Sunday, August 15, 2021

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް

 

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް(Pelvic Inflammatory Disease)  އަކީ އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ޖެހޭ އިންފެކްޝަން އެކެވެ.މިކަން ކުރިމަތިވަނީ އަންހެނާގެ ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތަކުގައ އިންފެކްޝަން ހެދުމުންނެވެ. އާންމު ގޮތެއްގައި ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވުމުން އިންފެކްޝަން އުފެދެނީ ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތަކުގެ ތެރެއިން ރަހިމު، ބިސްހޮޅި، އަދި ބިސްރަވައިގައެވެ. މިއީ އާންމު ގޮތެއްގައި ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް މިސާލަކަށް ކްލަމީޑިޔާ އިންފެކްޝަން، ކިހުނުވުން ފަދަ ބަލިތައް ޖެހި ރަނގަޅުނުވުމުން ދިމާވެދާނެ ނުރައްކަލެކެވެ. ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ނޫން އެހެން ބައެއް ބަލިތަކުގެ ސަބަބުން ވެސް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އާންމު ގޮތެއްގައި ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ޖިންސީ ގުޅުމުން އަރާ ނުވަތަ ފެތުރޭ ބެކްޓީރިޔާތައް އަންހެނާގެ ޖިންސީ ގުނަވަނުން ، ރަހިމު، ބިސްދަތުރުކުރާ ހޮޅި އަދި ބިސްރަވަ ފަދަ ގުނަވަންތަކަށް ފެތުރުމުންނެވެ. އެންމެ އާންމުކޮށް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވަނީ ދަރިމައިވާ އުމުރުގެ އަންހެނުންގެ ތެރެއިން 24-15 އަހަރާއި ދެމެދުގެ އުމުރުފުރާގެ އަންހެނުންނަށްކަން ފާހަގަ ކުރެވެއެވެ.


ސަބަބު

ގިނަ މީހުންނަށް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ޖެހެނީ ރައްކާތެރި ނޫން ގޮތުގައި ޖިންސީގުޅުން ހިންގުމުންނެވެ. ވަރަށް ގިނަ ވައްތަރުތަކުގެ ބެކްޓީރިޔާ ގެ ސަބަބުން ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތި ވެދާނެ އެވެ. ނަމަވެސް އެންމެ އާންމު ގޮތެއްގައި ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވަނީ ކްލަމީޑިޔާ އިންފެކްޝަން އަދި ކިހުނުވުން ކުރިމަތިކުރުވާ ބެކްޓީރިޔާތަކުގެ ސަބަބުންނެވެ. މިފަދަ ބެކްޓީރިޔާތައް އާންމު ގޮތެއްގައި ހަށިގަނޑަށް އެތެރެވެގެންދަނީ ރައްކާތެރި ނޫންގޮތުގައި ޖިންސީގުޅުން ހިންގުމުގެ ސަބަބުންނެވެ. ކްލަމީޑިޔާ އިންފެކްޝަން އަދި ކިހުނުވުމުގެ އިތުރުން ޖިންސީ ގުޅުމުން ފެތުރޭ ޖަރާސީމެއް ކަމުގައިވާ މައިކޮޕްލާޒްމާ ޖެނިޓާލިއަމް ކިޔާ ޖަރާސީމެއްގެ ސަބަބުން ވެސް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް އަށް މަގުފަހިވާކަން ފާހަގަ ކުރެވެއެވެ.

ރަހިމުގެ ދޮރަކީ އާންމު ގޮތެއްގައި ރަހިމުގެ ތެރެއަށް ބެކްޓީރިޔާ ފަދަ ޖަރާސީމު ތައް ވަނުމުން ރައްކާތެރިކޮށްދޭ ތަނެކެވެ. ނަމަވެސް ރަހިމުގެ ދޮރުން ފޯރުކޮށްދޭ ރައްކާތެރިކަން ބީވެގެންދާ ހާލަތްތަކުގައި މިފަދަ ބެކްޓީރިޔާތައް މަދުން ނަމަވެސް ދަރިމައިވުމުގެ ނިޒާމަށް ވާޞިލްވުމަކީ އެކަށީގެންވާ ކަމެކެވެ. ރަހިމުގެ ދޮރުން ދަރިމައިވުމުގެ ނިޒާމަށް ފޯރުކޮށްދޭ ރައްކާތެރިކަން ނެތިގެން ހިގައިދާނެ ހާލަތްތަކުގެ ތެރޭގައި މައްސަރުކަންތައް ޖެހުން (ޙައިޟުވުން)، ވިހެއުން، ބައިގެންދިއުން ނުވަތަ ދަރިވައްޓާލުން ، ޖިންސީގުޅުމުން ފެތުރޭ ބަލިތައް (ކްލަމީޑިޔާ އިންފެކްޝަން، ކިހުނުވުން ފަދަ ބަލިތައް) ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ. ދޭތެރެ ދުރުކުރުމަށް ރަހިމަށް އެތިކޮޅެއް ލެއްވުން ފަދަ ހާލަތްތަކުގެ ސަބަބުން ވެސް މަދުން ނަމަވެސް ދަރިމައިވުމުގެ ނިޒާމަށް މިފަދަ ބެކްޓީރިޔާތައް ވަނުމަކީ އެކަށީގެންވާ ކަމެކެވެ. ބެލެވިފައިވާ ގޮތުގައި ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވުމުގެ %90 ޒިންމާވަނީ ޖިންސީގުޅުމުން ފެތުރޭ ކްލަމީޑިޔާ އިންފެކްޝަން އަދި ކިހުނުވުން ފަދަ ބަލިތަކެވެ. އެހެން ގޮތަކަށް ބުނާނަމަ ކޮންމެ 4 މީހުންގެ ތެރެއިން 1 އަށް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވަނީ ކްލަމީޑިޔާ އިންފެކްޝަން އަދި ކިހުނުވުން ފަދަ ބަލިތަކުގެ ސަބަބުންނެވެ. ކްލަމީޑިޔާ އިންފެކްޝަން ޖެހި ފަރުވާނުކުރާ ކޮންމެ 10 މީހުންގެ ތެރެއިން 1 އަށް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވާކަން ފާހަގަ ކުރެވެއެވެ.

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ގައި ދުޅަވެ އިންފެކްޝަން އުފެދެނީ ކޮންތަނެއްގައި؟

އަންހެނާގެ ދަރިމައިވުމުގެ ނިޒާމަށް ޖަރާސީމުގެ އަސަރުން އަންހެނާގެ ޖިންސީ ގުނަވަން ފަހަނައަޅައި، ރަހިމުގެ ދޮރުން ޖަރާސީމު އެތެރެވެއްޖެނަމަ އަންނަނިވި ތަންތަނުގައި އިންފެކްޝަން އުފެދި ދުޅަވުމަކީ އެކަށީގެންވާ ކަމެކެވެ.

·         ރަހިމުގެ ބަތާނަފަށް

·         ބިސްހޮޅި

·         ރަހިމުގެ ވަށައިގެންވާ ސެލޯށިތައް

·         ބިސްރަވަ / މައުގަނަ (އޯވަރީ)

·         އެތެރެހަށީގެ ގުނަވަންތަކުގެ ބޭރުން ލެވިފައިވާ "ޕެރިޓޯނިއަމް" އޭ ކިޔޭ ދުލިފަށް

މަގުފަހިކުރާ ކަންތައްތައް

·         ޖިންސީ ގުޅުމުން ޖެހޭ ބައްޔެއްހުރެމެ، (މިސާލަކަށް ކްލަމީޑިޔާ އިންފެކްޝަން، ކިހުނުވުން) އެބައްޔަށް ފަރުވާނުކުރުން

·         އެކަކަށްވުރެ ގިނަ ބައިވެރިންނާއެކު ޖިންސީގުޅުން ހިންގުން

·         ހަޔާތުގެ ބައިވެރިޔާ އެހެން މީހުންނާއި އެކު ޖިންސީގުޅުން ހިންގުން

·         ރައްކާތެރި ނޫން ގޮތެއްގައި (ހުރަސް ބޭނުންކުރުމަކާއި ނުލައި) ޖިންސީގުޅުން ހިންގުން

·         ކުރިން ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ޖެހިފައިވުން

·         ޖިންސީ ގޮތުން ހަރަކާތްތެރި އުމުރުން 25 ނުވަތަ އެއަށްވުރެ ހަނގުވުން

·         ޖިންސީގުޅުމުން ފެތުރޭ ބައްޔެއް ޖެހިފައިވުން

·         ހޮޅިން ފެންޖަހައިގެން ކުރިމަތި ފަރާތް އާންމު ގޮތެއްގައި ސާފުކުރުން

·         ޙައިޟުވުން ނުވަތަ މައްސަރު ކަންތައް ޖެހުން

·         ގަސްދުގައި ދަރި ވައްޓާލުން

·         ދޭތެރެ ދުރުކުރުމަށް ރަހިމަށް އެތިކޮޅު ލެއްވުން

އަލާމާތްތައް

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ގެ އަލާމާތްތަކާއި ނިޝާން ގިނަ މީހުންނަށް ކުރިމަތިވަނީ އާދައިގެ މިންވަރަކަށެވެ. ބައެއްމީހުންނަށް އެއްވެސް ޢަލާމާތްތައް ނުފެނި ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މި ބަލި ހުރިކަން ގިނަފަހަރު ދެނެގަނެވެނީ ދާއިމީ ގޮތެއްގައި ދަށްބަނޑުގައި ރިއްސުން ނުވަތަ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވެގެން ޑޮކްޓަރަށް ދައްކާ ހިސާބުންނެވެ.  އަލާމާތްތައް ފެންނަކަމުގައިވާނަމަ އާންމުކޮށް ފެނިދާނެ އަލާމާތްތައް ތިރީގައި މިވަނީ އެވެ.

·         ދަށްބަނޑުގައި ރިހުން / ދަށްބަނޑުގައި ބީހިލުމުން ރިހުން

·         ހުންއައުން ބައެއް ފަހަރު ހީކެރުވުން

·         ކުރިމަތިފަރާތުން (ނުބައިވަސްދުވާ) ހަޑި އެއްޗެހި އައުން

·         މޭނުބައިކުރުން އަދި ހޮޑުލެވުން

·         ޖިމާއުވާއިރު ތަދުވުން

·         ޖިމާއުވާއިރު ކުރިމަތި ފަރާތުން ލޭއައުން

·         ކުޑަކަމުދާއިރު ދިލަނަގައި ތަދުވުން

·         ދެމައްސަރު ދޭތެރޭގައި ކުރިމަތި ފަރާތުން ލޭއައުން / މައްސަރުކަންތައް ގަވާޢިދުން ނުޖެހުން

·         މައްސަރު ތެރޭގައި ތަދުވުން

·         މައްސަރުގެ ލޭ ނުވަތަ ޙައިޟުގެ ލޭ މާގިނައިން ފޭބުން

ނުރައްކާތައް

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް އަށް ފަރުވާނުކޮށް ދޫކޮށްލައިފިނަމަ އެކަމުގެ ސަބަބުން ތަފާތު ނުރައްކާތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ދަރިމައިވުމުގެ ނިޒާމުގައި ލަކުނު އުފެދި، މުލިހި ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުގެ ސަބަބުން ދާއިމީ ގެއްލުންތައް ދަރިމައިވުމުގެ ނިޒާމުގެ ގުނަންތަކާއި ބައިތަކަށް ލިބިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.

(ހ) ރަހިމުން ބޭރުގައި ގަރުބަގަތުން :  ރަހިމުން ބޭރުގައި ގަރުބަގަތުމަކީ ރަހިމު ނޫން ތަނެއްގައި ގަރުބަގަތުމެވެ. މިގޮތަށް އެންމެ އާންމު ގޮތެއްގައި ގަރުބަގަންނަނީ ކޮންމެވެސް އެއް ބިސްހޮޅި އެއްގައެވެ. ރަހިމުން ބޭރުގައި (ބިސްހޮޅީގައި) ގަރުބަގަތުމަށް މެދުވެރިވާ އެންމެ އާންމު ސަބަބަކީ ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް އެވެ. ރަހިމުން ބޭރުގައި ގަރުބަގަންނަނީ ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް އަށް ފަރުވާ ނުކުރުމުގެ ސަބަބުން ބިސްހޮޅީގައި ލަކުނުލުމުންނެވެ. ބިސްހޮޅީގައި އުފެދޭ ލަކުނުގެ ސަބަބުން ބިސްރަވައިން އުފައްދާ ބިސް، ބިސްހޮޅި ހުރަސްކޮށް ރަހިމުގެ ތެރެއަށް ދިއުމަށް ހުރަސްއަޅައެވެ. ރަހިމުން ބޭރުގައި ގަރުބަގަތުމަކީ ކުރިމަތި ފަރާތުން އާދަޔާ ޚިލާފަށް ލޭފޭބުން ކުރިމަތިވެދާނެ ކަމެކެވެ.

(ށ) ދަރިމައިނުވުން : ދަރިމައިވުމުގައި ޝާމިލްވާ ގުނަވަންތަކަށް ގެއްލުން ލިބުމަކީ ދަރިމައިނުވުމަށް މަގުފަހިވެދާނެ ކަމެކެވެ. ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވެ، ރަނގަޅުނުވެ ގިނަ ދުވަސްވާވަރަކަށް ދަރިމައިނުވުމުގެ ހިރާސް އިތުރުވެއެވެ. އެހެންކަމުން ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް އަށް ފަރުވާނުކޮށް ލަސްކުރުމަކީ ދަރިމައިނުވުމުގެ ހިރާސް އެތައް ގުނައެއް އިތުރުކުރާނެ ކަމެކެވެ. ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ހުންނަ ކޮންމެ 10 މީހުންގެ ތެރެއިން 1 އަށް ދަރިމައިނުވުމުގެ މައްސަލަ ދިމާވާކަން ފާހަގަ ކުރެވެއެވެ.

(ނ) ދަށްބަނޑުގައި ދާއިމީ ރިހުމެއް އުފެދުން : ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް މަސްތަކުން ފެށިގެން އަހަރުތަކަށް ދެމިގެންދާ ފަދަ ރިހުމެއް ދަށްބަނޑުގައި ހުރުމަކީ ނުވަތަ އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ބިސްހޮޅީގައި ނުވަތަ ދަރިމައިވުމުގައި ޝާމިލްވާ ގުނަވަނެއްގައި ލަކުނު އުފެދުމަކީ ޖިމާއުވާއިރު ނުވަތަ ބިސްދޫކުރާ ދުވަސްވަރު ދަށްބަނޑުގައި ރިހުން އުފައްދާނެ ކަމެކެވެ. މިގޮތަށް ހުންނަ ތަދު ނުފިލާ ގިނަ ދުވަސްވުމުން ބައެއް ފަހަރު ބަލިމީހާއަށް މާޔޫސްކަމާއި މަޑުމޮޅިކަން، ކުރިމަތިވެ، ނުނިދި، އުދަނގޫތައް ކުރިމަތިކުރުވައެވެ. މިގޮތަށް ދަށްބަނޑުގައި ރިހުން ހުންނަނަމަ، ތަދުކެނޑުވުމަށް ބޭސް ދިނުމަކީ އެކަށީގެންވާ ކަމެކެވެ.

(ރ) ބިސްހޮޅި އާއި ބިސްރަވައިގައި މުލިހިޖެހުން : ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ގެ ސަބަބުން ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތަކުގައި މުލިހިޖެހުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އެންމެ އާންމު ގޮތެއްގައި މުލިހި ޖަހަނީ ބިސްރަވަ އާއި، ބިސްހޮޅީގައެވެ. ނަމަވެސް މަދުން ނަމަވެސް ރަހިމު، ނޫނީ އެހެން ގުނަވަންތަކުގައި މުލިހި ޖެހުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް އުފެދޭ މުލިއްސަށް ފަރުވާނުކޮށްފިނަމަ، ފުރާނައަށް ނުރައްކާވެދާނެ ފަދަ އިންފެކްޝަނެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތަށް އުފެދޭ މުލިހި ފަޅައި ސާފުކުރުމަށްޓަކައި ބައެއް ފަހަރު ލޯވަޅު ތޮރުފައިގެން ކުޑަ އޮޕަރޭޝަނެއް ކުރަންޖެހިދާނެ އެވެ. އަދި ބައެއް ފަހަރު މުލިހީގެ ތެރޭގައި ހުންނަ ހަޑިތަކެތި ސާފުކުރުމަށްޓަކައި ކުޑަ ސިރިންޖު ކަށްޓެއް ނުވަތަ ތިނޯހެއް ފަދަ ކައްޓެއް ސްކޭންގެ އެހީގައި މުލިއްސަށް ފޯރުވައިގެން އޭގައި ހުންނަ ދިޔަތަކާ ހަޑިތަކެތި ސާފުކޮށްފާނެ އެވެ.

(ބ) ދޭތެރެ ދޭތެރެއިން ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވުން : ބައެއް މީހުންނަށް ދޭތެރެ ދޭތެރެއިން ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ފުރަތަމަ ހުރި އިންފެކްޝަން އެންޓިބަޔޮޓިކް ބޭނުންކޮށްގެން ރަނގަޅަށް ދުއްވާނުލެވި ހުރިނަމަ، އަލުން އިންފެކްޝަން އާލާވުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި އެންޓިބަޔޮޓިކް ދީފައިވާ ގޮތަށް ދީފައިވާ މުއްދަތަށް ބޭނުންނުކުރުމާއި، ބައިވެރިޔާ ޓެސްޓުނުކުރުމާއި، ފަރުވާނުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. ތަކުރާރުކޮށް ދޭތެރެ ދޭތެރެއިން ޕެލްވިކް އިންފްލެމޭޓަރި ޑިޒީޒް ކުރިމަތިވުމަކީ ދަރިމައިނުވުމަށް މަގުފަހިވާ ކަމެކެވެ.

ދެނެގަތުން

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ސީދާ ސީދާކޮށް ދެނެގަތުމަށް ހެދޭނެ ވަކި ޓެސްޓެއް ނުހުރެއެވެ. ނަމަވެސް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ދެނެގަތުމަށްޓަކައި ތިރީގައިވާ ކަންތައްތަކަށް ރިޢާޔަތްކުރާނެ އެވެ.

(ހ) ބަލިމީހާގެ ޞިއްޙީ ޙާލަތު ދެނެގަތުން : އެގޮތުން ބަލިމީހާގެ ޖިންސީގުޅުން ހިންގުމުގެ އާދަ، ޖިންސީގުޅުމުން ފެތުރޭ ބައްޔެއް ކުރިން ޖެހިފައިވޭތޯ ބެލުން، އަދި ދޭތެރެ ދުރުކުރުމަށް ވަޞީލަތެއް ބޭނުންކުރޭތޯ ބެލުން ފަދަ ކަންތައްތައް ޑޮކްޓަރުން އަހައި އޮޅުން ފިލުވައި ސާފުކުރާނެއެވެ.

(ށ) އަލާމާތްތަކާއި ނިޝާންތައް : ބަލިމީހާއަށް ކުރިމަތިވެފައިވާ އަލާމާތްތައް އަހައި އޮޅުން ފިލުވައި، ކުރިމަތިވެފައިވާ ނިޝާންތައް ފާހަގަކޮށް ދެނެގަންނާނެ އެވެ.

(ނ) ޕެލްވިކް އެގްޒަމިނޭޝަން ހެދުން : ޕެލްވިކް އެގްޒާމް ހެދުމުގެ ތެރޭގައި ޅިނދު ހިމެނޭ ހިސާބުގައި އެއްވެސް ކަހަލަ ދުޅަހެއް ނޫނީ ބީހިލުމުން ރިހުން ފަދަ ކަމެއް ހުރިތޯ ދެނެގަންނާނެ އެވެ. ރަހިމުގެ ދޮރާއި، ކުރިމަތި ފަރާތުން ކޮޓަން ސޯބެއް ބޭނުންކޮށްގެން ފުލުއިޑް ސާމްޕަލް ނަގައި، ކްލަމީޑިޔާ އިންފެކްޝަން ނުވަތަ ކިހުނުވުން ފަދަ ބައްޔެއްގެ އަސަރުތޯ ބެލުމަށް ލެބޯޓަރީ އަށް ފޮނުވާނެ އެވެ.

(ރ) ލޭގެ އަދި ކުޑަކަމުނަޖިހުގެ ޓެސްޓުތައް : މިޓެސްޓުތަކުގެ އެހީގައި ބަލިވެއިނުން، ޖިންސީގުޅުމުން ފެތުރޭ ބަލިތައް ނުވަތަ އެހެން އެއްވެސް އިންފެކްޝަނެއްގެ އަސަރު ހުރިތޯ ދެނެގަންނާނެ އެވެ.

(ބ) ސްކޭންކުރުން : ސްކޭންގެ އެހީގައި ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތަކުގެ ހާލަތު ހުރިނެތްގޮތް ދެނެގަނެވޭނެ އެވެ.

(ޅ) ލެޕަރޮސްކަޕީ ހެދުން : މިއީ ޅިނދުގައި ހިމެނޭ ގުނަވަންތައް ހުރިނެތްގޮތް ބަލާލުމަށް ހެދޭ ޕްރޮސީޖަރ އެކެވެ.

(ކ) އެންޑޯމެޓްރީއަލް ބަޔޮޕްސީ ހެދުން : މިއީ ރަހިމުގެ އެތެރޭ ބަތާނަ ފަށުން އެތިކޮޅެއް ނަގައިގެން އެއްވެސް ކަހަލަ އިންފެކްޝަނެއް ނުވަތަ ދުޅައިގެ އަސަރެއް ހުރިތޯ ބެލުމަށް ކުރެވޭ ކަމެކެވެ.

ހަސްފަތާލުގައި އެދުމަތިކޮށްފާނެ ފަދަ ހާލަތްތައް

އަންނަނިވި ހާލަތްތައް ހުރިނަމަ ހަސްފަތާލުގައި އެދުމަތިކުރުމަކީ އެކަށީގެންވާ ކަމެކެވެ.

·         ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ހުރިކަން ދެނެގަނެވުނުއިރު ބަލިވެއިނުން

·         ބަލީގެ އުދަނގޫތައް މާބޮޑަށް ހުރުން ( ހުންއައުން، މޭނުބައިކުރުން އަދި ހޮޑުލެވުން)

·         ދަރިމައިވުމުގެ ނިޒާމުގެ ގުނަވަންތަކުގެ ބޭރުން ލެވިފައިވާ ދުލިފަށަލަ ދުޅަވުން

·         ބިސްރަވަ އަދި ބިސްހޮޅި ފަދަ ތަނެއްގައި މުލިއްސެއް ހުރިކަމަށް ޝައްކުވުން

·         ގުޅަބޭހުގެ ސިފައިގައި އެންޓިބަޔޮޓިކް ބޭނުންކުރުމަށް ނުކުޅެދި، އިންޖެކްޝަންގެ ގޮތުގައި އެންޓިބަޔޮޓިކް ނަގަންޖެހުން

ފަރުވާ

ބޭސް ފަރުވާގެ އެހީގައި ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް މެދުވެރިކުރުވާ އިންފެކްޝަންތަކަށް ފަރުވާ ކުރެވިދާނެ އެވެ. ނަމަވެސް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒްގެ ސަބަބުން ކުރިމަތިވާ ލަކުނުލުން ފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދޭނެ ގޮތެއް ނޯވެއެވެ. ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒްގެ ފަރުވާގެ ގޮތުގައި އަންނަނިވި ކަންތައްތައް ކުރެވެއެވެ.

(ހ) އެންޓިބަޔޮޓިކް ބޭނުންކުރުން : ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ހުރިނަމަ ފަރުވާގެ ގޮތުގައި އެންޓިބަޔޮޓިކް ބޭނުންކުރުމަށް ލަފާދެއެވެ. ގިނަ ފަހަރު ޓެސްޓު ކުރަން ފޮނުވާ ސޯބުގެ ނަތީޖާ ނުލިބެނީސް ވެސް އެންޓިބަޔޮޓިކް ފަށައިދޭނެ އެވެ. މިގޮތަށް ޑޮކްޓަރުން ލިޔެދެއްވާ އެންޓިބަޔޮޓިކް ފަދަ ބޭސްތައް ދީފައިވާ މުއްދަތަށް ދީފައިވާ ގޮތަށް ބޭނުންކުރަން ސަމާލުކަން ދޭންވާނެ އެވެ. ކުރީކޮޅު ދެނެގަނެވިއްޖެނަމަ 14 ދުވަހުގެ މުއްދަތަށް އެންޓިބަޔޮޓިކް ބޭނުންކުރުމުން ބަލިން ފަސޭހަ ވެއެވެ. ބަލީގެ އުދަނގޫތައް ލުއިވިނަމަވެސް އެންޓިބަޔޮޓިކް ލިޔެދީފައިވާ މުއްދަތު ހަމަވަންދެން ބޭނުންކުރަން ވާނެ އެވެ. މާބަނޑުނަމަ އެންޓިބަޔޮޓިކް ފެށުމުގެ ކުރިން ޑޮކްޓަރުގެ ގާތުގައި އެކަން ބުނަންވާނެ އެވެ. އެއީ ބައެއް އެންޓިބަޔޮޓިކްތައް މާބަނޑު ދުވަސްވަރު ބޭނުންކުރުން އެދެވިގެންނުވާތީ އެވެ. ބައެއް ހާލަތްތަކުގައި އެދުމަތިކޮށްގެން އައިވީ އިންޖެކްޝަންގެ ގޮތުގައި ވެސް އެންޓިބަޔޮޓިކް ދޭންޖެހިދާނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރަމުންދާ ދުވަސްވަރު ބަނޑުގައި ރިއްސައި އުދަނގޫވާނަމަ ޕެރަސިޓަމޯލް، ބުރޫފަން ފަދަ ތަދުކަނޑުވާ ބޭސް ބޭނުންކުރެވިދާނެ އެވެ.

ބައެއް ފަހަރު އެންޓިބަޔޮޓިކް ފެށުމަށްފަހު 3 ދުވަސް ފަހުން ޑޮކްޓަރަށް ދެއްކުމަށް ލަފާދީފާނެ އެވެ. މިއީ އެންޓިބަޔޮޓިކް މަސައްކަތްކުރޭތޯ ބެލުމަށް ކުރާ ކަމެކެވެ. އެންޓިބަޔޮޓިކް މަސައްކަތްކުރާކަމަށް ބެލެވޭނަމަ ފަރުވާނިމުމުން ޑޮކްޓަރަށް ދައްކަން ލަފާދޭނެ އެވެ. އެންޓިބަޔޮޓިކް ބޭނުންކުރާތާ 3 ދުވަސް ވާއިރުވެސް އުދަނގޫތަކަށް ލުއިކަން ނުލިބޭނަމަ، އިތުރު ޓެސްޓުތައް ހެދުމަށް ލަފާދީފާނެ އެވެ. އެންޓިބަޔޮޓިކް ފަށައިގެން ދެތިން ދުވަސްވާއިރު ވެސް އުދަނގޫތަކަށް ލުއިކަން ނުލިބި، އަދި ދޭތެރެ ދުރުކުރުމަށް އެތިކޮޅެއް ލައްވާފައިވާނަމަ އެ އެތިކޮޅު ނެގުމަށް ލަފާދޭނެ އެވެ. އެއީ ފަހަރުގައި އިންފެކްޝަންގެ ސަބަބަކީ ރަހިމަށް ލައްވާފައިވާ އެތިކޮޅުކަމަށް ވެދާނެތީ އެވެ.

(ށ) ބައިވެރިޔާއަށް ފަރުވާކުރުން : ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ހުރި ފަރާތަށް ފަރުވާކުރާއިރު އެއާއި އެކުއެކީގައި އޭނާގެ ބައިވެރިޔާއަށް ވެސް ފަރުވާކުރުމަކީ މުހިއްމު ކަމެކެވެ. އެއީ ފަހަރުގައި ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވީ ޖިންސީގުޅުމުން ފެތުރޭ ބައްޔަކުން ކަމަށްވެފައި، އެބަލި ބައިވެރިޔާގެ ކިބައިގައި ހުރުމުގެ ފުރުޞަތު އޮންނާތީ އެވެ. އެހެންކަމުން އެފަދަ ބައްޔެއްގެ އަސަރު ހުރިތޯ ބެލުމަށް ބައިވެރިޔާ ވެސް ޓެސްޓުކޮށް، އެއަށްފަރުވާ ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން އަލާމާތްތައް ފެނުމުގެ ކުރިން ފާއިތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި ބައިވެރިންގެ ގޮތުގައި އުޅުނު އެންމެން ޓެސްޓުކޮށް ފަރުވާކުރުމަކީ މުހިއްމު ކަމެކެވެ. ބައެއް ފަހަރު ދެމަފިރިންގެ ގޮތުގައި (އެހެން މީހަކާއެކު އެއްވެސް ކަހަލަ ޖިންސީ ގުޅުމެއް ހިންގާފައިވާނުވާ) ދިގުމުއްދަތަކަށް ދެމިތިބި މީހުންނަށް ވެސް ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވެދާނެ އެވެ. ބައިވެރިންގެ ތެރެއިން ދެމީހުންނަށް އެއްކޮށް ފަރުވާނުކޮށްފިނަމަ، އަނެއްކާވެސް އިންފެކްޝަން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ފާއިތުވެ ދިޔަ 6 މަސް ދުވަހު އެއްވެސް ބައިވެރިޔަކު ނުގެންގުޅޭނަމަ އެންމެ ފަހުން ގެންގުޅުނު ބައިވެރިޔާ ޓެސްޓުކޮށް ފަރުވާ ކުރުމަކީ މުހިއްމު ކަމެކެވެ.

(ނ) ޖިންސީގުޅުން ހިންގުމުން ދުރުހެލިވުން : ބައްޔަށް ފަރުވާކުރަމުންދާ ދުވަސްވަރު ފަރުވާ އެއްކޮށް ނިމެންދެން ޖިންސީގުޅުން ހިންގުމުން ދުރުހެލިވުމަކީ އެންމެ ފައިދާ ހުރި ގޮތެވެ.

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް އާއި ގުޅިގެން ބަލިމީހާގެ ހާލަތަށް ރިޢާޔަތްކޮށް ބައެއް ފަހަރު އެދުމަތިކޮށްގެން ވެސް ފަރުވާދޭން ޖެހިދާނެ އެވެ.

ރައްކާތެރިވުން

ޕެލްވިކް އިންފްލެމޭޓަރީ ޑިޒީޒް ކުރިމަތިވުމުގެ ހިރާސް ކުޑަކުރުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެ އެވެ.

·         ރައްކާތެރިގޮތުގައި ޖިންސީގުޅުން ހިންގުން

·         ހަޔާތުގެ ބައިވެރިއަކަށް ވަފާތެރި އެކަކު ޚިޔާރުކުރުން

·         ތިބާއާއި ހަޔާތުގެ ބައިވެރިޔާ ވެސް ޖިންސީގުޅުމުން ފެތުރޭ ބަލިތަކަށް ޓެސްޓުކޮށް ބަލަމުން ގެންދިއުން

·         ހޮޅިން ފެންޖަހައިގެން ސާފުކުރާ އުސޫލުން މާގިނައިން ކުރިމަތި ފަރާތް ސާފުނުކުރުން

ނޯޓް : މިއީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

ހަވާލާ

·         https://www.cdc.gov/std/pid/stdfact-pid.htm

·         https://www.mayoclinic.org/diseases-conditions/pelvic-inflammatory-disease/symptoms-causes/syc-20352594

·         https://my.clevelandclinic.org/health/diseases/9129-pelvic-inflammatory-disease-pid

·         https://www.nhs.uk/conditions/pelvic-inflammatory-disease-pid/  

 

No comments:

Post a Comment