެން ހައްޓާ އެންމެ އެއްގޮތް ގުނަނެއްގެ ގޮތުގައި އަންހެނުންގެ ހަށިގަނޑުން ފެންނަށް އިނީ ކުޅަދިނލި އެވެ. ކުޅަދިނލީގެ ބޯ ކޮޅުގައި ވަރަށް ބައިވަރު ނާރު ފައިބަރު ތައް ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ކުޅަދިނލި ހީވާގިކޮށް މުރާލިކުރުމުން ޖިންސީ އެދުންވެރިކަން ހިލި، ޖިންސީ އުފާ އިތުރުވާކަމަށް ވެއެވެ.

 

ކުޅަނދިލީގެ ކޮޅުގައިވާ ހަންކޮޅަ(clitoral prepuce)ކީ ކުޅަނދިލީގެ ބޯކޮޅު ހިމާޔަތް ކުރުމަށް ލެވިފައިވާ ހަންކޮޅެކެވެ. މިހަންކޮޅު ބޮޑުވެގެން އަންނަނީ ކުޑަ ތުންފަތުގެ ބައެއްގެ ގޮތުގައެވެ. ފިރިހެނާގެ ޖިންސީ ގުނަވަނުގައި މިހަންކޮޅާ އެއްގޮތް އެއްޗެއްކަމަށް ބުނެވެނީ ޚިތާނު ނުކުރާ މީހުންގެ ޒަކަރުގެ ކޮޅުގައި އޮޅިފައިވާ ހަންކޮޅެވެ. ނުވަތަ ޙަޝަފަތު ނިވައިކޮށްދޭ ހަންކޮޅެވެ.

 

މިހަންކޮޅު ގެ ވަކި ސައިޒެއް ނުވަތަ ބައްޓަމެއް ނުވެއެވެ. ބައެއް މީހުންގެ ވަރަށް ބޮޑު ހަންކޮޅެއް ކުޅަނދިލީގެ ވަށައިގެން އިންނައިރު އަނެއްބަޔެއްގެ ވަރަށް ކުޑަ ހަންކޮޅު ހުންނަކަން ފާހަގަވެއެވެ. އެއްބަޔެއްގެ ހަންކޮޅު ފަހަތަށް ޖެހި ކުޅަނދިލީގެ ބޯ އެއްކޮށް ފެންނަން އިންނައިރު އަނެއްބަޔެއްގެ ހަންކޮޅުން ކުޅަދިނލި އިންނަނީ އެއްކޮށް ނިވައި ކުރެވިފައެވެ.

 

(ބ) - ބިކުރުގެ ދުލިފަށް (hymen) : ބިކުރުގެ ދުލިފަށަކީ ފަރުޖުގެ ދޮރު ނުވަތަ އަންހެނާގެ ޖިންސީ ގުނަވަނުގެ ބޭރު ދޮރުގެ(external vaginal opening) މަތީގައި ތަބީޢީ ގޮތުން ލެވިފައިވާ ތެތް ދުލިފަށެކެވެ. ބިކުރުގެ ދުލިފަށް ވަރަށް ގިނަ ބައްޓަންތަކަށް ހުރެއެވެ. އެންމެ އާންމު ވައްތަރަކީ ހަނދު ފަޅި އެއްގެ ބައްޓަމަށް ހުންނަ ވައްތަރެވެ. ބިކުރު ދުލިފަށުން ކުރިމަތި ފަރާތުގެ ދޮރު އެއްކޮށް ނުބެދި ހުރެއެވެ. ނުވަތަ ބިކުރު ދުލިފަށުގައި ލޯވަޅެއް ހެދިފައި ހުރެއެވެ. މީގެ ބޭނުމަކީ މައްސަރުގެ ތެރޭގައި އަންނަ ލޭ ބިކުރުގެ ދުލިފަށުގައި ހުންނަ ލޯވަޅުން ބޭރުކުރުމެވެ.

 

(ޅ) - ވެސްޓިބިޔުލް (Vestibule): މިއީ ކުޅަނދިލީގެ ފަހަތުން ކުޑަ ދެތުންފަތުގެ ދެމެދުގައިވާ ހިސާބެވެ. ކުޑަކަމުދާ ހޮޅީގެ ހޮއި، އަދި ފަރުޖުގެ ދޮރު ، ނުވަތަ ޖިންސީ ގުނަވަނުގެ ދޮރު ހުޅުވިފައިވާ ތަނަކީ މިއީ އެވެ. ފަރުޖުގައި ހިމެނޭ ބޮޑެތި ގްލޭންޑްތައް ވެސް ހުންނަނީ މިހިސާބުގައެވެ.

 

ކުޑަކަމުދާ ހޮޅިން ބޭރަށް ހުޅުވިފައިވާ ހޮއި އިންނަނީ ކުޅަނދިލީގެ 2.5 ސެންޓިމީޓަރު ފަހަތުގައި ފަރުޖުގެ ހޮއި ނުވަތަ ދޮރުގެ ކުރިމަތިން ވާގޮތަށެވެ. ފަރުޖުގެ ދޮރު ނުވަތަ ހޮއި އިންނަނީ ކުޑަކަމުދާ ހޮޅީގެ ހޮއި ޖެހިގެން ތިރިއަށް ނޫނީ ފަހަތަށް ވާގޮތަށެވެ. ފަރުޖުގެ ދޮރުގެ ސައިޒު ބިކުރުގެ ދުލިފަށުގެ ސައިޒާއި ރިޢާޔަތްކޮށް ތަފާތު ވުމަކީ އެކަށީގެންވާ ކަމެކެވެ.

 

(ކ) - ބާރތޮލިން ގްލޭންޑް (Bartholin’s gland) : ބާރތޮލިން ގްލޭންޑް(bartholin’s gland) އަކީ އަންހެނާގެ ޖިންސީ ގުނަވަނުން ބޭރަށް ހުޅުވިފައިވާ ދޮރުގެ ދެފަރާތުގައި އިންނަ ކުޑަ ކުޑަ ދެ ގްލޭންޑް އެވެ. އަންހެނުންގެ ނަސްލު އުފައްދާ ނިޒާމްގައިވާ ބާރތޮލިން ގްލޭންޑް އާ އެއްގޮތްކަމެއް ހުންނަ ގްލޭންޑެއް ކަމަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ''ކައުޕާރސް ގްލޭންޑް''(Cowpers gland) އެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ތެތް ކަމެއް ހުންނަ ދިޔައެއް މި ގްލޭންޑުން ބޭރުކުރާ ކަމަށް ބުނެވެއެވެ.

ބާރތޮލިން ގްލޭންޑް ފުރަތަމަ ހޯއްދެވި ކަމަށް ބުނަނީ 17 ވަނަ ގަރުނުގެ ތެރޭގައި ޑެންމާރކްގެ އެނަޓަމީ ޢިލްމު ވެރިއެއް ކަމަށްވާ ކެސްޕަރ ބާރތޮލިން (1738-1655) އެވެ. ބައެއް މީހުން މިގްލޭންޑް ހޯއްދެވީ 1629-1585 އަށް ދިރިއުޅުއްވި ކެސްޕަރ ބާރތޮލިން ދިއިލްޑަރ ކަމަށް ބުނެއެވެ. އެއީ ކުރިން ބުނި ކެސްޕަރ ބާރތޮލިންގެ ކާފަ އެވެ.

 

(އ) - ސްކީންސް ގްލޭންޑް (Skene’s gland) : ސްކީންސް ގްލޭންޑް ތަކަކީ އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީ ފާރުގައި ހުންނަ ގްލޭންޑް ތަކެކެވެ.އަދި އެ ގްލޭންޑްތައް ހުންނަނީ  ކުޑަކަމުދާ ހޮޅި ތިރިން ނިމޭ ހިސާބު ކައިރީގައެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި މިގްލޭންޑްތަކަށް ލޭއެޅި ފުރިބާރުވެއެވެ. އަންހެނާގެ ނަސްލު އުފައްދާ ނިޒާމްގައިވާ މިގްލޭންޑާ އެއްގޮތްކަމެއް ހުންނަ ގްލޭންޑަކަށް ފިރިހެނުންގެ ހަށިގަނޑުގައި އިންނަނީ ޕްރޮސްޓޭޓް ގްލޭންޑް އެވެ. މިގްލޭންޑް ތަކަށް ''ޕެރިޔުރެތުރަލް ގްލޭންޑް'' އަދި ''ޕެރަޔުރެތުރަލް ގްލޭންޑް'' އޭ ވެސް ކިޔައެވެ.

 

ލޭ އަދި ލިމްފް ދައުރުވުން

ފަރުޖަށް ސާފުލޭ ފޯރުކޮށްދެނީ އިންޓާނަލް އިލިއެކްޓް އާޓަރީ(Internal iliac artery) އިން ގޮފިވެގެން އުފެދިފައިވާ "އިންޓާނަލް ޕިޔުޑެންޑަލް އާޓަރީ"(internal pudendal artery)، އަދި ފެމޯރަލް އާޓަރީ(femoral artery) އިން ގޮފިވެގެން އުފެދިފައިވާ "އެކްސްޓާނަލް ޕިޔުޑެންޑަލް އާޓަރީ"(External pudendal artery) އިންނެވެ. ނުސާފުލޭ އަނބުރާ ހިތާއި ދިމާލަށް ދައުރުކުރަވަނީ ނުވަތަ ގެންގޮސްދެނީ ޕިޔުޑެންޑަލް ވެއިން(pudendal vein) އަދި ފަރުޖުގެ ތުންފަތުގައި ހިމެނޭ "ލޭބިއަލް ވެއިން"( labial veins) އިންނެވެ.

ފަރުޖުން ލިމްފް ދިޔަ ދައުރުވެ ގޮސް ހުސްވަނީ ނުވަތަ ދައުރުވަމުން ގޮސް އެޅެނީ "އުކުވަޅުވަޅުގައި ތިލަކޮށް ހުންނަ ލިމްފް ގޮށް"(superficial inquinal lymph node) ތަކަށެވެ.


ނޯޓް :  މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.bartleby.com/107/270.html

·         https://teachmeanatomy.info/pelvis/female-reproductive-tract/the-vulva/

·        Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

·         Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.

·          

އަންހެނާގެ ޖިންސީގުނަވަން (ކުރިމަތިފަރާތް)

 

އަންހެނާގެ ޖިންސީގުނަވަން (ކުރިމަތިފަރާތް)

އަންހެނާގެ ޖިންސީގުނަވަން(vagina) އަކީ ރަހިމުގެ ދޮރާއި، ފަރުޖާއި ދެމެދު އިންނަ ހޮޅި އެކެވެ. އަންހެނާގެ ޖިންސީގުނަވަން(vagina) ނުވަތަ އަންހެނާގެ ކުރިމަތިފަރާތް ފެށިފައި އިންނަނީ ރަހިމުގެ ދޮރު ނިމޭ ހިސާބުންނެވެ. މިއީ ބޭރަށް ހުޅުވިފައި އިންނަގުނަވަނެވެ. ޖިންސީގުޅުން ހިންގުމުގެތެރޭގައި ފިރިހެންހަށި ވާޞިލްކުރެވެނީ މިބަޔަށެވެ. އެހެންކަމުން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އަންހެނާގެ ހަށިގަނޑުގެ ތެރެއަށް ފިރިހެނާގެ ދަރިފަނިތައް އޮއްސާލެވޭ ނުވަތަ ދޫކޮށްލެވޭ ތަނަކީ ވެސް މިއީ އެވެ.ތުއްތު ކުއްޖަކު ދުނިޔެއަށް އުފަންވާއިރު ރަހިމުން ބޭރަށް ދަރިފުޅު ނިކުންނަ މަގަކީ ވެސް މިއީ އެވެ. އަދި މައްސަރުގެ ލޭ ފަރުޖުގެ ދޮރުން ބޭރުވުމުގެ ކުރިން ރަހިމުން ފަރުޖުގެ ދޮރާއި ހަމައަށް ދަނީ ވެސް އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއިންނެވެ.



އިންސާނާގެ ހަށިގަނޑު އުފެދިފައިވާ ގޮތަށް ބަލާއިރު މިއީ އެތެރެ ހަށީގެ ގުނަވަންތަކުގެ ތެރޭގައި ހުންނަ މަޑު މަސްތަކުން އުފެދިފައިވާ އިލާސްޓިކް ހޮޅި އެކެވެ. ނުވަތަ މަގެކެވެ. ރަހިމުގެ ދޮރުން ފެށިގެން ބޭރަށް ފަރުޖާއި ހަމައަށް އައިސްފައިވާ މިގުނަވަނުގެ އެވްރެޖް ދިގުމިނުގައި 9-7.5 ސެންޓިމީޓަރު ހުރެއެވެ. އާންމު ގޮތެއްގައި ކުރިމަތީ ފަރާތުގައި ނުވަތަ ސަތަހައިގެ ދިގުމިނަކީ 7.5 ސމ އެވެ. ފަހަތު ސަތަހައިގެ ދިގުމިނަކީ 9 ސމ އެވެ. އަންހެނާގެ ޖިންސީ ގުނަވަނަށް ލިބިފައިވާ އެކި ފަރާތަށް ދެމި ލެނބިހެދުމުގެ ގާބިލިއްޔަތުކަމުގެ ސަބަބުން ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައްޔާއި، ވިހެއުމުގެ ތެރޭގައި މިގުނަވަން ދެމި ފުޅާވެގެން ދިއުމުގެ ފުރުޞަތު އޮވެއެވެ.

 

އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރޭގައި ދިޔަ ދޫކުރާ ގްލޭންޑް ތަކެއް ނުހުރި ނަމަވެސް ޖިންސީ ގުނަވަނުގެ އެތެރެ ތެތް ކަންމަތީ ބަހައްޓައިދެނީ ރަހިމުގެ ދޮރުން ދޫކުރާ ދިޔަ ތަކުގެ ސަބަބުންނެވެ. އަންހެނަކު ބާލިޣުވުމަށްފަހު ، އިއްދައިން ކެނޑުމާއި ހަމައަށް ޖިންސީ ގުނަވަނުގެ ތެރޭގައި "ލެކްޓޯބެސިލަސް އެސިޑޯފިލަސް"(lactobacillus acidophilus) ކިޔާ ބެކްޓީރިޔާ އެއް ހުރެއެވެ. މިބެކްޓީރިޔާ އިން ދޫކުރާ ލެކްޓިކް އެސިޑް(lactic acid)  އިން އަންހެނާގެ ޖިންސީ ގުނަވަނުގެ ޕީއެޗް 4.9- 3.5 އާއި ދެމެދުގައި ބަހައްޓައިދެއެވެ. މިގޮތުން އުފެދޭ އެސިޑިޓީގެ ސަބަބުން ދެދޮރު ދޭތެރެއިން ޖިންސީ ގުނަވަނަށް ވަންނަ ޖަރާސީމުތައް ޖިންސީ ގުނަވަނުގެ އެތެރޭގައި އާލާވެ، ބޮޑުވުމަށް ހުރަސް އަޅައެވެ.

 

އަންހެނާގެ ޖިންސީ ގުނަވަން އުފެދިފައިވާގޮތް

ގުޅުންތައް / އޮންނަ ތަން

·         ކުރިމަތި : އަންހެނާގެ ޖިންސީ ގުނަވަނުގެ ކުރިމަތީގައި ވަނީ މަސާނާ އާއި ހީސްހޮޅި އެވެ.

·         ފުރަގަސް : އަންހެނާގެ ޖިންސީ ގުނަވަނުގެ ފުރަގަހުގައި ވަނީ ރެކްޓޯޔުޓެރައިން ޕައުޗް(rectouterine pouch)، ފުރަގަސްފަރާތް އަދި ފުރަގަސްފަރާތު ދޮރެވެ.

·         އަރިމަތި : އަންހެނާގެ ޖިންސީ ގުނަވަނުގެ އަރިމަތިން ވަނީ ލެވޭޓަރ އޭނައި މަސްކޮޅާ(levatorani muscle)އި، ގުރުދާއާއި މަސާނާ ގުޅުވައިދޭ ހޮޅި "ގުރުތާ"(ureter) އެވެ.

ޖިންސީ ގުނަވަނުގެ އޮނިގަނޑު

އުފެދިފައިވާ ގޮތުން އަންހެނާގެ ޖިންސީ ގުނަވަނީ ފައިބަރީމަހުގެ (މަހާއި ފައިބަރުން އުފެދިފައިވާ) ހޮޅި އެކެވެ. އޭގައި ކުރިމަތީ ފާރަކާއި، ފަހަތު ފާރެއް އެކުލެވިގެން ވެއެވެ. ޖިންސީ ގުނަވަން ހުރަހަށް ވާގޮތަށް ކަނޑާލައި ބަލާލައިފިނަމަ ސިފަވާނީ އިގިރޭސި ބަހުގެ "އެޗް"(H) އަކުރުގެ ބައްޓަމެވެ. ޖިންސީ ގުނަވަން މަތިން ނިމޭކޮޅުގައި ޖިންސީ ގުނަވަން ވަށާލާފައިވަނީ ރަހިމުގެ ދޮރެވެ. މިގޮތަށް ރަހިމުގެ ދޮރު، ޖިންސީ ގުނަވަން ވަށާލާ ވަށާލުމުން ދެ ފޯރނިކްސް އުފެދިގެން ދެއެވެ. އެއީ ކުރިމަތީގައިވާ "އެންޓީރިއަރ ފޯރނިކްސް"(Anterior Fornix) އާއި، ފަހަތުގައިވާ "ޕޯސްޓީރިއަރ ފޯރނިކްސް"(Posterior fornix)އެވެ. ޕޯސްޓީރިއަރ ފޯރނިކްސް އަކީ ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އެތެރެވާ ދަރިފަނި ނުވަތަ މަނި ހިފަހައްޓައިދޭ ނޫނީ ބަހައްޓައިދޭ ތަނެކެވެ. އެގޮތުން ޖިންސީ ގުޅުން ހިންގުމަށްފަހު 30-20 މިނިޓް ވަރުވަންދެން މަނިތައް ދިޔާވުމަށްޓަކައި ޕޯސްޓީއަރ ފޯރނިކްސްގައި ހިފެހެއްޓިފައި ހުރެއެވެ. މިގޮތަށް މަނިތައް ދިޔާވުމަކީ ރަހިމުގެ ތެރެއަށް މަނިތައް ވާޞިލްވުމަށް ފަސޭހަވާނެ ކަމެކެވެ.

 

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު ޖިންސީ ގުނަވަން އުފެދިފައިވާގޮތް

ހިސްޓޮލޮޖިކަލް ގޮތުން ބަލާއިރު އަންހެނާގެ ޖިންސީ ގުނަވަން އެކުލެވިގެންވަނީ މައިގަނޑު 4 ފަށަލަ އެއްގެ މައްޗަށެވެ.

(ހ) ބަތާނަ ފަށް  ނުވަތަ ދުލިފަށަލަ (Mucous Membrane): އަންހެނާގެ ޖިންސީ ގުނަވަނުގެ ބަތާނަފަށް އެކުލެވިގެންވަނީ ސްޓްރެޓިފައިޑް ސްކޭމަސް އެޕިތީލިއަލް ސެލް(Stratified Squamous Epithelial cells)ތަކުގެ މައްޗަށެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަނަށް ރައްކާތެރިކަން ފޯރުކޮށްދޭ ފަށަލަ އެކެވެ. މިފަށަލައަށް ތެޔޮކަން ގެނެސްދެނީ ރަހިމުގެ ދޮރުން ދޫކުރާ ދިޔައިންނެވެ.

(ށ) އިލާސްޓިކް ލެމިނާ ޕްރޯޕްރިއާ (Elastic Lamina Propria): މިއީ ގުޅުވާދެނިވި ސެލޯށީގެ ފަށަލަ އެކެވެ. އަންހެނާގެ ޖިންސީ ގުނަވަނުގެ ތެރެއަށް ނިކުމެފައި ހުންނަ "ޕެޕިލާ"(papillae)ތައް ނިކުމެފައިވަނީ މިފަށަލައިންނެވެ. އަންހެނާގެ ޖިންސީ ގުނަވަނުން ނުސާފުލޭ އުފުލާ ބޮޑެތި ލޭހޮޅިތައް ވެސް ހުންނަނީ މިފަށަލައިގެ ތެރޭގައެވެ. މީގެ އިތުރުން މިފަށަލައިގައި ވަށްކޮށް އެތުރިފައިވާ މަޑުމަހުގެ ބަންޑަޅިތައް ވެސް ވެއެވެ. މިފަށަލައަށް "އިރެކްޓައިލް ޓިޝޫ"(erectile tissue) އޭ ވެސް ކިޔައެވެ.

(ނ) ފައިބަރީ މަހުގެ ފަށަލަ (Fibromuscular layer / Tunica muscularis): މިއީ އެތެރޭގައި ވަށްކޮށް އެތުރިފައިވާ މަޑުމަހުގެ ފަށަލަ އަކާއި، ބޭރުގައި ދިގަށް އެތުރިފައިވާ މަޑު މަހުގެ ފަށަލައެއްގެ މައްޗަށް އެކުލެވިގެންވާ މަޑުމަހުގެ ފަށަލަ އެކެވެ. މިފަށަލައިގައިވާ މަޑުމަހުގެ ދެފަށަލައިގެ ތެރެއިން ބާރުގަދައީ ދިގަށް އެތުރިފައިވާ މަސްފަށަލަ އެވެ.

(ރ) އެޑްވެންޓިޝީއާ (Adventitia): މިއީ ފައިބަރީ ފަށަލަ އެކެވެ. މިއީ އަންހެނާގެ ޖިންސީ ގުނަވަނަށް ބާރު ގެނެސްދޭ ފަށަލަ އެކެވެ.

 

އަންހެނާގެ ޖިންސީ ގުނަވަނުގެ މަސައްކަތް ނުވަތަ ވަޒީފާ

·         ޖިންސީގުޅުން ހިންގުން : ފިރިހެންހަށި އެތެރެވެ، ބޭރުވާ ދަރިފަނި ބަލައިގަނެ، ރަހިމަށް ދަރިފަނިތައް ގެންދިއުމަށް އެހީތެރިިވެދިނުން

·         ވިހެއުން : ރަހިމުގެ ތެރޭގައި އޮންނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ހަށިގަނޑުން ބޭރުވަނީ ކުރިމަތި ފަރާތުގެ ތެރެއިން ގޮެހެވެ.

·         މައްސަރު : މައްސަރުގެ ލޭ ހަށިގަނޑުން ބޭރުވަނީ ކުރިމަތި ފަރާތުގެ ތެރެއިން ގޮހެވެ.

·         ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ކުރިމަތި ފަރާތުގައި ތެތްކަން އުފެއްދުމަށް ބޭނުންވާ ދިޔަދޫކުރުން

·         ބައެއް ކަހަލަ ބޭސްތައް މިސާލަަކަށް ދޭތެރެ ދުރުކުރާ ބޭސް، ހޯރމޯން ކްރީމް ފަދަ ތަކެތި ހަށިގަނޑަށް ނެގުން ނޫނީ ދެމުން

 

ލޭ އަދި ލިމްފް ދައުރުވުން

އަންހެނާގެ ޖިންސީގުނަވަނަށް ސާފުލޭ ފޯރުކޮށްދެނީ އިންޓާނަލް އިލިއެކްޓް އާޓަރީ(Internal iliac artery) އިން ގޮފިވެގެން އުފެދިފައިވާ "ޔުޓެރައިން އާޓަރީ"(uterine artery)، އަދި "ވެޖައިނަލް އާޓަރީ"(vaginal artery) އިންނެވެ. ނުސާފުލޭ އަނބުރާ ހިތާއި ދިމާލަށް ދައުރުކުރަވަނީ ނުވަތަ ގެންގޮސްދެނީ ޔުޓެރައިން ވެއިން(uterine vein) އިން "ވެޖައިނަލް ޕްލެކްސަސް"(vaginal plexus) އަށް ހުސްވެ، އެއަށްފަހު، ވެޖައިނަލް ޕްލެކްސަސް އިން "އިންޓާނަލް އިލިއެކް ވެއިން"(Internal iliac verin) އަށް ލޭތައް ގޮސް ހުސްވެގެންނެވެ.

 

އަންހެނާގެ ޖިންސީ ގުނަވަނުން ލިމްފް ދިޔަ ދައުރުވެ ގޮސް ހުސްވަނީ 3 ދިމާލަކަށެވެ. އެގޮތުން އަންހެނާގެ ޖިންސީ ގުނަވަނުގެ މަތީ ބައިން ލިމްފް ދިޔަތައް ހުސްވަނީ "އެކްސްޓާނަލް އިލިއެކް ލިމްފް ގޮށް"(external iliac lymph node) ތަކަށެވެ. އަދި މެދުބައިން ލިމްފް ދިޔަތައް ހުސްވަނީ "އިންޓާނަލް އިލިއެކް ލިމްފް ގޮށް"(internal iliac lymph node) ތަކަށެވެ. އަދި އަންހެނާގެ ޖިންސީ ގުނަވަނުގެ ތިރީބައިން ލިމްފް ދިޔަތައް ހުސްވަނި "އުކުވަޅުވަޅުގައި ތިލަކޮށް ހުންނަ ލިމްފް ގޮށް"(superficial inquinal lymph node) ތަކަށެވެ.


ނޯޓް :
 މިއީމައުލޫމާތުފެތުރުމުގެނިޔަތުގައިލިޔެފައިވާލިޔުމެކެވެ.

މައުލޫމާތު :

·         https://www.bartleby.com/107/269.html

·         https://helloclue.com/articles/cycle-a-z/vaginas-101

·         https://teachmeanatomy.info/pelvis/female-reproductive-tract/vagina/

Anatomy, G. (2013, 06 10). http://education.yahoo.com/reference/gray/. Retrieved from http://education.yahoo.com/: http://education.yahoo.com/reference/gray/

 Anne Waugh, A. G. (2009). Ross and Wilson ANATOMY and PHYSIOLOGY in Health and illness. Galasgow: CHURCHIL, LIVINGSTONE.